
ލޯބިވޭ އަނަންތަކަށް… – 8

އާ މަގާމެއް
“ޔުން، މިހާރުން ފެށިގެން އަހަރުމެންނަށް ކިޔަންވާނީ މަންމަ އަދި ބައްޕަ.” ތަހުސީން ހިނިތުންވެފައި ބާރަށް ބުންޏެވެ. ދެ މީހުންވެސް ހެވިލާފައި އެކަކު އަނެކަކު މޫނަށް ބަލައިލިއެވެ. އަދި ޔުންގެ ކޮނޑުގައި ޔުސްރާ އަތް ބާއްވާލިއެވެ.
“ދެން މިއަދަށް އެ މީހުން ދޫކޮށްލާ. ވަރަށް ވަރުބަލިވެފައި ހުންނާނީ.” ޔުސްރާ ދިޔައީ ތަހުސީނާއި ދިމާއަށް ބުނަމުންނެވެ.
“އާނ އެހެންވިއްޔާ! ބާއްޖަވެރި ރޭގަނޑެއް!” ތަހުސީން އޭނާގެ އަނބިމީހާ ގޮވައިގެން ކޮޓަރިން ނުކުންނަމުން ބުންޏެވެ.
“މި ކޮޓަރި ތައްޔާރުކޮށް ދިނީތީ ޝުކުރިއްޔާ! މަންމާ، ބައްޕާ!” މީކާއިލް ޝުކުރު އަދާކުރިއެވެ. ތަހުސީން އާއި ޔުސްރާ އެ ކޮޓަރިން ނުކުން ހެން ޔުން އާއި މީކާއިލުގެ ދެމެދުގައި ވަގުތުކޮޅަކަށް ހިމޭންކަން ވެރިވިއެވެ.
“ކާކު ފުރަތަމަ ފެންވަރަނީ؟” މީކާއިލް ޔުން އާއި ދިމާއަށް ބަލަމުން ބުންޏެވެ. މީކާއިލްގެ މޫނުގައި މައްލަވަ ކުރުމުގެ ވައްތަރެއް ޖައްސާފައިވެއެވެ.
“ކަލޭ ދޭ ފުރަތަމަ. އަދި އަހަރެން ބައެއް ތަކެތި ރީތިކުރަން އެބަ ޖެހޭ.” ޔުން ނިތްކުރިއަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅު ކުރަމުން ބުންޏެވެ.
“އާނ. މައްސަލައެއް ނެތް!” މީކާއިލް ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުން ކުރިއަށް ހިނގައިގަތެވެ.
‘އޭގެ މާނައީ… މިރެއިން ފެށިގެން… މި ކޮޓަރިއަކީ… އަހަރެމެންގެ ކޮޓަރި.’ ޔުން ކޮތަޅުތައް ހާވަމުން ދިޔައިރު ހިތަށް އަރަމުން ދިޔައެވެ. ‘ބޮޑު އެނދެއް އަހަރުމެން ދެ މީހުންނަށް. ދެ މީހުންގެ އަންނައުނުވެސް އަލަމާރީގައި އެޅުވިފައި ވާނީ އެކުގައި. އަދި އެހެނިހެން ސާމާނަށްވެސް. މިހުރިހާ ކަމަކުން މި އަސްލު ނޫން ކައިވެނިވެސް ހީވަނީ އަސްލުހެން. ޚާއްސަކޮށް…’ ޔުން ޚިޔާލުތަކުން ނުކުމެވުނީ ފާހާނައިން ފެންވަރާ ނިމިގެން ނުކުން މީކާއިލް ގޮވާލި އަޑަށެވެ. ތުވާލި ހިފައިގެން ބޯ ހިއްކަމުން، ނިދާ ހެދުމުގެ ގޮށް އަޅުވަމުން އޭނާ ފާހާނާއިން ނުކުތެވެ.
“ދޭ އަވަހަށް ފެންވަރަން…” މީކާއިލް ތުވާލިން ބޯ ހިއްކަމުން ބުންޏެވެ. “އެއްޗެހި ރަމަތަ ކޮށް ނިމުނީތަ؟” މީކާއިލް ޔުން އާއި ގާތްވަމުން ބުންޏެވެ.
