Skip to content
އެސްފިޔަ

އެންމެ ފަހު ސިޓީ ـ 5

ނަމަވެސް ބޭރުން އިވުނީ ހަމައެކަނި ވާސިފްގެ ވޭނީ ކުކުރުމުގެ އަޑެވެ. އޭގެ ފަހުން މުޅި ވިލާއަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. ޝައުހާ ކޮޓަރީގެ ކަނެއްގައި އިށީނދެ ދެލޯ މަރާލިއެވެ. އޭނާގެ މުޅި ދުނިޔެ އަނދިރިވެއްޖެއެވެ. ޝައުހާއަށް ވިސްނުނެވެ، އޭނާގެ އަތުގައި މިހާރު އޮތް ހަމައެކަނި ހަތިޔާރަކީ ލަމްހާގެ އެ ސިޓީއާއި އޭގައިވާ ސިއްރު ކޯޑުތަކެވެ. އޭނާ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާލިއެވެ. އުޑުމަތި ބަންދުވެ، ބޯކޮށް ވާރޭ ވެހެން ތައްޔާރުވަމުން ދިޔައެވެ. މިއީ އޭނާގެ ހަޔާތުގެ އެންމެ ބިރުވެރި ތޫފާނުގެ ފެށުމެވެ.

“މަންމާ… މަގޭ ސަބަބުން މަންމައަށް ކިހިނެއް ބާ ވާނީ؟” ޝައުހާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. ރައްޔާން އޭނާގެ މަންމަ ލަމްހާގެ ފަރުވާ ހުއްޓާލަން އަމުރުކުރި ވާހަކަ ހަނދާންވުމުން އޭނާގެ ހިތް ހުއްޓޭ ވަރު ވިއެވެ. ރައްޔާންއަކީ އެއްވެސް ރަހުމެއް ހުރި މީހެއް ނޫނެވެ. އޭނާ ވާސިފްއަށް ހެދި ބިރުވެރި ގޮތް ފެނުމުން، ރައްޔާންގެ ކުރިމަތީގައި އިންސާނެއްގެ ފުރާނައަކީ އެއްވެސް އަގުހުރި އެއްޗެއް ނޫންކަން ޝައުހާއަށް މިހާރު ސައްތައިން ސައްތަ ޔަގީންވިއެވެ. އޭނާ އިނީ ދެން ހަދާނެ ގޮތެއް ނޭނގި، އަމިއްލައަށް ކޮށިވެފައެވެ.

ގޭގެ ފާރުތައް ބޯވެފައި ވަރުގަދަ ނަމަވެސް ބޭރުން ޖަހާ ގަދަ ގުގުރީގެ އަޑުން މުޅި ކޮޓަރި ގުޑައިގެންދާހެން ހީވެއެވެ. ޝައުހާގެ ހިތަށް އެރިއެވެ. މި އެކަހެރި ރަށުގައި އޭނާ މިހާރު މިވަނީ މުޅި ދުނިޔެއާ ވަކިވެފައެވެ. އެހީއަށް އެދި ހަޅޭއްލެވިޔަސް އަޑުއިވޭނެ ހަމަ އެކަކުވެސް ނެތެވެ. ވާސިފްއަށް ވީގޮތެއްވެސް ނޭނގެއެވެ. ދިރިހުރިކަމެއް ނުވަތަ މަރުވީކަމެއްވެސް ކަށަވަރެއް ނޫނެވެ. މިއީ އޭނާގެ ހަޔާތަށް އައި އެންމެ ކަނު، އަނދިރި ރެއެވެ. ވިލާގެ ބޮޑެތި ފޮތިގަނޑުތައް ހީވަނީ ބިރުވެރި ހިޔަނިތަކެއް ހެންނެވެ. އޭނާ އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅުނެވެ، މިއީ ހަމައެކަނި ތޫފާނެކެވެ. ނަމަވެސް ހަގީގީ ތޫފާން އޮތީ ގޭގެ އެތެރޭގައެވެ.

