Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެން

ސަންޑޯ މަސައްކަތުން ތިމާގެ ހަށިގަނޑު ރީތި ކުރާނެ ގޮތް!

leafy Level 210 Stories100 Login
July 26, 2026 4 Mins Read
0 Comments

(މި ލިޔުމުން އެއްވެސް ބަހަކީ މަލާމާތަށް ލިޔުނު ބަސްތަކެއް ނޫންކަމުގައި ދަންނަވަން! މި ލިޔުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްބަހުގެ އިނގިރޭސި ލަފުޒުވެސް ލިޔުމުގެ ދަށުން ފެނިލައްވާނެ ވާހަކަ ދަންނަވަމެވެ!)

ބަނޑެއް ލީ ވާހަކަ ދިމާލަށް ބުނުމުން އެއީ ވަރަށް އިހުތިރާމު ކުޑަ ގޮތެކެވެ. ނަމަވެސް އާއިލާ މީހަކު ބުނުމުން އެއީ ކަމަކަށް ނަހަދާ ދޫކޮށްލާ ކަމެކެވެ. ގިނަ ފަހަރު މީހަކު ނުފެނި ގިނަ ދުވަސްވެ ފެނުމުންވެސް މި ބަސް ބޭނުން ކުރެއެވެ. “ހާދަ ފަލަވެއްޖޭ!” ދުރުތާކު އުޅެފައި ރަށަށް އައުމުން މީހުން ކިޔާ އަޑު އިވޭނީ މި ބަހެވެ. ނަމަވެސް މީގެ އިދިކޮޅު ބުނުވަންވެސް މަސައްކަތް ކުރެވިދާނެއެވެ. ކަސްރަތު ބިނާއަށްގޮސް ބޮޑެތި ކަސްރަތާއި ކެއުން ރޭވުމަކުން ތިމާ ނުހިކޭނެއެވެ. ހިކޭނީ މުޅިއެކު ތިމާގެ ކެއުމާއި އުޅުމަށް ބަދަލު ގެނެސްގެންނެވެ. ހިތްވަރު ހުރި މީހަކަށް ސަންޑޯ މަސައްކަތުން ހަށިގަނޑު އެއް ވަރެއްގައި ބެހެއްޓޭނެއެވެ. އެންމެ ފުރަތަމަ ހުއްޓުން ގެންނަންވީ ހަކުރު ހުރި ކާނާ ތަކެވެ. އެއަށްފަހު ކާ މިންވަރު ބަދަލު ކުރަން ފެށުމެވެ. އަދި ކަސްރަތުގެ ލުއި ވައްތަރެއް ކުރަން ފެށުމެވެ. މީގެ އިތުރުން ތިމާގެ ސިކުނޑީގެ ވިސްނުން ބަދަލުވެސް ކުރަން ޖެހެއެވެ. ވީމާ މި ލިޔުމުން ތިޔަ އެންމެހާ ބޭފުޅުންނަށް އަޅުގަނޑު އިރުޝާދު ދޭނީ ތިމާގެ ހަށިގަނޑު ރީތި ކުރުމަށް ސަންޑޯ މަސައްކަތް ކުރާނެ ގޮތުގެ މައްޗަށެވެ.

