Skip to content
އެސްފިޔަ

ލޯބިވޭ އަނަންތަކަށް… – 9

Listen to this story Audio · 14:50 Powered by Esfiya Voice
0:00 14:50

އެއްކޮޓަރީގެ ބައިވެރިޔާ

“ކަލޭ އަމަލު ކުރާ ގޮތުން ހީވަނީ މަށަކީ ބޮޑު މުޑުދާރު މީހެއް ކަމަށް ވިއްޔަ! އެކަމާ ހުރެ މަށާއެކީ ނުނިދަން ވިއްޔަ ތިހުރީ…” މީކާއިލް އެހެން ބުނަމުން ހިނގައިގަތެވެ. މިހާރު ބަހުގައި އިށީނދެ އިން ޔުން ޚިޔާލަށް އަންނަމުން ދިޔައީ އޭނާގެ ފިރިމީހާ މިއަދު ހެނދުނު ބުނެފައިވާ ބަސްތަކެވެ. ‘ކީއްވެ އޭނާ އެހެން އެބުނީ؟… އޭނާ ހީކުރަނީ އަހަރެން ހިތަށް ކެތް ނުވެގެން އެނދަށް އަރުވާނޭ….؟’ ޔުން ދެއަތް އުރާލަމުން ހިތަށް އެރުވިއެވެ. ‘މަށަށް ހީނުވޭ މިއީ ލާއިގު ކަމެއް ހެންވެސް. އެކަމު މިއީ އަދި އެންމެ ފުރަތަމަ ދުވަސް ވިއްޔަ.’ ޔުން ބަހުގެ ބޭރަށް ނަޒަރު ހިންގާލިއެވެ.

‘އަހަރުން ހިއެއް ނުކުރަން މީކާއިލްގެ އަނތްބައް ވުމީ މިހާ އުނދަގޫ ކަމެއްކަމަށް. އޭނާގެ މިޒާޖަކީ އެހާވެސް ލަފާކުރަން އުނދަގޫ ކަމެއް. އަބަދުވެސް އަމިއްލައަށް ކޮންމެ ކަމެއްގައި ހަރަކާތްތެރި ވާނީ.’ ޔުން އިސްދަށަށް ޖަހާލުމާއެކު، ފުން ނޭވާއެއްވެސް ލިއެވެ. ‘އޭނާ އުޅޭ ގޮތުން، އަހަރެން ކަން ކުރަންވީ ގޮތްވެސް އޮޅޭ އެބަ މިހާރު. އަޅެ، މި ކައިވެންޏަށްވެސް ފަސޭހަ ވާނޭހެން އުޅޭނަމަ…’ ޔުން ކުދި ކިޔަން ފެށިއެވެ. އޮޅުމަކުން ނަމަވެސް އޭނާގެ ކަނާތު އިނގިލިތަކަށް ނަޒަރު ހިންގާލެވުނެވެ. ‘އަސްތާ! އަހަރުން މުޅިން ހަނދާން ނެތިފައި މިހުރީ. ކައިވެނީގެ އަނގޮޓި އަޅައިގެން މިއާދެވުނީ.’ ޔުން ހިތާހިތުން ހަޅޭއްލަވަމުން ދިޔައެވެ.

‘ޓެއި މޮޑެލް’ ނަމަކަށް ކިޔުނު ގަހަނާ ވިއްކާ ފިހާރައަކަށް ޔުން ބަހުން ފައިބައިގެން މިސްރާބު ޖެހިއެވެ. އެތަނުގައިވާ އަނގޮޓިތަކަށް ބަލައިލުމަށްފަހު، ޔުން ވިސްނަން ފެށިއެވެ. “ތަންކޮޅެއް ފުޅާ އަނގޮޓިއެއް ޝަހާދަތް އިނގިލީގައި. ހިމަ ދެ އަނގޮޓި އަދި ޖަވާހިރު ލައިފައިވާ އަނގޮޓިއެއް މެދު އިނގިލީގައި… ‘ރިބަން’ ވައްތަރުގެ އަނގޮޓިއެއް ކުޑަވައި އިނގިލީގައި… އާނ. މިހާރު ވާނެ.”

