ލޯބިވޭ އަނަންތަކަށް… – 1
ފުރަތަމަ ބައި – އިއްތިފާޤީ ބައްދަލުވުން
މައިންބަފައިން ދުނިޔޭގައި ނެތުމީ ތަހައްމަލު ކުރަންޖެހޭނެ އެންމެ ބޮޑު ވޭނެވެ. އެ މީހުންގެ ލޯތްބާއި އަޅާލުން ނުލިބުމީ ހަޔާތުގެ ކުރީކޮޅު ފުރިހަމަވާނޭ ކަމެއް ނޫނެވެ. ޅައިރު އޭނާގެ މަންމައާއި ބައްޕަ ކުއްލި ގޮތަކަށް މަރާ ބައްދަލުވި ކަމީ ޔުން މި ދުނިޔޭގައި އެކަނިވެރިކޮށްލި ކަމެކެވެ. ނަމަވެސް އެކަނިވެރިކަމުން އެއްކިބާކޮށް، ފަޅު ފިލުވައިދިނީ އޭނާގެ ހެޔޮ ކާފައެވެ. ޔުން އަބަދުވެސް ކާފަގެ ބޭނުންތައް ފުއްދައިދެވޭތޯ ބަލައެވެ. ޔުން ކާފަދެކެ އެހާވެސް ލޯބިވެއެވެ. މައިންބަފައިންގެ ލޯބިން މަޙުރޫމުވެ ދިޔަޔަސް ކާފަގެ ފަރާތުން ލޯބި ލިބެމުން ދިޔައެވެ. ނަމަވެސް ކާފަ ‘ޕެންކުރިއަޓިކު ކެންސަރާއި’ ހަނގުރާމަކުރަމުން ދިޔަކަން އެނގުމީ ޔުންއަށް ލިބުުނު އެންމެ ބޮޑު ހިތާމައެވެ. ބަލިފައި މައްޗަށް ވެއްޓުނު ފޮއެވެ. ޔުންއަށް އެނގިގެން ދިޔައީ އޭނާއަށް ކާފަގެ އެންމެ ފަހު ވަސިއްޔަތް ފުއްދުމަށް އެހާ ގިނަ ވަގުތު ބާކީ ނެތް ކަމެވެ.
ބޮޑުކޮޓަރީގެ މޭޒުދޮށުގައި އިށީނދެ އިނދެ މުސްކުޅި ކާފަ ވަކީލަކާ ވާހަކަދައްކަމުން ދިޔައެވެ. “އަހަރެން ބޭނުން ޔުން ކައިވެނި ކޮށްގެން އުފަލުގައި އުޅޭތަން ދެކެން.” ޖަމީލު ބުނަމުން ދިޔައެވެ. ބޮޑުކޮޓަރީގެ ފާރާވީ ދިމާލުގައި ފިލައިގެންހުރެ ޔުން ކާފަގެ ބަސްތައް އަޑުއަހަމުން ދިޔައެވެ. ޔުން ހިތަށް އަރަމުން ދިޔައެވެ. ‘ކާފަ ބޭނުންވަނީ އަހަރެން ކައިވެނި ކުރުވަން؟! އެއީ ކީއްވެބާ؟!’ ޔުންގެ ހިތަށް ގެނުވީ އެތަށްހާސް ސުވާލަކާއި ނުތަނަވަސްކަމެވެ. ހަގީގަތުގައިވެސް އޭނާ ކައިވެނި ކުރާކަށް ބޭނުމެއް ނުވެއެވެ. އެކަމު މިހާރު ކާފަ އެކަމަށް އެދޭތީވެ، އެ ވަސިއްޔަތް ފުރިހަމަކޮށްދެން ބޭނުންވިއެވެ. އެކަމާ ބެހޭގޮތުން ފުން ވިސްނުމުގައިހުރެ ޔުން މަޑުމަޑުން ކޮޓަރިއަށްވަނެވެ.
