
ލޯބިން މިހިތް ވަނީ ފިދާއޭ – 1

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ފިނި މާހައުލަށް ވެރިވެފައިވަނީ ތެތްފިނި، އަޅިވިލާތަކުން ބައްދާލެވިފައިވާ ފަނޑު ހެނދުނެކެވެ. ޝާހީ އާއިލާތަކުގެ ދަރިންނާއި، ދުނިޔޭގެ ނުފޫޒުގަދަ މަހުޖަނުންގެ ދަރިން އެ ތަނަކަށް ޖަމާވާ މަޝްހޫރު “ރޯޔަލް ކިންގްސްޓަން ޔުނިވާރސިޓީ” ގެ ހައިބަތު ބޮޑު، ގަދީމީ އިމާރާތުގެ ބިއްލޫރި ކުޑަދޮރުތަކުން ފެންނަނީ ޝާހީ ފުރިހަމަކަމެވެ. މުޅި ކެމްޕަސް ތެރޭގައިވެސް ވަނީ މުއްސަނދިކަމާއި ޒަމާނީ ޖާހަތުގެ އަސަރެވެ.
ޔުނިވަރސިޓީގެ މައި ގޭޓުން އެތެރެއަށް ވަދެގެން އައި ކަޅުކުލައިގެ އަގުބޮޑު ‘ލެމްބޯގިނީ’ ކާރުގެ ބާރު އަޑުފަށްގަނޑު މުޅި ސަރަޙައްދަށް ގުގުމައިގެން ދިޔައެވެ. ވީއައިޕީ ޕާކިންގް ޒޯނުގައި ކާރު މަޑުކޮށްލުމާއެކު، އެ ސަރަޙައްދުގައި ތިބި އެންމެންގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ.
ކާރުގެ ދޮރު ހުޅުވާލުމަށްފަހު ފައިބައިގެން އައީ ރެޔާން މާލިކް އެވެ.
އުމުރުން އެންމެ ސައްވީސް އަހަރުގެ ރެޔާން އަކީ ބަލާލި ކޮންމެ މީހަކު ހައިރާންކޮށްލާ ފަދަ ފުރިހަމަ، ފިރިހެންވަންތަ ރީތިކަމެއް ލިބިފައިވާ ޒުވާނެކެވެ. އިސްކޮޅުން ދިގު، ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ އެންމެ ޖާދުވީ ސިފައަކީ އަޖައިބެއްފަދަ ފުން ނޫކުލައިގެ ދެލޮލެވެ. ނަމަވެސް އެ ބެލުމުގައި ވަނީ އިންތިހާއަށް ފޮނިކަމާއި، އެއްވެސް މީހަކު އެއްޗަކަށް ނަހަދާ ފަދަ ބޮޑާކަމެވެ. މަޝްހޫރު ބިލިއަނަރު މާލިކް ޢަލީގެ އެންމެ ހަގު ފިރިހެން ދަރިފުޅަށް ވުމުން، ހިނގުމުގައިވެސް ހުރީ ދުނިޔެ އޭނާގެ ފައިބުޑަށް ވެއްޓިފައިވާ ފަދަ ޝާހީ، ކިބުރުވެރި ގޮތެކެވެ. އަޅައިގެން ހުރި އަގުބޮޑު ކަޅު ކޯޓު ރީތިކޮށްލަމުން، އަވި އައިނު ނަގައި ނިތްކުރިމައްޗަށް އަރުވާލި ގޮތުންވެސް ފެންނަނީ ވަރުގަދަ ބޮޑާކަމެކެވެ.
އޭނާ ކުރިއަށް ހިނގައިގަތް ވަގުތު، ދެފަރާތުން އައިސް އަރާ ހަމަކުރީ އޭނާގެ ދެ އެކުވެރިންނެވެ. ޝާހީ ޚާންދާނަކަށް ނިސްބަތްވާ އަޒްލާން ޝާހް އަދި އިނގިރޭސި މަތީ ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ޑެނިއަލް ވާޓަރސް އެވެ.
“ލުކް އެޓް ހިމް، އަހަރެމެންގެ ޕްރިންސް އޮފް ލަންޑަން ވަޑައިގެންފި!” ޑެނިއަލް ހީނގަންނަމުން ބުނެލިއެވެ.
ރެޔާން ތުންފަތްމައްޗަށް ވެރިކުރީ ކުޑަ، ފޮނި ހިނިތުންވުމެކެވެ. އެވަގުތު ކައިރިން ލާފައި ދިޔަ އަންހެން ކުދިންތަކެއް ރެޔާނަށް ބަލައިލުމަށްފަހު، އެކަކު އަނެކަކަށް ކުދިކިޔަމުން ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. ނަމަވެސް ރެޔާން އެކުދިންނަށް ބަލައިވެސް ނުލައި، އިސްއުފުލައިގެން ހުރެ ބޮޑާ ހިނގުމެއްގައި ކުރިއަށް ދިޔައެވެ.
“ބްރޯ، ޔޫ މިސްޑް ދަ މޯނިންގ ލެކްޗަރ އެގެއިން. ޕްރޮފެސަރ ހެރިސަން ހުރީ ވަރަށް ރުޅިއައިސްފަ،” އަޒްލާން އަތުކުރީ އޮތް އަގުބޮޑު ގަޑިއަށް ބަލައިލަމުން ބުންޏެވެ.
“ހޫ ކެއާސް އެބައުޓް ހެރިސަން، އަޒްލާން؟” ރެޔާން ކިބުރުވެރި ރާގަކަށް ރައްދު ދިނެވެ. “އަހަރެންގެ ބައްޕަގެ އެހީއާ ނުލައި އެ މުސްކުޅިޔާއަށް މުސާރަ ލިބޭނެ ގޮތެއްވެސް ނޯންނާނެ. ލެޓް ދަ އޯލްޑް މޭން ޓޯކް. އަހަރެން މިތަނަށް މިއައީ ފޫހި ފޮތްތަކެއް ކިޔާކަށް ނޫން.”
“ދެޓްސް ދަ ރެޔާން މާލިކް ވީ ނޯ!” ޑެނިއަލް އެއްބަސްވަމުން ބުންޏެވެ. “ސޯ، ވަޓްސް ދަ ޕްލޭން ފޯ ޓުނައިޓް؟ އައުރާ ކްލަބަށް ދާނީތަ؟ ސޯފިއާ މިއަދު ހެނދުނުއްސުރެ ރެޔާން ކޮބައިތޯ އެބަ އަހާ.”
“ސޯފިއާ؟” ރެޔާން ފޫހި ގޮތަކަށް ވިސްނާލިއެވެ. “ޝީ އިޒް އޯލްޑް ނިއުސް، ޑޭން. އަހަރެން މިހާރު އޭނަ މަތިން ފޫހިވެއްޖެ. އައި ނީޑް ސަމްތިންގ ނިއު… ކޮންމެވެސް ތަފާތު ކަމެއް.”
“ލައިފް އިޒް ޓޫ ޝޯޓް ޓު ފޯލް އިން ލަވް، ބޯއިސް. ޖަސްޓް ޕްލޭ ދަ ގޭމް އެންޑް ބްރޭކް ދަ ރޫލްސް،” ރެޔާން ފަޚުރުވެރިކަމާއެކު ބުނެލިއެވެ.
