Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލާމާތް ލޯބި – 15

leafy Level 310 Stories100 Login
August 15, 2026 5 Mins Read
0 Comments

ހަނދުވަރު ދީފައިވާތީވެ ގަސްތަކުގެ ހިޔަނިތައް އެހާމެ ރީއްޗެވެ. ކޮކާ ހަނދުވަރު ދީފައިވި ހިމޭން މާހައުލުން ތަފާތު ފަނި ފަކުސަތައް ގޮވަމުން ދިޔައެވެ. މިހާރު އާހިލު ހުޅުމާލެއިން ރަށަށް އައިފަހުން އެއް މަސް ވީއެވެ. އަދިވެސް އޭނާ ބަނދެވިފައިވަނީ ހުސްނުވާ ވަރުގެ ބޮޑެތި މަސައްކަތް ތަކުގައެވެ. ގަނޑަކަށްފަހު ގަނޑެއް ބަލާ ފާސް ކުރަމުން ދިޔައެވެ. މާދަމާ ހެނދުނު ހުށަހަޅަން ޖެހޭ ކުޑަ މަސައްކަތެއްގެ ކޮންމެ ތަސްވީރަކަށް ބުނާނެ ބުނުންތައް ފަރިތަ ކުރަނީއެވެ. ލޯ ހިންގަމުން ބެލިޔަސް އާހިލުގެ ސިކުނޑީގައި ހިނގަމުން ދިޔައީ ޖޫނާގެ ޚިޔާލުތަކެވެ. އޭނާއާ ދެން ބައްދަލުވާއިރު އޭނާގެ ހާލަތަކީ ކޮބައިކަން ބަލަން ބޭނުންވެގެންނެވެ. އެއް ޖުމުލަ ފަސް ހަ ފަހަރު ކިޔުމުންވެސް ދޭހަ ނުވެގެން އުޅެއެވެ. ނަމަވެސް ގަޑިއަށް ބަލައިލުމަށްފަހު ސަމާލުކަން ދެވޭތޯ ބެލިއެވެ. ނުވައެއް ޖެހުމާ ދޭތެރޭ މާ ގިނަ ވަގުތެއް ނެތެވެ.

ޖޫނާގެ ދޮންބެގެ މަރަށްފަހު އޭނާ ހަމަޖެހުނެވެ. އިބުރާހިމުގެ އެތައް އެހީއާ އެކުއެވެ. ޖޫނާ އާ ކުންފުންޏެއްގައި މަސައްކަތް ކުރަން ފަށައިގެން އުޅުނެވެ. އޭނާ އެ ތަނުގައި މަސައްކަތް ކުރަން ފެށިތާ ދެ ހަފުތާ ނުވެއެވެ. ހަށީގައި ނެތްވަރު ނެރެގެން އޭނާގެ މަސައްކަތްތައް ކުރަމުން ގެންދިޔައެވެ. ރިޕޯޓުތައް ބަލާ ފާސްކޮށް ޚުލާސާ ލިޔުމެވެ. އެކި ދުވަސް ދުވަހު ނިމެނީވެސް އެންމެ ލަހުންނެވެ. އަށެއް ޖަހާ ބޮޑުވާ ފަހުންނެވެ. މިއީ އޭގެ ދުވަހެކެވެ. ކުޑަކޮށްވެސް އެހެނިހެން ކަންތައްތަކަށް ސަމާލުކަން ނުދީ އަވަހަށް ޚުލާސާ ނިމޭތޯ ބެލިއެވެ. އޭނާގެ ދޮންބެއާއެކު މަސައްކަތްކުރި އިބްރާހިމްވެސް އުޅެނީ މި ކުންފުނީގައެވެ. އޭނާގެ ކޮންޕިއުޓަރު ނިއްވާލާފައި އޮފީހުން ނުކުތެވެ. އޭރު ޖޫނާ މަސައްކަތް ކުރަން އިންތަން ފެނި ކިހާ އިރަކުންތޯ ގެއަށްދަނީ ބެލިއެވެ. “މި ބައި ނިމުނީމައި މިދަނީ.” ޖޫނާ އިސްކިރީނަށް އިނގިލި ދިއްކުރަމުން ބުންޏެވެ. ކުއްލިއަކަށް ކުޑަ ފާހާނައަކަށް ދާން ޖެހިގެން ތެދުވިއެވެ. މޭވެސް ނުބައި ކުރިއެވެ. ފާހާނާއަށް ދެވޭ ވަރުވީ ހަމަ ކިރިޔާއެވެ. އަނގައިން ހޮޑުތައް ނުކުތެވެ. މިރޭ ކޭ ތަރުކާރީތައް ރަނގަޅަށް ހަޖަމު ނުވެ ހުއްޓެވެ. ފެން އާ ކުރުމަށްފަހު ކުޑަ ފާހާނާކޮށް މޭޒު ދޮށަށް ދިޔައެވެ. ކުރަމުން ދިޔަ މަސައްކަތަށް އަހުލުވެރިވިއެވެ.