އަބަދު ހިތުގައި ހަކުރަށް ލޯބި އޮންނަނަމަ، އެ ޖަޒުބާތުތައް ރުޅިއަށް ބަދަލު ކުރާށެވެ! މި ލިޔުން ކިޔާއިރު މިހާރުވެސް ތިޔަ ބޭފުޅާ ހަކުރު ހުރި އެއްޗެއް ކައިފައިވާ ކަމާއި މެދު ޝައްކެއް ނެތެވެ. އެއީ ދިވެހީންގެ ތެރޭގައި އާދަވެފައިވާ ކަންތައްތަކެވެ. ފިހާރައިގަ ލިބެން ހުންނަ ލުއިކާ އަކީ ދެ ބައި ކުޅަ އެއްބައި ހަކުރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެންމެ ފުރަތަމަވެސް ފިހާރަ ލުއިކާ ތަކާއި ދުރުވާށެވެ! އެފަދަ އެއްޗެހި ކެއުން އެއްކޮށް ހުއްޓާލުމުން ދުވަސްކޮޅެއް ވާންދެން ފޮނި ތަކެތި އިތުރަށް ކާ ހިތްވާނެއެވެ. ނަމަވެސް އެހެން ކަމަކަށް ސަމާލުކަން ގެންދިޔުމުން ކާ ހިތް ފަހަރުގައި ކެނޑިދާނެއެވެ. ކޮންމެ އެއްޗެއްގައިވެސް ކަނާދުގެ މައުލޫމާތު ހިމެނިފައި ވާނެއެވެ. ތިޔަ ގަންނަ ކޮންމެ އެއްޗެއްގެ އުރައިގެ ފަހަތުގައި މި މައުލޫމާތު ޗާޕު ކުރެވިފައި ހުންނާނެއެވެ. ހަކުރު، ސަރުބީ ހުންނަ ކާނާތަކަކީ ބަނޑުލުމަށް ތިމާގެ ޗިސްމެއާ ސަލާންކޮށްކޮށް ތިބޭ އެއްޗެކެވެ. ކޮންމެ ފަހަރަކުވެސް ކާލާ އެއްޗަކުން ހަކުރު މައްޗަށް އަރައެވެ. ހަކުރު ދަށްވާން ހެދުމުން އަނެއްކާވެސް އެ ފަދަ އެއްޗަކުން ބަނޑު ފުރަން ސިކުނޑި ބޭނުންވާނެއެވެ. ހިތްވަރާއެކު އަޒުމު ވަރުގަދަކޮށް އެފަދަ ތަކެއްޗާ ދުރުވާށެވެ! ހަކުރު ބަލި ފަދަ ބަލިތަކަށް މަގުފަހި ކުރުވަނީވެސް މިފަދަ ކާނާ ތަކުންނެވެ. ކުނިކިރު ފަދަ އެއްޗެހިވެސް ގަންނައިރު ގިރީކު ކުނިކިރު ނޫނީ ހުތްކިރު ގަތުމަށް އިސްކަންދޭށެވެ. ރަހަލައްވާފައިވާ ކުނިކިރު ބޭނުން ނުކުރާށެވެ! ކޮންމެ މަރުކާއެއް ވިޔަސް ތަށީގެ މެދަށް ހުންނާނީ ހުސް ހަކުރެވެ. ހަކުރަކީ ދެވިހިފާ އެއްޗެކެވެ. އެހެން ނަމަވެސް ފާރޮށިގެ ތަކުގައި ފުޅާ ދާއިރާއެއްގައި ހަކުރު ބޭނުން ކުރާތީވެ، އެވާހަކަ ވައިގައި ނުހިފަނީއެވެ. ވުމާއެކު ހަކުރު ހުންނަ ފޮނި ކާތަކެތި ކެއުން އެއްކޮށްހެން ހުއްޓާލާށެވެ!

