Skip to content
އެސްފިޔަ

ހިތަކުން ނުދާނޭ ފިލާ – 5

Listen to this story Audio · 7:10 Powered by Esfiya Voice
0:00 7:10

މާކިންއާ އަހަރެންގެ ކައިވެނި އޭގެ ހަމަސް ފަހުން ކުރެވުނީ އީލާފްގެ އެދުމުގެ މަތިންނެވެ. އެއީ މާކިންވެސް ބޭނުންވާ ގޮތެވެ.  ދުލުން ނުބުންޏެއް ކަމަކު މާކިންގެ ހިތުގައި އަހަނަށްޓަކާ ވި ލޯތްބާއި ކުލުނު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންނަށް ފާހަގަ ވިއެވެ. އަހަރެންގެ އެންމެ ކުދި ކުދި ކަންތައްތައްވެސް މާކިން ކުރަނީ ހާދަ ފަރުވާތެރި ކޮށެވެ. އަހަރެން ހުރީ ކައިގެން ތޯ ބަލާނެއެވެ. ބޭސް ކެއިތޯ ޗެކްކުރާނެއެވެ. ކުދި ކުދި ސަމާސާތަކުން އަހަރެން ހެއްވާލަން އަބަދުވެސް މަސައްކަތް ކުރާނެއެވެ. ބައެއް ފަހަރު އަހަރެންނަށް ކުށްވެރި ކަމުގެ އިހުސާސް ކުރެއެވެ. މާކިންގެ ލޯބި އަރެންނަށް ހައްގު ނޫންކަމަށް ސިކުނޑި ބުނެދެއެވެ. އަހަރެން އެ ކައިވެންޏަށް ރުހުނީ ތިމާ ލޯބިވާ މީހަކަށް ވުރެ ތިމާދެކެ ލޯބިވާ މިހާކު ހަޔާތުގެ ބައިވެރިއަކަށް ޚިޔާރުކުރުމުން ހަޔާތް އުޖާލާވާނެ ކަމަށް ވިސްނިގެންނެވެ. އަދި އަހަރެން ނިންމީ ކައިވެންޏަށްފަހު މަޑުމަޑުން އަހަރެންނަށްވެސް މާކިން ދެކެ ލޯބި ވެވިދާނެކަމަށެވެ. ކައިވެންޏަށް ފަހު އަހަރުމެންގެ ދިރިއުޅުން އެއްކޮށް ނިއުޒިލޭންޑަށް ބަދަލުކުރީ އަހަރެންގެ ފަރުވާއަށެވެ.

ނިއުޒިލޭންޑްގެ ދިރިއުޅުން ވީ އަހަރެންނަށް މުޅިންއާ ކަމަކަށެވެ. ނިއުޒިލޭންޑަށް އަހަރެންނަށް ފުރަތަމަ ދެވުނީ ބަހާރު މޫސުމުގެ ދުވަސްވަރުގައެވެ. ގަސްތައް އޮތީ އެކި ކުލަކުލައިގެ މާތަކުން ބަރާވެފައެވެ. އެ މަންޒަރުތަށް ނުހަނު ހިތްގައިމެވެ. ނަމަވެސް އެއިން އެއްވެސް މަންޒަރަކުން އަހަރެންގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ. އަހަރެންގެ ހަށިގަނޑު އެތަނުގައި ވިޔަސް ޚިޔާލުތައް ވީ މާ ދުރުގައެވެ. ރާއްޖޭގައެވެ. އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ އަހަރެންގެ ތުއްތު ދަރިފުޅު ރަޔާންއާ އެކުގައެވެ.

