Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމާ … އަންނާނެ ނަމަ އެދުވަސް އަލުން !

IQ Level 110 Stories
August 5, 2016 4 Mins Read
19 Comments

އެއީ މީގެ 20 އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 13 އަހަރެވެ. އަހަރެން ހަނދާން ހުންނައިރުން ފެށިގެން އަހަރެމެންގެ ކުޑަ ޢާއިލާ ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. ބައްޕައާއި މަންމަ ކައިވެނިކުރީ އެދެމީހުންގެ އުމުރުން 16 އަހަރުގައެވެ. މަންމައާއި ބައްޕަގެ ޒުވާން އުމުރުގައި ކުރެވުނު އެކައިވެންޏަށް އަހަރެން ލިބުމާއެކު އެދެމަފިރެންގެ މުޅި ހަޔާތަށް ބަހާރުމޫސުމް އައިކަހަލައެވެ.
ނަމަވެސް އެއުފާވެރިކަމަށް މާގިނަ ދުވަސްތަކެއް ނުވެ ކޮންމެވެސް މީހެއްގެ ހިޔަނި އެޅިގެން ދިޔައެވެ. މަންމައާއި ބައްޕަގެ ލޯބިވެތި ދިރިއުޅުން ހަނގުރާމައަކަށް ބަދަލުވިއެވެ. ޒުވާބެއްނުކުރާ ދުވަހެއް، ރެއެއް ނާދެއެވެ. ޒުވާބުކުރާ ވަކިކަމެއް ނޭނގެއެވެ. ދުވަހަކަށްފަހު ދުވަހެއް އަހަރެމެންގެ ދިރިއުޅުމުން އުފާވެރިކަން ގެއްލެމުން ގޮސް މުޅީން ޚަރީފުވެގެން ދިޔައެވެ.

އަހަރެންގެ ބައްޕަ އަހަންނާއި އަހަރެންގެ މަންމަ ދޫކޮށްލާފައި ދިޔައީ އަހަންނަށް ތޭރަ އަހަރު ފުރުމުގެ 2 އަހަރުކުރިންނެވެ. އެއީ އަހަރެންގެ ހިތުން ނުފިލާނެ ރެއެކެވެ.އެއީ ވެސް މަންމަމެން ވަރަށް ގަދަޔަށް ޒުވާބުކުރި ރެއެކެވެ.

އެއީ ވިއްސާރަރެއެކެވެ. އަހަރެން އޮތީ ކޮޓަރީގައި ފިލާވަޅުހަދާށެވެ. ވެހެމުންދިޔަ ވާރޭގެ އަޑުގެ ތެރެއިން ފުރޭނިގެން ކަހަލަގޮތަކަށް މަންމައާއި ބައްޕަގެ ޒުވާބުގެ އަޑު އަހަންނަށް އިވެމުންދިޔައެވެ. ޒުވާބުގެ އަޑުއަހާކަށް އެރެއަކު އަހަންނަކަށް މަޑަކުން ނޯވެވުނެވެ. ފޮތްތައް ބެހެއްޓުމަށްފަހު މަންމަމެންގެ ނިދާ ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. އަހަރެން ދިޔައިރު ބައްޕަ ދަބަހެއް ހިފައިގެން ބޭރަށް ނުކުންނަނީއެވެ. އަހަރެން ދޮރުމަތީގައި ހުއްޓާ ބައްޕަ ނުކުންނަމުން އަހަރެން ގާތަށް ތިރިވެލިއެވެ. ނިތްކުރިއަށް ދޮނެއް ދިނުމަށްފަހު އަހަރެން ގައިގައި ބައްދާލާފައި ބަސްއަހައިގެން އުޅުމަށްބުނެ ހިނގައިގަތެވެ. މަންމަ ރޮމުން ރޮމުން ބައްޕަގެ ފަހަތުން ނުކުތެވެ.  އަހަރުމެން ދެމައިން ދޫކޮށްފައި ނުދިޔުމަށް އެދި އާދޭސްކުރަމުން ދިޔައެވެ. ނަމަވެސް މަންމަގެ މި އާދޭސްތަކަށް ބައްޕަ ދިނީ ބީރުކަންފަތެކެވެ.