“ހުރިހާ އެއްޗެއް ކަހަލަ ގޮތަށް ކަލޭގެ މަންމަ ހުރީ ރީތިކޮށް އަތުރާފައި.” ޔުން އެހެން ބުނަމުން ކަޅު ކުލައިގެ ފޮށިގަނޑެއް ނެގިއެވެ.
“އާނ. ވެދާނެ މީހަކު ގެނެސްގެން ސާމާނު ރޭވީ ކަމަށްވެސް.” މީކާއިލް ބޮލުގައި ތެޔޮ ލަމުން ބުންޏެވެ.
“އާނ. އަދި ކިރިޔާ މި ފެނުނީ. ތިހުރީ އަހަރެންގެ ބޮޑުދައިތަ ދިން ނިދާ ހެދުން ލައިގެން ދޯ؟” ޔުން މީކާއިލްއަށް ބަލަންހުރެ ފޮށީގެ މަތިގަނޑު ނެގިއެވެ. “ބޮޑުދައިތަ ބުނި އަހަންނާ ކަލެއާ އެއްވައްތަރު ނިދާ ހެދުމެކޭ ދޭނީ. ޔަގީން މި ފޮށީގައި އެ ވާނީ.” ޔުން ފޮށި މަތި ނެގުމަށްފަހު އޭގެ އެތެރޭގައިވާ އެއްޗެއްސަށް ނަޒަރު ހިންގާލުމަށްފަހު، ހިތަށް އެރިއެވެ. ‘އީނާ؟ އޭނ’ އެހާވެސް ބާރަށް އެ ފޮށީގެ މަތި ލެއްޕިއެވެ.
“ކިހިނެތްވީ؟ ކުރައްޕެއް؟” މީކާއިލް ސިހިގެން ގޮސް ބުންޏެވެ.
“ނޫނޭ. އެއްވެސް އެއްޗެއް ނޫން އެއީ…” ޔުން އަވަހަށް އެ ފޮށިވެސް ފޮރުވޭތޯ ބެލިއެވެ.
“އަހަރެމެން ދެ މީހުންގެ ހަދިޔާއެއް ނޫންތަ ތިއީ؟ ދައްކަބަލަ ބަލައިލަން.” މީކާއިލް ފޮށީގެ އެއްކޮޅުގައި ހިފިއެވެ.
“ނުޖެހޭނެ ކޮންމެހެން …ބަލާކަށް.” ޔުންގެ އަޑު ރާރާ ވެގެން ދިޔައެވެ. އެވަރުންވެސް ފޮށިން ދޫނުކުރަން ހުއްޓެވެ. ދެ މީހުންވެސް ދޫނުކުރާތީ، ކުއްލިއަކަށް ފޮށި ވިއްސައިގެން ދިޔައެވެ. އަދި އޭގައިވާ މާހަރާކަން ހުރި އަންހެން ފޭރާމެއް ވެއްޓިގެން ދިޔައެވެ. “ނުބަލާ!” ޔުން މުޅި މޫނު އެކީހެން ރަތްވެގެން ދިޔައެވެ. މީކާއިލުވެސް ހުރީ ކުޑަކޮށް އާގަމަ ވެފައެވެ.
ޔުން ބުން ފައި ތަޅާފައި ގޮސް އެ ފޮރުވަން މަސައްކަތް ކުރިއެވެ. “އަޅެ މީތި ކަލެއަށް ފެންނަން ޖެހޭ އެއްޗެއް ނޫން.” ޔުން އެ ފާޅުކަންބޮޑު އެ ހެދުން ފޮށި ތެރެއަށްލައި ފޮރުވިއެވެ.
“އަހަރެން އެކައްޗެކޭވެސް ނުބުނަން.” މީކާއިލް މަލާމާތުގެ ރާގަށް ޖަވާބު ދިނެވެ. “އޫނ، ކަލޭ މާ ބިރުގަންނަނީތަ؟ ކޮންކަހަލަ ޚިޔާލުތަކެއްތަ ތިޔަ ގެންގުޅެނީ ޔުން؟ ޕިސް، ޕިސް، ޕިސް!” މީކާއިލް ލޯ ކުނާ ކުރަމުން ބުންޏެވެ.