 

ޖޫނާގެ ދެލޮލަށް ނިދި އައިސްގެން ނީންދެވިގެން އެންމެ ފަހުން ގެއަށް ދިޔުމަށް އަތް ދަބަސް ހިފައިގެން ނުކުތެވެ. ޖޫނާ ކުއްޔަށް ދުއްވާ ކާރަކަށް އެރުމަށްފަހު ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ގެއަށް ވަދެގެން ދިޔަހެން ނަޒްލާ މަރުހަބާ ކިޔެވެ. އަތު ދަބަސް ސޯފާއަށް ޖެހުމަށްފަހު ޖޫނާ ބަދިގެއަށް ދިޔައެވެ. ގަނޑުކުރާ އަލަމާރިތެރެ ތޯރާކުރަމުން ދިޔައެވެ. ޗޮކުލެޓު އުރައެއް ފެނުމުން އެ ނަގައި ދަތް އެޅިއެވެ. އޭނާގެ ހިތް ފުރިގެން ދިޔަ ކަހަލައެވެ. ޗޮކުލެޓު ކާ ހިތްވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަޒްލާ އިނީ ބޮޑު ކޮޓަރީގެ ޓެލެވިޜަން އަޅުވައިގެންނެވެ. އޭގެން ތުރުކީ ސިލްސިލާއެއް ބެލުމަށް ސަމާލުކަން ދީގެން ނަޒްލާ ބަނބުކެޔޮ ފޮއްޗަކަށްފަހު ފޮއްޗެއް ކަމުން ގެންދިޔައެވެ. ޖޫނާވެސް ޗޮކުލެޓު ދަތުން ހަފަމުން ސޯފާގައި އިށީނެވެ. ސިލްސިލާ ބެލުމަކީ އޭނާ އެހާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ނަމަވެސް ނަޒްލާއާއެކު އެ ބަލާއިރު ވާ އުފަލާއި ހިތާމައިގައި ބައިވެރި ވަނީއެވެ. ޗޮކުލެޓު ކައި ނިމުމުން އުރަ ޑަސްބިނަށް އެއްލާލިއެވެ. އަތް ދަބަސް ހިފައިގެން ކޮޓަރިއަށް ވަނެވެ. ނިދި އައިސްފައި ހުރިވަރުން އެނދަށް ދެމުނެވެ.

