“ލައްބަ ދެންމެ އެ ނުކުތީ ކުންފުނީގެ އޮފީހުން. އޭގެ ކުރިން ފިރިހެނަކު ނިކުމެގެން ހިނގައްޖެ.” ހަސަނު ވާހަކަ ދެއްކިއެވެ. އަނެއް ކޮޅުން އާހިލު އާނއެކޭ ބުނެ ފޯނު ކަނޑާލިއެވެ. އާހިލު މިހާރު ޖޫނާގެ ހަރަކާތްތަކަށް ފާރަލައެވެ. ހަސްފަތާލަށް ދިޔަ ވާހަކަވެސް އޭނާއަށް އެނގެއެވެ. ޖޫނާއަށް ގުޅުން މަދުވުމާއި އޭނާގެ ބަސްތައް މަދުކަމުން އާހިލުގެ ހިތަށް އަސަރު ކުރީއެވެ. ނަމަވެސް އޭނާއަށް ވިސްނިގެން އަމިއްލައަށް ފެނިގެން އައުމަށް އާހިލު އެދުނެވެ. ނަމަވެސް އާހިލުއަށް ކެތް ކުރެވޭނެ ބާވައެވެ؟ އާހިލު މަސައްކަތަށް އެނބުރިގަތެވެ. ދެން އިތުރު ކަމެއް ކުރާން ވަކި އެބަ އޮތް ހެއްޔެވެ؟ ފައިލެއް ނަގާ މާލީ ކަންކަމާބެހޭ ކުށްތައް ފާހަގަކޮށް ޔަަފުއާންއަށް ދިނެވެ.
ޖޫނާ އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ. ކާރުގައި އިށީނދެ އިން އިރުވެސް ހޮޑު ލަވާތީ އުޅުނެވެ. މިހާރު ކަރު ބުޑުގައި ހޮޑު އައިސް ހުއްޓެވެ. ފާހާނައާ ދިމާ ކުރެވުނީ ހަމަ ކިރިޔާއެވެ. ހޮޑު ލެވުނު ވަރުން ގައިގައި ތެދުވާނެ ބާރެއްވެސް ނެތެވެ. އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެންވެސް ނުތެދުވެވުނެވެ. އެންމެފަހުން ފާހާނާ މުށިގަނޑު މައްޗަށް ބޮލަށް އެނބުރުން އަރައިގެން ވެއްޓުނެވެ. ރޭގަނޑު ފަސްވެފައިވުމުން އެކަކުވެސް ބަލައިލާކަށްވެސް ނާދެއެވެ. ހެނދުނު ވީ އިރުވެސް ފާހާނާ ތެރޭގައި އޮތެވެ. ނަޒްލާ ޖޫނާއަށް ގޮވުމަށް ކޮޓަރިއަށް ވަނެވެ. އެނދު ހުސްކޮށް އޮތުމުން ފާހާނާއަށް ވަނެވެ. ފެނިގެންދިޔަ މަންޒަރުން ބާރަށް ހަޅޭއް ލަވައިގަނެވުނެވެ. ވަގުތުން އެންބިއުލާންސު ގެނެސް ހަސްފަތާލަށް ގެންދެވުނެވެ.
އާހިލު އޮފީހުގައި މަސައްކަތް ކުރަނިކޮށް މޭޒުމަތީ ބޯ އަޅައިގެން ނިދިފައި އޮތެވެ. އޭނާއަށް ހޭލެވުނީ ހަސަނު ގުޅި އަޑަށެވެ. “ޖޫނާ އެންބިއުލާންސުގައި ގެންގޮއްސި. ނެރުނު އިރު ހޭނެތިފައިހެން ހީވަނީ.” ހަސަނު ވަރަށް އަވަސް އަވަހަށް ކިޔެވެ. އާހިލުއަށް ހޭ އެރީ ދެނެވެ. ޖޫނާއަށް ވީގޮތެއް ބަލަން އޭނާ ބޭނުމެވެ. ނަމަވެސް ޖޫނާ އޭނާ ދެކެން ބޭނުން ނުވާނެކަން އެނގެހުރެމެވެސް ކުއްލި ގޮތަކަށް ހުޅުމާލެ ދިޔުމަށް ލާންޗެއް ހަމަޖެއްސިއެވެ. އޭނާގެ ހިތަކަށް ކެތެއް ނުވިއެވެ. ޖޫނާގެ ހާލަތު ބެލުމަށް އޭނާގެ ގާތަށް ދިޔުމަށް ހިތް ބުނަމުން ދިޔައެވެ. ލަސްނުކޮށް ދާގީ އެޅުނުހެން ފުރާ ގިމަތައަށް އާހިލު މިސްރާބު ޖެހިއެވެ.