ޔުނިވަރސިޓީގެ މައި ކޮރިޑޯގެ ތެރެއިން އެ ތިން ޒުވާނުން ހިނގަމުން ދިޔައިރު، އެމީހުންގެ ވަށައިގެން ވަނީ ޚާއްޞަ ހައިބަތަކާއި ނުފޫޒެކެވެ. މާބްލް ތަޅުންގަނޑުގައި ރެޔާންގެ އަގުބޮޑު ބޫޓު ޖެހޭ އަޑު ގުގުމަމުން ދިޔައީ، އެހެން އެންމެންނަށްވުރެ އޭނާ މަތިވެރިކަން ދައްކުވައިދޭ ފަދަ ގޮތަކަށެވެ. އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްނުލައި، އިސް އުފުލައިގެން ހުރެ އޭނާ ދިޔައީ ބޮޑާކަމުގެ އިންތިހާއެވެ.
މެންދުރުގެ ވަގުތުގައި ކެމްޕަސްގެ އެންމެ ޝާހީ ކެފެޓީރިއާ އޮތީ ދަރިވަރުންނާއި ލެކްޗަރާއިންނާއިގެން ފުރިބާރުވެފައެވެ. ނަމަވެސް ބިއްލޫރި ދޮރު ކުއްލިއަކަށް ހުޅުވާލުމަށްފަހު ރެޔާން އެތެރެއަށް ވަދެގެން އައުމާއެކު، މުޅި ތަނަށް ކަހަލަ ގޮތަކަށް ހަމަހިމޭންކަން ވެރިވިއެވެ. ދެޖީބަށް އަތްޖަހައިގެން ހުރެ، ތުންފަތްމައްޗަށް ވެރިކޮށްފައިވާ މަލާމާތުގެ ހިނިތުންވުމާއެކު އޭނާ ކުރިއަށް ހިނގައިގަތީ، އެތަނަކީ އޭނާގެ އަމިއްލަ މިލްކިއްޔާތެއް ފަދައިންނެވެ.
ކެފެޓީރިއާގެ މެދުގައި ހުރި އެންމެ ރީތި، ބިއްލޫރި މޭޒު ކައިރީގައި ދެތިން ކުއްޖަކު ފޮތްތައް ހުޅުވައިގެން ކިޔަވަން ތިއްބެވެ. އެ ކުދިންނާ އަރާހަމަކޮށް، ރެޔާން އެއްވެސް ޖެހިލުމެއްނެތި މޭޒުމަތީގައި ބާރަކަށް އަތުން ޖަހާލިއެވެ.
“މޫވް،” ރެޔާންގެ ފިނި، އަމުރުވެރި އަޑު މުޅި ހިސާބަށް އިވިގެން ދިޔައެވެ. “ޔޫ ނޯ ދިސް އިޒް މައި ސްޕޮޓް.”
އެ ކުދިން ބިރުން ތުރުތުރުއަޅަމުން، އެއްވެސް ޝަކުވާއެއް ކުރުމެއްނެތި، އަވަސްއަވަހަށް ފޮތްތައް އަތުރާލައިގެން އެތަނުން ތެދުވެގެން ދިޔައީ ރެޔާންގެ ނުފޫޒަށް ބިރުންނެވެ. ރެޔާން ފަޚުރުވެރިކަމާއެކު އެތަނުން އެއް ގޮނޑީގައި އިށީނދެ، ފައިމައްޗަށް ފައި އަރުވާލިއެވެ.
“ދެޓްސް ދަ ޕަވަރ،” ޑެނިއަލް ހީނގަންނަމުން އަނެއް ގޮނޑީގައި ހަމަޖެހިލިއެވެ. “ކޮންމެ މީހަކަށްވެސް އެނގޭ ރެޔާން މާލިކްގެ ކުރިމައްޗަށް އަރައިފިއްޔާ ވާނެ ގޮތް.”
އެވަގުތު ވެއިޓަރަކު އައިސް ފިނިފެން ތަށިތަކެއް މޭޒުމަތީ ބަހައްޓަން އުޅުމުގެ ތެރޭގައި، ރެޔާންގެ ކޯޓުގެ އަތްކުރީގައި ފެންތިއްކެއް ޖެހުނެވެ. ރެޔާންގެ އެ ރީތި ނޫ ދެލޯ ވަގުތުން ރަތްވެ، ރުޅިވެރިކަމުން ފުރިގެން ދިޔައެވެ.
“އާރ ޔޫ ބްލައިންޑް؟” ރެޔާން ގޮނޑިން ތެދުވެ، ވެއިޓަރުގެ ގަމީހުގެ ގިރުވާނުގައި ހިފާ ގާތަށް ދަމައިގަތެވެ. “މި ކޯޓުގެ އަގު ކަލެއަށް އެނގޭތަ؟ ކަލޭގެ އެއް އަހަރުގެ މުސާރަ ދިނަސް މިވަރުގެ އެއްޗެއް ނުގަނެވޭނެ! ގެޓް އައުޓް އޮފް މައި ސައިޓް، ބިފޯރ އައި ހޭވް ޔޫ ފަޔަރޑް!”
ބިރުން ފިތްކަނޑައިގެން ގޮސްފައި ހުރި ވެއިޓަރު މާފަށް އެދެމުން، ދުވެފައި އެތަނުން ދުރަށް ދިޔައެވެ. ކެފެޓީރިއާގައި ތިބި އެހެން ކުދިން ރެޔާންގެ އަނިޔާވެރި، ބޮޑާ މިޒާޖާމެދު ސިއްރުސިއްރުން ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އެކަކަށްވެސް އޭނާއާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރެއެވެ.
“ރިލެކްސް ބްރޯ، ޖަސްޓް އަ ސްޓުޕިޑް ވެއިޓަރ،” އަޒްލާން މޭޒުމަތީގައި އަތްއަޅުވާލަމުން ބުންޏެވެ. “ރޭގަ ޕާޓީން ފަތިހު ހަތަރެއް ޖެހިއިރު ގެއަށް އައިސް، އަދިވެސް ހޭންގްއޯވަރ ނުފިލަނީތަ؟”
ރެޔާން ފޫހިގޮތަކަށް ޓިޝޫއަކުން އަތް ފޮހެލަމުން ގޮނޑިއަށް ވެއްޓިގަތެވެ. “އައި ޑޯންޓް ކެއަރ އަޒްލާން…އެއްވެސް މީހަކަށް އަހަރެންގެ ކުރިމަތީގައި ގޯހެއް ނުހެދޭނެ…ކަންކަން ވާންޖެހޭނީ އަހަރެން ބޭނުންވާ ގޮތަށް.”
“އެހެންވީމާ މިރޭގެ ޕްލޭނަކީ ކޮބާ؟” ޑެނިއަލް އަހާލިއެވެ. “ކްލަބް ވީއައިޕީ ރޫމް އޮތީ އަހަރެމެންނަށް ރިޒާވްކޮށްފަ…ލަންޑަންގެ އެންމެ ހޮޓް މޮޑެލްސްތައްވެސް އެބައުޅޭ އެކޮޅުގަ.”