ޝައުހާ ހިތްވަރުކޮށްފައި އޭނާގެ ކޯތާފަތް މައްޗަށް އޮހެމުންދިޔަ ހޫނު ކަރުނަތައް ފުހެލިއެވެ. މިހާލުގައި އިނދެގެން ރޮއި ހިތާމަކޮށްގެން ވާނެ އެއްވެސް ފައިދާއެއް ނެތްކަން އޭނާގެ ބުއްދި ވިސްނައިދިނެވެ. އޭނާ ތުރުތުރުއަޅާ ކަކޫތަކާއެކު ތެދުވެގެން ގޮސް ކޮޓަރީގެ ބޮޑު ކުޑަދޮރު ހުޅުވަން އުޅުނެވެ. ނަމަވެސް އެ ދޮރުތައް ހުރީ ބޭރުން ބޯ ދަގަނޑު ފްރޭމް ޖަހައި ވަރުގަދައަށް ބަންދުކޮށްފައެވެ. އެތަނުން ބޭރަށް ނިކުމެވޭކަށް އެއްވެސް މަގެއް ނެތެވެ.

އޭނާ އެނބުރި ގޮސް ރައްޔާންގެ ކޮޓަރިން އޭނާ ހޯދި ލަމްހާގެ ސިއްރު ސިޓީ ނެގިއެވެ. ސިޓީގެ ތިރީ ކަނުގައިވާ ކުދިކުދި ނަންބަރުތަކަށް (ލެޓިޓިއުޑް އަދި ލޮންގިޓިއުޑް ކޯޑުތަކަށް) ބަލަން އިނެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ މި ކޮޓަރީގެ ފާޚާނާގެ މަތީގައި ހުންނަ ކުޑަ ސީލިންގް ދޮރެވެ. އެއީ ގޭގެ މަތީ ބުރީގެ އެއާކޮންޑިޝަން ހޮޅިތަކާއި ކޭބަލްތައް ހަދަން ބޭނުންކުރާ މަގެކެވެ.

ޝައުހާ އަވަސްއަވަހަށް ފާޚާނާއަށް ވަދެ، ފާޚާނާ ތަށި މައްޗަށް އަރައި، މަތީގައި ހުރި ލަކުޑި ދޮރުފަތް މައްޗަށް ކޮއްޕާލިއެވެ. އޭގެ ތެރެއިން ފެނުނީ ހަނި، އަނދިރި އަދި މަކުނުދާ ފުރިފައިވާ މަގެކެވެ. އެ މަގުން ފިރުކެމުން ހިނގައިގެން ވިލާގެ އެހެން ކޮޓަރިއަކަށް ނިކުމެވިދާނެ ކަމުގެ އުންމީދު އޭނާގެ ހިތުގައި އާލާވިއެވެ. ނަމަވެސް މިވަގުތު އޭނާ އެތަނަށް ވަންނާކަށް ނޫޅުނެވެ. ރައްޔާން ކޮންމެ ވަގުތަކުވެސް ކޮޓަރިއަށް ވަދެދާނެތީއެވެ. އޭނާ ބޭނުންވީ ރައްޔާންގެ ކުރިއަށް އޮތް ފިޔަވަޅަކީ ކޮބައިތޯ ބަލާށެވެ. އޭނާ އެ ދޮރުފަތް މަޑުމަޑުން ލައްޕާލުމަށްފަހު، ފާޚާނާއިން ނިކުމެ އެނދުމަތީގައި އިށީނދެގެން އިނެވެ.

