
ހިތަކުން ނުދާނޭ ފިލާ – 6

ދުވަހުގެ އިރު އެރީ ކޮފީ ޖޯޑެއް ހިފައިގެން ބެލްކަނީގައި ހުރި ސޯފާގައި އަހަރެން އިންދައެވެ. ދުރު ދުރުން އިވެމުން ދިޔަ ދޫނީގެ އަޑާއި ޖެހެމުން ދިޔަ މަޑު ވައިރޯޅިން އަހަރެންގެ ހާސްކަން ކުޑަކޮށްދިނެވެ. އަހަރެން ސިއްސައިގެން ދިޔައީ ވަރަށް ކައިރިން އިވުނު މާކިންގެ އަޑުންނެވެ. ކޮފީ ޖޯޑެއް ހިފައިގެން އައިސް އަހަރެންނާ ޖެހިގެން ކަހަލަ ގޮތަކަށް އޭނާ އިށީނެވެ. ކުރިމަތީގައި ހުރި މޭޒުގައި ޖޯޑު ބަހައްޓާލުމަށް ފަހު އަހަރެންގެ މޫނަށް އޭނާ ނަޒަރު ހުއްޓާލިއެވެ. ބަހެއް ބުނުމަކާ ނުލާ އެތައް ވާހަކައެއް އެ ނަޒަރުން އޭނާ ބުނެދީފިއެވެ. އަހަރެން އޭނާގެ މޭގައި ބޮނޑިވެލީމެވެ.
އިނގޭ ހެއްޔެވެ؟ މިރޭ ރޭގަނޑުގެ ކެއުމުގެ ވަގުތުގައި މާކިން އަހަރެންނާ ސުވާލެއް ކުރިއެވެ. އަހަރެންގެ ހަނދާން ނެތިގެން ހިނގައްޖެނަމަ އަހަރެންގެ ދިރިއުޅުން އަހަރެން ހަނދާން ކުރަން ބޭނުންވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ މާކިން އަހަރެންނަށް ބުނެދޭން އަހަރެން އެދެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެ ސުވާލު އަޑު އިވި އަހަރެންނަށް ގަނޑުވެފައި އިނދެވުނީއެވެ. މާކިން ވެސް އެ ހިސާބުން މައުލޫ ބަދަލުކޮށްލީއެވެ.
ހަގީގަތަކީ އެ ސުވާލަށް ދޭނެ ޖަވާބެއް އަހަރެންނަށް ނޭނގުމެވެ. އޮޕަރޭޝަންގެ ސަބަބުން އަހަރެންގެ ހަނދާން ނެތިގެން ހިނގައިދާނެ ކަމުގެ ފުރުޞަތު އޮތް ކަމުގައި ވީ އިރުވެސް، މިއަދާ ހަމައަށް އައި އިރު އެކަމާމެދު އަހަރެންނަށް ފުންކޮށް ވިސްނާ ލެވިފައި ނުވާކަމެވެ. ނަމަވެސް މާކިންގެ އެ ސުވާލު އަހަރެންނަށް ވިސްނަން މަޖުބޫރު ކުރުވައިފިއެވެ.
މާދަމާއަކީ އަހަރެންގެ ހަޔާތް މުޅިން ބަދަލުވެގެން ދާނެ ދުވަހެކެވެ. ސާޖަރީއަށް ފަހު އަހަރެންގެ ހަނދާން ނެތިގެން ހިނގައްޖެނަމަ ދެންވާނީ ކިހިނެއް ބާއެވެ؟
ޑައިރީގައި އަހަރެން އެންމެ ފަހުން ލިޔެފައިވާ ބަސްކޮޅަކީ އެއީއެވެ. އެއަށްފަހު ފޮތުގެ ބާކީ ހުރި ޞަފްޙާތައް ވަނީ ހުސްކޮށެވެ. ނަމަވެސް ފޮތުގެ އެންމެ ފަހަތުގައި ހުދު ކުލައިގެ ދެ ސިޓީ އުރަ އޮތެވެ. ފުރަތަމަ ސިޓީ އުރައިގެ ބޭރުގައި “މާކިންއަށް” ޖަހާފައި އޮތްއިރު ދެވަނަ ސިޓީ އުރައިގެ ބޭރުގައި “ޒިލް އަށް” ޖަހާފައި އޮތެވެ. އަހަރެން ފުރަތަމަ ސިޓީ އުރަ އަވަހަށް ހުޅުވާލީ އަދިވެސް ހިތުގައި ފުނިޖެހިފައި ސުވާލުތަކެއް ވާތީއެވެ. ސިޓީ ހުޅުވާލުމުން އެއީ ހުދު އަހަރެންގެ އަތުން މާކިންއަށް ލިޔެފައިވާ ސިޓީއެއްކަން އިނގުނެވެ.
“މާކިންއަށް،
އަހަރެން މި ސިޓީ މި ލިޔަނީ އަހަރެންގެ ހިތުގައި މިހާރު ހިނގަމުންދާ އިހުސާސްތައް ދުލުން ބަޔާންކުރަން ކުޅަދާނަ ނުވާތީއެވެ.
