Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީ

މާތްﷲގެ ވަލީވެރިންނާއި އެބޭކަލުންގެ ކަރާމާތް

Mahid Level 110 Stories
December 28, 2016 6 Mins Read
16 Comments
  • – – މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ – –

މާތްﷲގެ ވަލީވެރިންނަކީ ކޮބާ؟

މި ދުނިޔޭގައި މާތްﷲ މީސްތަކުންނަށް ދެމަގަށް މަގުދެއްކެވި ފަދައިން، އެކަލާނގެ ދެބައިމީހުން މިދުނިޔޭގެ މީސްތަކުންގެ ތެރޭގައި ލައްވާފައިވެއެވެ. އެއީ ޝައިޠާނާގެ ހެއްލުންތެރިންނާއި ﷲގެ ވަލީވެރިންނެވެ. މިއީ ޤުރުއާނާއި ސުންނަތުން ސާބިތުވާކަމެކެވެ. އޭގެތެރެއިން ޝައިޠާނާގެ ވަލީވެރިންނާ ޚިލާފަށް ﷲގެ ވަލީވެރިންނަކީ ދެދުނިޔޭގެ ބާއްޖަވެރިންނެވެ. ކާމިޔާބު ލިބުނު މީހުންނެވެ. އެއީ މާތްﷲގެ އެންމެހާ އަމުރުފުޅުތަކަށް ބޯލަނބާ، ނަހީކުރެއްވި ހުރިހާ ކަމަކުން ދުރުވެ، ކުޅަދާނަވީ މިންވަރަކުން އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމަށް މަސައްކަތްކޮށް އަދި ދުނިޔަވީ އެދުންތަކާއި ބޮޑެތި ޝަހުވަތްތެރި ކަންތައްތަކާ ދުރުވެ ހުރުމުގެ ސަބަބުން އެކަލާނގެއާ ގާތްކަން ލިބިފައިވާ ހެޔޮލަފާ ޞާލިޙު އަޅުންނެވެ. އެބައިމީހުންނަކީ މާތް ރަސްކަލާނގެ ހަޟުރަތުން ޚާއްސަ މަތިވެރި ދަރަޖަތަކެއް ލިބިފައިވާ ބައެކެވެ. މީގެއިތުރުން އެބޭކަލުންގެ ފަރާތްޕުޅުން ކަރާމާތްވެސް ފާޅުކުރައްވައެވެ.

ވަލީވެރިންގެ ސިފަތަކާއި އެބޭކަލުންނަށް ހުރި އުފާވެރިކަމުގެ ޚަބަރު ބަޔާންކުރައްވާ ކީރިތި ގުރުއާނުގެ ޔޫނުސް ސޫރަތުގެ 62 ،63 އަދި 64 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. “މާތްﷲގެ ވަލީވެރިންނަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެބައިމީހުންނީ ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް ނުވެއެވެ. އެބައިމީހުންނަކީ އީމަންވެ ތަޤުވާވެރިން ކަމުގައި ވީ މީހުންނެވެ. ދުނިޔޭގެ ޙަޔާތުގައާއި އާޚިރަތުގައި އެމީހުންނަށް އުފާވެރި ޚަބަރު ހުއްޓެވެ.”

ދުނިޔޭގައި އުޅޭ މިފަދަ ޞާލިހު އަޅުންނަށް އެމީހުންގެ ދީން މަތީ ތިބުމުގެ ސާބިތުކަން ﷲ ދެއްވައެވެ. ހަގީގަތުގައި މިއީ ކިހާ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ ކޮންމެ މުސްލިމަކުވެސް މި މަތިވެރި ނިޢުމަތް ހޯދަން މަސައްކަތް ކުރަން ޖެހޭނެއެވެ.

 

މާތްﷲގެ ވަލީވެރިއަކަށްވުމުން ލިބޭ ފައިދާތައް:

މާތްﷲގެ ވަލީވެރިއަކަށް ވުމަކީ ހަމަ ޔަގީނުންވެސް އެތައް ގިނަގުނަ ފައިދާތަކަކާއި، ހިތްހަމަޖެހުމާއި ތަސައްލީ އެމީހަކަށް ލިބޭނެ މަތިވެރި އަދި ނަސީބުވެރި ކަމެކެވެ. އެގޮތުން ﷲގެ ވަލީވެރިޔަކަށް ލިބޭނެ ބައެއް ފައިދާތައް ތިރީގައި ހިމަނާލަމެވެ.