އިބުރާހިމް ހެނދުނު އޮފީހަށް ދިޔައިރު ޖޫނާގެ ހިލަމެއް ނުވުމުން ގުޅިއެވެ. ނަމަވެސް އެކޮޅުން އައީ ޖޫނާގެ އަޑެއް ނޫނެވެ. ފޯނު ނަގާ ޖަވާބު ދިނީ ނަޒްލާއެވެ. “ލައްބަ.” ނަޒްލާ ބުންޏެވެ. “ޖޫނާ ކިހިނެތް ވީ؟” އިބުރާހިމު ސުވާލު ކުރިއެވެ. “ނޭނގެ އޮތީ ފާހާނާއަށް ހޮޑު ލައިފައި، ހޭނެތިފައި” ނަޒްލާ ކިޔައިދިނެވެ. އިބުރާހިމުއަށް ވެގެން އުޅޭ ގޮތް ނިކަން ރީއްޗަށް ސާފުވިއެވެ. ސައިކަލު ހިންގާލުމަށްފަހު ހަސްފަތާލު ހުރި މަގަށް މިސްރާބު ޖެހިއެވެ. އިރުކޮޅަކުން ޖޫނާ ބާއްވާފައިވާ ޖަނަލަށް އިބުރާހިމަށް ދެވުނެވެ. އޭރު ނަޒްލާއަށްވެސް ހަގީގަތް އޮތީ އިނގިފައެވެ. ހިފަހައްޓައިގެންހުރި ކަރުދާސް ތިރިކޮށްލަމުން ނަޒްލާ އިބުރާހިމުއަށް ލޯ އަޅާލިއެވެ. “ޖޫނާ ބަނޑުބޮޑު! ކަލޭތަ؟” ނަޒްލާ ގަބޫލު ނުކުރެވުގެން ބުންޏެވެ. “ނޫން، ނޫން. ތި ވާހަކަ ނުދައްކާ! ޖޫނާ ބުނެފައި އޮތީ ތި ވާހަކަ ނުދައްކަން. އޭނާ ބޭނުންވަނީ އެކަން ސިއްރުކުރަން. އަހަންނަކަށްވެސް މާ ބޮޑަކަށް ނޭނގެ. އެކަމު ނަހަލާލަކަށް ނޫނޯ.” އެހެން ބުނިހެން ނަޒްލާއަށް ވަނުވާ ފާޑަކަށް ކުލަވިއެވެ. ނަޒްލާއަށް ޖޫނާ ކައިވެނި ކުރިކަން އިނގޭތީވެ ކުޑަކޮށް ހަމަޖެހިލިއެވެ.
ޖޫނާއަށް ހޭއެރީ މެންދުރު ފަސްވި ފަހުންނެވެ. ‘އައި.ވީ’ ފުޅިއެއް އަތަށް ގުޅާފައިވެއެވެ. ކަރު ކެހިލަމުން ތެދުވެ އެނދުގެ ހިރުއްދައިގައި ލެނގިލިއެވެ. ހިރުއްދަމަތީގައިވާ ފެންފުޅި ނަގާފައި ދެތިން ކޯވަރެއް ބޯލިއެވެ. އޭރު އިބުރާހިމު ކޮޓަރިއަށް ވަންނަނީއެވެ. “އަހަނ. ހޭލީތަ؟ ކިހިނެތް މިހާރު؟” ތެދުވި ގޮތަށް ފުރަތަމަވެސް ޖޫނާ އެހީ ކިހިނެތްތޯ ވީ ސުވާލު ކުރިއެވެ. ޖަވާބުގައި އިބުރާހިމުއަށް އިނގުނު ގޮތަކަށް ބުނެދިނެވެ. ނަޒްލާއަށް ބަންޑުބޮޑުކަން އެނގޭކަންވެސް ބުނެދިނެވެ. ބަނޑުހައިތޯ އެހިއެވެ. ޒާން އޭނާއަށް ހަވާލުކޮށްފައިދިޔަ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއެވެ.