ކެއުމުގައިވެސް ހައްދެއް އޮވެއެވެ. ހަށިގަނޑަށް އޮބި ނޯންނަ ވަރަކަށް ކައި ހެދުމީ އޭގެ ގެއްލުން ފެންނާނޭ ކަމެކެވެ. މާތްވެގެންވާ އިސްލަމު ދީނުގައިވެސް ކެއުމަށް އަމުރު ކޮށްފައި ވަނީ ހަށިގަނޑު ކޮޅަށް ހުރެވޭ މިންވަރުންނެވެ. މިހާރު ކައި އުޅޭ މިންވަރު ބަލާށެވެ! މިހާރު އިރަކަށް ތިން ސުވާ ބަތް ކާނަމަ ދެސުވައަށް މަދު ކުރާށެވެ! މަހުގެ ބާވަތެއް ނޫނީ ކުކުޅު ބިސް ބޭނުން ކުރާށެވެ! ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުން ކުރާ ބައި ލިބެނީ މަހުގެ ބާވަތްތަކުން ކަމުގައި ވާތީއެވެ. ތެޔޮ ހުންނަ ކާތަކެއްޗާ ދުރުވާށެވެ! ގަހުވަޚާނާ ތަކާއި ކާނާވެނި ފަދަ ތަންތަނުން ހެދިކާ، ތެޔޮލައިގެން ހަދާފައި ހުންނަ ކާތަކެތި ކެއުން ހުއްޓާލާށެވެ! ކެއުމުގެ މިންވަރު މަޑުމަޑުން މަދުކުރަން ފަށާށެވެ! އެއްފަހަރާ ކެއުން އެފުށް މިފުށަށް ނުޖަހާށެވެ! އޭރުން ގޮހޮރުގައި ހުންނަ ހަތާރު ތަކަށް ތަފާތު ކާނާއިން ކަނާދުތައް ނެގުމަށް އުނދަގޫ ވާނެއެވެ. އެއްގޮތަކަށްވެސް ތަރުކާރީ ނުކާނަމަ، އެއް އިރު ކެއުމުގައި ކެރެޓު، ބޮނޑިކޮޕީ، ވިލާތުބަށި ފަދަ އެއްޗެއް ތަޢާރަފު ކުރާށެވެ! އެއަށްފަހު ބަތް ނޫނީ ރޮށި މަދުކޮށް ތަރުކާރީ އިތުރު ކުރާށެވެ! ނޫނީ އާންމުކޮށް ކާ މިންވަރަށްވުރެ ކެއުން މަދު ކުރާށެވެ! ބަތާއި ރޮށްޓަކީ ހަކުރު ފުދޭވަރަކަށް ހުންނަ އެއްޗެއްސެވެ. މިފަދަ ކާނާ ކެއުމުގައި ހައްދެއް ގެންގުޅޭށެވެ! ގޮވާމުގެ ބާވަތްތަކަކީ ހަކުރު މަތިކުރާ ތަކެއްޗެވެ. ބޮޑަށް ތަރުކާރީ މޭވާ އަދި މަހުގެ ބާވަތްތައް ބޭނުން ކުރެވޭތޯ ބަލާށެވެ! ގޮވާމުގެ ބާވަތްތައް މަދު ކުރާށެވެ! މޭވާގައި ފަނިގިރައިގެން ބުޔުމަށްވުރެ ތޮށިނޮޅައިގެން ކާށެވެ! އޭރުން ހަކުރު ކުއްލިއަކަށް މައްޗަކަށް ނާރާނެއެވެ. ކެއުމުގައި ހަށިގަނޑަށް ފުދޭ ވަރަށް ކާށެވެ! މިންވަރު ބަލައިގެން މަދުކުރަމުން ދާށެވެ! އޭރަށް ހަށިގަނޑަށް ފަސޭހަވެސް ވާނެއެވެ. ކާ މިންވަރަށް ބަދަލު ގެނެވުމުން ތިމާގެ ހަށިގަނޑު އިތުރަށް ފަލަވުން ހުއްޓުވޭނެއެވެ.