އެންމެ ފުރަތަމަ އަހަރެންނަށް މާކިން ފެނުނު ދުވަސް އިއްޔެވީ ކަމެއްހެން މިއަދު ވެސް ހަނދާނުގައި އެބަ ހުއްޓެވެ. އެދުވަހު އަހަރެންނަށް މާކިން ދިން ހިތްވަރުގެ ބަސްތައް ދުވަހަކުވެސް ހަނދާނުން ނުފިލާނެއެވެ. އަހަރެންގެ ހިތާމައިގެ ކަނޑެއްގައި ޣަރަގުވަމުން ދަނިކޮށް ހިމާޔަތް ހޯދައިދިން މީހަކީ ހަމަ ތިއީއެވެ. ރައްކާތެރި ކަމުގެ އަތެއް ފޯރުކޮށްދިން މީހަކީ ތިއީއެވެ. ނަމަވެސް އެކަމުގައި ބަދަކުގައި މާކިންއަށް ދޭނެ އެއްވެސް އެއްޗެއް އަހަރެންގެ އަތަކު ނެތެވެ.
ތިއީ މީހަކަށް މިދުނިޔެއިން ލިބޭނެ އެންމެ ފުރިހަމަ ބައިވެރިޔާއެވެ. އަހަރެންނަށް ލިބުނު އެންމެ ބޮޑު އެއް ނިޢުމަތެވެ. އެކަމަށްޓަކާ އަހަރެން ޝުކުރު ކުރަމެވެ.
ދެން ބުނަން މިއުޅެނީ އަހަރެން ދުވަހަކުވެސް އަދި ނުބުނާ ވާހަކައެކެވެ. މި ވާހަކަ ބުނުން އެހާ ލަސްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ފަހަރުގައި އެއީ އަދިވެސް މިއީ ހުވަފެނެއް ހެން އަހަރެންނަށް ހީވާތީ ކަމުގައިވެސް ވެދާނެއެވެ. މި ވާހަކަ ބުނާ ހިސާބުން މި ރީތި ހުވަފެނުން ތެދުވާން ޖެހިދާނެ ކަމަށް ހީވެ ބިރު ގަންނާތީ ކަމަށް ވެސް ވެދާނެއެވެ.
ދިރިއުޅުމުގައި ދެވަނަ ފަހަރަށް މީހަކު ދެކެ ލޯބި ވެވިދާނެކަމަށް އަހަރެން ހިއެއް ނުކުރަމެވެ. އަދި އަހަރެން ފަދަ މީހަކު ދެކެ މާކިން ފަދަ މީހަކު ލޯބި ވާނެ ކަމަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. އަހަރެންނަށް މާކިން ގެ ލޯބި ޙައްޤު ނޫން ކަމަށްވެސް ވިސްނުނެވެ. ނަމަވެސް ތި އޯގާތެރިކަން މި ހިތުން ޖާގަ ހޯދީ ކޮން އިރަކު ކަމެއް ޔަޤީންކޮށް ބުނާކަށް ނޭގެއެވެ. އިނގޭ ކަމަކީ މިއަދު މާކިން އަހަރެންނަށް ވަރަށް ޚާއްސަ ވެއްޖެ ކަމެވެ. މި ހަޔާތުގައި މާކިން އަބަދުވެސް ވުން އެދެވޭ ކަމެވެ. މާކިންއެވެ. އަހަރެން މާކިން ދެކެ ވަރަށް ލޯބިވެއެވެ. ތިޔައީ އަހަރެންގެ ނަސީބެވެ.
މިރޭ މާކިން އަހަރެންނާ ކުރި ސުވާލު ހަނދާން އެބަހުރި ހެއްޔެވެ؟ އަހަރެންގެ ހަނދާން ނެތިގެން ހިނގައްޖެނަމަ އަހަރެންގެ ދިރިއުޅުން އަހަރެން ހަނދާން ކުރަން ބޭނުންވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ މާކިން އަހަރެންނަށް ބުނެދޭން އަހަރެން އެދެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެ ސުވާލަށް ދޭނެ ރަނގަޅު ޖަވާބެއް އެވަގުތު އަހަރެންގެ ދުލަކަށް ނައެވެ. ނަމަވެސް މިރޭ އަހަރެން އެ ސުވާލާ މެދު ނުހަނު ވިސްނައިފީމެވެ.
އަހަރެންގެ ދިރިއުޅުގައި މިއަދު ތިބި އަހަރެންގެ ލޯބިވާ، އެ ބައެއްގެ ހަނދާން އަބަދުވެސް އަހަރެންނާ އެކުގައި ވުމަށް އެދޭ ދެ މީހުންނެވެ. ފުރަތަމަ ފަރާތަކީ އަހަރެންގެ ހިތުގެ ފިނިކަން ކަމުގައިވާ އަހަރެންގެ ތުއްތު ދަރިފުޅު ރަޔާން އެވެ. ދެވަނަ ފަރާތަކީ ތިއީއެވެ. އަހަރެންގެ ހަނދާނުން ތިޔަ ދެ ނަން ފިލާ ނުދޭތޯ އަހަރެން ދުޢާ ކުރާނަމެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައި ވަނީ ތަފާތު ވާހަކަ އެއްނަމަ އެ ގޮތްވެސް އެންމެ ރަނގަޅެވެ. އެއްވެސް އިންސާނަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ.
