Skip to content
އެސްފިޔަ

އަހަރެންގެ ހުވަފެން، އޭނާގެ ސިއްރު – ޓްރޭލާރ

Listen to this story Audio · 8:40 Powered by Esfiya Voice
0:00 8:40

އަހަރެންގެ ހުވަފެން، އޭނާގެ ސިއްރު
ރަސްމީ ޓްރެއިލާ

ބައެއް ހުވަފެންތަކަކީ އަހަރެމެން ދުރު ރާސްތާތަކަށް ގެންގޮސްދޭ އެއްޗެކެވެ. ބައެއް ސިއްރުތަކަކީ، އެ ސިއްރު ހިތުގައި ފޮރުވައިގެން ހުންނަ މީހާ ކިތަންމެ ގާތުގައި ހުރި ނަމަވެސް، ދުވަހަކުވެސް ދުލުން ބަޔާންނުވެ ވަންހަނާވެފައިވާ ކަންކަމެވެ.

—

[ޗާޕްޓަރ 1 – ޑިސެމްބަރު | ޅ. އޮޅުވެލިފުށި]

ޑިސެމްބަރު މަހުގެ އަހަރީ ޗުއްޓީ ފެށިއްޖެއެވެ.

ގްރޭޑް ހަތެއްގެ ކިޔެވުން ނިންމުމަށްފަހު، އުމުރުން ސާދަ އަހަރުގެ އަޔާނީ އާއިޝާ އާލިމް އެނބުރި އައީ އޭނާގެ އުފަން ރަށް ކަމަށްވާ، ޅ. އޮޅުވެލިފުއްޓަށެވެ. ފަހަތަށް ދޫކޮށްލީ ސްކޫލުގެ ދަންނަ ފަރިތަ ކޮރިޑޯތަކާއި، މުދައްރިސުން އަދި އެކުގައި އަހަރެއް ވޭތުކުރި އެކުވެރިންނެވެ.

އަޔާނީގެ ދިރިއުޅުމަކީ ވަރަށް އާދައިގެ، ހަމަހިމޭން ދިރިއުޅުމެކެވެ. އޭނާއަކީ އަމިއްލަ އާއިލާއަށް ލޯބިކުރާ، ކިޔެވުމުގެ ދުނިޔެއަށް ގެއްލިފައިވާ، އަދި ކުދިކުދި އުފާތަކުން ހިތްހަމަޖެހުން ހޯދާ މައުސޫމު ކުއްޖެކެވެ.

އޭނާގެ ބައްޕަ މުޙައްމަދު އާލިމަކީ ރަށު ކައުންސިލްގެ ރައީސެވެ. މަންމަ އާމިނަތު ޝަމްހާ ވަޒީފާ އަދާކުރަނީ ކޯޓުގައެވެ. އަދި އުމުރުން ދިހަ އަހަރުގެ ކޮއްކޮ އީސާ އަޔާން އާލިމް، އޭނާއަށް އަބަދުވެސް ގޮވަނީ ލޯތްބާއެކުގައެވެ.

“ދޮންތި!”

އެއީ އެ ލޯބިވާ ދޮންތައަށް އަބަދުވެސް ގޮވައިއުޅޭ ގޮތެވެ.

އެހެންނަމަވެސް، އަޔާނީގެ އުންމީދުތައް އެ ކުޑަކުޑަ ރަށުގެ ވެށީގައި ބަންދުވެފައެއް ނެތެވެ.

އޭނާގެ ހުވަފެނަކީ ޕައިލެޓަކަށް ވުމެވެ.

—

[ޗާޕްޓަރ 2 – އުހަށް އުދުހެން އެދޭ ކުއްޖާ]

ކުޑަދޮރުގެ ކައިރީގައި، އަޔާނީ ފޮތެއްގެ ގަނޑުތައް އެއްލަމުންދެއެވެ. އޭނާގެ މޭޒުމަތިން ފެންނަން ހުރީ ސްކޫލް ސެޓްފިކެޓްތަކާއި، ފޮތްތަކާއި، އަދި މަތީ ވަނަތަކުގެ ނަތީޖާތަކެވެ.

