Skip to content
އެސްފިޔަ

ހަޔާތުގެ ސަފްޙާ. ފުރަތަމަ ބައި

Listen to this story Audio · 11:07 Powered by Esfiya Voice
0:00 11:07

ދަންވަރުގެ ހަމަހިމޭން ވަގުތު ކަމުން މާލެތެރެ އޮތީ މުޅިންހެން ނިދާފައެެވެ. ސައިކަލެއްގެ އަޑުވެސް އިވެނީ ނުހަނު މަދުންނެވެ. ރެއަކީ ސާދަ ވިލޭރޭކަމުން ހަނދުގެ ފުރިހަމަ ކަމަށް ބަލަން ގޭގެ ބެލްކަނީގައި ޒޯޔާ ހުއްޓިލައިގެން ހުރިއިރު، އޭނާގެ ސިކުނޑިއަށް ތޫފާނެއް އައިސްފައިވާފަދައެވެ. ބަލާބެލުމަށް ޒޯޔާ ހުރީ މަޑުމައިތިިރި ކަމާއެކު ކަމަށް ބޭރުފުށުން ބަލާމީހަކަށް ހީވިނަމަވެސް، ޒޯޔާގެ ހިތުގައި އުދާސްކަން ވާއިރު ސިކުނޑީގައި އުފެދެނީ ހާސް ސުވާލެވެ. ހަނދާންވަނީ ހަޔާތުގެ ދިމާވެފައިވާ ހުރިހާ އިމްތިހާންތަކެވެ. ޒޯޔާ ހިތަށް އެރިއެވެ. ނިމުމެއްނެތް އުދާސްތަކެކެވެ. ނަމަވެސް، ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ދާންއޮތް މަންޒިލުން ހެެއްދެވިފަރާތުގެ އިރާދައާއެކު އޮތީ ހުސް އުފާވެރިކަމެވެ.
އެހެން ހިތަށް އެރުމުން ފަނޑު ހިނިތުންވުމަކާއެކު ފުންނޭވާއެއް ބޭރުކޮށްލައި އައިޕެޑްއަށް ބަލާލާ ނިދާފައޮތް ދަރިފުޅާ ދިމާއަށް ބަލާލާ، އަތުގައި އޮތް ފޯނުން މީގެ ނުވަ އަހަރު ކުރީގެ ފޮޓޯތައް ހުޅުވާލިއެވެ. ފޮޓޯތައް ފެނުމުން ލޮލުން ކަރުނަ ހުއްޓުމެއްނެތި ބޭރުވާންފެށިއެވެ. އެއީ މީގެ ކުރިން ޒޯޔާގެ ފިރިމީހާ އާއި ދިމާވި އިރުންފެށިގެން ލޯބީގެގޮތުން ގުޅުނު ދުވަަސްތަކުގައި އެކީގައި ނަގާފާވާ ފޮޓޯތަކެކެވެ. އެވަގުތު މަޑުމަޑުން މާޒީ ހަނދާންވާންފެށިއެވެ.

