Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މަލާމާތް ލޯބި – 13

leafy Level 210 Stories100 Login
August 7, 2026 5 Mins Read
0 Comments

ޖޫނާއަށް ހޭލެވުނު އިރު އެނދުގައި އާހިލުއެއް ނެތެވެ. ކޮޓަރީގައި ނެތުމުން ބޭރަށް ދިޔައީ ކަމަށް ހިތާހިތުން ނިންމިއެވެ. ވަރުބަލިކަންހުރި ނަމަވެސް ތެދުވެ ފާހާނާއަށްވަދެ ފެންވަރާލިއެވެ. އަދިވެސް ހިނގަން އުނދަގޫވިއެވެ. ނަމަވެސް ބޯ ހިއްކަމުން ފާހާނާއިން ނުކުމެ ރީތިވާ މޭޒު ކައިރިއަށް ދިޔުމުން ކުޑަ ގަނޑުކޮޅެއް ފެނުނެވެ. ‘ކާނެ ތަކެތި ހިފައިގެން އިރުކޮޅަކުން އެބަ އަންނަން.’ އެ ގަނޑުކޮޅުގައި ލިޔެފައިވެއެވެ. ހިނިތުންވުމެއް ޖޫނާގެ މޫނުމައްޗަށް ވެރިވިއެވެ. އަންނައުނުލައި ތައްޔާރުވިއެވެ. ލޯގަނޑުން ބަލައިގެން ފުނާ އަޅާލަ އަޅާލަ ހުއްޓެވެ. ކުއްލިއަކަށް ފޯނުން އަޑުކިޔަން ފެށިއެވެ. ލުބުނާ ފޯނުގެ އިސްކިރީނުގައި އަރާފައި އޮތެވެ. “ލުބުނާ؟” ޖޫނާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. ނުނަގަން ހުރެފައިވެސް ފޯނު ނެގިއެވެ. “ހަހަހަހަ. ރައިޝާ؟ ތީ ރައިޝާތަ؟ ނޫނޭ މަގޭގެ ލޯބިވާ މަށާ ވަކި ކުރުވި ފާރެއް ތިއީ. ކަލެއަކީ ކާކުކަން މަށަށް ވަރަށް ރީއްޗަށް އެނގޭ.” ލުބުނާ ހެމުން ބުންޏެވެ. ޖޫނާ އެއްޗެކޭ ނުބުނެ ހަނު ހުއްޓެވެ. “ޖޫސްގަނޑު. އަހަރެމެންގެ ޖޫސްގަނޑު އަދިވެސް ރަނގަޅަށް ނުގިރެނީ ދޯ؟” ޝަފްރާގެ އަޑުވެސް އިވިގެން ދިޔައެވެ. ޖޫނާގެ ކަންފަތަށް އިވިގެން ދިޔަ ވާހަކަތަކުން ހިލަވެ ގަބުވެފައި ހުރެވުނެވެ. އޭނާއަށް ހަށިގަނޑު ގުޑުވައިވެސް ނުލެވިފައި ހުއްޓެވެ. އޭނާގެ ހިތުގެތެރެ ހީވަނީ ހޫނުވެފައިވާ ތެޔޮގަނޑެއްގެ ތެރެއަށް އަޅާލި ޒުވާރި އޮށްތަކެއް ހެންނެވެ. އެހާވެސް ހައިރާންވެ އާގަމަވެފައި ހުއްޓެވެ. ލުބުނާއާއި ޝަފްރާއަށް އޭނާގެ ހަގީގަތް އެނގުމުން އެހާވެސް ހައިރާންވެ އަންތަރީސްވެފައި ހުއްޓެވެ.