މަންމައާއި ބައްޕަ ވަކިވި ސަބަބެއް މަންމަ އަހަރެން ގާތަކު ނުބުނެއެވެ. އަހަންނަށް ދައްތައެއްގެ ފަރާތުން އެނގުނުހާވެސް އެއްޗަކީ ބައްޕަގެ ދިރިއުޅުން އިންޑިއާއަށް ބަދަލުކުރިކަމެވެ. އެއީ ބައްޕަގެ ދިރިއުޅުމަށް އައި އެހެން އަންހެނަކާ އެކުގައެވެ. އެދުވަހުގެ ފަހުން އަހަންނަކަށް ބައްޕަގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭގެފަހުން އަހަރެންގެ ދިރިއުޅުން ކުރިޔަށް ދިޔައީ ހަމައެކަނި މަންމައާ އެކުގައެވެ. އަހަރެމެން އުޅެމުންދިޔައީ ކުއްޔަށެވެ. އެހެންކަމުން މާގިނަ ދުވަސްތަކެއްނުވެ މަންމަ ވަޒީފާއަކަށް ދާންފެށިއެވެ. ވަޒީފާގައި ބުރަވުމުން އަހަރެން ސްކޫލަށް ބަލައި އަންނަން ގަޑިޖެހުން މަންމަގެ އާދައަކަށް ވިއެވެ. ސްކޫލްގެ ހުރިހައި ކުދިން އެކުދިންގެ ގޭގެއަށް ގޮސް ނިމޭއިރުވެސް އަހަރެން ބަލައި މަންމައަށް ނާދެވޭ ދުވަސްތައް ތަކުރާރުވާން ފެށިއެވެ. އެކަމާ އަހަރެން މަންމަދެކެ ކޮންމެވެސް ވަރަކަށް ރުޅިއަންނަން ފެށިއެވެ. ގޭގައި އަހަރެން ކާހިތްވާ ކަހަލަ ކާ އެއްޗެއް ނުހުންނަ ދުވަސްތައްވެސް ތަކުރާރުވާން ފެށިއެވެ. މަންމަ ބުނާގޮތުން ނަމަ ލިބޭ މުސާރައިން ކުލިދައްކާފައި އިތުރު ކަމަކަށް ޚަރަދުކުރާނެ އެއްޗެއް ނޯވެއެވެ.

ހެދުނުގެ ސަޔަށް އަބަދު އެކައްޗެއް ހުންނާތީ އަހަރެން ރުޅިއައިސްގެން މަންމައާ ދިމާއަށް ވަރަށް ހުތުރުކޮށް އެއްޗެހިވެސް ކީމެވެ. ސްކޫލުން އައިސް ފިލާވަޅު ހަދަން ބުނުމުންވެސް އަހަރެން މަންމަ ބުނާއެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. މަންމަވެސް އަހަރެންގެ ބޭނުންތަކަށް މާބޮޑު ސަމާލުކަމެއް ނުދޭހެން ހީވީމައެވެ. މަންމައާއި ބައްޕަ އެކުގައި އުޅުނުއިރު ބައްޕައަށް އެކަނި ލިބޭ މުސާރައިން އަހަރެންގެ ހިތްހަމަޖެހޭ ގޮތަށް ދިރިއުޅުން ކުރިޔަށް ދިޔަފަދައިން މަންމައަށް ލިބޭ މުސާރައިންވެސް އެހެން ވާންޖެހޭނެ ކަމުގެ ޝަކުވާ އަހަރެން ތަކުރާރުކުރީމެވެ. އަހަރެންގެ ޝަކުވާތަކަށް މަންމަ ރައްދު ދޭކަށް ނަހަދައެވެ. އަހަރެންގެ ޝަކުވާތަކަށް މަންމަ މަޑުމައިތިރިކަމާއެކު އިސްޖަހައިގެން ހުރެ ބޯލަނބާކަހަލައެވެ. ގިނަ ފަހަރަށް އަހަންނާ ދިމާއަށް ބާރަށް އެއްޗެކޭ ބުނެވުނަސް އަމިއްލައަށް އައިސް މާފަށް އެދި ރޯނެއެވެ. ކޮންމެގޮތެއް ވިއަސް އަހަރެން ދެކެ މަންމަ ލޯބިވާކަން އަހަންނަށްވެސް އެނގެއެވެ.

އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަހަރެން ހެނދުނު ސައިބޯން އިށީންއިރު ސަޔަށް ހުރީ އެހަފްތާގެ އެހެން ދުވަސްތަކެކޭ އެއްފަދައިން ސަޔާއި ބިސްކޯދެވެ. އަހަރެން އެކަމާ މަންމައާ ދިމާއަށް އެއްޗިހި ކިޔުމުން، އެދުވަހު މަންމައަށް މުސާރަ ލިބޭނެކަމަށް ބުންޏެވެ. އަދި އޮފީހުން އަންނަމުން އަހަރެން ބޭނުން އެއްޗެއް ގެނެސްދޭނެ ވާހަކަ ބުންޏެވެ. އޭގެ ރައްދުގައި އަހަންނަށް ހުށަހެޅުނީ އެހެން ޝަކުވާއެކެވެ. އެއީ ކޮންމެ މަހަކު މުސާރަލިބުމުން އަހަންނަށް ގަނެދޭން ބުނެފައި އޮންނަ ބައިސްކަލުގެ ވާހަކައެވެ. އެވަރު ކަމެއް މަންމައަށް ކޮށްނުދެވޭ ވާހަކައެވެ.

އެދުވަހުވެސް އަހަރެން ސްކޫލަށް ދިޔައީ މަންމަ ރޮއްވާލާފައެވެ. ހިތްހަމަވެސް ޖެހުނެވެ. ހިތުގައި ހުރި އެއްޗެހި ކިޔުނީމައެވެ. އެކަމަކު މަންމަ ރޯތަން ފެނުނީމާ ދެރަވެސް ވިއެވެ. މަންމައަށް ލިބޭ މުސާރައިން ނުވަނީއޭވެސް ހިތަށް އަރައެވެ. އެކަމަކު އެހެން ކުދިންހެން އަހަރެންވެސް އެހުރިހާ އުފަލެއް ބޭނުންވާތީ ޝަކުވާ ކުރެވެނީއެވެ.

އެދުވަހު ސްކޫލްގެ ގަޑި ނިމިގެން 51 މިނެޓް ވެގެންދިޔަ އިރުވެސް މަންމަ އަހަރެން ބަލައެއް ނާދެއެވެ. އަހަރެން އެކަނި ގެއަށް ދިއުމަށް ޓަކައި ހިނގައިގަތް ވަގުތު މަންމަ އަހަރެން ބަލާއައެވެ. މަންމަ އައިސް އަހަންނާ އަރާހަމަވުމުން އަހަރެން ބަލައި ދެން ނާންނާށޭ، އަދި އަހަންނަށްވެސް އެހެން ކުދިންހެން އެކަނި ގެޔަށް ދާން އެނގޭނެ ކަމަށް ބުނެ އެންމެންގެ ތެރޭގައި ހަޅޭއްލަވައިގަނެވުނެވެ. މަންމައަށް އިތުރު ބަހެއް ބުނުމުގެ ފުރުސަތު ނުދީ އަހަރެން ހިނގައިގަތްތަނާ މަންމަ އަހަރެންގެ ބުރަކަށީގައި އަތްއަޅާ ކޮއްޕާލިއެވެ. ކާރެއްގެ ބުރަކީގެ އަޑާއެކު މަންމަގެ ހަޅޭކުގެ އަޑު އަހަންނަށް އިވުނެވެ. އަހަރެން ފަސް އެނބުރި ބަލައިލީމެވެ. ކުރިމަތީ އޮތް ކާރުގެ ދަށުވެފައި އޮތީ އަހަރެންގެ މަންމައެވެ. ވަށައިގެން މީހުން އެއްވިއެވެ. އަހަރެން ގޮތް ހުސްވެފައި، ކާރުގެ ދަށުވެފައި އޮތް މަންމައަށް ބަލަން އިނދެވުނެވެ. އަނގައިން ބަހެއް ނުބުނެވުނުތާގައި، ހަރަކާތެއް ކޮށްލާކަށްވެސް ނޭގުނެވެ.

