
ހިތަކުން ނުދާނޭ ފިލާ – 4

ރީހާން އާއި އަހަރެންގެ ލޯބީގެ ޗަމަންގައި މަލެއް ފޮޅެއް އުޅޭކަމުގެ ޚަބަރު ލިބުނީ ކައިވެންޏަށް ދެ އަހަރުވީ ފަހުންނެވެ. ބަލިވެ އިންކަން އިނގުނު ދުވަހު އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. އެއީ އަހަރެން ހާދަ ދެކެން ބޭނުންވި ދުވަހެކެވެ. އަހަރެންގެ އުނގު ފަޅުފިލުވާލަދޭނެ ތުއްތު ފުރާނައެއް ދެއްވުންއެދި އަހަރެން ހާދަ ދުޢާއެއް ކުރީމެވެ.
ރަޔާން މި ދުނިޔެއަށް އުފަންވި ވަގުތަކީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. ރީހާން ދަރިފުޅު އުރާލައިގެން އައިސް އަހަރެންނަށް އެ މޫނު ދައްކާލި ވަގުތު ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް އަހަރެންނަށް މިލްކުވި ކަހަލައެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. އަހަރެންގެ ޙަޔާތުން ކަޅު ވިލާގަނޑެއްގެ އަސަރު ފެންނަންފެށީ ރަޔާންގެ އުމުރުން ފަސްއަހަރު ވާން ކައިރިވެފައި ވަނިކޮށެވެ. އަހަރެންގެ ބޮލުގައި އަބަދުމެ ނުފިލާ ތަދެއް ހުންނަން ފެށިއެވެ. ފުރަތަމަ ކޮޅު ޕެނަޑޯލް ގުޅައެއް ކާލައިގެން ދުވަސް ހޭދަ ކޮށްލެވުނަސް ދުވަސްވަމުން ދިޔަ ވަރަކަށް ތަދު ގަދަވަމުން ދިޔައެވެ. ޑޮކްޓަރަށް ދައްކާލާ ޓެސްޓްތައް ހަދާލީ އެހެންވެގެންނެވެ. ޓެސްޓްތަކުގެ ނަތީޖާ އަހަރެންގެ ޙަޔާތް އެފުއްމިފުށަށް ޖަހާލާނެ ކަމެއް ނޭނގެއެވެ. ބޮލުގައި ޓިއުމަރެއް އުފެދިފައިވާކަމުގެ ޚަބަރު ލިބުނު ވަގުތު އަހަރެންގެ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަ ކަހަލައެވެ. ވަށައިގެންވާ ހަފަރާތް އަހަރެން ފިއްތާލި ފަދައެވެ.
ބަލިވުމުން ފިރިއެއްގެ ކިބައިން އަންބަކު ބޭނުންވާނެ އޯގާތެރިކަމެއް ރީހާންގެ ފަރާތަކުން އަހަރެންނަކަށް ނުލިބުނެވެ. ބަދަލުގައި އޭނާ އަހަރެންގެ މަތިން ފޫހިވީ ހެންނެވެ. ކިތައްމެ ދުވަހަކުވެސް ނުގުޅާ ހުރެދާނެއެވެ. ރިސޯޓުން ޗުއްޓީއެއް ލިބުނަސް އަހަރެންނާ ރަޔާން ދެކިލަން ނައިސްވެސް ހުރެދާނެއެވެ. އަދި އަންނަ ގިނަ ފަހަރު ތަކުގައިވެސް ރީހާންގެ ގިނަ ވަގުތު ފޯނުގައި ހޭދަކުރަން ފެށިއެވެ. އޭނާގެ ޙަޔާތުގައި އަހަރެންނަށް މިހާރު ތަނެއް ނެތީ ކަންނޭގެ އެވެ.
