ހީލާ
ނޯޓް : މި ވާހަކަ އާއި އެއްވެސް ފަރާތަކާއި އެއްވެސް މިންވަރަކަށް ގުޅިފައިވާނަމަ އެއީ އިއްތިފާގެކެވެ. މިއީ މުޅިން ހިޔާލީ ވާހަކައެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަސެންޖާރސް އެރައިވަލް ހޯލް އޮތީ އަބަދުވެސް އޮންނަ ފަދައިން ފުރިބާރުވެފައެވެ. އެކި ޤައުމުތަކުގެ ފަތުރުވެރިން އެމީހުންގެ ދަބަސްތައް ހިފައިގެން ނުކުންނަމުން ދިޔައިރު، ސްކޭނިންގ މެޝިން ކައިރީގައި ސީރިއަސް މޫނެއް ދައްކައިގެން އެހުރީ އޮފިސަރ ޒިޔާން އެވެ. އޭނާއަކީ މަސައްކަތަށް ފަރުވާތެރި، އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ބޮޑާ ކަމަށް މަޝްހޫރު ޒުވާނެކެވެ. އޭނާގެ މިޒާޖާ ދިމާ އިދިކޮޅީ ހަމަ އެ ޝިފްޓުގައި މަސައްކަތްކުރާ އޮފިސަރ ޔުމްނާއެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ، އަނގަ ގަދަ އަދި ސަކަރާތްޖަހަން ލޯބިކުރާ ޔުމްނާއަކީ މުޅި ޑިޕާޓްމަންޓުގެ ވެސް “ހިތް” ކަމުގައި ބުނެވިދާނެއެވެ.
“ޒިޔާން… ތި މޫނުމަތިން ސީރިއަސްކަން ކަނޑުވާލައިގެން ކުޑަކޮށް ހީލަބަލަ! މި އަންނަމީހުން އަނބުރާ ގައުމަށް ގޮސް ބިރުން ފިލާފާނެ” ޔުމްނާ، ޒިޔާން ކައިރިއަށް ޖެހިލަމުން ސަމާސާ ރާގަކަށް ބުންޏެވެ.
ޒިޔާން ދެބުމަ ގޮށްޖަހައިލިއެވެ. “މިއީ މަޖާކުރާ ތަނެއް ނޫން ޔުމްނާ. މިއީ ޤައުމީ ސަލާމަތާ ގުޅިފައިވާ ޒިންމާދާރު ވަޒީފާއެއް.”
“އޯހޯ! މިސްޓަރ ސީރިއަސް! އަހަރެން މި ބުނީ ހަމައެކަނި ހީލާށޭ. ހިނިތުންވުމަކީ ޞަދަޤާތެއް ނޫންތަ؟” ޔުމްނާ ލޮލުގެ އެސްފިޔަ ޖަހައިލަމުން ރައްދު ދިނެވެ.
ޒިޔާން އިތުރަށް އެއްޗެއް ނުބުނެ މޮނީޓަރަށް ބަލަން ފެށިއެވެ. ނަމަވެސް، ޔުމްނާ ދުރަށް ދިއުމުން އޭނާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިކަން އެނގުނީ ހަމައެކަނި އޭނާގެ ހިތަށެވެ. ޔުމްނާގެ އެ ސަކަރާތަކީ ޒިޔާންގެ ހިތް އެންމެ އެދޭ އެއް ކަންތަކެވެ. އެކަމަކު އޭނާގެ ބޮޑާ މިޒާޖު އެކަން ފާޅުކުރަން ހުރަސްއަޅަނީއެވެ.
ދެން ފެނުނީ މެންދުރުގެ ކާގަޑިއެވެ. ސްޓާފް ރޫމްގައި އެންމެން ކާން ތިއްބައި، ޔުމްނާ އައިސް ޒިޔާން އިން މޭޒު ކައިރީ އިށީނެވެ. ޒިޔާން އިނީ އޭނާ ގޭން ގެނައި ކާއެއްޗެހި އަޅާފައި ހުރި ތަށި ހުޅުވައިގެންނެވެ.