“ހަމަ އަސްލުވެސް ޔުން ނުދެކެންތަ އަދި މިއަދު؟” ސަޔާން ހާސްވެފައި ސުވާލު ކުރިއެވެ. ކަނާއަތް މުށްކަވާފައި އޭނާގެ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔައެވެ.

އީނާ ދެ ބުމަ ގޮށްޖަހާލަމުން ބުންޏެވެ. “ކިތަށް ފަހަރު މަ ގާތު ތިހެން އަހާނަން؟ ތަންކޮޅެއް ހަމަޖެހިގެން އިނދެބަލަ!؟” އީނާ ހަޅޭއްލަވާ އުސޫލުން ނަމަވެސް ކުޑަކޮށް އަޑު މަޑުކޮށްފައި ބުންޏެވެ.

“އާނ. އެހުރީ އެއްނު!!” ސަޔާން ކިލާހުގެ ދޮރާ ދިމާއިން އިވުނު އަޑަށް އެދިމާއަށް ބަލައިލަމުން ބުންޏެވެ.

“ހާހް، ހާހް. ނަސީބެއް ލަސް ނުވިކަން…” މާނޭވާ ލެވެމުން ދިޔަ ޔުން އިސްދަށަށް ޖަހައިގެން ހުރެ، އިސްތަށިގަނޑު ރަނގަޅު ކުރަމުން ކިލާހުގެ ދޮރު ލައްޕާލިއެވެ.

“ޔުން!! ޔުން!! އާދޭ އަވަހަށް މި ކޮޅަށް!!” ސަޔާން ބާރަށް ގޮވާލިއެވެ. މާ ދުރުނޫން ގޮނޑިއެއްގައި އިށީނދެ އިން އީނާ ވެސް ދިޔައީ ސިހިގެންނެވެ. އެއްވެސް އެއްޗެކޭ ޖަވާބުގައި ނުބުނެ ޔުން ސަޔާން ދައްކަމުން ދިޔަ ގޮނޑިއާ ދިމާއަށް ދިޔައެވެ.

“ޝުކުރިއްޔާ!” ކިތަންމެ ވަރުބަލި ވެފައިވީ ނަމަވެސް ޔުން ޝުކުރު އަދާކުރިއެވެ.

“ނަސީބަކުން އަހަރެން ކަލެއަށް މި ގޮނޑި ރައްކާ ކޮށްގެން މިއިނީ.” ސަޔާން މޫނުގައި އޮތް ހިނިތުންވުން ފުޅާ ކޮށްލަމުން ބުންޏެވެ.

“އަދި ކިރިޔާ ތި އާދެވުނީ؟ އަހަރެން ހުވާ މަރުވެދާނެ. ސަޔާން ކަލޭގެ ވާހަކަ އަހާ ވަރުން.” އީނާ އަދިވެސް ފޫހިވެފައިވާ ރާގަކަށް ވާހަކަ ދައްކަމުން ދިޔައެވެ.

“ކޮންތާކު އުޅެ އުޅެފަ ތި އައީ؟ ޔުން ތިއީ ދުވަހަކުވެސް ގަޑި ޖެހޭ ކުއްޖެއް ނޫން. ހާދަ ވަރުބަލިވެސް ވެފައި ތިހުރީ. އެ ކީއްވެ؟ އަނެއްކާ ކަމެއް ގޯސް ވީތަ؟” ސަޔާން ސުވާލު ގޯންޏެއް އޮއްސާލިއެވެ.