“ކާކު، ބިރުގަންނަނީ؟ މިއީ އަދި އަހަރުން އެންމެ ފުރަތަމަ ފަހަރަށް ފިރިހެނަކާއެކު، ކޮޓަރި ހިއްސާކުރާ ފަހަރު ވިއްޔަ. އެހެންވެ އަހަރުންވެސް ރައްކާތެރި ވަނީމި.” ޔުން އެ ފޮށި ފަހަތަށް ލައިގެން ކުރި ކަނޑާފައި ދިޔައެވެ. “ކަލެއެއްނު ތީ ބިރުގަނެގެން އުޅޭ މީހާ! އަހަރެން އުޅޭ ގޮތަށް އުޅެންޏާ ކަލޭ މޮޔަވަނީ އެއްނު!” ޔުން މީކާއިލުގެ ކުރިމަތިން ދާން އުޅުނެވެ. ނަމަވެސް މީކާއިލު ޔުންގެ ކުރިއަށް އަރާ މަގު ބަންދު ކުރިއެވެ.
“އަހަރުމެން މިހާރު މިއީ ފިރިއަކާ އަނތްބެއް ނޫންތަ؟ ކޮންމެ ވަގުތެއްގައިވެސް ޔުން ތި ހިތަށް އެރުވި ކަންތައް ދެން ކުރެވޭނެ.” މީކާއިލް ޔުންގެ ދަތްދޮޅީގައި ހިފާލަމުން ބުންޏެވެ. ޔުން އާއި ގާތްވަމުން ލަމުން ދިޔަ ނޭވާވެސް ހަންގަނޑުގައި ބީހެމުން ދާނެ ވަރަށް މީކާއިލް ގާތްވިއެވެ. އަދި އިސާހިތަކު، ޔުންގެ ތުންފަތް ވެރިކޮށްލިއެވެ. ޔުން ސިހިގެން ދިޔައެއް ކަމަކު، މީކާއިލް އާއެކު ބައިވެރިވިއެވެ. ޔުން މީކާއިލުގެ ގިރުވާނުގައި ހިފެހެއްޓިހެން މީކާއިލް ދުރުވެފައި ބުންޏެވެ. “އޭތް. އަހަރުންގެ އާއިލާ އުޅޭނެ ތިރީ ފަންގިފިލާގައި. މިއަށްވުރެ ފުނަށް އިޝްގީ ވެވިއްޖެނަމަ ދެން ކަލޭ ސަލާމަތެއް ނުވާނެ.” މީކާއިލް މައްލަވަ ކުރާ ރާގަކަށް ބުންޏެވެ. ޔުންގެ މުޅި މޫނު އެއްކޮށްހެން ރަތްވެގެން ދިޔައެވެ.
“ނޫން-ނޫން. ކާކު ބުނީ މިއަށްވުރެ އިޝްގީ ވާ ވާހަކަ؟ އެހެންނޫނަސް އެއްބަސްވުމުގައި ވާނެ އެއް އެނދުގައި ނުނިދޭނެ ވާހަކަ ބަޔާންކޮށްފައި.” ޔުން ތުރުތުރުލާ ރާގުގައި ބުންޏެވެ.
“އެހެންވިއްޔާ އަހަރެމެން ‘ހަނީމޫނު’އަށް ދާންދެން ކެތްކުރަން ޖެހޭނެ، ދޯ ޔުން؟” މީކާއިލް އަދިވެސް ޔުން އާއި މައްލަވަ ކުރަމުން ދިޔައެވެ.
‘މި މީހާ ހުވާ ކަންފަތަށް އަދު އިވޭނަމަވެސް.’ ޔުން ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ޔުން ދެން އަވަސް ކުރީ ފާހާނާއަށްވަދެ އަވަހަށް ފެންވެރުމައި ގެންނެވެ.