މާޒީގެ ފުރަތަމަ ސަފްޙާ
އޮފީސް ނިންމާލާ ގެއާދިމާލަށްދާން ޒޯޔާ ނުކުތްތަނާ ކުރީގެ ރައްޓެއްސެއް ގުޅާލިއެވެ. “ހަލޯ، އޭ ހާދަ ދުވަސްކޮށްފަ. ކިހިނެއްތަ ކަންތައްތައް؟ “ ފޯނުނަގާ ޒޯޔާ ވާހަކަ ދައްކަން ފެށިއެވެ. “ އޭ އާނ ވަރަށް ބިޒީކޮށް ޑިއުޓީ ދާތީ ޙަބަރެެއް ނުވެވެނީ. އިއާރ އެންޑް އަންނާތީ ބިޒީ ސީޒަންއެއްވީމަ އެކަމުގަ އުުޅެނީ. މާލެ އަރާ މަށާ ރައްޓެއްސަކާ ކޮފީގަ ހުރީމަ މިގުޅީ. އާދެބަ ސީހައުސްއަށް. “ ނަވާލްގެ ދައުވަތު ޤަބޫލްކޮށް ޒޯޔާ ސީހައުސްއަށް ގޮސް އެރިއެވެ. ބޭރު މޭޒެއްގައި އިން ނަވާލްއަށް ހައި ޖަހާލުމަށް ފަހު އޭނައި ދިމާއަށް ޒޯޔާ ހިނގައިގަތެވެ. ނަވާލް ކައިރީ ނުދަންނަ މޫނެއް އިންނަމަވެސް މާބޮޑު ކަމަކަށް އެކަން ނަހަދާ ގޮނޑީގައި ޒޯޔާ ގޮސް އިށީނެވެ. “ އާދެވިއްޖެ ދޯ. މަ ދެން އަނެއްކާވެސް އަންނަ އަހަރު މާލެ އެރެން އޮތީ. އެހެންވެ ހިތައް އެރީ ގުޅާފަ ދިމާވެފައޭ ދާނީ. ކޮބާ ނަގަންވީނު އެއްޗެއް.” ނަވާލް ބުންޏެވެ. ވެއިޓާރ އައުމުން އައިސްކޮފީއަކަށް އޯޑަރ ދިނުމަށްފަހު ޒޯޔާ ނަވާލް ކުރެން ސުވާލް ކުރިއެވެ. “ މިހާރު ދަރިފުޅު ރަނގަޅުތަ؟ މިހެން އުޅެފަ ދާނަން މަރީ އާ ދަރިކައިރިއަށް އިނގޭ. ބުނާތި އަހަރެން ދާނެވާހަކަ. “ ޒޯޔާ ބުންޏެވެ. “ އާނ ބުނާނަން. ޝިޓް ! އަދި މިހުރީ ހަނދާންނެތިފަ. ކައިރީ ހުރި މީހާ އިންޓްރޮޑިއުސްކޮށް ނުދީ މިހުރެވެނީ. މީ މަގޭ ވަރަށް ގާތް ރައްޓެއްސެއް. ވާރިޝް. ވަރަށް ފޫހިވެގެން މިހެން ކޮފީއަކަށް އަންނާނެ ރައްޓެއްސެއް ނުވެގެން މީނަ އުޅޭނެ އަބަދު. ޒޯޔާ އާ ދިމާވީމަ ދެންމިބަލަނީ ތިމީހުން ރަނގަޅު ކޮފީ ޕާރޓްނާސްއަށް ވާނެކަމަށް. ދެމީހުންވެސް އެއް ހާލެއްގަ އުޅެނީ ރައްޓެހިން ނުތިބޭ ކިޔާފަ. މިހާރު މި ހޯދަދިނީ ދެމީހުނަށް ރައްޓެހިން. ދެން މަށަށް ޝުކުރު އަދާނުކުރިއަސް ހެޔޮ. “ ދިމާކުރާ ފާޑަށް ނަވާލް ބުނެލިއެވެ. ވާރިޝް އާ ޒޯޔާ ފާޑަކަށް ރަކިވި ނަމަވެސް ސަލާންކޮށްލާ ހިނިތުންވުމެއްދިނެވެ. ޒޯޔާއ ވާރިޝްގެ އަތުގައި އޮތް ސިނގިރޭޓްއަށް ބަލާލެވުނު ގަޑިގައި ބެއިހްތިޔާރުގައި ވާރިޝްއާއި ދިމާލަަށް ބަލާލެވުނެވެ. ފިރިހެންވަންތަ ކަމެއް ހަނޑިގަނޑުގައިވާއިރު، އާދައިގެ ވަރެއްގެ މަތިމަހަކާއި ތުނބުޅިއެއް ލާފައިވާ ވާރިޝްގެ ހަމުގެ ކުލަ ކުޑަކޮށް އަލިއިރު މޫނުމަތި ރީިތިވެފައި އަންހެން ކުދިންގެ ހިތް ދަމައިގަންނަނީ އޭނާގެ މުޝިކުލައިގެ ރީތި ލޮލާއި މުޝިކުލައިގެ ކުރުކޮށްކޮށާފައިވާ އިސްތަށި ގަނޑެވެ . ގާތްގަނޑަކަަށް ގަޑި އިރެއްހާއިރު ފަހުން ކޯލް އެއްް އައިސްގެން ވާރިޝް އެތަނުން ތެދުވެ ވަރަށް އަވަހާ ދާންޖެހިއްޖެ ކަމުގައި ބުނެ ބާރަށް ނުކުމެގެން ގޮސްފިއެވެ. “ އެދިއައީ ޒޯޔާ ކަހަލަ ރަނގަޅު ރައްޓެއްސެއް ހޯދަދިނީމަވެސް، ސޯޝަލް މީޑިއާއިން ނަމަވެސް ފޮލޯ ކޮށްނުލާ.. އެކަމަކު ކަމެއް ދިމާވެގެން ކަންނެނގެ އެދިއައީ. “ ނަވާލް އެހެން ބުނުމުން ޒޯޔާ ހީލާފައި އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެން ކަމަށް ބުންޏެވެ.