“ނޫނޭ ނޫނޭ! ރަނގަޅު.” ޔުން ނިތްކުރީގައި ހިއްލާފައިވާ ދާތައް ފުހެލިއެވެ. “ފަހަރުގައި ވެދާނެ އަހަރުން…” ޔުން ޖުމުލައެއް ބުނަން އުޅެފައި ނަމަވެސް ހުއްޓާލިއެވެ. “އަހަރެން އުޅޭ ގެ ބަދަލުވީމާ ލަސްވީ…” ޔުން އަވަސްވެފައިވާ ހިތަކާއެކު ސުވާލަށް ޖަވާބު ދިނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ އާއި މީކާއިލުގެ ގުޅުން އެކަކަށް އެނގޭކަށް ބޭނުމެއް ނުވެއެވެ.”

“އާނ. ކަލޭ ކުރިން ތިޔަހެން ބުނީމެއްނު…” އީނާ ޔުން އާ ދިމާއަށް ބަލާލުމަށްފަހު، ބައިވެރިވިއެވެ.

“އާއިނ؟ އަހަރެން އަދި މި… ކޯއްޗެކޭ؟” ސަޔާންއަށް ވާނުވާ ވެސް ނޭނގޭ ހާލު ބުނަން އުޅުން ޖުމުލަވެސް އޮޅިގެން ދިޔައެވެ.

“ވަރަށް ދުރުވާނެ މިހާރު. ގާތްގަނޑަކަށް ސާޅީހަކަށް މިނިޓުގެ ދުރުމިން.” ޔުން ދެ ލޯ މަރާލަމުން ހަގީގަތާ ޚިލާފު ވާހަކަ ހައްދަމުން ދިޔައެވެ.

“އެކަމު، ކީއްވެ އެހެން ގެއަކަށް ބަދަލުވީ؟ ކުރިން އުޅުނު ތަން މާ ކައިރިއެއް ނޫންތަ ކޮލެޖާ؟” ސަޔާންއަށް އެނގިފައިވާ މައުލޫމާތުގެ ބޭނުން ހިފިއެވެ.

“އެއީ…” ޔުން ޖަވާބުދޭން އަނގަ ހުޅުވާލިހެން އީނާ ސަޔާން އާ ދިމާއަށް ބަލައިލުމަށްފަހު، އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“އެ ވެދާނެ ޔުންގެ ކާފަ ޔުންއަށް ސަމާލުވާން ވެގެން ކާފަ އާ ގާތް މީހެއްގެ ގޭގައި ބެހެއްޓީ ކަމަށް.” އީނާވެސް ކޮށަމުން ކަހަލަ ގޮތަކަށް އުޒުރެއް ހަދާލިއެވެ.

“އާނ. އެހެންވެ، އަދި އެއާއެކު އަހަންނަކީ ހުރި ހަމައެކަނި ކާފަ ދަރިއަކީ ވެސް.” ޔުން އިތުރު އުޒުރެއް ދައްކައިދިނެވެ. ޔުން ދިޔައީ އީނާއަށް ލޮލުން ނަމަވެސް ޝުކުރު އަދާކުރަމުންނެވެ.

“ޔުން ކޮންއިރަކުން ފެށިގެން އަނގޮޓި އަޅަން ފެށީ؟” ސަޔާން ސުވާލު ކޮށްލިއެވެ.

‘އަޅޭ!! އޭނާއަށް އިނގެނީ ބާ؟ މީ އަދި އެންމެ ފުރަތަމަ ދުވަސް!!’ ޔުން ސިކުނޑީގައި ހަޅޭއް ލަވަމުން ދިޔައެވެ.

“ޔުން-ޔުން މިހާރު ފަހުން ވިރަ ވެގެން އުޅޭ ގޮތައް އަނގޮޓި ވެސް އެޅީތަ؟” ސަޔާން ލޯ ބޮޑުކޮށްލާފައި ބުންޏެވެ. ޔުންގެ އަތް ސަޔާންގެ ކަނާތުން ހިފާލާފައި އަނގޮޓިތަކަށް ބެލުމަށް ހުއްޓެވެ.