ޔުން ފެންވަރާލާ ތާޒާވެލައިގެން ފާޚާނާއިން ނުކުތެވެ. އޭނާގެ ނަޒަރު ފުރަތަމަވެސް ދިޔައީ ސޯފާގައި ފޮތެއް ކިޔެވުމައިގެން އިން މީކާއިލުއެވެ. ‘އަހަންނަށް ހީވަނީ އަމިއްލަ ނަފުސަށް ދޮގު ހެދޭހެން. އަހަރެން މިހާރު ވަރަށް ހާސްވޭ! ދެންމެވެސް ކުރި ކަންތައް ބަލާ. މިހިރަ ފިރިހެނާ އާއެކު އެއްކޮޓަރީގައި އުޅެން ޖެހޭތީވެ. އަދި މިއީ ކައިވެނީގެ ފުރަތަމަ ރޭ! މަޑުން ހުރޭ ޔުން!! އޭނާއަކީ ކޮޓަރީގައި އެއްކޮށް އުޅޭ ކުއްޖެއްކަމަށް ވިސްނާ!!” ޔުންގެ ހިތް ނުބައި ވަމުން ދިޔައެވެ. ނަމަވެސް އެއާ ހަނގުރާމަ ކުރަމުން އޭނާގެ އަމިއްލަ ނަފުސަށް ކުދި ކިޔަން ފެށިއެވެ. ތުވާލި ހަރުގައި އެޅުވުމަށްފަހު، ޔުން އެނދުގައި އޮށޯތެވެ.
‘އެއްބަސްވުމުގައި ވާގޮތަށް އޭނާ އަހަންނަށް އެއްކަމެއްވެސް ކަމެއް ނުކުރާނެ…. ދެން އިތުރު އެއްވެސް ކަމެއް ނޯންނާނެއްނު…؟’ ޔުން އަމިއްލަ އެނދުގައި އިނދެ މީކާއިލުއަށް ބަލަމުން ބުންޏެވެ.
ދަންވިހެން މީކާއިލް އޭނާ ކިޔަން އިން ފޮތް ލައްޕާލުމަށްފަހު، ޔުން އާ ދިމާއަށް ނަޒަރު ހިންގާލިއެވެ. “ޔުން، ބޮކި ނިއްވާލަންތަ؟” ނަމަވެސް ޔުން ވަނީ އެނދުގައި އިށީންދެ އިނދެ ނިދާފައެވެ. މީކާއިލުއަށް މިއީ ކުޑަކޮށް މަޖާކަމަކަށް ވިއެވެ. ނަމަވެސް ޔުން އެނދުގައި ބޭއްވުމަށް އޭނާ ދިޔައެވެ. ބަނާތު ނެގުމަށްފަހު ޔުންގެ ލުއި ހަށިގަނޑު މީކާއިލުގެ ދެއަތަށް ނެގިއެވެ. އަދި އެނދުގައި ރީއްޗަށް ބާއްވާލިއެވެ. ޔުން ލައިގެން އޮތް ނިދާހެދުން ދޫކަމުން މޭމަތީގެ މަތީބައި ވެސް ފެނެއެވެ. ޔުން ނިދާފައިވާ ގޮތް ފެނުމުން މީކާއިލުގެ ހިތަށް ގޮތްތަކެއް ވާން ފެށިއެވެ. އަދި ތުންފަތް ފެނުމުންވެސް މީކާއިލުއަށް ދުވަހަކުވެސް އިހުސާސް ކޮށްފައިނުވާ އިހުސާސެއް ކުރެވުނެވެ. އެހެން ނަމަވެސް ވެވިފައިވާ އެއްބަސްވުން ހަނދާންވެ، މީކާއިލް ރަޖާގަނޑުން ޔުންގެ ގައި މުޅިން ފޮރުވާލިއެވެ. އެންމެ ފަހުކަމަކަށް މީކާއިލު ޔުންގެ ލޮލަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއް އަރިއަށް ޖައްސައިލިއެވެ. ހަމަ އެވަގުތު ޔުން ނިދީގައި އަޑެއް ލައްވާލިއެވެ. ސިހިގެން ދިޔަ މީކާއިލު އޭނާގެ އެނދަށް ދިޔައެވެ.
އެނދުގައި ޔުން ނިދި އިރު، މީކާއިލް ނިދީ ސޯފާގައެވެ. ރޭގަނޑުގެ ވަގުތު އެހާ އަވަހަށް ވޭތުވެގެން ދިޔައެވެ. ހެނދުނު އިރުގެ ދޯދިތައް މުޅި އުދަރެހަށް ވެރިވިއެވެ. ޔުންއަށް ކުއްލިއަކަށް ސިއްސައިގެން ހޭލެވުނީ އޭނާގެ ފޯނު ސޯނާ ވާން ފެށުމުންނެވެ. ‘ކޮން އިރަކު އަހަންނަށް ނިދުނީ؟’ ޔުން އަމިއްލައަށް ހިތާހިތުން ސުވާލުކޮށްލިއެވެ. ‘މީކާއިލް ކޮބާ؟’ ސޯފާގައި އޭނާ ނެތުމުން އަމިއްލަ ހިތާ ސުވާލު ކުރިއެވެ. ‘އަނެއްކާ….’ މީކާއިލް ސޯފާގައި ނެތުމުން ޔުން އެނދުގެ ބިތްދޮށް ފަރާތް ބަލައިލިއެވެ. ‘އޭނ؟ މިތާކުވެސް ނެތް؟ ކޮބާ އޭނާ؟’ ޔުން ހާސްކަން އިތުރުވަމުން ދިޔައެވެ.