ދެ މަސް ފަސް

ރެއަކީ ޢިދުވިލޭރޭކަމުން މަޖީދީމަގުގައި ވިޔަފާރި ކުރުމަށް މީހުން ނުކުމެ ހުރީ މުޅިންހެން ތޮއްޖެހިފައެވެ. މިއެންމެން ތެރޭގައި ޒޯޔާވެސް ވިޔަފާރިއެއް ކުރަންބުނެ އެންމެ ގާތް ރަޙްމަތްތެރިޔާ ނިފާއާއެކު ނުކުމެއުޅެއެވެ. މަޖީދީމަގުގެ ލެކިއުޓްއާއި ހަމައަށް އެރިތަނާ ޒޯޔާއޭކިޔާ މީހަކު ގޮވާލިއަޑާ ބޭއިޙްތިޔާރުގައި ޒޯޔާއަށް ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު ކުރިމަތީ ހުރި މީހާ ފެނިފަ ޒޯޔާ ހައިރާންވިއެވެ. ސައިކަލެއްގައި އައިސް އެމީހަކު ޒޯޔާއާއި ނިފާ ހުރިދިމާ ކައިރީ އައިސް މަޑުކޮށްލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “ ހައި. އަނެއްކާވެސް މިއޮތީ ދިމާވެފަދޯ. އަހަރެން މިހުރީ ވަރަށް ބޮޑަށް ކުށްވެރިވެ މާފަށް އެދެން ޖެހިފަ. އެދުވަހު މަންމަ ގުޅައިގެން ހޮސްޕިޓަލްއަށްދާން ރަނގަޅަށް ވާހަކަ ނުދެއްކި އުޅެނިކޮށް ދާންޖެހުނީތީވެ ސޮެރީ. ހީިކުރީ ދެން ނުވެސް ފެންނާނެ ކަމަށް. އެކަމަކު ބަލަ ދެމަސްކުރިން ކޮފީއިން ދިމާވި ދުވަހު ހަމަ އަނެއްކާ މި ދިމާވީ. ޒޯޔާ! ހެލޯ. އަނގައިން ބަހެއް ނުބުނަންތަ ތިހުރީ. “ ޒޯޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. އެންމެ ފަހަރަކު ކޮފީއަކުން ދިމާވި ވާރިޝްއަށް ޒޯޔާ ފަހަތުން ފެނިގެން ވަކިކުރަން އެނގުމާ، އެދުވަހު ވާހަކަ ނުދެއްކި މިއަދު ކުއްލިއަކަށް ކުރިމައްޗަށް އައިސް ހުއްޓި އެހާ ގިނަ ވާހަކަ ދެއްކީމައެވެ. ޒޯޔާއަށް ބުނެވުނުހާވެސް އެއްޗަކީ “ އާނ. އުހުން.” މިހެނެވެ. “ ހެހެ. ކޮންތާކަށް ތިދަނީ ދެކުދިން. ދެން އެކަމަކު މިރޭވެސް ނެތް މަޑު ކުރެވެން. އެހެންމަ ޒޯޔާ ބުނަންވީ ޒޯޔާއަށް ސޮރީ ކޮފީއަކަށްދާން އަހަންނަށް ނަންބަރު ދޭންވީތޯ ނޫނީ ނަވާލް ކައިރިން ހޯދަންވީތަ. “ ޒޯޔާގެ ނަންބަރު ނެގުމަށްފަހު ހަބަރެއްވާނެ ކަމަށްބުނެ ވާރިޝް އެތަނުންދިއައެވެ.
