Skip to content
އެސްފިޔަ

ވާރޭގެ ތެރެއިން ހިތަކަށް -1

Listen to this story Audio · 7:46 Powered by Esfiya Voice
0:00 7:46

އެއީ އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ބުރާސްފަތި ދުވަހެއްގެ ހަވީރެކެވެ. މުޅި އުޑުމަތި ވަނީ ބަރުވެފައިވާ ކަޅު ބޯ ވިލާތަކުން ބައްދާލާފައެވެ. މަގުތަކުގައި ކަނޑެއް ފަދައިން ފެންބޮޑުވެ، މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން ހިނގަމުންދިޔަ މީހުން ދިޔައީ ސަލާމަތްވާނެ ފުރާޅެއްގެ ދަށެއް ނުވަތަ ހިޔާވައްސެއް ހޯދަމުން ހާސްކަމާއެކު ދުވަމުންނެވެ. އޮފީހުގެ ބުރަ މަސައްކަތްތައް ނިންމާލުމަށްފަހު ގެއަށް ދާން ނުކުތް މީންނާ ހުރީ ކުޑައެއް ނެތުމުގެ ސަބަބުން މުޅިން ހާސްވެފައެވެ. ވަޔާ އެކު އައި ބާރު މޫސުމީ ވައިރޯޅިތަކުގެ ސަބަބުން އޭނާ ހުރީ ފިނިވެގެން މުޅި ހަށިގަނޑު ރޫރޫއަޅާފައެވެ. ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހެދުން ދިޔައީ އިތުރަށް ތެމެމުންނެވެ. ފައިވާނަށް ފެންބޮޑުވެފައި އޮތް މަގުން ބާރަށް ހިނގަމުން ދަނިކޮށް، އޭނާއަށް ކުއްލިއަކަށް ވަދެވުނީ މަގުގެ ކަނެއްގައި ހުރި ހިތްފަސޭހަ ކެފޭއަކަށެވެ.

ކެފޭގެ ބިއްލޫރި ބޮޑު ދޮރު ހުޅުވާލާފައި އެތެރޭގެ ހޫނު މާހައުލަށް ވަނުމާއެކު މީންނާއަށް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެކެވެ. އެތަނުގެ ތެރޭގައި ވަނީ މަޑު ރީނދޫ އަލިކަމަކާއި، އެސީގެ ފިނިކަމުގެ ތެރެއަށް ފެތުރިފައިވާ ތާޒާ ކޮފީގެ މީރުވަހެވެ. ބޭރުގެ ފިނި އަދި ހަލަބޮލި މާހައުލާ ހިލާފަށް އެތެރޭގައި ވަނީ ހޫނުކަމާއި އަމާންކަމެކެވެ. މީންނާ ހާސްވެފައި ހުރެ، ކޮޅުކޮޅަށް ބަލަމުން ގޮސް ކެފޭގެ މެދުތެރޭގައި ހުރި ބިއްލޫރި ކުޑަކުޑަ މޭޒެއްގެ ކައިރީގައި އިށީނދެލިއެވެ. އޭނާގެ ދިގު އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތަކުގެ ސަބަބުން ތަޅުންގަނޑާއި އޭނާގެ ހެދުން ތެމެމުންދިޔާތީ އޭނާ އިނީ ވަރަށް ބޮޑަށް ލަދުގަނެފައެވެ. އަމިއްލަ ދެއަތްތިލަ ޖައްސާލައިގެން ހީނުކުރެވޭ ފިނިކަމެއް ކަނޑުވަން އުޅުނު ނަމަވެސް، ތޫނު ފިނިކަން އޭނާގެ ކަށިތަކާ ހަމައަށް ފޯރާފައިވާ ކަހަލައެވެ.

ކެފޭގެ ކަނެއްގައި ހުރި މޭޒެއްގައި އިން ޒުވާނާގެ ނަޒަރު މީންނާއަށް ހުއްޓުނީ އެވަގުތުއެވެ. އޭނާ އިނީ ލެޕްޓޮޕެއް ހުޅުވައިގެން ކޮންމެވެސް މުހިންމު މަސައްކަތެއްގައެވެ. ނަމަވެސް ތެމިފޯވެގެން، ހާސްކަމާއެކު އިށީނދެގެން އިން މީންނާ ފެނުމުން އޭނާގެ ހިތުގައި ބުނެދޭން ނޭނގޭ ހަމްދަރުދީއެއް އުފެދުނެވެ. އޭނާ މަޑުމަޑުން ތެދުވެގެން، އަތުގައި އޮތް ހޫނު ކޮފީ ތަށި ހިފައިގެން މީންނާގެ މޭޒާ ދިމާލަށް ހިނގައިގަތެވެ.

