Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

ހުވަފެންތަކެއް އެބައްޕަގެ ލޮލުގައި ވެޔޭ…

IQ Level 110 Stories
August 7, 2016 7 Mins Read
2 Comments

( މިވާހަކައަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްލިޔެފައިވާ ވާހަކައެއް، މީގެ ކުރިން އޮންލައިންކޮށް ބައެއް ސައިޓްތަކުގައި ގެނެސްދީފައިވާނެ، އަދި “ދާސްތާން” ނަމުގައި ޗާޕްކޮށްފައިވާ ކުރުވާހަކަ ފޮތުގައި މިވާހަކަ ހިމެނޭނެ)

 

“މަންމާ…ކޮބައިތަ މިތާ އޮތް ފޮތް…” އަހަރެން ލިޔަން ގެންގުޅުނު ފޮތް ބޭއްވިތާކު އެއެއް ނެތެވެ. އަހަރެންގެ އެސުވާލަކަށް މަންމަ މާބޮޑު ސަމާލުކަމެއް ނުދިނެވެ. ފޮތްއަލަމާރިއާ ދިމާއަށް ބަލައިލި ވަގުތު އަހަރެންގެ ލޯ އަމާޒުވީ ވެއްޓިފައި އޮތް ފޮޓޯ އަލްބަމަށެވެ. އަލްބަމް ނަގައި އޭގައި ހުރި ފޮޓޯތައް ބަލަން ފެށީމެވެ. ހޯދަން އުޅުނު ފޮތުގެ މަތިން ހަނދާންނެތުނީ އެހެންވެގެންނެވެ. އޭގައި އޮތް ކޮންމެ ފޮޓޯއަކުން އެތައް ވާހަކައެއް ބުނެދެއެވެ. އެތައް ހަނދާންތަކެއް އައުކޮށްދެއެވެ. މިއަދު އަހަރެމެންނަށް ދިރިއުޅުމުގައި ކިތައްމެ އުފަލެއް ލިބިފައި ހުއްޓަސް މިހިސާބަށް އަހަރެމެން ގެނެސްދިން މޭސްތިރިޔާ މިއަދު އަހަރެމެން ގާތަކުނެތެވެ. އެއީ އަހަރެމެންގެ ދިރިއުޅުމުގައި ފޫނުބެއްދޭ ވަރުގެ ހުސްކަމެކެވެ. ފަޅުކަމެކެވެ. ޚިޔާލުގެ އަސް ނިކަން ތަނަވަސްވި މައިދާނަކަށް ނެރެ ދޫކޮށްލުމުން އެތައް ހަނދާންތަކެއް ސިކުނޑިއަށް ޖަމާވިއެވެ. ބައްޕަގެ ޙަޔާތުގެ އެކޮންމެ ހިނދުކޮޅެއް ގުޅުވާލައިފިނަމަ ޢިބުރަތަކަށްމެ ނޫނީ ނުވާނެކަން ވިސްނުނެވެ. ގަލަމާއި ފޮތް ނެގީމެވެ. ހަމަޖެހިލައިގެން މޭޒުދޮށުގައި އިށީނީމެވެ. ލިޔަންފެށީމެވެ. ފުރަތަމަ މީހާގެ ނަޒަރުންނެވެ. އެކަމަކު އެއީ އަހަންނެއް ނޫނެވެ. ބައްޕަގެ ވާހަކަ ލިޔަން އަހަރެން ބޭނުންވި ގޮތެވެ. ވާހަކަޔައިގެން ކުރިޔަށް ދާނަމެވެ.

