Skip to content
އެސްފިޔަ

ހިމޭން ރާގު – ޓްރޭލާރ

Listen to this story Audio · 7:04 Powered by Esfiya Voice
0:00 7:04

ލިޔުންތެރިޔާގެ ޤަލަމުން:

“ހިމޭން ރާގު – ފުރަތަމަ ބައި”

ބައެއް ވާހަކަތައް ފެށެނީ ޝަޚުޞިއްޔަތަކުންނެވެ. އަނެއްބައި ވާހަކަތައް ފެށެނީ ހަނދާނަކުން ނުވަތަ އެންމެ ޖުމްލައަކުންނެވެ. ނަމަވެސް، މި ވާހަކަ ފެށުނީ ހިތްތަކަށް ގުޑުން އަރައިގެންދާނެ ފަދަ ހިތްގައިމު، އެހެނަސް މާޔޫސީ ރާގަކުންނެވެ.

“ފަރިބޯޒު ލަޗީނީ” ގެ ޕިއާނޯގެ ރާގު އަޑުއިވުނު ހިނދު، އަހަރެންގެ ހިތް މި މުޒިކީ ނޯތަށް ދޫވެގެން ދިޔައެވެ. މިއީކީ ހަމައެކަނި ރީތި ރާގެއް ނޫނެވެ. އޭގެއިން އަހަންނަށް ބުނެދޭން ނޭނގޭ ފަދަ އިހުސާސްތަކެއް ކުރުވިއެވެ. އެއީ މާޒީގެ ހަނދާންތަކާއި، ކަންކަމަށް އެދޭ އެދުމާއި އަދި ބަޔާންކުރަން ނޭނގޭ ފަދަ ހިތާމައެއް އެކުލެވިގެންވާ އިހުސާސެކެވެ. އެއީ ބަސްތަކުން ކިޔައިދޭން ނޭނގޭ ފަދަ ވާހަކައެއް ބުނެދޭން ބޭނުންވާފަދަ މިއުޒިކެކެވެ.

އަހަރެން ތަކުރާރުކޮށް މި މިއުޒިކު އަޑު އިވުނު ހިނދު،  ކޮންމެ ނޫޓެއްގެ މެދުގައި ފޮރުވިފައިވާ ހަނދާންތައް ތަޞައްވުރު ކުރެވެން ފެށުނެވެ. އަދި މަޑުމަޑުން އެ އިހުސާސްތައް ސިފަވާން ވެސް ފެށިއެވެ.

ހަނދާންނުގެ ބައެއް ފޮހެވިފައިވާ ފަދައެވެ. ސިއްރުތަކުން ފުރިފައިވާ މާޒީއެކެވެ. އަދި މުޅިން އޮޅުންނުފިލާ ހަނދާންތަކަކުން ގުޅިފައިވާ ބަޔެކެވެ. މި ހުރިހާ އިހުސާސުތަކެއް އެއް ފޮތަކުން ނުވަތަ ޞަފުޙާއަކުން ބަޔާންކޮށްދިނުމަށް ޓަކައި “ހިމޭން ރާގު – ފުރަތަމަ ބައި” ލިޔުމަށް ގަސްދުކުރީއެވެ.

އަހަރެން ބޭނުންވީ މިއީ ހަމައެކަނި ރީތި މިއުޒިކަކާ ގުޅިފައިވާ ވާހަކައަކަށް ހަދާކަށް ނޫނެވެ. އަހަރެން ބޭނުންވީ އެ އިހުސާސްތައް ލަފުޒުތަކުން ދިރުވައި، ކޮންމެ ހިމޭންކަމަކީ މާނައެއް އެކުލެވޭ، އަދި ކޮންމެ ރާގަކީ ސިއްރެއް ފޮރުވިފައިވާ، މީގެ އިތުރުން ކޮންމެ ހަނދާނަކީ އަޑެއްވާ ދުނިޔެއެއްކަން ބުނެދޭށެވެ.  މި ވާހަކައަކީ، އެ މިއުޒިކުން އަހަންނަށް ކުރެވުނު އިހުސާސްތައް، ކިޔާލެވޭ، ތަޞައްވުރު ކުރެވޭ އަދި ހަނދާން ހުންނާނެ ފަދަ އެއްޗަކަށް ބަދަލުކުރުމަށް އަހަރެން ކުރި މަސައްކަތެކެވެ.