ޖޫނާ ސިހިގެން ދިޔައީ ބޮޑު ކޮތަޅެއް ހިފައިގެން ކޮޓަރިއަށް އާހިލު ވަދެގެންއައި އަޑު އިވުމުންނެވެ. ފޯނުގައިވާ ރަތް ފިތަށް ފިތާލުމަށްފަހު ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ތުރުތުރު އަޅަމުންދިޔަ ހަށިގަނޑު ގޮނޑިއެއްގައި އިށީނެވެ. އާހިލުއަށް މި މަންޒަރު ފެނުމުން ޖޫނާއާ ގާތްވިއެވެ. ކަރު ދޮށުން ވަސްގަނެ ކީއްވީތޯ އެހިއެވެ. މިހާރު އާހިލު އުޅެނީ ވަރަށްވެސް ލޯބިންނެވެ. މުހެމުންދިޔަ ވާގަނޑެއް އަލުން ރޭގައި އައްސާލެވުނީމައި އާހިލު ހުންނަނީ ދުނިޔޭގައެއް ނޫނެވެ. “ލުބުނާ… ގުޅީ” މަޑުން ނަމަވެސް ދެންމެ ވީ ކަންތައް ކިޔައިދެވޭތޯ ޖޫނާ ބެލިއެވެ. ހަގީގަތުގައިވެސް ޖޫނާ ބިރުގަތެވެ. އާހިލުގެ އަތުގައި ހިފާ ބާރުކޮށްލަމުން ޖޫނާ އާދޭސްކުރާ ހާލު ބުންޏެވެ. “ހިނގާ ރަށަށް ދާން. ހެޔޮ ނުވާނެ.” އަދިވެސް ރޮވޭ ފަށުގައިހުރި ޖޫނާ ގިސްޖެހެމުން ބުންޏެވެ. “މިއައީ މިވާދުވެސް ނަގާފައި. އެކަމު ފުރޭނީ މާދަން.” އާހިލު ކިޔައިދިނެވެ. ގެނައި ކޮތަޅުން ރަންދުކޮށްފައިވާ ތައްޓެއް ނަގާ ޖޫނާއަށް ދިނެވެ. އޭގައިވާ ނޫޑުލިސްގަނޑުން އެރި މީރު ވަސްގަނޑުން ބަނޑު ފުރުނު ކަހަލައެވެ. ހޫނުކަން ހުއްޓާ ކެއުމަށް މޭޒުދޮށަށް ދެ މީހުން ދިޔައެވެ. ލުބުނާ އެ ދެއްކި ވާހަކައާ ބެހޭގޮތުން ޖޫނާ އަދިވެސް ވާހަކަ ދައްކަމުން ދިޔައެވެ.

ކައިނިމި އެއްފަހަރު ބޭނުންކުރެވޭ ތަށިތައް ކުނި ވަށިގަނޑަށް ލިއެވެ. ސޯފާގައި އިށީންދެ އިން އާހިލު ޓެލެވިޜަން އިސްކިރީނަށް ގެއްލިފައި އިންދާ ކުއްލިއަކަށް ފޯނެއް އައެވެ. “މަރުހަބާ. ތަހުގީގީ މީހުންގެ ތަހުގީގު ނިމުމަކާ ހަމައަށް އަތުވެއްޖެ.” ލިބުނު ޚަބަރުން އާހިލު އުފާވިއެވެ. މިހާރު އޭނާގެ ކުންފުނިން އަނަފާ ލިބިގަންނަ ފަރާތްތައް އިނގިގެން ދާނެއެވެ. ޖޫނާ ބަދިގެ ފަޅިން ނުކުމެ އާހިލު އިށީންދެ އިން ސޯފާއަށް ދެމިގަތެވެ. ގައިގަ ވަރު ނެތީކީއެއް ނޫނެވެ. ލުބުނާގެ ކަންތައްގަނޑު ހިތުން ނުފިލައެވެ. އިއްޔެ ކޭ ހަވާދު ރިހަގަނޑުހެން އަރުތެރޭގައި ލުބުނާ އުޅެއެވެ. އަދިވެސް އޭނާގެ ދަންތުރައިން ޖޫނާއަށް ސަލާމަތް ނުވެވެއެވެ. އާހިލު ފޯނު ބޭއްވުމަށްފަހު ޖޫނާއާ ގާތްވިއެވެ. “ހިނގާ މަށާއެކު ކުންފުންޏަށް ދާން ލޯބީ.” ޖޫނާ އެ ބުނި ޖުމުލައަށް އިންކާރެއް ނުކުރިއެވެ. އޭނާއަށް ވިސްނޭގޮތުން އާހިލު ދޫކޮށްފައި ދެވޭކަށް ނެތެވެ. ލުބުނާ މަރު ޚަތިޔާރުވެސް އަޅާފާނެއެވެ.