ދަންވަރު ބާރަ ޖެހި އިރުވެސް އާހިލުއަށް އެ މަސައްކަތުގެ ފަހަތު ބައި ދަސްވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ނީންދެވިގެން އެނދުގައި އޮށޯންނަށް ގެއަށް ދިޔައެވެ. ބައްޕަ ބޮޑު ކޮޓަރީގައި ޓެލެވިޜަނުން އައި ފިލުމެއް ބެލުމަށް ސަމާލުކަން ދީގެން އިނެވެ. ސަލާން ގޮވާލުމަށްފަހު އާހިލު ބާރަށް ހިނގާފައި ކޮޓަރިއަށް ވަންނަން ދިޔައެވެ. ކަމަރު ދޫކޮށްލުމަށްފަހު ފަޓުލޫނު ބާލާފައި ގޮނޑިއަށް ޖެހިއެވެ. ސޯޓު ބުރިއެއް ލައިގެން އެނދުގައި އޮށޯތެވެ. އޭނާއަށް ވިސްނޭނެ ވަކި ކަމެއް ނެތެވެ. ‘ޖޫނާ، ޖޫނާ، ޖޫނާ…’ ސިކުނޑީގައި އަބަދުވެސް ޖޫނާގެ ސިފަ ހަރުލައިފައި ހުއްޓެވެ. ޖޫނާއަށް ގުޅާލަން ފޯނު ނަގާފައިވެސް ބޭއްވީއެވެ. މާ ލަސް ވެދާނެތީވެ ފޯނުން ގުޅާކަށް ނުކެރުނެވެ. ގުޅައިގެންވެސް މާ ވަރަކަށް އޭނާ ވާހަކައެއް ނުދައްކައެވެ. އާހިލުއަށްވެސް ޖޫނާގެ ޚިޔާލުތަކަށް ގެއްލިފައި އޮއްވާ ނިދުނެވެ.

 

އާ ދުވަހަކަށް ދުނިޔޭގެ އިރުމަތިން ރާއްޖޭގެ ރަށްތަކަށް އިރު ފެންނަން ފެށިއެވެ. އަލިކަން ގަދަ ވޮށުން ކަނޑުތަކާއި ރަށްތައް ހޫނު ކުރަމުން ގެންދިޔައެވެ. ޖޫނާއަށް ހޭލެވުނުހެން މޭ ނުބައި ކުރަން ފެށިއެވެ. ފާހާނާއަށްގޮސް އަނެއްކާވެސް ހޮޑު ލެވުނެވެ. މި ގޮތަށް ހޮޑުލެވޭތާ ދެތިން ދުވަހެއް ވެއްޖެއެވެ. އަނގަ ސާފުކޮށް ދަތް އުނގުޅައިގެން އޮފީހަށް ދާން ތައްޔާރުވާން ދިޔައެވެ. އަދިވެސް ނަޒްލާ ނުހޭލާހެން ހީވެގެން ބޭރަށް ނުކުތެވެ. އޭރު ފަރީ ދޮނޭ އާއި ޒާލިދާއާ ދެ މީހުން ހޫނު ޒުވާބެއްގައި ތިއްބެވެ. އޭގެ ދެމެދުގައި ނަޒްލާ ތާށިވެފައި ހުއްޓެވެ. “ކަލޭގެ ގޭތެރެ ނުސާފުތާހިރު ވާނެ.” ޒާލިދާ ބުނެއެވެ. ފަރީ ދޮނޭ އެއަށް އިންކާރުކޮށް އަރައި ގަންނަން އުޅެއެވެ. މަގުމަތީގައި ބައެއް މީހުން އެއްވެފައި ތިއްބެވެ. ނަޒްލާ ކައިރިއަށްގޮސް ފަރީ ދޮނޭ ގޭތެރެއަށް ގެނައުމަށް ދެ މީހުން ދަމާފައި ގެންދިޔައެވެ. ވަރަށް ހާލުން ދޮނޭ އެތެރެއަށް ގެނެވުނެވެ. “ހުވާ މި ބުނީ. ޒާލިދާއްތަވެސް ތަންފުކެއް ބޮޑުވަރު. އަދި ޖޫނާ ނެތް އިރު މާ ކަންތައް ބޮޑު.” ނަޒްލާ އެހެން ބުނުމަށްފަހު ގޭތެރެއަށްވަދެ ތައްޔާރުވަން ދިޔައެވެ. ޖޫނާ މަޑުމަޑުން އޮފީސް ހުރި މަގާ ދިމާއަށް ހިނގާފައި ދިޔައެވެ.