ހެނދުނުގެ ހޫނުކަން މުޅި މާހައުލަށް ވެރިވެފައިވެއެވެ. އިރުގެ ރަން ދޯދިތަކުން މުޅި ޖައްވަށް އާރޯކަން ގެނުވާފައިވެއެވެ. އުޅަނދުފަހަރުގެ އަޑުތައް ކޮލެޖުގެ ކިލާސްތަކާއި ހިސާބަށްވެސް އިވެއެވެ. ރޯ އަވީގައި ގަސްތައް ގަދަ ފެހި ކުލައިން ދިއްލިފައިވެއެވެ. އެ ދުވަހުގެ ކާނާ އުފެއްދުމަށް އެ ގަސްތައް މަސައްކަތް ކުރަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން މަޑު ވައިރޯޅިއެއް ޖެހިލައެވެ. އެހެންނަމަވެސް ފަތްކޯޅިއެއް ހެލިވެސްނުލައި މުޅި މާހައުލު ހަމަހިމޭން ވެފައިވެއެވެ. ކޮލެޖުގެ ވަށާފާރު ތެރޭގައި ކުދިން ކިޔެވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅުނެވެ. ފޮތް ހިފައިގެން ލިޔަނީއެވެ. އިމުތިހާނަށް ފަރިތަކުރަނީއެވެ.
‘އެކީއްވެތަ ކާފަގެ އެންމެ ފަހު ވަސިއްޔަތަކަށް އަހަރެންގެ ކައިވެންޏަށް ވާންވީ؟’ އަދިވެސް ހިތާހިތުން ޔުން ސުވާލު ކުރަމުން ދިޔައެވެ. ‘އިނގޭ މަށާއި މެދު ކާފަ ވަރަށް ވިސްނާކަންވެސް، އެކަމު…ކައިވެނި؟’ ފޯނުގެ އިސްކިރީނަށް ގެއްލިފައި އިނދެ ޔުން ވިސްނަމުން ދިޔައެވެ. ‘ކާފަ ނެތަސް، އަދި އަހަރެންގެ ބޮޑުބޭބެއާއި، ބޮޑުދައިތަ ދުނިޔޭގައި އެބަ ހުއްޓެއްނު؟ އެހެންނޫނަސް ވެސް އަހަރެން އަދި ކައިވެނި ކުރަން މާ އަވަހެއް ނޫންބާ؟’ ޝައްކާއި ވަހުމުގެ ކަނޑުގައި ޔުން ފީނަމުން ދިޔައެވެ.
ކުއްލިއަކަށް ޔުން ސިހިގެން ދިޔައީ ފަހަތުން މީހަކު ގޮވާލި އަޑަށެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. ވަގުތުން ޚިޔާލީ ދުނިޔެއިން ނުކުމެ މޫނަށް ފުސްކަން ގެނުވިއެވެ. ޔުންއާ އެއް އުމުރެއްގެ ފިރިހެން ކުއްޖެކެވެ. އޭނާގެ ހަށިގަނޑުން އެހާ ހެޔޮ ނުވިޔަސް، އެހާ ހިއްކެއްވެސް ނޫނެވެ. ރޫފަ ހެޔޮވެފައި ޒަމާނީ އަންނައުނު ލައިފައިވެއެވެ. ޔުންއާ ދިމާއަށް ސުވާލުގެ ނަޒަރުން ބަލަން ހުއްޓެވެ. “ޔުން! ހިނގާ އެއްޗެއް ކާލަން ދާން!” ޔުން ކުޑައިރުވެސް އެންމެ ގާތްކޮށް އުޅުނު ސަޔާން ފަހަތުގައި ހުރެ ބުންޏެވެ. އަދިވެސް ހަމަޖެހެމުން ދިޔަ ޔުންއަށް ޚިޔާލެއް އައެވެ. ކުއްލިއަކަށް ސަޔާނުގެ އަތުގައި ހިފައިގެން ޔުން ކޮލެޖުން ބޭރަށް ހިނގައިގަތެވެ.
“ޔުން؟ ކީއް ތިޔަ ކުރަނީ؟” ސަޔާނުގެ އަތުގައި ހިފައިގެން ބޭރަށް ދިޔުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔަ ޔުންއަށް ސުވާލު ކުރިއެވެ.
“އާދެބަލަ މަށާއެކު!” ޔުން އެހެން ކިޔަމުން ސަޔާން ބޭރަށް ނެރުނެވެ.