“އަނހާ، މިއަދު ކޮން އެއްޗެއް ގެނައީ؟” ޔުމްނާ އަހައިލިއެވެ.
“ހަމަ އާދައިގެ މަތިން ބަތާއި މަސްރިހަ،” ޒިޔާން ކުރުކޮށް ބުންޏެވެ.
“އަހަރެން ގެނައީ ޗޮކްލެޓް ކޭކް! ބަދަލުކުރާނަންތަ؟” ޔުމްނާ އެހިއެވެ.
“ނޫން، އަހަރެން ފޮނި އެއްޗެއްސާ މާ ގަޔައެއް ނުވޭ،” ޒިޔާން ބުންޏެވެ. އެކަމަކު ޔުމްނާ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ކުޑަ ކޭކުކޮޅެއް ނަގައި ޒިޔާންގެ ތައްޓަށް ލިއެވެ. “މީތި ކާލާފައި ބުނެބަލަ މީރުތޯ. މިއީ އަހަރެން އަމިއްލައަށް އެޅި ކޭކެއް.” ޔުމްނާ ބުންޏެވެ.
ޒިޔާން ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. އެހެން ނަމަވެސް ކޭކުކޮޅު އަނގަޔަށް ލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. “ވަރަށް… ވަރަށް މީރު،” އޭނާއަށް ބުނެވުނެވެ.
ޔުމްނާ ވަގުތުން ހޭންފެށިއެވެ. “ބަލާ، ތި ހުރީ ހިނިތުންވެވިފަ! ބަލާބަލަ، ހާދަ ރީއްޗޭ ހީލީމަ!” ޔުމްނާ ބުނެޏެވެ.
ޒިޔާންގެ މޫނު ރަތްވެގެން ދިޔައެވެ. އޮފީހުގެ އެހެން ކުދިން ވެސް އެ މަންޒަރު ބަލަން ތިބެފައި ހޭންފެށިއެވެ. ޒިޔާން އަވަސް އަވަހަށް ފެންފޮދެއް ބޮއެގެން ތެދުވެގެން ދިޔައީއެވެ.
ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް ޔުމްނާގެ މަޖާ މިޒާޖާއި، ޒިޔާން ރުޅިއަރުވަން ކުރާ ކަންކަމަކީ ޒިޔާންގެ ދުވަހުގެ އެންމެ އިންތިޒާރުކުރެވޭ ވަގުތަށް ވެގެން ދިޔައެވެ. ޔުމްނާ ނެތް ދުވަހެއް ނަމަ ޑިއުޓީ މަތިން ޒިޔާން ފޫހިވާން ފެށިއެވެ.
އެއްދުވަހަކު، ރޭގަނޑުގެ ޝިފްޓުގައި ވަރަށް ބޮޑު ކަމެއް ދިމާވިއެވެ. ދަބަހެއް ސްކޭން ކުރިއިރު، އޭގެ ތެރޭގައި ޝައްކުކުރެވޭ ގޮތަށް ބަންދުކޮށްފައި ހުރި އެއްޗެހިތަކެއް ފެނުނެވެ. ޒިޔާން އާއި ޔުމްނާ އެ ދަބަސް ބަލައި ފާސްކުރަން ފެށިއެވެ. ދަބަހުގެ ވެރިފަރާތަކީ ވަރަށް ހާސްވެފައި ހުރި ބިދޭސީއެކެވެ. ޒިޔާން ވަރަށް ސީރިއަސްވެފައި، ދަބަހުގެ އެތެރޭގައި ހުރި ކަޅު ކޮތަޅެއް ނަގައި، ފަރުވާތެރިކަމާއެކު ކަނޑަން ފެށިއެވެ. ޔުމްނާ ވެސް ބިރުން ފަހަތަށް ޖެހިލިއެވެ.
