Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ބަސް ނެތީކީއެއް ނޫނެވެ. ބަސްކޮށާރު މުއްސަނދި ނޫނިީއެވެ.

leafy Level 210 Stories100 Login
July 24, 2026 4 Mins Read
0 Comments

ދިވެހި ބަހަކީ ހިންދޫކަރައިގެ ކަނޑުގައި އެއްލާލެވިފައިވާ ރީތި ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ވާހަކަ ދައްކަމުން އަންނަ ބަހެވެ. ތަފާތު ބަހުރުވަތައް ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވެއެވެ. ސަގާފަތްވެސް ތަފާތެވެ. އާންމު ދިރިއުޅުމުގައި މިހާރުގެ ކުދިން ވާހަކަ ދައްކަމުން ދަނީ އިނގިރޭސި ބަސްތައް ލައިގެންނެވެ. ދިވެހި ބަސްކޮށާރު އެހާމެ ކޮށްޓެވެ. އިނގިރޭސި ލަފުޒެއްނުލައި ޖުމުލައެއް ފުރިހަމައެއް ނުވެއެވެ. އެކި ހާލަތްތަކުގައި ބޭނުންކުރާނެ ބަސްތަކެއް ނޭނގެއެވެ. މާހައުލާއި ގުޅޭ ބައިވަރު ބަސް ހުންނައިރުވެސް އޭގެ ބޭނުމެއް ނުކުރެއެވެ. މުސްކުޅި ބަހާއި އަދަބީ ނަސޭހަތުގެ ބަސްތައް ބޭނުމެއް ނުކުރެއެވެ. މިސާލު ބަސްތައް އެހާ އާންމެއް ނޫނެވެ. ބަހެއް ނެތްނަމަ ބުނާނެ އެއްޗެއް ނޭނގިފައި ހުރެއެވެ. މިފަދަ ލަފުުޒުތައް ހުރިކަމީ ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ ކަމެކެވެ.

ހާލަތަށް ބިނާކޮށް ދިވެހީގައި ބައިވަރު ބަސްތައް ހުރެއެވެ. މީހަކާ ބައްދަލުވުން ‘ހެލޯ’ ނޫނީ ‘ހައި’ ބުނާއަޑު އިވެއެވެ. މީގެ ބަދަލުގައި އިސްލާމު ދީނުގައި އާންމުކުރުމަށް ބުނެފައިވާ ސަލާންވެސް ގޮވިދާނެއެވެ. ނުވަތަ ‘ބާއްޖަވެރި ހެނދުނަކަށް އެދެން’ މިފަދަ ވަގުތުތަކަށް ބަސް އެނބުރި ދާނެއެވެ. އެވަރުވެސް ނޭދޭނަމަ ‘މަރުހަބާ’އޭ ބުނެވިދާނެއެވެ. އޭގެން ތިބާ އަނެކާއާ ބައްދަލުވުމުން އުފާވާކަން އަންގައިދޭނެއެވެ. އަދި ވަރަށް އަޅައިގަންނަ އެހެން އެއް ބަހަކީ ‘ސޮރީ’އެވެ. ދިވެހި ފިލްމުތަކުގައިވެސް މި ބަސް ތަކުރާރު ކުރެއެވެ. އެއީ އެއްފިލުމުގެ ނަންވެސް މެއެވެ. ‘މަޢާފު’ މިއީ ކިހާ ރީތި ބަހެއް ނޫން ހެއްޔެވެ؟ މުޖުތަމަޢުގައި މުސްކުޅިންވެސް މި ބަސްތައް ބޭނުންކުރެއެވެ. މިއީ ދިވެއްސެއްގެ ހައިސިއްޔަތުން ލަދު ގަންނަންޖެހޭފަދަ ކަމެކެވެ. ތިމާގެ ވަޒަނުގެ ބަހާއެއް އުވުމަށް އެއްބާރުލުންދޭ ބަޔަކަށް ނުވަމާތޯއެވެ. އިތުރު ބަހަކަށް އަޅައިގަންނަނީ އެއްޗެއް އެނގުމުން ‘އަންޑަސްޓޭންޑޭ’ ބުނުމެވެ. މީގެ ބަދަލުގައި ފަހުމު ނުވަތަ ދޭހަވެއްޖޭ ބުނުން ކިހާ ޗާލެއްނޫންތޯއެވެ؟ އަދި މި ޕެރެގުރާފު ނިންމާލުމުގެ ކުރިން ޚާއްސަ ބަސްތަކެއް އެބަހުއްޓެވެ. އެއީ މިހާރު ގިނަ ކުދީންގެ ކަށީގައި ހިފާފައި ހުރި ކަންތައްތަކެވެ. ‘އައި’، ‘މައި’، ‘ޔޫ’ މިއެވެ. މިބަސްތައް ދަންނަމެއް ނޫންތޯއެވެ؟ ‘އައި’ގެ ބަދަލުުގައި ‘އަހަރެން’ ނުވަތަ ‘އަޅުގަނޑު’ ދިވެހީގައި ބޭނުން ކުރެއެވެ. ‘މައި’ ގިނައިން ބޭނުން ކުރަންވެސް ނޭނގެއެވެ. ބަދަލުގައި ‘އަހަރެންގެ’ ނޫނީ ‘އަޅުގަނޑުގެ’ ބޭނުން ކުރުން ކިހާ ފުރިހަމަ ހެއްޔެވެ؟ ދެން އެކިޔާ ‘ޔޫ’އެއްގެ ބަދަލުގައި ނުރަސްމީކޮށް ‘ކަލޭ’ ކިޔޭނެއެވެ. މިއީ ހަޑި ބަހެއް ނޫނެވެ. ‘ކަލޭ’ އެއީ ހަމަ ރީތި މައް ދިވެހި ބަހެވެ. ރަސްމީކޮށް ބުނާއިރު ‘ތިބާ’އޭވެސް ބުނެވޭނެއެވެ. މިހުރީ ހައްތަހާވެސް ހާލަތްތަކުގައި ބޭނުންކުރާނެ ބަސްބަހެވެ. ދިވެހި ބަސް ކިހާ މުއްސަނދި ހެއްޔެވެ؟