ރަޔާންގެ ނަން އަހަރެން ހަނދާނުން ފިލައިފިނަމަ އެ ހަނދާންތައް އަހަރެންނަށް ކިޔައިދޭން މާކިންއަށް ދަތި ވާނެކަން އަހަރެންނަށް އިނގެއެވެ. ވުމާއެކު، އަހަރެން އިސްވެ ރަޔާންގެ ވާހަކަ ނުދައްކާ ހިނދަކު މާކިން އެ ވާހަކަ ނުދައްކާށެވެ. އަހަރެން ޝަކުވާއެއް ނުކުރާނަމެވެ. މިއީ އަހަރެން ހިތް ހަރުވެގެން ނުވަތަ އެ ދަރިފުޅު ދިރިއުޅުމުން ފޮހެލަން ދައްކާ ވާހަކަ އެއް ނޫނެވެ. ފުރާނައަށް ވުރެ ބޮޑަށް އަހަރެން އެ ދަރިފުޅު ދެކެ ލޯބިވާކަން ﷲ ދެނެވޮޑިގެން ވާނެއެވެ. އެހަނދާން ހިތުން ފޮހެވި ދިއުމަކަށް ދުވަހަކުވެސް ނޭދެމެވެ. ނަމަވެސް ……
އޮޕަރޭޝަނަށް ފަހު އަހަރެންގެ ހަނދާން ނެތިގެން ހިނގައްޖެ ނަމަ މާކިން ދެކެ އަހަރެން ލޯބި ވިކަން އަހަރެންނަށް ބުނެދޭށެވެ. ތިއީ އަހަރެންގެ ލޯބިވާ ފިރިމީހާކަން ބުނެދޭށެވެ. އެކުގައި އަހަރެމެން ހޭދަކުރި ދުވަސްތަކުގެ ވާހަކަ ކިޔާދޭށެވެ. ފޫހި ކަމެއް ނެތި މާކިން އަހަރެންނަށް އަޅާލި ގޮތް ކިޔާދޭށެވެ. ތި ލޯބިން އަހަރެން ފެންވަރުވާލި ގޮތް ކިޔާދޭށެވެ. އަހަރެން ހަނދާން ކުރަން ބޭނުންވާ ކަންތައް ތަކަކީ އެއީއެވެ.
މިރޭ މިހާރު ވަރަށް ލަސް ވެއްޖެއެވެ. މާދަން ފަތިހާ ހޭލަން ވެސް ޖެހެއެވެ. ހޮސްޕިޓަލަށް ދިއުމުގެ ކުރިން ކުރަން ހުރި ކަންތައްތައް ވެސް އެބަ ހުއްޓެވެ. ވުމާއެކު، މި ހިސާބުން އަހަރެންގެ ވާހަކަ ކުރުކޮށްލާނަމެވެ.
މާކިންދެކެ ލޯބިވާ ޒިލް”
ސިޓީ ކިޔާ ނިމުނު އިރު އަނެއްކާވެސް އަހަރެންނަށް ގިސްލަ ގިސްލާފައި ރޮވެން ފަށައިފިއެވެ. ރަޔާންގެ ވާހަކަ ނުދެއްކުމަށް މާކިންގެ ކިބައިން އެދުނީ ހުދު އަހަރެންނެވެ. ވީއިރު މިއަދު ރަޔާން އަހަރެންނާ ދުރު ކުރުވީ ކަމުގައި ބުނެ މާކިންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ޙައްޤު އަހަރެންނަށް ލިބިގެން ނުވެއެވެ.
ފޮތުގެ ތެރޭގައި ދެން އޮތް ސިޓީ އުރަ އަހަރެން ކަނޑާލީ އެއީ މާކިން އަހަރެންނަށް ލިޔެފައިވާ ސިޓީ އެއްކަން ޔަޤީން ކުރަމުންނެވެ. ބައެއް ހިސާބު ތަކުގައި އަކުރުތައް ފެންޖެހި ފޭދިފައި ވެއެވެ. ސިޓީ ކިޔަން ފެށިއިރު އަހަރެންގެ ހިތް އަވަސް ވެފައި ވެއެވެ. މާކިން އަހަރެންނަށް ބުނެދޭން ބޭނުންވަނީ ކޮން ވާހަކައެއް ބާއެވެ.
” ލޯބިވާ ޒިލް އަށް،
ނުނިމޭ
Comments (3)
Comments are closed.
VARAHREETHI
Kn irak next episode kiyaalan libeyney?
Insha Allah soon 😊