Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމުބާރާތްދީނީ

ނިކަމެތި އަޅާ

Axoo Level 310 Stories100 Comments100 Login
June 26, 2017 5 Mins Read
13 Comments

“އަހަރެން އެވާހަކަތައް ޒިޔާއަށް ކިޔައިނުދިނީ އަހަރެން ތައުބާވެފައިވާ ކަމެއްގެ ވާހަކަ ދައްކަން ބޭނުން ނުވާތީ” ކުރިމަތީގައި އަހަރެންގެ އަންހެނުން ޒިޔާދާއަށް ވިސްނައިދެވޭތޯ ބަލަމުން ބުނީމެވެ.
“އެކަމަކުވެސް ނާއިޒްގެ ފަރާތުން އެކަން ނޭނގި ދުރުމީހެއްގެ ފަރާތުން އެނގުމުން އަގަރެން ވަރަށް ބޮޑަށް ދެރަވެއްޖެ.. އެނގޭ ތައުބާ ވެފައިވާ ކަމެއްގެ ވާހަކަ ދައްކަން ނުޖެހޭނެކަން.. އެކަމަކު ކަންތައްވީގޮތުން ރުޅިއާދެވުނީ… ސޮރީ” ޒިޔާދާ އަހަރެންގެ ކައިރީގައި އިށީންދެ އަހަރެން ކޮންޑުމަތީގައި ބޯއަޅާލިއެވެ. އެވަގުތު އަހަރެން ހަނދާނަށް އަންނަމުން ދިޔައީ އަހަރެންގެ ހިތި މާޒީއެވެ.
އެއީ މީގެ އަށް އަހަރު ކުރިއެވެ. މިހާރު އުޅޭ އެހެން ކުދިންނެކޭ އެއްފަދައިން އަހަރެންގެ ޒުވާން ދުވަސްވަރު އަހަރެން އުޅެމުން ދިޔައީ މަޖަލުގައެވެ. މަންމަމެން ނަމާދުކުރަން ދަސްކޮށްދީފައި ވީނަމަވެސް ނަމާދުވެސް ކުރަނީ ހިތަށް އެރިއްޔާއެވެ. ގިނަ ފަހަރަށް ގެއިން މިސްކިތަށް ދިއުމުގެ ނަމުގައި ނިކުތަސް ވަގުތު ހޭދަކުރަނީ ރަހުމަތްތެރިންނާއެކު މަގުމަތީގައި ސަކާރަތް ޖެހުމެގައެވެ. މަގުމަތިންދާ އަންހެން ކުދިންނާ ފޮށުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތަކެވެ. ވަކި އުމުރަކަށް ނުބަލަމެވެ.
އަހަރެންގެ އުޅުން ހުރިގޮތް އެނގި މަންމަމެން ކިތަންމެ ވަރަކަށް ވެސް ނަސޭހަތްތެރިވިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެކަންވެދަނީ ބޮޑު ޒުވާބަކަށެވެ. މަންމަ ބުނާ ބަހަކަށް އަހަރެން ދެބަސް ބުނަމެވެ. މަަންމަމެން އެންމެ ކަންބޮޑުވަނީ އަހަރެން ވަޒީފާއަކަށް ނުދާތީއެވެ. ރަނގަޅަށް ކިޔެވިފައި ނެތުމުން ވަޒީފާލިބުންވެސް ވަނީ އުނަދގޫކަމަކަށް ވެފައެވެ. ލާރިއަކަށް ބޭނުންވުމުން ބުނަނީ ބައްޕަ ކައިރީގައެވެ. ނަމަވެސް ފަހުން އައިސް ބައްޕަވެސް ލާރި ދިނުން ހުއްޓާލިއެވެ. އެކަމާ ހިތް ހަމަނުޖެހުން ފާޅުކޮށް ގެއިން ނިކުތީ އެދުވަހުއެވެ. މަންމަ ރޮއިފާކުރި އާދޭސްތަކަށް ބީރުކަންފަތެއް ދެމުންނެވެ.
ގެއިން ނިކުމެގެން އައިސް އަހަރެން ދިރިއުޅެމުން އައީ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާގެ ގޭގައެވެ. އޭރު އަހަރެން ހީކުރި ގޮތުގައި ނާސިހާދެކެ ހޭބަލިވާވަރަށް ލޯބިވެއެވެ. ނާސިހާ ބުނާހާ ކަމެއް ކޮށްދެން ހުންނަނީ ތައްޔާރަށެވެ. ނާސިހާ އުޅުނީ ފުދޭވަރަކަށް ރަނގަޅު ވަޒީފާއެއްގައި ކަމުން އަހަރުމެންނަށް ވަރަށް ހަމަޖެހިގެން އުޅެވެއެވެ. ނަމަވެސް އެކަން ދެމިއޮތީ ކުޑަދުވަސްކޮޅަކަށެވެ. ފަރުވާކުޑަކުރުމުގެ ސަބަބުން ނާސިހާ ވަޒީފާއިން ވަކިކުރިއެވެ. ލާރީގެ ދަތިކަން ބޮޑުވެ ނާސިހާ ހުރިހާ ޕްރެޝަރެއް ކުރަނީ އަހަންނަށެވެ.