ނިއުޒިލޭންޑަށް އައިތާ ފުރަތަމަ ދުވަސްވަރު އަހަރެން ދުވާލަކު ކިތައްމެ ފަހަރަކު ރީހާންގެ ނަންބަރަށް ގުޅީމެވެ. އެންމެ ފަހަރަކު ނަމަވެސް ރަޔާންއާ އަހަރެން ވާހަކަ ދައްކާލުމުގެ ފުރުޞަތަކަށް އެދި އާދޭސް ކުރީމެވެ. ފަޅި ސިކުންތައް ނަމަވެސް އެ ފުރާނަ އަހަރެންނަށް ދައްކާލުމަށް އެދި ރޮއީމެވެ. ނަމަވެސް ރީހާން އެކަމަށް އިންކާރުކުރިއެވެ. ބަދަލުގައި އޭނާގެ ވިހަގަދަ ބަސްތައް އަހަރެންނާ އަމާޒުވިއެވެ. ދުވަހަކުވެސް ދެން ރަޔާން އަހަރެންނަށް ދައްކާ ނުލާނެކަމަށް އޭނާ އަމިއްލަ ނަފުސަށް ވައުދުވިއެވެ. އަދި އަހަރެންނަކީ އެއްވެސް ގޮތެއްނެތް މީހެއްކަމަށް ބުންޏެވެ. މަޔަކަށް އަހަރެން ކުފޫ ހަމަ ނުވާކަމަށާ ލިބުނު ފުރަތަމަ ފުރުޞަތުގައި އަމިއްލަ ދަރި އެއްލާލާ މުއްސަނދި ފިރިހެނަކާ އެކު އަހަރެން ދިޔައީ ކަމަށް އޭނަ ބުންޏެވެ. ނަމަވެސް މިއީ ތެދެއް ނޫންކަން ހުދު ރީހާންވެސް ދަންނާނެއެވެ. އޭނާ ބޭނުންވަނީ އަހަރެން ދެރަކޮށްލާ ރޮއްވާލާށެވެ. އޭނާގެ މަގްސަދު ކިތަންމެ ރަނގަޅަކަށްވެސް ފުރިހަމަ ވިއެވެ. ރޮއިރޮއި އޮވެ އަހަރެންނަށް ނިދެނީ ކިތައް ރޭ ކަމެއްވެސް ނޭގެއެވެ.

މިހުރިހާ ކަމެއް ވަމުން ދިޔައިރު އަހަރެންގެ ގާތުގައި ދެގޮތެއް ނުވެ މާކިން ހުއްޓެވެ. މާކިންއާ އަހަރެންގެ ކައިވެނި ކުރެވުނެއް ކަމަކު އަތްބެއްގެ ވާޖިބުތައް އަހަރެންނަށް އަދާއެއް ނުކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން ހުރީ ހިތާމަތަކުން މޮޔަވާ ހިސާބަށް ގޮސްފައެވެ. ޚާއްސަކޮށް ރީހާން އޭނާގެ ނަންބަރު ބަދަލުކޮށް އަހަރެންނާ ރަޔާން ގުޅެން އޮތް ހަމަ އެކަނި މަގު ބަންދުކޮށްލި ހިސާބުން އަހަރެންގެ ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ.

ރާއްޖެއިން ބޭރަށް ދިޔަތާ ދެތިންމަސް ތެރޭގައި ޑޮކްޓަރަށް ދެއްކޭނެގޮތް މާކިން ހަމަ ޖެއްސިއެވެ. ޑޮކްޓަރ ސްމިތްއާ އަހަރެން ބައްދަލުވި ފުރަތަމަ ދުވަހުވެސް އަހަރެންނަށް ލިބުނީ އުފާވެރި ޚަބަރެކެވެ. އަހަރެންގެ ބޮލުގައި އުފެދިފައިވާ ޓިއުމަރ އަކީ ފަރުވާއިން ރަނގަޅުކުރެވިދާނެ ކަމެއް ކަމަށް ޑޮކްޓަރު ބުނި ވަގުތު މާކިންގެ މޫނު އަލިވެގެން ދިޔަ ގޮތް އަހަރެން ދުށީމެވެ. ހާދަ އަޅާލައެވެ. ހާދަ ރަނގަޅެވެ.