މެންދުރުފަހު ތިނެއް ޖަހާކަން ހާއިރެވެ. ވާރޭގެ ތޫފާން ކުޑަކޮށް މައިތިރިވި ވަގުތު، ބޭރު ފަޅުތެރެއިން ލޯންޗެއްގެ ބާރު އިންޖީނުގެ އަޑު އިވުނެވެ. ޝައުހާ އަވަހަށް ފާޚާނާއިން ނިކުމެ، ކުޑަދޮރުގެ ބިއްލޫރިގަނޑުން ބޭރު ބަލާލިއެވެ. ލޯންޗުން ފޭބީ ކަޅު ކޯޓެއް ލައިގެން ހުރި، މޫނުމަތިން ސީރިއަސް ގޮތެއް ހުރި މީހެކެވެ. އޭނާގެ އަތުގައި ބޮޑު، ބަރު ބްރީފްކޭހެއް އޮތެވެ. އެއީ ރައްޔާން ބުނި ލޯޔަރެވެ. އޭނާ ހިނގާފައި އައިއިރު ކޯޓު ބޭރުން ތެމެމުން ދިޔައެވެ.

ސިޓިންގްރޫމްގެ ބޮޑު ދޮރު ހުޅުވުނު އަޑާއި، ރައްޔާން އެ މީހާއަށް މަރުހަބާ ކީ ބާރު އަޑު ކޮޓަރީގެ ފާރުތައް ފޫދުއްވާލާފައި ޝައުހާއަށް އިވުނެވެ.

“ހުރިހާ ލިޔެކިޔުންތަކެއް ތައްޔާރުތަ؟” ރައްޔާންގެ އަޑުގައި ހުރީ ކެތްތެރިކަން ކުޑަވެފައިވާ ގޮތެކެވެ.

“ލައްބަ ބޮސް. ޝައުހާގެ ބަފާފަރާތުން ލިބެން އޮތް މާލޭގެ ހުރިހާ އަގުބޮޑު ބިންތަކެއްގެ މިލްކުވެރިކަން ކަމާބެހޭ މިނިސްޓްރީން ބަދަލުކުރާ ގޮތަށް ހުރިހާ ގާނޫނީ ކަމެއް ވަނީ ނިމިފައި. މިހާރު މަދުވަނީ ހަމައެކަނި އޭނާގެ އަމިއްލަ ސޮއި،” ލޯޔަރު ޖަވާބުދިނެވެ.

“ވަރަށް ރަނގަޅު. އޭނާ ސޮއިކުރާނެ. ނުކޮށްފިއްޔާ އޭނާގެ މަންމަ މިރޭ ދުނިޔޭގައި ނުހުންނާނެ ކަން އޭނާއަށް އެނގޭ،” ރައްޔާން ނުލަފާ، ހިތްނުބައި ގޮތަކަށް ހީނގަތް އަޑުން ޝައުހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ރައްޔާން އެ އުޅެނީ އޭނާގެ މުޅި މިލްކިއްޔާތު ފޭރިގަންނާށެވެ. ޝައުހާގެ ހިތުގައި ރައްޔާންއާ މެދު އޮތް ކުޑަކުޑަ އުންމީދެއްވެސް މިހާރު މުޅިން ފޮހެވިއްޖެއެވެ.

އަޑުތައް ކޮޓަރިއާ ކައިރިވަމުން އައިސް، ޝައުހާ ހުރި ކޮޓަރީގެ ދޮރުގެ ތަޅުދަނޑި ބާރަށް އަނބުރާލި އަޑު އިވުނެވެ. ދޮރު ހުޅުވުނުއިރު ކުރިމަތީގައި ހުރީ ރައްޔާންއާއި އޭނާގެ ލޯޔަރެވެ. ރައްޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރައްކާތެރި ކާމިޔާބީގެ ކުލަވަރެވެ. ލޯޔަރު މޭޒުމަތީގައި ބޮޑެތި، ރަސްމީ ކަރުދާސްތަކެއް ފަތުރާލިއެވެ.

