
ސިޓީ

ފެންޑާގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިން ދިޔާނާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. މިލާފައިވީ މޫނުމަތި އޮއްސިފައިވީ ހަނދެކޭ ތަފާތެއް ނެތެވެ. ވަޅުވަދެފައިވާ ދެލޯ ގޭގެ ބޮޑުދޮރަށް ހުއްޓިފައިވާ އިރު، ދެންމެދެންމެ އެ ދޮރުން މީހަކު ވަދެގެން އައިސްދާނެކަމަށް އުއްމީދުކުރާހެން ހީވެއެވެ.
ހަމަ އެވަގުތު ދޮރުން އެތެރެއަށް މީހަކު ފިޔަވަޅު އަޅައިލުމުން ދިޔާނާއަށް ފުންމައިގެން ގޮނޑިން ތެދުވެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ދެލޮލުގައި ވިދަން ފެށި އުއްމީދުގެ ހުޅުކޮޅު ކަނިވެގެން ދިޔައީ ދޮރުން ވަދެގެން އައި ހަކީމްބެ ފެނުމުންނެވެ.
“ދިޔާނާ!” ހަކީމްބެ ގޮވައިލީ ހަމްދަރުދީގެ ރާގަކަށެވެ.
“ކޮބާ އަހަރެންގެ އަފްޒަލް؟” ހަކީމްބެއަށް ޖަވާބުދާރީވުމެއް ނެތި ދިޔާނާ އަހައިލީ އަވަސްވެފައިވީ ހިތަކައިގެންނެވެ.
“ދިޔާނާ. އިހަށް ހަމަޖެހިބަލަ.” ހަކީމްބެ ބެލީ ދޭން އުޅޭ ޚަބަރު ދިނުމުގެ ކުރިން ދިޔާނާ ހަމަޖެހޭތޯއެވެ. އެހެނަސް ހަކީމްބެގެ އެ ބަސްތަކުން ދިޔާނާ އިތުރަށް ބޯހާސްވެ، ހިތް ގޯސްވުން ނޫން ކަމެއް ނުވިއެވެ.
“ހަކީމްބޭ! ދެން އަވަހަށް އަހަރެންގެ ހިތަށް ތަސައްލީއެއް ލިބޭނެކަހަލަ ހަބަރެއް ދީބަލަ!” ދިޔާނާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. އެއާއެކު ހަކީމްބެ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ދިޔާނާ. އަހަރެން މާލެ ގޮސް އަފްޒަލާ ބައްދަލު ކުރިން.” ހަކީމްބެ ބުނެލުމާ އެކު ދިޔާނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“ދެން..؟ ކޮބާ މަގޭ އަފްޒަލް..؟ އޭނަ ރަނގަޅުތަ..؟ މަގޭ ދަރީގެ ހާލު ރަނގަޅުތަ..؟ އޭނާ މިރަށަށް މަގޭ ގާތަށް އަންނާކަށް ނޫޅޭތަ..؟” ދިޔާނާ އޮއްސައިލީ ސުވާލު ގޯންޏެކެވެ.
“ދިޔާނާ އޭނަ ގާތު ބުނެދޭން ބުނި ހުރިހައި ވާހަކައެއް އަހަރެން ބުނެދިނިން. މި އޮތީ ރައްދުގައި އޭނާ ދިން ސިޓީ..” ހަކީމްބެ ދިޔާނާއަށް ދިއްކޮށްލީ ސިޓީ އުރައެކެވެ.
“އޭނަ އިތުރު އެއްޗެއް ނުބުނޭތަ..؟ މަގޭ ކައިރިއަށް އަންނާކަށް ނޫޅޭތަ..؟ އަނބިދަރިންގެ ހާލު ރަނގަޅުތަ..؟ އެމީހުންނާ ދިމާވިތަ..؟” ދިޔާނާ ކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް ހަކީމްބެ އަތުގައި ނެތް ކަން އެނގުނީ އެ ރޫޖެހިފައިވާ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުންނެވެ.
