Skip to content
އެސްފިޔަ

ވަގުތު މަޣްރިބު

Listen to this story Audio · 18:35 Powered by Esfiya Voice
0:00 18:35

މެންދުރު އެންމެ ހޫނު ވަގުތެވެ. ޖައްވުގެ ތެރެއިން ދޭތެރެއަކުން ވައިރޯޅީގެ ހިލަމެއް ވިޔަސް ގަދަ ހޫނުގެ ސަބަބުން އެއްވަރަކަށް ވެސް ފިނިކަން އިހްސާސެއް ނުވެއެވެ. ދިލަ އަވިން މުޅި ރަށަށް ވެރިވެފައިވާ ހޫނު ކަމުގެ ސަބަބުން ގެއިން ބޭރަށް ނުކުމެ އުޅޭ މީހުން ފެންނަނީ ހާލަކުން ފަހަރަކުއެވެ.

ކުރިމަތިން ފެންނަނީ ޒަމާންވެ ބާވެފައިވާ ގެއެކެވެ. އެ ގޭގެ ގޯތި ތެރެއަށް އިރުއިރުކޮޅާ ވަދެ ނުކުމެ ހަދަމުންދާ މެދު އުމުރުގެ އަންހެން މީހާގެ މަސައްކަތް ފެންނަނީ ނުހަނު ބުރަކޮށެވެ. އިރު އެރީއްސުރެ ހުއްޓާ ނުލާ އޭނާ މަސައްކަތް ކުރަމުން ދަނީ ގެއިން ނެރެމުންދާ ސާމާނުތައް ފޮށި ގަނޑުގަނޑަށް އަޅާ ބަންދު ކުރުމަށެވެ. އެއިން ކޮންމެ ފޮށްޓެއް ބަންދު ކުރުމަށް ފަހު ގޯތި ތެރޭގައި ޕާކު ކޮށްފައިވާ ބަގީއަށް ލާ ތައްޔާރު ކުރިއެވެ.

މީރާ އަކީ އުމުރުން ސާޅީސް އަހަރު ނުވާ އަންހެނެކެވެ. އޭނާގެ ހަޔާތަށް ލިބުނު އެންމެ އަގުހުރި ނިޢުމަތަކީ އޭނާގެ ދެލޮލުގެ ކޮއި ފަދަ އަންހެން ދަރިއެވެ. އެއީ އާމިރާއެވެ. އާމިރާގެ އުމުރުން އަދި ވާނީ އެންމެ ނުވަ އަހަރެވެ. އާމިރާ ލިބުނީ މީރާ އާއި އޭނާގެ ފިރި މީހާ އަދުނާނުގެ ކައިވެންޏަށް ފަނަރަ ވަރަކަށް އަހަރު ވާން ކައިރި ވެފައި ވަނިކޮށެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ އެތައް ޒަމާނެއް ވަންދެން ބޭސްކޮށް ދުޢާ ކުރުމުގެ ނަތީޖާއެވެ.

“އަދުނާން..! އަދުނާން..! ދެން އާދޭ ދާން.. އަހަރެންގެ ހުރިހާ ސާމާނެއް ހަމަ ވެއްޖެ.” ބޭރު ގޯތިތެރޭގައި ހުރި މީރާ ގޭތެރެއަށް އަޑު އިވޭ ވަރަށް ގޮވާލިއެވެ.

“މިދަނީ…” އެތެރެއިން އިވުނީ އަދުނާނުގެ ބާރު އަޑެވެ.

އާމިރާގެ އަތުގައި ހިފައިން ގޭތެރެއިން ނުކުތް އަދުނާނުގެ ކިހިލީގައި ވަނީ ކުޑަވަރެއްގެ ފޮށިގަނޑެކެވެ. އެ ފޮށިގަނޑު ހިފައިން ނުކުމެގެން ގޮސް ބަގީ ތެރޭގައި ބޭންދި ވަގުތު އާމިރާ ދުއްވައިގަތީ މީރާ ގާތަށެވެ.

“މަންމާ..! ހިނގާ އަވަހަށް ދާން… އާމީ ވަރަށް އުފާވޭ މިއަދު އާ ގެއަށް ބަދަލު ވެވޭތީ..” މީރާގެ ހެދުމުގެ ފަސްބައި ގައި ހިފައިން ކުރިޔަށް ދަމުން އަމީރާ ފާޅު ކުރީ އޭނާގެ އުފާވެރި ޝުޢޫރެވެ.

އިރުކޮޅެއް ފަހެވެ. މީރާއާ އާމިރާއަށް ދެވުނު އިރު އަދުނާނު ބަގީއިން ފަހަރަކު ފޮށްޓެއް ނަގާ ގޭތެރެއަށް ވައްދަމުން ދިޔައެވެ. އެ މަސައްކަތުގައި މީރާއާ އާމިރާ ވެސް އުޅެމުން ދިޔައެވެ. ގޭތެރޭގެ އެކި ތަންތާ އެއްޗިހިތައް ރާވާ ހަމަޖައްސާ ނިންމާލެވުނު އިރު މަޣްރިބު ނަމާދަށް ބަންގި ގޮވަނީއެވެ.

ވެފައިވާ ވަރު ބައްޔާއި ހިއްލާފައިވާ ދަލުގެ ސަބަބުން އާމިރާ ބޭނުންވީ ފެންތައްޓެއް ބޯލައިން ހަމަޖެހިލާށެވެ. ހަމަ އެވަގުތު ކާގެއަށް ވަދެ ފެން ބޯން ހުރި އާމިރާގެ ލޮލުގައި އަޅައިގަތީ އައިސް އަލަމާރި މަތީ ބައިންދާފައި އިން ފިނިފެންމާ ގަހެވެ.