އެންމެ ފުރަތަމަ ވައްކަމެއް އަހަރެން ކުރީ ނާސިހާގެ އެދުމުގެ މަތިންނެވެ. ފިހާރައަކުން ކުރި ވައްކަމުން އަހަރުމެންނަށް ބޮޑުފައިދާއެއްވިއެވެ. އަހަންނަށް އެކަންވީ މަޖާ ކަމަކަށެވެ. ވަރަށް ފަސޭހައިން ކުރެވޭ ކަމަކަށް ވާތީ އަހަރެން އެކަން ކުރުން ތަކުރާރު ކުރަން ފެށީމެވެ. ގިނައިން ބޭނުންވި ވަރުން ދަންވަރު މަގުމަތިންދާ މީހުންނަށް ބިރުދައްކައި ފޭރެންވެސް ފެށީމެވެ. މަދު ދުވަސްކޮޅެއްގެ ތެރޭ އަހަރުމެން އަތުގައި ލާރި ފުނިޖެހުނެވެ. އެންމެ ފުރަތަމަ ގެއަކަށް ވަދެ ވައްކަން ކުރި ދުވަސް އަހަރެން މިހާރުވެސް ހަނދާން އެބަހުއްޓެވެ. އެއީ ރޯދަމަހެއްގެ އެއްރެއެއްގެ ދަންވަރުގެ ވަގުތެކެވެ. އަހަރެން އެގެއަށް ވަނީ ގޭގެ ކުޑަދޮރުންނެވެ. ކުޑަދޮރުން އެތެރެއަށް ފުންމާލުމާއެކު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މެދު އުމުރުގެ ފިރިހެނަކު އައްތަހިޔާތަށް އިނެވެ. އަހަރެން ހުރީ ގުޑިލާންވެސް ނުކެރިފައެވެ. އެމީހާ ސަލާމް ދިނީ އަހަރެން އެހެން ހުއްޓއެވެ. އެމީހާގެ ދެލޯ އަހަންނަށް އަމާޒުވުމާއެކު އަނބުރާ ކުޑަދޮރުން ފުންމާލަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން އެމީހާ އަހަރެން ހިފެހެއްޓިއެވެ. އަހަރެން ހީކުރީ އެމީހާ އަހަރެން ފުލުހުންނާ ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް ބަދަލުގައި އަހަރެން ގެންގޮސް ސޯފާމަތީގައި ބޭންދިއެވެ. އެއަށް ފަހު އަހަރެން ކައިރީ އިށީނދެ އަހަންނާ ވާހަކަ ދައްކަންފެށިއެވެ.
” އެއްވެސް ޝައްކެތް ނެތި ބޭބެއަށް ބުނަން އެނގޭ ތީ ކީއްކުރަން އުޅުނު ކުއްޖެއްކަން.. ބޭބެ ބަލާލީމަތަ ބިރުން ފިލަން ތިއުޅުނީ.. އެކަމަކު އެނގޭތަ ކޮއްކޮ އެންމެ ސިއްރުން ކުރާ ކަންތައްވެސް ބައްލަވާ ވޮޑިގެންވާ ފަރާތެއްވާކަން.. އެފަރާތަށް ސިއްރުން ކޮއްކޮއަށް އެއްވެސް ކަމެއް ނުކުރެވޭނެ.. އެކަލާނގެއީ އެންމެ މޮޅަށް އައްސަވާ ވޮޑިގެންވާ އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެ.. އެކަމާ ބިރެއް ނުގަނޭތަ.. ވައްކަމަކީ އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް.. އެކަމުގެ އަދަބެއްގެ ގޮތުން އިސްލާމްދީނުގަ އޮންނަ އަދަބަކީ އަތްކެނޑުން.. ކޮންމެ ވަގުތަކުވެސް މިވަގުތީ އާލަމަށް އަލްވަދާއު ކިޔަން ޖެހިދާނެ.. އެހެންވީމާ ﷲ ނުރުއްސަވާ ކަންތައްތައް ހުއްޓާލުމަށްފަހު ރަނގަޅު މަގަށް ރުޖޫއަވޭ.. ތައުބާގެ މަގުވަނީ ހުރިހާ ވަގުތަކުވެސް ހުޅުވިފައި.. ” އެބޭބެ ދެއްކި ވާހަކަތަކަށް ފަހު ފުރަތަމަ ފަހަރަށް އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ. އިންތަނުން ތެދުވެގެން ދެންވެސް ހިނގައި ގަނެވުނީ ކުޑަދޮރާ ދިމާއަށެވެ. މިފަހަރުވެސް ބޭބެ އަހަރެންގެ އަތުގައި ހިފިއެވެ. އަދި އެގޭ މައިދޮރާ ދިމާއަށް ގެންދަންފެށިއެވެ. އަދި ދޮރުހުޅުވާލުމަށް ފަހު ނިކުންނާނެ މަގު ބުނެދިނެވެ. އެއަށްފަހު އެބޭބެ ބުނި ބަހުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެބޭބެ ބުންޏެވެ. ކޮއްކޯއެވެ. ކުޑަދޮރުން ފުންމަން ހަދައިގެން ގެއްލުމެއް ލިބިދާނެއެވެ. ގޭގެ މައިދޮރުން ނިކުންނާށެވެ. އެއްވެސް ނުރައްކަލެއް ނެތެވެ. ބޭބެ ދިން ނަސޭހަތާ މެދު ވިސްނާތިއެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެން ކުރަން އުޅުނު ކަންތައް އެނގިހުރެވެސް އަހަންނާމެދު ކަންތައް އެކުރީ ކިހާ ރަނގަޅަކަށް ހެއްޔެވެ. މީހަކު ހިތްހެޔޮވާނީ މިވަރަކަށެވެ.
އެދުވަހުގެ ފަހުން އަހަރެން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ބޭބެ ބުނި ބަސްތައް އަބަދުވެސް އަހަރެންގެ ކަންފަތުގައި ގުގުމާހެން ހީވއެވެެ. ނާސިހާގެ އެދުންތަކަށް ބީރު ކަންފަތެއް ދެވެން ފެށުނެވެ. ވައްކަމެއް ކުރަން ހިތަށް އެރިޔަސް ހިތަށް ބިރުވެރިކަން ވަދެއެވެ. ގަންނަ ބިރެއްގެ ސަބަބުން ރޭގަނޑުގެ ނިދިންވެސް މަހުރޫމުވާން ފެށިއެވެ. އަހަރެން ސަބަބުން އެތައް ބަޔަކަށް ގެއްލުން ވެއްޖެކަން ފުރަތަމަ ފަހަރަށް އިހްސާސް ވިއެވެ. ގިނަ ވަގުތު އަހަރެން ހޭދަކުރަން ފެށީ އެކަނި ކޮޓަރީގައެވެ. ބޭބެ ބުނިހެން ތައުބާވާން ބޭނުންވިއެވެ. ނަމާދުކުރާން މަސައްކަތް ކުރީމެވެ. ނަމަވެސް ބިރުގަންނަނީއެވެ. ކުރެވިފައިވާ ފާފަތައް ގިނަކަމުން ނުފުއްސަވާނޭ ހީވަނީއެވެ.
އަހަރެންގެ އުޅުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރީ އަހަންނާ ނާސިހާގެ ގުޅުމަށެވެ. އަރާރުންތައް ގިނަވެ ނާސިހާ އަހަރެން ދޫކޮށްލާ ހިސާބަށް ދިޔައެވެ. އަނެއްކާވެސް ވައްކަމެއް ކުރުމަށް އަހަރެން ހިތަށް އެރީ އެހިސާބުންނެވެ. ނާސިހާ އަހަރެން ދޫކޮށްލާފާނެތީއެވެ. އެއީ އެއްރެއެއްގެ ދަންވަރުގެ ވަގުތެކެވެ. ވިލިމާލޭ މަގުމައްޗަށް ވަނީ ހިމޭންކަން ވެރިވެފައެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ރުއްތަކުގެ ތެރޭގައި ހުރެފައި އަހަރެން ހިނގައިގަތީ ކުރިމަތީގައި ހުރި ގެއަށް ވަންނާށެވެ. ނަމަވެސް މަގުމަތިން ފެނުނު މަންޒަރުން އަހަރެންގެ ހިޔާލު ބަދަލުވިއެވެ. ކޮންޑުގައި ދަބަހެއް އަޅުވައިގެން އެކަނި ހިނގާފަ އަންނަ މުސްކުޅި އަންހެނެއް މަޑުކުރުވުމަށްފަހު އެމީހާއަށް ބިރުދައްކަން ފެށިމެވެ. އެމީހާ ބިރުގަނެފައި ހުރި ފެނުމުން އަހަރެން ދެރަވެސް ވިއެވެ. އަތުގައި އަޅާފައި އޮތް ދެކެވެލިކޮޅު ދިނުމަށްފަހު އޭނަ ދިޔަދިނުމަށް އާދޭސް ކުރަންފެށިއެވެ. އަހަރެން އޭނަ ދޫކޮށްލީ ކޮނޑުގައި އޮތް ދަބަސްވެސް އަތުލުމަށްފަހުގައެވެ.