“އަހަރެން ދިން ހަދިޔާކޮޅު އޭނައަށް ދިނިންތަ..؟ އެސޮރަށް ކުޅިކާޖާ ނިކަން މީރުވާނެ..” ދިޔާނާ އަހައިލުމުން އެއްވެސް އެއްޗެއް ބުނުމެއް ނެތި ހަކީމްބެ ދިއްކޮށްލީ ކޮތަޅެކެވެ. އެ ކޮތަޅުގައި އަފްޒަލަށް ދޭން ދިޔާނާ ތައްޔާރުކުރި ކުޅިކާޖާ ޕެކެޓާއި، ތެލުލި ބަނބުކެޔޮ ދަޅު އޮތް ގޮތަށް އޮތެވެ. އެ ފެނުމާ އެކު ދިޔާނާގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ދުވަހަކު ވެސް އޭނާގެ އަތުން ކައްކާ އެއްޗެއް ނޫނީ ކާން ބޭނުން ނުވާ ކުއްޖާއަށް މިވީ ކިހިނެއް ހެއްޔެވެ؟ އެހައި ލޯބިން ތައްޔާރުކޮށްފައި ފޮނުވި ހަދިޔާގައި އެއްވެސް ބުރަދަނެއް ނެތީ ހެއްޔެވެ؟
ތުރުތުރުއަޅަމުން ދިޔަ އަތަކުން ދިޔާނާ އެ ކޮތަޅުގައި ހިފުމުން އިތުރު އެއްޗެއް ބުނުމެއް ނެތި ހަކީމްބެ ދިޔާނާއަށް ބަލަމުން ދިޔައީ ހަމްދަރުދީގެ ނަޒަރަކުންނެވެ. މާ ގިނަ އިރުތަކެއް ނުވެ ދިޔާނާގެ ހަށިގަނޑު ގޮނޑިއަށް ދެމުނެވެ. އިރުކޮޅަކު އެގޮތަށް އިނދެއިނދެފައި ދިޔާނާ ދެން ނެގީ ހަކީމްބެ ދިން ސިޓީއުރައެވެ. ނުހަނު ފަރުވާތެރިކަމާ އެކީ އެ ސިޓީއުރަ ކަނޑައިލުމަށް ފަހު ދިޔާނާ އެ ސިޓީ ކިޔަން ފެށީ ތެޅިތެޅި އޮތް ހިތަކާ އެކުއެވެ. އެ ސިޓީގައި ވެއެވެ.
*** ** ***
މަންމާއެވެ. އަހަރެންގެ ހާލު ރަނގަޅެވެ. ނާޒްއާ ކުދިންގެ ހާލު ވެސް ރަނގަޅެވެ. މަންމަގެ ހާލު ވެސް ރަނގަޅުކަމަށް ހަކީމްބެ ބުންޏެވެ. އެކަމާ އުފާކުރަމެވެ.
މަންމާއެވެ. އަހަންނަށް ދެން ރަށަށް ދެވޭކަށް ނެތެވެ. މަންމަ އަހަރެން މާލެ ފޮނުވީ މޮޅަށް ކިޔަވާކަށް ނޫން ހެއްޔެވެ؟ ސިވިލް އިންޖިނޭރިން ދާއިރާއިން ކިޔަވައިގެން ރަށުގައި އަދާކުރެވޭނެ ވަޒީފާއެއް ނެތެވެ. ވީމާ އަހަރެން ދެން ރަށަށް ދިޔުމުގެ ބޭނުމެއް ނެތެއް ނޫންހެއްޔެވެ؟
މިކޮޅުން އަހަންނަށް ވަރަށް ރަނގަޅު ވަޒީފާއެއް ލިބިއްޖެއެވެ. މުސާރަ ވެސް އެހައި ރަނގަޅެވެ. މަންމައަށް ކޮންމެ މަހަކު ވެސް ވަކި ވަރެއް ފޮނުވާނަމެވެ. އޭގެން މަންމައަށް ހަމަޖެހިލައިގެން އުޅެވޭނެއެވެ. މާލެއަށް އަންނަން މަންމަ ބޭނުންނުވާނެކަން އަހަންނަށް އެނގެއެވެ. އެހެންވީމާ މިގޮތް މާ ބޮޑަށް ވެސް ރަނގަޅެއް ނޫން ހެއްޔެވެ؟
މަންމާއެވެ. މަންމަ ފޮނުވި ހަދިޔާތައް އަހަރެން އަނބުރާ ދިނީމެވެ. އެކަމާ ހިތްބުރަ ނުކުރައްޗެވެ. ނާޒްއަށާ ކުދިންނަށް ރަށުހަދިޔާ އެއީ އެއްގޮތަކަށް ވެސް ކަމުދާ އެއްޗެއްސެއް ނޫނެވެ. ކާޖާގެ ވަސް ޖެހުނަސް އެމީހުންނަށް އުނދަގޫވެއެވެ. މިގޭގައި ބަހައްޓައިގެން ކުނި ވުމަށް ވުރެ މަންމަ ކައިލަން މާ ރަނގަޅުކަމަށް ވިސްނުނީމާ އަނބުރައި ދިނީއެވެ.