ބާރު ދުވެލީގައި ދުއްވާފައި އައި ލާންޗު ހުޅުމާލެއަށް ލަފައިފިއެވެ. ވީ އެންމެ އަވަހަކަށް ކާރުގެ ޚިދުމަތް ބޭނުންކޮށް އާހިލު ހަސްފަތާލަށް މިސްރާބު ޖެހިއެވެ. ހަސަނު ދިން މައުލޫމާތުތައް ފޯނުން ބަލަމުން ކޮޓަރީގެ ނަންބަރު ދެނެގަތެވެ. ކާރުގައި އިން އިރުވެސް އާހިލުގެ ސިކުނޑީގައި އޮތީ ޖޫނާއެވެ.
“ބަލަ. އަހަރުން އައިއިރު ނަޒްލާ ހުރީ އާގަމަ ވެފައި. ދެން އަހަރެން ބުނިން އެ ވާހަކަ ސިއްރުކުރަން ވެސް.” އިބުރާހިމު އިސްތަށިގަނޑު ވިނުވާލަމުން ބުންޏެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ވިޔަސް ޖޫނާ އިބުރާހިމުއާ އެއްބަސްވިއެވެ. “ދެން އިތުރު އެކަކު ގާތުވެސް ނުބުނާތި.” ޖޫނާ ލޯ ކުނާ ކުރަމުން ބުންޏެވެ. “މައްސަލައެއް ނެތް! ހިނގާ މެންދުރު ފަހުގެ ކެއުން ކަމާ؟ ވަރަށް ބަނޑު ހައި ވެއްޖެ!” އިބުރާހިމު ބިތުގައި އަޅުވާފައިވާ ގަޑިއަށް ނަޒަރު ހިންގާލަމުން ބުންޏެވެ. ޖޫނާ އެނދުގެ މަގަތުގައި އިށީނެވެ. އޭރު އިބުރާހިމު ބޭރަށް ދިޔުމަށް ކޮޓަރި ދޮރު ހުޅުވާ ލައިފިއެވެ.
ޖޫނާ މުށިތަކު މައްޗަށް ބަލަމުން މިވީ ދެތިން އަހަރެއްގެ ތެރޭގައި އޭނާއަށް ވަމުން ދިޔަ ކަންތައްތަކަށް ވިސްނާލިއެވެ. ފުރަތަމަ އޭނާގެ ލޯބިވާ މަންމައެވެ. އެއަށްފަހު ބައްޕައެވެ. ކިލާހުގެ ދުޝްމަނު ކުދިންނެވެ. އެއަށްފަހު ޖޫނާ ފިޔަވާ ދުނިޔޭގައި އޭނާގެ އާއިލާގެ އެންމެ ފަހު މީހާއެވެ. މިހާރު އިތުރު އެހެން މީހަކު އޭނާގެ އާއިލާ އަކު ނުވާނެއެވެ. ނަމަވެސް ދެން ތިބީ ހައްތަހާވެސް ދުރުތާ އާއިލާ މީހުންނެވެ. ކިތަންމެ ރޯން ބޭނުން ވެފަައި ހުރި ނަމަވެސް މިހާރު އޭނާގެ ލޮލަކުން ކަރުނައެއް ނުއުފެދުނެވެ. ކަރުނަތައްވެސް ރޮއެ ރޮއެ ހުސްވީތާއެވެ. ބަނޑުގައި އަތް އަޅާލަމުން ލޯ އެ ދިމާއަށް އަމާޒު ކުރިއެވެ. ‘މި ކުޑަ ފުރާނައަށް އަޅާލާނީ ކިހިނެތް؟ މިހާރު އަހަރެންގެ ހުރި ހަމައެކަނި އެހީދާރަކީ އިބުރާހިމުއެވެ. އާހިލު ގާތަށް ދާކަށް ޖޫނާގެ ސިކުނޑި ވަނީ ދެބަހެވެ. ލުބުނާ އާއެކު އޭނާ އުޅެދާނެއް ނޫން ހެއްޔެވެ؟ އަހަރެން މި ބަރުދާސްތު ކުރާ އުގާނަތައް އިނގޭނީ ހަމައެކަނި އެންމެ ފަރާތަކަށެވެ.’ އެނދުން ތެދުވެ އެނދާ ޖެހިގެން ހުރި ފާރުގައި ޖައްސާފައިހުރި މޭޒު ދޮށުގައިވާ ގޮނޑި ދަމާލަމުން އިށީނެވެ. އިބުރާހިމުގެ އިންތިޒާރުގައި އޭނާ އިނެވެ.