އުމުރުން 50 އަހަރު ނަމަވެސް މިއަދު މިވަނީ ޙަޔާތުގެ ފަހު ވަގުތުތައް ގުނަން ޖެހިފައެވެ. ބަލިދާނުގައި އަހަރެން އޮތްއިރު އަހަރެންގެ 3 ކުދިން އަހަރެން އޮތް ކޮޓަރިތެރޭގައި އުޅެމުން ދިޔައެވެ. އެއިން ކޮންމެ ކުއްޖެއްގެ މޫނު މަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އަހަރެން މިދުނިޔެއާ ވަކިވެގެން ދިއުމުގެ ވަގުތު ކުޑަތަން ވެއްޖެކަން އިޙްސާސްކުރެވުމުން ލޮލުން ކަރުނަ ނީރާލިއެވެ. އަހަރެންގެ ގާތުގައި އިށީދެގެން އަހަރެންގެ މޫނަށް ބަލަން އިން ހަގު ދަރިފުޅު އިނީ އަހަރެންގެ އަތް ތިލައިގައި ހިފާ ބާރުކޮށްލައިގެންނެވެ. ދުވަހަކު އެ އަތުން ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ. އަހަރެންގެ ޙަޔާތުގެ ބައްތި ނިވެމުން، އެހުޅުކޮޅު ހުލިވަމުން ދާ ކަމުގެ ވޭނީ އިޙްސާސްގައި އަހަރެން  ލޯ މަރާލީމެވެ. އެވަގުތު އަހަރެންނަށް އަހަރެންގެ ދިރިއުޅުން ހޭދަކުރެވުނު ގޮތާމެދު ވިސްނާލެވުނެވެ. ދުނިޔެއާއި ވަކިވެގެން ދާން އަދި މާ އަވަހޭ ހިތަށް އެރިއެވެ. 50 އަހަރު އަދި މާ މަދެވެ. އަދި ދުނިޔެމަތީގައި ކުރަން ބޭނުން އެތައް ކަމެއް ހިތުގައި އެބަ ހުއްޓެވެ. ދެކެމުން އައި އެތައް ހުވަފެނެއް ހަޤީޤަތަކަށް ނުވެ އަދި އެބަ ހުއްޓެވެ. އެ ހުވަފެންތަކުގައި ކުލަޖައްސަން ބޭނުމެވެ. އަދި އިތުރު ވަގުތު ކޮޅަކަށް އެދި ހިތުން ދުޢާކުރެވުނެވެ. އާނއެކެވެ. އަދި އަހަރެން ތުއްތު އިރުއްސުރެ ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ނުވެއެވެ.

އެއީ 1970ގެ އަހަރުތަކުގެ ކުރީކޮޅެވެ. އެ ޒަމާނަކީ ޅައުމުރުގައި ކައިވެނިކޮށް ޢާއިލާތައް ފަށާ ޒަމާނެކެވެ. އެހެންނަމަވެސް އެއީ އަހަރެން އެހާ ބޭނުންވި ގޮތެއް ނޫނެވެ. އޭރު އަހަންނަކީ ހުވަފެންތަކެއް ހިތުއަޅައިގެން ހުރި ކުއްޖެކެވެ. ވާހަކަ ލިޔުމަކީ އަހަރެންގެ ފަންނުވެރިކަމެވެ. އެ ރޮނގުން ކުރިއަށް ދިޔުމަކީ އަހަރެންގެ ހުވަފެނެކެވެ. ނަމަވެސް އެ ޒަމާނަކީ އެފަދަ މަގުތައް ފަހިވެފައި އޮތް ޒަމާނެއް ނޫނެވެ. އޭރު ބައްޕަ ބުނަމުން އައީ އެހުވަފެންތަކުގައި އަދި ކުލަޖެހޭނެ ދުވަހެއް އަންނާނެކަމަށެވެ. ދިރިއުޅުމެއް ފެށްޓުމަށް ޢާއިލާއިން ބާރު އެޅުމާއެކު އަހަރެން ވެސް ލޯބިވެރިޔަކު ހޯދީމެވެ. އަހަރެންގެ މުޅި ދިރިއުޅުން އެމީހަކާއެކު ހިއްސާ ކުރެވުނު ނަފީސާއާއެކު އުމުރުން އެންމެ 17 އަހަރުގައި ކައިވެނިކުރީމެވެ.

ކައިވެންޏާއެކު މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. އަހަރެންގެ ވިސްނުން ބަދަލުވެގެން ދިޔައެވެ. ހުވަފެންތައް މަތިން ހަނދާން ނެތުނު ކަހަލައެވެ. ރެއާއި ދުވާލު އެކި މަސައްކަތްތަކުގައި ވަގުތު ހޭދަކުރެވެން ފެށުނެވެ. މަހަށް ދިއުމާއި ރޭނުމާއި ވަޑާންކުރުން ފަދަ މަސައްކަތްތަކަކީ އަހަރެން އެއްއިރަކުވެސް ކުރަން ބޭނުންވި މަސައްކަތްތަކެއް ނޫނެވެ. އެހެންނަމަވެސް އަނބިމީހާ ބެލުމަކީ އަހަރެންގެ ޒިންމާއެކެވެ. އެ ޒިންމާ އަހަރެން އުފުލީމެވެ. ކައިވެނިކުރުމާއެކު ނަފީސާ ބަލިވެ އިނެވެ. އޭރު އޭނާގެ އުމުރުން އެންމެ 15 އަހަރެވެ. ފުރަތަމަ ދަރިފުޅަށް ނަފީސާ ބަލިވެ އިން ޚަބަރު އަހަންނަށް ލިބުނު ވަގުތު ވީގޮތް އިއްޔެ ވީ ކަމެއްހެން އަދިވެސް ހަނދާން އެބަހުއްޓެވެ. އެއީ ހިތުގެ އެންމެ ހިމަ ނާރަށް ދަންދެން ފިނިވެގެން ދިޔަ ވަގުތެކެވެ. ކައިވެންޏާއެކު ބަދަލުވި ދިރިއުޅުމުގައި އުފުލަން ފެށި ބުރަ އެއްވެސް އެއްޗަކަށް ނުވާފަދައެވެ. ކައިވެންޏަކީ އެފަދަ އުފާވެރިކަމެއް ގެނުވާ އެއްޗެއްކަން އެނގުނު ނަމަ އަހަރެން އޭގެ މާކުރިން ކައިވެނި ކުރީމުހެވެ. އަންހެނުން ހައްޔަރުގައި އިނުމަކީ ލިބޭ އެންމެ ބޮޑު އުފާކަމުގައިވީ ނަމަވެސް އެއާއެކު އަހަރެންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔައެވެ.

