Skip to content
އެސްފިޔަ

ހިނިތުން ވެލާށޭ ކަލާ – 1

Listen to this story Audio · 8:19 Powered by Esfiya Voice
0:00 8:19

އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ އެއް ދުވަސްވަރަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއެވެ. ރަށުގެ އަމާން މާހައުލަށް ދިރުން ގެނެސްދެނީ ޗުއްޓީއާ ދިމާކޮށް އެކި ރަށްރަށުން ޒިޔާރަތްކުރާ މީހުންނާއި ދުރުގައި އުޅޭ އާއިލާތަކުގެ މެންބަރުން ރަށަށް އަންނަން ފެށުމުންނެވެ. ބަނދަރުމަތި އޮންނަނީ ފުރިބާރުވެފައެވެ. ކުދިބޮޑު އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

މި އުފާވެރި ދުވަސްވަރު، ރަށުގެ އެންމެންގެ ލޯބި ހޯދާފައިވާ އީމާން ވެސް ހުރީ އުފަލުންނެވެ. އުމުރުން އެންމެ ވިހި އަހަރުގެ އީމާން އަކީ އޭނާގެ ހިތްހެޔޮކަމާއި، އަދަބުވެރިކަމުގެ ސަބަބުން މުޅި ރަށަށް މަގުބޫލު އަންހެން ކުއްޖެކެވެ. މީހަކާ ބައްދަލުވެއްޖެނަމަ، އިސްވެ ސަލާމް ގޮވާލައި، މޫނުމަތިން ފިލައިނުދާނޭ ފަދަ ރީތި ހިނިތުންވުމަކާއެކު ވާހަކަދެއްކުމަކީ އީމާންގެ ޠަބީޢަތުގައި ހުންނަ އެންމެ ރީތި ސިފައެވެ. އުމުރުން ދޮށީ މީހުންނަށް އިހުތިރާމު ކުރުމާއި، ކުޑަކުދިންނަށް އޯގާތެރިވުމުގައި އޭނާއަށް ލިބިފައިވަނީ ނަމޫނާ މިޒާޖެކެވެ.

ސްކޫލްތައް ބަންދުވުމާއެކު، އީމާންގެ ދުވަސްތައް ހޭދަވަމުން ދިޔައީ ގޭތެރޭގެ އެކި މަސައްކަތްތަކުގައެވެ. އާއިލާގެ މީހުންނަށް ކައްކައި ކާންދިނުމާއި، ގޭތެރެ ސާފުކޮށް ބެލެހެއްޓުމުގައި މަންމައަށް އެހީތެރިވުމަކީ އޭނާ ކުރާ ހިތުން ކުރާ ކަންކަމެވެ. ޗުއްޓީއަށް ރަށަށް އައިސް އުޅޭ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގައިވެސް އީމާން ދެއްކީ އަޖައިބެއްފަދަ ހީވާގިކަމެކެވެ. ވަރުބަލިކަމެއް ނެތި، އަބަދުވެސް ތުންފަތްމަތީގައި ދަމަހައްޓާ ހިނިތުންވުމަކީ ގޭތެރެއަށް އިތުރު އުފާވެރިކަމެއް ގެނެސްދޭ ކަމެކެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އީމާން ގޭދޮރުމަތި ކުނިކަހަން ހުއްޓައި، އެ މަގުން ހިނގާފައި ދިޔަ އަވަށްޓެރި މާމައަކު އީމާން ފެނުމުން ހުއްޓުނެވެ. އަދި އީމާންގެ ހިނިތުންވެފައިވާ މޫނަށް ބަލައިލަމުން ބުންޏެވެ. “ދަރިފުޅާ އީމާން! ތި މޫނުމަތިން ފެންނަ ހިނިތުންވުމަކީ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ކަމެއް. ކޮންމެ މީހަކާ ވެސް ބައްދަލުވާއިރު ތި ހުންނަ އޯގާތެރިކަން ދުވަހަކުވެސް ދޫކޮށްނުލައްޗޭ.”