ސުވަރުގެ ލިބޭނެކަން ޔަގީންވުން؛ މާތްﷲގެ ވަލީވެރިންނަށް ލިބިގެންދާ އެންމެ ބޮޑު އެއް ފައިދާއަކީ އަދި ހިތްހަމަޖެހުމަކީ ސުވަރުގެ ލިބޭނެކަމުގެ ޔަގީންކަން މި ދުނިޔެމަތީގައި ލިބުމެވެ. ކޮންމެ މީހަކުވެސް ގަދައަޅާ މަސައްކަތްކުރަނީ ސުވަރުގޭގެ މަތިވެރި ނިޢުމަތް ހޯދުމަށް ކަމަށް ވީހިނދު، އެއީ މުސްލިމަކަށް ލިބިގެންދާނެ އެންމެ ބޮޑު އުފަލެވެ.

މަރުމަތި ލުއިފަސޭހަވުން؛ މަރަކީ ކޮންމެ މީހަކުވެސް ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އަދި މަރު ހިއްޕަވާ ވަގުތަކީ ބިރުވެރި ވޭން ހުރި ވަގުތެކެވެ. ނަމަވެސް ޞާލިހު ހެޔޮލަފާ އަޅުންނަށް (ވަލީވެރިންނަށް) މަރުގެ ސަކަރާތްތައް ލުއިވެ މަރުމަތި އަމާންވެއެވެ. އެންމެ ފަހު ވަގުތު، ތައުޙީދުގެ ކަލިމަފުޅު ކިޔާ އެކަލިމަފުޅުގެ މަތީ މަރުވުމުގެ ހެޔޮ ތައުފީޤު މާތް ރަސްކަލާނގެ ދެއްވައެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަހީ ކުރެއްވިއެވެ. “އީމާވި މީހުން ޙައްޤު ބަސްފުޅުން (ޝަހާދަތުގެ ދެކަލިމަ) މިދުނިޔޭގެ ހަޔާތުގައްޔާއި އާޚިރަތުގެ ހަޔާތުގައި މާތް ރަސްކަލާނގެ ވަރުގަދައަށް ސާބިތުކުރައްވާނެތެވެ.”

ޞާލިހު އަޅުން މަރުވާ ވަގުތު އެމީހުން ހިތްހަމަޖައްސައިދިނުމަށާއި އުފާވެރި ޚަބަރުތައް ދެއްވުމަށް އެމީހުންގެ ގާތަށް މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. މިކަން ބަޔާންކުރައްވައި މާތްﷲ ވަޙީ ކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަންމެން ހެއްދެވި ރަސްކަލާނގެއީ މާތްﷲ އޭ ބުނެ ދެން އީމާންވެ ތެދުމަގު ލިބިގަތް މީހުންނީ އެމީހުންގެ ގާތަށް މަލާއިކަތުން ފައިބާވަޑައިގަންނަވާނެ މީހުންނެވެ. ތިޔަބައިމީހުންގެ ކިބައިން ބިރުވެރިކަމާއި ހިތާމަތައް ފިލުވައި އަދި ތިޔަބައިމީހުންނަށް ވަޢުދުކުރެވިފައިވާ ސުވަރުގޭގެ އުފާވެރި ޚަބަރުތައް މަލާއިކަތުން ދެއްވާނެތެވެ.”

ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ދެމިހުރެވުން؛ ވަލީވެރިން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ދެމިހުރުމުގެ ސަބަބުން މަގުފުރެދިގެނެއް ނުދާނެއެވެ.

ވާޖިބުތައް އަދާކުރުމުގެ އިތުރުން ސުންނަތްތައް ކުރުމަށް ޝަޢުޤުވެރިވުން؛ މީގެ ސަބަބުން ހެޔޮ ޢަމަލުތައް ގިނަވެ، ހެޔޮ ޢަމަލުގެ ތިލަފަތް ބަރުވެ އަދި ހުރިހާ ކުދި ފާފަތަކެއް ފުހިވެގެން ދާނެއެވެ. އާޚިރަތްދުވަހު އަޅާގެ ވާޖިބުތަކުގެ އިތުރުން ސުންނަތްތަކަކީވެސް އަޅާ ސުވަރުގެއަށް ވާސިލުވުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ.

ކުރާ ދުޢާ އިޖާބަކުރެއްވުން؛ މާތްﷲގެ ވަލީވެރިން ކުރާ ދުޢާ އިޖާބަކުރެއްވުން އަވަސްވެގެން ދެއެވެ. އެހެނީ އެބޭކަލުންނަކީ އެކަލާނގެ ޚާއްޞަ ބައްލަވާވޮޑިގަތުމަކުން ބައްލަވާވޮޑިގަންނަވާނެ ބޭކަލުންނެވެ.