‘އޭނ؟’ ޔުންއަށް އިހުސާސްވި ހުރިހާ ބިރެއް ނެތިގެން ދިޔައީ އެހާވެސް އަވަހަށެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ މޭގަނޑު އަތަށް އަންނަފަދަ މަންޒަރެކެވެ. މީކާއިލް ހުރީ ކިލާހުގެ މެދުގައެވެ.

ޔުން އެހާވެސް އަވަހަށް ސަޔާންގެ އަތުން އޭނާގެ އަތް ނަގައި ހަމަޖެހުނެވެ. ސަޔާންވެސް މީކާއިލް ފެނުމުން ހަމަޖެހިލާފައި ކިޔެވުމަށް ތައްޔާރުވާން އުޅުނެވެ.

“ބާއްޖަވެރި މެންދުރު ފަހަކަށް އެދެން!” މީކާއިލް ބާރަށް ގޮވާލިއެވެ. ޔުންއަށް ހީވީ މީކާއިލް ހިތް ހަމަނުޖެހިފައި ހުރިހެންނެވެ. އޭރު މީކާއިލް ފުން ނޭވާއެއް ލިއެވެ. އަދި ރުޅިވެރި ނަޒަރަކުން ސަޔާން އާ ދިމާއަށް ބަލައިލިއެވެ. ނަމަވެސް މާ ގިނަ އިރުނުކޮށް ކިލާސް ފިލާވަޅު ކުރިއަށް ގެންދިޔައެވެ.

 

މީކާއިލް ސަލާން ގޮވާލުމަށްފަހު، ގެއަށް ވަނެވެ. އޭރު ގަޑިން މެންދަން ވަނީއެވެ. ތަޅުދަނޑި ބޭއްވުމަށްފަހު، ގަމީހުގެ ގޮށްތައް ދޫކުރަމުން ކޯޓު ބާލަން ފެށިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ބޮޑު ކޮޓަރިއަށް ވަނެވެ.

“އަބަދުވެސް މިހާ ލަސްކޮށްފައި ގެއަށް އަންނަނީ؟” ސޯފާގައި އިށީނދެގެން އިން ޔުން ސުވާލު ކޮށްލިއެވެ.

މީކާއިލް ދިޔައީ ސިހިގެންނެވެ. “އަހަނ. ޔުން އަދިވެސް ނުނިދަންތަ؟ އަހަރުން ހީކުރީ ނިދާފަ ކަމަށް އޮންނާނީ.” އާގަމަވެފައި މީކާއިލް  ކޯޓު ބާލަމުން ޔުންގެ ގާތަށް ސޯފާއާއި ކައިރިއަށް ދިޔައެވެ.

“ނޫނޭ އަދި ނުނިދަން. ކޮލެޖު ފިލާވަޅު ހަދަނީ.” ޔުން ލެޕުޓޮޕަށް ބަލަމުން ބުންޏެވެ.”ކީއްވެ ސޯފާގައި ތި އިނީ؟ ކިޔަވާ ކޮޓަރީގައި މޭޒެއްވެސް ހުންނާނެ. އެހެންނޫނީ… އަހަރެން އަންނާނެ އިރަކަށް އިންތިޒާރު ކުރަނީތަ؟” މީކާއިލު މައްލަވަކުރަން ފެށިއެވެ.

“އޫނ… ކާކު ބުނީ ކަލެއަށް އިންތިޒާރު ކުރާ ވާހަކަ؟ އަހަރެން ބުނެފީމެއްނު ކިޔަވަނީއޭ!!” ޔުން ދެ އަތް ކިހިލި ޖަހާލަމުން ބުންޏެވެ.

“ކަލޭ އަބަދުވެސް ދަންވަންދެން ކިޔަވަންތަ؟” މީކާއިލް ސުވާލުކޮށްލިއެވެ.

“އަބަދަކު ނުކިޔަވަން ދަންވަންދެން.” ޔުން މީކާއިލްއަށް ބަލަމުން ބުންޏެވެ.