އެ މާގަސް އިނީ ކުޑަވަރެއްގެ ކަޅު ޕޮޓެއް ގައެވެ. އޭގައި އިން ކުޑަކުޑަ ރަތް ކުލައިގެ ފިނިފެންމާ ފެނި އާމިރާގެ ޝައުގުވެރިކަން އިތުރު ވިއެވެ.
އެއާ އެކު ކާމޭޒު ކައިރީގައި ހުރި ގޮނޑި ދަމާލާފައި ގެނެސް އައިސް އަލަމާރިއާ ކައިރިކޮށްލިއެވެ. އެ މަލުގައި އަތްލާ ހިތުން އުފަލުން ހުރި އާމިރާ ވަގުތުން އެ މަލުން ދެތިން ފިޔަ ރޫޅާ އަޅާލިއެވެ. އެއަށް ފަހު މަލުގައި ގައި ފިރުމާލުމަށް ފަހު ވަސް ބަލައިލިއެވެ.

“އަދުނާން!… އަދުނާން.! ކޮބާތަ އާމިރާ؟ އިޝާ ނަމާދުން އައިސް ގެއަށް ވައިން އަދުނާނު ގާތުގައި އާމިރާ ނެތުމުން މީރާ އަހާލީ ހައިރާން ވެފައި ހުރެއެވެ.

“ނޭނގެ… އަހަންނާ އެކީ ބޭރަކަށް ނުދެ.. މީރާއަކަށް ނޭނގޭތަ އެމަންޖެ ވީތަނެއް.؟” އަދުނާނު އަހާލީ ހާސްވެފައި ހުރެއެވެ.

“އާން… އެކަމު އިރު އޮއްސުނު އިރުވެސް ގޭގަ ހުރި.. އެހެންޏާ އަބަދުވެސް ތާކަށް ދަންޏާ ބުނާނެ. ދެން އެހެން ނޫނަސް އަހަރުމެން މީހަކާ ނުލާ އެމަންޖެ ދުވަހަކު ވެސް ތާކަށް ނުދެ.” ނަމާދު ދޮޅީގައި ހުރެ މީރާ ދިޔައީ އަދުނާން އެކު ގޭތެރޭގެ އެކި ދިމަދިމާ ހޯދަމުންނެވެ.

އާމިރާ ހޯދަމުން ގޮސް މީރާއަށް ވަދެވުނީ ކާގެ އަށެވެ. އެވަގުތު ބިންމައްޗަށް ވެއްޓިފައިވާ އާމިރާ ފެނި މީރާއަށް ވަރަށް ބާރަށް ހަޅޭއް ލަވައި ގަނެވުނެވެ.

“އަދުނާނޫ….! އާމިރާ މިއޮތީ ވެއްޓިފަ.” މީރާގެ އަޑަށް އަދުނާނު ދުވެފައި އައިސް އެތަނަށް ވަނެވެ.

ދެމަފިރިން ވެގެން އާމިރާއަށް ގޮވާގޮވާ ވެސް އާމިރާ ލޮލެއް ނުހުޅުވިއެވެ. އިރުގަނޑަކަަށް ފަހު އާމިރާގެ އެސްފިޔަތައް ހަރަކާތް ކޮށްލީ އަދުނާނު ފެން ކިޔަވާފައި އާމިރާގެ މޫނަށް ފަހަރަކު ފެން ފޮދެއް ބުރުއްސާ ލަމުން ދަނިކޮށެވެ. އެއަށް ފަހު، އަދުނާނުގެ އެހީއާ އެކު އަތުލަފި ކޮށްގެން އާމިރާ ގެންގޮސް ސިޓިންގް ރޫމު ސޯފާގައި ބޭންދިއެވެ.

އެވަގުތު މީރާ ހުރީ ކާ ގޭގަައެވެ. އާމިރާ އޮތް ތަނާ ދިމާލުން މުށިތައް މައްޗަށް ވެރިފައި އޮތް ފިނިފެންމާ ފިޔަ ތަކަށް ނަޒަރު ހިންގާލަމުން ހެކި ދެނީ އެއީ އާމިރާ ކޮށްފައިވާ ކަމެއް ކަމެވެ. އެ ވިސްނުމުގައި ހުރެ މީރާ ފިނިފެންމާ ފިޔަތައް ނަގައިން ގޮސް ޑަސްބިނަށް އަޅާލިއެވެ.

ދުވަސް ތައް ވޭތު ވަމުން ދިޔަ އިރު، އެރޭގެ އެ ހާދިސާއަށް ފަހު އާމިރާ އިންނަނީ ގަބު ވެފައެވެ. ވާހަކަ ދެއްކިޔަސް ވާހަކަ ދައްކަނީ އެއް ނޫނެވެ. ކާއެއްޗެއް ދިނަސް ދުވާލުދާ ހަތަރު ދަމު އިންނަނީ ނުކައެވެ. ގަދަ ކަމުން ދޭން އުޅެގެން ވެސް ބޯލަނީ ކުޑަ ވަރެއްގެ ޕެކެޓެކެވެ. ގައިގައި ރާޖާ އަޅާ ބަނދެވިގެން ކޮޓަރި ތެރޭ އޮންނަ އިރު އެއްވެސް ވަރަކަށް އެ ކޮޓަރީގައި އަލި ކަމެއް ނުހުރެއެވެ. ކަނު އަނދިރީގައި ކޮންމެ ދުވަހަކު އެހެން އޮންނަ އިރު ގައިން ތާހިރު ވާން އެއް ވަރަކަށް ވެސް ބޭނުމެއް ނުވެއެވެ.

ހަފްތާއެއްހާ ދުވަސް ވަންދެން އާމިރާގެ ކަންކަން ހިނގަމުން ދަނީ އެ އުސޫލުގެ ތެރޭންނެވެ. އެކަމެއް ދިމާވި ފަހުން އެއް ވަރަކަށް ވެސް ސްކޫލަށް ދާކަށް ބޭނުމެއް ނުވެއެވެ. ގެއިން ބޭރަށް ދާކަށް ވެސް ބޭނުމެއް ނުވެއެވެ. ދެން އޮތީ ނިދާ ގަޑިއެވެ. އެ ގަޑީގައި ވެސް އާމިރާގެ ކަމަކީ ނިދީގައި އޮވެ ދަތް ކޫރުވުމުވެ. ކޮންމެ ރެއަކު ވެސް މީރާއަށް ހޭލެވެނީ އާމިރާ ދަތްކޫރުވާ އަޑަށެވެ. ބައެއް ރޭރޭ މީރާއަށް ހޭލެވޭ އިރު އާމިރާ އިންނާނީ އެނދުގައި ފުރަގަސް ދީގެން އިށީންދެ އެވެ. އެހެން އޮންނަ އިރު ކޮންމެސް ވަރަކަށް ވާހަކަ ދައްކާ އަޑު އިވޭހެން ހީވެގެން “އާމިރާ!…” އޭ ކިޔާ ގޮވާލުމުން މުޅިން ހެން އެ އަޑު ކެނޑި އާމިރާ ހިމޭން ވެއެވެ.

އެއް ދުވަހެއްގެ މެންދުރު ވަގުތެވެ. އަދުނާނު މަޑުމަޑުން އާމިރާ އިން ކޮޓަރި ހުޅުވާލިއެވެ. އެއާ އެކު ދޮރުގެ ހަނި ދޭތެރެއިން އަދުނާނަށް ފެނުނީ ހައިރާން ކުރުވި މަންޒަރެކެވެ. އާމިރާ އިނީ ކުޅޭށެވެ. ކައިރީގައި އަތުރާފައި ވަނީ ރީތި ވާން ބޭނުން ކުރާ އެކި ކަހަލަ ސާމާނެވެ. އެހެން އިން އިރު ބައެއް ފަހަރަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. އެއަށް ފަހު ސެންޓް ފުޅިއެއް ނަގާ ދިއްކޮށްލިއެވެ. ހީވަނީ ކުރި މަތީ އިން މީހަކަށް އެ ހަވާލު ކުރާ ހެނެވެ. އަނެއްކާ ވެސް އެއާ ވިދިގެން ނިކަށް ބާރަށް ހީގަނެއެވެ. ހީވާ ގޮތުން މިހާރު އާމިރާގެ އެންމެ ހިތްހަމަ ޖެހޭ ވަގުތަކީ އެއީ އެވެ.

ދޮރު ލައްޕާ ލުމަށް ފަހު އަދުނާން ދިޔައީ މީރާ ގާތަށެވެ. އެވަގުތު މީރާ ހުރީ ކައްކާށެވެ. މީރާ ފެނުމާއެކު އަދުނާނު މީރާއާ ނިކަށް ގާތަށް ޖެހިލިއެވެ. އަދި މީރާގެ ކަންފަތް ދޮށުގައި މަޑުމަޑުން ސިއްރެއް ބުނެލިއެވެ.

“އާން… އަހަރެން ވެސް ދެކެން ދަންވަރު… އޭނަ ހަމަ އަމިއްލަ އަށް ވާހަކަ ދައްކަނީ.. ދެން ދަތް ކުރުވާ… މަށަކަށް ނޭނގެ..  އަދުނާނަށް އެނގޭތަ؟ މަވެސް މިހާރު ތިކަމާ ވަރަށް ބިރު ގަނޭ…” މީރާ ގޮސް ފިނިފެންމާ ޕޮޓް ނަގާ އެ ގަހަށް ފެން ދޭން ޒިންކް ކައިރިއަށް ޖެހިލަމުން އަދުނާނަށް ކިޔައި ދިނެވެ.

“ކޮންމެސް މަންތިރި އެއް ހަދަން ވާނީ.. އާމިރާއަށް އެހުރީ ބޭރު ފަރާތު ކަމެއް ޖެހިފަ.” ޔަގީން ކަމާ އެކު އަދުނާނު ބުނެލިއެވެ.

“އާން… މީ ކިހިނެއް ވާކަމެއް އަނެއްކާ؟… އިއްޔެ ފެން ދޭން ނެގި އިރު މި ގަހުގަ ތިން ފަތް އިނީ ދޮން ވެފަ.. އެކަމު މިއަދު މި ހުރީ ފެހި ކުލައިގަ…” ހައިރާން ވެފައި ހުރެ މީރާ ދެއްކީ އެހެން ވާހަކައެކެވެ.

“ވެދާނެ އެ ފަތްތައް އައިސް އަލަމާރި މައްޗަށް ވެއްޓިފަ ކަމަށް ވެސް… ދެން ތިހެން ވާނެތަ؟” އަދުނާނަށް ގަބޫލު ނުކުރެވިގެން ބުނެލިއެވެ.