އޭނާގެ ސިކުނޑީގައި އޮތީ މީގެ ހަފުތާއެއް ކުރިން އިބުރާހިމު ބުނި ޖުމުލަތަކެވެ. “އަހަރެން ހުކުމްތަކުން ސަލާމަތްވީ ޒާންގެ ސަބަބުން. ޒާން ހުރިހާ ކަމަކަށް ޒިންމާ ނެގި. އޭނާ ކުރި ކޮންމެ ނުބައި އަމަލެއް ކިޔައިދިން. ހުރިހާ އެންމެން މެރި ގޮތާއި އާލާތްތައްވެސް. އަމިއްލަ އިއުތިރާފުވެ އަދަބު ލިބިގެން. މިއީ އޭނާ ލިޔެފައިވާ ސިޓީއެއް. ޖޫނާއަށް ދޭށެ ބުނެފައި އޮތީ.” އިބުރާހިމު ބުނި ހަނދާން ޖޫނާގެ އަދިވެސް އެބަ ހުއްޓެވެ. އެ ސިޓީގައި އޭނާގެ ލޯބިވާ ކޮއްކޮއަށް ކިޔައިދީފައިވެއެވެ. “ބައްޕަ އުޅުނީ ލުބުނާއާ ޒާން ކައިވެނި ކުރުވާށެވެ. ނަމަވެސް އެކަން ގަބޫލު ނުކޮށް ދެކޮޅު ހެދުމުން ވަޅި ހިފައިގެން އައި. އެހެން ތެޅިގަތުމުގެ ތެރޭގައި ސޯފާއަށް ބައްޕަ އަމިއްލައަށް ވެއްޓި ވަޅި ހެރުނު. ލޯބިވާ ކޮއްކޯ. ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށް. ރާޅަކަށްފަހު ރާޅެއް އަންނާނެ. އެކަމަށް ސަމާލުވެ ކޮންމެ ދެރައެއްގައި ދޮންބެ ހުންނާނެއޭ ހިތަށް އަރުވާ. އާހިލުއާހުރެ އުނދަގޫވާނަމަ އިބުރާހިމުގެ އެހީ ހޯދާ.” ލޮލުގައި އަޅާފައިވާ އަނދުން ފޭދި ދާނެހެން ހީވާތީވެ، ކަރުނަތައް ފުހެލިއެވެ. އޮފީހަށް ވަދެ ކާޑު ދެއްކުމަށްފަހު މޭޒު ދޮށަށް ދިޔައެވެ. އޭގެ ފަހުންވެސް އިބުރާހިމު ވާހަކައެއް ބުންޏެވެ. “ޒާން ހުޅުމާލެއަށް އައީ އާ ފެށުމެއް ފަށާކަށް ނޫން. ނަމަވެސް ނަފުސާނީގޮތުން ބައްޔަކަށް ފަރުވާ ކުރުމަށް. ބޭސް ކަމުން ނޫޅެވޭ ދަރަޖައަށް ދިޔުމުން އައީ. ނުހަމައިގައި ހުރެ އެ ހުރިހާ މާރާމާރީއެއް ހިންގީ.” މިހާރު ޖޫނާއަށް ކަންވީ ގޮތް ކުލަވިއެވެ. މާލޭގައި އުޅެފައިވެސް ޒާން ނަޒްލާ ގެއަށްނައި ސަބަބުވެސް ސާފުވިއެވެ.