މަންމަ އަހަންނާ ވަކިވެގެންދިޔައީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދޭން އުޅެން ހަދައިގެންނެވެ. މަންމަގެ ޖަނާޒާއަށް ފަހު އަހަރެން ދިޔައީ ބޮޑު ދައިތައާއި ބޭބެއާއެކު އެމީހުންގެ ގެއަށެވެ. އެގެއަށް ދިރިއުޅުން ބަދަލުކުރުމަށް އަހަރެންގެ އެއްޗެހި ބަލައި އަހަރެމެންގެ ގެއަށް ދިޔައީ މަންމަ ނިޔާވިތާ 2 ދުވަސް ފަހުންނެވެ. ގެޔަށް ގޮސް އަހަރެންގެ ކޮޓަރިއަށް ވަން ވަގުތު  އަހަންނަށް ހުއްޓެވުނެވެ. އެ އެއްޗަކަށް އަހަރެން އެންމެ ބޭނުންވެގެން މަންމަގާތު އަބަދު އާދޭސްކުރާ ބައިސްކަލް އަހަރެންގެ ކޮޓަރީގައި ހުއްޓެވެ. ހިތަށް އެރިއެވެ. އެދުވަހު އޮފީސްނިންމާފައި އަންނަމުން މަންމަ އަހަންނަށް ގެނެސްދޭން ބުނި ހަދިޔާއަކީ މިއީތާއެވެ. އެ ބައިސްކަލަކީ މަންމަގެ ފަރާތުން އަހަންނަށް ލިބުނު އެންމެފަހުގެ ހަދިޔާއެވެ. އަހަރެންނަށް އެފެނުމުން އުފަލަށްވުރެ ބޮޑަށް ވީ ދެރައެވެ. ލޮލުން ކަރުނަ އައެވެ. އޭގައި ކުޑަ ނޯޓްކޮޅެއް ހަރުކޮށްފައި ހުއްޓެވެ. މާބޮޑު އެއްޗެއް ލިޔެފައި ނެތަސް މަންމަ ބުނަން ބޭނުންވެފައި ހުރި ހުރިހައި ވާހަކައެއް އެ ނޯޓުން ހާމަވެގެންދިޔައެވެ. އޭގައި އޮތީ މަންމައަށް އަހަރެންގެ ހުރިހާ ބޭނުމެއް އެންމެ ފުރިހަމައަށް ފުއްދައިނުދެވުނަސް މަންމަގެ ހުރިހާވެސް މީހަކީ އަހަރެންކަމަށާ، އަހަރެންގެ އުފަލަށްޓަކާ މަންމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަމަށެވެ. އެކަން އަހަންނަށް ވަރަށް ރަނގަޅަށްވެސް އެނގިގެން ހިނގައްޖެއެވެ.

މަންމަ ނިޔާވުމަށް ފަހު ދެން އަހަރެން ދިރިއުޅެންފެށީ ބޮޑު ދައިތައާއި ބޭބެއާ އެކުގައެވެ. އަހަރެންގެ ބައްޕަގެ ފަރާތުން ލިބެމުން ދިޔައީ ހަމައެކަނި އަހަރެންނަށް ކުރަންޖެހޭ ޚަރަދުގެ ފައިސާއެވެ. އަހަރެން އުޅޭ ހާލެއް ބަލައިލަން އަހަންނަށް ގުޅާވެސް ނުލައެވެ. ބޮޑު ދައިތަމެން ގެއަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު ސްކޫލަށް ގޮސްއައިސް ހަދަން ޖެހެނީ އެކަނިމާ އެކަންޏެވެ. އަހަރެން ކިޔަވާތޯ ފިލާވަޅެއް ހަދާތޯ ބަލައިލާނެ މީހަކު އެގެޔަކު ނޫޅެއެވެ. ބައްޕަ ފޮނުވާ ފައިސާއިން އަހަރެންގެ ބޭނުމަކަށް އެއްވެސް މިންވަރެއް ޚަރަދެއް ނުކުރެއެވެ. އެކަމުގެ ޝަކުވާކުރާނީ ކާކުގެ ގާތުގައި ހެއްޔެވެ. ކުޑަކޮށް ވެސް ކަމަކާ ހިތްހަމަ ނުޖެހުނަސް ބޮޑުދައިތަގެ ފަރާތުން އިވެނީ ރުޅިވެރިކަމުގެ ބަސްތަކެވެ. މުޅި މަސްދުވަހު އެކައްޗެއް ކާން ހުއްޓަސް ޝަކުވާއެއް ނުކުރަމެވެ. މަންމަ ނަމަ އަހަރެންގެ ޝަކުވާތައް އަޑުއަހާފައި ދެރަވާނެއެވެ.