ޒިޔާން ކޮތަޅު ކަނޑައި، އޭގެ ތެރެއިން އޮތް އެތި ނެގި ވަގުތު މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ. ނަމަވެސް އޭގެ ތެރެއިން ނުކުތީ ބޮޑު، އަޑުގަދަކޮށް ލަވަކިޔާ “ރަބަރު ކުކުޅެކެވެ. ޒިޔާންގެ އިހުތިޔާރަކާއި ނުލާ މުށަށް ބާރުވެލުމާއެކު އެ ކުކުޅު “ކުއާއްކް!” ކިޔައި ހަޅޭއްލަވައިގަތެވެ.
މުޅި އެރައިވަލް ހޯލް އެއްއަޑަކަށް ގުގުމައިގެން ދިޔައީ ޔުމްނާގެ ހުނުމުގެ އަޑުންނެވެ. އޭނާއަށް ހެވުނުވަރުން ކަކުލުގައި އަތްވިއްދައިގެން ތިރިވެވުނެވެ. ދަބަހުގެ ވެރިމީހާ ބުނީ އެއީ އޭނާގެ ކޮއްކޮއަށް ގެނައި މަޖާ ކުޅޭއެއްޗެއް ކަމަށެވެ.
ޒިޔާން އަތުގައި އޮތް ރަބަރު ކުކުޅަށް ބަލާފައި، ދެން ބަލައިލީ ހީހީ ހަލާކުވާވަރު ވެފައި އިން ޔުމްނާއަށެވެ. އެވަގުތު، ޒިޔާންގެ ސީރިއަސްކަން މުޅިން ފިލައިގެން ގޮސް، އޭނާއަށްވެސް އަޑުވީއްލައި ހޭން ފެށުނެވެ. އޭނާ އެހާ ބާރަށް ހޭތަން ޔުމްނާ ދުވަހަކުވެސް ނުދެކެއެވެ. ޒިޔާންގެ އެ ރީތި ހިނިތުންވުމާއި، ހުނުމުގެ އަޑު އިވިފައި ޔުމްނާގެ ހިތް ތެޅިލިއެވެ. އެއީ ހަމައެކަނި މަޖާ ހުނުމެއް ނޫންކަން، އޭގެ ފަހަތުގައި ޚާއްޞަ އިޙްސާސެއް ވާކަން ދެމީހުންނަށް ވެސް އެވަގުތު އިޙްސާސް ކުރެވުނެވެ.
ޝިފްޓް ނިމިގެން ގެއަށް ދާން ނުކުތް ވަގުތު، ފިނި ވައިރޯޅިއެއް ޖެހެމުން ދިޔައެވެ. ޒިޔާން ހިނގާފައި ގޮސް ޔުމްނާގެ ކައިރީގައި މަޑުކޮށްލިއެވެ.
“މިއަދު ވަރަށް މަޖާ ދޯ؟” ޔުމްނާ ހިނިތުންވެފައި އަހައިލިއެވެ.
“އާނ… ވަރަށް މަޖާ” ޒިޔާން މަޑުމައިތިރިކަމާއެކު ބުންޏެވެ. އަދި ޖީބުން ކުޑަ ކަރުދާސްކޮޅެއް ނަގައި ޔުމްނާއަށް ދިއްކޮށްލިއެވެ. “މީތި ބަލާލަބަލަ” ޒިޔާން ބުންޏެވެ.
ޔުމްނާ އެ ކަރުދާސްކޮޅު ހުޅުވައިލިއެވެ. އޭގައި ޒިޔާން ރީތިކޮށް ކުރަހާފައި އޮތީ ހިނިތުންވެފައިވާ މޫނެކެވެ. އަދި އޭގެ ދަށުގައި ލިޔެފައި އޮތެވެ. “ކޮންމެ ދުވަހަކު އަހަރެން ހެއްވަން ތިކުރާ މަސައްކަތް ކާމިޔާބުވެއްޖެ. އަހަރެންގެ އުމުރުގެ ބާކީ އޮތް ތަނުގައި ވެސް މިގޮތަށް އަހަރެން ހެއްވާލަދޭން އަހަންނާއެކު ހުރެވިދާނެތަ؟”
ޔުމްނާ ކަރުދާސްކޮޅުން އިސްއުފުލައި ޒިޔާންގެ މޫނަށް ބަލައިލިއެވެ. ޒިޔާން ހުރީ އޭނާގެ ހަޔާތުގައިވެސް ދުވަހަކު ނުހީލާހާ ލޯބިވެތި ހިނިތުންވުމަކާއެކު ޔުމްނާއަށް ބަލަހައްޓައިގެންނެވެ.
ޔުމްނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވިއެވެ. “މިސްޓަރ ސީރިއަސް… ތީ އަހަރެން އަޑުއަހަން ބޭނުންވި ހަމައެކަނި ވާހަކައަކީ!” ޔުމްނާ ބުންޏެވެ.
އެއާޕޯޓުގެ ފަނޑު އަލިކަމުގެ ތެރޭގައި، ދެމީހުންގެ ހިތްތައް އުފަލުން ފުރިގެން ދިޔައިރު، ކަސްޓަމްސްގެ އެ ދެ އޮފިސަރުންގެ ޙަޔާތުގެ އައު ބާބެއް، ހިނިތުންވުމާއި ލޯބީގެ ތެރެއިން ފެށިގެން ދިޔައެވެ.
އެރޭގެ އެ އުފާވެރި ވަގުތަށްފަހު، ޒިޔާން އަދި ޔުމްނާގެ ދިރިއުޅުމަށާއި އޮފީހުގެ މާހައުލަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ކުރިން ހަމައެކަނި އެކަކު އަނެކަކު ރުޅިއަރުވަން ކުރި ސަމާސާތައް، މިހާރު ވަނީ ލޯތްބާއި ކުއިޓް ރޮމޭންސް އެކުލެވޭ މަޖާ ކަންތައްތަކަކަށް ބަދަލުވެފައެވެ.
ނަމަވެސް އެމީހުންގެ ގުޅުން އޮފީހުގެ އެހެން މުވައްޒަފުންނަށް ސިއްރުކުރަން ދެމީހުންވެސް ވަނީ އެއްބަސްވެފައެވެ.
އެކަމަކު، ޔުމްނާއަކީ އަނގަގަދަ، އެއްވެސް ކަމެއް ސިއްރުކޮށްގެން ހުންނަން ދަންނަ ކުއްޖެއް ނޫނެވެ.
އަނެއް ދުވަހުގެ ހެނދުނު ޑިއުޓީގައި ދެމީހުން ތިބިއިރު، ޔުމްނާ ހުރީ ޒިޔާންއާ ދިމާއަށް ބަލަބަލައި ހިނިތުންވެފައެވެ. ފަތުރުވެރިއެއްގެ ޕާސްޕޯޓާއި ޑިކްލަރޭޝަން ފޯމު ޗެކްކުރަން ހުރި ޒިޔާން، ޔުމްނާއާ ދިމާއަށް ސިއްރުން ލޯއަޅައިލިއެވެ.
“ޔުމްނާ، ތިވަރަށް ނުބަލަބަލަ. މީހުންނަށް ޝައްކުވެދާނެޔޭ،” ޒިޔާން މަޑުމަޑުން ވޯކީޓޯކީން ޔުމްނާގެ ޓޯކީ ޕްރައިވެޓް ނަމްބަރަށް ގޮވާލާފައި ބުންޏެވެ.
ޔުމްނާ އޭނާގެ ވޯކީޓޯކީ ނަގައި، ޗެނަލް ވަކިނުކޮށް ބުންޏެވެ. “އަހަރެންގެ ލޯބިވާ މިސްޓަރ ސީރިއަސް މާ ރީތިވީމަ ބެލެނީއޭ!”