“ހާދަ ބޮޑަކަށް ތެމިފަ؟ މި ބޯލާ ހޫނު ކޮފީއަކުން ފިނި ކެނޑިދާނެ،” ކައިރިން އިވުނީ ވަރަށް ހިތްހެޔޮ އަދި ހިތްހަމަޖެހޭ ފިރިހެންވަންތަ އަޑެކެވެ.

މީންނާ ސިހިފައި އިސްއުފުލާ ބަލާލިއިރު، އޭނާގެ ކުރިމަތީގައި ހުރީ ކެފޭގެ މުވައްޒަފެއް ނޫނެވެ. އެއީ އެ ތަނުގައި އިން ކަސްޓަމަރެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސާފު އޯގާތެރިކަމެވެ. އޭނާގެ އަތުގައި އޮތް ހޫނު ބްލެކް ކޮފީ ތަށިން އަދިވެސް ދުން އަރަމުންދިޔައެވެ. މީންނާ ލަދުގަނެފައި ހުރެ، އެ ތަށީގައި ހިފާލިއެވެ. އެއީ ޝާމްހާން އެވެ.

“ޝުކުރިއްޔާ،” މީންނާ ވަރަށް މަޑުމަޑުން ބުންޏެވެ. ކޮފީ ތަށީގެ ހޫނުކަން އޭނާގެ އަތްތިލައަށް އިހުސާސްވުމާއެކު، ހަށިގަނޑަށް ވަގުތުން ދިރުމެއް ލިބުނެވެ. ޝާމްހާން މީންނާގެ ހުއްދައަކަށް އެދޭ ފަދައިން ހިނިތުންވެލަމުން، ކުރިމަތީގައި އިން ހުސް ގޮނޑީގައި އިށީނދެލިއެވެ.

“އަހަންނަކީ ޝާމްހާން. މިހާ ބޮޑަށް ވާރޭ ވެހޭނެކަމަށް ހީނުކޮށް ދޯ ކުޑަވެސް ނުލާ ނުކުމެވުނީ؟” ޝާމްހާން ވާހަކަ ދައްކަން ފެށީ މީންނާގެ ހާސްކަން ކަނޑުވާލުމުގެ ނިޔަތުގައެވެ.

“ޔާ، އޮފީހުން ނުކުތްއިރު އޮތީ ހަމައެކަނި ބަނަކޮށް. އެކަމަކު މަގުމައްޗަށް ނުކުތްތަނާ ކުއްލިއަކަށް އޮއްސާލީ. ސައިކަލެއް ވެސް ނުލިބުނު، ހިނގާފައި ދަނިކޮށް މުޅިން ތެމުނީ. އަހަންނަކީ މީންނާ،” މީންނާ ކޮފީ ފޮޮދެއް ބޯލަމުން ތައާރަފްވެލިއެވެ.

އެ ރޭ ވާރޭ ހުއްޓާލަންދެން ދެމީހުން އެތައް އިރަކު ވާހަކަދައްކަން ތިއްބެވެ. ޝާމްހާން ކިޔައިދިނީ އޭނާގެ އަމިއްލަ ވިޔަފާރީގެ ވާހަކަތަކާއި، އޭނާ ކުރާ ހިތްވާ ކަންކަމުގެ ވާހަކައެވެ. މީންނާވެސް އޭނާގެ އޮފީސް ދިރިއުޅުމާއި، ކިޔެވި ދުވަސްވަރުގެ ހަނދާންތައް ހިއްސާކުރިއެވެ. ޝާމްހާންގެ މަޖާ އަދި ހިތްހެޔޮ ވާހަކަތަކުން މީންނާގެ ހާސްކަން މުޅިން ފިލައި، ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ދެމީހުންގެ މެދުގައި ދެކެވުނު މި ފުރަތަމަ ވާހަކަކޮޅުންވެސް، ހިތްތަކުގައި އާދަޔާ ހިލާފު ގާތްކަމެއްގެ ބިންގާ އެޅުނެވެ.