ކޮންމެ ބަހެއްގައިވެސް މާހައުލާ ގުޅުވައިގެން ބަސް ހަދާފައި ހުރެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ދިވެހި ބަހެވެ. ފެއްސާއި ނުލުގެ ވަރަށް ގިނަ ކުލަތަކަށް ބަސްތައް ހުރެއެވެ. ގުރާފެހި، ވަޅުފެހި، ފަތުފެހި، ވިލުނޫ، ކަނޑުނޫ މިހުރީ ކުލަތަކެވެ. މީގެ އިތުރުން ނަންއިތުރު ބޭނުންކޮށްގެން ކުލަތައް އިތުރަށް ސިފަކޮށްދެވޭނެއެވެ. ‘ގަދަ’ފެހި، ‘މަޑު’ފެހި މިހުރީ އޭގެ ކުލައެވެ. އިނގިރޭސިން ނުވަތަ އެހެން ބަހަކުންވެސް ކުލަތަކުގެ ނަން ބޭނުންކުރާކަށް ނުޖެހޭނެއެވެ. ހަމައެފަދައިން މަސްމަހާމެއްސަށް ކިޔާ ނަންތައްވެސް އިތުރު ބަހަކުން ހޯދާކަށް ނުޖެހޭނެއެވެ. ރަދީފު ބެލިއްޔާ ބައިވަރު ނަންތައް އެހުރީ ފެންނާށެވެ. އެކި ވައްތަރުގެ އެއްގަމުގައާއި ކަނޑުގައި އުޅޭ ސޫފިތަކަށް ކިޔާ ނަން ހުންނާނެއެވެ. ހޯދާ ބެލުމަކީ ބަސްކޮށާރު މުއްސަނދިވާނެ ކަމެކެވެ. އެކި ގަސްގަހަށް ކިޔާ ނަންތައް ރަދީފުގައި އެބަ ހުއްޓެވެ. ‘މިންޓު’ގެ ބަދަލުގައި ކުދީނާފަތެވެ. ‘ޕޯރުޝާ ޓުރީ’ އެއީ ހިރުނދު ގަހެވެ. މިފަދަ ބައިވަރު ބަސް ހުންނާނެއެވެ. ގަސްގަހާގެއްސައް ވުރެވެސް ބޮޑު ކަމަކަށްވަނީ ‘ފުރުޓު’ ކިޔާތީއެވެ. ވާނީވެސް އެހެންތާއެވެ. ވިހޭންސުރެ މަންމަވެސް އެހެން ކިޔާތީ ކިޔެނީއެވެ. މޭވާއަކީ ދިވެހި ސާދާ ރީތި ބަހެކެވެ. ‘އޮރެންޖު’ މި މޭވާއަށް ބަހެއް ނެތޭ ކިޔައިގެން ދެބަސްވުންވެސް ހިނގާފައި އެބަހުއްޓެވެ. ނަމަވެސް ފޮނިލިނބޯ މިއީ އޭގެ ނަމެވެ. ‘ބަނާނާ’ މުސްކުޅިންވެސް މިބަސް ބުނީމާ އެނގެއެވެ. ދޮންކެޔޮ އެއީ ފަރަންޖީ ބަހެއް ނޫނެވެ. ނެގިދާނެ ހެކި އިންތިހާއެވެ. ބައިވަރު ދިވެހިބަސް މާހައުލަށް ބިނާކޮށް ހަދާފައި އެބަ ހުއްޓެވެ. އެ ބޭނުން ނުކުރާނަމަ ކަނޑުގައި އަޅާ ރޮނގެއްހެން ސިކުނޑިން ފިލާނެއެވެ.