އިރުކޮޅަކުން ދޮރު ހުޅުވި އަޑަށް ޖޫނާ ދޮރާ ދިމާއަށް ނުބަލާ ބުންޏެވެ. “މިއަދު ކޯއްޗެއް ގެނައީ. އަހަރެން އެންމެ ގަޔާވާ ތަރުކާރީއާއި ފަތު އެކުވި މަސްހުނިތަ؟” އެއްވެސް ޖަވާބެއްގެ އަޑު ނީވުމުން ޖޫނާ ދޮރާ ދިމާއަށް ނަޒަރު ހިންގާލިއެވެ. ޖޫނާ ފޫހި ކުރައްވާފައި ގޮވާލިއެވެ. “އާހިލު؟…” އެހެން ގޮވާލިހެން އާހިލު ބާރު ބާރަށް ހިނގާފައި އައިސް ޖޫނާގެ ގައިގައި ބައްދާލިއެވެ. ދެމީހުންވެސް ހީވަނީ ލޯބި ނުލިބި ދަހަރެއް ވެފައިވާ ދެމީހުން ހެންނެވެ. ދެ މީހުންނަށްވެސް އެކި ވަރުވަރަށް އަސަރު ކޮށްފައިވެއެވެ. “ދެން ހިނގާބަލަ މަށާއެކު ރަށަށް ދާން. މިހާރު މަހެއް ވީ ވިއްޔަ.” އާހިލު އާދޭސް ކުރާ ރާގުގައި ބުންޏެވެ. “ނުދާނަން. އެ ކަމުގެ ބޭނުމެއް ނެތް. ލުބުނާއާއެއްކޮށް އުޅެވޭނެއްނު! ދެން ކޮން ދުވަހަކުންތަ މަ ވަރި ކުރާނީ؟” ޖޫނާ ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ. “ކޮން ވަރިއެއްތަ؟ މަ ބުނީމެއްނު ޖޫނާއަކީ މަށަށް ހުރި ހަމައެކަނި ހަތް ރީއްޗަކީ. އަދިވެސް ގަބޫލު ނުކުރާނަންތަ؟” އާހިލު މޫނުގައި ނުތަނަވަސް ކަން ވެއެވެ. “މަގޭ ވަރިކޮށްބަލަ!!! ދެން ކޮން ދިޔުޅިއެއް ދިގުކުރާކަށްތަ!!!” ޖޫނާގެ އަޑު ހީވަނީ ‘މައިކު’ ވެއްޓުމުން އިވޭ އަޑު ހެންނެވެ. އެހާވެސް ބާރެވެ. އާހިލު ޖޫނާގެ ގައިގައި ބައްދައިގަތެވެ. “ދޫކުރޭ!!!” ޖޫނާ ގޮވަމުން ދިޔައެވެ.