ސްކޫލުގައި ހޭދަކުރި ކޮންމެ އަހަރަކީވެސް، އަޔާނީ މުޅި ސްކޫލުން އެއްވަނަ ހޯދި އަހަރެކެވެ.

މުދައްރިސުން އޭނާގެ ހީވާގިކަމަށް ސަނާކިޔައެވެ. ދަރިވަރުން އޭނާގެ ކާމިޔާބީއަށް އިހުތިރާމުކުރެއެވެ. އަދި ބެލެނިވެރިން އޭނާ ދަންނަނީ ނަމޫނާ، ތޫނުފިލި ދަރިވަރެއްގެ ގޮތުގައެވެ.

އެ ހުރިހާ ސަމާލުކަމެއް ލިބުނު ނަމަވެސް، އަޔާނީގެ މިޒާޖަކަށް ބަދަލެއް ނާދެއެވެ. އޭނާއަކީ އަދިވެސް ހަމަ އެ މަޑުމައިތިރި، ހިމޭން ކުއްޖާއެވެ.

އޭނާއަކީ އެންމެންގެ ތައުރީފާއި ސަމާލުކަމުގެ ފަހަތުން ދުވާ ކުއްޖެއް ނޫނެވެ.

އޭނާގެ ހަގީގީ އެކުވެރިންނަކީ ފޮތެވެ. އަދި ކުރިއަށް ދިޔުމުގެ ހަކަތައަކީ އޭނާގެ ހުވަފެންތަކެވެ.

—

[ޗާޕްޓަރ 3 – ޖެނުއަރީ | ނައިފަރު]

ނައިފަރުގެ މަގުމަތީ ހަލަބޮލި މަންޒަރުތަކެވެ. އައު ތައުލީމީ އަހަރަކަށް ރަށް ހޭލައިފިއެވެ.

ޖަނަވަރީ މަސް ބައްދަލުކުރީ އައު ފެށުންތަކަކާއެކުގައެވެ.

އަޔާނީ އޮޅުވެލިފުށި ދޫކޮށް، ގްރޭޑް އަށެއްގެ ކިޔެވުމަށް ނައިފަރަށް ބަދަލުވިއެވެ. އޭނާ ހުންނަނީ އޭނާގެ މަންމަގެ ޒަމާންވީ އެކުވެރިއެއްގެ ގޭގައެވެ.

އޭނާގެ މަންމައަކީވެސް އެއްޒަމާނެއްގައި ތައުލީމު ހާސިލުކުރުމަށް ނައިފަރުގައި އުޅުނު މީހެކެވެ.

އައު ދިރާސީ އަހަރެކެވެ. އައު މާހައުލެކެވެ. ތަފާތު ތަޖުރިބާތަކެކެވެ.

ހަމަ އެ ރަށުގައި، އުމުރުން ސަތާރަ އަހަރުގެ އިބްރާހީމް މައިސަންވެސް އުޅެމުންދެއެވެ.

—

[ޗާޕްޓަރ 4 – ނައިފަރުގެ ޒުވާނާ]

މައިސަން ނިސްބަތްވަނީ ނައިފަރުގެ ގަދަރުވެރި، ނަން މަޝްހޫރު އާއިލާއަކަށެވެ.

އޭނާގެ މައިންބަފައިން ކަމަށްވާ އިސްމާއީލް ޙަނީފާއި އާއިޝަތު ރިޝްފާއަކީ މަސް ކައްކާ، ހިއްކާ، އެކްސްޕޯޓްކުރާ، ކާރުހާނާއަކާއި ރެސްޓޯރެންޓެއްގެ ވެރިންނެވެ. އޭނާ ދިރިއުޅެނީ ތިން ބުރީގެ ގެއެއްގައި، އޭނާގެ އާއިލާއާއި ކޮއްކޮ އާމިނަތު މައިޝާއާއެކުގައެވެ.