އަސުރުގެ ފިނިފިނި ވަގުތެވެ. ރަށުގެ ހަލަބޮލި ބަނދަރުމަތިން އީމާން ފެންނަ ކޮންމެ މީހަކަށް ވެސް ލިބެނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. މީހަކާ ހަތަރުކަޅި ހަމަވެލާ ކޮންމެ ފަހަރަކު، އީމާން ލަދުވެތި ހިނިތުންވުމަކާއެކު ބޯޖަހައިލިއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މީހުންނާ ބައްދަލުވާއިރު ހިނިތުންވެލުމަކީ އަނެކާއަށް ދެވޭ އަގުހުރި ހަދިޔާއެކެވެ. އަދި އެއީ އިސްލާމްދީނުގައި ވެސް ބާރުއަޅާފައިވާ މަތިވެރި ޞަދަޤާތެކެވެ. ރަށަށް އައިސް އުޅޭ އެންމެހައި މެހެމާނުންނާއި ރަށުގެ އަހުލުވެރިންނަށްވެސް އީމާންގެ މި ރީތި އަޚްލާޤު ވެގެންދިޔައީ ނުހަނު ބޮޑު ހިތްހަމަޖެހުމަކަށެވެ. އެންމެންގެ ހިތްތަކުގައިވެސް ގުގުމަމުން ދިޔައީ އެންމެ ޖުމްލައެކެވެ؛ “އަބަދުވެސް ތިޔަގޮތުގައި ހިނިތުން ވެލާށޭ ކަލާ!”

ނަމަވެސް އީމާން ހިތުގައި ހިނގާ ހިތްދަތި ކަމެއް ނުމެ އިނގެއެވެ. ބޭރުފުށުން ފެންނަ އެ އުފާވެރި މޫނުގެ ފަހަތުގައި ވަނީ ފުން އަސަރުތަކަކާއި ރިހުމެކެވެ. އެ ތުންފަތްމަތީގައިވާ ހިނިތުންވުމަކީ ހިތުގެ ރިހުންތައް ފޮރުވަން ލެވިފައިވާ ރީތި ފަރުދާއެއް ފަދައެވެ.

އެއީ ހަމައެކަނި އެންމެ މީހަކަށްޓަކައި ކުރަމުންދާ ދިގު އިންތިޒާރެކެވެ. މީގެ އަހަރުތަކެއް ކުރިން، އެ ބަނދަރުމަތިން ވަކިވެގެން ދިޔަ އޭނާގެ ލޯބިވާ  ހަނދާންތަކެވެ. ބޭސްފަރުވާއަކަށް ރަށުން ފުރައިގެން ދިޔަ ގޮތަށް، ދުނިޔެއިން ވަކިވެދިޔަ ޚަބަރު އައި ނަމަވެސް، އީމާންގެ ހިތް އަދިވެސް އެ ހަނދާންތަކާ ވަކިވާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ ދުވަހަކު ފުރައިގެން އަންނަ ބޯޓުތަކަށް ބަލަހައްޓައިގެން ހުންނަނީ، ކޮންމެވެސް ދުވަހަކުން އެ އުފާވެރި މާޒީ އަލުން އެނބުރި އަތުވެދާނެ ކަމުގެ އުއްމީދުގައެވެ.

އީމާން އޭނާގެ ހިތުގެ އުދާސްތައް ދުވަހަކުވެސް އެހެން މީހެއްގެ ކުރިމައްޗަކު ބޭރެއް ނުކުރެއެވެ. އޭނާ ދެކޭގޮތުގައި އަމިއްލަ ހިތާމަތަކުން އެހެން މީހުންގެ މޫނުމަތީގެ އުފާވެރިކަން ފޭރިގަތުމަކީ އިންސާނިއްޔަތުކަމެއް ނޫނެވެ. އެހެންކަމުން، އެ ފުން ހިތާމަތައް ހެއްދެވި ފަރާތަށް ދަންނަވައި، ކެތްތެރިކަން އިޚްތިޔާރުކުރަމުން އޭނާ ދުނިޔެއަށް ދައްކަނީ އުފާވެރިކަމެވެ.

އިރު އޮއްސެމުން ދިޔަ ވަގުތެވެ. އުޑުމަތި ވަނީ ރަން ރީނދޫ އަދި ރަތް ވިލާތަކުން ޖަރީވެ، މުޅި މާހައުލަށް ހިތްގައިމު އަދި އެހާމެ ހިމޭން ކުލަވަރެއް ގެނެސްދީފައެވެ. ދުވަހުގެ ބުރަ މަސައްކަތްތަކަށްފަހު، ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަމާއެކު އީމާން ހިނގައިގަތީ ގެޔާ ދިމާއަށެވެ. ފިޔަވަޅުތައް އަވަސްކޮށްލަމުން ދިޔައިރު، އޭނާގެ ހިތުގައި ވަނީ ބަޔާންކުރަން ދަތި ފުން އުދާސްތަކެކެވެ.