ލުބުނާއާއި ވަދީލުމެން ތަހުގީގީ މީހުންނާއެކު ވާހަކައިގައި ތިއްބެވެ. އާހިލު މައި ދޮރާށިން ވަދެގެން އައުމުން ހުރިހާ އެންމެން ހިމޭންވިއެވެ. އޭނާގެ ފަހަތުން ވަދެގެން އައި ޖޫނާއާ ދިމާއަށް މީހުން ލޯ އަޅަން ފެށިއެވެ. ލުބުނާ ދެއަތް އުރާލައިގެން ދެ ބުމަ ގޮށްޖަހައިގެން ހުއްޓެވެ. ކޮންމެވެސް ކަމެއް ގޯސްކަން ޖޫނާއަށް އެނގުނެވެ. އެ މީހުން ވާހަކަ ދައްކާ ނިމޭނެ އިރަކަށް މަޑުކޮށްގެން ހުރި ޖޫނާ މަގަތުގައި ހުރި ގޮނޑި ބަރީގައި އިށީނެވެ. ކަޅިޖަހައިނުލާ ލުބުނާ ޖޫނާއަށް ބަލަން ހުއްޓެވެ. ޖޫނާ ވައްކަން ކުރިކަަމަށް ދައުވާ ކުރިއެވެ. “ރޭގައި ސެކިއުރިޓީންވެސް ބުނި އޭނާ ވަދެގެން އައިސް ބޮޑު އެއްޗެއް ހިފައިގެން ދުވެފައި ދިޔަ ވާހަކަ. އަދި ހުރި އެހެން ފިރިހެން މީހަކުވެސް ބޭރުގައި މަޑުކޮށްގެން.” ލުބުނާ އާހިލުއާ ދިމާއަށް ބުންޏެވެ.

ހަގީގަތުގައި ލުބުނާ އެހެދީ ބޮޑު ދޮގެކެވެ. ރޭގައި ހުރި ސެކިއުރިޓީއަށް ފައިސާ ދީފައި އެ ބަސް ބުނުވިއެވެ. ނަޒުރާނާ ލައްވާ ޝައްކު ކުރެވޭފަދަ އަންނައުނުގައި ޖޫނާ ހިނގާގޮތަށް އޮފީހަށް ވަދެގެން ދިޔައެވެ. ކުޅުނު ކުޑަ ތަމުސީލުކޮޅު ކެމެރާއަށް އަރާފައިވުމުން ލުބުނާ އޭގައި ހިފިއެވެ. މިއީ އެ މީހުންގެ ބޮޑު ރޭވުމެވެ. މި ވާހަކަ ސިއްރުވެފައި އޮތަސް އާހިލު ލުބުނާ ދައްކާ ވާހަކަ ގަބޫލު ކުރާނެ ހެއްޔެވެ؟