ފަހަރުގައި މިއުޒިކްގެ ހުރި އެންމެ ފުރިހަމަ ސިފައަކީ އެއީ ކަން ނޭނގެއެވެ. އެއީ ކީއްވެގެންކަން ބުނެނުދީ، އަހަރެމެންގެ ހިތުގެ ފުންމިނަށް އެ އިހުސާސްތައް ގެންގޮސްދެއެވެ. އަދި ބައެއް ފަހަރު، އެ ބަޔާންކުރަން ނޭނގޭ އިހުސާސްތަކަކީ މުޅިން އާ ވާހަކައެއްގެ ފެށުމަކަށް ވެސް ވެދެއެވެ.

މި ވާހަކަ ކިޔާ ކޮންމެ ކިޔުންތެރިއަކަށް، މި މިއުޒިކް އަހަރެންގެ ހިތުގައި ބިންވަޅު ނެގުނު ފަދައިން، މި ވާހަކައިގެ ތެރެއިން ވެސް ހިތުގައި ހަރުލާނެ ފަދަ ކަންތައްތަކެއް ފެންނާނެ ކަމަށް އުންމީދު ކުރަމެވެ. ސަބަބަކީ ބައެއް ފަހަރު، އެންމެ ރީތި ވާހަކަތަކަކީ ހަމައެކަނި އަޑުއިވުމަށް ލިޔެފައިވާ ވާހަކަތަކެއް ނޫނެވެ. އެއީ ހިމޭންކަމުން ވާހަކަދެއްކުމަށް ލިޔެފައިވާ ވާހަކަތަކެކެވެ. ވީމާ، “ހިމޭން ރާގު” ގެ ފުރަތަމަ ބަޔަށް ނަޒަރެއް ދެމާ ހިނގާށެވެ.

ވާހަކައަށް ނަޒަރެއް:

ބައެއް ގެތަކަކީ ސިއްރުތަކުން ފުރިގެންވާ ތަންތަނެވެ. އަނެއްބައި ގެތަކަކީ އެ ސިއްރުތައް ވަޅުލަން އުޅުނު މީހުންގެ ހަނދާންތައް އާކޮށްދޭ ތަންތަނެވެ.

ކަމީލިއާ ވެލެން، ބެލަކޯޓުގެ ސިއްރުވެރި މާހައުލަށް ދިޔައީ، އޭނާގެ މާމަ މާގަރެޓުގެ މާޒީގެ ބައެއް ހަގީގަތްތައް ހޯދުމަށެވެ. ނަމަވެސް، އޭނާއަށް ވަދެވުނީ މީގެ ނުވަދިހަ އަހަރު ކުރިން ފެށިފައިވާ ބޮޑު ސިއްރެއްގެ ތެރެއަށްށެވެ. ހަނދާންތަކެއް އާކޮށްދޭ ފޮޓޯތަކާއި، ބަންދުކޮށްފައިވާ ކޮޓަރިތަކާއި، ސިޓީތަކާއި މީގެ އިތުރުން، ހިމޭންވުމަށް އިންކާރުކުރާ މިއުޒިކް ރާގެއްގެ ތެރެއަށްށެވެ.

