ދޫކޮށްފަ މި ހިތް ދިޔުމުން ރޮވޭނެ!
އެއް މަސް ނުވެއެވެ. ނަމަވެސް އެ އަނދިރި ދުވަސްތަށް ނިމުމަކަށް އައި އިރު ހިތަށް ލުއި ކަމެއް ލިބިއްޖެއެވެ. އެ ދުވަސްތަށް ހަނދާނަށް އައުމުން އަހަރެންގެ ހިތް ނުތަނަވަސް ވެއެވެ. ހިތަށް އުނދަގޫ ވެއެވެ. ހިތުގައި ރިއްސައެވެ. ބުނެދޭން ނޭނގޭ ވޭނެއް މުޅި ހަށިގަނޑަށް ވެރިވެއެވެ. ދެލޯ ކަރުނައިން ފުރިދެއެވެ. ގައިގެ ވަރު ދޫވެއެވެ. މީހުން ބުނާތީ އަހަމެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. އަންނާނީ އަޑިގަނޑަކަށް ފަހު އުސްގަނޑެކެވެ. ހިތާމަ އަކަށް ފަހު އުފާވެރި ކަމެވެ. އަހަންނަކީ މީގެ ކުރިން ދުވަހަކުވެސް ކަމަކާ ފިކުރެއް ކުރަން ޖެހުނު ކުއްޖެއް ނޫނެވެ. އަހަރެން މިހާ ދުވަހު ދިރިއުޅެމުން އައީ މިނިވަން ދޫންޏެއް ފަދައިންނެވެ. ދުވެ މަޖާ ކުރުމާ، ހީ ސަކަރާތް ޖެހުމުގައި ރޭދުވާ ހޭދަވެ ދާގޮތް އޭރު ނުވެސް އެނގެއެވެ. އެ މިނިވަންކަން އަޅުވެތިކަމަށް ބަދަލު ކޮށްލީ ވެސް އަހަރެންގެ އަމިއްލަ ދެ އަތުންނެވެ.
އަހަރެންގެ ހަޔާތަށް ވެސް މީހަކު އައެވެ. ފުރާނަ އަށް ވުރެ ވެސް ބޮޑަށް ލޯބިވީމެވެ. ހަޔާތުގަ ވެސް އެހާ ވަރަށް އަހަރެން މީހެއް ދެކެ ލޯތްބެއް ނުވަމެވެ. ޒާން އަށްޓަކައި އަހަރެން އަހަރެންގެ އެކުވެރިންތަށް ދޫކޮށްލީމެވެ. އެކުވެރިން ދޫކޮށްލަން ބުއިން ސަބަބެއް އަހަރެންނަށް އަދި އަދާ ހަމައަށް ވެސް ނޭނގެއެވެ. ޖަވާބު ނުލިބޭ އެތަށް ސުވާލުތަކެއް ހުރި ނަމަވެސް އަހަރެން ޒާން ބުނިއްޔާ ބުނިހާ ގޮތެއް ހެދީމެވެ. ލޯބިވާތީއެވެ. އެއްވެސް ކަމަކާ ހުރެ ޒާން ގެއްލެން ބޭނުން ނުވާތީއެވެ. އަހަރެން ހުރީ ޒާން ގެ އަވައިގައި ރަނގަޅަށް ވެސް ޖެހިފައެވެ. ޒާން ގެ ދިރިއުޅުމުގެ ވައްޓަފާޅީގެ އިތުރުން ޒާންގެ އަމިއްލަ ނަފްސުވެސް އަހަންނަށް އޮޅުވާލީއެވެ. ޒާން އަހަންނަަށް ބޭވަފާތެރިނުވާނެކަން ޔަގީން ކުރެވުންވީ އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށެވެ.