އެ ވަގުތު އިބުރާހިމު ކޮޓަރިއަށް ވަނެވެ. ހިފަހައްޓައިގެން ހުރި ކާތަށި މަގަތުގައި ހުރި މޭޒުގައި ބެހެއްޓުމަށްފަހު އިބުރާހިމު އާހިލު ވަކި ކުރުވިއެވެ. އަދި ޖޫނާގެ ކުރިމައްޗަށް އެރިއެވެ. “މިއީ ދޯ މި ވާ ކަމަކީ!؟” އާހިލުގެ މޫނަށް ހައިރާންކަން ގެނުވިއެވެ. އަދި އެއްޗެކޭވެސް ބުނެ ނުލައި ދޮރު ޖަހާފައި ބޭރަށް ނުކުތެވެ. އާހިލުއަށް އިބުރާހިމު ފެނުމުން ހިތަށް ނުތަނަވަސްކަން ގެނުވިއެވެ. ޖޫނާއާ އިބުރާހިމުއާ ގުޅުމެއް ވާކަމަށް އާހިލު ވިސްނަމުން ދިޔައެވެ. މިވީ މަސްދުވަހު ޖޫނާ ރަނގަޅަށް ވާހަކަ ނުދެއްްކި ސަބަބަކީ އެއީކަން ނިންމިއެވެ.
އާހިލުއަށް ފަހުމުވާ ގޮތުގައި އިބުރާހިމު އުޅެނީ ޖޫނާއާ އެކު ކަން ގަބޫލު ކުރެއެވެ. އޭނާއަށް މިއީ ބޮޑު ބަދަލެކެވެ. ނަމަވެސް އޭނާ އެ ކޮޓަރީގެ ތެރެއަށް ވަންނާކަށް ނޭދެއެވެ. މަޑުމަޑުން ހިނގާފައި ހަސްފަތާލުން ބޭރަށް ނުކުމެ ފުރާ ގިމަތައަށް ދިޔައެވެ. މިހާރު ހަމަ ރަނގަޅަށްވެސް އޭނާގެ ހިތް ހަލާކު ވެއްޖެއެވެ. ޖޫނާ މިހާރު އުޅޭ ގޮތަކުން އޭނާގެ ހިތަށް އޮބި ނޯންނަ ވަރަކަށް އަސަރު ކުރެއެވެ. މިރުސް ކައިފައި ހޫނު ސައިބުޔަސް އޭނާގެ ހިތުގައި އަޅާ ވޭނާ ގާތްވެސް ނުކުރާނެއެވެ. ފުރާ ގިމަތައިން އޭނާގެ ނަން ގޮވަމުން މީހަކު އައެވެ. އާހިލުއަށް ޖޫނާ ދުވެފައި އަންނަ މަންޒަރު އޭނާއަށް ފެނެއެވެ. ނަމަވެސް ލޯ އުނގުޅާ ލުމަށްފަހު ބަލައިލުމުން އެއީ ހަސަނުކަން އެނގުނެވެ. ދެންމެ އެ ފެނުނީ އަވާމެންދުރެއް ކަން ދޭހަވިއެވެ. “އާހިލުބޭ ހާދަ އަވަހަކަށް ފުރަނީ؟” ހަސަނު އަދަބުވެރިކަމާއެކު ބުންޏެވެ. “އާނ. ކަމެއް ޖެހިގެން މި ފުރަނީ. އޭނާގެ ހަރަކާތްތަކަށް ލޯ ހިންގާތި.” އާހިލު ހަސަނުއާ ދިމާއަށް ބުނެ ގާތްކުރަމުން ދިޔަ ލާންޗަށް އެރުމަށް ދިޔައެވެ.
އިބުރާހިމު ތަށި ހިފައިގެން އައިސް ޖޫނާއަށް ހަވާލު ކުރިއެވެ. އަދި މަޑުމަޑުން ކެއުމަށް ބުންޏެވެ. “މިއަދު ހަވީރުވާން އުޅޭ އިރު ހީވޭ ދޫކޮށްލާނެހެން.” އިބުރާހިމު ބުންޏެވެ. ސަމުސަލުން އަނގައަށްލައި ހަފާލަމުން ޖޫނާ ބޯ ޖަހާލިއެވެ. މަޑުމަޑުން އިނދެ އޭނާ ކައިގެން ތެދުވިއެވެ. ‘ޓިޝޫ’އިން އަތް ފޮހުމަށްފަހު އެނދުގައި އޮށޯތެވެ. އޭނާ ހޮޑު ލައިލައި ގައިގަ ވަރެއް ނެތެވެ. އިބުރާހިމު ތަށިތަށް ހިފައިގެން ކޮޓަރިން ބޭރަށް ދިޔައެވެ. ޖޫނާއަށް އެހެން އޮވެ ނިދުނެވެ. އޭނާގެ މޫނުމަތިން އެއްވެސް އުފަލެއް ފެންނާކަށް ނެތެވެ. ހީވަނީ ހަޔާތުގައި ދިމާވަނީ އަބަދުވެސް ނުތަނަވަސް ކަންތައްތައް ހެންނެވެ.