“އޮފްކޯސް ވީ އާރ ގޮއިންގ،” ރެޔާންގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. “ފޮތްތަކުގެ ތެރޭގައި ހަޔާތް ބޭކާރުކުރާނީ ކަންނެތް ނިކަމެތިން. އަހަރެމެން އުޅޭނީ އަހަރެމެންގެ އުސޫލުން. ފައިސާއާއި މަޖާ… ދެޓްސް އޯލް ދެޓް މެޓާރސް.”
ކެފެޓީރިއާގެ ހަލަބޮލިކަމުގެ ތެރެއިން ނިކުމެ، އެ ތިން ޒުވާނުން ދެން މިސްރާބު ޖެހީ ބިޒްނަސް ފެކަލްޓީގެ އެންމެ މަތީ ފަންގިފިލާގައި ހުންނަ ބޮޑު ލެކްޗަރ ހޯލާ ދިމާއަށެވެ. އެމީހުން ހޯލުގެ ބޮޑު ދޮރު ކުއްލިއަކަށް ހުޅުވާލާފައި އެތެރެއަށް ވަދެގެން ދިޔައިރު، ގަޑިޖެހުނުތާ ބައިގަޑިއިރު ވެއްޖެއެވެ. ކިޔަވައިދޭން ހުރި މުސްކުޅި ޕްރޮފެސަރުގެ ވާހަކަ މެދުކެނޑި، މުޅި ހޯލުގައި ތިބި އެތައް ސަތޭކަ ދަރިވަރުންގެ ލޯތައް އެމީހުންނަށް ހުއްޓުނެވެ. ނަމަވެސް، މަޢާފަށް އެދުމުގެ އެއްވެސް ޚިޔާލެއް ނެތި، ރެޔާން ކުރިއަށް ހިނގައިގަތީ މުޅި ތަނުގެ ވެރިޔަކީ އޭނާ ކަމަށް ދެކިގެން ހުރި ފަދަ ކިބުރުވެރި ގޮތަކަށެވެ.
ހޯލުގެ އެންމެ ފަހަތު ބަރީގައި އެމީހުންނަށް ޚާއްޞަކޮށްގެން ޖާގަ ހިފަހައްޓައިގެން ތިބީ އެ ގްރޫޕުގެ އަނެއް ދެ މެންބަރުންނެވެ. ލަންޑަނުގެ މަތީ ފަންތީގެ މުއްސަނދި އާއިލާތަކަށް ނިސްބަތްވާ، ފެޝަނަށް ލޯބިކުރާ ނުހަނު ރީތި ދެ އަންހެން ކުދިންނެވެ. އޭގެ ތެރެއިން އެކަކީ ނަތާޝާއެވެ. އަނެއް ކުއްޖަކީ ސެރީނާއެވެ. ސެރީނާގެ ދޮން މޫނާއި، ބުޅި އިސްތަށިގަނޑާއި، އަގުބޮޑު ފޭރާމުން ފެންނަނީ ފުރިހަމަ އަދި ޖާދުވީ ރީތިކަމެކެވެ. ނަމަވެސް ސެރީނާގެ މުޅި ދުނިޔެ ގުޅިފައިވަނީ ރެޔާންއާއެވެ. އަބަދުވެސް ރެޔާންގެ ގައިގައި ތަތްވެގެން އުޅުމަކީ އޭނާގެ އާދައެވެ.
ރެޔާން ފެނުމާއެކު، ސެރީނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަދި އަތުން އިޝާރާތްކޮށްލަމުން ގޮވާލިއެވެ.
“ޔާން… ކަމް ހިޔަރ ބޭބީ!” ސެރީނާ ވަރަށް ލޯބިން ގޮވާލިއެވެ.
ރެޔާން ގޮސް އެ ސީޓުތަކާ އަރާހަމަވި ވަގުތު، ސެރީނާ ވަގުތުން ތެދުވެ ރެޔާންގެ ކަނދުރާގައި ދެއަތް އަޅުވާލަމުން އޭނާގެ ގައިގައި ބައްދާލިއެވެ. އަދި މުޅި ކްލާހުގެ އެންމެން ބަލަން ތިއްބާ، އެއްވެސް ޖެހިލުމެއްނެތި ރެޔާންގެ ކޯތާފަތުގައި ބޮސްދިނެވެ. ސެރީނާގެ ދިގު ނިޔަފަތިތަކުން ދިޔައީ ރެޔާންގެ ކަޅު ކޯޓުގެ ގިރުވާނާއި ކޮނޑުމަތީގައި މަޑުމަޑުން ފިރުމަމުންނެވެ. އިންތިހާއަށް ގައިގޯޅިވެގެންނެވެ.
“އައި މިސްޑް ޔޫ ސޯ މަޗް،” ސެރީނާ އޭނާގެ މަޑުމައިތިރި، ނާޒުކު އަޑުން ބުނެލިއެވެ.
ރެޔާން ފަރުވާކުޑަ ގޮތަކަށް ސެރީނާގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓާލަމުން އޭނާގެ ގާތުގައި އިށީނެވެ. އެ ބޮޑާ ނޫ ދެލޮލުގައި ވަނީ އެއްވެސް އަސަރެއް ނެތް ފިނިކަމެކެވެ.
“ޔޫ ނޯ އައި ހޭޓް މޯނިންގްސް، ސެރީ،” ރެޔާން ފޫހި ރާގަކަށް ބުންޏެވެ.
“ހޭއި ބޯއިސް،” ނަތާޝާ އޭނާގެ ލޮލުގައިވާ އައިނު އިސްތަށިގަނޑު މައްޗަށް އަރުވާލަމުން އަޒްލާންއާ ދިމާއަށް ބަލައިލިއެވެ. “ކޮބާ މިރޭގެ ޕްލޭން ފައިނަލްތަ؟ އައުރާ ކްލަބަށްތަ ދަނީ؟”
“އޮފްކޯސް ޓާޝް، ވީއައިޕީ އޮތީ އަހަރެމެންނަށް ރިޒާވްކޮށްފަ،” ޑެނިއަލް ފަޚުރުވެރިކަމާއެކު ބުންޏެވެ.
އެވަގުތު ކްލާހުގެ ކުރީގައި ހުރި ޕްރޮފެސަރު ހިތްހަމަނުޖެހިފައި ކަރުކެހިލިއެވެ. އަދި ހަރުކަށި އަޑަކުން ބުންޏެވެ. “މިސްޓަރ މާލިކް! މިއީ ކިޔަވައިދޭ ތަނެއް. މިތަނުގައި އުޅެންވާނީ އޭގެ އަދަބުތަކާއެކު!”
ރެޔާން ބުމަ އަރުވާލަމުން، ސެރީނާގެ ދިގު އިސްތަށިގަނޑުގެ ބަޔަކާ ކުޅެލިއެވެ. އެ މޫނުމަތިން ފެންނަނީ އިންތިހާގެ ފޮނިކަމެވެ.