ޝައިޠާނާގެ ކިބައިން ސަލާމަތްވުން؛ މާތް ރަސްކަލާނގެ އެންގެވި ގޮތަށް ދުނިޔޭގައި އުޅޭ ޞާލިހު އަޅުން ޝައިޠާނާގެ ނުރައްކަލުން އެކަލާނގެ ސަލާމަތްކުރައްވައެވެ. އެއީ ވަރަށް ބޮޑު ނިޢުމަތެކެވެ. ވަލީވެރިންނަށް މާތްﷲ އެނަސީބު ދެއްވައެވެ. ޝައިޠާނާ ވަނީ މާތް ރަސްކަލާނގެއަށް އިޙުލާޞްތެރިވާ އަޅުން މެނުވީ މަގުފުރައްދާނެކަމަށް ﷲގެ ހަޟުރަތުގައި ވަޢުދުވެފައެވެ. ޝައިޠާނާއާ މުޙާޠަބުކުރައްވާ ﷲ ވަޙީ ކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އަޅުން، އެމީހުންގެ މައްޗަކަށް ކަލޭގެއަކަށް ބާރެއް ލިބެގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެ ތެރެއިން ކަލޭގެޔާ ތަބައަވީ މީހުން މެނުވީއެވެ.”

ޞާލިހު އަޅުންނާމެދު ޝައިޠާނާގެ ހިތަށް މާތް ރަސްކަލާގެ ބިރުވެރިކަން ވައްދަވައެވެ. އެމީހުންނާ ހަމައަށް އެ ޝައިޠާނުންނަކަށް ވާޞިލެއްނުވެވޭނެއެވެ. މާތް ރަސްކަލާނގެ ރުއްސުންލެއްވި ޢުމަރުގެފާނު ހިންގަވާފައި ވަޑައިގަންނަވާ މަގުން ޝައިޠާނާ ހިނގުމަށް ބިރުގަންނަކަމަށް ވާރިދުވެގެން އައިސްފައިވެއެވެ.

ދުޅަހެޔޮ ސިއްހަތެއް ލިބުން؛ ޞާލިހު އަޅުންނަށް ދުޅަހެޔޮ ސިއްހަތު މާތްﷲ މިންވަރުކުރައްވައެވެ. ފުރިހަމަ ސިއްހަތަކީ ޝައްކެއްނެތް ގޮތުގައި ރަން ތާޖަކަށްވުރެވެސް އަގުހުރި އެއްޗެކެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނަކީވެސް އަގުހުރި ނިޢުމަތެކެވެ. އިންސާނާގެ ގުނަވަންތަކުން ﷲ ޙަރާމް ކުރެއްވި ކަންތައްތައް ނުކުރާނަމަ، އެގުނަވަންތަކުގައި ބަރަކާތްލައްވައި ބާރުގަދަ ކުރައްވައެވެ. އުމުރުން ދުވަސްވެފައި ތިބޭ މީހުންވެސް ފުރިހަމަ ސިއްހަތުގައި ވާތީ ފެނެއެވެ. އޭގެ ސިއްރަކީ ކޮބައިތޯ ސުވާލު ކޮއްފިނަމަ އެމީހުން ބުނެއެވެ. ޢުމުރުގެ ކުރީކޮޅު ﷲއަށް ކިޔަމަންގަތުމުގައި ހޭދަކުރުމެވެ. މަސްތުވާތަކެއްޗާއި ފާޙިޝް ޢަމަލުތަކުން ދުރުހެލިވުމެވެ. އަދި ސިއްހަތައް ރައްކާތެރިވެ ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރުމެވެ.

ޢާއިޝަރުގެފާނު ވިދާޅުވާ ގޮތުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެފައިންޕުޅު ދުޅަވެއްޖައުމަށް ދާންދެން ރޭއަޅުކަމުގައި ހުންނަވައެވެ. އެކަލޭގެފާނަށް ދުޅަހެޔޮ ޞިއްޙަތު ލިބިވަޑައިގަތެވެ. ވަރަށް މަދުންނޫނީ އާލާސްކަންފުޅެއް ޖެހިވަޑައިނުގަންނަވައެވެ. މާތް ރަސްކަލާނގެ ރުއްސުންލެއްވި އަސްމާ ބިންތި އަބީބަކުރަކީ ވަރަށް އަޅުވެރި ބޭކަނބަލެކެވެ. އެކަމަނާގެ ޢުމުރުފުޅުން 80 އަހަރު ވީއިރުވެސް އެންމެ ދަތްޕުޅެއްވެސް ނުވެއްޓޭކަމުގައި ރިވާވެގެން ވެއެވެ.

 

މާތްﷲގެ ވަލީވެރިންގެ ސިފަތައް:

މާތްﷲގެ ވަލީވެރިންގެ ކިބައިން އަންނަނިވި ސިފަތައް ފެންނާނެއެވެ.

ތަޤުވާވެރިކަމާއި އީމާންތެރިކަން؛ ﷲގެ ވަލީވެރިއަކަށް ވެވޭނީ މުއުމިނު ތަޤުވާވެރިއަކަށެވެ. މާތްﷲ ޔޫނުސް ސޫރަތުގެ 63 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( اﻟﱠذِﯾن َ آﻣَﻧُوا وَ ﻛَﺎﻧُوا ﯾَﺗﱠﻘُون َ ) މާނައީ:  “އެބައިމީހުންނަކީ އީމާންވެ، ތަޤުވާވެރިވެ އުޅުނު މީހުންނެވެ.”