ޖޫނާގެ ކަންފަތް ދޮށުގައި އެޅި ހޮނު ގުގުރިއެއްހެން އެ ވާހަކަތައް އަޑުއިވުނެވެ. އާހިލު ޖޫނާއަށް ބަލަން ފެށިއެވެ. “އޭނާ ރޭގައި ވައްކަން ނުކުރާނެކަން އަހަންނަށް އެނގޭ. ރޭގައި އޭނާ އުޅުނީ އަހަރެން ގާތު.” އާހިލު ޖޫނާއާ އެއްކޮޅަށް ވާހަކަ ދެއްކިއެވެ. ޖޫނާގެ ބަލި ފައި މައްޗަށް ފޮއެ ވެއްޓުނީއެވެ. މިހާރު އޭނާ ޖަލަށް ލާނެކަން ޔަގީނެވެ. އާހިލުއާ އަނެއްކާވެސް ވަކިވާން ޖެހުނީއެވެ. ނަމަވެސް މިހާރު އޭނާއަށް އާހިލުއާ ނުލައި އުޅުމީ ނުވާނެ ކަމެކެވެ. އެވަރަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. ދެން ހިތަށް އަރަންފެށީ އަމިއްލަ ހަޔާތަށް ނިމުމެއް ގެނައުމަށެވެ. އެއީ އޭނާއަށް ހަޔާތުގެ އުސް ރާޅުތަކުން ސަލާމަތްވެވެން އޮތް ހަމައެކަނި މަގު ކަމުގައެވެ. ފާފައަކަށް ވިޔަސް މުޅި އުމުރު ދުވަހު ޖަލުގައި އިންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. މިހުރިހާ ކަމަކުން އޭނާ ސަލާމަތް ވާނެއެވެ.

އިރުކޮޅަކުން ޖޫނާ އަމިއްލައަށް ކުންފުނި އިމާރާތުގެ ސިޑިން އެންމެ މަތީ ހަރުފަތަށް އަރަން ދިޔައެވެ. އޭރުވެސް އާހިލު ތަހުގީގީ މީހުންނާ ވާހަކަ ދައްކަމުން ދިޔައެވެ. ޖޫނާ ނެތްކަން ރެއަކާލީ އިރުކޮޅެއް ވީފަހުންނެވެ. އެކި ދިމަދިމާއަށް ލޯ އުކިއިރުވެސް އޭނާ ފެންނަ ހިސާބުގައި ނެތުމުން އާހިލު ހާސްވިއެވެ. ކުއްލިއަކަށް މީހަކު ބިމަށް ވެއްޓިގެން އަޑު ‘ޕައް’ ކިޔާފައި އިވުނެވެ. ހުރިހާ އެންމެވެސް އެ ދިމާއަށް ނަޒަރު ގެންދިޔައެވެ. އާހިލުއަށް އެ ދިމާއަށް ބަލަން ހުރެވުނީ ސިހިފައިވާ ހާލުގައެވެ. ދުވެފައި އެ ދިމާއަށް އާހިލުއަށް ދެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ޖޫނާގެ ހަށިގަނޑު ދުވާރުގެ ގާގަނޑުގައި ޖެހި ލޭ އައިސްފައި ވެއެވެ. އާހިލުއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ހަސްފަތާލަށް ގެންދިޔުމަށް ގޮވަމުން ދިޔައެވެ. ފޯނު ޖީބުން ނަގާފައި އެންބިއުލާންސަށް ގުޅާ ގެނައެވެ. އަވަސް ފަރުވާތައް ދެމުން ފޮތި އެނދަކަށްލައި ދުއްވާލިއެވެ. ކާރު ބާރު ބޮޑު މަގުތަކުން ޖާގަ ހޯދަމުން ހަސްފަތާލަށް ދެވުނު އިރު ޖޫނާގެ ހައްޓަކު ހެޔެއް ނެތެވެ. އޭނާގެ ފުރާނަ ނެތިގެންދާނެ ކަމުގެ ބިރަށް އާހިލުގެ ހިތް ފުނޑު ފުނޑުވަމުން ދިޔައެވެ. ފަޅައިގެން ދިޔަ ބިއްލޫރި ފުޅީގެ އެތިކޮޅު ތަކަށްވުރެ ތޫނު ތަދެއް އިހުސާސް ކުރިއެވެ.