“ޔޫ ޑޫ ޔުއަރ ޖޮބް، ޕްރޮފެސަރ. އެންޑް ލެޓް މީ ޑޫ މައިން،” ރެޔާން އެންމެންނަށް އިވޭވަރަށް، ބާރަށް ބުނެލިއެވެ.
އެ އަޑުގައި ހުރި ގޮތްދޫނުކުރުމާއި ކިބުރުވެރިކަމުގެ ސަބަބުން، ޕްރޮފެސަރަށްވެސް އިތުރަށް އެއްޗެއް ބުނަން ނުކެރި، އިސްދަށަށް ޖަހައިގެން އަނެއްކާވެސް ބޯޑުގައި ލިޔަން ފެށިއެވެ. ރެޔާންގެ ބައްޕަގެ ނުފޫޒަށް އެ ޔުނިވަރސިޓީވެސް ބޯލަނބަން ޖެހޭކަން އެންމެން ދަނެއެވެ.
ސެރީނާ ރެޔާންގެ ކަންފަތްދޮށަށް ގުދުވެލަމުން، އޭނާގެ މޭގައި ބޯއަޅާލިއެވެ. އަދި ސިއްރުސިއްރުން ބުނެލިއެވެ. “އައި ޖަސްޓް ލަވް ޔުއަރ އެޓިޓިއުޑް، ޔާން… ޔޫ އާރ ސޯ ހޮޓް ވެން ޔޫ އާރ ދިސް އެރޮގަންޓް.”
ރެޔާން ސެރީނާގެ މޫނަށް ބަލައިލީ އެއްވެސް ޖަޒުބާތެއް ނެތް ފިނި ނަޒަރަކުންނެވެ. ސެރީނާ އޭނާގެ ގައިގައި ތަތްވެގެން، ކިތަންމެ ލޯބި ދައްކައިގެން އުޅުނަސް، ރެޔާންގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް ޚާއްޞަ އިހުސާސެއް ނެތެވެ. ރެޔާންއަށް މިއީ ހަމައެކަނި އޭނާގެ ޝާހީ ދިރިއުޅުމުގެ ފޫހިފިލުވައިދޭ ވަގުތީ އުފަލެކެވެ. *******
ލަންޑަނުގެ މާލީ މައި ސަރަޙައްދު ކަމުގައިވާ ‘ކެނެރީ ވޯފް’ ގެ މައްޗަށް އަރާފައިވާ އުސް އިމާރާތްތަކުގެ ތެރެއިން އެންމެ އޮމާންކޮށް، އެންމެ ފުރިހަމައަށް ފަރުމާކުރެވިފައިވާ އެއް ޓަވަރަކީ “މާލިކް ގްލޯބަލް އެންޓަޕްރައިސަސް” ގެ ފަސްދޮޅަސް ބުރީގެ ބޮޑު މައި އިމާރާތެވެ. ބިއްލޫރި ފާރުތަކުން ފުރިފައިވާ މި ހައިބަތު ބޮޑު އޮފީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނުން ވިޔަފާރި ފުޅާކުރަމުން އަންނަ ޝާހީ މަރުކަޒެވެ.
އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ހުންނަ އެގްޒެކެޓިވް ޑިރެކްޓަރުގެ ކެބިން އޮތީ މަޑުމައިތިރި ހަމަހިމޭންކަމެއްގެ ތެރޭގައެވެ. ބިއްލޫރި ބޮޑު ކުޑަދޮރުން މުޅި ލަންޑަން ސަހަރު ފެންނަން އޮތްއިރު، އެ ރީތި މަންޒަރަށް ބަލަހައްޓައިގެން ހުރީ އުމުރުން އަށާވީސް އަހަރުގެ ރެހާން މާލިކެވެ. ރެހާންއަކީ ރެޔާންގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.
ރެޔާން ފަދައިން ރެހާންއަކީވެސް ފުރިހަމަކަމުގެ އިންތިހާއެވެ. ނަމަވެސް އެ ދެބެއިންގެ މިޒާޖާއި ސިފައިގައި ވަނީ އުޑާއި ބިމުގެ ތަފާތެވެ. ރެހާންގެ ހަށިގަނޑު ހެދިހުރީ ވަރުގަދަ، ކަސްރަތީ ބައްޓަމަކަށެވެ. މޫނުމަތިން ފެންނަނީ މަޑުމައިތިރި، ވިސްނުންތޫނު އަދި ބަޔާންކުރަން ދަތި ޖާދުވީ ޝަޚުޞިއްޔަތެކެވެ. ރެޔާންގެ ލޮލެކޭ އެއްފަދައިން ރެހާންގެވެސް ވަނީ ފުން ނޫކުލައިގެ ދެލޮލެވެ. އެކަމަކު އެ ނޫ ދެލޮލުން ފެންނަނީ ރެޔާންގެ ކިބުރުވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބެލުމުގައި ވަނީ ރަޙުމާއި، އޯގާތެރިކަމާއި، މީހުންގެ ހިތްތައް މަޑުކޮށްލާ ފަދަ އޯގާވެރި ހޫނުކަމެކެވެ. ކަޅު ކުލައިގެ ފުރިހަމަ ސޫޓުގައި ހުރިއިރު، އޭނާގެ ހައިބަތުން މުޅި ތަން ފުރިގެން ދެއެވެ. މުވައްޒަފުން ދެކެ އަމިއްލަ އަޚުން ފަދައިން ލޯބިވާ، އިންސާނިއްޔަތުކަމުގެ މިސާލެކެވެ.
“ރެން… މާހިލް ޕްރޮޕޯސަލް ފައިނަލް ވެއްޖެ.”
ފަހަތުން އިވުނު ފިރިހެންވަންތަ އަޑާއެކު ރެހާން އެނބުރިލިއެވެ. އެތެރެއަށް ވަދެގެން އައީ ރެހާން އަދި ރެޔާންގެ ދެބެންގެދެދަރި ކަޒިން، އަދި ކުންފުނީގެ ޑިރެކްޓަރު ޒައިން ހައިދަރެވެ.
ޒައިންއަކީވެސް އަށާވީސް އަހަރުގެ ޒުވާނެކެވެ. އޭނާގެ ރީތިކަމަކީ ކޮންމެ މީހަކުވެސް ދެވަނަ ފަހަރަށް ބަލައިލަން މަޖުބޫރުކުރުވާ ފަދަ ތަފާތު ރީތިކަމެކެވެ. އިސްކޮޅުން ދިގު، ފިރިހެންވަންތަ ބައްޓަމެއް ލިބިފައިވާއިރު، އޭނާގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އަޖައިބެއްފަދަ އަޅިކުލައިގެ ދެލޮލެވެ. އެ ވިދާ އަޅި ދެލޮލުގައި ވަނީ ސިއްރުވެރި، އެކަމަކު ހިތްހަމަޖައްސައިދޭ ފަދަ އަސަރެކެވެ. އަޅި ދެލޮލާއި ގުޅޭގޮތަށް ކަޅުކަންގަދަ އިސްތަށިގަނޑު ރީތިކޮށް ފުނާއަޅާލެވިފައިވާއިރު، ތުންފަތްމަތީގައި އަބަދުވެސް ވަނީ އޯގާތެރި ހިނިތުންވުމެކެވެ. ޒައިންއަކީ ރެހާންގެ އެންމެ އިތުބާރުކުރެވޭ އެކުވެރިޔާއެވެ. ހިތްހެޔޮކަމާއި މަޑުމައިތިރިކަމުގައި ރެހާންއާ ދެވަނައެއް ނެތް ފަދަ ޒުވާނެކެވެ.