މި ހުރިހާ ކަމެއްގެ މެދުގައިވަނީ “ލެކޯ ޑޭ ޖުއަސް ޕާޑޫ” ނުވަތަ “ގެއްލިފައިވާ ދުވަސްތަކުގެ ހަނދާންތައް” ކެވެ. އެއީ ތިން މީހެއްގެ ދިރިއުޅުމާ ގުޅިފައިވާ، ހިތްދަތި ޕިއާނޯ ރާގެކެވެ. އެހެނީ މާގަރެޓާއި، އެލާރާ ވޭލް އަދި ލޫކު އެލިސްޓެއަރ ވެލެންއެވެ. އެމީހުންގެ ދިރިއުޅުން ފުންވަޅުގަނޑަކަށް ވެއްޓިގެން ދިޔައީ 1936 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ހީނުކުރާފަދަ ސިއްރެއްގެ ތެރެއިންނެވެ. އޭގެ ފަހުން އެލާރާއާއި ލޫކު ގެއްލުނެވެ. އަދި އާއިލީ ރެކޯޑުތައް ބަދަލުކޮށް، އެތައް އަހަރެއްގެ ހިމޭންކަމުގެ ތެރޭގައި ހަގީގަތް ވަޅުލެވުނެވެ.

ކަމީލިއާ ބެލަކޯޓުގެ ތެރޭގައި ހޯދުންތައް ހޯދަމުން ދިޔައިރު، އޭނާގެ މާމައަކީ އޭނާ އަބަދުވެސް ގަބޫލުކުރި ކަހަލަ މީހެއް ނޫންކަން އެނގެން ފެށިއެވެ. ފޮރުވިފައިވާ މެސެޖުތަކުން އެންމެންނަށް އިތުބާރު ނުކުރުމަށް އިންޒާރު ދެއެވެ. ގަޑީގެ ކަށި 11:47 ގައި ހުއްޓިފައި ހުރިއިރު، ދޮންލޯ ތަޅުދަނޑިއެއްގެ އެހީގައި އިރުމަތީ ސިޑީގެ ދަށުގައިވާ ފޮރުވިފައިވާ ކޮޓަރިއަކަށް އޭނާއަށް ވަދެވުނެވެ. ނަމަވެސް އެންމެ ބޮޑު ހަގީގަތް އޭނާއަށް ފެނުނީ ބަގީޗާގައި ހުރި ބިއްލޫރި ގެ އެއްގެ ތެރެއިންނެވެ.

އެތަނުގައި ހުރި އާއިލީ އަސްލު ރެކޯޑުތަކާއި ފޮޓޯތަކުގެ ތެރެއިން، އޭނާ އާއި ހަމަ އެއް ސިފައެއް ހުރި ޒުވާން އަންހެން ކުއްޖެއްގެ ފޮޓޯ ކަމީލިއާއަށް ފެނެއެވެ. އެ ފޮޓޯއަކީ 1936 ގެ ފޮޓޯއެއް ނަމަވެސް، މާގަރެޓު ލިޔެފައިވާ ނޯޓަކުން އެނގޭ ގޮތުގައި އެ ކުއްޖާ އުފަންވީ 2026 ގައެވެ.

ކުއްލިއަކަށް، މި ސިއްރަކީ ހަމައެކަނި އޭނާގެ މާމައަށް ވީގޮތުގެ ވާހަކައެއް ނޫންކަން އެނގުނެވެ. މިއީ ސީދާ ކަމީލިއާގެ އަމިއްލަ ނަފްސާ ގުޅިފައިވާ ކަމެކެވެ.

އެގޮތުން، ފޮޓޯގައި ހުރި އަންހެން ކުއްޖަކީ ކާކު ހެއްޔެވެ؟ އެލާރާއަށް އެ ކުއްޖާ އެނގެނީ ކީއްވެ ހެއްޔެވެ؟ ލޫކަށް ވީ ކިހިނެއް ހެއްޔެވެ؟ އަދި އެ މިއުޒިކް ރާގުގެ އެންމެ ފަހު ބައި ކުޅެން ނެތީ ކީއްވެގެން ހެއްޔެވެ؟

މާޒީގެ އަޑުތައް މިހާރުގެ ތެރެއިން އިވެން ފެށުމާއެކު، ކަމީލިއާއަށް ބިރުވެރި ހަގީގަތަކާ ކުރިމަތިލާން މަޖުބޫރުވިއެވެ. އޭނާއަށް އާއިލާގެ ފަރާތުން ލިބެމުން މިދަނީ ހަމައެކަނި ސިއްރުތަކެއް ނޫނެވެ. އޭނާއަށް ވާރުތަވަމުން މިދަނީ އެއަށްވުރެ މާ އާދަޔާ ޚިލާފު ކަމެކެވެ.