އީމާންއަކީ އޭނާގެ ހިތުގެ އުދާސްތައް ދުވަހަކުވެސް އެހެން މީހެއްގެ ކުރިމައްޗަކު ބޭރުކުރާ ޒުވާނެއް ނޫނެވެ. އޭނާ އަބަދުވެސް ގަބޫލުކުރާ ގޮތުގައި ތިމާގެ އަމިއްލަ ހިތާމަތަކުން އެހެން މީހުންގެ މޫނުމަތީގެ އުފާވެރިކަން ފޭރިގަތުމަކީ އިންސާނިއްޔަތުކަމެއް ނޫނެވެ. ކޮންމެ އިންސާނަކަށްވެސް އަމިއްލަ ތަކުލީފުތަކެއް ވާނެއެވެ. އެހެންކަމުން، އެ ފުން ހިތާމަތަކާއި ވޭންތައް ހެއްދެވި މާތް ﷲ ގެ ހަޟްރަތަށް ދަންނަވައި، ކެތްތެރިކަން އިޚްތިޔާރުކުރަމުން އޭނާ މުޅި ދުނިޔެއަށް އަބަދުވެސް ދައްކަނީ އުފާވެރިކަމާއި ހިނިތުންވުމެވެ. އެ ތުންފަތްމަތީގައިވާ ރީތި ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކިހާ ވަރެއްގެ ކަރުނަތަކެއްކަން ދަންނާނީ ހަމައެކަނި އޭނާ ހެއްދެވި ފަރާތެވެ.

ގެއާ އަރާ ހަމަވި ވަގުތު، ގޭގެ ދޮރުމަތީގައި ހުރި އޭނާގެ މަންމަ ޒީނިޔާ އީމާންގެ ލޮލުގައި އަޅައިގަތެވެ. ޒީނިޔާ ހުރީ އަތްދަނޑިމަތީ އަތް ބާއްވާލައިގެން، ދެބުމަ ގޮށްޖަހައިގެންނެވެ. އޭނާ އެހުރީ އީމާން އަންނަންދެން ނުހަނު ކެތްމަދުވެ، އިންތިހާއަށް ހިތްހަމަނުޖެހިފައިކަން މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ.

އީމާން ފެނުމާއެކު، ޒީނިޔާ ހަރުކަށި ރާގެއްގައި ސުވާލުކުރިއެވެ.
”ކޮންތާކުން؟“

މަންމަގެ އަޑުގައިވި ރުޅިވެރިކަމާއި ނުރުހުން އިހުސާސްވީ ނަމަވެސް، އީމާންގެ މޫނުމަތިން އެއްވެސް ޝަކުވާއެއް ނުފެނުނެވެ. އެ ހިތުގައި އެޅި ވޭނަށް ކެތްކޮށްލަމުން، އޭނާ މަންމައާ ދިމާއަށް ބަލައިލީ އާދައިގެ މަތިން ލޯތްބާއި ކުލުނުން ފުރިގެންވާ މަޑުމައިތިރި ހިނިތުންވުމަކާއެކުގައެވެ.

”މަންމާ… މި އައީ ބަދަރު މަތީގައި އިދެލާފައި މިއައީ ގޭގައި ފޫހި ވާތީ ދިޔައީ ބަދަރަށް  ފިނި ކޮއްލަން ވެގެން ދިޔައީ “ މަޑުމައިތިރި އަޑަކުން، މަންމަގެ ރުޅިގަނޑު ފިނިކޮށްލުމުގެ ނިޔަތުގައި އީމާން ބުންޏެވެ.

އޭނާގެ އެ އަގުހުރި ހިނިތުންވުމަކީ ހަމައެކަނި އުފަލުގެ ނިޝާނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ކޮޅިގަނޑުތަކުގެ ތެރޭގައިވެސް، އެހެން މީހުންނަށް އަމާންކަން ހޯދައިދިނުމަށްޓަކައި އޭނާ އަޅައިގެން ހުންނަ ކެތްތެރިކަމުގެ އައްޑަނައެވެ. ހިތާމަތަކުގެ މައްޗަށް ހިނިތުންވުން އިސްކުރުމަކީ އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަގީގަތެވެ.