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( إِن ﱠ آلَ أَﺑِﻲ ﻓُﻼَنٍ ﻟَﯾْﺳُوا ﻟِﻲ ﺑِﺄَوْ ﻟِﯾَﺎءَ، إِﻧﱠﻣَﺎ أَوْ ﻟِﯾَﺎﺋِﻲ اﻟْﻣُﺗﱠﻘُون ) މާނައީ: “ހަމަކަށަވަރުން އެވެނިމިވެނި މީހެއްގެ އާލުންނަކީ ތިމަންކަލޭގެފާނުގެ ވަލީންނެއް ނޫނެވެ. ތިމަންކަލޭގެފާނުގެ ވަލީންނަކީ ތަޤްވާވެރިންނެވެ.”

ﷲއަށް ލޯބިކުރުމާއި ނަހީތަކާ ދެކޮޅުހެދުން؛ ނަހީތަކާ ދުރުވުމާއި ހެއްދެވި ފަރާތަށް ކިޔަމަންތެރިކަން އަދާކުރުމަކީ ﷲގެ ވަލީވެރިންގެ ކިބައިގައި ހުރުން ލާޒިމު ކަންކަމެވެ. އާލްޢިމްރާން ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فاَتَّبِعُونيِ يُحْبِبْكُمْ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ ﻏَﻔُورٌ رَﺣِﯾم ٌ ) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބައަވާށެވެ. އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހެވެ.”

ފަރުޟުތައް އަދާކުރުމާއެކު ސުންނަތްތައްވެސް އަދާކުރުން؛ ﷲގެ ވަލީވެރިއަކަށް ވެވޭނީ ﷲގެ ވާޖިބުތައް ފުރިހަމައަށް އަދާކުރާ މީހަކަށްވެފައި ސުންނަތްތައްވެސް އަދާކުރާ މީހަކަށް ވާނަމައެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ ކީރިތި ރަސޫލާގެ އަރިހުން ރިވާކުރެއްވި ޤުދުސިއްޔަ ޙަދީޘެއްގެ މާނައިގައި ވެއެވެ. “މާތްﷲ ވަޙީ ކުރެއްވިއެވެ. ތިމަން ﷲގެ އަޅާ އޭނާގެ މައްޗަށް ފަރުޟު ކުރެވިފައިވާ ކަންތައްތައް އަދާކުރާ މިންވަރަކުން ތިމަން ﷲ އޭނާއާ ކުއްތަންވަމެވެ. އަދި ތިމަން ﷲގެ އަޅާ ނަފުލް އަޅުކަންތައް (ސުންނަތްތައް) ކުރަމުންދިޔަ މިންވަރަކުން އޭނާ ތިމަން ﷲގެ ރުހިވޮޑިގަތުން ލިބިއްޖެއުމަށް ދާންދެން އޭނާ ތިމަން ﷲއާ ކައިރިވަމުންދެއެވެ. ފަހެ ތިމަން ﷲގެ ރުހިވޮޑިގަތުން އޭނާއަށް ލިބުމުން އޭނާގެ އަޑުއެހުމާއި އޭނާގެ ބެލުމާއި އޭނާ އެއްޗެއްގައި ހިފުމާއި އަދި އޭނާ ހިނގާ ހިނގުން ވަނީ ތިމަން ﷲއާ އެކުގައެވެ.”

ޤުރުއާނާއި ސުންނަތާ ޚިލާފުނުވުން؛ ވަލީވެރިއެއްގެ ހިތުގައި ޤުރުއާނާއި ސުންނަތުން ސާބިތުވާ އެއްވެސް ކަމަކަށް ދެކޮޅުވެރިކަމެއް ނުވަތަ ނުރުހުންތެރިކަމެއް ނުވާނެއެވެ. އެ ދެ މަސްދަރަށް ފުރިހަމައަށް ޢަމަލުކުރާނެއެވެ. އަދި ތެދުވެރި އަމާނާތްތެރިއަކު ކަމުގައި ވާނެއެވެ.

މާތްﷲ އަލްމާއިދާ ސޫރަތުގެ 55 އަދި 56 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( إِنَّمَا وَلِيُّكُمْ اللَّهُ وَرَسُولُهُ وَالَّذِينَ  آمَنُوا الَّذِينَ يُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (*) وَمَنْ يَتَوَلَّ اللَّهَ وَرَسُولَهُ وَالَّذِينَ آنَمُوا فَإِنَّ حِزْبَ  اللَّهِ هُمْ الْغَالِبُونَ ) މާނައީ: ” ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެހީތެރިޔަކީ ﷲއެވެ. އަދި އެކަލާނގެ ރަސޫލާއެވެ. އަދި އީމާންވެގެންތިބި މީހުންނެވެ. އެބައިމީހުންނީ ނަމާދު ޤާއިމުކޮށް، ޒަކާތްދޭ މީހުންނެވެ. އަދި ރުކޫޢުކުރާ މީހުންނަކީވެސް ހަމައެބައިމީހުންނެވެ. ﷲއާއި އެކަލާނގެ ރަސޫލާއާއި އީމާންވެގެންތިބި މީހުން އެއީ އެހީތެރިންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން ގަދަވާނެ ބަޔަކީ ހަމަ ﷲގެ ޖަމާޢަތެވެ.”