“ނޫނެކޭ… މިތާ މަތީގަ ފަތެއް ނެތް.. އެކަމު…… އަދުނާނޫ….. އެކަމަކު….. އަހަރެން… ހިނގާ މިތަނުން ދާން…” އައިސް އަލަމާރި މަތި ބަލައިލަން ގޮނޑިއަށް އަރާ ހުރި މީރާ ގޮނޑިން ފައިބައިން ކޮޓަރިއާ ދިމާލަށް ދުއްވައި ގަތެވެ.

މީރާގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް އަދުނާނު ވެސް ދިޔައެވެ. އޭރު މީރާ އިނީ ބިރުންނެވެ. ވެގެން އުޅޭ ގޮތް އޮޅުން ފިލުވަން އަދުނާން އެތައް ގޮތަކުން މީރާއާ ސުވާލު ކުރިއެވެ.

“އަދުނާނު…! މަށަށް ހިއެއް ނުވޭ މީ ރަނގަޅު ކަމެއް ހެން.. އަހަންނަށް ހީވަނީ މީ ޖިންނި ކަމެއް ހެން… ލަތީބެއްޔާ ލައްވާ އަހަންނަށާ އާމިރާ އަށް ތަވީދު ހަދާ ދީބަލަ…” ބިރުން އިން ވަރުން މީރާ ބުނެލިއެވެ.

މީރާގެ އެދުމަށް އެދުވަހު އަޞްރުން ފައިބައިން އަދުނާނު ދިޔައީ ލަތީބެއްޔާ ކައިރިއަށެވެ. އެއީ އާމިރާ ފެންވަރަން ވަދޭތޯ ބަލަން މީރާ މަސައްކަތް ކުރަމުން ދިޔަ ވަގުތެވެ. އެހެނަސް އެ ވަގުތު އާމިރާގެ ފަރާތުން އަނެއްކާ ވެސް މީރާއަށް ފާހަގަ ވަމުން ދިޔައީ ތަފާތު ކަމެކެވެ.

ކަޅި ޖަހާނުލާ އެތައް އިރެއް ވަންދެން މީރާއާ ދިމާލަށް ބަލަން އިން އާމިރާގެ މޫނު މަތީގައި ވަނީ ރުޅިވެރި ކަމެވެ. އެހެން އިނދެ ބައެއް ފަހަރަށް އާމިރާއާ ދިމާލަށް ލޯ އަޅާލާހެން ވެސް ހީވެއެވެ.  އަނެއްކާ ވެސް އެހެން އިނދެ ވަރަށް ދެރަވެފައި ވާފަދައިން ބަލައިލައެވެ. އެއް ވެސް އެއްޗެއް ނުބުނެ އިން އާމިރާގެ އެ ހަރަކާތް ތަކުން މީރާގެ ހިތަށް ވަންނަމުން ދިޔައީ ބިރުވެރި ވަހުމު ތަކެވެ.

އިރު އޮއްސުމުގެ ކުރިން އަދުނާނު ގެއަށް އައީ ދެ ތަވީދު ހިފައިންނެވެ. އޭގެ އިންތިޒާރުގައި ވަގުތު ގުނަގުނާ ހުރި މީރާ ވަގުތުން އަދުނާނާ އެކު ކޮޓަރިއަށް ވަދެ ތަޅު ލިއެވެ.

“އަން… މި އަޅާ އާމިރާގެ އުނަގަނޑުގަ.. ދެން މި ނުނަގައްޗެ.. މިއޮތީ އާމިރާގެ… ލަތީބެއްޔާ ބުނީ ކުޑަކުއްޖެއް ވީމަ އާމިރާގެ އަތުގެ މުލައްދަނޑީގަ އަޅުވާފަ ބައިންދާށޯ… އޭރުން އަހަރުމެންނަށް މި ތަވީދު އަބަދު ވެސް ފެންނާނެއްނު.” އަދުނާނު ކިޔައިދިނީ ލަތީބެއްޔާ ބުނި ގޮތަށެވެ.

ވަގުތުން މީރާ އޭނާގެ އުނަގަނޑުގައި ތަވީދު އަޅާލިއެވެ. އެއަށް ފަހު އާމިރާގެ ތަވީދު ހިފައިން ނުކުންނަން ދޮރު ހުޅުވާލިއެވެ. އެވަގުތު މީރާ ކޮޓަރި ކުރިމަތީގައި ހުރީ އާމިރާއެވެ.

އާމިރާ ފެނި އަދުނާނާ މީރާ ހައިރާން ވިއެވެ. އެކަކު އަނެކަކުގެ ލޮލަށް ނަޒަރު ހިންގާ ލެވުނީ އާމިރާގެ ރުޅި ވެރި މޫނު ފެނިފައެވެ. އެހިނދު ވަގުތުގެ ބޭނުން ހިފަމުން ކުރުސި ކިޔާލުމަށް ފަހު އަދުނާނު ފުމެލީ އާމިރާގެ މޫނަށެވެ. ހަމަ އެއާ އެކު އާމިރާ ހޭނެތިގެން ވެއްޓުނީއެވެ.