ހަމަ އެވަގުތު މުޅި ކަސްޓަމްސް ޝިފްޓުގެ އެންމެންގެ ވޯކީޓޯކީން ޔުމްނާގެ އަޑު ގުގުމައިގެން ދިޔައެވެ. ސީނިއަރ އޮފިސަރ ޙަސަންފުޅު ކޮށިއަރައިގެން ކެއްސަން ފެށިއިރު، ކައިރީގައި ތިބި އެހެން އޮފިސަރުން ތިބީ ހޭންވީ ކަމެއް ނުވަތަ ވާނުވާ ބަލަންވީ ކަމެއް ނޭނގިފައެވެ.
ޒިޔާންގެ މޫނު އަނެއްކާވެސް ޓޮމާޓޯއެއްހެން ރަތްވިއެވެ. އޭނާ އަވަސް އަވަހަށް މޮނީޓަރުގެ ފުރަގަހަށް މޫނު ފޮރުވައިލިއެވެ. ޔުމްނާ ދެއަތުން އަނގަމަތީ އަތްއަޅައި، ކުށްވެރިއެއް ފަދައިން ދުލުގައި ދަތްއަޅައިލިއެވެ.
މެންދުރު ކެއުމުގެ ވަގުތު ޖެހުނުއިރު، ސްޓާފް ރޫމް އޮތީ ހަލަބޮލިވެފައެވެ. “ކޮބާ މިސްޓަރ ސީރިއަސް އަކީ ކާކުތަ މިއަދު ގޮވި؟” އޮފީހުގެ އެންމެ މަޖާ އެއް އޮފިސަރ ކަމަށްވާ ރާފިޢު އަހައިލިއެވެ. ޒިޔާން މަޑުމަޑުން އެތެރެއަށް ވަދެ، ޔުމްނާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އޭނާގެ އަތުގައި ކުޑަ ޕާރުސަލެއް އޮތެވެ. އެއީ ޔުމްނާއަށް ދޭން އޭނާ ގެނައި ހަދިޔާއެކެވެ.
“މީ… މީ ޔުމްނާއަށް” ޒިޔާން ޕާރުސަލް ދިއްކޮށްލިއެވެ. ޔުމްނާ އުފަލުން ފޮޅިފައި އެ ޕެކެޓް ކަނޑައިލިއެވެ. އެތެރޭގައި އޮތީ ރީތި ކުޑަ ޗޮކްލެޓް ފޮށްޓަކާއި، އަނެއްކާވެސް ކުޑަ ރަބަރު ކުކުޅެއްގެ ކީ-ޗެއިންއެކެވެ! އެ ކީ-ޗެއިން ފެނުމާއެކު މުޅި ސްޓާފް ރޫމްގެ އެންމެން އެއްފަހަރާ ހޭންފެށިއެވެ. ކުރިންރޭ ހިނގައިދިޔަ ހާދިސާގެ ވާހަކަ އޮތީ މުޅި ޑިޕާޓްމަންޓަށް ފެތުރިފައެވެ.
“ޒިޔާން! މިއީ އަހަންނަށް ލިބުނު އެންމެ ރީތި އެއް ހަދިޔާ!” ޔުމްނާ އުފަލުން ބުންޏެވެ. އަދި އެ ކީ-ޗެއިން އޭނާގެ ކަސްޓަމްސް ޔުނިފޯމްގެ ކާޑު ވާގަނޑުގައި ހަރުކޮށްލިއެވެ.
މި ހާދިސާއަށްފަހު، ދެމީހުންގެ ގުޅުން ސިއްރުކުރުމުގެ ބޭނުމެއް ނެތްކަން ދެމީހުންނަށްވެސް ވިސްނުނެވެ. އެ ދެމީހުންގެ މިޒާޖުގައި ހުރި ތަފާތުތަކަކީ އެކަކު އަނެކަކު ފުރިހަމަކޮށްދޭ ސިފަތަކަކަށް ވެގެން ދިޔައެވެ. ޒިޔާންގެ ސީރިއަސްކަން ޔުމްނާގެ ހިނިތުންވުމުން މަޑުމައިތިރިކޮށްދިން އިރު، ޔުމްނާގެ ހަލަބޮލިކަން ޒިޔާންގެ ހަމަޖެހުމުން ކޮންޓްރޯލް ކޮށްދިނެވެ.