ދެމަފިރިން ވެގެން ޢާއިލާ ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތް އިތުރުވެގެން ދިޔައެވެ. ލިބެން އުޅޭ ދަރިފުޅަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމުގެ މާތް މަޤްޞަދުގައެވެ. ލިބެން އުޅޭ ދަރިފުޅާ މެދު އެތައް ހުވަފެނެއް ދެކެވެން ފެށުނެވެ. އެތައް އުންމީދެއް ކުރެވުނެވެ. އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން ބޭނުންވިއެވެ. އެކަމަށް ޖާނާއިމާލުން ޤުރުބާންވާން ހިތް އެދެމުން ދިޔައެވެ. އެކަމަށް އެދި ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީމެވެ. ޒަމާނަކީ ޑަކްޓަރުން މަދު ޒަމާނެކެވެ. ބަލިވެ އިނުމުން މިހާރު މިހެދޭ ޓެސްޓުތަކެއް ހެދޭކަށް ނުހުރެއެވެ. ހުރިހާ އުންމީދެއް ގުޅިފައިވަނީ ފޫޅުމައިމީހާއާއެވެ. އޭނާގެ އިރުޝާދާއި ލަފަޔާ އެއްގޮތަށް ޢަމަލުކުރަމުން ދިޔައީމެވެ. މާބަނޑުގައި ދަރިފުޅު ހެދިބޮޑުވަމުން އައިގޮތެއް އޭނާއަށް ބުނެދޭކަށް މާބޮޑަކަށް ނޭގެއެވެ. ބަލިވެއިނުމުން އަނބިމީހާއަށް ކުރަންޖެހޭ ބޭސް ފަރުވާއަށް އިތުރު މަސައްކަތް ކުރަން ޖެހުނެވެ. ނަމަވެސް ޝަކުވާ އެއްނެތެވެ. އެއީ ދިރިއުޅުމެވެ. އަހަރެން އެހުރިހާ މަސައްކަތެއް ކުރަމުން އައީ ހިތުން ރުހުމުންނެވެ.

ކައިވެންޏަށް 10 މަސްދުވަސް ވީ ދުވަހެވެ. ނަފީސާ ބަނޑުގައި ވޭންއަޅަމުން ދިޔައެވެ. ފޫޅުމައިމީހާ އޭނާ ވިއްސުމުގައި އުޅެމުންދިޔައެވެ. އެވަގުތު ކޮޅަކީ ޙަޔާތުގައި އައި އެންމެ ބިރުވެރި ވަގުތުކޮޅެވެ. ކުރު ނަމަވެސް ދިގު އިންތިޒާރެއް ކުރަން ޖެހުނު ވަގުތު ކޮޅެކެވެ. އެޒަމާނަކީ ވިހެއުމުގައި ގިނަގުނަ ހާދިސާތައް ހިނގާ ޒަމާނެއްކަމަށް ވީތީއެވެ. 2 ގަޑިއިރު ފަހުން ކޮޓަރި ތެރެއިން އިވިގެން ދިޔައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. އުފާވެރި ކަމަކީ އެއީއެވެ. ދުނިޔޭގެ ހުރިހާ އެއްޗެއް އަހަންނަށް ލިބުނު ކަހަލައެވެ. އެއީ އަހަރެންގެ ދޮށީ ދަރި ނަޝީދު އަހަރެންގެ އަތައް ލިބުނު ވަގުތެވެ. އޭރު އަހަރެންގެ އުމުރުން ވީ އަދި 18 އަހަރެވެ. މިޒަމާނުގައި ނަމަ އެއީ އަދި ސްކޫލް ދައުރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއީ އަދި ތިމާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް އޮތް ދައުރެވެ. އަހަރެންގެ ޝަކުވާއެއް އޭރަކުވެސް ނެތެވެ. އަހަރެންގެ ހުވަފެންތަކާއި އުންމީދުތައް ގުޅިފައި ވަނީ އަހަރެންގެ ދަރިފުޅު ނަޝީދާއެވެ.