“ތޭންކްސް ޒޭން،” ރެހާން ފައިލުގައި ހިފަމުން ހިނިތުންވެލިއެވެ. “އަހަންނަށް އެނގޭ ތި މަސައްކަތް ޒޭންއާ ހަވާލުކޮށްފިއްޔާ ޕާފެކްޓް ވާނެކަން.”
“އިޓްސް މައި ޕްލެޝަރ،” ޒައިން ސޯފާގައި އިށީނދެލަމުން ބުންޏެވެ. ނަމަވެސް އޭނާގެ އަޅި ދެލޮލުން ފެނުނީ ކަންބޮޑުވުމުގެ އަސަރެކެވެ. “ރެން… އަނެއްކާވެސް ޔުނިވަރސިޓީން ޚަބަރެއް ލިބުނު.”
ރެހާންގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އޭނާ ގޮސް ޒައިންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. “ޔާންގެ ވާހަކަތަ؟”
“ޔެސް،” ޒައިން ފުން ނޭވާއެއް ދޫކޮށްލިއެވެ. “މިއަދު ހެނދުނުވެސް ޕްރޮފެސަރަކާ ދިމާއަށް އެއްޗެހި ކިޔައި، ކެފެޓީރިއާގައި މައްސަލަ ޖެއްސި ވާހަކަ ޗާންސެލަރ އެންގީ. ރެން… ޔާން ދުވަހެއް ދުވަހަކަށް އެދަނީ ބޮޑާކަމުގެ އިންތިހާއަށް. ކިޔެވުމަކަށް އެއްވެސް ސަމާލުކަމެއް ނުދޭ. އަބަދުވެސް ކްލަބްތަކާއި، ޕާޓީތަކާއި، އަންހެން ކުދިން ގޮވައިގެން މަޖާނެގުން. އެއްވެސް މީހަކަށް ޤަދަރެއް ނުކުރޭ.”
ރެހާން އޭނާގެ ނޫ ދެލޯ މަރާލަމުން އިސްދަށަށް ޖަހާލިއެވެ. އޭނާގެ ހިތުގައި ރެޔާންއަށްޓަކައި އޮތީ ބަޔާންކުރަން ދަތި ލޯތްބެކެވެ. މަންމަ ނިޔާވި ފަހުން، ކުޑައިރުއްސުރެ ރެޔާން ބަލައި ބޮޑުކުރީ ރެހާން އަމިއްލަ އަތުންނެވެ. ބައްޕަގެ މުއްސަނދިކަމުގެ ތެރޭގައި ރެޔާން ބޭނުންވި ކޮންމެ އެއްޗެއް ހޯދައިދެވުނު ނަމަވެސް، ރެޔާންގެ މިޒާޖު މިހާ ގޯސް މަގަކުން ދާތީ ރެހާންގެ ހިތް ކުދިކުދިވެއެވެ.
“އަހަރެން ވަރަށް މަސައްކަތް ކުރަން ޔާންއަށް ވިސްނައިދޭން،” ރެހާންގެ އަޑުގައި ވަނީ ހިތާމަވެރި ތުރުތުރެކެވެ. “ބައްޕަ އަބަދުވެސް އޭނަ ދިފާޢުކުރާތީ ޔާން ދެކެނީ ފައިސާއިން ހުރިހާ ކަމެއް ގަނެވޭނެ ކަމަށް. އެކަމަކު އިންސާނިއްޔަތުކަމާއި، އަޚްލާޤަކީ ފައިސާއަށް ގަނެވޭނެ އެއްޗެއް ނޫންކަން އޭނާއަށް ނުވިސްނެނީ.”
ޒައިން ކުރިއަށް ޖެހިލައި، ރެހާންގެ ކޮނޑުގައި އޯގާތެރިކަމާއެކު އަތްބާއްވާލިއެވެ. އެ އަޅި ދެލޮލުން ފެންނަނީ އަޚުވަންތަކަމުގެ ތެދުވެރިކަމެވެ.
“ހިތްވަރުކުރޭ ރެން. ޔާންއަކީ އަހަރެންގެވެސް ކޮއްކޮއެއް. އަހަރެމެން ދެމީހުން ވެގެން އޭނަ ރަނގަޅު މަގަށް އަޅުވަން ޖެހޭނެ. އެކަމަކު…” ޒައިން މަޑުޖެހިލިއެވެ. “އަހަރެން ބިރުގަންނަނީ ޔާންގެ މި ބޮޑާކަމުގެ ސަބަބުން، ދުވަހަކުވެސް އޭނާއަށް އަމިއްލަ ނަފްސަށް މާފުނުކުރެވޭ ވަރުގެ ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިދާނެތީ. ދުނިޔެއަކީ މީހަކު މާ ބޮޑާވެއްޖެއްޔާ ވަރަށް ހިތިކޮށް ފިލާވަޅު ދަސްކޮށްދޭ ތަނެއް.”
ރެހާން ކުޑަދޮރާ ދިމާއަށް ބަލައިލިއެވެ. ލަންޑަނުގެ އުޑުމަތިން އަޅިވިލާތައް ބޯވެ، މަޑުމަޑުން ވާރޭ ވެހެން ފަށައިފިއެވެ.
“އަހަރެން ދުޢާއަކީ، އެފަދަ ހިތި ފިލާވަޅެއް ޔާންގެ ހަޔާތަށް ނައުން،” ރެހާން މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައި ވަނީ ހިތްދަތި ރިހުމެކެވެ. “އެކަމަކު ޒޭން ބުނީ ތެދެއް. ކޮންމެވެސް ދުވަހަކުން މި ބޮޑާކަމުގެ ބަދަލު އެ ހިތުން ދައްކަން ޖެހިދާނެ.”
ދެ ޒުވާނުންވެސް ހަމަހިމޭންވިއެވެ. އޮފީހުގެ ޝާހީ ފަސޭހަކަމުގެ ތެރޭގައި ތިބި ނަމަވެސް، އެ ދެމީހުންގެ ހިތްތަކުގައިވެސް ވަނީ ކުރިމަތިވާން އުޅޭ ކޮންމެވެސް ބޮޑު ތޫފާނެއްގެ ނުތަނަވަސްކަމެވެ. ރެޔާންގެ މަގުއޮޅިފައިވާ ހަޔާތް، އެންމެންގެ ހިތްތައް ކުދިކުދިކޮށްލާނެ ފަދަ ހިތާމަވެރި މަންޒިލަކަށް ވާސިލުވާން ކައިރިވެފައިވާ ކަމުގެ ބިރުވެރި އިހުސާސެވެ.