ޗުއްޓީއެއް ލިބުނުހައި އަވަހަކަށް ނާޒްއާ ކުދިން ގޮވައިގެން ރަށަށް ދާނަމެވެ. ހިތްހެޔޮ ކުރައްޗެވެ. ވަރަށް ސަލާމެވެ.
*** ** ***
ސިޓީ ކިޔައި ނިމުނު އިރު ދިޔާނާގެ ދެލޮލުން ހުއްޓުމެއް ނެތި ފައިބަމުން ދިޔަ ހޫނު ކަރުނައިން އެ ރޫޖެހިފައިވީ ކޯތާފަތް ތެމެމުން ދިޔައެވެ. އެ ދަރިފުޅުގެ އުމުރުން އެންމެ ނުވަ އަހަރުގައި ފިރިމީހާ ނިޔާވުމުން ދިޔާނާ އެކަނިމައިއެކަނި ދަރިފުޅަށް ކިޔަވައިދީ، ބޮޑުކުރީ ފޮނި އުއްމީދުތަކަކާ އެކީއެވެ. އެކިއެކި ގެތަކުގައި ކައްކާ، ފޮޅާ ސާފުކޮށް، ރޯނުވެށުމާއި، ފަންގިވިނުމުގެ މަސައްކަތުން އާމްދަނީއެއް ހޯދަމުން، ދިޔާނާއަށް ލޮލުފިޔައެއް ޖަހައިލާނެ ވަގުތެއް ނުވިޔަސް ދުވަހަކު ވެސް ޝަކުވާއެއް ނުކުރެއެވެ. އެ ދަރިފުޅަށް ޓަކައި ހިތްބުރައެއް ނުކުރެއެވެ. އޭނާ ދިރިހުރުމުގެ މަގްސަދަކީ އެދަރިފުޅެވެ. ވީއިރު އެ ދަރިފުޅަށް ޓަކައި ޖާނު ހިބައިން ދޭން ވެސް ދިޔާނާ ހުރީ ތައްޔާރަށެވެ.
އަފްޒަލަށް ރަށުސްކޫލުން ގުރޭޑު ހަތަކަށް ކިޔަވައިދިނުމަށް ފަހު ދިޔާނާ އަފްޒަލް މާލެ ފޮނުވީ އަހަރުތަކެއް ވާން ދެން ރައްކާކޮށްފައި ހުރި ފައިސާކޮޅުންނެވެ. އެކަނިމައިއެކަނި އެހައި ލޯބިން ބަލައި ބޮޑު ކުރި ހަމައެކަނި ދަރިފުޅު ލޯމަތިން ގެއްލޭ މަންޒަރު ދިޔާނާ ދުށީ ހިތުގައި އަތް އަޅާފައެވެ.
އަފްޒަލަކީ ކިޔަވަން މޮޅު ކުއްޖެކެވެ. ސިވިލް އިންޖިނޭރިން ކޯހުން އޭނާ ފާސްވީ އެންމެ މަތީ ދަރަޖައިގައެވެ. ކިޔެވުމުގައި ބުރަކޮށް އުޅެމުން ވެސް، ފުރަތަމަ ދެތިން އަހަރު އޭނާ މަންމަ މަތިން ހަނދާން ކުރެއެވެ. މަހަކު އެއްފަހަރު ރަށަށް ފުރާ މަސްދޯނީގެ ކެޔޮޅު ހަކީމްބެއާ ހަވާލުކޮށްފައި މަންމައަށް ސިޓީ ވެސް ފޮނުވައެވެ. މަންމަގެ ފަރާތުން ރަށުހަދިޔާއެއް ލިބިއްޖެ ނަމަ ހަފްތާއެއް ނުވެ ހުސްވެއެވެ. އަހަރަކު ދެފަހަރު ރަށަށް އަންނަނީ މަންމަ ދެކިލާހިތުންނެވެ.
ކަންތައްތައް ބަދަލުވެގެން ދިޔައީ އަފްޒަލަށް ހަމަޖެހޭ ވަޒީފާއެއް ލިބި، މީހަކާ އިން ފަހުންނެވެ. އެންމެ ފަހުން ދިޔާނާއާ އަފްޒަލް ދިމާވީ މީގެ ތިން އަހަރު ކުރިން މާލޭގައި އޮތް އަފްޒަލްއާއި ނާޒްގެ ކައިވެނި ޕާޓީގައެވެ. އެ ކައިވެނި ޕާޓީ ނިންމައިލާފައި އެނބުރި ރަށަށް އައި ގޮތަށް ދިޔާނާއަށް އަފްޒަލް ގެއްލުނު ފަދައެވެ. ކައިވެންޏަށް ފަހު އަފްޒަލަށް ދަރީން ލިބުނު ނަމަވެސް، އަދި އަދަށް ދާން ދެން ވެސް ދިޔާނާއަށް މާމަކުދިން ހަމަލޮލަށް ދެކިލާކަށް ނުލިބެއެވެ. މީގެ އަހަރެއް ކުރިން އަފްޒަލްގެ އެންމެ ހަގު ކުއްޖާ ނިހާ ލިބުނު ފަހުން ދިޔާނާއަށް އަފްޒަލްގެ ސިޓީއެއް ލިބުނު ވެސް މިއީ ފުރަތަމަ ފަހަރެވެ.