މަސްތަކެއް ފަހެވެ. އޮފީހުގެ އަހަރީ ޙަފްލާ އޮތް ރެއެވެ. ޒިޔާން އާއި ޔުމްނާ ތިބީ އެންމެންގެ ސަމާލުކަން ހުއްޓިފައިވާ މައި މޭޒުގައެވެ. އެރޭ ޒިޔާން މައިކް ކައިރިއަށް އެރީ އެންމެ ރަނގަޅު އޮފިސަރުގެ އެވޯޑާ ޙަވާލުވުމަށެވެ. އެވޯޑު ލިބުމަށްފަހު އޭނާ ވާހަކަދައްކަން ފެށިއެވެ.
“މި ވަޒީފާއަކީ ވަރަށް ބުރަ، ވަރަށް ސީރިއަސް ވަޒީފާއެއް. އެކަމަކު، އަހަރެންގެ ދިރިއުޅުމަށް އައި ޚާއްޞަ އިންސާނެއްގެ ސަބަބުން، ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ވަޒީފާއަށް އައުމަކީ އަހަންނަށް ލިބޭ އެންމެ ބޮޑު އުފަލަށް ވެއްޖެ. އެއީ އަހަރެންނަށް ހޭން ދަސްކޮށްދިން މީހާ،” ޒިޔާން ޔުމްނާއާ ދިމާއަށް ބަލައިލިއެވެ. ޔުމްނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބައިގަތެވެ. އެންމެން އަތްތިލަބަދި ޖަހަން ފެށިއެވެ.
ޙަފްލާ ނިމިގެން ނުކުތް ވަގުތު، ޒިޔާން ޔުމްނާގެ އަތުގައި މަޑުމަޑުން ހިފަހައްޓައިލިއެވެ. “ދެން ދުވަހަކުވެސް ތި ހިނިތުންވުން އަހަރެންގެ ދިރިއުޅުމުން ގެއްލުނަ ނުދެއްޗޭ،” ޒިޔާން ބުންޏެވެ. އަދި ޔުމްނާގެ ކުރިމައްޗައް އެއް ކަކޫ މައްޗައް ތިރިވެ، ޖީބުން އަންގޮއްޓި އެއް ނަގައި ދިއްކޮއްލިއެވެ. “ވިލް ޔޫ މެރީ މީ؟” ޒިޔާން މަޑު ހިނިތުންވުމެއް ވެރިކޮއްގެން އިނދެ އަހާލިއެވެ.
“ޔެސް….. ލޯބިވާ މިސްޓަރ ސީރިއަސް” ޔުމްނާ ޒިޔާންގެ ގައިގައި ބައްދާލަމުން ލޯތްބާއެކު ބުންޏެވެ. އަދި އުފަލުންގޮސް އަނެއްކާވެސް ރޮވުނެވެ. “މިޔޮއް އުފާވެރި ރޭވެސް ހާދަ ވަރަކަށޭ ތި ރޮނީ” ޒިޔާން ސަމާސާ ރާގަކަށް ބުންޏެވެ. ޔުމްނާ، ޒިޔާން އާއި ދިމާލަށް ލޯ އަޅާލުމަށްފަހު، އަނެއްކާވެސް ޒިޔާންގެ ގައިގައި ވަކިން ބާރަށް ބައްދާލިއެވެ.
މިއީ، ހަމައެކަނި ދެ ކަސްޓަމްސް އޮފިސަރުންގެ ވާހަކައެއް ނޫނެވެ. މިއީ، ދެ ހިތެއްގެ ގުޅުމާއި، ހުނުމާއި މަޖަލުގެ ތެރެއިން އުފަންވި، ދުވަހަކުވެސް ފަނޑުނުވާނޭ ފަދަ ރީތި ލޯބީގެ ބަހާރެކެވެ.
– ނިމުނީ –