“…އެހެންވެއޭ މިބުނީ… މާދަން މަގޭ އަންނަންދެން މަޑު ނުކުރާށޭ!” މީކާއިލް ކޮޓަރިއަށް ދިޔުމަށް ޔުންއަށް ފުރަގަސްދީ އެނބުރި ހިނގައިގަތެވެ.

“މިބުނީއްނު ކަލޭ އަންނަންދެން މަޑެއް ނުކުރަމޭ!!” ޔުން ރުންކުރުވެފައި ޒީލަގަދަވާން ފެށިއެވެ.

“ހެވޭ، ހެވޭ! ފަހަރުގައި ކިޔެވިޔަސް، މިހާ ލަސްކުރާކަށް ނުވާނެއްނު!” މީކާއިލް ކޮޓަރި ދޮރު ހުޅުވަމުން ބުންޏެވެ. ހަމަ އެ ވަގުތު ޔުންގެ ފޯނު ސޯނާވާން ފެށިއެވެ. ޔުން ފަސް އެނބުރި ސޯފާއާ ދިމާއަށް އެނބުރި ދިޔައެވެ.

‘ސަޔާން؟ މީ ކޮން މޮޔައެއްވެގެން ގުޅާ މީހެއް މިހާރު؟’ ޔުން ހިތަށް އަރަމުން ދިޔައެވެ. ރަތް ފިތަށް އޮބާލަމުން ޔުން ފޯނު ނިއްވާލިއެވެ.

“ކީއްވެ ނުނެގީ؟” މީކާއިލު ގަމީހުގެ އަތުކުރީ ގޮށް ނައްޓަމުން ބުންޏެވެ.

“ނޭނގޭ ނަންބަރެއް!” ޔުން ހެދީ ދޮގެވެ. އެއީ މިއަދު ކިލާހުގައިވެސް ސަޔާން އާ ގާތްވެ އުޅުމުން މީކާއިލް ފާޑަކަށް ބެލީމައެވެ.

“އެހެން ނުހަދާ! ފަހަރުގައި ކުއްލި ހާލަތެއް ދިމާވެގެންވެސް ގުޅާފާނެ!” މީކާއިލް ޔުންއާ ދިމާއަށް ފުން ނަޒަރަކުން ބަލަމުން ބުންޏެވެ.

އެންމެ ފަހުން މީކާއިލް ބުނިހެން އެ ފޯނު ނެގިއެވެ. “ސަލާން ޔުން ކީއްވެތަ ފޯނު ނުނަގަނީ؟” ސަޔާންގެ އަޑު އިވިގެން ދިޔައީ އެހާވެސް ބާރަށެވެ.

“މިއީ ކޮން ވަގުތެއްކަން ނޭނގެނީތަ؟… މުހިއްމު ކަމެއްތަ؟” ޔުން ރުޅިއައިސް ހުރެ ބުންޏެވެ.

“އެހެން ނުހަދާ. ޔުން. އަހަރުން ބޭނުންވަނީ ވާހަކަ ދައްކާލާށޭ! އަދި ކިރިޔާ ރައްޓެހިންނާއެކު ހޮޓާއަކަށް މި އާދެވުނީވެސް.” ސަޔާން ބުންނެވެ.

“ކަލޭ ތި ގޮތަށް ވާހަކަ ދައްކަންޏާ، ފޯނު ކަނޑާލާނީ އިނގޭ!! އަހަރެން ގެ ބަދަލުވީއޭ، އެހެންވެ އުނދަގޫ ވާނެ ވާހަކަ ދައްކަން.” ޔުން ކުޑަކޮށް އަޑު މަޑުކޮށްލާފައި ބުންޏެވެ.

“އާނ، އެހެން ކުއްޖަކު އެބަ ހުރިތަ ގާތުގައި؟ އެހެން ކުއްޖަކާއެކު ދޯ ތިއުޅެނީ؟” ސަޔާން ވަރަށް ފާޑަކަށް ވާހަކަ ދެއްކިއެވެ.