ގަޑިއަކުން އިރަކުން ވާރޭ ތުނިކޮށްލުމުން ކެފޭއިން ނުކުންނަމުން ޝާމްހާން އޭނާގެ އަތުގައި އޮތް ކުޑަ މީންނާއަށް ދިނެވެ. “މި ހިފައިގެންދޭ، ދެން ތެމިއްޖެއްޔާ ބަލިވެދާނެ،” ޝާމްހާން ބުންޏެވެ. އަދި ދެމީހުންގެ ފޯނު ނަންބަރު ބަދަލުކޮށްލީ ފަހުން ބައްދަލުވުމުގެ ފުން އުންމީދެއްގައެވެ. ގެއަށް ގޮސް އެނދުގައި އޮށޯވެލައިގެން އޮތްއިރުވެސް މީންނާއަށް ވިސްނެމުންދިޔައީ ޝާމްހާންގެ އެ އޯގާތެރި ސިފައާއި ހިތްހެޔޮ ހިނިތުންވުމާ މެދުގައެވެ. އޭނާގެ ހިތުގެ ކޮންމެވެސް ކަނެއްގައި އާ ވިންދެއް ޖަހަން ފެށި ކަހަލައެވެ.

އެ ވިއްސާރަ ރެއަށްފަހު… މަހެއްހާ ދުވަސް ވެގެންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ޝާމްހާން އާއި މީންނާގެ މެދުގައި ބަދަލުކުރެވުނު ފޯނު ނަންބަރުގެ ސަބަބުން، ދެމީހުންގެ މެދުގައި އޮތް ގުޅުން ދުވަހުން ދުވަހަށް ދިޔައީ ވަރުގަދަވަމުންނެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލާ ގޮތަށް ފޯނުން މެސެޖުކުރުމާއި، އޮފީސް ނިމޭ ގަޑިތަކުގައި އެކަކު އަނެކަކުގެ ހާލުބެލުން އާދައަކަށް ވިއެވެ. ކޮންމެ ހަފުތާ ބަންދެއްގައި ކެފޭއަކުން ބައްދަލުވެ، ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް ހިއްސާކުރުމަކީ ދެމީހުންގެވެސް އުފަލަކަށް ވިއެވެ.

ޝާމްހާންގެ ހިތްހެޔޮކަމާއި، މީންނާއަށް ބަހައްޓާ ހާއްސަ އަޅާލުމުގެ ސަބަބުން މީންނާގެ ހިތް ވަނީ ނޭނގި ހުއްޓާ ޝާމްހާންގެ މިލްކަކަށް ވެފައެވެ. ހަމަމިގޮތަށް، މީންނާގެ މަޑުމައިތިރި ސިފަތަކާއި ރީތި ހިނިތުންވުމަކީ ޝާމްހާންގެ ދިރިއުޅުމުގެ އުޖާލާކަމެވެ. ނަމަވެސް، ދެމީހުންކުރެ އެކަކަށްވެސް ހިތުގައި އޮތް އަސްލު ވިންދު ހާމަކުރާކަށް ނުކެރެއެވެ. އެކަކު އަނެކަކާ ނުލާ ނޫޅެވޭނެކަން އެނގޭއިރުވެސް، ބިރުގަންނަނީ ހިތުގެ ޝުއޫރުތައް ހާމަކުރުމުން މިހާރު އޮތް ރީތި ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރޫއަރާފާނެތީއެވެ.

އެއްރެއަކު، ޝާމްހާން މީންނާއަށް ގުޅާފައި ދައުވަތު ދިނީ ހުޅުމާލޭގެ ހިތްފަސޭހަ ގޮނޑުދޮށަކަށެވެ. އެރެއަކީ އުޑުމަތި ބަނަ، އުޑުގައިވާ ތަރިތަކާއި ހަނދު ބޯ ވިލާގަނޑެއްގެ ފަހަތަށް ނިވާވެފައި އޮތް ކަޅުފޮއި އަނދިރި ރެއެކެވެ. ވަށައިގެންވީ އަނދިރިކަމުގެ ތެރެއިން، މަޑުމަޑުން ރާޅުޖަހާ އަޑު އިވިއިވި އޮތް އަތިރިމަތީގައި ދެމީހުން ހިނގަމުން ދިޔައެވެ. ދެމީހުންގެ ދެމެދުގައި ވަނީ ހަމަހިމޭންކަމެވެ. ދައްކާނެ ވާހަކައެއް ނޭނގިފައި ތިބި ނަމަވެސް، އެކުގައި ހުރުމުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. ތާޒާ ފިނި ވައިރޯޅިތައް މީންނާގެ މޫނުގައި ބީހެމުންދިޔައެވެ.