ސަޔާން ހާސްވަމުން ދިޔައެވެ. “މަޑުކޮށްބަލަ! އަނެއްކާ އަހަރެން މިއަދު ކޮލެޖަށް އައުން ލަސްވީމާ، ކަލޭ ރުޅި އައީތަ؟” ސަޔާންގެ ނިތްކުރިން ހިއްލި ދާތިކިތައް ފުހެމުން ބުންޏެވެ. “އޭތް ދެން… އަހަރެން އަވަހަށް ތެދުވާނަމޭ.” ސަޔާން އާދޭސް ކުރަމުން ދިޔައެވެ.
“ސަޔާން!” ޔުންގެ އަޑު ކޮލެޖުގެ ކާރުތައް ބަހައްޓާފައިވާ ބައިގައި ގުގުމާލިއެވެ.
“ލައްބަ؟…” ސަޔާން އަދިވެސް ވާނުވާއެއް ނޭނގި ބުންޏެވެ. ކުއްލިއަކަށް މުޅި މާހައުލުން އަޑު ކެނޑިގެންދިޔަ ފަދައެވެ.
އެއްވެސް ހިފެހެއްޓުމެއްނެތި ޔުންގެ އަނގައިން ސަޔާންއަށް އަޑު އިވޭވަރަށް ބުންޏެވެ. “ސަޔާން؟! އަހަންނާ ކައިވެނި ކޮށްފާނަންތަ؟!”
ސަޔާންއަށް ހުއްޓުން އެރިއެވެ. އަތުގެ އިނގިއްޔެއްވެސް ގުޑުވައިނުލާ އޭނާ ހުއްޓެވެ. ދެ މީހުންވެސް އެކަކު އަނެކަކަށް ބޭއިޚުތިޔާރުގައި ބަލަން ހުއްޓެވެ. ތަނުގެ އަޑުމަޑުކަމުން ޔުންއަށް އުނދަގޫ ވެސްވިއެވެ.
“ޔަގީނެއްނު!!” ސަޔާން ބާރަށް އެހެން ބުނެ ޔުންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ހެމުން ހެމުން އޭނާ ބުންޏެވެ. “ވަރަށް ކުއްލި ގޮތަކަށް ތިޔަ ބުނީ. އެކަމު ޔުން ވެއްޖެނަމަ މަ ނޫނެކޭ ނުބުނާނަން.” ސަޔާންގެ އަތް، ޔުންގެ ކޮނޑުން އަތް ނައްޓާލަމުން ބުންނެވެ. “އެކަމު އަހަރެމެން ތިރީހުގެ އަހަރުތަކަށް އެރީމާ ދޯ ކައިވެނި ކުރާނީ؟” ސަޔާނު އެއްވެސް ލަދެއްނެތި ބުންޏެވެ.
“އެކަމު، އަހަރެން މިހާރު…” ޔުން ސަޔާން ވާހަކަ ނިމުނުހެން ބުނަން އުޅުނެވެ. ނަމަވެސް އިތުރަށް އެއްޗެކޭ ނުބުނެ ޔުން ހަނުހުއްޓެވެ.
ހަމަ އެ ވަގުތު ސަޔާންއަށް މީހަކު ގުޅިއެވެ. “އޭއް. ހިނގާބަލަ މިރޭ ގަހުވަޚާނާއަށް ޖައްސާލަން. އަވަސްކުރޭ! އެބަ ތިބި ވަރަށް ޗާލު ކުދިންތަކެއް ވެސް.” ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހާ ބުނަމުން ދިޔައެވެ. “އެހެންތަ! މަގޭ ހަމަ މިހާރު މިދަނީ!” ފޯނު ރަތް ފިތަށް އޮބާލާ، ފޯނު ބާއްވަމުން ސަޔާން ބުންޏެވެ. “އެހެންވީމާ، މާދަމާ މި ވާހަކަ ދައްކަންވީނު؟ އަހަރެން ވަރަށް މުހިންމު ކަމެއް ލައިގަނެއްޖެ!” ސަޔާން ވަރަށް އަވަސް އަވަހަށް ވާހަކަ ދައްކަމުން ބުންޏެވެ. ދޮގެއް ހަދާލަމުން ޔުންއާ ދިމާއަށް އެހެން ބުނެ ދުރަށް ދިޔައެވެ.