“އާނ. އެއްކޮޓަރީގައި އެހެން ކުއްޖަކު އެބަ އުޅެޔޭ. ނުގުޅާތި ދެން، ރޭގަނޑު ގަޑީގައި. ބޭއްވީ!” ޔުންގެ އަޑުގައި އަދިވެސް ރުޅިވެރިކަން ވެއެވެ. ފޯނު ކަނޑާލުމަށްފަހު މީކާއިލް އާއެކު ކޮޓަރިއަށް ވަނެވެ. “އެއީ އެހާ މުހިންމު ފޯނެއް ނޫން.” ޔުން ބޮލުގެ ފަހަތުގައި އަތް ކާއްތާލަމުން ބުންޏެވެ. “މި ދަނީ ނިދަން.” ޔުން ބޯ ކަހާލާ، އާފުރެމުން ބުންޏެވެ.

“ކޮޓަރީގެ ބައިވެރިޔާއޭ ތިޔަ ބުނީ؟… އެއީ… އަހަރުން؟” މީކާއިލް ޔުންގެ ފަހަތުގައި ހުރެ ބުންޏެވެ. ގަމީހުގެ ގޮށްތައް ހުރީ ދެބައިކުޅަ އެއްބައި ނައްޓާފައެވެ.

“ލައްބަ. ބާއްޖަވެރި ރޭގަނޑެއް.” ޔުން އެހެން ބުނަމުން އެނދާ ދިމާއަށް މިސްރާބު ޖެހިއެވެ. މީކާއިލްވެސް އެއްޗެކޭ ނުބުނެ ސޯފާގައި އޮށޯތުމަށް ދިޔައެވެ.

 

ހެނދުނުގެ އިރު ފެނުން ތޮޅެލި ވަގުތު އެއީ މީކާއިލް ދުވުމަށް ބުރު ހަމަ ކުރަމުން އައި ވަގުތެވެ. އޭރު ޔުން އޮތީ ގަދަ ނިދީގައެވެ. ކުއްލިއަކަށް އޭނާގެ ފޯނު ސޯނާ ވާންފެށިއެވެ. ދެ ލޯ ހުޅުވާލުމަށްފަހު، ލޯ އުނގުޅަމުން ތެދުވެ އެނދުގައި އިށީނެވެ. ‘ކޮންމެ ދުވަހަކުވެސް މީކާއިލް ހާދަހާ މައިރާ ތެދުވެއޭ؟ ގެއަށް އަންނަނީ އެހާ ލަހުން. އޭނާ އެހެން އުޅޭ އިރު ސޯފާގައި ނިދުމަކީ އެހާ އެދެވޭ ކަމަކަށް އަހަންނަށް ނުވިސްނޭ!’ ޔުން އަމިއްލަ ހިތަށް އަރަމުން ދިޔައެވެ.

ދުވަސްތައް ފާއިތުވެ ދިޔައީ ހަމަ އެއް ތާވަލެއްގެ މައްޗަށެވެ. މީކާއިލް ކޮލެޖުގައި ބުރަކޮށް ކިޔަވައިދިނުމާއި، ޔުން ކޮލެޖުގެ ފިލާވަޅުތަކުގައި މަޝްޣޫލު ވުމެވެ. އެހާވެސް ޙަރަކާތްތައް ގިނަ ތިން ދުވަހަށްފަހު، މީކާއިލް އޭނާގެ ވަޒީފާ އަދާކުރުމަށްފަހު، ގެއަށް އައެވެ. ބޮޑު ކޮޓަރީގެ ހޮޅިބުރިތައް ނިއްވާފައި ވުމުން ޔުން ނިދާފައި ވާކަން ދޭހަވިއެވެ. ބޯޓުން ޓޮއް އަޑު ގޮއްވާލާ ހިނގަމުން ގޮސް ބޫޓު ބަހައްޓާ ހަރުގައި ބޫޓު ބެހެއްޓުމަށްފަހު، ބިތުގައިވާ ގަޑިއަށް ނަޒަރު ހިންގާލިއެވެ. ‘އެކެއް ޖެހީ؟’ މީކާއިލް އަށް އާގަމަވެފައި ބުނެވުނެވެ.