ޒާން މާލެ ގޮސް އެހެން އަންހެން ކުއްޖަކާ ގުޅުން ބާއަވާކަން އެނގުނު ވަގުތުވީ އަހަރެންގެ ދިރިއުޅުމަށް އައި ބޮޑު ޒަލްޒަލާއަކަށެވެ. ބަގީޗާ އެއްގައި ފޮޅިފައިވާނީ އެންމެ މަލެއް ނޫނެވެ. އެހެނަސް ފެންނަ ކޮންމެ މަލަކުން ފޮނި ބޯކަށް ނުޖެހެއެވެ.މަދުމަދުން ނަމަވެސް ހިތަށް ކުރަމުން ދިޔަ އަނިޔާގެ ސަބަބުން އަހަރެންނަށް ވަނީ ފިލައިގެންނުދާފަދަ ތަދުތަކާއި ލަކުނުތައް ހަށިގަނޑުން ފިލާނުގޮއްސައެވެ. އަހަރެން ޒާން އާ ދުރުވާން ނިންމީ ސަބަބެއް ނެތިވެ އެއް ނޫނެވެ. ނަމަވެސް އެކަމަށް ޒާން ދިނީ ބީރު ކަންފަތެކެވެ. ދެން ކުރަން ފެށިކަމަކީ އަހަރެންނަށް ފެންނަހެން އެ އަންހެން ކުއްޖާ އަށް ލޮބީގެ މެސެޖު ފޮނުވުމެވެ. އަހަރެންގެ ހިތް ރޮއްވުމެވެ. ރައްޓެހިންނާ ބައިވެގެން އަހަންނަށް މަލާމާތް ކުރުމެވެ. އިންސާނަކަށް ކެތްކުރެވޭނީ ވެސް ވަކި ވަރަކަށެވެ. އެތަށް އަނިޔާތަކެއް ދިން އިރުވެސް އަހަރެން ކެތް ކުރީމެވެ. ލޯބިވީލެއް ބޮޑު ކަމުންނެވެ. ނަމަވެސް ޒާން އަހަންނަށް ހިތުން ނުފިލާ ވަރުގެ ފިލާވަޅެއް ދީފިއެވެ.
ފިރިހެނުން މަތިން ވެސް ފޫހި ވީއެވެ. ހުރިހާ އެންމެން އެއްގޮތެއްވެސް ނުވާނޭ ބުނާ އަޑު އަހަރެން ވެސް އަހަމެވެ. ނަމަވެސް އެންމެ ހީނުކުރާ މީހާ ވެސް އަހަންނަށް ދިނީ ކެއްސެވެ. ދިނީ ވޭނެވެ. އެވަރުންވެސް އަހަރެންނަށް ޒާން ގާތުގައި ކުރެވުނީ އާދޭހެވެ. ކޮންމެ ހާލެއްގައި ވެސް އަހަރެން ޒާން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ހަޔާތް އަލިފާނަށް ލައިން އަހަންނަށް ވަނީ ކޮން ފައިދާ އެއް ހެއްޔެވެ؟ޒާން އަށް އަހަރެން ނުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ. މީހަކަށް ދެވޭނެ އެންމެ ފުރިހަމަ ލޯބި އަހަރެން ޒާން އަށް ދިނީމެވެ. ބަދަލުގައި ޒާން އަހަރެންގެ ހިތް ކަފުނަށް ލިއެވެ. މީހަކަށް ދޭނެ ލޯތްބެއްވެސް އަދި އިތުބާރު ކުރާނެހާ ހިތް ވަރެއްވެސް އަހަރެންގެ ނެތެވެ. ލޯބި ވުމަކީ ކުށެއް ހެއްޔެވެ؟ ޒާން އާ ދޭތެރޭ އަހަރެން އެއްވެސް ހިތް ބުރަ ކަމެއް ނެތެވެ. ނަމަވެސް އެ ސޫރަ ދެކޭކަށް މި ހިތެއް ދުވަހަކުވެސް ނޭދޭނެއެވެ.