އެ ފުން ޚިޔާލުތަކުގެ ތެރޭގައި ދެ ޒުވާނުން ތިއްބާ، ބިއްލޫރި މޭޒުމަތީގައި އޮތް ރެހާންގެ ފޯނު ވައިބްރޭޓްވެ، ރީތި ރާގެއް އަޅުވާލިއެވެ. ދެމީހުންގެ ނަޒަރުވެސް ވަގުތުން ފޯނުގެ ސްކްރީނަށް ހުއްޓުނެވެ. ސްކްރީނުގައި ވިދަމުން ދިޔައީ “ލަވް” މި ނަމެވެ.
އެ ނަން ފެނުމާއެކު، ރެހާންގެ މޫނުމަތީގައިވި ނުތަނަވަސްކަމާއި ފިކުރުތައް ކަފަކޮޅެއްހެން ވިރިގެން ގޮސް، އެ ތުންފަތްމައްޗަށް ވެރިވީ އިންތިހާއަށް ލޯބިވެތި، މަޑުމައިތިރި ހިނިތުންވުމެކެވެ. އެ ފުން ނޫ ދެލޮލުން ވިދައިގަތީ އުފާވެރިކަމުގެ ޚާއްޞަ އަލިކަމެކެވެ. އެއީ އޭނާގެ ހިތުގެ ރާނީ، ޑޮކްޓަރ ޒާރާ ޒައިދް އެވެ.
ޒައިން އޭނާގެ އަޅި ދެލޯ ހަނިކޮށްލަމުން، މަލާމާތުގެ ލާނެތް ހިނިތުންވުމަކާއެކު ރެހާންއަށް ބަލައިލިއެވެ.
“ހޫމް… މިސްޓަރ ސީރިއަސްގެ މޫނުމަތި ކުއްލިއަކަށް ބަދަލުވެއްޖެ ދޯ؟” ޒައިން ސޯފާއިން ތެދުވަމުން ދިމާކޮށްލިއެވެ. “އަހަރެން މި ދަނީ ދެ ލޯބިވެރިންނަށް ޖާގަ ދީފަ. ޑޮކްޓަރ ޒާރާ ދައްކާ ވާހަކައަކުން އަނެއްކާ މީޓިންގްތައް ކެންސަލް ނުކުރައްޗޭ، މިސްޓަރ އެމް.ޑީ!”
ރެހާން ލުއިކޮށް ހީނލަމުން ޒައިންއާ ދިމާއަށް ބޯހޫރާލިއެވެ. ޒައިން އެއްލޯ މަރާލުމަށްފަހު، ކެބިންގެ ދޮރު ލައްޕާލާފައި ނިކުމެގެން ދިޔުމާއެކު، ރެހާން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހޭއި ލަވް…” ރެހާންގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އޯގާތެރިކަމާއި ލޯތްބެވެ. މުޅި ދުނިޔެއަށް ދައްކާ ހައިބަތާއި ސީރިއަސްކަން، އެންމެ ސިކުންތެއްގެ ތެރޭގައި އެ އަޑުން ގެއްލިގެން ދިޔައެވެ.
“ރެން…” އަނެއްކޮޅުން އިވުނީ ފިނިފެންމަލެއްގެ ފިޔަތަކެއް ފަދަ ނާޒުކު، ހިތްގައިމު އަޑެކެވެ. އެ އަޑުގައި ވަނީ ކުޑަކުއްޖެއް ފަދަ ލޯބިވެތި ގޮތެކެވެ. “ވަރަށް ބިޒީތަ؟”
“ޒާ ގުޅީމަ އަހަރެން ބިޒީވާނެ އެއްވެސް ވަގުތެއް މި ދުނިޔެއަކު ނޯންނާނެ،” ރެހާން ގޮނޑީގައި ހަމަޖެހިލަމުން، ކުޑަދޮރުން ބޭރު ބަލައިލިއެވެ. ކުރިން ފެނުނު އަޅިވިލާތަކާއި ފިނި މާހައުލުވެސް، ޒާރާގެ އެންމެ ބަހަކުން އޭނާއަށް ހީވީ ރަންއަލިން ދިއްލިގެން ދިޔަ ހެންނެވެ. “ހޮސްޕިޓަލްގެ ޑިއުޓީ ނިމުނީތަ؟ ކިހިނެއްވީ ޒާ؟ ކަމަކުތަ ތި ގުޅީ، ނޫނީ ހަމަ އަހަރެން މަތިން ހަނދާންވީތަ؟”
“ދެކަންތައްވެސް،” ޒާރާ މަޑުމަޑުން ހީލި އަޑު އިވުނެވެ. އެ ހުނުމުގެ އަޑަކީ ރެހާންގެ ހިތުގެ ހުރިހާ ވަރުބަލިކަމެއް ފިލުވައިދޭ ފަރުވާއެވެ. “އެއްކަމަކީ ހަމަ ރެން މަތިން ވަރަށް ބޮޑަށް މިސްވެގެން… އަނެއްކަމަކީ، ޔޫ ޕްރޮމިސްޑް މީ ލަންޗް ޓުޑޭ! ހަނދާން އެބަހުރިތަ؟ ޑޮކްޓަރަކަށް ވީމަ އަހަންނަށް ވަގުތު ލިބެނީ ވަރަށް މަދުންކަން އެނގެއެއްނު.”
ރެހާން ނިތްކުރީގައި އަތް ޖައްސާލިއެވެ. މިއަދު އޮފީހުގެ ކަންކަމާއި، ރެޔާންގެ އުޅުމާމެދު ވިސްނަން ހަދައިގެން އެކަން އޮތީ ހަނދާންނެތިފައެވެ. ނަމަވެސް އެ އަޑުގައި އޮތް ކުޑަކުޑަ ޝަކުވާގެ އަސަރުން އޭނާގެ ހިތް މަޑުކަފަކޮޅަކަށް ވިއެވެ.
“އައި ކުޑް ނެވަރ ފޮގެޓް، ޒާ،” ރެހާން އޯގާތެރިކަމާއެކު ބުންޏެވެ. “އަހަރެން މިހާރު މި ނިކުންނަނީ. ޒާ ހުންނަ ތަނަކަށް އަހަރެން ކާރު ފޮނުވަންތަ، ނޫނީ އަމިއްލައަށް ދާންވީތަ؟”
“ނޫން، އަހަރެން ހޮސްޕިޓަލުން ނިކުމެގެން މިހާރު މިހުރީ ރެންގެ އޮފީސް ކައިރީގަ ހުންނަ ކެފޭގަ. ވިހި މިނެޓް ތެރޭގަ އާދެވޭނެތަ؟” ޒާރާ އަހާލިއެވެ.
“ޒާއަށްޓަކައި ދިހަ މިނެޓް ތެރޭގައިވެސް ދެވިދާނެ،” ރެހާން ތެދުވެ އޭނާގެ ކޯޓު ރީތިކޮށްލިއެވެ. “އައި އޭމް ކަމިންގް، ލަވް.”