އެކުވެރިންގެ މެދުގައި މައިސަންއަކީ މަޖާ، ސަކަރާތްޖަހާ، އަބަދުވެސް ހިނިތުންވުމުގައި ހުންނަ ސާދާ މިޒާޖެއްގެ ޒުވާނެކެވެ.

ނަމަވެސް އާއިލާގެ ކުރިމަތީގައި އޭނާއަކީ އަދަބުވެރި، މަޑުމައިތިރި ކުއްޖެކެވެ.

އޭނާ ތައްޔާރުވަމުންދަނީ ގްރޭޑް އެގާރައަށް ފިޔަވަޅު އެޅުމަށެވެ.

އޭނާއާއި އަޔާނީއަކީ އެކަކު އަނެކަކު ދަންނަ ދެމީހުންނެވެ. ނަމަވެސް، ދުވަހަކުވެސް އެކަށީގެންވާ ވާހަކައެއް ދެކެވިފައެއް ނެތެވެ.

އަޔާނީއަކީ ކާކުކަން އޭނާއަށް އެނގެއެވެ. ހަގީގަތުގައި މުޅި ސްކޫލަށްވެސް އެނގެއެވެ.

އެއީ އަބަދުވެސް އެއްވަނައިގައި ފިޔަޖަހާ އަންހެން ކުއްޖާއެވެ.

އެހެންނަމަވެސް، މައިސަންގެ އެކުވެރިންނަށް ފާހަގަވާން ފެށި ތަފާތު ސިފައެއް އަޔާނީގެ ކިބައިން ފެންނަން ހުއްޓެވެ.

—

[ޗާޕްޓަރ 5 – ސިއްރެއް]

ފިރިހެން ކުދިންތަކެއް ހީނސަކަރާތްޖަހަމުން ދެއެވެ.

އޭގެ ތެރެއިން އެކަކު މައިސަންއަށް ބަލައިލަމުން މާނަވީ ހިނިތުންވުމަކާއެކު އަހާލިއެވެ.

“ހާދަ ވަރަކަށޭ ތި ބަލަނީ… އަނެއްކާވެސް އެކުއްޖާއަށް ދޯ؟”

މައިސަން ސީރިއަސް ނަޒަރަކުން އޭނާއަށް ބަލައިލިއެވެ.

“ހަމަހިމޭނުން ހުރެބަލަ.”

އެކުވެރިން ހޭން ފެށިއެވެ.

އެހެން އެއްވެސް މީހަކަށް ރޭކާނުލާ ސިއްރެއް އެމީހުންނަށް އެނގެއެވެ.

މައިންބަފައިންނަކަށް ނޭނގެއެވެ. ކޮއްކޮ މައިޝާއަކަށް ނޭނގެއެވެ. އަދި ޚުދު އަޔާނީއަށްވެސް ރޭކާނުލައެވެ.

މައިސަންގެ ހިތުގައި، އެ މަޑުމައިތިރި އަންހެން ކުއްޖާއަށްޓަކައި ޚާއްސަ އިހުސާސެއް ވަނީ އުފެދިފައެވެ.

އަދި ޖެނުއަރީ މަހު އަޔާނީ އެނބުރި ނައިފަރަށް އައުމާއެކު، އެ ޝުއޫރުތައް ކުރިއަށްވުރެ ބޮޑަށް ހިތުގައި ވަކިއަޅައިފިއެވެ.

—

[ޗާޕްޓަރ 6 – ތަފާތު ދެ ދުނިޔެ]

މި ހުރިހާ ކަމެއް މިހެން ހިނގަމުންދާއިރުވެސް، އަޔާނީ ގެއްލިފައިވަނީ އޭނާގެ އަމިއްލަ ދުނިޔެއަށެވެ.