 

ކަރާމާތަކީ ކޮބާ؟

ކަރާމާތަކީ ރަސޫލުންގެ ރިސާލަތަށް ފުރިހަމައަށް ތަބަޢަވެ ޢަމަލުކުރި ޞާލިހު އަޅުންގެ އަތްމައްޗަށް (ﷲގެ ވަލީވެރިންނަށް) އެކަލާނގެ ރަޙުމަތްފުޅުން ފާޅުކުރައްވާ އާދަޔާ ޚިލާފު ކަންކަމެވެ. އެއީ އެ ލިބުނު މީހުންނަށް ﷲ ރުއްސަވާކަމުގެ ހެއްކެކެވެ. އެފަދަ މީހުންނަކީ ރަސޫލުންނަށް ތަބައަވެ އިލާހީ ޝަރީއަތުގެ ޙުކުމްތަކަށް ބޯލަނބައ ކިޔަމަންވެގެން ތިބޭ ﷲގެ އަޅުންނެވެ. ކަރާމާތަކީ ޙަޤީޤަތެކެވެ. މުޢުޖިޒާތެއްނޫނެވެ. އަދި އެއީ ޙައްޤު ކަމެކެވެ. (އެބަހީ ކަރާމާތަކީ) ވަލީވެރިންގެ ބާރަކާނުލައި އަދި ﷲ ގޮންޖެއްސެވުމަކާނުލައި އެބައިމީހުންގެ އަތްމައްޗަށް ފާޅުކުރައްވާ އާދަޔާ ޚިލާފު ކަންކަމެވެ. އަދި އެބައިމީހުންނަށް އެންގުމަކާނުލައިވެސް އެފަދަ ކަމެއް އެމީހުންގެ އަތްމައްޗަށް ފާޅުކުރައްވަފާނެއެވެ. ނަބިއްޔާއަށް ތަބައަނުވާ މީހެއްގެ ފަރާތުންވެސް އާދަޔާ ޚިލާފު ކަމެއް ފާޅުވެދާނެއެވެ. ނަމަވެސް އެއީ ފިތުނައެވެ. ސިޙުރެވެ.

ބައެއް އަސްޙާބު ބޭކަލުންގެ ކަރާމާތް:

ޢުމަރުގެފާނުގެ ކަރާމާތް؛ ޢުމަރުގެފާނު ސާރިޔާ ކިޔުނު މީހަކު ލަޝަކަރުގެ ވެރިއަކަށް އިސްކުރައްވައި ހަނގުރާމައަށް  ފޮނުއްވިއެވެ. ޢުމަރުގެފާނު މިސްކިތުގައި ޚުތުބާ ދެއްވަން އިންނަވާފައި ގޮވާލެއްވިއެވެ. “އޭ ސާރިޔާއެވެ. ފަރުބަދައެވެ! އޭ ސާރިޔާއެވެ. ފަރުބަދައެވެ!” އެ ލަޝްކަރުން ފޮނުއްވި ޤާޞިދަކު އައިސް ޢުމަރުގެފާނާއި ބައްދަލުކުރިއެވެ. އަދި ދެންނެވިއެވެ. އަޅުގަނޑުމެން ދުޝްމަނުންނާ ބައްދަލުކުރީމެވެ. އެމީހުން އަޅުގަނޑުމެން ބަލިކުރިއެވެ. އެހިނދު ގޮވާލައްވާ ފަރާތެއްގެ އަޑު އިވުނެވެ. “އޭ ސާރިޔާއެވެ. ފަރުބަދައެވެ!” ދެން އެ ފަރުބަދައަކީ ނިވާފަތްގަނޑަކަށް ހަދާ ދުޝްމަނުން ބަލިކުރީމެވެ.

އަދި ޢުމަރުގެފާނު މިސްރުގައިވާ ނީލަކޯރަށް ސިޓީއެއް ލިޔުއްވުމުން އެކޯރުގެ ފެންގަނޑު ދެމެންފެށިއެވެ.