ކުއްލިފަރުވާ ކޮޓަރިއަށް ވެއްދުނު އިރުވެސް އާހިލުގެ ހިތުގެ ވިންދު އަވަސްވެ ތެޅެމުން ދިޔައެވެ. މޭގަނޑު ދެ އަރިއަށް ކޮށްޕާލާހެން ވެސް އޭނާއަށް ހީވެއެވެ. ހިތަށް ބާރު ބޮޑުވެގެން ދިޔައެވެ. ޝަައްކުތަކާއި ވަހުމުތައް އޭނާގެ ސިކުނޑީގައި ވިއެވެ. ކިތަންމެ ފޮރުވައިގެން ހުއްޓަސް އޭނާގެ ޖަޒުބާތުތައް މޫނުމަތިން ކުޑަކޮށް ނަމަވެސް ފާޅުވެއެވެ. ޖޫނާ އެގޮތަށް ކަންތައް ކުރީ ކީއްވެތޯ ހިތާ ސުވާލު ކުރަމުން ދިޔައެވެ. އެ ފަކީރުގެ އާއިލާ އެކަކުވެސް ދުނިޔޭގައި މިހާރު ނެތެވެ. އާހިލު ދޫކޮށްފައި އޭނާ ދާނެ ވަކި އެހެން ތަނެއް ނޭނގެއެވެ. އާހިލު ހަސްފަތާލުގެ ގޮނޑި ބަރީގެ އެންމެ ކަނުގައި އިނދެ ވިސްނަމުން ދިޔައެވެ. ‘އަނެއްކާ ލުބުނާގެ ވާހަކަތަކަކީ ހަގީގަތެއްބައި. ފަހަރުގައި އަހަރެން ނިދާފައި ވަނިކޮށް ޖޫނާ ގޮސްދާނެ ކަމުގެ ފުރުސަތު’ވެސް އޮތުމުން އާހިލު ވިސްނިއެވެ. އިރުކޮޅަކުން ނަރުހެއް ފޯމެއް ހިފައިގެން އައެވެ. ހިތުގެ ވިންދު ހުއްޓެން އުޅޭހެން ހީވާތީވެ ކަރަންޓު ‘ޝޮކު’ ދިނުމަށް ސޮއެ ހޯދަން އައީއެވެ. އާހިލު ލަހެއް ފަހެއް ނުވެ ގަލަން ޖަހައިގަނެ ސޮއެ ކުރިއެވެ. އޭނާއަށް ކުރެވުނު ހުރިހާ ކަމެއް ކުރުމަށް އާހިލު ހިތް ކިޔަމުން ދިޔައެވެ.

އިރުއޮއްސި ރަތްވިލާވެސް އޮއްސުނު ފަހުން ޖޫނާ ޖަނަލަށް ދޫކުރިއެވެ. ނަމަވެސް އާހިލު ބޭނުންވެގެން ކޮޓަރިއެއް ހިފިއެވެ. ޖޫނާ ހީވަނީ މައްޔިތެއް ހެންނެވެ. ގައިގެ އެތައް މިތަނުގައި  ބޭސް ފޮތި އަޅާފައިވެއެވެ. ބޮލުގައި ހުދު ތާކިހަލެއް އަޅާފައިވާ ފަދައެވެ. އަދިވެސް ފުން ނިންޖެއްގައިވާ ޖޫނާ ދޭތެރެއަކުން ގުޑުވާލައެވެ. ދަންވިހެން އާހިލުގެ ލޮލަށް ނިދި ސަވާރުވިއެވެ. ޖޫނާއަށް އުނދަގޫ ނުވާނެހެން އެނދުގެ އެއްފަޅީގައި އޭނާ އޮށޯތެވެ. އޭނާގެ ހިތާއި ސިކުނޑި ވިސްނާ ވިސްނާ ވަރުބަލިވިއެވެ. އާހިލުއަށް ނިދުނީވެސް ޖޫނާގެ މޫނަށް ބަލަން އޮވެފައެވެ. ޖޫނާ އަށްވަނަ ވިލޭރޭގެ ހަނދު ފަދައެވެ. ފޮތެއްހެން އޭނާގެ އިހުސާސްތައް ކިޔާލެވުނަސް، އޭނާގެ ވިސްނުންތައް އާހިލުއަކަށް ނޭނގެއެވެ. އެހާވެސް ސިއްރުވެރިކަން އޮވެއެވެ.