“ސޮއިކުރޭ، ޝައުހާ،” ރައްޔާން އޭނާގެ އަތަށް ކަޅު ކުލައިގެ ގަލަމެއް ދިއްކުރިއެވެ. “މިއީ ކަލޭގެ މަންމަގެ ފުރާނަ ސަލާމަތްކުރަން ލިބޭނެ އެންމެ ފަހު ސިކުންތުކޮޅު. ސޮއިކުރުމާއެކު އަހަރެން މިހާރުން މިހާރަށް އިންޑިއާގެ ހޮސްޕިޓަލަށް ފައިސާ ފޮނުވާނަން.”

ޝައުހާ ރައްޔާންގެ ދެލޮލަށް ބަލާލިއެވެ. އޭނާއަށް އެނގެއެވެ، ސޮއިކުރުމަށްފަހު އޭނާގެ ބޭނުން މުޅިން ކެނޑޭނެއެވެ. ރައްޔާން އޭނާވެސް ލަމްހާ ފަދައިން ތިންވަނަ ބުރީގެ ކޮޓަރީގައި ހިލިހިލާ އަޅުވައި ބަންދުކުރާނެއެވެ. ނަމަވެސް މިވަގުތު ސޮއި ނުކޮށްފިއްޔާ މަންމަގެ ފުރާނަ ދާނެއެވެ. ޝައުހާ ތުރުތުރުއަޅާ އަތަކުން ގަލަމުގައި ހިފިއެވެ. އޭނާގެ ހިތް ބާރަށް ތަޅަމުން ދިޔައެވެ.

“މަޑުކުރޭ… އަހަރެން ސޮއިކުރާނީ އެއް ޝަރުތެއްގެ މަތިން… އަހަރެން ބޭނުން ސޮއިކުރުމުގެ ކުރިން މަންމައާ ފޯނުން ވާހަކަދައްކަން. މަންމަ ދިރިހުރިކަން އަހަންނަށް ޔަގީންވާން އެބަޖެހޭ،” ޝައުހާ ހިތްވަރުކޮށްފައި ބުންޏެވެ. އޭނާގެ ދެލޮލުން ރައްޔާންއަށް ބަލާލިއިރު ހީވަނީ އާދޭސްކުރާ ހެންނެވެ.

ރައްޔާންގެ މޫނުގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެ، ދެލޯ ރަތްވިއެވެ. “ކަލެއަށް ޝަރުތު ކުރާކަށް އެއްވެސް ހުއްދައެއް ނެތް! އަވަހަށް ސޮއިކުރޭ!” އޭނާ ހަރުކަށިކަމާއެކު ހަޅޭއްލަވައިގަތެވެ. އޭނާގެ އަޑުގައި ހުރީ ނުރައްކާތެރި ތޫނުކަމެކެވެ.

“އެހެންވީމާ އަހަރެން ސޮއެއް ނުކުރާނަން. ކަލޭ އަހަރެން މަރާލިޔަސް އަހަރެންނަށް ފަރުވާލެއް ނެތް،” ޝައުހާ ގަލަން މޭޒުމައްޗަށް ބާރަށް އެއްލާލިއެވެ. އޭނާގެ ހިތްވަރު ފެނި ރައްޔާންވެސް ކުޑަކޮށް ސިހުނެވެ.

ލޯޔަރު ރައްޔާންގެ ކައިރިއަށް ޖެހިލައި، ކަންފަތްދޮށުގައި މަޑުމަޑުން ބުންޏެވެ: “ބޮސް… އޭނާލައްވައި ގަދަކަމުން ސޮއިކުރުވައިފިއްޔާ ފަހުން ކޯޓުގައި މައްސަލަ ޖެހި، ހުރިހާ ބިމެއް އަތުން ބޭރުވެދާނެ. އޭނާ އަމިއްލަ ރުހުމުގައި ކުރި ސޮޔަކަށް ހަދަން އެބަޖެހޭ. އެންމެ ފަހަރަކު ފޯނުން ވާހަކަދައްކުވާލާ.