މީރާއަށް އެކަންވީ ހައިރާން ކުރުވި ކަމަކަށެވެ. ޖެހިލުންވެ ހުރެ އަދުނާނުގެ ގަމީހުގައި ނިކަށް ބާރަށް ހިފައްޓާލީ ބިރުން ހުރި ވަރުންނެވެ. ވަގުތުގެ ބޭނުން ހިފަމުން އަދުނާނު ވަރަށް އަވަހަށް އާމިރާގެ އަތުގެ މުލައްދަނޑީގައި ތަވީދު އަޅުވާލިއެވެ. އެއަށް ފަހު އާމިރާ ގެންގޮސް ސިޓިންގް ރޫމު ސޯފާގައި ބޭއްވުމަށް ފަހު ކައިރީގައި އިނދެ ގުރުއާން ކިޔަވަމުން ދިޔައެވެ.

މަޣްރިބު ނަމާދު ކޮށްގެން އަދުނާނު ގެއަށް އައިސް ވައިން އިރު މީރާ ހުރީ ސިޓިންގް ރޫމުގައެވެ.

“އަދުނާނޫ!.. ހިނގާބަލަ މަށާ އެކީ ކާގެއަށް… އެއްޗެއް ދައްކާނަން..” މީރާގެ އެ ބަހަށް އަދުނާނު ގޮސް ކާގެއަށް ވަނެވެ.

“ބަލާބަލަ… އައިސް އަލަމާރި މަތި… އެތާ ލޭ ތިކި ހުރިތޯ… ތިން ތިކި ލޭ…. އަހަރެން އެއްކަލަ އިރު ބިރުން ނުކުތީ އެތާ ލޭ ހުރީމަ..” އަދުނާނުގެ ގަމީހުގައި ހިފައިން ހުރެ މީރާ ބުނެލިއެވެ.

“ލެޔޭ؟؟… ކީއްވެ އެ ހިސާބުގަ ލޭ ހުންނަންވީ؟ ތި ވާނީ ހީވި ގޮތެއް ކަމަށް.. ދައްކަބަލަ ގޮނޑި.” މޭޒު ކައިރިން ގޮނޑިއެއް ދިއްކޮށްލަމުން މީރާ އެހީވިއެވެ.

ތެދެކެވެ. އަދުނާނުގެ ލޮލުގައި ވެސް ލޭ ތިކި އަޅައިގަތެވެ. އެހެނަސް އެއީ އެންމެ ލޭ ތިއްކެކެވެ. ހައިރާން ވެފައި ހުރެ އަދުނާނު އެވާހަކަ މީރާއާ ހިއްސާ ކުރިއެވެ. އެ ހިސާބުން މީރާއަށް ސިއްރުން އަދުނާނު ވެސް ޖެހިލުން ވާން ފެށިއެވެ.

ތަވީދު އެޅުވުމަށް ފަހު އާމިރާގެ ހާލު އާންމު ހާލަތަކަށް ރުޖޫޢަ ވިއެވެ. އަދުނާން ވާހަކަ ދައްކާ އާމިރާއާ އެކު ކައި ހީ ސަމާސާ ކުރިއެވެ. އެހެންވެ ދެތިން ދުވަސް ފަހުން މީރާ ނިދަން އޮތީ އަދުނާނު އޮންނަ ކޮޓަރީގައެވެ. މީރާއާ އަދުނާނަށް ވިސްނުން ގޮތުގައި ތަވީދު އެޅުވުމުން އާމިރާ މުޅިން ހެން ރަނގަޅުވީއެވެ.

ދަންވަރުގެ ވަގުތެވެ. އާމިރާއަށް އޮތީ ނިދިފައެވެ. ފަނޑު އަނދިރި ކަމުގެ ތެރޭގައި ނިދާފައި އޮތް އާމިރާއަށް ހޭލެވުނީ ކޮންމެސް މީހަކު ދޮރުގައި ޓަކި ޖަހަމުންދާ އަޑަށެވެ. އެނދުން ފައިބައިން ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ އަދުނާނެވެ. އެއާ އެކު އާމިރާ ލޯ ކަހާލަމުން “ބައްޕާ” އޭ ކިޔާ ގޮވާލިއެވެ.

ކުރިމަތީގައި ހުރި އަދުނާނު ވާހަކަ ދެއްކީ ދެ ފަހަރަކު އާމިރާ ވާހަކަ ދެއްކުމުންނެވެ. އަދުނާނުގެ މޫނު ހުރި ގޮތުން އާމިރާއަށް އިހްސާސް ވަނީ އޭނާ ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ވާފަދަ ގޮތަކަށެވެ.

“ދަރިފުޅާ!… އަތުގަ އަޅާފަ ތިއޮތް އެތި ނަގާފަ އެއްލާލާ… ތިކަހަލަ އެއްޗިސް އަބަދު އަޅައިގެން އުޅެން ރަނގަޅެއް ނުވާނެ.” އަދުނާނުގެ އެދުމަށް އާމިރާ ފުރަތަމަ ވެސް ހޯދީ ތަވީދު ކަނޑާލާނެ ހަތިޔާރެކެވެ.

ކޮޓަރީގެ ކަބަޑެއް ތެރެއިން ކަތުރެއް ހޯދުމަށް ފަހު އާމިރާ އޭނާގެ އަތުގައިވާ ތަވީދު ކަނޑާލުމަށް ފަހު ޑަސްބިނަށް ލިއެވެ. އެއަށް ފަހު އުފާވެރި ހިނިތުން ވުމެއް ދައްކާލަމުން އަދުނާނު ދޮރު ލައްޕާލީ އާމިރާ ގާތު ނިދާށޭ ބުނަމުންނެވެ. އެއަށް ފަހު ކުރިމަތީގައި ހުރި އަދުނާނު ކަޅު ދުން ގަނޑެއްގެ ސިފައިގައި ގެއްލިއްޖެއެވެ.