ރީހާންއާ އައިނާންގެ ގުޅުމުގެ ވާހަކަ އަހަރެންނަށް އެނގުނީ އެދުވަސްވަރުއެވެ. މިވާހަކަ ވެގެން ދިޔައީ އަހަރެންގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ފަދަ ކަމަކަށެވެ. އެކަން ހުއްޓާލުމަށް އެދި ރީހާންގެ ގާތުގައި އަހަރެން ވަރަށް އާދޭސް ކުރީމެވެ. ނަމަވެސް އޭނާ ކަހާތަން ހިރުވައިވެސް ނުލިއެވެ. ކަންމިހެން އޮތް ކަމަކު އަހަރެންނަށްވެސް ކެތްކުރުން ނޫން ގޮތެއް ނެތެވެ. ރީހާންއާ ވަކިވެގެން ގޮސް ވެސް އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ބޯ ހިޔާ ކޮށްލާނެ ތަނެއްވެސް އަހަރެންގެ ނެތެވެ. އެހީތެރިކަމަށް އެދި އަހާލާނެ ޢާއިލާގެ މީހަކު ނެތްތާގައި ރައްޓެއްސަކުވެސް ނެތެވެ.
އަހަރެންނަށް މާކިންއާ ދިމާވީ އެ ހިތާމަ ތަގުގެ ތެރޭގައި ވަނިކޮށެވެ. މާކިން އަކީ ޢީލާފްއާއި މައިމޫންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އީލާފްގެ ދެމަފިރިންނަކީ މާލޭގެ ވިޔަފާރިވެރި ޢާއިލާއަށް ނިސްބަތްވާ ބައެކެވެ. އެމީހުން ރަށަށްއައީ ރަށުގައި ހުރި އެމީހުންގެ ގެސްޓް ހައުސް ހުޅުވުމާއެކު މާލޭގެ ހަލަބޮލި މާހައުލުން ދުރުވެ ޗުއްޓީ ހޭދަ ކޮށްލުމުގެ ބޭނުމުގައެވެ.
މާކިންއާ އަހަރެންގެ އެންމެ ފުރަތަމަ ބައްދަލުވީ ރަށުގެ އަތިރިމަތިންނެވެ. ބީރައްޓެހި ރަށަކަށް ވެފައި އަހަރެންނަކީ މާގިނައިން ބޭރު ތެރެއަށް ނުކުމެ އުޅޭ މީހަކަށް ނުވާތީ، އަހަރެންގެ މާގިނަ ރައްޓެހިންނެއް އެ ރަށަކު ނޫޅެއެވެ. ވުމާއެކު، ހިތްހަމަ ޖައްސާލާ ސިކުނޑި ހަމަޖައްސާލަން އަހަރެން ދާތަނަކީ އެއީއެވެ. އެދުވަހުވެސް، އަހަރެން އަތިރިމައްޗަށް ދިޔައީ އެ މާހައުލުން ހިތަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ. ހިތުގައި ޖެހިފައިވާލެއް ބޮޑުކަމުން ހުރިހާ އުދާސްތަކެއް ބޭރުކޮށްލެވުނީ ހިތަށް ކުޑަ ވިޔަސް ތަސައްލީއެއް ލިބޭތޯއެވެ. ހިތުގައިވާ ޝަކުވާތައް ބަންޑުން ކޮށްލެވުނީ އެ ވާހަކަތައް އެހެންމީހެއްގެ ކަންފަތަށް ފޯރާނެކަމަށް ނޫނެވެ. އަމުދުން މެންދުރުގެ ހޫނުގަދަ ވަގުތެއް ކަމުން އެތަނުގައި އިތުރު އެހެންމީހަކު ނުހުންނާނެކަމަށް އަހަރެންގެ ހިތް ބުނެދިނެވެ. ނަމަވެސް، ތަޤުދީރުގެ ނިޔާ ނިކަން ދެކެބަލާށެވެ. އެދުވަހު އަހަރެން ކުރި ހުރިހާ ޝަކުވާއަކާ ރުއި ހުރިހާ ރުއިމެއް އަޑުއަހަން ދާދި ގާތުގައި މާކިން ހުއްޓެވެ. އަހަރުމެންގެ ފުރަތަމަ ބައްދަލުވުމަކީ އެއީއެވެ. އެއީ ވަރަށް ގިނަ ދުވަހަށްފަހު މީހަކު އަހަންނާ ހެޔޮހިތުން ވާހަކަ ދައްކާލި ދުވަހެވެ.