ސަފީނާގެ ކަރާމާތް؛ ސަފީނާއަށް ރޫމުގެ ބިމުން މުސްލިމުންގެ ލަޝްކަރު ގެއްލި އޮޅުނެވެ. ސަހަރާގެ ތެރެއިން ދިމާވީ ސިންގާއެކެވެ. އެހިނދު ސިންގާއާ ދީމާއަށް ބުންޏެވެ. އަހަރެންނަކީ ރަސޫލާގެ އަޅަކީމެވެ. ރަސޫލާއަކީ އެވެނ މިވެނި ކަންތައްތަކެއްގެ ވެރިއެކެވެ. އެހިނދު ސިންގާ ނިގޫ ތަޅުވައިގަތެވެ. އަދި އޭނާއާއެކު ދަތުރުކުރަން ފެށިއެވެ. ފަރާތަކުން އަޑެއް އިވޭއިރަށް ސިންގާ އެދިމާލަކަށް ދުއްވައިގަނެއެވެ. އެއަށްފަހު އައިސް ސަފީނާގެ އަރިހުގައި ހުރެއެވެ. ލަޝްކަރާ ހަމައަށް އާދެވުމުން ސިންގާ ދިޔައެވެ.

 

ވަލީވެރި ބޭކަލެއްގެ ކަރާމާތް:

އަލްޢަލާއު ބުން ހަޟަރަބީއާއެކު އޭނާގެ އެކުވެރިން ޖިހާދަށް ނުކުތެވެ. އޭނާ ތިން ދުޢާއެއް ކުރިއެވެ. އަދި ﷲ އެހުރިހާ ދުޢާތަކެއް ޢިޖާބަކުރެއްވިއެވެ. އެބޭކަލުން ދަތުރަށް ފަށުމަށްފަހު މަންޒިލަކަށް ފޭބިއެވެ. އެބޭކަލުން ވުޟޫކުރާނެ ފެން ހޯދަން އުޅުނެވެ. ނަމަވެސް ފެނެއް ނުލިބުނެވެ. އެއަށަފަހު އަލްޢަލާއު ބުން ހަޟަރަބީ ތަރައްމުމު ކޮށްގެން ދެރަކުޢަތުގެ ނަމާދެއް ކުރިއެވެ. އަދި ދެއަތް އުފުލައި ދުޢާ ކުރަން ފެށިއެވެ. “އަޅަމެންނީ އިބައިލާހުގެ އަޅުންނީމު. އަޅަމެން މި ހަނގުރާމަކުރަނީ އިބައިލާހުގެ މަގުގައި އިބައިލާހުގެ ޢަދުއްވުންނާ. އަޅަމެން އެއިން ފެން ބުއިމަށްޓަކައި އަޅަމެންނަށް ފެން ދެއްވާށި. އަދި އަޅަމެން ޙަދަޘުން ޠާހިރުވުމަށްޓަކައި ވުޟޫކުރާނެ ފެން ދެއްވާށި. އަދި އަޅަމެން އެފެން ދޫކޮށް ހިނގައްޖެނަމަ އަޅަމެން ފިޔަވައި އެހެން ބަޔަކަށް އެފެނުން އެއްވެސް ނަސީބެއް ނުކުރައްވާށި.” އޭނާގެ މިދުޢާއަށްފަހު ތަންކޮޅަކަށް ދިޔަތަނާ ވާރޭފެނުގެ ކޯރެއް ފެނުނެވެ. އެމީހުން ފެން ބޮއެ، ވުޟޫކޮށް، ކަންވާރުތައް ފުރާލައި ދަތުރަށް ފެށިއެވެ. އެތަނުން ސަހުމު ހިތާހިތުން ބުނެލިއެވެ. މީނާގެ ދުޢާ ﷲ ފުރިހަމައަށް ޢިޖާބަ ކުރެއްވިތޯ ބަލާނަމެވެ. މޭލެއްހައި ދުރަށް ދިއުމަށްފަހު، އެކުވެރިން ކައިރިން އިޒުނަ ހޯދައި ސަހުމު އެ ފެންގަނޑު ކައިރިއަށް ކަންވާރެއް ބަލައި ދިޔައެވެ. އޭނާ ހައިރާންވިއެވެ. “ސުބްޙާނަﷲ” އެތަނެކޭ ދުވަހަކުވެސް ފެންފޮދެއް ނުޖެހޭ ތަނެކޭ އެއްފަދައެވެ. ﷲ މިވަނީ އޭނާގެ ފުރަތަމަ ދުޢާ ޢިޖާބަކުރައްވާފައެވެ.