ފަތިހުގެ އެންމެ ހިތްގައިމު ވަގުތެވެ. ނަމާދު ކޮށް ނިންމާލައިން މީރާ ގޮސް ހިފާލީ އާމިރާ ނިދާ ކޮޓަރީގެ ތަޅު ގައެވެ. އެހެން ނޫނީ ތަޅު ލައިގެން އޮންނަ އާމިރާގެ ކޮޓަރި ތަޅު ނުލާ ހުރުމުން މީރާގެ ހިތުގައި ޖަހާލީ ބިރުވެރި ކަމުގެ ރަނގަބީލެކެވެ.

މަޑުމަޑުން ދޮރު ހުޅުވާ ބަލައިލި އިރު ދެލޯ މަރައިގެން އޮވެ އާމިރާ ތެޅި ފޮޅެނީއެވެ. އެއް އަތުން ކަރުގައި ހިފާފައި ވާއިރު އަނެއް އަތުގައި އެއްވެސް ބާރެއް ނެތޭ ބުނެވިދާނެއެވެ. މީރާ އިތުރަށް އާމިރާއާ ގާތް ވެލީ އާމިރާގެ އެ ހާލަތު ކައިރިން ދެނެގަތުމަށެވެ. މީރާއަށް ދެން ފެނުނީ މީގެ ކުރިން ދުވަހަކު ވެސް އާމިރާގެ ކިބައިން ދެކެފައި ނުވާ ކަމެކެވެ.

އާމިރާގެ އަނގައިން ފޮނު އަރަމުން ދިޔައިރު ވެސް އޭނާ ދަނީ އަމިއްލަ އަތުން ކަރުގައި ހިފަމުންނެވެ. ހީވަނީ ކޮންމެސް އެއްޗެއް ނައްޓަން މަސައްކަތް ކުރާ ހެނެވެ. ނޫނީ ކޮންމެސް އެއްޗެއް ނަގަން މަސައްކަތް ކުރާ ހެނެވެ.

އެވަގުތު ގެއަށް އައިސް ވައިން އަދުނާނަށް ވެސް އެ ހުރި މަންޒަރެއް ފެންނަމުން ދިޔައެވެ.

“އަދުނާނޫ!… ހިނގާބަލަ އަވަހަށް ޑޮކްޓަރަށް ދާން… މި… މީ ކޮންހާ ފޮނެއްތަ؟” ހާސްވެފައި ހުރި މީރާ ބޭނުންވީ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ދިނުމަށް ގެންދިޔުމަށެވެ.

“މީރާ..! މީ ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ… މީ ޑޮކްޓަރަށް ރަނގަޅު ކުރެވޭނެ ކަމެއް ނޫން.. ކާފަގެ ފަރާތުން މަށަށް ވެސް މި ކަންކަން ދެނެގަންނަން އެނގިފަ ހުރިކަން ނަސީބެއް.. ތަވީދަކުން ވެސް ކަމެއް ނުވިއެއްނު… ކޮބާ މި މަންޖެގެ ތަވީދު؟” ކުއްލިޔަކަށް ހަނދާން ވެގެން އަދުނާނު ބަލައިލި އިރު އާމިރާގެ އަތުގައި ތަވީދެއް ނެތެވެ.

“މިވަގުތު ދެން އެ ހޯދަން އުޅޭނެ ކަމެއް ނެތް. މިފަހަރު އަންނާނަން ރުޤްޔާ ކުރާ ހަދީޖާ ގޮވައިން.” ވަގުތުން އަދުނާނު ދިޔައީ ހަދީޖާ ބަލައެވެ.

ހަދީޖާ ގޮވައިން އަދުނާނު އައި އިރުވެސް އާމިރާގެ ހާލަތަށް ބަދަލެއް ނާދެއެވެ. ނިކަށް ރަނގަޅަށް އާމިރާއަށް ބަލައިލުމަށް ފަހު ހަދީޖާ އެދުނީ ފެން ފޮދެއް ގެނެސް ދިނުމަށެވެ.

“އަދުނާނު!… ކަލޭ ވުޟޫ ކޮށްލައިން އައިސް ޔާސީން ސޫރަތް ކިޔަވަން ފަށާ… އެ މަންޖެ އެ އުޅެނީ ވާހަކަ ނުދެއްކިގެން… އަހަރެން މި ފެން ފޮދަށް ކިޔަވާ ލާނަން.. މި ފެން ފޮދު ބޯލެވުނިއްޔާ އާމިރާއަށް ވާހަކަ ދައްކަން ފެށޭނެ.. އެހެންވީމާ ދެން މީރާ ގެނެސްދީ ސަމްސަލެއް.” ހަދީޖާ ކިޔައިދިނީ ކަންތައްތައް ކުރަންވީ ގޮތެވެ.

ދިހަ ވަރަކަށް މިނެޓް ތެރޭ ހަދީޖާ ފެން ކިޔަވާ ނިންމާލިއެވެ. އަދި މީރާ ގެނައި ސަމްސަލުން މަޑުމަޑުން އާމިރާގެ އަނގަޔަށް ފެންފޮދު ވަންނާނޭ ހެން އަޅަމުން ދިޔައެވެ. އިސާހިތަކު އިރުކޮޅެއް ތެރޭގައި ނަތީޖާ ފެންނަން ފެށިއެވެ.