ކައިވެންޏެއް ކުރުމާއި އަނބިމީހާ ބަލިވެއިނުމުން އުފުލަންޖެހޭ ޒިންމާތަކާއި ބުރައަށްވުރެ އެތައް ހާސް ގުނަ ބުރައަކާއި ޒިންމާއެއް ދަރިފުޅު ދުނިޔެއަށް އައުމުން އުފުލަން ޖެހުނެވެ. ޒަމާނަކީ ރާއްޖެވެސް ތަރައްގީގެ މަގަށް މިސްރާބުޖެހި ޒަމާނެވެ. މަޑުމަޑުން ނަމަވެސް ބޭސްފަރުވާ ކުރުމުގެ ވަސީލަތްތަކާއި ކިޔެވުމުގެ ދޮރުތައް ހުޅުވެން ފެށިއެވެ. އަހަރެންގެ އުންމީދުތައް ވެސް އެއާ ގުޅިގެންދިޔައެވެ. ފޯރާ މީހުންގެ ދަރިންނަށް ލިބޭ ފަދަ ދިރިއުޅުމެއް އަހަރެންގެ ދަރިފުޅަށްވެސް ހޯދައިދޭން ހިތުއެޅީމެވެ. އެއިރެއްގައި ލިބެންހުރި ކޮންމެ އެއްޗެއް އަހަރެންގެ ދަރިފުޅަށް އެންމެ ފުރިހަމަގޮތުގައި ހޯދައިދޭން ބޭނުންވިއެވެ. އެންމެ ޒަމާނީ ތަޢުލީމު އުނގަންނައިދޭން ބޭނުންވިއެވެ. ބަލިވެއްޖެ ނަމަ މާލޭގެ ހޮސްޕިޓަލަށް އައިސް ބޭސްފަރުވާ ކޮށްދިނުމަށް ބޭނުންވިއެވެ. އެ އުންމީދުގައި މަސައްކަތް ފެށީމެވެ. އަތު ޖެހުނު ކޮންމެ މަސައްކަތެއް ކުރަމުން ދިޔައީމެވެ. ނަޝީދަށް އަހަރު ވީއިރު ނަފީސާ އިނީ އަނެއްކާވެސް ބަލިވެއެވެ. އެއީ އެޒަމާނަށް ބަލާނަމަ އާދައެކެވެ. މިގޮތަށް އަހަރުދެކޮޅު ނަފީސާ ބަލިވެއިނދެ ކައިރި ކައިރީގައި ގިނަ ކުދިންތަކެއް ލިބިގެން ދިޔައެވެ. އެގޮތުން އަހަރުމެންގެ ޢާއިލާވެސް އައީ ބޮޑު ވަމުންނެވެ. އަހަރުމެންގެ ޒިންމާ އައީ އިތުރުވަމުންނެވެ. ކުރަން ޖެހުނު މަސައްކަތް ދެގުނަ އިތުރުވިއެވެ. ހުވަފެންތަކާއި އުންމީދުތައް މަތިވެރިވިއެވެ.