ހަވީރުގެ ވަގުތެވެ. ރަޔާންއާއެކު، ހިނގާލަން ނިކުމެލި ނަމަވެސް އަވަހަށް ގެއަށް އަންނަން ޖެހުނީ ކޮންމެވެސް ވަރަކަށް ވައި ގަދަވާން ފެށުމުންނެވެ. މިހާރު އަހަރެން ފިންޏަށް މާ ބަލީއެވެ. ވުމާއެކު، ގެއަށް އައިސް ރަޔާންއަށް ޓީވީ އަޅުވާ ދިނުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީ އެއްވެސް ވަރަކަށް އެފަދަ މަންޒަރެއް ފެންނާނެ ކަމަކަށް ނޫނެވެ. ކޮޓަރީގެ އެނދުމަތީގައި އޭރު އެކަތި ގަނޑެއްހެން ތިބީ ރީހާންއާއި އައިނާންއެވެ. އަހަރެންނަށް ހަޅޭލަވައި ގަނެވުނީ ބޭއިޚްތިޔާރުގައެވެ. ރީހާން އަހަރެންނާމެދު ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އަހަރެން ކެތް ކުރީމެވެ. ނަމަވެސް އަހަރެންގެ ނިދާ އެދުގައި އަހަރެންގެ ފިރިމީހާ ހިލޭ އަންހެނަކާއެކު އެހެން ގައިގޯޅިވެ އުޅޭ މަންޒަރު ބަލަން އަހަރެންގެ ލަނގޮޑިއަށް ކެތް ނުވީއެވެ.
އަހަރެންނަށް އެ ހިތްވަރު ލިބުނީ ކިހިނެއްކަމެއް ނޭނގެއެވެ. ދުވެފައި ގޮސް އައިނާންގެ އިސްތަށިގަނޑުގައި ހިފާ ލަތްކެތް ޖެހީމެވެ. އަހަރެންނަށް ވީ ވަރަކީ އެއީއެވެ. ރީހާންގެ އަތުގެ ބާރުގަދަ ހަމަލާއެއް އަހަރެންގެ މޫނަށް އަމާޒުވިއެވެ. ދަމާ ކޫތާފައި އޭނާ އަހަރެން ދަމާފައި ގޮސް ގެއިން ނެރެލިއެވެ. ރަޔާންގެ ވެސް ކުރިމަތީގައެވެ. ހިތަށް އައިހާ ހަޑިމުޑުދާރު އެއްޗެއް ކިޔަމުންނެވެ. އަދި އަހަރެންނަކީ އެ ދުވަހުން ފެށިގެން މިނިވަނެއް ކަމުގައި މުޅި ރަށަށް އިއުލާން ކުރިއެވެ.
ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އެދުވަހު ރީހާން އަހަރެން ނެރެ އެއްލާލުމުން ވެއްޓުނީ މާކިންއާއި އޭނާގެ މައިންބަފައިންގެ ފައި ބުޑަށެވެ. ރަށުގެ ގިނަ ބަޔަކު އެތަނަށް އެއްވި އިރު އެ އެންމެގެ ތެރެއިންވެސް އެހީތެރިކަމުގެ އަތެއް އަހަރެންނަށް ދިއްކޮށްލި ހަމައެކަނި މީހަކަށްވީ މާކިންގެ މަންމަ އީލާފްއެވެ.