ވިއްސަކަށް މިނެޓް ވަންދެން އެތާނގައި ގުގުމަމުން ދިޔައީ ޤުރްއާނުގެ ރީތި އާޔަތް ތަކުގެ އަޑެވެ. އެ އަޑާއި އެކު އާމިރާގެ ހަރަކާތްތައް ހަމަޖެހުމަކަށް އަންނަމުން ދިޔައެވެ. އޭރު ތެޅިތެޅި އޮތަސް މިހާރު އާމިރާގެ މުޅި ހަށިގަނޑު ވަނީ ހިމޭން ވެފައެވެ. ހަމަ އެގޮތަށް ކަރުގައި ހިފާ ބާރު ކޮށްފައިވާ އަތް ވެސް ވަނީ މަޑުމަޑުން ތިރިކޮށްފައެވެ. އަނގައިން ފައިބަމުން ދިޔަ ފޮނުތައް ވެސް މުޅިން ހުއްޓި ހަމަޖެހުނެވެ. އެހެނަސް އަދިވެސް ހުޅުވާ ނުލަނީ އާމިރާގެ ލޮލެވެ. އޭރު ވެސް އަދުނާނާ ހަދީޖާ ކިޔެވުން ހުއްޓާ ނުލާ ކުރިޔަށް ގެންދަމުން ދިޔައެވެ.

ކުއްލިޔަކަށް އެންމެގެ ސަމާލުކަން ހުއްޓުނީ އާމިރާގެ އަޑަށެވެ. އޭރު ވެސް އާމިރާ އޮތީ ލޯ ނުހުޅުވާ ހަމަ އެގޮތަށެވެ.

“އެއީ މިރަށު “މާބުޅާ”ގޭ އަސްތަރު ސިހުރު ހަދާފަ މިރަށު މީރާއަށް ދިން ފިނިފެންމާ ގަހެއް.. އަހަރެން މަޣްރިބު ވަގުތު އެއިން ތިން ފިޔަ ނައްޓާލީ.. އެއީ އެ ކުޑަ އަންހެން ޖިންނީގެ ތިން އިނގިލި..” އާމިރާގެ ވާހަކަ އިރުކޮޅަކަށް ހުއްޓުނު އިރު ވެސް އެންމެންގެ ޝައުގުވެރިކަން ފިލާ ނުދެއެވެ.

އެ ވާހަކަ ތަކުން މީރާއަށް ބަލައިލެވުނީ އަދުނާނުގެ މޫނަށެވެ. މީރާގެ އެ ބަލައިލުމުގައި ވަނީ އާމިރާގެ ވާހަކައިގައި ހުރި ތެދުވެރި ކަމެވެ. މީރާ ހައިރާންވީ އެ މާގަސް ދިން މީހެއްގެ ނަން ދުވަހަކު ވެސް އާމިރާ ގާތު ބުނެފައި ނުވަނީސް އެހާ މޮޅަށް ވަނަވަރު ކިޔާލީމައެވެ.

“އޭތީގެ އިނގިލި ތަކުން ލޭ އައި ވަގުތު އަހަރެން އެ މަލުން ވަސް ބެލީ… އެހިސާބުން ފުރަތަމަ ވެސް “ކައްދަވް” އަހަންނާ ރައްޓެހިވީ. އެކީގަ ކުޅެ ހެދި.. އޭގެ ފަހުން ކޮންމެ މަޣްރިބު ވަގުތަކު ކައްދަވްގެ އާއިލާ އަހަރެން ކައިރިއަށް އާދޭ..” ލޮލުގެ އެސްފިޔަތައް ކިރިޔަ ކިރިޔާ ތަޅުވާލަމުން ލޯ މަރައިން އޮވެ އާމިރާ ކިޔައިދެމުން ދިޔައެވެ.

“ލަތީބެއްޔާ ދިން ތަވީދު އެޅީމަ ކައްދަވް ރުޅި އައި… ނަސީބަކުން އެރޭ ދަންވަރު އަދުނާނު އައިސް އެ ނަގަން ބުނީމަ އަހަރެން ކަތުރަކުން އެ ކަނޑާލީ.. އެކަމު… އަހަންނާ ކައިރި ވާން ފުރުސަތު ލިބުނީމަ ކައްދަވް އައިސް މަގޭ ދުލުގަ ހިފައްޓައިގެން އޮތީ… ގުރުއާން ކިޔެވީމަ އެ ދިޔައީ… ހަދީޖާ!….. މަ ސަލާމަތް ކުރޭ… ހަދީޖާ..! މަ ސަލާމަތް ކުރޭ..” ކަރުގައި އަތުން ފިރުމަމުން ދިޔަ އާމިރާ ވާހަކަތައް ކިޔައިދެމުން އާދޭސް ކުރިއެވެ.

އެދުވަހުގެ ގިނަ ވަގުތު ހަދީޖާ ހޭދަ ކުރީ އާމިރާގެ ސަލާމަތަށް އެދި ﷲ އަށް ޛިކުރު ކުރާށެވެ. ގުރުއާން ކިޔަވާ ޝައިޠާނުން ބަލި ކުރާ އާޔަތްތައް ތަކުރާރުކޮށް ކިޔަވަމުން ހަދީޖާ ދިޔައީ ކައްދަވްއާ އިތުރަށް ސުވާލު ކުރަމުންނެވެ.