ޖޫނާއަށް ގެއަށް އާދެވުނީ ރޭގަނޑު ވީ ފަހުންނެވެ. ފަރީ ދޮނޭ ކުކުޅު ރިހަގަނޑެއް ކައްކާލައިގެން އުޅެއެވެ. އަލިބެ އިނީ ރޭގަނޑު އަށެއްގެ ޚަބަރު ބަލާށެވެ. ނަޒްލާ އަދިވެސް ހުރީ ޖޫނާ ބަނޑުބޮޑުކަން ގަބޫލު ނުކުރަން ވެގެންނެވެ. ނަމަވެސް ތެދު ވާނީ ތެދަށް ތާއެވެ. ނަޒްލާ ފުރަތަމަވެސް އެހީ އެއީ ކާކު ދަރިއެއްތޯއެވެ. އެއީ އާހިލުކަން އަދިވެސް ނަޒްލާ ޝައްކު ކުރެއެވެ. “އެއީ ކާކުކަން އަހަރެން ބުނާކަށް ބޭނުމެއް ނުވޭ.” ޖޫނާ ބަނޑުގައި އަތް އަޅައިގެންހުރެ ބުންޏެވެ. “ތި ވާހަކަ ދޮނޭމެންނަށް އިނގޭ ހިސާބުން މި ގޭގައި ނުބަހައްޓާނެ.” ނަޒްލާ ހާސްވެ ހުރެ ބުންޏެވެ. “އިހަކަށް ފަލަވަނީއޭ ބުނާނަން. ދެ މަސް ފަހުން އަހަރެން މި ތަނުން ދާނަން.” ޖޫނާ ވިސްނަން ހުރެފައި ބުންޏެވެ. “ކޮން ތާކަށް؟” ނަޒްލާ ސުވާލު ކުރިއެވެ. “ހިންދޫކަރައަށް.” ޖޫނާ ގަޑިއަށް ބަލަމުން ބުންޏެވެ. “ކާކު ގެންދާނީ؟” ނަޒްލާ އަދިވެސް ސުވާލު ކުރިއެވެ. “އަމިއްލައަށް.” ޖޫނާ ބުނަމުން ކޮޓަރިއަށް ވަންނަން ދިޔައެވެ.
ރަށަށް އައިސް ފެންވަރާއިގެން ކޮޓަރިއަށް ނުކުން އާހިލު ތުވާލިން ފެންތައް ހިއްކަން ފެށިއެވެ. އަދިވެސް ވިސްނަމުން ދިޔައީ ޖޫނާއާ މެދުއެވެ. އަދި އެތާ ހުރި ފިރިހެނަކާ މެދުއެވެ. ފެންވަރާ ހަމަޖެހުމުން އާހިލުއަށް ވިސްނެން ފެށިއެވެ. ފަހަަރުގައި އާއިލާ މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް އެ ދެ މީހުންގެ ސިފަތައް ހާސް ތަން ތަފާތެވެ. އެނދު މަތީގައި އޮތް ފޯނު ނަގާ ހަސަނަށް ގުޅިއެވެ. “ޖޫނާ ބޭއްވިފައިވާ ކޮޓަރީގައި އެ ހުރި މީހަކީ ކޮބާ؟ ޖޫނާއާ އާއިލާ މީހެއްތަ އެއީ؟” އާހިލު ވަރަށް ހޯދަން ބޭނުން ވެގެން ސުވާލު ކުރިއެވެ. “މާދަން ތިއަށް ޖަވާބެއް ދެވޭތޯ ބަލާނަން.” ހަސަނު އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ސޯޓު ބުރިއެއް ލުމަށްފަހު ގަންޖުފަރާހެއް ލުމަށް އަތް ނެގިއެވެ.