ދަބަސް ހިފައިގެން އަހަރެން ގެއަށް އައީ ނާސިހާ ވަރަށް ހިތްހަމޖެހޭނޭ ހިތާއެވެ. އެންމެ ފުރަތަމަވެސް އަހަރެން ނާސިހާއަށް ދައްކާލީ އަހަރެންގެ އަތުގައި އޮތް ދަބަހެވެ. ސޯފާގައި އިނދެފައި ފުންމައިގެން އައިސް ނާސިހާ އަހަރެންގެ އަތުގައި އޮތް ދަބަސް އަތުލިއެވެ. އަދި އޭގެ ތެރެ ހާވާން ފެށިއެވެ. ނާސިހާގެ މޫޑު ސަކަރާތްވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެން އަތަށް ދަބަސް ހޫރާލަމުން ހަޑި ބަސްތަކެއް ކިޔުމަށްފަހު ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. ދެރަވެފައި ހުރެ އަހަރެން ދަބަސް ހިފައިގެން ގޮސް ސޯފާގައި އިށީނީމެވެ. އޭގައި އޮތް އެއްޗެއް ބަލާލުމަށް ގަސްދުކޮށްގެން އެތެރެ ބަލާލީމެވެ. އޮތީ ވަރަށް ބޯ ފޮތެކެވެ. ކޮންކަހަލަ ފޮތެއްތޯ ބަލާލުމަށް ދަބަސް ތެރެއިން ފޮތް ނެގުމާއެކު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރެންގެ އަތުގައި އޮތީ ކީރިތި ގުރުއާނުގެ ތަރުޖަމާއެކެވެ. ގުޑިލާންވެސް ނުކެރިފައި އޭގެއަށް ބަލަހައްޓައިގެން އިންދެވުނީއެވެ. އެފޮތް ހުޅުވާލެވުނީ އޭގެ އެތައް އިރެއް ފަހުންނެވެ. ތެޅި ތެޅި އޮތް ހިތަކާ އެކު އަހަރެން ފުރަތަމަ ސޫރަތް ކިޔަން ފެށީމެވެ. ޤުރުއާނުގެ އާޔަތްތަކާ އޭގެ މާނަ ކިޔަމުން ދިޔަވަރަކަށް އަހަންނަށް ކުރެވެމުން ދިޔައީ މުޅިން އެހެން ކަހަލަ އިހްސާސް ތަކެކެވެ. ސޫރަތުލް ބަޤަރާގެ އާޔަތްތައް ކިޔަމުން ދިޔަވަރަކަށް އަހަރެން ބިރުންގޮސް ތުރުތުރުލަމުން ދިޔައެވެ. އުޅެވޭ ގޮތުން ދެރަވެ ރޯންފެށުނެވެ. ހިތްވަރު ކޮށްފައި އިތުރު އާޔަތްތައް ކިޔަންފެށީމެވެ. ނަމަވެސް ދެންވެސް ފެންނަންފެށި އާޔަތްތަކުން އިތުރަށް ބިރުވެރިކަން އިހުސާސް ވާންފެށިއެވެ. މުނާފިގުކަންމަތީ މަރުނުގަންނަވަނީސް ތައުބާ ވާން ބޭނުންވިއެވެ. ތައުބާވުމުގެ ކުރިން މަރުގަންނަވައިފިނަމަ ލިބޭނެ އަޒާބާ މެދު ވިސްނެންފެށުނެވެ. ޤުރުއާނުގައި އަތްލާއިގެންވެސް އިނދެވުނީ ވުޟޫނުކޮށްކަން އިހްސާސްވީވެސް ދެނެވެ. އަވަހަށް އެފޮތް ދަބަހަށް ލުމަށްފަހު ފާހަނާއަށް ވަދެ ވުޟޫކުރީމެވެ. އެއަށް ފަހު އެދަބަސް ހިފައިގެން މިސްރާބުޖެހީ މިސްކިތާ ދިމާއަށެވެ. އަހަރެން މިސްކިތަށް ވަންއިރު ދަންވަރުގެ އެވަގުތުގައިވެސް އެއްބައި މީހުން ގުރުއާން ކިޔަވަމުންދިޔައިރު އަނެއްބައި މީހުން ނަމާދުކުރަމުން ދިޔައެވެ. އެވަގުތު އެމީހުންގެ ހިތުގައި އިސްލާމްދީނަށް ލޯބިޖެހިފައިވާ މިންވަރު އިހްސާސްކުރެވި އަހަރެންގެ ހިތްވެސް އެފަދަ ސާފުހިތަކަށް ވާން ބޭނުންވިއެވެ. އަހަންނަށް ރޮވެން ފެށުނެވެ. ތައުބާ ވަނީ ކިހިނެއް ކަމެއްވެސް އަހަންނަށް ނޭނގުނެވެ. އެންމެ ފަހުން އެހުރި ތަނަށް ސަޖިދައެއް ޖަހާ ފާފަ ފުއްސަވާތޯ ދުއާކުރަންފެށީމެވެ. އޭރު އަހަރެންގެ ރުއިމުގެ އަޑު މިސްކިތުގައި ގުގުމާލާފައި ހުއްޓެވެ. ސަޖިދައިގައި އޮއްވާ އަހަރެން ސިހިގެން ދިޔައީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އަހަރެން