‘މި ދިޔަ ތިން ދުވަހު… ޔުން ގާތު އަހަރުން ބުނިން މަޑު ނުކުރާށޭ… އެކަމު އެއްކޮޓަރީގެ ބައިވެރިޔާ ނެތީމައި… ނިދި އަންނަންދެން ސަޔާން އާ ވާހަކަ ދައްކަނީ ދޯ؟’ މީކާއިލް ކޮޓަރިއަށް ވަދެ އެނދުގައި ނިދިފައި އޮތް ޔުންއަށް ބަލަމުން ވިސްނާލިއެވެ. މީކާއިލްގެ މޫނުގައި ވަނީ ހިތްހަމަ ނުޖެހުމެވެ. ކުޑަވަރެއްގެ ހިތާމައެވެ. ކައިވެނީގެ ގޮތުން އޭނާއަށް އެއްޗެކޭ ބުނާކަށް ބޭނުން ނުވަނީ ތޯއްޗެކެވެ. ޓައީގައި ހިފާ ދަމާލަމުން އޭނާގެ އަންނައުނު އެކައްޗަށް ފަހު އެއްޗެއް ބާލަމުން ފާހާނާއަށް ވަނެވެ. ފެންވަރަ ތާޒާ ވެލައިގެން މީކާއިލް ނިދާ ހެދުން ލިއެވެ.

ޔުންގެ ކައިރީ އޮތް ފޯނު ނެގުމަށް މިކާއިލް ގާތްވިހެން ޔުންއަށް ހޭވެރިކަން ވިއެވެ. ‘މީކާއިލް؟’ ނިދީގައި އޮވެ، މަޑުމަޑުން ބުންޏެވެ.

“މިއީ ތި ހީކުރާ ގޮތެއް ނޫން. އަހަރުން މިއުޅުނީ ފޯނު ނަގާ މޭޒަށް ލާން…” މީކާއިލް ސިހިގެން ދިޔައެވެ. އަދި ވާނުވާ އޮޅުން ފިލުވައިދެން އުޅުނެވެ.

“އަހަރެންވެސް އެއްވެސް ވިސްނުމެއް ނުގެންގުޅެން… އަހަރުންވެސް އުޅުނީ އެއްޗެކޭ ބުނަންވެގެން. ސޯފާގައި ކަލޭ ދެން ނުނިދާ.” ޔުން ނިދި އަދުން ވާހަކަ ދައްކަމުން ދިޔައެވެ.

“އޭނ؟” މީކާއިލްއަށް އިވިގެން ދިޔަ ބަސްތައް ގަބޫލުކުރަން ދަތިވިއެވެ.

“އަހަރުން ވަރަށް ވިސްނައިފިން. ކަލޭ ސޯފާގައި ނިންދެވުމަކީ އަހަރުން އެހާ ހިތްހަމަ ޖެހޭ ގޮތަކަށް ނުވި… އަހަރުން ހީކުރީ އިތުރު އެނދެއް މި ކޮޓަރީގައި ހުންނާނެ ކަމަށް. އެހެންވެ ދެ މީހުން ދެ އެނދުގައި ނިދުމަށް ޝަރުތު ކުރީ… މި މުޢާހަދާއަށް ކުރެވުނު ކައިވެނީގައި އަހަރެން އަމިއްލަ މި ބޮޑު އެނދުގައި ނިދާފައި ކަލޭ ސޯފާގައި އޮތުމީ އަހަރެންގެ ހިތް މިހާރު އެދޭ ކަމެއް ނޫން.” ޔުން އޭނާގެ ޚިޔާލުތައް ކިޔައިދިނެވެ.

“ކީކޭ؟” މީކާއިލް ހުރީ އާގަމަވެފައި ހުއްޓެވެ. އަދި ކުޑަކޮށް ކޯތާފަތުގައި ރަތްކަމެއް ހުއްޓެވެ.