މަލާމާތަށްވިޔަސް، ނަސޭހަތަކަށްވިޔަސް، އަމުރަކަށްވިޔަސް ދިވެހިބަސް މުއްސަނދިކޮށްދޭ އެކައްޗަކީ އަދަބީ ބަހެވެ. އިސްވެދިޔަ ޕެރެގުރާފުގައިވެސް އޭގެ ބަހެއް ވާނެއެވެ. އަދަބީ ބަހަކީ ލަފުޒީ މާނަނޫން އެހެން މާނައެއް ދޭހަވާ ކޮންމެ ބަހެކެވެ. އޭގެތެރޭގައި ހަރުބަހާއި މިސާލުބަހާއި މުސްކުޅިބަސްވެސް ހިމެނެއެވެ. ކަމެއް ދިމާވުމުން އެ ހާލަތަކަށް ބިނާކޮށް މިހާރުގެ ކުދިން ބޭނުން ކުރަމުން އަންނަނީ އިނގިރޭސި ބުނުންތަކެވެ. މަދަރުސާގައި ދިވެހީގެ ބައިތައް ކިޔަވައިދިނުން އެހާ ފުރިހަމަ ނުވަނީ ހެއްޔެވެ؟ ކިލާހުން ގެއަށް އައިސް ދެ އަތް ގާތްކޮށް ގޮށިކޮށްގެން ބަލާ ފޯނުން ރަދީފު ބެލޭނެއެއް ނޫން ހެއްޔެވެ؟ މުސްކުޅީންވެސް މިހާރު އޭގެ ބަހެއް ބޭނުންކުރާ އަޑެއް މަދުންނޫނީ ނާހަމެވެ. އެއްޗެއް ބޭނުންވެ ނުބުނެ ހުންނަނަމަ، ‘ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނޭ’ ބުނެވޭނެއެވެ. އަދި ވޭވޭ ހުރި ކަމެއް ހުއްޓިފައި ދެން ހިނގާނަމަ ‘ވަރުލައިގަންނަންޏާ ބޮޑު އިހާ ޖަހާނެއޭ’ ބުނެއެވެ. މީގެއިތުރުން ކައްކާއިރު މީރުވަސްދުވުމުން ‘ބަނޑުފުރޭ ކަހަލައޭ’ ބުނެވޭނެއެވެ. މިހުރީ ހައްތަހާވެސް އަދަބީ ބަސްތަކެވެ. ފޮތެއް އޮވެ އެދުރު ނުވިޔަސް ތަފާތު މަންސަތަކުން ހޯދާ ބެލޭނެއެއް ނޫން ހެއްޔެވެ؟ އެކި މީހުން އެހީތެރިވާން އެބަ ތިއްބެވެ. މަދަރުސާގެ ދަރިވަރެއްނަމަ މުދައްރިސެއްގާތު ސުވާލު ކުރެވޭނެއެވެ. އާންމު ފަރުދެއްނަމަ ބަހަށް ފަރިތަ މީހެއްގާތު އެހިދާނެއެވެ. ދިމާވާ ހާލަތަކަށް ނޫނީ ކުރިމަތިވާ އުގާނަތަަކަށްވެސް އަދަބީ ބަސް އެބަ ހުއްޓެވެ.