ދޮށީ ދަރިފުޅު ނަޝީދަށް 5 އަހަރު ފުރި ސްކޫލަށް ވައްދަން ޖެހުނުއިރު ޢާއިލާގައި އޭނާގެ ހަގަށް 2 ކުދިން ތިއްބެވެ. އޭރު އަހަރެންގެ އުމުރުން 22 އަހަރެވެ. ނަފީސާގެ އުމުރުން 20 އަހަރެވެ. ކައިވެނިކުރިތާ ހައެއްކަ އަހަރު ތެރޭގައި އަހަރެން ބޭނުންވި މަންޒިލަށް ވާސިލް ވެވުނެވެ. ނަޝީދު ވެއްދީ މާލޭގެ ސްކޫލަކަށެވެ. މަޖީދިއްޔާ ސްކޫލަށެވެ. އޭރުގެ ނިސްބަތުން އެންމެ ފެންވަރުގައެވެ. މާލޭން ތަނެއް ކުއްޔަށް ހިފީމެވެ. އެޒަމާނަކީ އެޕާޓްމަންޓްގެ ޒަމާނެއް ނޫނެވެ. ކޮޓަރި ކުއްޔަށް ދިން ޒަމާނެވެ. ތިން ކުދިންންނާއެކު ކުލީކޮޓަރިއެއްގައި މާލޭގައި ދިރިއުޅުން ފެށީ އަހަރުމެންނަށް ރަށުގައި އުޅެވެން ނެތިގެނެއްނޫނެވެ. ދަރިންގެ މުސްތަގްބަލަށް ވިސްނާފައެވެ. އެކުދިން ބޮޑެތިވެގެން އަންނައިރު ޒަމާނާ އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރެވޭ ފެންވަރުގައި ބޭތިއްބުމަށް ޓަކައެވެ. ނަފީސާވެސް ގޭގައި އިނދެގެން އާމްދަނީ ހޯދޭ ފަދަ މަސައްކަތެއް ކުރަން ފެށިއެވެ. ނަފީސާ ފެށި ފެހުމުގެ މަސައްކަތުން ޢާއިލާއަށް އިތުރު އާމްދަނީއެއް ލިބެންފެށިއެވެ. އެކަމަކު އޭނައަށް އެތައް ގުނައެއް ބުރަވެގެން ދިޔައެވެ. ބޭސްފަރުވާ ކުރުމުގެ ފެންވަރު މަތިވެ އަގުވެސް ބޮޑުވަމުންދިޔައެވެ. ތަޢުލީމީ ހާލަތުވެސް ހަމަ އެފަދައން މައްޗަށް ޖެހުނެވެ. ކުއްޖަކު ބަލިވެއްޖެ ނަމަ އަތުގައި އޮންނަ ފަހު ލާރިއަށް ދަންދެން ޚަރަދުވެގެން ދިޔައެވެ. ސްކޫލް ފެށޭ ދުވަސް ވަރަކީ ހިތްދަތި ދުވަސްވަރެކެވެ. މާލޭގެ މަގުތައް މަތި ފުނިޖެހޭ ދުވަސްވަރެވެ. ސްކޫލްގެ ފޮތްބައި  ހަމަކުރުމަށް މުޅި އަހަރުދުވަހު އެއްކުރެވޭ އެންމެ ފަހު ބައިރުފިޔާ ފޮއްޗަށް ދަންދެން ހުސްވެގެން ދެއެވެ.

ޝަކުވާއެއްނޫނެވެ. ހިތް އުފާވެއެވެ. ދިރިއުޅުން ހޭދަކުރެވުނު ގޮތް ހިތަށް އަރާފައެވެ. އެދުވަސްވަރުގެ ތެރެއިން އަހަރެކެވެ. ހަގު ދަރިފުޅު ވަހީދު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހުނެވެ. ބަނޑުގައި ރިއްސާތީއެވެ. ދަރިފުޅުގެ ބޭސްފަރުވާއަށް އެއަހަރުގެ ފޮތްލިސްޓުތަކަށް އެއްކުރި ފައިސާކޮޅުވެސް ހުސްވެގެން ދިޔައެވެ. ސްކޫލް ފޮތްބަޔާއި ޔުނިފޯރމް ގަތުމަށް އިތުރު ފައިސާއެއް އެ އަހަރަކު ނެތެވެ. ނަފީސާ ކުރަމުން ދިޔަ މަސައްކަތުން ކޮޓަރި ކުއްޔަށާއި ކެއުމަށް ފުދެނީ ކިރިޔަކިރިޔާއެވެ. ގާތްތިމާގެ ދެތިން މީހެއް ގާތަށް ދިޔައީމެވެ. ނަމަވެސް ކޮންމެ މީހަކީ ޢާއިލާއެއްގެ ޒިންމާ އުފުލަމުން އައި މީހެކެވެ. އެހެން ކަމުން އެހީއެއް ފޯރުކޮށްދެވޭ ވަރެއް ނުވިއެވެ. ނާއުއްމީދީ ހިތަކައިގެން އަހަރެންގެ ބާ ބައިސްކަލުގަޑުގައި ދުއްވާފައި އައިސް މަޖީދީމަގަށް ނުކުތީމެވެ. ކިތައްމެ މާޔޫސްވިޔަސް ކުޑަނަމަވެސް އުއްމީދެއް އަހަރެންގެ ހިތުގައި އޮތެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ބާ ބައިސްކަލު ގަންނަ ގަރާޖެކެވެ. އަހަރެން ބައިސްކަލުން ފައިބާފައި ވިސްނާލީމެވެ. އެ ބައިސްކަލުގަޑު ވިއްކާލައިފި ނަމަ ދެން އަހަރެންގެ ދަރިން އުޅެން ޖެހޭނީ ހިނގާފައެވެ. އަހަރެންގެ ހަގުދަރިފުޅު ވަހީދަކީ ބައިސްކަލްގެ މަޑިމަތީގައި ވަރަށް އިންނަ ހިތްވާ ކުއްޖެކެވެ. އަހަރެންގެ ދެވަނަ ދަރިފުޅު ޒައީމަކީ ބައިސްކަލްގެ ފެޑަލްމަތީ ވަރަށް މަޖާ ނަގާ ކުއްޖެކެވެ. ދޮށީ ދަރިފުޅު ނަޝީދަކީ ވަގުތެއްވެއްޖެ ނަމަ އެ ބައިސްކަލު ދުއްވުމުގެ ފުރުސަތަކަށް ބަލަބަލާ ހުންނަ ކުއްޖެކެވެ. އަހަރެންގެ ހިތަށް އަރައިފައިބަމުން ދިޔަ ވޭނީ އިޙުސާސްތަކަށް ލޯމަރައިލީމެވެ. މުހިންމީ ދަރިންގެ ތަޢުލީމެވެ. އިތުރު މަސައްކަތް ކޮށްގެންވެސް އަލުން ބައިސްކަލެއް ހޯދިދާނެކަމަށް ނިންމީމެވެ. ނަމަވެސް އެ ބައިސްކަލު ވިއްކާލި ވާހަކަ އަންހެނުންނާއި ކުދިން ގާތު ދުވަހަކުވެސް ނުބުނަން ޢަޒުމްކަނޑައެޅީމެވެ. ސަބަބަކީ އެމީހުންނަށްޓަކައި ގުރުބާންވީ ވަރު އަންގަން ބޭނުންނުވާތީއެވެ. ކޮންމެ ގުރުބާނީއަކަށް ހަމްދަރުދީއެއް ބޭނުމެއް ނުވެއެވެ.