“ރައްޔާން ފުން ނޭވާއެއްލުމަށްފަހު އޭނާގެ ޖީބުން ބޮޑު ސެޓަލައިޓް ފޯނު ނެގިއެވެ. އޭނާ ނަންބަރަކަށް ގުޅާލުމަށްފަހު، ޝައުހާއަށް ބަލާލަމުން ފޯނު ދިނެވެ. ޝައުހާ އަވަސްއަވަހަށް ފޯނު ކަންފަތުގައި ޖެހިއެވެ. އޭނާގެ ހިތް އުންމީދުން ފުރިގެން ދިޔައެވެ. މަންމަގެ އަޑު އިވޭނެ ކަމަށެވެ.

“ހެލޯ… މަންމާ؟ މަންމާ އަހަރެން މިއީ ޝައުހާ…” ޝައުހާ ރޮމުން ގޮވާލިއެވެ.

ނަމަވެސް ފޯނުގެ އަނެއް ކޮޅުން އިވުނީ މަންމަގެ އަޑެއް ނޫނެވެ. އެއީ އިންޑިއާގެ ހޮސްޕިޓަލުގެ ދިވެހި މެޑިކަލް ކޯޑިނޭޓަރުގެ އަޑެވެ. އޭނާ ވަރަށް ދެރަވެފައި ބުންޏެވެ: “ތިއީ ޒަހުރާގެ އާއިލާ މީހެއްތޯ؟ ވަރަށް ދެރަ ޚަބަރެއް އެބައޮތް. މީގެ ދެގަޑިއިރު ކުރިން ޒަހުރާ ވަނީ ދުނިޔެ ދޫކޮށްފައެވެ. ރައްޔާން ބޮސް ފަރުވާގެ ފައިސާ ދެއްކުން ހުއްޓާލުމުން، އަހަރެމެންނަށް މެޝިންތައް ނިއްވާލަން މަޖުބޫރުވީ. އަހަރެމެން ވަރަށް ހިތްދަތިވެއްޖެއެވެ.”

ފޯނު ޝައުހާގެ ފިނިވެފައިވާ އަތުން ދޫވެ، ތަޅުމުން މައްޗަށް ވެއްޓި ތެޅުނެވެ. އޭނާގެ މުޅި ދުނިޔެ އެނބުރިގަތް ފަދަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ އެއްޗަކީ އޭނާގެ މަންމައެވެ. އެ މަންމަ މިދުނިޔެ ދޫކޮށް ދިޔައީއެވެ. ރައްޔާން އޭނާގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، ބޮޑު މަކަރެއް ހެދީއެވެ. މަންމަ މަރުވީ ރައްޔާން ގަސްތުގައި ފައިސާ ނުދިނުމުންނެވެ. އޭނާގެ ހަށިގަނޑުން ހުރިހާ ބާރެއް ދޫވި ފަދައެވެ.

“ކޯބާ ބޭއްވީ؟ ސޮއިކުރޭ މިހާރު!” ރައްޔާން އަމުރުކުރިއެވެ.

ޝައުހާ މަޑުމަޑުން އިސްއުފުލާލައި ރައްޔާންއަށް ބަލާލިއެވެ. އޭނާގެ ދެލޮލުން ކުރިން ފެންނަމުންދިޔަ ބިރުވެރިކަމާއި، ނިކަމެތިކަން މިހާރު ވަނީ މުޅިން ނެތިގޮސްފައެވެ. އެލޮލުން މިހާރު ފެންނަމުން ދިޔައީ ނަފުރަތާއި ބަދަލުހިފުމުގެ ގަދަ އަލިފާނެވެ. މަންމަ ނެތް ދުނިޔެއެއްގައި އޭނާ ރައްޔާންދެކެ ބިރުގަންނަންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާގެ ކޮންމެ ލޭގެ ތިއްކެއްގައި ރައްޔާންއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ޖޯޝް އުފެދުނެވެ. އޭނާގެ މޫނުމަތިން ފެނުނީ މަރުގެ ކަނޑެއް ފަދަ ހިމޭންކަމެކެވެ.