ދިވެހި ޖަލްސާ ތަކުގައިވެސް އިނގިރޭސި ބަސްތައް ބޭނުންކުރުން ވަރަށް އާންމެވެ. ބަހެއް ނޭނގުމުން އަވަހަށް އިނގިރޭސި ނޫނީ އެހެން ބަހެއްގެ ލަފުޒެއް ވައްދާ ފޫބައްދާލަނީއެވެ. ނަމަވެސް މީގެ އަސަރު ކުރަނީ އެ ޖަލްސާ ދުރާ ގާތުން ބަލަން ތިބޭ މީހުންނަށެވެ. އަޑުއިވޭ އެއްޗެއް ދުލަށްވެސް ފަސޭހަވާނެއެވެ. ދެން އެ ބަސް ފެތުރިގެން ދިޔުމުން އޭގެ ދިވެހިބަސް ދަށު ދަރަޖައަށް ވައްޓާލައެވެ. އެ ބޭނުންކުރާ މީހުންވެސް ކުށްވެރި ކުރާ ދަރަޖައަށްދެއެވެ. ދިވެހި ބަހުން ވާހަކަ ދައްކަން ލަދު ގަންނާކަށް ނުޖެހޭނެއެވެ. ކޮށިވެފައިވާ ވަޅިވެސް ތޫނު ކުރާ ބީދައިން ތިމާގެ ބަސްކޮށާރުވެސް ތޫނު ކުރާށެވެ. އިނގިރޭސި ބަސްތައް ބޭނުންކުރުން ހުއްޓާށެވެ. ލޯނު ލަފުޒުތައް ބޭނުން ކުރިޔަސް ދިވެހި ބަސް އޮންނަކަން އިނގޭ ބަސްތަކަށް ކުރެފި ނާރުވާށެވެ. ދިވެހި ބަސްތައް އާންމުކޮށް ބޭނުންކުރާ ނަމަ ބޮޑެތި އިނގިރޭސި ބަސްތަކެއް ނުފެތުރޭނެއެވެ. އާދޭހެވެ! ދިވެހިން ދައްކާނަމަ އެ ޖުމުލައެއް ދިވެހިން ފުރިހަމަ ކުރާށެވެ. ނޭނގޭނަމަ އެއްކޮށް އިނގިރޭސިން ވާހަކަ ދައްކާށެވެ. ބަހެއް ނޭނގުނީއޭ ކިޔާފައި އެހެން ބަހެއް ވައްދާކަށް ނުޖެހޭނެއެވެ. އެ އެއްޗެއް ނޫނީ ކަމެއް ތިމާއަށް އިނގޭ ބަސްތަކުން ސިފަވެސް ކޮށްދެވޭނެއެވެ. ކަށީގައި ހަރުލާފައިވާ އާދައެއް ނައްތަން އުނދަގޫވާނެއެވެ. ނަމަވެސް ކުޑަ ހިތްވަރެއް ލައިގެން އެ ކަމެއް އިރާދަކުރެއްވިއްޔާ ހާސިލުވާނެއެވެ. ބަހެއް ނޭނގުމުން ސިފަކޮށްދީގެންވެސް ބުނާ ބުނުމެއް ބުނެވުމަކީ ދިވެހި ބަހުގެ މުއްސަނދިކަން ދައްކުވައިދޭ ކަމެކެވެ.

ދިވެހި ބަހަކީ ނިކަމެތި، ފަޤީރު ބަހެއް ނޫނެވެ. ދިވެހި ރާއްޖެއަށް ނިސްބަތްވާ ދިވެހީން ވާހަކަ ދައްކާ ރީތި މުއްސަނދި ބަހެކެވެ. މި ބަހުގައި ތަފާތު ސިފަކުރުންތަކާއި، އަދަބީ ބަސްތައް ހުރެއެވެ. ހާލަތައް ނިސްބަތްކޮށް ބުނާނެ ބުނުންތައްވެސް ހުރެއެވެ. ނަމަވެސް ބޭނުންނުކޮށް ހަނދާން ނައްތާލަނީއެވެ. ބޭރުގެ ޒައުގު ރީތިވެ ތަބަންނީ ކުރަނީއެވެ. ސަގާފަތާއި ބަސް އުވިގެން ދިޔުމަކީ ކިހާ ބޮޑު ލަދެއް ހެއްޔެވެ؟ ކާބަފައިން މީގެ ޤަރުނުތަކެއްގެ ކުރިން އުފަންކުރުވި މި ރީތި ބަހާ ފުހެވިގެން ދިޔުމީ ވަރަށްވެސް ހުތުރުކަމެކެވެ. ގަބޫލު ކުރަމެވެ. އެކި މީހުންގެ ފެންވަރު ހުންނާނީ އެކި ވަރަށެވެ. ފަސް އިނގިލި އެއްވަރެއް ނުވާނެއެވެ. އެހެންކަމުން އެ މީހަކަށް ކުރެވޭވަރުން ބަސްތައް ހޯދާ ބޭނުންކުރާށެވެ! އެ ކަކުންޏެއްގެ ހޮރު ކޮންނާނީ އެ ކަކުންޏެއްގެ ވަރުންނެވެ. ފަރުދީގޮތުން ކުރާން ފަށައިފިނަމަ މުޖުތަމައުގައި ދިވެހި ބަހުން ވާހަކަ ދެކެވި، އޭގެ އަސަރު ކުރާނެއެވެ. އިނގިރޭސި ބަސްތައް އުވޭނެއެވެ. މާއްދާތައް އިނގިރޭސިން ކިޔަވައިދޭކަށް ނުޖެހޭނެއެވެ. ވުމާއެކު ދިވެހި ބަހަކީ ބަހަވީގޮތުން މުއްސަނދި ބަހުރުވައެކެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

ގާތުގާ… 40

Next

އަނދިރި ދުނިޔޭގެ ރަސްގެފާނު – 2

Next
July 25, 2026

އަނދިރި ދުނިޔޭގެ ރަސްގެފާނު – 2

Previews
July 24, 2026

ގާތުގާ… 40



All Right Reserved!