“ނޫނޭ. އަހަރެން ކައިވެނީގެ ވާހަކަ ދެއްކީ މަޖަލަކަށް.” ޔުން މޫނަށް ގުރުޑުކަން ގެނެސް ބުންޏެވެ.
“އޫނ. ކިރިޔާވިއްޔަ މަ ހިތް ނުހުއްޓުނީ.” ސަޔާނު ހިތުގައި އަތް އަޅާލަމުން ބުންޏެވެ. “ދަނީއޭ! މާދަމާ ބައްދަލު ކުރާނަން.” ސަޔާން އެހެން ބުނުމަށްފަހު ކޮލެޖުން ނުކުތުމަށް ދިޔައެވެ.
‘ހާން. އަހަރެން މިއީ ހާދަ ބޮޑު މޮޔައެކޭ! ކީއްވެތަ އޭނާ ގާތު މި ވާހަކަ މިބުނީ؟؟’ ޔުން އަމިއްލައަށް ވިސްނަމުން ދިޔައެވެ. މޫނުގައިވާ ގުރުޑުކަމުން ލޯވެސް މެރިގެން ދިޔައެވެ. އޭނާ ކައިވެނި ކުރާނެ މީހެއް ހޯދުމަށް ފެންބޮވައިގެންފައިވާ ކަހަލައެވެ. ބާރުބާރަށް ޔުން ހިނގާފައި ކާރުތަކާ ދިމާއިން ނުކުތުމަށް ދިޔައެވެ. ‘އެ ކަހަލަ މީހެއްގެ ފަރާތުން ރުހޭނެ ޖަވާބެއް ލިބޭނެކަމަށް ވިއްޔަ!’ އަމިއްލަ ނަފުސައް ކުދި ކިޔަމުން ކުރިއަށް ހިނގާފައި ދިޔައެވެ. ‘އެކަމުވެސް، ހަމަ އަސްލަށްވެސް އަހަރެން ބުނި އެތި ވިސްނާނަމަ. ފަހަރުގައި މަގޭ މޫނު ހުރިގޮތް ކަމުނުދިޔައީ ތޯއްޗެއް؟’ ޚިޔާލީ ދުނިޔޭގައިހުރެ ވިސްނުންތަކުގެ ތެރޭގައި ފީނަމުން އޭނާ ހިނގާފައިގޮސް، މީހެއްގެ ގައިގަ ވަރަށް ބާރަށް ޖެހުނެވެ.
“އައްދޯތް!” ޔުން ތަދުވެގެން ނިތްކުރީގައި އަތް އަޅައިގެންހުރެ، ކާކުތޯ ބަލައިލިއެވެ. އާދައިގެ ފިރިހެނުންނަށްވުރެ އޭނާ ތަފާތެވެ. ލައިގެންހުރި ގަދަ އަޅި ކުލައިގެ ފަރުމާކޮށްފައިވާ ކޯޓެއް ލައިގެން ހުރި އެމީހާވެސް އަރިއަޅާލައިގެން، ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އެމީހާގެ ފުޅާ މޭމަތީގައި ޔުން ޖެހިފައި ފަހަތަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. “މާފުކުރައްވާ! އެއީ އޮޅުމަކުން.” ޔުން އަދިވެސް ނިތްކުރީގައި އަތް އަޅައިގެން ހުރެ ބުންޏެވެ.
“ހިނގާ ތަންވެސް ނުބަލަނީތަ؟ ޚިޔާލީ ދުނިޔެއަށް ދާން އެހެން ތާކަށް ދޭ!” ޔުންގެ އިސްކޮޅަށްވުރެ ދިގު ފިރިހެނެއް ބުންޏެވެ. އޭނާ ހުރީ ކާރުގައި ލެނގިލައި ގެންނެވެ.
“އަހަރެން ޚިޔާލީ ދުނިޔޭގައި ހުރިކަން އެނގުނިއްޔާ، ކަލެއަށް އެއްފަރާތަކަށް ޖެހެވުނީހެއްނު! ކަލޭ މަގޭ ގައިގަ ޖެހިގަތުމަށްވުރެ. ގަސްތުގައި ދޯ އެހެން ހެދީ؟” ޔުން ސުވާލު ކުރިއެވެ. “އެއީ އެހާ އުނދަގޫ ކަމެއްތަ މާފަށް އެދުމަކީ؟” ޔުން ސުވާލު ކުރަމުން ދެވެން އޮތް ހަމައެކަނި މަގުން ނުކުންނަން ދިޔައެވެ.