ސްކޫލް ޚަރަދާއި ކޭންބުއިމާއި ބޭސްފަރުވާއާއެކު ދުވަހެއް ދުވަހަކަށް ކުލީ ކޮޓަރިތަކުގެ ޚަރަދުވެސް ދިޔައީ ބޮޑު ވަމުންނެވެ. އެއް މަހު ގަލޮޅުގައި އުޅުނިއްޔާ އަނެއް މަހު މާފަންނުގައެވެ. އެއްކޮޓަރީގައި ކުދިންނާއެކު ނިދަންޖެހުމުގެ ސަބަބުން ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގާތްކަން ހީނަރުވެގެން ދިޔައެވެ. އެ އުފާތަކުން މަހުރޫމްވެގެން ދިޔައެވެ. ޝަކުވާއެއް ނެތެވެ. އެ އުފާތައް އަދި ލިބޭނެތީއެވެ. އެ ލޯތްބާއި އުފާވެރި ދިރިއުޅުން އަދި ފަހުން ލިބޭނެކަމުގެ ފުރިހަމަ އުއްމީދުގައެވެ. އެ މަންޒަރުތައް ލޯމައްޗަށް ސިފަވަމުން ދާކަހަލައެވެ. އެ ގުރުބާނީތަކަކީ ދިރިއުޅުމުގެ އުފާތަކެވެ.

މާޒީވި ހަޔާތުގެ ޞަފުޙާތައް ނިއުޅެމުން ދިޔަވަރަކަށް އަހަރެންނަށް އެ ހަނދާންތަކުން ފުންއަސަރުތަކެއް ކުރަމުން ދިޔައެވެ. ނޭވާ ހާސްވާންފެށިއެވެ. ކޮޓަރިތެރޭގައި ތިބި ކުދިންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އަހަންނަށް ފެނެއެވެ. ހަޔާތުގެ ދަތުރު ދިގުވާނަމައޭ އަހަރެން ހިތަށްއެރިއެވެ. އަދި ކިރިޔާ މި ދިރިއުޅެވުނީ ލިބުނު ދަރިންނާ މެދު ކުރެވުނު ފޮނިހުވަފެންތަކެއްގެ ތެރޭގައެވެ. އަހަރެންގެ އުއްމީދުތައް އަދި ހުރީއެވެ. އަހަރެންގެ ލިޔުންތެރިކަން އަދި އޮތީއެވެ. އަދި ވަގުތު ކޮޅެއް ބޭނުމެވެ. ހިތާހިތާ ކިޔާލެވުނެވެ. އަހަރެންގެ މުށުތެރޭގައިވާ ދަރިފުޅުގެ އަތްތިލައިގައި ހިފާ ބާރުކޮށްލެވުނެވެ.