މާކިންއާ އެނާގެ އާއިލާއާއެކު އަހަރެންވެސް މާލެ ދިޔައީ މާކިންއާ އީލާފްގެ އެދުމަށެވެ. އެ މީހުން އަހަރެންނަށް ވަޢުދުވީ އަހަރެންނަށް ދެރަގޮތެއް ވިޔަ ނުދޭނަން ކަމަށެވެ.
ބީރައްޓެހި ނުވެސް ދަންނަ ބަޔެއްގެ މައްޗަށް އަހަރެންގެ ހަޔާތުގެ ލަގަން ދޫކޮށްލީ ކޮންމެހެން އެ މީހުންނަށް އިތުބާރު ކުރާތީއެއްވެސް ނޫނެވެ. ނަމަވެސް އަހަރެންނަށް ވަކި އޮތީވެސް އެހެން ކޮންގޮތެއް ހެއްޔެވެ. ރަށުގައި ހުއްޓަސް އަހަރެން ވަންނާނެ ތަނެއް އަހަރެންނަށް އަޅާލާނެ މީހަކު މިހާރު ހުރީއެއް ނޫނެވެ.
ހީކުރިގޮތާ ޚިލާފަށް މާކިންގެ އާއިލާވީ އަހަރެންނަށް ލެއްވި ނަސީބަކަށެވެ. ޚާއްޞަކޮށް މާކިންގެ މަންމަ އީލާފް އަހަރެންނާމެދު ޚާއްޞަ ގޮތެއް ބަހައްޓައެވެ. އަންހެން ކުއްޖަކު ނެތުމުން އޭނާ އަހަރެން ބަލައިގަތީ އަމިއްލަ ދަރިއަކު ފަދައިންނެވެ.
މާކިންއާ އަހަރެންގެ ކައިވެނި އޭގެ ހަމަސް ފަހުން ކުރެވުނީ އީލާފްގެ އެދުމުގެ މަތިންނެވެ. އެއީ މާކިންވެސް ބޭނުންވާ ގޮތެވެ. ދުލުން ނުބުންޏެއް ކަމަކު މާކިންގެ ހިތުގައި އަހަނަށްޓަކާ ވި ލޯތްބާއި ކުލުނު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންނަށް ފާހަގަ ވިއެވެ. އަހަރެންގެ އެންމެ ކުދި ކުދި ކަންތައްތައްވެސް މާކިން ކުރަނީ ހާދަ ފަރުވާތެރި ކޮށެވެ. އަހަރެން ހުރީ ކައިގެން ތޯ ބަލާނެއެވެ. ބޭސް ކެއިތޯ ޗެކްކުރާނެއެވެ. ކުދި ކުދި ސަމާސާތަކުން އަހަރެން ހެއްވާލަން އަބަދުވެސް މަސައްކަތް ކުރާނެއެވެ. ބައެއް ފަހަރު އަހަރެންނަށް ކުށްވެރި ކަމުގެ އިހުސާސް ކުރެއެވެ. މާކިންގެ ލޯބި އަރެންނަށް ހައްގު ނޫންކަމަށް ސިކުނޑި ބުނެދެއެވެ. އަހަރެން އެ ކައިވެންޏަށް ރުހުނީ ތިމާ ލޯބިވާ މީހަކަށް ވުރެ ތިމާދެކެ ލޯބިވާ މިހާކު ހަޔާތުގެ ބައިވެރިއަކަށް ޚިޔާރު ކުރުމުން ހަޔާތް އުޖާލާވާނެ ކަމަށް ވިސްނިގެންނެވެ. އަދި އަހަރެން ނިންމީ ކައިވެންޏަށްފަހު މަޑުމަޑުން އަހަރެންނަށްވެސް މާކިން ދެކެ ލޯބި ވެވިދާނެ ކަމަށެވެ. ކައިވެންޏަށް ފަހު އަހަރުމެންގެ ދިރިއުޅުން އެއްކޮށް ނިއުޒިލޭންޑަށް ބަދަލުކުރީ އަހަރެންގެ ފަރުވާއަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.