އެކަމަކު މިހާރު އެހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ކޮންމެ ރެއަކު ފިލާވަޅު ހަދާއިރު އެހީވެދޭން މަންމަ ނެތްކަމުގެ އިޙްސާސް ކުރެވި ލޮލުން ކަރުނަ އާދެއެވެ. ކާންހަދަން ޖެހެނީ ގިނަފަހަރަށް އަމިއްލައަށެވެ. ކުރީގައި ނަމަ މަންމަ އަހަރެން ކައިނިމި ނިދަންދެން އަހަރެންނަށް ވާނުވާ ބަލާނެއެވެ. އޭރު ކިތަންމެ ރުޅިއަޔަސް މިހާރު އިންތިހާއަށް އެކަމާ ހިތާމަކުރަމެވެ. ސްކޫލް ނިމޭ ގަޑީގައި އެކަނި ގެއަށް އަންނަން ޖެހުމުން އެކަނިވެރިކަމާއި ބާކީކަން އިޙްސާސްކުރެވެއެވެ. ކުޑަ އިރުކޮޅެއް ލަސްވިއަސް އޭރު މަންމައާ ދިމާއަށް ގޮވުނު ގޮވުންތައް އަހަރެންގެ ކަންފަތުގައި މިހާރުވެސް ހަރުލާފައި ހުންނަކަހަލައެވެ. އެ ހުރިހައި ކަމަކަށް މިއަދު މާފަށް އެދެން ބޭނުންވެއެވެ. އެކަމަކު ދެނެއް އެދުވަހެއް ނާންނާނެއެވެ.

އޭގެ 20 އަހަރުފަހެވެ. މިހާރު އަހަންނަކީ ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ ވެރިއެކެވެ. ޒިންމާދާރު ފިރިއެކެވެ. ދެ ކުދިންގެ ބައްޕައެކެވެ. މަންމަ އަހަންނަށް ކަންތައް ކޮށްދިނީ ދަރިޔަކަށް މަޔަކު ނޫނީ ބައްޕައަކު ކަންތައްކޮށްދޭނެ އެންމެ ފުރިހަމައަށް ކަން މިއަދު އަހަންނަށް އިޙްސާސްކުރެވެއެވެ. އަމިއްލަ ކާރު އޮންނަ އިރުވެސް އަހަންނަށް ދަރިން ބަލައި ސްކޫލްދޮށަށް ދެވެނީ ގަޑިޖެހިގެނެވެ. ބޮޑު މުސާރަ ލިބޭ އިރުވެސް ޢާއިލާގެ ކަންތައް ދެކޮޅުޖެއްސެނީ ކިރިޔާއެވެ. އޭރު މަންމަ އެކަނި އަހަރެންގެ ކަންތައް ބެލެހެއްޓުމުގައި އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެކަން ޔަގީނެވެ. އެކަން ވިސްނެނީ މިހާރުއެވެ.

މިހާރުވެސް ވަރަށް ގިނައިން އަހަރެން މަންމަގެ މަހާނަ ދޮށަށް ގޮސް ރޮއި ހަދަމެވެ. މައާފަށް އެދެމެވެ. އެއްފަހަރު ނަމަވެސް މަންމަ އަހަރެންނަށް މާފު ކޮށްފީމޭބުނެ އަހަރެން ގައިގައި ބައްދާލުމަށް ތެދުވާނެ ނަމައޭ އަހަރެންގެ ހިތަށް އަރައެވެ. މަންމައަށް ޓަކައި ހެޔޮދުޢާކުރުން މެނުވީ މިއަދު އަހަންނަށް ކުރެވޭނެ ކަމެއްނެތެވެ. އަހަރެންގެ އަބަދުގެވެސް ހެޔޮ ދުޢާއަކީ މަންމަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމެވެ. އުމުރުން ދުވަސްވިޔަސް ގިނަ ތަޖުރިބާތަކެއް ކުރެވުނަސް މިއަދުވެސް އަހަރެން އަޅާ ކޮންމެ ފިޔަވަޅެއްގައި މަންމަގެ އެހީތެރިކަމުގެ އަތެއް ވާކަމުގެ އިޙްސާސްކުރެވެއެވެ.