އޭނާގެ އެންމެ ގާތް އެކުވެރިޔަކީ މައިޝާއެވެ. އަޔާނީގެ ދުނިޔެ ބިނާވެފައިވަނީ ފޮތްތަކާއި، ފިލާވަޅުތަކާއި، އަދި އޭނާގެ އުންމީދީ ކުރިމަގުގެ މައްޗަށެވެ.

މައިޝާއަކީ މައިސަންގެ ކޮއްކޮއަށް ވީނަމަވެސް، އެކުވެރިޔާގެ ބޭބެގެ ހިތުގައި އޭނާއަށްޓަކައި ޚާއްސަ ޖާގައެއް އޮތްކަމުގެ ކުޑަނަމަވެސް އިހުސާސެއް އަޔާނީއަކަށް ނުވެއެވެ.

އަޔާނީގެ ނަޒަރުގައި މައިސަންއަކީ ހަމައެކަނި ދަންނަ މޫނެކެވެ.

އެއަށްވުރެ އިތުރު އެއްވެސް ގުޅުމެއް ނެތެވެ.

އޭނާއަށް ވަށައިގެން ހިނގާ އެ ނާޒުކު ބަދަލުތަކެއް ފާހަގައެއް ނުކުރެވެއެވެ.

އެކުވެރިންގެ މެދުގައި ދެކެވޭ ސިއްރު ވާހަކަތަކެއް އޭނާއަކަށް ނޭނގެއެވެ.

އަދި އޭނާގެ ހިޔަނި ފެންނާނެ ވަގުތަކަށް މީހަކު އިންތިޒާރު ކުރަމުންދާ ކަމެއްވެސް އޭނާގެ ހިތަކަށް ނާރައެވެ.

—

[ޗާފްޓަރ 7 – ނުލިޔެވި އޮތް ބާބު]

ކެމެރާގެ ނަޒަރު މަޑުމަޑުން ނައިފަރުގެ މަގުތަކަށް ދަތުރުކުރެއެވެ.

ސްކޫލުގެ ރަނގަބީލުގެ އަޑު އިވެއެވެ. ދަރިވަރުން ގެއަށް ދިޔުމަށް ނުކުންނަނީއެވެ. މެންދުރުފަހުގެ މަޑު އަވި ރަށުތެރެއަށް ވެރިވެފައިވެއެވެ.

އަންހެން ކުއްޖަކު އޭނާގެ ފޮތް ލައްޕައިލައެވެ.

ޒުވާނަކު އޭނާގެ އެކުވެރިޔަކު ބުނި ވާހަކައަކަށް ފަނޑު ހިނިތުންވުމެއް ރައްދުކުރެއެވެ.

އެއް ރަށެއްގައި، އެއް މާހައުލެއްގައި، ދަންނަ މޫނުތަކެއްގެ މެދުގައި ދެމީހުން ހަރަކާތްތެރިވަމުން ދިޔަޔަސް، އެ ދެމީހުންގެ ވިސްނުމާއި މިސްރާބު ތަފާތެވެ.

އެއް ކުއްޖަކު ކުރަނީ އުޑުމަތީގެ ވިލާތައް ފޫދުއްވާލައި އުދުހިގަތުމުގެ އުންމީދީ ހުވަފެނެކެވެ.

އަނެއް ކުއްޖަކު ދަނީ އާދައިގެ ހިނިތުންވުމެއްގެ ނިވަލުގައި، ހިތުގެ ފުންމިނުގައިވާ ޝުއޫރުތައް ފޮރުވަމުންނެވެ.

—

[ފަހު މަންޒަރު]

އެއް ރަށެއްގެ އުޑުދަށުގައި، ދެ ހިތެއްގެ ވިންދު ޖަހަމުންދިޔައެވެ.

