ޒީނިޔާ ޗެޕްޓަރ 01 ( އެކަނިވެރި ހަޔާތް )
ދިވެހިރާއްޖޭގެ ހިތްގައިމު، ރީތި ރަށްތަކުގައި އެތަކެއް ރައްޔިތުންނެއް ދިރިއުޅެމުން ގެންދެއެވެ. ޤުދުރަތީ ރީތިކަމާއި، ސާފު ވަޔާއި، ތާޒާކަމުގެ ފަޚުރުވެރި ނިޢުމަތް ލިބިގަންނަމުންދާ އެތައް ބަޔަކު އެ ރަށްރަށުގައި ވެއެވެ. ގޮނޑުދޮށަށް ބީއްސާލާ މަޑުމައިތިރި ރާޅުތަކުގެ އަޑާއި، ގަސްގަހާގެހިން އިވޭ ދޫނިސޫފާސޫފީގެ ހިތްގައިމު އަޑުތަކުން މުޅި މާޙައުލަށް ގެނެސްދެނީ ޠަބީޢީ ރީތި މިއުޒިކެކެވެ. ޒުވާނުންނާއި، މެދުއުމުރުގެ މީހުންނާއި، ދުވަސްވީ މުސްކުޅި ފުރައިގެ އެތައް ބަޔަކު މި މާޙައުލުގައި ދިރިއުޅުމުގެ އުފާ ހާސިލުކުރަމުން ދެއެވެ.
ހަވީރުގެ ތެތްފިނި ވައިރޯޅިތަކާއެކު، އޮއްސެމުންދާ އިރުގެ ރަންދޯދިތަކުން އުޑުމަތި ޖަރީވަމުން ދިޔަ ވަގުތެވެ. އެ ރީތި މަންޒަރު ބަލައިލުމަށްޓަކައި ގިނަ ޢަދަދެއްގެ މީހުން ބަނދަރު ސަރަޙައްދަށް ޖަމާވަމުން ދިޔައެވެ. ދުވަސްވީ މީހުން ފިނިބުރެއް ޖަހާލުމުގައެވެ. މައިންބަފައިން އެމީހުންގެ ތުއްތު ދަރިން ގޮވައިގެން އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގައެވެ. އަދި ލޯބިވެރިން އެކަކު އަނެކަކުގެ އަތުގައި ހިފައިގެން އެ ހިތްގައިމު މަންޒިލުގެ ފޮނިމީރުކަން ލިބިގަންނަމުން ދިޔައެވެ.
ނަމަވެސް، މި ހުރިހާ އުފާވެރިކަމެއްގެ ތެރޭގައި ވެސް، ޒީނިޔާ އިނީ އެކަނިމާއެކަނި ބަނދަރުމަތީ ހުރި ބޮޑު ނިކަގަހެއްގެ ހިޔަލުގައި އިށީނދެގެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާއަށް މިލާމޯޅިވެފައިވާ ކަމާއި މާޔޫސްކަމެވެ. ހިތްވަނީ ލޯތްބާއި އަޅާލުމަށް އިންތިހާއަށް އެދި ފެންބޮވައިގެންފައެވެ. އެ މާޔޫސް މޫނުމަތިން ބުނެދޭ ކަހަލައެވެ؛ “އަހަރެންގެ ހިތުގެ މި ވޭނާއި އިޙްސާސްތައް ދަންނާނީ ފަހެ ކާކު ހެއްޔެވެ؟ އަޅާލުމާއި ލޯބީގެ އަތެއް ދިއްކޮށްލާނީ ކާކު ހެއްޔެވެ؟”
“ކޮއްކޯ! ހާދަ ދެރަވެފަ؟ ކޮން ކަމަކާ ތި ވިސްނަނީ؟”
މަޑުމައިތިރި އޯގާތެރި އަޑަކުން މެދުއުމުރުގެ އަންހެނަކު ޒީނިޔާގެ ކައިރީގައި އިށީންނަމުން އަހާލިއެވެ.