“ބާއްޖަވެރި ހެނދުނެއް!” ކައްކަން އުޅުނު ނޯކިރީ ބުންޏެވެ. “ޔުސްރާ އާންމުކޮށް ނުކުންނާނީ ހަގަޑި ބައިގައި… އިހަށް ވަގުތުކޮޅަކު މަޑުކޮށްލާ!” އެ މެދު ފުރައިގެ އަންހެން މީހާ ބުންޏެވެ.
“އެހެންތަ، ޝުކުރިއްޔާ.” ޔުން ކާގެއިން ބޭރަށް ނުކުންނަމުން އެ ދައްތައަށް ޝުކުރު އަދާކުރިއެވެ.
“ޔުން؟ ހޭލައިގެންތަ؟” ކޮޓަރިން ނުކުމެގެން އައި ޔުސްރާ ގޮވާލިއެވެ. އޭނާގެ ފަހަތުން ތަހުސީނުވެސް އައެވެ. “އާނ. އަހަރުމެންނަށް ނިދިއްޖެ ވާވަރަށް.” ތަހުސީނު އާފުރިލަމުން ބުންޏެވެ. “ޔުން އަށް ނިދުނުތަ؟” ތަހުސީން ހަށިފުރާ ނޭވާއެއް ލަމުން ބުންޏެވެ.
“ލައްބަ. ވަރަށް އަރާމު އެނދެއް ވީމާ، ވަރަށް ފުރިހަމައަށް ނިދި ލިބުނު.” ޔުން އުފަލުން ހެވިލާފައި ބުންޏެވެ.
“ކޮބާ މީކާއިލް؟ ކީއްވެ އަމިއްލަ ތިހުރީ؟” ޔުސްރާ ދެފަރާތަށް ލޯ ހިންގާލަމުން ބުންޏެވެ.
“އަހަރުން މިހުރީ.” މީކާއިލް މާނޭވާ ލަމުން ބުންޏެވެ. އޭނަ ހުރީ ދެންމެ މުޅި ގަޔަށް ފެން އަޅައިގެން އައިހެންނެވެ. މުޅި ގައި ވަނީ ދަލުން ފޯވެފައެވެ.
“ލާއިލާހީ… މިފަދަ ދުވަހެއްގައިވެސް މީކާއިލް ޖެހޭތަ ދުވަން ދާން؟” ޔުސްރާ ސުވާލުކޮށްލިއެވެ. “އަނބިމީހާއާއެކު މިއަދު ވަގުތު ހޭދަކޮށްލަން ވާނެއްނު؟” ޔުސްރާ ހާސްވަމުން ބުންޏެވެ. “ދޭ އިހަށް ފެންވަރަން، ދެން ކާން އާދޭ!” ޔުސްރާއަށް ދާ ވަސް ދުވަން ފެށުމުން ފެންވަރަން ބުންޏެވެ.
“އާނ، މިދަނީ…” މީކާއިލް ސިޑިއާ ދިމާއަށް އެނބުރިފައިވެސް ޔުންއަށް ބަލައިލިއެވެ. ދޭދޭ ވާހަކައިގައި ކާ ކޮޓަރިއަށް ދިޔަ ޔުންއާއި އޭނާގެ މަންމައާ ދިމާއަށް ބަލައިލިއެވެ.
މީކާއިލް ސިޑިއަށް އަރަން ފެށިހެން ޔުން މީކާއިލުއަށް ނަޒަރު ހިންގާލިއެވެ.