ހަނދުގެ ރިހި އަލިގަނޑު ގެއްލުމަށްފަހު ފަނޑު ނާރިނގީ އަލިގަނޑެއް އިރުމަތި ފަރާތުން ފާޅުވިއެވެ. އާހިލުއަށް ހޭލެވުނީ އަވި ބާރުވެ ހޫނުވާން ފެށި ފަހުންނެވެ. މޫނުދޮވެ އަނގަ ދޮވެގެން ކާނާވެންޏަށް ދިޔައެވެ. މީރު ޕާންފޮއްޗެއް ކަމުން ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ގަހުވަ ތަށި އަތުން ހިފައިގެން ދިޔައެވެ. އެނދު ކައިރީހުރި ގޮނޑީގައި އިށީނދެ އާހިލު ސައިބޯން ފެށިއެވެ. ކުންފުނީގެ ހަރަކާތްތަކާ ދުރުގައި އުޅުމުން މަސައްކަތްތައް ފުނިޖެހި ފަހަތަށް ޖެހުނެވެ. އެހެން ނަމަވެސް އޭނާ ޖޫނާއާ ދުރަށް ދާކަށް ނޭދެއެވެ. ކެތްކޮށްލައިގެން އިށީންދެ އިނީއެވެ. ދެ ދުވަސް ފާއިތުވީއިރުވެސް ޖޫނާގެ ހާލަތު އެހާ ބޮޑަކަށް ރަނގަޅެއް ނުވެއެވެ. މިފަހަރު އާހިލު ހުރީ ހިތް ފަޅައިގެން ދާ ވަރު ވެފައެވެ. ކިތަންމެ އިރެއް ޖޫނާ ގާތު މަޑު ކުރިއެވެ. ދަނގެތިއަށް ދިޔުމަށް ނެގި ޓިކެޓުތައްވެސް ވިއްކާލީއެވެ. ޖޫނާ މި ހާލަތުގައި ބާއްވާފައި އާހިލު ރަށަށް ދާކަށް ނޭދުނެވެ.

އިރުގެ ހޫނުގަދަ ދޯދިތައް ގަހުވަޚާނާގެ ބިއްލޫރިތައް ދޮންކުރަމުން ދިޔައެވެ. ލުބުނާއާއި ޝަފްރާ ގަހުވައަށް އަރާ ތިއްބެވެ. “މަގޭ ހީވެސް ނުކުރަން އޭނާ އެހެން ހަދާނެ ކަމަކަށް.” ޝަފްރާ ސަމުސާ ނަގާ ގަހުވަ ގިރުވާލަމުން ބުންޏެވެ. “މަގޭ ރޭވި ރޭވުމުގެ ބޭނުމެއްވެސް މިހާރު ނެތް. ދެން އޮތީ އާހިލުގެ ހިތް ހޯދުން.” ލުބުނާ ނުލަފާ ހިނިތުންވުމެއް ދިނެވެ. “އަޑު އެހިންތަ އެއްކަލަ ޒާންއަށް ހުކުމް ގާއިމުކުރި ވާހަކަ؟” ޝަފްރާ ވާހަކަ އަނބުރާލިއެވެ. “އޭނާއަށް ހަލާކު ހުރި. އަދި އެ ހަތަރު މީހުން މަރާފައި އައިސް މަވެސް މަރާލަން އުޅުނު ވިއްޔަ. ނުލަފާ ޖަނަވާރެއް އެއީ” ލުބުނާ ރުޅިގަނޑު ގަދަވަމުން ދިޔައެވެ. “އެކިޔާ ވިހަޔަކާ ހުރެ އަހަރެންގެ ޗިސްމޭ ކިރިޔާ ހަލާކު ނުވީ. ނުވިތާކަށް އަހަރެންގެ ހަންގަނޑު ދަށުގައިވާ ސަރުބީ ފަށްވެސް ނަގަން ޖެހުނު އެކަމާހުރެ.” ލުބުނާ އޭނާގެ ގައިގައި އަޅާ ވޭން ކިޔައިދިނެވެ. ފަހަރަކަށްވުރެ ފަހަރެއް އަވަހަށް ގަހުވަ ބޮއެ ނިންމާލިއެވެ. “މާދަމާ ރަށަށް ދާން ހިނގާ. ބައްޕަވެސް ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ.” ލުބުނާ ގަހުވަ ތަށި މޭޒުގައި ބެހެއްޓުމަށްފަހު ބުންޏެވެ. އާހިލުވެސް އެނބުރި ރަށަށް ދާނެ ދުވަހެއް ނޭނގުނަސް އޭނާއަށް އިނގޭ ކަމަކީ އޭނާ ރަށަށް ދާން މަޖުބޫރުވާނޭ ކަމެވެ. ޝަފްރާވެސް އެ ބުނުމަށް އެއްބަސްވަމުން ބޯ ޖަހާލިއެވެ.