އެ މީހާއަށް ޔުންގެ ފަހަތުން ވަރަށް ބާރަށް ދުއްވާފައި އައި ކާރު ފެނި ޓައް ކިޔާފައި ޔުންގެ އަތުގައި ހިފިއެވެ. “މިހާރު ކީ…” ޔުން ސުވާލު ކުރަން އުޅުނެވެ. ނަސީބަކުން ކާރުގައި ނުޖެހި ޔުން ސަލާމަތް ކުރެވުނެވެ. ނަމަވެސް ފަހަތުގައިވާ ކާރުގެ މައްޗަށް ދެ މީހުން ބޭއިޚުތިޔާރުގައި ވެއްޓުނެވެ. މީކާއިލުގެ ފިރިހެންވަންތަ ހަށިގަނޑުގެ މަތީގައި ޔުންއަށް ސިހިފައި އޮވެވުނެވެ. ދެ މީހުންގެ ތުންފަތް ބައްދަލުވުމީ އިއްތިފާގެވެ. ދެ މީހުންގެސް ލޯ ބޮޑުކޮށްގެން އާގަމަވެފައި އޮތެވެ. ދެ މީހުންވެސް ތެދުވަން އަވަސްވެގަތެވެ. ޔުން މީކާއިލުގެ ގައިމަތިން ތެދުވަން މަސައްކަތް ކުރިއެވެ. ޔުން އަދިވެސް ހުރީ އާގަމަވެފައެވެ. މޫނުމަތީގައި ރަތްކަމުގެ ނިޝާނެއް ކޯތާފަތް މަތީގައި ހުއްޓެވެ.
“އެއީ އެއްވެސް ހާލަތެއްގައި އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން! އެހެން ހެދީ ފަހަތުން ދުވާފައި އައި ކާރުން ކަލޭ ސަލާމަތް ކުރުމަށް!” ކާރުން ތެދުވަމުން މީކާއިލު ބުންޏެވެ.
“އިނގެޔޭ!” ޔުން އަންނައުނު ހެޔޮކޮށްލަމުން ބުންޏެވެ.
“މިއީ ނުވާ ކަމަކަށް ހަދާ! އެއްބަސްވޭ އަހަރެމެން ދެ މީހުންނަށްވެސް އަދަކީ ބަދުނަސީބުވެރި ދުވަހެއް ކަމަށް!” ޔުން އަތް ނަގަމުން ތުން ފުހެލިއެވެ.
“ހަހަ. އެއީތަ؟ ޝުކުރިއްޔާވެސް ނުބުނެ އެ ދަނީ.” މީކާއިލު ކާރުގައި ލެނގިލަމުން ޔުންއާ ދިމާއަށް ބުންޏެވެ. “އޮޅިގެންވެސް ބޮސްދީފައި އޭގެ ބަދަލު ދޭނެކަމަށް މަގޭ މި ވިސްނަނީ.” މީކާއިލް ބާރަށް ބުންޏެވެ.
“ކޯއްޗެއް؟ ކިރިޔާ ތަންފުކެއް ތުންފަތް ޖެހިލާފައި ހުރީ. އެހެން އެކަކަށްވެސް ކުރިން ކަލޭ ބޮސް ނުދެނީތަ؟” ޔުން އަދިވެސް ހަމައަކަށް އެޅެވޭތޯ ބެލިއެވެ.
“ކަލެއަށް ހީވޭތަ އަހަރެން ކަހަލަ މީހަކު އެހެން މީހަކަށް ބޮސް ނުދީ ހުންނާނެކަމަށް؟” މީކާއިލް ބުނަމުން ދިޔައެވެ. “ކަލެއެއްނު ހީވަނީ އެންމެ ފުރަތަމަ ފަހަރަށް ބޮސް ދިން މީހަކީ.” އަދި އޭނާ އިތުރު ކޮށްލިއެވެ.