“ކޮންމެ ދުވަހަކުވެސް، މިތާގެ ނޯކަރުން މަސައްކަތް ކުރާނީ ބަދިގޭގެ.” ޔުސްރާ ބުނަމުން ދިޔައެވެ. “ދެން ވީވަރަކުން ކައްކާފައި، ހެނދުނު ހަތެއްގައި ނާސްތާ ކުރާނެ. އެކަމު ކިލާހަށް ދާން ޖެހޭނެތީ، ކައްކަން އެހީވާނެ ކަމެއް ނެތް.” ޔުސްރާ ބަދިގެއަށް ވަންނަން ދަމުން ފަތިވަރަކަށް އަމުނާލިއެވެ.
“ނޫނޭ، އަހަރުންވެސް ވެވުނު ވަރަކަށް އެހީވާނަން.” ޔުން މޭމަތީގައި އަތް ޖައްސާލަމުން ބުންޏެވެ.
“ޝުކުރިއްޔާ މި ފުރިހަމަ ނާސްތާއަށް. އަހަރުން މިދަނީ ވަޒީފާއަށް.” މީކާއިލް ބުންޏެވެ. މޭޒުދޮށުގައި ތިބި އޭނާގެ އާއިލާއަށް ބަލައިލަމުން ބުންޏެވެ.
އިށީނދެގެން އިން ޔުން އާއި ގާތްވަމުން މީކާއިލް އޭނާގެ ކޮލުން ވަސް ގަތެވެ. “ނާސްތާ ކުރިއަށް ގެންދޭ ލޯބީ… އަހަރުން މިދަނީ ފުރަތަމަ.” މީކާއިލް ވަރަށް ފަރިތަކަމާއެކު ހަރަކާތްތައް ގެނެސް ކާ ކޮޓަރިން ނުކުތެވެ. އޭރު ތަހުސީނުއާއި، ޔުސްރާ ހިތްހަމަޖެހުމުގެ ނަޒަރަކުން ބަލަން ތިއްބެވެ. ޔަމީން އިނީ ޕާންފޮތި ކާ ކަމަށް ހެދި އިސްދަށަށް ޖަހައިގެންނެވެ.
“ނޫނޭ! ހިނގާ އަހަރުންވެސް ދާނަން.” ޔުން އެރި ބާރަކާއެކު ކޮޅަށް ތެދުވެ މީކާއިލް އާއެކު ހިނގައިގަތެވެ.
“މިހާރު ކަލޭގެ ތަމުސީލީ ހަރަކާތްވެސް ރަނގަޅުވޭ އެބަ. މިހާރު ހީވަނީ ގާތްގަނޑަކަށް އަސްލުހެން.” މީކާއިލް ގޭގެ މައިދޮރުން ނުކުންނަމުން ބުންޏެވެ. “އަހަންނާއެކު ވަޒީފާއަށް ދިޔައިއްޔާ… ނޫނީ ކަލެއަށް ލިބުނު މަގާމުގެ ބޭނުން ހިފަނީތަ؟” ޔުން އާ މީކާއިލް ކޮށްލީ ފުން ސުވާލެކެވެ.
ޔުން އިސްދަށަށް ޖަހާލިއެވެ. “ނޫނޭ، އަހަރެން… ކަލޭ ނިދީ ސޯފާގައި ދޯ؟” ޔުން އަތް މުށްކަރުވާފައި ވެސް ގަދަކަމުން ބުންޏެވެ.
“އާނ. މިހާރު އަހަރެންގެ ކަރާއި މުޅި ހަށިގަނޑު އެއްކޮށްހެން ރިއްސާ އެބަ. އަހަރެން ހަމަ އެހާ މުޑުދާރީމަތަ، މަށާއެކު ނުނިދަން ތި އުޅެނީ؟” މީކާއިލް ތަމުސީލީ ގޮތަކަށް އަޑު ގެނައެވެ.
“އޭތް މަޑުކުރޭ! އެއީ އަހަރުމެން ވީ އެއްބަސްވުމެއް ނޫންތަ؟” ޔުން މޫނު ރަތްވެފައިވާ ހާލު ބުންޏެވެ.
މީކާއިލް ފަހަތަށް އެނބުރި ޔުން އާއި ދިމާއަށް ބަލައިލިއެވެ. އަދި ޔުންގެ މޫނަށް ބަލައިލުމަށްފަހު ނުފެންނާނެހެން ހީލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.