…
ދަންވަރުގެ ހަމަހިމޭން ވަގުތު ގޭގެ ބެލްކަނީގައި ކޮފީތައްޓެއް ހިފައިގެން ، ފޯނުން ސީރީޒްެއެއް އަޅުވައިގެން ޒޯޔާއިނެވެ. ކުއްލިއަކަށް ފޯނު ސްކްރީންއަށް ނުދަންނަ ނަންބަރަކުން ޒޯޔާއަށް ގޮވާލާފަވާ މެސެޖެއް ލިބުނެވެ. ނުދަންނަ ނަންބަރެއްކަމުން އަޅާނުލާ ސީންޒޯންކޮށްލައި ބަލަން އިން ސީރީޒްއާއިގެން ޒޯޔާކުރިއަށްދިއައެވެ. އަނެއްކާވެސް މެސެޖެއް އައެވެ. “ ނޭނގުނުދޯ. ވާރިޝް އޭމީ. “ މެސެޖު ފެނުމާއެކު ސިހިގެންގޮސް ފޯނު އަތުން ދޫނުވީ ހަމަކިރިއާއެވެ. ޒޯޔާގެ މޫނުމައްޗަށް ހިނިތުންވުމެއް އައެވެ. ސަބަބަކީ ފުރަތަމަ ދުވަހު ޒޯޔާއަށް ވާރިޝްފެނުމާއެކު ވާރިޝްގެ ރީތިކަމާ ފިރިހެންވަންތަކަން ޒޯޔާއަށް ކަމުދިއުމުންނެވެ. އެދުވަހު އެތަނުން މާގިނަ ވާހަކަ ނުދެކެވިއުޅެނިކޮށް ވާރިޝް ދިއުމުން ޒޯޔާގެ ހިތަށް ލިބުނީ އުދާސްކަމެެވެ.
އެކި ކަންކަމާގުޅޭގޮތުން ވާރިޝްއާއި ޒޯޔާ މެސެޖުން ވާހަކަ ދައްކަމުންދިއަ އިރު ވަގުތުދިއަގޮތްވެސް ނޭނގެއެވެ. ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު އިވުމާއެކު ދެމީހުންގެ ވާހަކަ ކުރުކޮށްލިއެވެ. ފަނަރަ ވަރަކަށް މިނެޓު ފަހުން ނަމާދުކޮށްލައިގެން ޒޯޔާ ނިދަން އޮށޯވެ އާދައިގެ މަތިން ފޯނު ނަގާ ބަލާލިއިރު ވާރިޝްގެ އިތުރު މެސެޖެއް ލިބިފައޮތެވެ. އޭގަ ވަނީ މާދަމާ ޒޯޔާ އޮފީސް ނިމޭގަޑިއަށް ކޮފީއަކަށް ދާން ދައުވަތުދީ، އޮފީސް ކައިރިއަށް ބަލާދާނެ ވާހަކައެވެ. މެސެޖުފެނިފައި ޒޯޔާގެ މޫނުމަށްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ.