ޔުންގެ ގާތަށް ރުޅިއައީ ދެނެވެ. “ޕިސް، ޕިސް، ޕިސް. ކަލޭ މާ މާތްކަމަށް ހެދިގެން ތިއުޅެނީ! އަހަރެން ކަލެއަށް ބޮސްދިން ހަނދާނެއް ނުވޭ!! ކުރިން ހިނގާ ދިޔަ ކަންތައް ހަނދާން ނައްތާލާ!!” ޔުން ބުނަމުން ދިޔައެވެ.
“އެހެންތަ؟ އެހެންވެ ދޯ ޝުކުރު އަދާ ނުކުރީ. އެއީ ކަލޭ ހަނދާން ނެތުނީ މަ ކަލޭ ސަލާމަތްކޮށްދިން ކަން. އެކަމު އާންމުކޮށް ފުރަތަމަ ފަހަރު ބޮސްދިން މީހާ ހަނދާން ނުނެތޭނެ.” މީކާއިލް އެހެން ބުނަމުން ލެނގިގެން ހުރި ކާރުން ޔުން ހުރި ދިމާއަށް މިސްރާބު ޖެހިއެވެ.
“ކަލޭ ކިހިނެތް ވެގެންތަ ތިއުޅެނީ؟ މަގޭ ޝުކުރު އަދާ ކުރީމެއްނު؟!!” ޔުން ހިތްހަމަނުޖެހި ރުޅި އައިސްފައި ބުންޏެވެ. “އަނ. ހެޔޮ! ކަލޭ ތިއީ މަށަށް ބޮސްދިން ސަތޭކަ އަށްވަނަ މީހާ! ކަލޭ މަތިން މަ ހަނދާން ކުރާކަށް ނުޖެހޭނެ! ކޮބާ، މިހާރު ހިތްހަމަޖެހިއްޖެ؟!” ޔުން އަދިވެސް ބާރުބާރަށް ވާހަކަ ދައްކަމުން ދިޔައެވެ. “ހާދަހާ ނުލަފަޔޭ! ކަލޭ ދުވަހަކުވެސް ދެން މަށާ ވާހަކަ ނުދައްކާތި!!” ޔުން ބުން ފައި ތަޅާފައި އެތަނުން ދުރަށް ދިޔައެވެ.
ކާރު ކައިރީ ހުއްޓި ހުރި މީކާއިލް ހިތަށް އަރަމުން ދިޔައެވެ. “ސަތޭކަ އަށްވަނައަށް ބޮސްދިނީ މަ؟ އޫނ… ހަހަހަހަ. … އެކަމުވެސް ހިތްކިޔާ ކަހަލަ.”
ޖެހިގެން އައި ދުވަސް…
އާ ދުވަހަކަށް ކޮލެޖުގެ ހަރަކާތްތައް ފެށެމުން ދިޔަ ވަގުތެވެ. ދަރިވަރުން ކިލާސްތަކަށް ވަންނަން ދަނީއެވެ. މުދައްރިސުންވެސް މުވައްޒަފުންގެ ކޮޓަރިން ނުކުމެ ފޮތް ސާމާނު ހިފައިގެން ކިލާސްތަކަށް ދަނީއެވެ. ޔުން ފޮތެއް ހިފައިގެން ކިޔަން ސަމާލުކަން ދީގެން އިނެވެ.
ޔުން އިށީނދެ އިން މޭޒުގެ ކައިރީގައި އިން ސަޔާން ވާހަކަ ދައްކަމުން ދިޔައެވެ. “ކީކޭ؟ ހަމަ ނުދާނަން؟ ނޫން، ތިޔަ ދެމީހުން އަންނަން ވާނެ! ސުޒާނާ ފިސާރި މޮޅުވާނެ ފޯރިނަގާ މަޖާކުރެވޭ ކަހަލަ ތަންތަން ހޯދުމަށް! ކޮންމެ ފަހަރަކު އޭނާ އަހަރެމެންގެ ޚަރަދުވެސް ބަލަހައްޓައި ދެނީ ވެސް! … އަހަރެމެން ޝުކުރުވެރިވާން ޖެހޭ މިވަރުގެ ރައްޓެއްސެއް ހުންނަ ކަމާމެދު. ހަހަހަހަހާ.”
ޔުން ފޮތަށް ބަލަން އިނދެ ބުންޏެވެ. “ނޫން މަ ނުދާނަން!”