“އަހަރެން ދުވަހަކުވެސް… މި ބިންމަތީގައި ދިރިހުރިހާ ހިނދަކު ކަލެއަށް ބިން ރަޖިސްޓަރީ ކުރާކަށް ސޮޔެއް ނުކާރާނަން!” ޝައުހާ ހަޅޭއްލަވައިގަތެވެ. އަދި މޭޒުމަތީގައި ހުރި ގާނޫނީ ކަރުދާސްތައް ނަގައި، ރައްޔާންގެ މޫނުމައްޗަށް އެތައް ބަޔަކަށް ވީދާލާފައި އުކާލިއެވެ. ކަރުދާސްތައް ކޮޓަރި ތެރެއަށް ބުރައިގެން ދިޔައީ ހުދު ކޮކާތަކެއް ފަދައިންނެވެ.

ރައްޔާންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. އޭނާ ހީވީ ވަލު ޖަނަވާރެއް ހެންނެވެ. އޭނާ ޝައުހާގެ ކޮލުގައި ބާރަށް ޖެހިއެވެ. ޝައުހާ ވިއްސައިގެން ގޮސް ވެއްޓުނީ އެނދުމައްޗީށެވެ. އޭނާގެ އަނގަމަތިން ލޭ ހިލުނެވެ. އޭނާގެ ބޯ އެނދުގެ ދަގަނޑު ކަނުގައި ޖެހި ބާރު އަޑެއް ނިކުތެވެ.

“ކަލޭ ހީކުރީ މަގޭ އަތުން ސަލާމަތްވެވޭނެ ކަމަށްތަ؟ ލޯޔަރު… ކަލޭ މިހާރުން މިހާރަށް ލޯންޗަށް އަރައިގެން މާލެދޭ. އަހަރެން މިއޭނާލައްވައި ސޮއިކުރުވާނެ ގޮތް ވަރަށް ފުރިހަމައަށް ދަންނަން،” ރައްޔާން ލޯޔަރު ކޮޓަރިން ނެެރެ، ބޭރުން ދޮރު ބާރަށް ލައްޕައި ތަޅުލިއެވެ.

ޝައުހާ އަނގަމަތިން އައި ހޫނު ލޭތައް ހެދުމުގެ ފަސްބައިން ފުހެލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމުގެ ބަދަލުގައި އުފެދުނީ އާ ހިތްވަރެކެވެ. އޭނާ ތެދުވެ، ފާޚާނާއާ ދިމާލަށް މިސްރާބުޖެހިއެވެ. މަތީ ސީލިންގުން ނިކުމެ، ލަމްހާ ސަލާމަތްކޮށް، ރައްޔާންގެ މި އަނދިރި ރޭވުންތައް ބޭޒާރުކޮށްލަން އޭނާ ހިތުގެ އަޑިން އަޒުމް ކަނޑައެޅިއެވެ. މިއީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ހަނގުރާމައިގެ ފެށުމެވެ. އޭނާގެ ހަށިގަނޑަށް ލިބުނު ތަދަށްވުރެ ހިތަށް ލިބުނު ވޭން މާ ބޮޑެވެ.