މޭޒު ކައިރިއަށް ދިޔައިރު ކައިވަތެއްގެ އުސްމިނަށްހުރި ފައިލުތައް ހުއްޓެވެ. އެއީ ދުވަހުގެ މަސައްކަތްކަން ޖޫނާއަށް ދޭހަވިއެވެ. ނަމަވެސް އޭނާ އިއްޔެ ކުރަމުން ދިޔަ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މިއަދުގެ މަސައްކަތްތައް ފެށުނީ ހެނދުނުގެ ސަޔަށް ފަހުއެވެ. ގެއަށްގޮސް ރަނގަޅަށް ކެވުނީއެއްވެސް ނޫނެވެ. ހަދާފައިހުރި ވެލާ ރިހަގަނޑުން އެރި ވަހުން ކެއުމަކާ ނުވިއެވެ. އަދިވެސް އޭގެ ވަސްގަނޑު ނޯށުގައި ހުއްޓެވެ. ޖޫނާ މޭ ނުބައި ކުރަން ފެށިއެވެ. ނަމަވެސް ހިންދިރުވާލައިގެން މަސައްކަތަށް ފެށިއެވެ. މެންދުރު ވާންވި އިރު ނިންމުނީ އެ ބަރީގެ ހަތަރު ބައިކުޅަ އެއްބައެވެ. މެންދުރުގެ ކެއުމަށް ކާނާ ވެންޏަށް ދިޔައެވެ. ވަރަށް ކުޑަ ބަތް ކޮޅެއް އަޅައިގެން ކުޑަ ހަވާދު ރިހަ ކޮޅެއް އަޅައިގެން މޭޒެއް ދޮށުގައި އިށީނެވެ. އެކި މޭޒު ތަކުގައި މީހުން ތިބި އިރު އޭނާގެ މޭޒުދޮށަށް އައީ އިބުރާހިމު އެކަންޏެވެ. “ބާއްޖަވެރި މެންދުރު ފަހަކަށް އެދެން. ހާލު ކިހިނެތް؟” އިބުރާހިމު ސުވާލު ކުރިއެވެ. ޖަވާބު ނުދެވި އުޅެނިކޮށް ޖޫނާގެ އަތުގައި އޮތް ސަމުސާ ވެއްޓުނެވެ. ބޯ އަނބުރައިގަނެގެން މޭޒުގެ އަނެއް ފަޅިއަށް ވެއްޓުނެވެ. އިބުރާހިމު އަވަހަށް ޖޫނާގެ ހަށިގަނޑު ތެދުކޮށް އެންބިއުލާންސަށް ގުޅިއެވެ.

ހަސްފަތާލަށް ގެންދެވުނު އިރުވެސް ޖޫނާ އޮތީ ވާނުވާ ނޭނގޭ ހާލުގައެވެ. ބޮލަށް އެނބުރުން އަރާފައެވެ. ޖަނަލުގެ އެނދެއްގައި ޖޫނާ ބޭއްވިއެވެ. ލެޔާއި އެހެން ހުރިހާ އެއްޗެއް ތަހުލީލު ކުރަމުން ޑަކުތަރުން ދިޔައެވެ. ޖޫނާއަށް ބޭސް ދީގެން ހަމައަކަށް އެޅުމުން ޑަކުތަރުން ސުވާލު ކުރަމުން ދިޔައެވެ. “ހޮޑު ލެވޭތަ؟” ޖޫނާ އާނއެކޭ ބުނަމުން ބަނޑުގައި ކުޑަކޮށް ރިއްސާފައި މޭ ނުބައިކޮށްފައި ހުންނަ ވާހަކަވެސް ބުންޏެވެ. އެހެން ބުނިހެން ޖޫނާ އަމިއްލަ ނަފްސު ހިސާބުކުރަން ފެށިއެވެ. “މަޑުކޮށްބަލަ. ހޮޑުލުން، ބަނޑުގައި ރިއްސުން، ބޯ އެނބުރުން އަދި މައްސަރު ލޭވެސް ނާދޭ. މާނައީ….” ޖޫނާ ހާސްވިއެވެ. އޭނާ ބަނޑުބޮޑުކަން އަމިއްލައަށް ދޭހަވީ ދެނެވެ. ޑަކުތަރުވެސް އާނއެކޭ ބުނެ ނަތީޖާ ދައްކަމުން ކިޔައިދިނެވެ. އެއް މަސް ވެފައިވާކަންވެސް އެނގުނީ ދެނެވެ. އިބުރާހިމު ހުރީ ހައިރާންވެފައެވެ. ނަމަވެސް ޖޫނާއަށް އެއީ ކީއްވެކަން އިނގެއެވެ. އިބުރާހިމު ގާތު ހާސް ނުވުމަށް ޖޫނާ ބުންޏެވެ.