ކެއުން ރަނގަޅު ކުރުމަށްފަހު ދެން ވިސްނަންވީ ލުއި ކަސްރަތެއް ކުރުމަށެވެ! ބުރަކޮށް ވަޒީފާ ތަކުގައި އުޅޭ މީހުން ގެއަށް އައިސް އާއިލާއަށް އޮންނަ ވަގުތު ކުޑަކަމަށް ޝަކުވާ ކުރެއެވެ. އެއީ ސިކުނޑި ގާވާ ވަރަށް ދެލޯ ފޯނުގެ އިސްކިރީނުގައި ތަތްލާފައި ވާތީއެވެ. އެ އިސްކިރީނަށް ބެލުން މަދު ކުރުމަށް އާއިލާ ހުރިހާ އެންމެން ގޮވައިގެން ހަވީރީ ހިނގުމަކަށް ދާށެވެ! އޭރުން ދެކަންތައްވެސް އެއްފަހަރާ ކުރެވުނީއެވެ. އާއިލާއާއެކު މޫދަށް ދާށެވެ! ނުވަތަ ކުދިންނާއެކު ދުވެލަންވެސް ދާށެވެ! އޭރަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކުދިންނަށްވެސް އަމަލީ ގޮތުން އިރުޝާދު ދެވުނީއެވެ. ތިމާގެ އާއިލާ ކުރަން ފެށުމުން އެހެން މީހުންވެސް އެކަމުގައި ބައިވެރިވާނެއެވެ. ކޮންމެ ދުވަހަކުވެސް ތިރީސް މިނިޓު މަދުވެގެން މިފަދަ ސަންޑޯ މަސައްކަތެއް ކުރާށެވެ! ސަންޑޯ މަސައްކަތުން ފައިދާ ލިބިގަތުމަށް ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުން މުހިއްމެވެ. ކުރާހިތްވާ މޫސުން އައުމުން ކުރަން ހުރެގެން އެކަމެއް ނުވާނެއެވެ. ސައިކަލުގައި ތަންތަނަށް ދިޔުމަށްވުރެ ހިނގާފައި ދިޔުން އިސްކުރާށެވެ! ދޭތެރެ ދޭތެރެއިން ބަރު އެއްޗެހި ހިފާށެވެ! ފޯނުގައި ހުރެގެންވެސް ގޭތެރޭގައި ބުރު އަޅަމުން ހިނގާށެވެ! އެއީވެސް ކަސްރަތެވެ. ލަވައަށް ޝައުގު ހުންނަނަމަ އެ އަޑުއަހަމުންވެސް ކަސްރަތު ކުރެވޭނެއެވެ. ބޭނުންނަމަ ކަސްރަތަށް ނަޝަންވެސް ނަށާށެވެ! ވަގުތެއް ލިބޭރަށް ފޯނުން ހަރަކާތްކުރާ ތަސްވީރުތައް ބެލުމަށްވުރެ ހަށިގަނޑު ހަރަކާތް ކުރެވޭފަދަ ކަމެއް ކަުރާށެވެ! ކޮޓަރިތެރެ ސާފު ކުރާށެވެ! ފާހާނާވެސް ސާފުކޮށް ހަޑިތައް ފިލުވާށެވެ! ހިއްލާ ކޮންމެ ދަލަކީ ސަންޑޯ މަސައްކަތުން ވާ ކަންތައްތަކެވެ. ނަމަވެސް މިފަދަ ހަރަކާތަކަށްފަހު ދެ ދަޅު ހަކުރު ނުބޯށެވެ! މާނައީ ހަކަތަ ލިއްބައިދޭ ވިއްކަން ހުންނަ ދަޅުތަކާވެސް ދުރުވާށެވެ! ތިމާގެ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ހިފުމަށް ލުއި ކަސްރަތެއް ކުރުމަށް އާދަ ކުރާށެވެ!

ކެއުމަށް ބަދަލުގެނެސް ކަސްރަތު ކުރަން ފެށިޔަސް އޭގެން ފައިދާއެއް ކުރާނީ ތިމާގެ ވިސްނުންވެސް ބަދަލު ކޮށްގެންނެވެ. އެގޮތުން ތާކުން ފެންނަ މީރުހާ ކާ އެއްޗެއް ނުކާށެވެ! ތިމާގެ ވިސްނުން ދާހާ ތާކަށް ހަށިގަނޑު ގެންދާކަށް ނުޖެހޭނެއެވެ. ރައްޓެއްސަކު ފޮނުވާ މަންޒަރަކުން ތިމާ ހައިވެގެން އެ ކާކަށް ނުޖެހޭނެއެވެ. ތިމާ ބަދަލުކޮށް މަދު ކުރަމުން އައި ކެއުން އެއްގޮތަކަށް ހިފަހައްޓާށެވެ! ފެންނަހާ ކަފި މަގުތަކަށް ނުދާށެވެ! ސީދާ ލަނޑުދަނޑިއަށް ވާސިލުވުމަށް އޮތް މަގުގައި ހިނގާށެވެ! އެކައްޗެއް ކައި ފޫހިވުމުން ތަފާތު ކޮށްލުމަށް އެހެން ބާވަތެއް ބޭނުން ކުރާށެވެ! އަމިއްލައަށް ކައްކައިގެން ކާށެވެ! މިހާރު ވިރަވެގެން އުޅޭ މަކަރަށް ފޮނި ނުވަތަ ތެޔޮ އެއްޗެއް ކެއުމަކީ ސިކުނޑިއަށް އޭގެ ގެއްލުން ފޯރާނެ ކަމެކެވެ. އޭގެ ސަބަބުން ‘ޑޯޕަމީން’ ދޫކުރުމަށް ބަދަލު އަންނާނެއެވެ. މީގެ ސަބަބުން އެފަދަ ތަކެތި ގިނައިން ކާން ބޭނުންވާނެއެވެ. ދެން ކުރިހާ މަސައްކަތެއް ކީހާ ޅެން ފަރިއްސައް ވާފަދައިން ވެދާނެއެވެ. ވިސްނައިނުލާ ކެވޭ އެއްޗަކުން ކުރިހާ މަސައްކަތް ފެނަށްވުން އެކަށީގެންވެއެވެ. އެހެންކަމުން ތިމާގެ ވިސްނުން ބަދަލު ކުރުމަކީ ކުރެވޭ ސަންޑޯ މަސައްކަތާއި، ކެއުމަށް ގެނެވޭ ބަދަލު ކައްޓާއިން ދައްކުވައިދޭން ބޭނުންވާ މުހިއްމު އެއްޗެކެވެ.