“ކިހިނެތް ވީ؟” ޔުން، މީކާއިލުގެ ޖަވާބަކަށް އެދެމުން ބުންޏެވެ.

“ޔަގީންތަ؟” މީކާއިލް ފަނޑު ހިނިތުންވުމެއް މޫނަށް ވެރި ކުރަމުން ބުންޏެވެ. “އަހަރެން އެއްވެސް… އެކަހަލަ ކަމެއް ނުކުރާނަމޭ… ކަލޭ ބިރުގަންނަވާ ލާކަށް ބޭނުމެއް ނޫން.” މީކާއިލް ބުންޏެވެ.

“އަހަރެން ބިރެއް ނުގަނޭ… އެކަމު މިހާރު މި ތިބި ގޮތުން….” ޔުން މޫނު އަނބުރާލަމުން ބުންޏެވެ. ބުނާނީވެސް އެހެންތާއެވެ. އަދިވެސް މީކާއިލް އޮތީ ޔުންގެ ފޯނު ނަގަން ގުދުވި ގޮތަށެވެ. އެހެން ބުނުމާއެކު މީކާއިލް ފަހަތަށް ޖެހުނެވެ.

“ވިސްނާތި ވަރަށް… އަހަންނަކީ ނިދީގައި ފައިން ތަޅާ މީހެއް.” ޔުން އެހެން ބުނުމަށްފަހު، ދެ އަތް ބަނާތުގެ ދަށަށް ލަމުން ބުންޏެވެ. ‘އަހަރެން ކީއް މިކުރަނީ؟… އެންމެ ފަހުން މީކާއިލް އެނދަށްވެސް އެރުމަށް ހުއްދަ ދިނީ؟!…’ ޔުން ހިތަށް އަރަމުން ދިޔައެވެ. ޔުން އޮތީ މީކާއިލްއަށް ފުރަގަސް ދީގެންނެވެ. އޭރު މީކާއިލް ބަނާތު ނިއުޅާލާފައި އެނދުގައި އޮށޯތެވެ. ނިދާކަމަށް ހަދައިގެން ޔުން ލޯ މަރައިގެން އޮތެވެ. ‘ހަމަ ޖެހޭ ޔުން! ހަމަ ޖެހޭ ޔުން! ވިސްނާލަ މިއީ މަދަރުސާގައި ކޭންޕު ބާއްވާ ގޮތް ކަމަށް…’ ޔުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުން ދިޔައެވެ. މީކާއިލް ޔުންގެ ބަނޑާއި ދިމާލުގައި ހިފާ އޭނާގެ ގާތަށް ގެންދިޔައެވެ. “އޭނ!!!” ޔުންއަށް ވަރަށް ބާރަށް ހަޅޭއް ލަވައިގަނެވުނެވެ. “މީކާއިލް؟؟ ކީއް…”

“މިހެން އޮންނަނަމަ އަހަރެން ގަޔަކު ފައިން ނުޖެހޭނެއްނު؟ އެހެން ނޫނަސް އަހަރުން ނިދީމަ، ޔުން ސޯފާއަށް ނުދެވޭނެ އެއްނު އޭރަކުން.” މީކާއިލް މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ. ޔުން އޮތީ ލަދުން މަރުވާވަރު ވެފައެވެ. ކޯތާފަތް މަތި ރަތްވެގެން ނިތްކުރިވެސް ވަނީ ރަތް ވެފައެވެ. ޔުންގެ ފަހަތުގައި މީކާއިލް އޮވެ، ޔުންގެ ބަނޑާއި ދިމާލުގައި ބައްދާލައިގެން އޮތެވެ. ޔުން މީކާއިލުގެ އަތުގައި ބޯ އަޅާލައިގެން އޮތެވެ. އިރުކޮޅަކުން ދެ މީހުންނަށްވެސް ފުން ނިންޖަކުން ނިދުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. Liv

    IA ❤️ December month ga kiyaalaanan I’m in my pre broad exams

Comments are closed.