ޔުން ރައްޓެހި އީނާ ބުންޏެވެ. “އަދި ނޭނގެ! ފަހަރެއްގައި މަ ގޮސްފާނަން…”
ސުޒާނާ ސަޔާންގެ ކޮނޑުގައި އަތް ބާއްވަމުން ވާހަކަ ދައްކަން ފެށިއެވެ. “އަބަދުވެސް މީނާ ވަރަށް ބަސް އެތުރުމަށް މޮޅުވާނެ! ކަލޭ ތިއީ ކޮންމެ މަޙްފިލްއެއްގެވެސް ދިރުމަކީ! ސަޔާންއާ ނުލައި މަޙްފިލްއަކަށް ނުވާނެ!”
ޔުންއާއި އޭނާގެ ރައްޓެހި ކުއްޖާ ދެމީހުން މޫނަށް ބަލައިލުމަށްފަހު، ބުންޏެވެ. “ބަލައި އެ ދެމީހުންނެއް! ދެ ބާޒު އެކަކު އަނެކަކާ ވާހަކަ ދައްކަނީ…”
ކިލާހަށް ދާރިސް ވަދެ، ސަލާން ގޮވިހެން ކުދިންގެ އަޑު މަޑުވަމުން ދިޔައެވެ. “ބާއްޖަވެރި ހެނދުނެއް!” ދާރިސް ބުނުއްވިއެވެ. ދާރިސްގެ ފަހަތުން ނޫކަށި ފުރައިގެ ޒުވާނެއްވެސް ކިލާހުން އެތެރެވިއެވެ.
އީނާ ޔުންއާ ގާތްވެލާފައި ބުންޏެވެ. “އޭ… މަޑުކޮށްބަލަ… އެއީ ކާކު؟ އާ ދަރިވަރެއްބާ؟” އެ އިވުނު ބަސްތަކަށް ޔުންގެ މޫނު ދޮރާ ދިމާއަށް އަނބުރާލިއެވެ. ޔުން ހިތާހިތުން ބުނަމުން ދިޔައެވެ. ‘ވަރަށް ދަންނަ މީހަކާ ވައްތަރު…’
ދާރިސް ވާހަކަދައްކަން ފެށިއެވެ. “މި ސެމިސްޓަރުގައި ވިޔަފާރީގެ މާއްދާ ކިޔަވައިދެއްވާނީ އާ ދާރިސްއެއް!” ދާރިސް ކިލާހުގެ މެދުގައި މިހާރު ހުއްޓިގެންހުރި ނޫކަށި ފުރައިގެ އިސްކޮޅުންދިގު ފިރިހެނާއަށް އަތް ދިއްކޮށްލުމަށްފަހު، ބުންޏެވެ. “މީކާއިލް. ކުދިންނަށް ތަޢާރަފުވެލާ!”
“ބާއްޖަވެރި ހެނދުނެއް! އަހަރެންގެ ނަމަކީ މުހައްމަދު މީކާއިލު.” އެ ޒުވާނާ ތަޢާރަފުވިއެވެ. އަވަސްއަވަހަށް ކުދިންތަކުގެ މޫނުތަކާ ދިމާއަށް ލޯ އުކާލިއެވެ. މީކާއިލުގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ އޭނާ ދަންނަ މޫނެކެވެ.
އޭރު މީކާއިލު ޔުންއާ ދިމާއަށް ބަލާތީވެ، އޭނާ އިނީ ގުޑާލަންވެސް ނުކެރިފައެވެ. ޔުން ހިތާހިތުން ބުނަމުން ދިޔައެވެ. ‘މަޑުކޮށްބަލަ! އޭނާ އެއީ… އިއްޔެ މަށަށް ޖެއްސުންކުރި މީހާއެއްނު؟!’ އެހެން ހިތަށް އެރިހެން ޔުން ކިޔަން އިން ފޮތުން އޭނާގެ މޫނު ފޮރުވާލިއެވެ.
(ނުނިމޭ)
މި ވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަން!
One Comment
Comments are closed.



ލޯބިވޭ އަނަންތަކަށް”! ސުރުޚީގައި “އަނަންތަކަށް” ބޭނުންކޮށްފައި މިވަނީ ކޮން މާނައެއްގައިބާ؟”