ފޯނު ބޭއްވުމަށްފަހު ރެހާން ފުން ނޭވާއެއް އެތެރެއަށް ދަމާލިއެވެ. ޒާރާއަކީ އޭނާގެ ދިރިއުޅުމުގެ އެންމެ އަލިގަދަ އުއްމީދެވެ. ޒާރާއަކީ ހަމައެކަނި ކުޅަދާނަ ޑޮކްޓަރެއް ނޫނެވެ. އޭނާއަކީ ލަންޑަނުގެ ނުފޫޒުގަދަ، މަހުޖަނު އާއިލާއެއް ކަމަށްވާ ޒައިދު ޢާއިލާގެ ހަމައެކަނި އަންހެން ދަރިފުޅެވެ. ދެ އާއިލާގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުންނާއި، ދެމީހުންގެ ދަރަޖައާއި ހައިބަތު އެއްވަރުވުމުން، އެ ގުޅުމަށް ދެ އާއިލާއިންވެސް ވަނީ ފުރިހަމަ ރުހުމާއި ލޯބި ދީފައެވެ. ކައިވެނީގެ ތާރީޚު ކަނޑައަޅައި، އެ ރީތި ހަޔާތް ފަށަން އެންމެންވެސް ތިބީ އިންތިޒާރުގައެވެ.
ރެހާން އޮފީހުން ނިކުންނަން ހިނގައިގަތީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ.
އޮފީހުގެ ހަލަބޮލި މާހައުލު ފަހަނައަޅައި، ރެހާން އޭނާގެ ކާރުގައި މިސްރާބު ޖެހީ ޒާރާ އިންތިޒާރުކުރަމުން ދިޔަ ހިތްގައިމު، ކުޑަ ރެސްޓޯރެންޓާ ދިމާއަށެވެ. ކާރު ޕާކުކޮށްލުމަށްފަހު، ރެހާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެތެރެއަށް ވަދެލިއެވެ.
ރެސްޓޯރެންޓުގެ ބިއްލޫރި ކުޑަދޮރު ކައިރީގައި، ބޭރުން ފައިބަމުން ދިޔަ މަޑު ވާރޭގެ ތިކިތަކަށް ބަލަހައްޓައިގެން އިނީ ޒާރާއެވެ. އޭނާ ފެނުމާއެކު ރެހާންގެ ހިތުގެ ހިނގުންވެސް ކުޑަ ވަގުތުކޮޅަކަށް މަޑުޖެހިލި ފަދައެވެ.
ޒާރާއަކީ ބަލާލި ކޮންމެ މީހަކު ކަތިލާ ފަދަ ޖާދުވީ، އާދަޔާޚިލާފު ރީތިކަމެއް ލިބިފައިވާ ޒުވާނެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ރީތިކަމަކީ ކޮނޑުމަތިން ތިރިއަށް، ބުރަކައްޓާ ހަމައަށް ފުރޮޅިފައިވާ ކަޅުކަންގަދަ ބޯ ބުޅި އިސްތަށިގަނޑެވެ. އެ ބުޅި އިސްތަށިތަކުން ދިޔައީ އޭނާގެ ކިރުކޮޅެއްފަދަ އޮމާން، ދޮން މޫނު އިތުރަށް ޖަރީކޮށްދެމުންނެވެ. ތޫނު އަދި ބޮޑު ކަޅު ދެލޮލުގައި ވަނީ އިންތިހާ މައުސޫމުކަމާއި ތެދުވެރިކަމެވެ. އެސްފިޔަތައް ދިގުވެފައި، އެ ދެލޮލުގެ ފުންމިނުން ހާމަވަނީ އޯގާތެރި ހިތެކެވެ. ކުޑަކުޑަ، ސާދާ ނޭފަތަކާއި، ޤުދުރަތީ ގޮތުން ފިޔާތޮށިކަން އެކުލެވިފައިވާ މަޑުމަޑު ތުންފަތެކެވެ. އަތުގައި އޮތް ކޮފީ ތަށީގައި ނާޒުކު ދެއަތުން ހިފަހައްޓައިގެން އިންއިރު، އެ އަޅައިގެން ހުރި ކަޅު ކޯޓުގެ އެތެރެއިން ފެންނަ ލުއި ފެހިކުލައިގެ ހެދުމުން އޭނާގެ ހިމަތޮޅި ހަށިގަނޑުގެ ފުރިހަމަކަން ދައްކުވައިދެއެވެ. ޒާރާ ސިފަވަނީ ވާރޭގެ ފިނީގެ ތެރެއިން ފޮޅިފައިވާ އެންމެ ނާޒުކު، ފިނިފެންމަލެއް ފަދައިންނެވެ.
ރެހާން މަޑުމަޑުން ގޮސް މޭޒާ އަރާހަމަކޮށް، ޒާރާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
ރެހާން ފެނުމާއެކު، ޒާރާގެ ތުންފަތްމައްޗަށް ވެރިވީ މުޅި މާހައުލު ދިއްލާލި ފަދަ ލޯބިވެތި ހިނިތުންވުމެކެވެ. ކޯތާފަތަށް އެޅުނު ކުޑަކުޑަ އަޑިވަޅުން އޭނާގެ މައުސޫމުކަން އިތުރަށް ފާޅުވިއެވެ.
“ރެން… ތި އައީ ދިހަ މިނެޓަށްވުރެވެސް އަވަހަށް،” ޒާރާގެ އަޑުގައި ވަނީ ހިތްފުރޭ ފަދަ އޯގާތެރިކަމެކެވެ.
“ޒާ އިންތިޒާރުކުރަން ބަހައްޓާކަށް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވާނެ،” ރެހާން މޭޒުމަތިން ޒާރާގެ މަޑު އަތްތިލައިގައި އޯގާތެރިކަމާއެކު ހިފާލަމުން، އެ ނޫ ދެލޮލުން ޒާރާގެ މޫނަށް ބަލައިލިއެވެ. އެ ބަލައިލުމުގައި ވަނީ އަގުނުކުރެވޭ ފަދަ ފުން ލޯތްބެކެވެ. “ވަރަށް ވަރުބަލިވެފަތަ ތިހިރީ؟ ހޮސްޕިޓަލްގަ މާ ބުރަކޮށްތަ މިއަދު އުޅުނީ؟”
ޒާރާ އޭނާގެ ބުޅި އިސްތަށިގަނޑުން އެއްފަރާތަކަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ކަންފަތްދޮށަށް ލައްވާލަމުން މަޑުމަޑުން ބޯހޫރާލިއެވެ. “ކުޑަކޮށް… އެކަމަކު ރެން ފެނުނީމަ ހުރިހާ ވަރުބަލިކަމެއް ފިލައިފި.”
އެ ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި ލޯތްބެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް ކުރާ ފުން އިޙުތިރާމާއި، ޤަދަރެވެ. ދެ ހިތުގެ ގުޅުން ވަނީ ރޫޙާނީ ގޮތުން ލާމެހިފައެވެ. އެކުގައި ތިބޭ ކޮންމެ ސިކުންތަކީވެސް އެ ދެމީހުންނަށް ދުނިޔޭގެ އެންމެ އަގުބޮޑު، އެންމެ ހިތްގައިމު ނިޢުމަތެވެ.