ކުރިއަށް އޮތީ ދިގު ދަތުރެކެވެ. އޮޕަރޭޝަންއަކާ ހަމައަށް ދިއުމުގެ ކުރިން ބޭހާއި ރޭޑިއޭޝަންގެ ފަރުވާގެ ސެޝަންތަކެއް ނެގުމަށް ޑޮކްޓަރު ސްމިތް ލަފާދެއްވިއެވެ. އަދި ކެންސަރ އަކީ އެކަމުގެ ސަބަބުން މިހާގެ ދިރިއުޅުމަށް އެތައް ބަދަލުތަކެއް ގެނުވާ ކަމަކަށް ވުމާއެކު، ސައިކޮލުޖިސްޓަކާ ވާހަކަ ދައްކާލާ ތެރަޕީ ނެގުމަށް ވެސް ޑޮކްޓަރު ލަފާދެއްވިއެވެ. އަދި އޮޕަރޭޝަންއާ އިތުރު ފަރުވާގެ ސަބަބުން ދިމާވެދާނެ ކަންކަންވެސް ކިޔާދީ އެކަމަށް ތައްޔާރުވާނެ ގޮތްވެސް ބުނެދިނެވެ. މިގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރީ އަހަރެންގެ ބޮލުގައި އުފެދިފައިވާ ޓިއުމަރ ނެގުމަށް ކުރެވޭ އޮޕަރޭޝަންގެ ނަތީޖާއެއްގެ ގޮތުން އަހަރެންގެ ހަނދާނަށް އަސަރު ކޮށްފާނެކަމެވެ. ޑޮކްޓަރު ސްމިތް ކިޔާދިން ގޮތުގައި ސާޖަރީ ކުރެވޭ ހިސާބުގެ ނާޒުކު ކަމާއެކު ބައެއްފަހަރު ސާޖަރީގެ ނަތީޖާއެއްގެ ގޮތުން ކުރީގެ ހަނދާންތައް ނެތި ހިނގައިދާނެއެވެ. ބައެއް ފަހަރު ވަގުތާއެކު އެ ހަނދާންތައް އެނބުރި އައި ނަމަވެސް އަނެއްބައި ފަހަރު އެ ހަނދާންތައް ދުވަހަކުވެސް އިޔާދަ ނުވެ ހިނގައިދާނެއެވެ.

ފަރުވާ ފެށުމާއެކު އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. މާބޮޑަށް ވަރުބަލި ވަނީއެވެ. އަބަދު ހޮޑުލަވާފައި ހުންނަނީއެވެ. ރަނގަޅަކަށް ނުކެވެއެވެ. އަހަރެން މާ ބޮޑަށް ބަލިވާން ފެށުމުން އޮފީހުން ޗުއްޓީއެއް ނަގައިގެން މާކިން އަހަރެންގެ ގާތުގައި ގޭގައި މަޑުކުރިއެވެ. ގޭގައި ވަރުވަރުން ނޯކަރުން ތިއްބެއް ކަމަކު އަހަރެންނަށް ކެވޭނެހެން އެންމެ ފައިދާ ހުރި ކާނާ ތައްޔާރުކުރަނީ އޭނާގެ އަތުންނެވެ. އަހަރެންނާއެކު ކޮންމެ އެޕޮއިންޓް މެންޓަކަށް މާކިން އާދެއެވެ. ރޭގަނޑު އަހަރެންނަށް ނުނިދޭނަމަ އޭނާވެސް އަހަރެންގެ ގާތުގައި ހޭލާ ހުންނާނެއެވެ.

މާކިންއާ މެދު އަހަރެން ދެކޭ ގޮތް ބަދަލުވާން ފެށީ މިދުވަސް ވަރުގައެވެ. އަހަރެން ފަދަ ބަލި މީހަކާއެކު އެހެން މީހަކު ނަމަ ނޫޅޭނެއެވެ. ނަމަވެސް މާކިން އަހަރެންގެ ކޮންމެ ކަމެއް ކޮށްދެނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ބަދަލުގައި ދޭނެ އެއްވެސް އެއްޗެއް އަހަރެންގެ އަތުގައި ނެތްކަން އިނގޭ ހާލުގައެވެ.