ކުއްލިއަކަށް ޝާމްހާން ހިނގުން ހުއްޓާލިއެވެ. އަދި ޖެހިލުންވެފައި ހުރެ، މީންނާގެ މަޑުމަޑު އަތްތިލާގައި ހިފާލިއެވެ. ޝާމްހާންގެ އަތުގެ ހޫނުކަން މީންނާގެ ހިތާ ހަމައަށް ފޯރިއެވެ. މީންނާ ސިހިފައި ޝާމްހާންގެ ކަނޑެއްފަދަ ފުން ލޮލަށް ބަލާލިއެވެ. ކަނޑުގެ އަޑާއި އަނދިރިކަމުގެ ތެރެއިންވެސް ޝާމްހާންގެ މޫނުމަތިން ފެންނަމުންދިޔައީ ސީރިއަސްކަމެވެ.

“މީންނާ… އެ ފުރަތަމަ ވާރޭ ވެހުނު ރެއިން ފެށިގެން، މަގޭ ހިތުގެ ކޮންމެ ވިންދެއް، ކޮންމެ ނޭވާއެއް ވަނީ މީންނާގެ މިލްކަކަށް ވެފަ. އަހަރެން މީންނާދެކެ ވަރަށް ބޮޑަށް ލޯބިވޭ. މިއީ ހަމައެކަނި އެކުވެރިކަމެއް ނޫން. އަހަރެންގެ ހަޔާތުގެ ބާކީބައި މީންނާއާއެކު ހޭދަކުރަން ފުރުސަތެއް ދީފާނަންތަ؟” ޝާމްހާންގެ ތެދުވެރި ޖުމްލަތަކާ އެކު، މީންނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. އޭނާވެސް ހުރީ މި ދުވަހަށް އިންތިޒާރު ކޮށްކޮށެވެ.

“އަހަރެންވެސް ޝާމްހާންދެކެ ވަރަށް ލޯބިވޭ. އެކަމަކު ބުނަން ނުކެރިފައި ހުރީ،” މީންނާ ލަދުގަނެފައި ހުރެ ބޯޖަހާލަމުން، ޝާމްހާންގެ ހިތުގެ އިގުރާރު ގަބޫލުކުރިއެވެ. ޝާމްހާން މީންނާގެ އަތަށް ފިތާލަމުން ހިނިތުންވެލިއެވެ. އެރޭގެ ކަނޑުގެ ރާޅުތަކުގެ އަޑާއެކު، އެ ދެމީހުންގެ ލޯބީގެ އާ ރީތި ހަޔާތެއް ފެށިގެން ދިޔައީ ދުވަހަކުވެސް ވަކިނުވުމުގެ އަޒުމުގައެވެ.

ނަމަވެސް، އެމީހުންނަށް ނޭނގި އޮތް ކަމަކީ، މި އުފާވެރި ލޯބީގެ މަލަށް ހުރަސްއަޅާނެ ބޮޑު ތޫފާނެއް ކުރިއަށް އޮތް ތަނުގައި އިންތިޒާރު ކުރަމުންދާ ކަމެވެ.

ނުނިމޭ…..
ހުރިހާ ކިޔުންތެރިންނަށް ވެސް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދުކުރަން ☺️🫶🏻

ވާހަކަ ނުގެނެވި ލަސްވީތީ ހުރިހާ ކިޔުންތެރިންނަށް ވެސް މާފަށް އެދެން 😢💗

Comments (4)

  1. Ikaan_22

    Woww ….. It’s amazing 😍…..
    Hieh nukuran U ehn vhk eh laafaane kamakah vess….
    Ehaa Gina dhuvas veema….
    Whn nxt part…..vrh vrh vrh curious ingey 😲
    Lysm and tcc 💞
    By the way mee first 🤭

    1. Raya.aaaaa
      Ikaan_22

      Awwn Thank youuuuuuu ikku 🥹
      Eheheheheh i kuda koh bxy v ma ey lass v 😭…. Vrh bodah sorry…..
      IA next part vess vrh avahah kiyaalan libeyne 😊…. Inthizaaru kohla!
      Lymmm and u also tcc 🫀🫶🏻
      Yeaa u first congrats 👏🏻🥰

  2. Nuha.aaaaa

    Ooh nice ingey…..💓
    Hama shock vefa mihuree ehaa gina dhuvas fahun story eh kiyaalan libuneema 🤭 ……haadha curious ey dhn….. Whn next?????
    Curiously waiting for the next part 😊
    Lyyy my dhoony 🖤😇

    1. Raya.aaaaa
      Nuha.aaaaa

      Aww thank youuuuuuu nuha 🫶🏻
      Ooh sorry lass v ma…. I was bxy …….kuda koh 😢
      Eheheheh vrh curious kohlevihjje dhw…… IA vrh avahah next part vess kiyaalan libeyne…. Inthizaaru kohla!😊…..
      Lymmmm bestu 🫀🫶🏻

Comments are closed.