އާހިލު އުޅުނީ މަސައްކަތުގައެވެ. އެވަރުންވެސް ފައިލުތައް އޭނާގެ މޭޒަކުން ހުސްވާ ވަގުތުކޮޅެއް ނުފެނެއެވެ. ހެނދުނު ހުށަހަޅައިދިން މަސައްކަތް ފުރިހަމައެއްވެސް ނުވިއެވެ. ނަމަވެސް އިރާދަކުރެއްވީތީވެ އެ މަސައްކަތުގައި އެއްވެސް އުނިކަމެއް ނެތި ނިންމާލެވުނެވެ. އަބަދުވެސް ފައިލެއް ހިފައިގެން ލިޔުމުގައި ނޫނީ ކިޔުމުގައެވެ. ދޭތެރެ ދޭތެރެއިން ޔަފުއާން ޚަބަރުތަކާއި، ކުންފުނީގެ މުއާހަދާކުރާ ކަރުދާސްތައް ހިފައިގެން އާދެއެވެ. އާހިލު ކެއުންވެސް އޮފީހަށް ގެނެއެވެ. ފައިލުތައް ބަލަމުން ކައި ހަދައެވެ. މިނޫން ގޮތެއް އޭނާއަށް ފެންނާކަށް ނެތެވެ. އެހާވެސް ބުރައީއެވެ. ދުވަހަކުވެސް ނިމޭހާ ހިސާބަކަށް މަސައްކަތެއް ނުދެއެވެ. ކުރިޔަސް ހުސްނުވާ ކަހަލައެވެ. ބުރަކޮށް އުޅުނަސް ޖޫނާގެ ޚަބަރު ބަލަން ބޭނުންވެފައި ހުރެވެއެވެ.

ޖޫނާ ރަނގަޅުވުމުން އެނބުރި އޮފީހަށް އައެވެ. ލުއި އެއްޗެއް ކާލަންވެގެން ކާނާ ވެންޏަށް އިބުރާހިމުއާއެކު ދިޔައެވެ. ޒާން މި ދުނިޔެއިން ވަކި ވުމުގެ ކުރިން އިބުރާހިމު ޖޫނާ ބަލައި ދިނުމަށް ވަސިއްޔަތް ކުރިއެވެ. އެކަން އޭނަ ފުރިހަމައަށް އަދާކޮށްދެއެވެ. ކުޑަ ދޮންކެޔޮ ވަކަކާއި ނާޝްޕާތީއެއް ކާލައިގެން އޮފީހަށް ވަނެވެ. ފައިލުތައް ހުޅުވާ ސަމާލުކަން ދިނެވެ. ހަވީރުވެ އިރުއޮއްސުނު އިރުވެސް ޖޫނާ އިނީ އެ މަސައްކަތުގައެވެ. އިބުރާހިމު ދަމުން ބުނެފައި ދިޔައެވެ. ޖޫނާވެސް އެންމެ ފަހު ޚުލާސާ ހެދުމަށްފަހު ތަނުގެ ވެރިޔާއަށް ފޮނުވިއެވެ. އަތު ދަބަސް ތައްޔާރު ކޮށްލައިގެން ކުއްޔަށް ދުއްވާ ކާރަކުން ގެއަށް އެނބުރި ދިޔައެވެ. ނަމަވެސް އޭނާއަށް ފާޑެއްގެ އިހުސާސެއް ކުރެވުނެވެ. މީހަކު އޭނާގެ ފަހަތުން އުޅޭ ކަމުގެ އިހުސާސެއް ވިއެވެ. ކާރުގެ ބިއްލޫރިގަނޑުން އެކި ދިމަދިމާ ބެލިއެވެ. ނަމަވެސް އިތުރު އެހެން ކަމެއް ފާހަގަ ނުވުމުން އޭނާ ދާށޭ ބުންޏެވެ.

ޖޫނާ އިން ކާރު ހުރި މަގާއި ކަފި މަގެއްގެ ގަހެއްގެ ފަހަތުގައި ފިލައިގެންހުރި މީހަކު ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ….

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 310 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (30)

Next

އެންމެ ފަހު ސިޓީ ـ 5

Next
August 15, 2026

އެންމެ ފަހު ސިޓީ ـ 5

Previews
August 15, 2026

މި ލޯތްބާއި ތި ވަޢުދު (30)



All Right Reserved!