“ހައްވާތާ… ވަކި ކަމެއް ނުވޭ. މާ ބޮޑު ކަމެއް ނޫން މީކީ،” ޒީނިޔާ ވަރަށް ކުރު އަދި ސާދާ ޖަވާބެއް ދިނެވެ. އެހެންނަމަވެސް، އެ ހިތުގައި ވަޅުލެވިފައިވަނީ ނުހަނު ވޭނީ އަދި ހިތި ތަޖުރިބާތަކެކެވެ.
ޒީނިޔާގެ ލޯކުރިމަތީގައި އޭނާގެ ލޯބިވާ މަންމަ މި ދުނިޔެއަށް އަލްވަދާޢު ކީ ދުވަހުގެ ހަނދާންތައް އަދިވެސް އެ ހިތަކުން ފިލައިގެން ނުދެއެވެ. އެއީ ހަމަ އިއްޔެ ވީ ކަމެއް ފަދައިން ހަނދާނުގައި އެބަހުއްޓެވެ. ނަމަވެސް ފާއިތުވެ ދިޔަ އެ ހިތާމަވެރި ދުވަސް އަނބުރާ ނާންނާނެކަން ޒީނިޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެއްބަނޑު އެއްބަފާ އެއްވެސް މީހަކު ނެތްއިރު، ދެފަރާތުގެ ޢާއިލާ ކިތަންމެ ބޮޑު ނަމަވެސް، ޒީނިޔާއަށް ހެޔޮހިތުން އަޅާލާނެ އެކަކުވެސް ނެތެވެ. އޭނާ ދިރިއުޅެމުން ދިޔައީ ފަޅު، އެކަނިވެރި ދިރިއުޅުމެކެވެ.
“ދަރިފުޅާ! ދައްތަ ރަނގަޅު ވާހަކައެއް ބުނަންތަ؟ ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނާ ބަސް އަޑުއަހަން ދޯ. އެއްފަހަރު އުފާވެރިކަން ލިބޭއިރު، އަނެއްބައި ފަހަރު ދެރައާއި ހިތްދަތިކަން ވެސް ކުރިމަތިވާނެ. އަބަދުވެސް އެކަން ހަނދާނުގައި ބަހައްޓާތި،” ޒީނިޔާގެ ބުރަކަށީގައި ނުހަނު ލޯތްބާއެކު ފިރުމާލަމުން ހައްވާމަނިކެ ބުނެލިއެވެ.
ހައްވާމަނިކެއަކީ އަބަދުވެސް އެހެން މީހުންނަށް ކުޅުނާއި އޯގާތެރިކަން ދޭ، ރަށުގެ އެންމެންގެ އިޙްތިރާމް ލިބިފައިވާ މީހެކެވެ. ހދ. ނޮޅިވަރަމުގެ ގިނަ މީހުން އެއްބަސްވާ ގޮތުގައި ހައްވާމަނިކެގެ އެކުވެރިކަމާއި، ގާތްކަމަކީ މިސާލެއް ނެތް ފަދަ މާތް ސިފައެކެވެ.
ހައްވާމަނިކެގެ އޯގާތެރި ބަސްތަކުން ޒީނިޔާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން، އޭނާ ހައްވާމަނިކެއަށް ޝުކުރު އަދާކުރިއެވެ. މިއީ މަންމަ ނިޔާވިތާ 3 އަހަރު ފަހުން، މުޅިން ދުރުހިލޭ މީހެއްގެ ދުލުން ޒީނިޔާއަށް “ދަރިފުޅާ” އޭ ކިޔައި ގޮވާލި ފުރަތަމަ ފަހަރެވެ. އެ ކުޑަކުޑަ ލަފްޒުން ވެސް ޒީނިޔާގެ ހިތާމަވެރި ހިތަށް ބަޔާންކުރަން ދަތި ފިނިކަމަކާއި ތަސައްލީއެއް ލިބިގެން ދިޔައެވެ.