އެއަށްފަހު ގާފިލާއާ ހަމައަށް އައިސް ދަތުރު ފަށައިގެން ވަކި ހިސާބަކަށް ދެވުނުތަނާ ފެނުނީ ޢަދުއްވުންނާ ދެމެދު އޮތް މާސިންގާ ކަނޑެވެ. އެހިސާބުންވެސް އަލްޢަލާއު ބުން ހަޟަރަބީ ދުޢާކުރަން ފެށިއެވެ. “އަޅަމެންނީ އިބައިލާހުގެ އަޅުންނީމު. އަޅަމެން މި ހަނގުރާމަކުރަނީ އިބައިލާހުގެ މަގުގައި އިބައިލާހުގެ ޢަދުއްވުންނާ. ފަހެ އިބައިލާހުގެ ޢަދުއްވުންނާ ހަމައަށް ދެވޭނެފަދަ މަގެއް އަޅަމެންނަށް ލައްވާށި.” އޭނާގެ މިދުޢާ ނިމުމާއެކު އަހުގެ މަތީގައި ކަނޑާ ދިމައަށް ދުއްވަންފެށިއެވެ. ކަނޑުގެ ލޮނުގަނޑު މަތީގައި އެކަނޑުގެ އެއްފަރާތުން އަނެއް ފަރާތައް އެމީހުން ދިޔައެވެ. އެމީހުންގެ ގައިން އެންމެ ތަންކޮޅެއްވެސް ނުތެމެއެވެ. އޭނާގެ ދެވަނަ ދިޢާވެސް ﷲ މިވަނީ ވަގުތުން ޢިޖާބަކުރައްވާފައެވެ.

ކަނޑު ހުރަސްކޮށް ވަކި ހިސާބަކަށް ދިޔަ ފަހުން އޭނާގެ ބަނޑުގައި ރިއްސާތީ އުޅެފައި މަރުވިއެވެ. އޭނާ ހިނަވާނެހައި ފެން ނެތުމުން އޭނާގެ ހެދުން ކަފުނެއްކަމަށްބަލައި ވަޅުލިއެވެ. އެއަށަފަހު ކުޑަ ތަންކޮޅެއް ކުރިއަށް ޖެހެލިތަނާ ބޮޑު ފެންގަނޑެއް ފެނުނެވެ. ދެން އެއްބަޔަކު އަނެއް ބަޔަކަށް މަޝަވަރާކޮށް ހިނެވުމަށްޓަކައި އޭނާގެ ގަބުރު ކޮނުނެވެ. ނަމަވެސް ގަބުރެއް ނުފެނުނެވެ. އެތަނުން މީހަކު ބުންޏެވެ. އޭނާ ﷲއަށް ދުޢާ ދެންނެވިއެވެ. “މިއަޅާ މަރުވުމަށްފަހު މިއަޅާގެ ހަށިގަނޑު ފޮރުއްވަވާށި. އެއްވެސް މިހަކަށް މިއަޅާގެ ޢައުރަ ނުދައްކަވާށި.” އޭނާ މަރުވުމަށްވެސް ފަހުގައި ﷲ މިވަނީ އޭނާގެ ތިންވަނަ ދުޢާވެސް ޢިޖާބަކުރައްވާފައެވެ. ދެން އޭނާއަށް ރަޙުމަތް ލެއްވުމަށްއެދި ދުޢާކޮށް އެމީހުން އެނބުރި އައެވެ.

 

ޤުރުއާނުގައި ބަޔާންވެފައިވާ ބައެއް ކަރާމާތް:

ކަހުފު ބާގައިގެ މީހުން؛ އޭރުގައި އެރަށުގައި ހުރީ ވަރަށް އަނިޔާވެރި ރަސްކަލެކެވެ. އެހެންކަމުން އެގައުމުގެ ޒުވާނުންތަކަކަށް އީމާންކަމައިގެން ނޫޅެވިގެން ފަރުބަދައިގެ ހޮހޮޅައަކަށް ފިލަން ވަދެ 300 އާއި 9 އަހަރު ނިދާފައި ތިއްބެވެ.

ސުލައިމާނުގެފާނު؛ ސުލައިމާނުގެފާނު ހުންނެވީ ބައިތުލް މަޤްދިސްގައެވެ. ބަލްޤީސްގެ ތަހުތު ވަނީ ޔަމަނުގައެވެ. މިދޭތެރޭގެ ދުރުމިން ވަރަށް ބޮޑެވެ. ނަމަވެސް ލޮލުގެ އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި އެ ތަޚުތު އެކަލޭގެފާނުގެ އަރިހަށް ގެނެވުނެވެ.

މަރިޔަމްގެފާނު؛ އެއްވެސް އިންސާނެއްގެ އެހީއެއްނެތި އަދި އެއްވެސް މާއްދީ ސަބަބެއްވެސް ނެތި މަރިޔަމްގެފާނަށް ރިޒުގު ލިބިވަޑައިގަތެވެ. ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާވެސް އަދި ހޫނު މޫސުމުގައި ފިނި މޫސުމުގެ މޭވާވެސް އެކަމަނާއައް ލިބެއެވެ.

ހަމައެހެންމެ، އެއްވެސް މާއްދީ ސަބަބެއް ނެތި އަދި އެއްވެސް އިންސާނަކު ބީހުމަކާނުކައި އެކަމަނާއަށް ދަރިޔަކު (ޢީސާގެފާނު) ލިބިވަޑައިގަތެވެ.