”ދަރިފުޅާ ދެން އާދެބަލަ ކާން” އަހަރެން ލިޔަން އިން ވާހަކަ މެދުކަނޑާލަން ޖެހުނީ މަންމަ ނަފީސާގެ އަޑަށެވެ. އަހަރެންގެ އުމުރުން މިހާރު 29 އަހަރެވެ. އަހަރެން އަދި މީހަކާ ނީންނަމެވެ. އަހަރެން މަސައްކަތްކުރަމުން މިދަނީ އަހަރެންގެ ބައްޕަ އެންމެ ތުއްތު އިރުއްސުރެ ދެކެމުން އައި އެއް ހުވަފެން ކަމުގައިވާ ވާހަކަ ލިޔުމުގެ ހުވަފެން ހަގީގަތަކަށް ހެދޭތޯއެވެ. އަދި މިލިޔެވުނީ އަހަރެންގެ ބައްޕަގެ ހަޔާތުގެ އެއްބަޔެވެ. މަދު ދުވަސްކޮޅެކެވެ. ކެއުމަށް ބަދިގެ އަށް ހިނގަމުންދިޔަ އިރުވެސް އަހަރެން ކެތްމަދުވެ ވިސްނަމުން ދިޔައީ ލިޔަމުން ދިޔަ ވާހަކައާއި މެދުއެވެ. ލިޔެވުނު ބައިތަކާ މެދުއެވެ. ބައްޕަމެން އުފުލި ބުރައާ މެދުއެވެ. ކާން މޭޒުކައިރިއަށް އައިއިރު ދޮންބެ އާއި ކުޑަބެ ވެސް ކާމޭޒުދޮށުގައި ތިއްބެވެ. އަހަރުމެން މިހާރު އުޅެމުންދަނީ ޒަމާނީ އެޕާޓްމެންޓެއްގައެވެ.

މިފަދަ ދިރިއުޅުމެއް ލިބުނީ މީގެ 5 އަހަރު ކުރިންނެވެ. މަންމައާއި ބައްޕަ އަހަންނާ ވަކިން ނިދަން ފެށީ މީގެ 5 އަހަރު ކުރިންނެވެ. ބައްޕަ ދުނިޔެދޫކޮށް އެދިޔައީ ބައްޕަގެ ހިތުގައި އޮތްގޮތަށް ލޯބިލޯބި ދުވަސްތަކެއް ހޭދަކޮށްފައި ބާވައޭ އަހަރެންގެ ހިތަށް އަރައެވެ. ވިސްނައިލެވުނެވެ. އަހަރެން އަދި މީހަކާ ނީންނަމަވެ. އެކަމަކުވެސް އަހަރެންގެ ލޯބިވެރިޔާ އީވާއާއެކު އެކަނި ވަގުތު ހޭދަކުރަން ކިތަންމެހާވެސް ބޭނުމެވެ. އަހަރުމެންގެ މައިންބަފައިންވެސް އެފަދަ އުފާވެރި ވަގުތުތައް އެކީގައި ހޭދަކުރަން  ހާދަހާ ބޭނުންވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ.

“ކޮބާ ފޮތްލިސްޓަށް ފޮތްތައް ނަގައިފިންތަ؟” ކާ އެއްޗެހި މޭޒުމައްޗަށް ނަގަމުން ދޮންބެދައްތަ އަހާލިއެވެ. ”ނޫން މާދަން ދާނަން…މިއަދު ހަމަ ވަގުތެއް ނުވީއޭ” ފަރުވާކުޑަގޮތަކަށް ދޮންބެ ބުނެލިއެވެ. ”ނަޝީދަކަށް ދުވަހަކުވެސް ތިވަގުތެއް ނުވާނެ…އެ ލިސްޓް ގެންގޮސް ބުކްޝޮޕަށް ލީމަ ނިމުނީނު… އެމީހުން ބުނާ ގަޑިއަކަށް ބަލައިދާން ދެން ޖެހޭނީ… ލާރިއެއް ވެސް އަތުން ދަނީކީއެއް ނޫނެއްނޫންތަ” ދޮންބެދައްތަ ހިތްހަމަނުޖެހުނެވެ. އާއެކެވެ. މިހާރު ފޮތްލިސްޓަށް ފޮތް ހޯދާކަށް އެބުރަ އުފުލާކަށް ނުޖެހެއެވެ. އެކަން އޮތީ ފަސޭހަވެފައެވެ. ފޮތްތައް މިލިބެނީ ހިލެއެވެ. ހިތަށް އެރިއެވެ. އަހަރުމެންނަށް ހާދަ ލުއިފަސޭހައެވެ. ބައްޕަމެން ކޮންމެ އަހަރަކު އެޚަރަދުތަކަށް ކުރި މަސައްކަތް އަހަރުމެން ކުރާކަށް ނުޖެހެއެވެ. ”މާދަން މީ ނީއްކޮ ޑަކްޓަރަށް ދައްކަން ޖެހޭ ދުވަސްދޯ” ކުޑަބެ އޭނާގެ އަންހެނުން ނިޝާއާ ދިމާއަށް ބަލައިލާފައި ބުނެލިއެވެ. ”އާނ…އެކަމަކު މަ ބޭނުން އޭނަ އޮޕަރޭޝަން ކުރުމުގެ ކުރިން ލަންކާއަށް ދައްކާލަން ދާން” ނިޝާ ޖަވާބުދިނެވެ. ”އެ ކީއްކުރަން… މާ ބޮޑުކަމެއް ނޫނިއްޔާ ހަމަ ރަގަޅުވާނެ އެއްނުން” މަންމަ ބުނެލިއެވެ. ”ނޫން މަންމާ…މިހާރު ބޭސްފަރުވާ ހިލޭ ކުރެވޭއިރު ކޮބާ މައްސަލައަކީ… މިހާރު ކޮންމެ ކަމެއް ވެސް ކުރަން ވާނީ އެންމެ ރަގަޅު ގޮތް ބަލާފަ” ނިޝާގެ އެޚިޔާލާ މެދު އަހަރެން އެހާ ހިތްހަމައެއް ނުޖެހުނެވެ. ލަންކާއަށް ދާ ވާހަކަ ބުނީމައެއް ނޫނެވެ. މިހާރު ކޮންމެ ކަމެއްވެސް ކުރަން ވާނީ ބަލާފައޭ ބުނީމައެވެ.