ވެއިޓަރު އައިސް އެމީހުން އޯޑަރުކުރި ކާނާ މޭޒުމަތީގައި އަތުރާލުމުން، ދެމީހުންވެސް މަޑުމައިތިރިކަމާއެކު ކެއުމަށް އިންސާފުކުރަން ފެށިއެވެ. ޒާރާ ދައްކަމުން ދިޔައީ ހޮސްޕިޓަލުގައި ދިމާވި ބައެއް ބަލިމީހުންގެ ވާހަކައާއި، ކުޑަކުދިންގެ ވޯޑުގައި ހޭދަވި މަޖާ ވަގުތުތަކުގެ ވާހަކައެވެ. ރެހާން އިނީ އެ މައުސޫމު އަޑު އަހަން، ކަޅިޖަހައިވެސް ނުލައި ބަލަހައްޓައިގެންނެވެ. ޒާރާގެ ހިތްހެޔޮކަމާއި އެހެން މީހުންނަށް އަޅާލާ މިންވަރު ފެނިފައި، ރެހާންގެ ހިތުގައި އޭނާއަށް އޮތް ޤަދަރާއި ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.
“ރެން… މިއަދު މާ މަޑުން ތި އިންނަނީ ކީއްވެ؟ އޮފީހުގައި މާ ބުރަކޮށް އުޅެންޖެހުނީތަ؟” ޒާރާ ކަންބޮޑުވުމާއެކު ރެހާންގެ މޫނަށް ބަލައިލަމުން އަހާލިއެވެ.
ރެހާން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އޮފީހުގެ ކަމެއް ނޫން، ޒާ. ޔާންގެ ކަންތައް.”
ޒާރާގެ މޫނުމަތިންވެސް ފެނުނީ ހަމްދަރުދީގެ އަސަރެވެ. ރެޔާންގެ ނުކިޔަމަންތެރި، ބޮޑާ މިޒާޖުގެ ވާހަކައަކީ ރެހާންގެ ހިތަށް އަބަދުވެސް ކޫރުން އަޅުވާ ކަމެއްކަން ޒާރާއަށް އެނގެއެވެ. ދެ އާއިލާގެ މެދުގައި އޮންނަ ގާތްކަމުގެ ސަބަބުން، ރެޔާން އުޅޭ ގޮތް ޒާރާއަށްވެސް އޮތީ ސިއްރުވެފައެއް ނޫނެވެ.
“އަނެއްކާވެސް ޔުނިވަރސިޓީން މައްސަލައެއް ޖެހުނީތަ؟” ޒާރާ މަޑުމައިތިރިކަމާއެކު އަހާލިއެވެ.
“ހޫމް… މިއަދުވެސް ޕްރޮފެސަރަކާ ދިމާއަށް ބޭކާރު އެއްޗެހިތަކެއް ކިޔައި، ކެފެޓީރިއާގަ ކުދިންނަށް އުނދަގޫކުރި ޚަބަރު ލިބުނީ،” ރެހާން އަތުގައި އޮތް ފެންތަށި މޭޒުމަތީ ބަހައްޓަމުން އިސްދަށަށް ޖަހާލިއެވެ. “އަހަރެން ކިތަންމެ ވަރަކަށް ވިސްނައިދިނަސް ޔާން އެއްވެސް ވާހަކައެއް އަޑެއް ނާހާ. ބައްޕަ ދޭ ލޯތްބާއި ފައިސާގެ ނާޖާއިޒު ފައިދާ ނަގައިގެން އޭނާ ހީކުރަނީ މުޅި ދުނިޔެއަކީ އޭނާގެ ފައިބުޑުގައި އޮތް އެއްޗެއް ކަމަށް. އަހަރެން ހަމަ ކަންބޮޑުވަނީ، ޒާ.”
ޒާރާ މޭޒުމަތިން ރެހާންގެ އަތުގައި ބާރަށް ހިފާލިއެވެ. އެ ހޫނު ބީހުމުން ރެހާންގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ.
“ހާސްނުވޭ ރެން،” ޒާރާ ހިތްވަރު ދިނުމުގެ ގޮތުން މަޑުމައިތިރިކަމާއެކު ބުންޏެވެ. “ޔާން އަދި މާ ޅައީ. އުމުރުގެ ގޮތުން ކުރެވޭ ކަންކަން އެއީ. ރެންގެ ތެދުވެރިކަމާއި ނަސޭހަތް އަޑުއަހާނެ ދުވަހެއް އަންނާނެ. ދުޢާކުރޭ. އަހަރެންވެސް ރެންއާއެކު އަބަދުވެސް ހުންނާނަން.”
ރެހާން ޒާރާގެ އަތަށް ބަލައިލުމަށްފަހު، އެ ނޫ ދެލޮލުން ޒާރާގެ ކަޅު ދެލޮލަށް ބަލައިލިއެވެ. އެ މޫނުމަތީގައިވި މައުސޫމުކަމާއި ތެދުވެރިކަމަކީ އޭނާގެ ހުރިހާ ހިތާމައެއް ފޮހެލާ ބާރެކެވެ.
“ޒާ އަހަރެންގެ ހަޔާތަށް އައިކަމީ އަހަންނަށް ލިބުނު އެންމެ ބޮޑު ނަސީބު،” ރެހާން ހިނިތުންވެލަމުން ބުންޏެވެ. “އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް އަހަރެމެންގެ ކައިވެނީގެ ކަންތައް ނިންމަން. ދެ އާއިލާއިންވެސް ތިބީ އެ އިންތިޒާރުގަ.”
ޒާރާ ލަދުރަކި ގޮތަކަށް އިސްޖަހާލަމުން ހީލިއެވެ. އެ ދޮން ކޯތާފަތް ފިޔާތޮށި ކުލައަކަށް ބަދަލުވެގެން ދިޔަ މަންޒަރު ފެނިފައި ރެހާންގެ ހިތް އުފަލުން ފުރުނެވެ.
ކެއުން ނިންމާލުމަށްފަހު، ރެހާން ޒާރާ ގޮވައިގެން ރެސްޓޯރެންޓުން ނިކުތެވެ. މަގުމަތީގައި މަޑުމަޑުން ފިނި ވައިރޯޅިތައް ޖެހެމުން ދިޔައިރު، ޒާރާ އޭނާގެ ކޯޓުގެ ޖީބަށް ދެއަތް ޖަހާލިއެވެ. ރެހާން އޭނާގެ ކާރާ ދިމާއަށް ޒާރާ ގެންގޮސްދީ، ގެއަށް ލައިދިނުމަށްޓަކައި ކާރުގެ ދޮރު ހުޅުވާލަދިނެވެ.
Comments (6)
Comments are closed.
i really love this story
♥️❤️
Thank you 🥰
Masha’allah this story is hama perfect. Sifa koffa huri goiy vrh reethi. Hama heevi manzaruthah sifavi hen. Love the story already. Can’t wait for the next episodee. Keep upp! 🥹💗💜🫶
Thank you so much really appreciate 🥰❤️
Ooommmmggggg I looooovvvveeee thissssss 😍😍😍😍💗💗💗💗
Thank you ❤️❤️🥰