ޒީނިޔާގެ ފަރާތުން ލިބުނު ފިނި ބަސްތަކާއި ޝަކުވާތަކުގެ އަޑު އަހަން ހުރެ، އީމާން އެތެރެއަށް ވަދެ ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. އެ ހިމޭން ކޮޓަރީގެ ހަތަރުފާރުގެ އެތެރޭގައި އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ބަޔާންކުރަން ދަތި އެކަނިވެރިކަމެކެވެ. މީހުންގެ ކުރިމަތީގައި ދައްކާ ހިނިތުންވުމުގެ ފަހަތުގައިވާ ހަގީގީ އީމާން ނުކުންނަނީ މިފަދަ ވަގުތުތަކުގައެވެ.

ހަގީގަތުގައި، ކޮންމެ ދިރިހުރުމެއްގެ އެންމެ ބޮޑު އަސްލަކީ ހިނިތުންވުމެވެ. އެއީ އެތަކެއް ކަމަކާއި އެތަކެއް އިހުސާސްތަކެއް އެހެން ލޯތަކަށް ސިއްރުކޮށް، ފޮރުވައިދޭ މޮޅު ފަރުދާއެކެވެ. ނަމަވެސް، މި ހިނިތުންވުމުގެ އަނދިރި ފަރާތުގައި އީމާން ވަނީ ނިމުމެއްނެތް ހިތްދަތިކަމާއި މާޔޫސްކަމުގެ ތެރޭގައެވެ. އޭނާގެ ދިރިއުޅުމުގެ ކޮންމެ ދިމާއަކުންވެސް ފެންނަމުން ދިޔައީ ހިތްދަތިކަމުގެ ކޮޅެވެ. ގެއިން ލިބޭ ނުތަނަވަސްކަމާއި، މަސައްކަތުގެ މާހައުލުން ދިމާވާ ގޮންޖެހުންތަކުގެ އިތުރުން، އަމިއްލަ ނަފުސުގެ އުއްމީދުތައް ފުނޑުފުނޑުވަމުންދާ މަންޒަރެވެ.

އެހެން ނަމަވެސް، އެ ހުރިހާ ވޭނަކަށްވެސް އީމާން ދިޔައީ ނުހަނު ކެތްތެރިކަމާއެކު ކެތްކުރަމުންނެވެ. އޭނާ އެނދުގެ މަގަތުގައި އިށީނދެ، އިސްޖަހައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. ދެލޮލަށް ޖަމާވި ކަރުނަތިކި ކޯތާފަތްމައްޗަށް ވެއްޓުމުގެ ކުރިން އަތުގެ ނުފުށުން ފޮހެލިއެވެ. އޭނާ ހަނދާންކޮށްލީ، ކެތްތެރިންނާއެކު މާތް ﷲ ވޮޑިގެންވާނޭކަމުގެ ޔަގީންކަމެވެ.

ދެއަތް އުފުލައި، އެކަލާނގެ ހަޟްރަތަށް ހިތުގެ ހުރިހާ ޝަކުވާތަކާއި އުދާސްތައް ބާލައި، ދުއާ ދެންނެވުމުން އޭނާގެ ހިތަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި ފިނިކަމެކެވެ. ދުނިޔެ ކިތަންމެ ހިތްދަތި މޫނެއް ދެއްކިޔަސް، އަދި ހިތް ކުދިކުދިވާ ވަރުގެ ތަކުލީފުތަކާ ކުރިމަތިލާން ޖެހުނަސް، އޭނާ ގޮތް ހުސްނުވާނެއެވެ.

އަލުން ތެދުވެ ލޯގަނޑު ކުރިމައްޗަށް ހުއްޓި، އަމިއްލަ ނަފުސަށް ބަލައިލިއެވެ. އަދި އާ ހިތްވަރަކާއެކު ތުންފަތްމައްޗަށް ގެނައީ އަނެއްކާވެސް އެ ރީތި ހިނިތުންވުމެވެ. މާދަމާއަކީ އާ ދުވަހެކެވެ. އަދިވެސް އޭނާ އެހެން މީހުންނަށްޓަކައި ހިނިތުންވެލާނެއެވެ. ސަބަބަކީ، އޭނާގެ ހިތާމަތަކަކީ ހަމައެކަނި އޭނާއާއި އޭނާ ހެއްދެވި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރަކަށް ވާތީއެވެ