މެންދުރުގެ ހޫނު ވަގުތު ޖޫނާއަށް ލޯ ހުޅުވާލެވުނެވެ. ކައިރީގައި އިށީނދެ އިން އާހިލު ފެނުމުން ކަރުނައެއް އަޅާލިއެވެ. އޭނާ އަދިވެސް ދުނިޔޭގައި ހުރިކަން އެނގި ހިތަށް ނުތަނަވަސްކަން ގެނުވިއެވެ. ނަމަވެސް މިއާ ޚިލާފަށް އާހިލުއަށް ޖޫނާ ފެނުމުން އުފަލުން ފޮޅުނެވެ. ކައިރިއަށް އައިސް ކޮލުގަޔާއި ކަރުދޮށުން ވަސްގަނެ ހެދިއެވެ. އޭރު ލުބުނާ ކާނާ ވެންޏަށް ވަދެ ބޮޑު ކޭކު ފޮއްޗެއް ކޮތަޅަކަށް ލައިގެން ޖޫނާ ބާއްވާފައިވާ ކޮޓަރިއަށް ދިޔައެވެ. އަރައިގެން ހުރި އުސް ފައިވާނުން މުށިތަކުގައި ތަޅަމުން އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކާކުތޯ ބެލުމަށް ޖޫނާގެ ގާތު ގާތްވެ އޮތް އާހިލު ލޯ އަޅާލިއެވެ. ލުބުނާކަން އެނގުމުން އާހިލުގެ މޫނަށް ވަޅޯކަން ގެނުވިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ އެ ނުލަފާ އަންހެނާގެ މޫނުގައި ޖެހިޖެހީނުން ވައްޓާލާށެވެ. ނަމަވެސް ސިކުނޑި ބުނަމުން ދިޔައީ ‘މިފަހަރު ގަންނަ ގަނޑެއް ބެލުމަށް މަޑުކުރާށޭ’އެވެ. “އާހީ. މިހުރީ ކޭކު ކޮޅެއް. ވަރަށް މީރުވާނެ. އެތިކޮޅެއް ކާލަބަ.” ކޮތަޅު ދިއްކޮށްލަމުން ބުންޏެވެ. ލުބުނާ ފެނުނުހެން ޖޫނާގެ މޫނުމަތީގައިވާ ހިނިތުންވުން ފޭދިގެން ދިޔައެވެ. އެ ހިނިތުންވުން އެކީއެކު ނެތް ފަދައެވެ. ލުބުނާ ހިތުގެ އަޑިން ނުލަފާކޮށް ހެމުން ދިޔައެވެ.

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 210 Stories100 Login

ވާހަކަ ލިޔުމީ ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްދޭނެ ވަސީލަތެކެވެ! - ލފ

Other Articles

Previous

ލޯބިވާތީ…(ތިންވަނަ ބައި)

Next

ހިޔަނި – 9

Next
August 7, 2026

ހިޔަނި – 9

Previews
August 7, 2026

ލޯބިވާތީ…(ތިންވަނަ ބައި)



All Right Reserved!