“ދިޔާނާ..” ދަރިފުޅުގެ ޚިޔާލުތަކަށް ގެނބެމުން ދިޔަ ދިޔާނާއަށް ސިހުމެއް ލިބުނީ ހަކީމްބެ ގޮވައިލުމުންނެވެ.
“އެސޮރު އަދި ދަރިން ގޮވައިގެން އަންނާނެ.. ހިތްވަރުކުރޭ.. އަހަރެން ދެން ގޮސްލަނީ އިނގޭ..؟ ކަމެއް ބޭނުންވެއްޖެއްޔާ ގޯއްޗަށް އާދޭ.. އައިސްތު އުޅޭނެ..” އެހެން ބުނުމަށް ފަހު ހަކީމްބެ އެގެއިން ނުކުތުމުން ދިޔާނާ އިތުރަށް ބަލިކަށިވީ ފަދައެވެ. އަތުގައި އޮތް ސިޓީ ގެނެސް މޭގައި ޖައްސައިލި އިރު، އޭގައި ލިޔެވިފައިވީ ބައެއް ލަފްޒުތައް ފޭދިފައި ވަނީ ދިޔާނާގެ ވޭނީ ކަރުނައިންނެވެ.
“އެސޮރު އަދި އަންނާނެ.. އަދި އަންނާނެ..” ފާރުގައި ހިއްޕާފައި ހުރި އަފްޒަލްގެ ކުޑައިރުގެ ފޮޓޯތަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ދިޔާނާ ކިޔަމުން ދިޔައީ ތަސްބީހައެއް ހެންނެވެ. ސިކުނޑި މޭރުކޮށްދޭން މަސައްކަތްކުރަމުން ދިޔަ ހިތި ހަގީގަތް ނަފީކުރަމުން ދިޔައީ އެހިތުގައި ދަރިފުޅަށް ޓަކައި އޮތް ފުން ލޯތްބެވެ. އެދަރިފުޅު އެނބުރި އޭނާގެ ގާތަށް އަންނާނޭކަމަށް ކުރެވެމުން ދިޔަ އުއްމީދެވެ. މިއަދު މުސްކުޅިވެ ބަލި ޙާލުގައި އޭނާ ވަނިކޮށް އެދަރިފުޅު އޭނާގެ އަތުން ދޫކޮށްނުލާތޯ އެދި ކުރެވެމުން ދިޔަ ހިމޭން ދުޢާއެވެ.
ނިމުނީ
Comments (6)
Comments are closed.
Hello readers. Hope everyone’s doing well!
While all of you are waiting for my next series story “Ruheythoa Kalaa” I wanted to leave this short story for you guys.. Hope you like it and thank you for waiting patiently for my next story as always.. lots of love💕
Hey Nayaaaaa.. This Story is sooo goood as usual, Masha Allah 🤩 I’ve Missed you’re stories a lot, 😢 Can’t wait for Ruheythoa kalaa, curiosity on top, 😅 still can’t get over Yail 😭😂 Ly 💗💕
thank youu shiu💕💕
ruhythoa Kalaa next month ga in sha allah!
hehe yail mee hama adhives hurihaa kudhin ge top 1 ey dho😅💕
lymm💕💕
Hey girl…. This story is soo good, Masha Allah… Ngl, this kinda reminded me of the story on HSC dhivehi paper 😭😭
Anyways… Can’t wait for your next story, Ruheytho kalaa….
Till then, orrr… Till we meet with your another story, take care girl… Lu🫶🏻🫶🏻
GIRLLL THIS WAS SUPPOSED TO REMIND YOU OF THAT HAHAHAH i was too traumatized after the mazumoonu suvaalu and while writing a story i just had to reminisce about the dheyha😭😭.. kaiydhahtha deserved sm better💔💔💔
yess let’s meet soon on Ruheythoa Kalaa.. love you💕💕
hello everyone! I have made an Instagram page to give updates on my stories and to share cute little details of my stories. drop a follow to catch up!💌
the profile’s name is:
author.nayaa