ސަޖިދައިން ތެދުވިއިރު ގިނަ މީހުން އަހަންނަށް ބަލަމުން ސަފުތައް ސީދާ ކުރަމުން ދިޔައެވެ. އަހަރެން އެމީހުން ބެލުންތަކަށް ފަރުވާލެއް ނުބަހައްޓާ ފަތިސް ނަމާދުކޮށް ނިންމާލީމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ހިތްހަމަޖެހިގެން ކުރެވުނު ނަމާދުން އަހަރެންގެ ހިތަށް ލިބުނީ ބުނެދޭންވެސް ނޭނގޭ ކަހަލަ ހިތްހަމަޖެހުމެކެވެ. މީހުންތައް ނަމާދުކޮށް ނިމިގެން ދާންފެށިއިރުވެސް އަހަރެން އިނީ ތެދުވާހިތް ނުވެފައެވެ. މީހަކު އަހަރެންގެ ކޮނޑުމަތީގައި އަތްއަޅާލީ އެހެން އިންދައެެވެ. ބަލާލިއިރު ފަހަތުގައި ހުރީ އަހަރެންގެ ވައްކަން ކުރަން ވަންގެއިން ދިމާވި ބޭބެއެވެ. ބޭބެ ފެނުމާއެކު އަހަރެން އެބޭބެ ގައިގާ ބައްދާފައި ރޯންފެށީމެވެ. އަދި ތައުބާ ވާން ބޭނުންކަމުގައި ބުނެ ކުރެވުނު ފާފަތަކާ މެދު ދެރަވެ ބިރުގަންނަ ކަމަށްވެސް ބުނީމެވެ. ފުރިހަމަ ތައުބާ އަކުން ތައުބާ ވާނެ ގޮތް އެބޭބެ އަހަންނަށް ކިޔައިދިނެވެ. އެންމެ ފުރަތަމަ އެނިޔަތުގައި ދެރަކުއަތް ނަމާދެއް ކުރީމެވެ. އަދި ދެރަވެ ރޮވޭ ހާލު ކުރެވުނު ކުދި ބޮޑު އެންމެހާ ފާފަތައް ފުއްސަވާ ދެއްވާތޯ ދުއާކުރީމެވެ. އަދި ދުވަހަކުވެސް އެފަދަ ކަމެއް ނުކުރުމަށް ހިތުގައި އަޒުމު ކަނޑައެޅީމެވެ.
އެދުވަހު އަހަރެން މިސްކިތުން ނިކުތީ އާ އަޒުމަކާ އެކީގައެވެ. އެހެން ދުވަސްދުވަހާ ހިލާފަށް އަހަންނަށް ލިބެމުން ދިޔައީ ތަފާތު ހިތްހަމަޖެހުމެކެވެ. އަހަރެންގެ ހިތްހަމަޖެހިފައިވާ ހިތުގައި ކޮއްޓަމުންދިޔައީ ހަމަ އެންމެ ދެކަމެކެވެ. ލޯބީގެ ދަޅަޔަށް ހެއްލިގެން ގޮސް އަހަންނަށް ގެއްލުންދެވުނު މީހުންނާ ދޭތެރެ ވިސްނި ދެރަވިއެވެ. އަދި އަހަރެން ބަލާބޮޑުކުރި މައިންބަފައިންނަށް ހެދުނު ގޮތުންވެސް ދެރަވިއެވެ.
އެގޮތުން އެންމެ ފުރަތަމަ އަހަންނަށް ވެވުނު ވަރަކުން އަހަރެން ފޭރިގެންފައިވާ ބައެއް ތަކެތި އޭގެ ވެރިންނާ ހަވާލުކޮށް އެމީހުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދުނީމެވެ. އަދި ނާސިހާގެ ގެއިން ނިކުމެގެން އަހަރެންގެ ލޯބިވާ މަންމައާއި ބައްޕަ ކައިރިއަށް އެނބުރި ދިޔައީމެވެ. އެމީހުން އަހަރެން އެނބުރި އައުމުގެ އިންތިޒާރުގައި ހުރިކަހަލައެވެ. އަހަރެން މައާފަށް އެދުމާއެކު އަހަންނަށް މައާފުކުރީ އަހަރެން ތައުބާވެގެން އެނބުރި އައިތީ އެކަމާ އުފާކުރަމުންނެވެ.
މާތްﷲ ގެ އިރާދަފުޅުން މިއަދު އަހަރެން އުޅެމުން މިދަނީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. އަހަރެންގެ ދުއާ އަކީ ކުރިއަށް އޮތް ތާނގަވެސް މާތްﷲ އެންގެވި ގޮތަށް އުޅުމެވެ. އަހަރެން އީމާންތެރިކަން ވަރުގަދަކުރެއްވުމެވެ. އަދި ހެޔޮކަންތައް ކުރުމުގައި މިނިކަމެތިއަޅާއަށް ފަސޭހަ ކޮސްދެއްވާފައި ހެޔޮބަސް ބުނުމުގައި ދޫފަސޭހަކޮށްދެވުމެވެ.