—
ޖެހިގެންއައި ދުވަހު ވާރިޝްއާއި ޒޯޔާގެ ފުރަތަމަ ކޮފީއަށްފަހު ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވާންފެށިއެވެ. އެކަކު އަނެކެއްގެ ޒާތީ ބައެއް ވާހަކަ ޙިއްސާކޮށް، އެކީގައި ގިނަ ވަގުތު ހޭދަކުރަންފެށިއެވެ. މިހެންގޮސް ދުވަސްތައް މަސްތަކަށް ބަދަލުވެ ދެމީހުން ދެމެދުއޮތް ރަޙްމަތްތެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވެ، ވާރިޝް ބޭނުންވީ ވަގުތު ބޭކާރުނުކޮށް ޒޯޔާ ވާރިޝްގެ މީހަކަށް ހަދާށެވެ. ޒޯޔާއަށް ޕްރޮޕޯސްކުރުމަށް ވަރުގަދަ ޕްލޭންތަކެއް ރާވާ ތައްޔާރުވާންފެށިއެވެ. ކޮފީއަކަށް ކަމަށްބުނެ ދެމީހުން ފުރަތަމަ ދިމާވި ރެސްޓޯރެންޓްއަށް ޒޯޔާގެންގޮސް ވާރިޝް ޒޯޔާއަށް ކައިވެނި ހުށަހެޅިއެވެ. ދެމީހުން ދިމާވިތާ އަހަރެއްތެރޭގައި ޒޯޔާއާ ވާރިޝްގެ ދެމެދު އޮތް ގުޅުންވަރުގަދަވެ، ޖެހިގެން އަންނަމަހު ކައިވެނީގެ ގޮށްޖެހުމަށް ދެމީހުން އެއްބަސްވިއެވެ. ދެމީހުންގެ ގުޅުމާމެދު ދެއާއިލާއިންވެސް ރުހުމާއެކު ދެ އާއިލާއިންވެސް ދިޔައީ އެ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ކައިވެނީގެ ހެދުމާއި ހަފްލާ ބާއްވާނެ ތަނާއި ކައިވެނީގެ ހުރިހާކަމެއް ނިމި ވާރިޝްއާއި ޒޯޔާތިބީ ކައިވެނީގެ ދުވަސް ގުނަގުނައެވެެ.

ކައިވެންޏަށް ދެ ހަފްތާއަށްވުރެ ކުޑަތަންވީއެވެ. ކައިވެނީގެ ހެދުމުގެ ފިޓިންގ ނިންމާލައި ވާރިޝްެއާއި އެކު ވައިބުރެއްޖަހަން ނައްޓާލިތަނާ ޒޯޔާގެ ތިއްތަގެ ކޯލްއެއް އައެވެ. “ ޒޯޔާ ކޮންތާކު ތިހުރީ. އާދެވޭނެތަ ބުނާ ތަނަކަށް މިގަޑީގައި“ ޒޯޔާގެ ތިއްތަ ޔާޝާގެ އަޑުގައި ހާސްކަމެއް ހުރިކަން ޒޯޔާއަށް ފާހަގަވިއެވެ. “ މިހުރީ ވާރިޝްއާ އެކީގައި. ކިހިނެއްވީ. ކޮންތާކަށް ދާންވީ.” ޒޯޔާ ސުވާލު ކުރިއެވެ. “ އަހަރެމެން މިތިބީ އޮކްސިޖަން ކެފޭގަ. އާދޭ. “ މިދަނީއޭ ބުނެ ޒޯޔާ ފޯނު ބޭއްވިއެވެެ. “ ވާޝް. ވަރަށް ފާޑަކަށް ތިއްތަ އެ ވާހަކަ ދެއްކީ. ހީވަނީ ކަމެއް ގޯސްވެގެން އުޅޭހެން. ޔޫ ނޯ ދޯ، މިހެން އަހަންނަށް ހީވާ ހީވުން ވަރަށް ތެދުވާނެ. ހިނގާބަ އަހަރެން އޮކްސިޖަން ކެފޭއަށް ޑްރޮޕްކޮށްލަދޭން. ނިންމާފަ ގުޅާނަން. “

——