ކައްދަވް ބުނި ގޮތުގައި އެ ފިނިފެންމާ ގަހަކީ ސިހުރު ހަދާފައިވާ ގަހެކެވެ. މީރާގެ އެއްބަނޑު އެއްބަފާ އަސްތަރުގެ ހަސަދައިގެ ސަބަބުން މީހަކު ލައްވާ އެ ގެއަށް ހަދާފައިވާ ސިހުރެކެވެ. މީރާ މާ ތަނަވަސް ގެ އަކަށް ބަދަލު ވުމުންނޯ ލައެވެ.  ނަމަވެސް ގެއަށް އަސަރު ކުރުމުގެ ކުރިން އާމިރާގެ ފަރާތުން ފެނުނު ކަންކަމުގެ ސަބަބުން ސިހުރު ބާތިލު ކުރަން ފުރުސަތު ލިބި ހަދީޖާ އޭގެ ބޭނުން ހިފީއެވެ.

ނިމުނީ

******

މަޣްރިބު ވަގުތަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ބޭރަށް ނުކުމެ އުޅެން ހެޔޮ ނުވާ ވަރުގެ ވަގުތެކެވެ. ހާއްސަކޮށް ކުޑަ ކުދިންނެވެ. ބޭރުން ދިމާވާ ޝައިޠާނީ ހާދިޘާ ތަކުގެ އިތުރުން ދިރިއުޅޭ ގެއަށް ވަނުމަށް އެ ޝައިޠާނުން ނަށް ފުރުސަތު ނުދޭށެވެ. އެ ފުރުސަތު ކުޑަ ކުރެވޭނީ ގެއަށް ވަންނަމުން ނާއި ނުކުންނަމުން ކިޔާ ދުޢާތަކުގެ ބޭނުން ހިފައިގެނެވެ.

ހަސަދަވެރި ކަމަކީ މީހާގެ ހިތުގައި އޮންނަ ރޫހާނީ އެއްޗެކެވެ. އެ ހަސަދައިގެ އުނދަގޫ ގިނަ ފަހަރަށް ފޯރަނީ ޝައިޠާނުން ނަށް ސިހުރު ހަވާލު ކުރެވޭ ހިސާބުންނެވެ. މިސާލަކަށް ގަހަކުން، ލާން ގެންގުޅޭ އަންނައުނުން، ކާ އެއްޗަކުން ނުވަތަ ބޯ އެއްޗެއް މެދުވެރި ކޮށް ވެސް ސިހުރެއް ޖެހިދާނެ.

ސަމާލުވާށެވެ.

Comments (14)

  1. Anonymous

    Kon iraku Aneh vhk ge S2 kiyaalan libeyne

    1. Shaleen
      Anonymous

      Season 2 inee liye nimifa ingey. Alhamdh lillah.
      Final Check kollaafa Hama publish kuran fashaanan. In sha Allah.
      Mi month ga .🙂
      Freekoh Hama kiyaalan libeyne season 2. ❤️
      Thanks season 2 ah thihaa inthizaaru kuraatheeve.

      – kiyuntheriyaa ah Heyo edhun –

  2. Anonymous

    Pro eh thr?😭😭😭

    1. Shaleen
      Anonymous

      Labba . Mi faharu pro eh.
      Ekam v avahah free koh kiyaaleveyne “Himeyn S2”

  3. Anonymous

    How many episodes S2 ga

    1. Shaleen
      Anonymous

      S2 ulheyne 25eps

  4. Dane

    Just asking How many rf did u get mi story in .. I vx pro story eh liyan kamah 🤭😀

    1. Shaleen
      Dane

      Oh.. Hama liyelabala.
      Pro Veema aslu kiyaa meehun madhuvaane. Comment ves madhuvaane.
      Alhuganduge thajuribaaga vee goy .
      Mi vaahaka ah aslu kiyuntheringe samaalu kamei nulibunu..
      Ehenveema free story akah request kollaigen mi ulheny.
      I think January ge kurin Gina pro story thakei publish vanyaa, Nisbathun kiyaa meehun madhuvaane Hama.
      Sababakee, Faisaa dhakkaigen huihaa vaahaka eh kiyan meehun samaalu Kan nudheefaanetheeve. @Dane ahaaleema,
      Alhugandu ge thajuribaa hissaa kollee.

      Ekam mivaahaka ah readers ge samaalu Kan nulibunas, alhugandu ge dua akee Dane ge pro story kaamiyaabu vun. In sha Allah
      Thanks
      Lym

  5. Dane

    Thanks 👍 Alhugandu boy akah vefa adhi ehaa molheh nuvaane liyaakah..hehe.. adhi pro koh story eh liumuge visnumeh neh. Thibuny thaa readers ge attention vx nulibey vhk

    1. Shaleen
      Dane

      Nooney vedhaane alhugandu ge vaahaka ah ehen vee kamah.
      Ekam U can try hama. Eki authors ge readers ves support ves thafaathu vaane.
      Ehenveema aslu Hama U can try
      Kuriyah nudhanyaa convert kollaanee free story akah.
      Eves gothei

  6. Dane

    Vaki shaleen ge vhk akah veema ehen nuhadhaanu.. mhr kudhin kiyany GenZ style story…ehenve kanne ehen e v … I am saying this as a genZ .. can u write a genZ style kuru vaahaka plss

    1. Shaleen
      Dane

      Yess thihen vedhaane.
      GenZ style dho… Try Kollan jeheynee.. Maa old style stories dho mi liyevenee.
      V rangalhu vaahaka eh thi bunee aslu ingey

  7. Dane

    Which generation are you

    1. Shaleen
      Dane

      GenZ ge kuri…
      Millennials generation Y

Comments are closed.