މިދުނިޔޭގައި މައިންބަފައިންނެތް ޔަތީމު އެތައް ކުދިންނެއް ތިބޭނެއެވެ. އަހަރެން ފަދައިން މަންމައާއި ބައްޕަ ގެއްލިގެން ގޮސްފައިވާ އެތައް ބަޔަކު ތިބޭނެއެވެ. އަހަރެން ބުނެލަން ބޭނުމީ މަންމައާއި ބައްޕައާއެކު އުޅުމުގެ ނަސީބުލިބިފައިވާ މީހުން އެމީހުން ވަކިވެ ނުދަނީސް އެމީހުންގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަންކުރާށެވެ. ފާއިތުވެގެން ދާ ވަގުތަކީ އެނބުރި އަންނާނެ ވަގުތެއްނޫނެވެ. ލޯބިވާ މީހުން ގާތުގައި ލޯބިވެޔޭ ބުނާށެވެ. މާފަށް އެދެން ޖެހޭނަމަ މާފަށް އެދޭށެވެ.

ނިމުނީ

Share Article

Follow Me Written By

IQ

Level 110 Stories

Other Articles

Previous

ހިމޭން

Next

އިންތިހާ ލޯބިވަމޭ!

Next
August 5, 2016

އިންތިހާ ލޯބިވަމޭ!

Previews
August 5, 2016

ހިމޭން

19 Comments!

  1. Ainth says:
    August 5, 2016 at 9:21 pm

    Varah reethi vaahaka eh

  2. sabeeha says:
    August 5, 2016 at 9:23 pm

    v touching story eh..

  3. Marsh says:
    August 5, 2016 at 9:35 pm

    V emotonal story eh…

  4. Mari says:
    August 5, 2016 at 9:39 pm

    Vvvvv reethi…varah touching???..adhi hama eyhaaamey interesting story eh. Keep it up IQ..??

  5. shaai says:
    August 5, 2016 at 11:32 pm

    V nice story. N v iburaitheri vaahakaeh

  6. Enaash says:
    August 6, 2016 at 12:34 am

    V iburaitheri story

  7. # says:
    August 6, 2016 at 7:08 am

    Hama roavaalaafi. Varah iiburai theri vaahaka e… IQ ge falsafa vaahaka kobhaatha..

  8. Princess? says:
    August 6, 2016 at 9:19 am

    Asluves hama rovihje u are good writer

  9. samy says:
    August 6, 2016 at 11:26 am

    v reethi vaahaka

  10. Ehkala kujja says:
    August 6, 2016 at 3:38 pm

    Alhe.. varah touching stry eh.. hama rovihje..

  11. sumone says:
    August 6, 2016 at 4:19 pm

    didnt anyone notice !! this is a copy one i read it from some where else …alhe nikan IQ bune ba meee dhogekey?? this is a nice story i have already read this …… but ey varah kurin …but again mi kiyaalan liyunee theeve thankx ingeyy ….

    1. IQ says:
      August 6, 2016 at 4:57 pm

      mi vaahaka akee 2007 hisaabuga medianet ge magazine ga liyunu vaahakaeh . eyge fahun v baivaru site thakah mi vaahaka upkurin . baeh school thakuga ves mi vaahaka lessons thakakah use kuri so kiyaafa ovedhaane . dhen ehen meeheh mi vaahaka copy kohfa emeehehge amilla namuga nuliyaa kameh nehnge

  12. elu says:
    August 6, 2016 at 5:56 pm

    IQ i remember this story. ❤️. R u back?

  13. Shahu says:
    August 6, 2016 at 11:13 pm

    Vaahaka varah reethi

  14. Ainaan says:
    August 7, 2016 at 2:04 pm

    Loabivaa meehun kairi loabi vaa vahaka bunaashe.. maafah ehdhen jehey meehun kairi maafah edheyshe.. touching thankolheh… main bafain ge agu vazan kuranee vara vs madhe meehaaku.. ?

  15. ASHWA says:
    August 7, 2016 at 2:29 pm

    vra iburatheri

  16. shii says:
    August 14, 2016 at 11:45 am

    varah nice story eh

  17. Nafees says:
    December 4, 2016 at 6:04 am

    Mee hageegee haadhisaa akah vun varah gaaiy… Iburaiytheri vaahaka eh…

  18. yaakko says:
    October 25, 2017 at 1:21 pm

    nice storyyy ☺???

Comments are closed.



All Right Reserved!