އޭރު ކޮޓަރި ދޮރު ހުޅުވެމުން ދިޔައީތީ ކާކުތޯ ބެލުމަށް ލޯ ދިއްކޮށްލިއެވެ. ލުބުނާ ހުރިތަން ފެނުމުން އާހިލު ހިތް ހަމަ ނުޖެހިފައި ދޮރު ކައިރިއަށް ދިޔައެވެ. “މިއުޅެނީ ނިދަން. މިރޭ ދެން ދޭ ގެއަށް.” އާހިލު ދޮރު ޖަހަމުން ބުންޏެވެ. ލުބުނާ އާގަމަވެފައި ހުއްޓެވެ. އޭނާ ބުނަން އައި ވާހަކަ ނުބުނެވެނީސް މޫނު މައްޗަށް ދޮރު ޖެހިއެވެ. އޭނާ ހަނދާން ކޮށްދެން އައީ އޭނާއާ ކުރަން ރާވާފައިވާ ކައިވެންޏެވެ. ނަމަވެސް އޭނާއަށް ހަމަލާއެއް ނައީތީ ޝުކުރު ކުރިއެވެ. ގެއަށް ދެވުނު ގޮތަށް ލުބުނާ އޭނާގެ ބައްޕަ ގާތު ރޯ ކަމަށް ހެދިއެވެ. އާހިލު އޭނާއާ ދުރުކަން ކިޔައިދިނެވެ. ހުރިހާ އުދާސްތަކެއް ބޭރުކުރީ އޭނާގެ ބައްޕައަށެވެ.
އިތުރު ޚާއްސަ ކަމެއް ނުހިނގާ ދެ މަސް ފާއިތުވެގެން ދިޔައެވެ.~~
ޖޫނާގެ ބަނޑު ނުކުންނަމުން ދިޔައެވެ. ފަލަވަނީއޭ ބުނެ ދޮގު ހަދަމުން ދިޔައެވެ. ހިކޭން މަސައްކަތް ކުރަން ފަރީދޮނޭ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބުނެއެވެ. ނަޒްލާވެސް ހިތްހަމަ ނުޖެހިފައި ހުރެއެވެ. ނަމަވެސް މިހާރު ޖޫނާ ވިސްނަމުން ދިޔައީ ހިންދޫކަރައަށް ދިޔުމަށް ބުނާނެ އުޒުރަކަށެވެ. މިދިޔަ މަހު އޭނައަށް ކަމުދާ ކޯހެއް ފެނިގެން އެ ހަދަން ބޭނުންވާ ކަމަށް ހެދުނެވެ. ދެން އޮތް މަހު ހިންދޫކަރައިގެ ރަށެއްގައި ފެށޭތީއޭ ކިޔައިގެން ހުރީއެވެ. އިބުރާހިމު އެދެމުން ދިޔައީ އޭނާ ނޫނީ އެހެން މީހަކު ނަމަވެސް ޖޫނާއާއެކު ދިޔުމަށެވެ. އާހިލުއަށް ޚަބަރުދޭ ހަސަނުއަށް ޖޫނާ ދާ ތަނެއް ނޭނގުނެވެ. ހަމައެކަނި އިނގުނީ ހިންދޫކަރައަށް ފުރަން އުޅޭ ކަމެވެ. އާހިލު މޭޒުގައި ބާރަށް ޖެހިއެވެ. އޭނާގެ ގާތަށް ހެސްކިޔާފައި ރުޅި އައެވެ. ‘ޖޫނާ އޭނާއަށް މި ހަދަނީ ކިހިނެތް ހެއްޔެވެ؟ ހިލޭ ފިރިހެނެއްގެ ބުޑުގައި އެނބުރި އެނބުރިފައި މިހާރު ބޭރަށް ދާން ވިސްނާންވީ ކީއްވެ ހެއްޔެވެ؟’ އާހިލުގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިފަދަ ޚިޔާލުތަކެވެ.
(ނުނިމޭ)