އަހަރެންގެ މައިންބަފައިން އަހަރުމެންނަށް ކޮށްދިން ކޮންމެ ކަމެއްވެސް ކޮށްދީފައި ވަނީ އޭރުގެ ހާލަތަށް ބަލާއިރު ކޮށްދެވެން އޮތް އެންމެ ރަގަޅަށެވެ. އެމީހުން ކަންތައްތައް ކޮށްދިން ވަރާ ގާތަށްވެސް އަހަރުމެންގެ ދަރިންނަށްޓަކައި ކަމެއް ނުކޮށްދެވޭނެއެވެ. އެއީ މިއަދު ދުނިޔެ ފަސޭހަވެފައިވާތީއެވެ. އޭރު ފޮތްލިސްޓަށް ފޮތް ނުގަނެވިގެން ހާސްވެގެން އުޅެންޖެހުނު ނަމަވެސް މިހާރަކު ހާސްވާކަށް ނުޖެހެއެވެ. މުޅި މީހާ ހުލިވެގެން ބޭހުގެ ޚަރަދުކުރާކަށް ނުޖެހެއެވެ. ބައިސްކަލުގެ މަޑިމައްޗާއި ޕެޑަލްމަތީގައި ބައިތިއްބައިގެން ކުދިން ގޮވައިގެން ސްކޫލްދޮށަށް ދާކަށް ނުޖެހެއެވެ. މިހާރު އެއަށްވުރެ ފަސޭހައެވެ. އެއްބަޔަކު ބުނާގޮތުގައި ޒަމާން ތަރައްގީވީއެވެ. ނޫނެކެވެ. މިއީ ހަމަ އެހެން އޮވެފައިވީ ތަރައްގީއެއްނޫނެވެ. މިއީ އަހަރުމެންގެ ކާބަފައިން އަހަރުމެންދެކެ ވީ ލޯބީގެ ނަތީޖާއެވެ. އެމީހުން އެއުފުލި ބުރަ އަހަރުމެން އުފުލަން ބޭނުންނުވާތީއެވެ.

އަހަރެންގެ ބައްޕަ އަހަރުމެންނާ ވަކިވެގެން ދިޔައީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ނުހަދައެއް ނޫނެވެ. އޭނާގެ އުއްމީދުތައް އޭނާގެ ދަރިންނަށް ދޫކޮށްފައެވެ. އަހަރެންގެ ވިސްނުން ހުރީ އެހެނެވެ. އަހަރެން މިހާރު މަސައްކަތް ކުރަމުން މިދަނީ އެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށެވެ. އެމަސައްކަތަކީ ބައްޕަގެ ހަޔާތުގެ މައްޗަށް ވާހަކައެއް ލިޔުމެވެ. އޭނާގެ ގަލަމުން ވާހަކައެއް ލިޔުމުގެ ނަސީބު ނުލިބުނު ނަމަވެސް އޭނާގެ ލެއިން އެތައް ވާހަކައެއް ވަނީ ލިޔެވިފައެވެ. އެ ހުރިހާ ކަމެއް ގެނެސްދިނުމުގެ އަޒުމުގައި އަހަރެން މިހިރީ ފައިތިލަ ސާބިތުކޮށްގެންނެވެ.

ނިމުނީ

Share Article

Follow Me Written By

IQ

Level 110 Stories

Other Articles

Previous

މީހެ އެބުނާ ލޯތްބަކީ!

Next

އައިމިނާބީ – 1

Next
August 7, 2016

އައިމިނާބީ – 1

Previews
August 7, 2016

މީހެ އެބުނާ ލޯތްބަކީ!

2 Comments!

  1. sabeeha says:
    August 7, 2016 at 9:51 am

    nice

  2. Someone says:
    September 2, 2016 at 4:35 pm

    Salhi

Comments are closed.



All Right Reserved!