ބޭރުން ރައްޔާން ކޮންމެވެސް މީހަކާ ފޯނުން ވާހަކަދައްކަމުން ހަޅޭއްލަވާ އަޑު އިވުނެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. ޝައުހާ ބޭކާރުކޮށްލާނެ އެއްވެސް މިނިޓެއް ނެތެވެ. އޭނާ އަވަހަށް ފާޚާނާއަށް ވަދެ، ތަށިމައްޗަށް އަރައި، މަތީގައި ހުރި ސީލިންގް ދޮރުފަތް އަލުން ހުޅުވާލިއެވެ. އެ އަނދިރި ހަނި ގޮޅީގެ ތެރެއަށް އޭނާގެ ދެއަތް ލައި، މުޅި ހަށިގަނޑު މައްޗަށް ދަމައިގަތެވެ. އޭނާގެ ހަދުމުގެ ބައެއް ތަންތަން ސީލިންގްގެ ދަގަނޑުތަކުގައި އަޅައި ވީދިގެން ދިޔައެވެ.

ސީލިންގްގެ ތެރޭގައި ވަނީ ގަދަ ހިރަފުހާއި މަކުނުދަލެވެ. ނޭވާލާން އުނދަގޫވި ނަމަވެސް، އޭނާ ކަކޫ މަތީގައި ފިރުކެމުން ކުރިއަށްދާން ފެށިއެވެ. އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލެވިފައި އޮތީ ހަމައެކަނި ލަމްހާގެ އެ ސިއްރު ސިޓީއެވެ. އޭނާ ބޭނުންވީ ރައްޔާންގެ އޮފީސް ކޮޓަރީގެ މަތިން ލާފައި ގޮސް، އެތަނުން ރައްޔާން ފޮރުވާފައިވާ އެހެން ސިއްރުތައް ހޯދުމަށާއި، ތިންވަނަ ބުރިއަށް އަރާނެ މަގެއް ހޯދާށެވެ. ވާރޭގެ ބާރު އަޑާއެކު އޭނާ ފިރުކޭ އަޑު ތިރިއަށް އިވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. މަންމަގެ ފުރާނަ ދުއްވާލި އަނިޔާވެރި ރައްޔާންއަށް ހައްގު އަދަބު އޭނާ ހޯދައިދޭނެއެވެ. އޭނާ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދިޔައީ އަނދިރިގަނޑުގެ ތެރޭގައެވެ.

ޝައުހާ ސީލިންގް ތެރޭގައި ފިރުކެމުން ދިޔައިރު، އޭނާއަށް ތިރިން ރައްޔާން ހިނގާ ބާރު ފިޔަވަޅުތަކުގެ އަޑު އިވެއެވެ. ރައްޔާން ހުރީ ސިޓިންގްރޫމްގައެވެ. އޭނާ ކޮންމެވެސް މީހަކަށް ފޯނުން އަމުރުކުރަމުން ދިޔައެވެ: “އާދޭސްކޮށްފައި މި ބުނަނީ، މާދަމާ ހެނދުނު އެހެން ލިޔުންތަކެއް ހިފައިގެން އާދޭ. އޭނާލައްވައި ސޮއިކުރުވާނެ އެހެން ގޮތެއް އަހަރެން ހޯދާނަން.”

ޝައުހާގެ ހިތް ބުންޏެވެ، އޭނާއަށް އޮތީ ހަމައެކަނި މިރެއެވެ. މާދަމާ ހެނދުނު ވެއްޖެއްޔާ ރައްޔާން އޭނާއަށް ކޮންމެ ފަދަ ލަނޑެއްވެސް ދީފާނެއެވެ. އޭނާ ކުރިއަށް ފިރުކެމުން ގޮސް، ރައްޔާންގެ ރަސްމީ އޮފީސް ކޮޓަރީގެ މައްޗަށް ހަމަވިއެވެ. އެތަނުގެ ސީލިންގްގައި ހުރި ކުޑަ ބާގަނޑަކުން އޭނާ ތިރި ބަލާލިއެވެ.