ސަންޑޯ މަސައްކަތުން ފައިދާއެއް ފެންނާނީ ކެއުމާއި ވިސްނުން ވެސް ތަރައްގީކޮށް ބައްޓަން ކުރުމުންނެވެ. އެގޮތުން ހަމައެކަނި ކަސްރަތު ކުރިއަސް ކެއުން ބަދަލު ނުވާނަމަ އޭގެން ފޮނި ނަތީޖާއެއް ނުދައްކުވާނެއެވެ. ހަކުރާއި ތެޔޮފަދަ ލުއިކާ އެއްޗެހިތައް އެއްކޮށްމެ ހުއްޓާލާށެވެ! ކެއުމަށް ބަދަލު ގެނެސް ހިނގުން، ފެތުން، ދުވުން ފަދަ ކަސްރަތެއް ކުރާށެވެ! މިފަދަ ސަންޑޯ މަސައްކަތް ކުރުން ބުއްދިވެރިއެވެ. ހަމަ އެފަދައިން ވިސްނުން ވެސް ބަދަލު ކުރުން މުހިންމެވެ. މި ލިޔުމުގައިވާ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވެއްޖެނަމަ އޭގެ ފޮނި ނަތީޖާ ހަކުރު ނޫނަސް ކައްޓާގައި އޮންނަ ވިޔަ އަކުރުތަކުން ބުނެދޭނެއެވެ. ކައްޓާއަށް އަރާ ވިޔަ އަކުރުތައް އެއް ދުވަހުން ދެ ދުވަހުން ބަދަލު ނުވެދާނެއެވެ. މިއީ ވަގުތު ބޭނުންވާ ކަމެކެވެ. ވަގުތު ފާއިތު ނުވަނީސް މި އިރުޝާދު ތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ. މިއީ އަހަރެންވެސް ހަށިގަނޑު ލުއި ކުރުމަށް ކުރިހާ ކަންތަކެވެ.

ބައެއް ދިވެހި ބަސްތަކުގެ އިނގިރޭސި ލަފުޒުތައް:

ސަންޑޯ މަސައްކަތް:workout

ކަނާދުގެ މައުލޫމާތު:nutritional value

ސަރުބީ:cholesterol

ކުނި ކިރު:yogurt

ހުތް ކިރު:plain yogurt

ރަހަލައްވާފައިވާ:flavored

މަރުކާ:brand

ފާރޮށިގެ:bakery

ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ބޭނުން ކުރާ ބައި:proteins

ގަހުވަޚާނާ:café

ކާނާވެނި:cafeteria

ހަތާރު:tissue(cellular)

ބޮނޑިކޮޕީ:cabbage

ވިލާތުބަށި:tomato

ގޮވާމުގެ ބާވަތްތައް:carbohydrates

ހަރަކާތްކުރާ ތަސްވީރުތައް:video

ވިރަ:viral

Share Article

Follow Me Written By

leafy

Level 210 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

ހިޔަނި – 5

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 74

Next
July 26, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 74

Previews
July 25, 2026

ހިޔަނި – 5



All Right Reserved!