Tags:

ވާހަކަ މުބާރާތް 1438

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ބަލި ދަރިފުޅު

Next

ޞަފަރު (5 ވަނަ ބައި)

Next
June 26, 2017

ޞަފަރު (5 ވަނަ ބައި)

Previews
June 26, 2017

ބަލި ދަރިފުޅު

13 Comments!

  1. neem says:
    June 26, 2017 at 7:15 pm

    Varah ves ibrathun furigenvaavaahakaeh

  2. Lovely? says:
    June 26, 2017 at 7:23 pm

    Me first tha …Varah iburaytheri vaahaka eh hama rovihjje

  3. Adha? says:
    June 26, 2017 at 7:33 pm

    Maasha allah varah iburaiytheri ehaame reethi vaahaka eh.. ?Eid Mubaarak..

    1. Mazuw says:
      June 27, 2017 at 6:17 am

      Adha aki konkujjeh tha? just asked ingey.. 🙂

    2. Adha? says:
      June 27, 2017 at 4:35 pm

      Thibuny keekey.. alhugandah kiyany hama adha

  4. Xxxx says:
    June 26, 2017 at 8:07 pm

    V ibraitheri story eh..nice..

  5. Liu says:
    June 26, 2017 at 9:22 pm

    V reethi story..

  6. Hayya says:
    June 26, 2017 at 11:25 pm

    Dhuhdhdhaa… aan

  7. xeyboo says:
    June 27, 2017 at 10:55 am

    heart touching..<3

  8. Anonymous says:
    June 27, 2017 at 12:56 pm

    Vara reethi

  9. Flower princess says:
    June 27, 2017 at 3:06 pm

    Reethi story eh.

  10. Scarlet says:
    June 27, 2017 at 8:15 pm

    Varah reethi iburaihtheri story eh.☺?….. “Visnaathi eve” eh nuun…”visnahcheve”liyaanee.. Mistake eh v ma bunela dhiny hama?

  11. Mai says:
    August 23, 2017 at 8:13 pm

    Masha Allah.. vrh reethi…??

Comments are closed.



All Right Reserved!