މީގެ އިތުރުން، ކަދުރު ހަރުނުވާ ރުކެއް މަރިޔަމްގެފާނު ހަލުވާލުމުން ކެއުމަށް އެންމެ އެކަށީގެންވާ ދޮންވެފައިވާ ކަދުރު ފޭބިއެވެ.

ޢީސާގެފާނު ރައްކާވުމާއެކު ރަށަށް އައިސް މަރިޔަމްގެފާނު މިއީ ތިމަންކަމަނާގެ ދަރިއެކޭ ވިދާޅުވިއެވެ. އެހިނދުޤައުމުގެ މީހުނަށް އެކަން ގަބޫލުކުރަން އުނދަގޫވެ، ޝައްކުތައްކޮށް، އެކަމަނާގެ މައްޗަށް ތުހުމަތުތައް ކުރަންފެށިއެވެ. ދެން އެ ތުހުމަތުތައް ގިނަވެ އުނދަގޫފުޅުވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭމެން މިދަރިފުޅު ކުރެން އަހާބަލާށެވެ. އޭނާ ވާހަކަ ދައްކާނެއެވެ. ދެން މަލާމާތް ކުރުމުގެ ގޮތުން އެމީހުން އެހިއެވެ. ކަލޭގެފާނު ވާހަކަ ދައްކާށެވެ. ވަގުތުން އެކަލޭގެފާނު ވިދާޅުވިއެވެ. “ހަމަކަށަވަރުން އަހުރެންނީ ﷲގެ އަޅަކީމެވެ. އެކަލާނގެ މިއަޅާއަށް ފޮތްދެއްވިއެވެ. އަދި ނަބީއަކު ކަމުގައި މިއަޅާ ލެއްވިއެވެ.”

  • – – ނިމުނީ – –

( ލިޔުނު ތަަަަަނާއި ތާރީޚު: މެޕްސް އިންޓަރނޭޝަނަލް ހައި / 29 އޯގަސްޓު 2013 )

 

Share Article

Follow Me Written By

Mahid

Level 110 Stories

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…46

Next

ކަލާޔާނުލާ ދިރުމެއްނެތެވެ. (9)

Next
December 28, 2016

ކަލާޔާނުލާ ދިރުމެއްނެތެވެ. (9)

Previews
December 27, 2016

ހިތް އެކީ ދެވިއްޖޭ…46

16 Comments!

  1. aree says:
    December 28, 2016 at 10:47 am

    V furihama.. mikahala liyinthah gina ginain genes dhyba

  2. Mahid says:
    December 28, 2016 at 11:22 am

    Thanks. Try kuraanan genesdheyn. Mi liyunvx varah dhuvas vejje fonuvaafa innathaa up nuve.

  3. Malak says:
    December 28, 2016 at 12:21 pm

    Ma sha allaah…. Keep it up… Jaxakallaah khair….. ???????

    1. Mahid says:
      January 5, 2018 at 10:18 pm

      Thanks Malak

  4. Malak says:
    December 28, 2016 at 12:28 pm

    Maahidh pp ah knmex kahala pic eh laaba… Me hama hiyaaleh k.. jakallaah khair….

  5. Mahid says:
    December 28, 2016 at 12:49 pm

    Thanks

  6. Mahid says:
    December 28, 2016 at 12:55 pm

    Malak u myn liyumuge pic vaahaka tha? Up kurumah fahu edit kureveytha?

  7. Malak says:
    December 28, 2016 at 1:14 pm

    Mi buny story aa gulhey gothah pic laafa hure ehnnu… Egothah pic leveyne ehnnu. Mee hama hiyaaleh bby k….

    1. Mahid says:
      January 5, 2018 at 10:21 pm

      Thanks Malak. Thi hiyaalu balaiganfin

  8. Hassan samsaad says:
    December 28, 2016 at 1:36 pm

    Maahidh… Karaamaathuge thereyga mu-ujizaath ves eba huri mi liumuga. Mifadha liyumehgai e dhebai mas huni vaa gothah hureema dhannavaaly.

  9. Mahid says:
    December 28, 2016 at 1:58 pm

    Vidhaalhuve dhevvafaanantho mi liyumuga vaa mu-ujizaatheh?

  10. Anonymous says:
    December 28, 2016 at 4:45 pm

    V reethi*

    1. Mahid says:
      January 5, 2018 at 8:40 pm

      Shukuriyya

  11. Mar Sha Marsha says:
    December 30, 2016 at 8:01 pm

    V rythi… mikahala gina liyunthah fennaane kamah hykuran…

    1. Mahid says:
      January 5, 2018 at 10:23 pm

      Thanks Marsha. Insha Allah

  12. مريم says:
    February 15, 2019 at 7:28 pm

    V. Muhihmu mauloomaathu thakeh جزاك الله خيرا

Comments are closed.



All Right Reserved!