އޮފީސް ކޮޓަރި އޮތީ ހުސްކޮށެވެ. ރައްޔާން ހުރީ ބޭރުގައެވެ. ޝައުހާ މަޑުމަޑުން ސީލިންގްގެ ދޮރުފަތް ކޮއްޕާލުމަށްފަހު، އޭނާގެ ފައި ތިރިއަށް އެލުވާލިއެވެ. އޭނާ ހިތްވަރުކޮށްފައި ތިރިއަށް ފުންމާލިއެވެ. އޭނާ ވެއްޓުނީ ރައްޔާންގެ ބޮޑު މޭޒުމައްޗަށެވެ. އެއްވެސް އަޑެއް ނުލައި އޭނާ މޭޒުމަތިން ބިމަށް ފޭބިއެވެ. އޭނާގެ ކުރިމަތީގައި މިހާރު އޮތީ ރައްޔާންގެ ސޭފެވެ. އޭނާ ބޭނުންވީ އެތަނުން ހަތިޔާރެއް ނުވަތަ ލަމްހާގެ ހިލިހިލާ ނައްތާލެވޭނެ އެއްޗެއް ހޯދުމަށެވެ. އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ ކޮންމެ ފަދަ ނުރައްކަލަކާވެސް ކުރިމަތިލާން ތައްޔާރަށް ހުރި ކަމުގެ އަސަރުތަކެވެ.

ނުނިމޭ ……..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Aami

    VARAH REETHI

    1. Raya.aaaaa
      Aami

      Thank youuuuuuu 🥹

  2. Shaba_17

    Mi part ves vrh Rythi MA 🖤✨
    Alhey rayyaan Haadha bad eyyy 😭
    Shauha fakeerah Ehen nuhadhaga lamha ah vx 💔
    Eynaa ge hithuge rahumeh kuluneh vx nethehnu 🙄
    Anmaa Shauha ge Mamma vx maru V no way 💔😭
    Shauha Mamma ah insaafau hoadha dheythi!!!!
    Curiously waiting for the next part When’s next?
    Ly and Tc 💗

    1. Raya.aaaaa
      Shaba_17

      Thank youuuuuuu sooo much shaba ☺️🫶🏻
      Yeaa Rayyaan haadha bad ey dhww…..
      Shauha and lamha ah vaagoi balama hingaa dhww 😢
      IA vrh avahah kiyaalan libeyne 😊
      Inthizaaru kohla!
      Lym and u also tc 🫶🏻🫀

  3. Nuha.aaaaa

    Wow what a interesting part 😲💕
    Rayyan haadha goahey 😢
    Curiously waiting for the next part…..when nxt
    Lysm and tgc 🖤✨

    1. Raya.aaaaa
      Nuha.aaaaa

      Thank youuuuuuu nuha🥹🫶🏻
      Yeaa Rayyaan soo bad dhww😞
      IA vrh avahah next part kiyaalan libeyne…
      Inthizaaru kohla!
      Lym and u also tgc 🫶🏻🫀

  4. Anonymous 2

    Reethi 👍❤️

    1. Raya.aaaaa
      Anonymous 2

      Thank youuuuuuu 🥹🫶🏻

  5. lara_11

    WOW WOW vrh reeeethiiii i cant believe this story will be this gud
    ma rovige finally she will gonna do something omg
    when next i cant wait ti read i swear

    1. Raya.aaaaa
      lara_11

      Alhey vrh happy vehjje rythi kan inguneema ☺️..
      Let’s see dhww what is she going to do …
      IA vrh avahah kiyaalan libeyne..
      Inthizaaru kohla 😀🫶🏻

  6. Ikaan_22

    Omg this part is on fire…..
    Aslu vess haadha reechey mi part 😍
    Very interesting 🤔
    When next????
    Lysm and Tc 💓✨

    1. Raya.aaaaa
      Ikaan_22

      Awwn Thank youuuuu so much ikku 🥹🫶🏻…
      Varah avahah IA…..
      Inthizaaru kohla!
      Lym and u also tc 🫶🏻🫀

  7. nee

    Vv Nice 🤗

    1. Raya.aaaaa
      nee

      Thank youuuuuuu 🫶🏻

Comments are closed.