ޒޯޔާއަށް އެތަނަށް ދެވުނުއިރު އެކީގަ އުޅޭ ކަޒިންސް ވެސް ތިބެ އެންމެންގެ މޫނު މަތިން ތަފާތުކަމެެއް ޒޯޔާއަށް ފާހަގަވިއެވެ. އެންމެންގެ މޫނުމަތީގެ ކުލަވަރުހުރީ ބަދަލުވެފައެވެ. އެންމެންގެ ތެރެއިން ޒޯޔާއަށް ދެން ފާހަގަވީ މީގެ ހަތަރު އަހަރެއްހާ ދުވަސްކުރިން ރަށަށް ދިރިއުޅުން ބަދަލު ކުރި ކޮއްކޮއެއް ހުރިކަމެވެ. “ ޒޯޔާ! އާދެބަލަ މިތާ އަހަރެމެން ކައިރީ އިށީންނަން. އެންމެން އެބަ ބޭނުންވޭ ވާހަކައެއް ދައްކަން ޒޯޔާއާ.” ޒޯޔާގޮސް ގޮނޑީގައި އިށީންއިރު ޒޯޔާގެ ހިތް އާދަޔާ ޙިލާފަށް ބާރުބާރަށް ތެޅެމުންދިއަައެވެ. “ ޒޯޔާ ކައިރީ އަހަރެމެން އެންމެން ބުނަން މިއުޅޭ ވާހަކައަކީ ވެދާނެ ޒޯޔާއަށް އަޑުއަހަން އެންމެ އުނދަގޫ ވާހަކައެއް ކަމަށް. ޒޯޔާ ރިއެކްޓް ކުރާނެ ގޮތެއް ނޭނގެ. އެކަމަކު އަހަރެމެން ޖެހޭނީ މިވާހަކަ ބުނަން. ޒޯޔާގެ ކައިވެނީގެ ޙަބަރު ލިބިގެން ސާރާ އެއައީ މާލެ. ޒޯޔާ ހަނދާންވޭތަ ސާރާ ރަށަށް ބަދަލުވި ސަބަބު. އޭރު ސާރާ ރިސޯޓްގަ އުޅެނިކޮށް ދިމާވި ސޮރަކާއެކު އުޅެން ހަދައިގެން ބަނޑުބޮޑުވެ ދަރި ބައިގެން ދިޔައީމަ. އޭރު އެވަރަށް ސާރާ ކައިރީ އެ ސޮރުގެ ނަން ބުނަން އާދޭސް ކުރީމަވެސް ނަމެއް ނުބުނި. އެކަމަކު ޒޯޔާގެ ކައިވެނީގެ ޙަބަރު ލިބިގެން ސާރާ އެބުނީ އޭނަގެ ނަން. “ ޙައިރާންވެ ކަންބޮޑުވެ ހުރެ ޒޯޔާ ، ސާރާއާއި ދިމާއަށް ބަލާލިއެވެ. އަދި ބުންޏެވެ. “ މަޑުކޮށްބަ. އަމް. ހަތަރު އަހަރުވީ ކަމެއް އެއީ. ސާރާއަށް ކުރެވުނު ކުށެއް. އެކަމަކު އެކަމާ އަހަންނާ އޮތީ ކޮންގުޅުމެއް މިއަދު ސާރާ އެ ފިރިހެން ސޮރު އެއީ ކާކުކަން ބުންޏަސް. ހެހެ. ކަމް އޮން ގައިސް. ދެން ތީ މިހާރު ދައްކަންވީ ވާހަކައެއްވެސް ނޫނެއްނު. ތިމީހުން ތިބޭ އިނގޭ. އަހަންނަށް ނެތް ހުރެވެން. ވާޝް އާއެކު އެބަ ދާންޖެހޭ ކޭޓަރިންގ ކަންތަކުގަ މީޓިންގ އަކަށް. ސޯ، ބައި ގައިސް. “ މިހެންބުނެ އަވަސްއަރުވާލާފަ ޒޯޔާ ދަބަސް ކޮނޑު އަޅުވައިގެން ދާން ހިނގައިގަތްތަނާ ސާރާ ބުނި އެންމެ ޖުމްލަ އަކުން ހީވީ ޒޯޔާގެ ފައިދަށުން ބިންގަނޑު ދަމައިގަތްހެނެވެ. މިހާ މުޅިން ތުރު ތުރުއަޅާ ދާހިއްލަން ފެށިއެވެ. “ އެއީ ވާރިޝް. އައިއެމް ސޮރީ ބަޓް އަމް ސެއިންގ ދަ ޓްރުތް. ޔޫ ހޭވްޓު ބިލިވް މީ”. ސާރާ ބުންޏެވެ. ޒޯޔައަށް ހުރެވުނު ތަންވެސް ނަޭނގުނެވެ. ގައިބާރުދޫވެ، މީހާ ހުރިތަނަށް ތިރިވިއެވެ.