ސަބަބަކީ ބައެއް ވާހަކަތަކަކީ ދުވަހަކު ވެސް ނިމޭ އެއްޗެއް ނޫނެވެ. އެ ވާހަކަތައް އިންތިޒާރު ކުރަނީ މީހަކު އައިސް އޭގެ ދެން އޮތް ނޯޓު ކުޅޭނެ ވަގުތަކަށެވެ.

“އަހަންނަށް ބުނެދޭން ނޭނގޭ އިހުސާސުތަކެއް އެ ރާގަކުން ބަޔާންކޮށްދޭފަދަ މަޑުމޮޅި ރާގެއް އަޑުއިވުނެވެ. އެތައް ހާސް ހަނދާންތަކެއް އިހުސާސް ކުރެވެން ފެށުނެވެ. އަދި އެ ރާގުގެ ނޫޓުތަކުގެ މެދުގައިވާ ހިމޭންކަމަށް ޓަކައި ވާހަކައެއް ލިޔުނީމެވެ.”

ވާހަކައިގެ ބައެއް “ނުކުތާތައް”

“ބައެއް ރާގުތައް ނިމިދެއެވެ. ނަމަވެސް އެ ރާގުތަކުން އުފައްދައިދޭ އިހުސާސްތައް ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.”

“އެންމެ ހިތާމަވެރި ވަދާޢީ ސަލާމަކީ، ބަސްތަކުން ވެސް ބަޔާންކޮށްދެވިފައިނުވާ ސަލާމެކެވެ.”

“ކުޅެވެމުންދިޔަ ރާގު ހުއްޓުނެވެ. އެތައް ފަހަރަކު ހުއްޓުނެވެ. ނަމަވެސް ވާހަކަ ފެށުނީ އެންމެ ފަހުންނެވެ.”

“މާޒީ ދުވަހަކުވެސް ފިލައިގެން ނުދާނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ހަމައެކަނި ހިމޭނުން ހުންނަން ދަސްކުރީ ކަމުގައި ވާނަމަޔޯއެވެ؟”

“ބައެއް ދޮރުތައް ތަޅުދަނޑިން ހުޅުވުނަސް، އަނެއްބައި ދޮރުތައް ހޭލައްވާލަނީ ރާގުތަކުންނެވެ.”

“އެންމެ ފަހު ނޫޓަކީ ދުވަހަކު ވެސް ގެއްލުނު ނުވަތަ މަދުވި އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި މީހަކު އެ އަޑު އިވުނަ ނުދިނުމަށް ދެކޮޅު ހެދި ނޫޓުތަކެކެވެ.”

“އަދި މިއުޒިކްގެ އަޑު ފަނޑުވެގެން ދިޔުމުން، ހިޔަނިތައް ވާހަކަދައްކަން ފެށިއެވެ.”

މިއީ ވާހަކައިގައި ވާނެ ބައެއް ކަންކަމެވެ.

ނޯޓު: “ހިމޭން ރާގު” މި ވާހަކަ އަކީ ބައިތަކަކަށް ބެހިގެން ލިޔެފައިވާ ވާހަކައެކެވެ. އެގޮތުން މިއީ “ހިމެން ރާގު” ގެ ފުރަތަމަ ބައެވެ. ވާހަކައިގެ ފުރަތަމަ ބައިގެ ފުރަތަމަ ބާބު އިންޝާﷲ ވަރަށް އަވަހަށް ކިޔާލަން ލިބޭނެއެވެ. އަދި މިއީ މި ސައިޓަށް ލިޔާ “ޕްރޯ” ވާހަކައެއްކަން ވެސް ބުނެދެމެވެ.

އިންތިޒާރުކޮށްލައްވާ!