މަޑުމަޑުން އަހަރެންގެ ހިތުގައިވެސް މާކިން އަށްޓަކާ ޚާއްޞަ ޖާގައެއް އުފެދުނެވެ. އެ އިހުސާސަށް ދޭނެ ނަމެއް އަހަރެންނަކަށް އަދި ނުވިސްނެއެވެ. ދުލުން ބުނަން ނޭގުނަސް އަމަލުން އަހަރެންގެ އިހުސާސްތައް އޭނާއަށް ދެއްކިދާނެ ތާއެވެ؟ އަތްބެއްގެ ވާޖިބު އެންމެ ފުރިހަމައަށް އަދާ ކުރެވޭތޯ އަހަރެން ބަލާނަމެވެ.

އެހިސާބަށް ފޮތް ކިޔުނު އިރު އަހަރެންނަށް ގިސްލާފަ ރޮވެން ފަށައިފިއެވެ. ހޯސްލާފައި އޮހެމުން ދިޔަ ކަރުނަ ތަކުން ފޮތުގެ ގަނޑުތައްވެސް ތެތްމަން ފަށައިފިއެވެ. އަހަރެންނަށް މާކިން އާމެދު މި ދެކެވުނީ ހާދަ ގޯސްކޮށެވެ. އަތުގެ ނުފުށުން ކަރުތަނަށް ފޮހެލުމަށް ފަހު އަނެއްކާވެސް ފޮތް ކިޔަން ފެށީމެވެ.

މާދަމާއަކީ އަހަރެންގެ އޮޕަރޭޝަން ކުރެވޭ ދުވަހެވެ. ވުމާއެކު ހިތުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް އުފެދިފައި ވެއެވެ.

ދުވަހުގެ އިރު އެރީ ކޮފީ ޖޯޑެއް ހިފައިގެން ބެލްކަނީގައި ހުރި ސޯފާގައި އަހަރެން އިންދައެވެ. ދުރު ދުރުން އިވެމުން ދިޔަ ދޫނީގެ އަޑާއި ޖެހެމުން ދިޔަ މަޑު ވައިރޯޅިން އަހަރެންގެ ހާސްކަން ކުޑަކޮށްދިނެވެ. އަހަރެން ސިއްސައިގެން ދިޔައީ ވަރަށް ކައިރިން އިވުނު މާކިންގެ އަޑުންނެވެ. ކޮފީ ޖޯޑެއް ހިފައިގެން އައިސް އަހަރެންނާ ޖެހިގެން ކަހަލަ ގޮތަކަށް އޭނާ އިށީނެވެ. ކުރިމަތީގައި ހުރި މޭޒުގައި ޖޯޑު ބަހައްޓާލުމަށް ފަހު އަހަރެންގެ މޫނަށް އޭނާ ނަޒަރު ހުއްޓާލިއެވެ. ބަހެއް ބުނުމަކާ ނުލާ އެތައް ވާހަކައެއް އެ ނަޒަރުން އޭނާ ބުނެދީފިއެވެ. އަހަރެން އޭނާގެ މޭގައި ބޮނޑިވެލީ އެ އަތުގެ ހިމާޔަތަށް އަހަރެން އެ ވަގުތު ބޭނުންވެފައި ވީތީއެވެ.

އިނގޭ ހެއްޔެވެ؟ މިރޭ ރޭގަނޑުގެ ކެއުމުގެ ވަގުތުގައި މާކިން އަހަރެންނާ ސުވާލެއް ކުރިއެވެ. އަހަރެންގެ ހަނދާން ނެތިގެން ހިނގައްޖެނަމަ އަހަރެންގެ ދިރިއުޅުން އަހަރެން ހަނދާން ކުރަން ބޭނުންވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ މާކިން އަހަރެންނަށް ބުނެދޭން އަހަރެން އެދެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

ނުނިމޭ