އޭގެ ތެރެއިން އެއް ހިތަކީ، ވިލާތަކަށްވުރެ މައްޗަށް އުދުހިލުމުގެ ފޮނި ހުވަފެންތަކެއް ދެކެމުންދިޔަ އަންހެން ކުއްޖެއްގެ ހިތެވެ.

އަނެއް ހިތުގެ ވެރިއަކީ، އޭނާގެ ކޮންމެ ދުވަހެއްގެ ޚިޔާލުތަކުގެ ތެރެއިން އެ ކުއްޖާއަށް ޚާއްޞަ މަޤާމެއް ދީގެން ހުރި ފިރިހެން ކުއްޖެކެވެ.

އެ އަންހެން ކުއްޖާ އުޅުނީ ފޮތްތަކާއި ޢިލްމު ހޯދުމުގައެވެ. އޭނާގެ ކުރިމަގާ މެދު ކުރަނީ އުއްމީދުން ފުރިގެންވާ ތަފާތު ތަޞައްވުރުތަކެކެވެ.

އެހެނަސް، ފިރިހެން ކުއްޖާ ރައްކާކުރަމުން ދިޔައީ ކުދިކުދި ހަނދާންތަކާއި، ދަންނަ މޫނުތަކާއި، އޭނާގެ ހިތުގައި އޮތް މަޤާމު ނޭނގޭ އެ މަޢުޞޫމު ކުއްޖާގެ ފެނިލުންތަކެވެ.

އެ ދެމީހުން ހިނގަނީ އެއް މަގުތަކެއްގައެވެ. ނޭވާލަނީ ރަށުގެ އެއް ވަޔަކަށެވެ. އަދި އޮއްސެމުންދާ އިރުގެ ރީތި މަންޒަރުތައް ބަލަނީ އެއް މާހައުލަކުންނެވެ.

އެހެންނަމަވެސް، އެ ދެމީހުން އުޅެމުންދިޔައީ މުޅިން ތަފާތު ދެ ދުނިޔެއެއްގައެވެ. އެ އަންހެން ކުއްޖާ ހުރީ އަމިއްލަ ހުވަފެންތަކުގައި ކުލަޖެއްސުމުގެ އަޒުމުގައެވެ. އެ ފިރިހެން ކުއްޖާގެ ހިތުގައި ވަނީ ބަޔާންކުރަން ނޭނގޭ ސިއްރުތަކެކެވެ.

ނައިފަރުގެ އާދައިގެ ހެނދުނުތަކާއި، ސްކޫލް ދުވަސްތަކާއި، އިރުއޮއްސޭ ވަގުތުތަކުގެ ތެރޭގައި، ނުލިޔެވި އޮތް ވާހަކައެއް މަޑުމަޑުން ފެށެން ތައްޔާރުވަމުން ދިޔައެވެ.

ކޮންމެ ރީތި ވާހަކައަކީ ދެމީހަކު ލޯބިވުމުން ފެށޭ ވާހަކައަކަށް ނުވެދާނެއެވެ. ބައެއް ވާހަކަތައް ފެށެނީ ހަމައެކަނި އަނެކާގެ ފެނިލުމަކަށް އެދި ކުރެވޭ އުއްމީދަކުންނެވެ.

ސަބަބަކީ، އެންމެ ފުރިހަމަ ސިއްރުތަކަކީ ބައެއް ފަހަރު އާދައިގެ ހިނިތުންވުމެއްގެ ތެރޭގައި ފޮރުވިފައިވާ ކަންކަމަށް ވާތީއެވެ.

—

ސުރުޚީ

އަހަރެންގެ ހުވަފެން، އޭނާގެ ސިއްރު
MY DREAM, HIS SECRET

ހުވަފެންތަކާއި، ގާތް އެކުވެރިކަމާއި، އާއިލީ ލޯބި އަދި ބަޔާންނުކުރެވޭ އިހުސާސްތަކެއް އެކުލެވޭ ފުން ވާހަކައެއް.

ވަރަށް އަވަހަށް ނުކުންނަނީ…