“ފަޅު ގެއެއްގެ ތެރޭގައި އޮތް ފުރޮއެއްގައި ލޭ ކުލަ ހުރެގެން ވަރަށް ރަނގަޅަށް ބެލިއިރު އިނގިލީގެ ނިޝާނެއް ފާހަގަވި. އޭގެ ފަހުން އިމުތިހާނުތަކާއި ތަހުލީލުތައް ކޮށްގެން ބެލިއިރު ޒާންގެ އިނގިލީގެ ނިޝާނާ ދިމާވޭ.” ނުހާދު ފޯނުން ވާހަކަ ދެއްކިއެވެ. ޖޫނާއަށް އެ ޚަބަރު އަޑުައިވި އަނގަމަތީ އަތްއަޅާ މުށިތަކުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ކަންފަތަށް އިވުނު އަޑު ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. “ޖޫނާ ކިހިނެތްވީ؟ އާހިލު އުޑަފައިން އިށީންދެ ޖޫނާގެ އަތުގައި ހިފިއެވެ. “ދެން ކިހިނެތް ދޮންބެއަށް ވާނީ؟” ޖޫނާ ރޮމުން އަހާލިއެވެ. “ކީއްކުރަން ރޮނީ؟” އާހިލުއަށް ކަމެއް ޝައްކުކުރެވެން ފެށިއެވެ. “ރޯނެ ދޯ ދުނިޔޭގައިހުރި ހަމައެކަނި އާއިލާވެސް ނުފެންނާނެތީވެ.” ޖޫނާ ހިތުގެ އެންމެ ފުނަށް އަސަރުކުރިއެވެ. “އާއިލާއޭ؟ ދޮންބެއޭ؟ އެކަމު ތިއީ ރައިޝާއެއްނު؟” އާހިލު ސުވާލުވެރި އަދި ހައިރާންވެފައިހުރި މޫނެއް ހެދިއެވެ. “ނޫން. އަހަންނަކީ…ރައިޝާއެއް ނޫން. މިއީ އަސްލު ޖޫނާ!” ޖޫނާ އޭނާގެ ސިއްރު ހާމަކުރިއެވެ. އާހިލު އާގަމަވެފައި ހުއްޓެވެ. އަނގައިން ބަހެއްވެސް ނުނިކުތެވެ. އޭނާ ކައިވެނިކޮށްގެން މިއުޅެނީ ހަމަ އަސްލުވެސް ޖޫނާއަށެވެ. ރައިޝާއަކާ ނޫނެވެ. އާހިލު މޮޔަ ހީވިއެވެ. އޭނާ ކައިވެނިކުރި ދުވަހު ޖޫނާ ބުނި ބަސް ގަބޫލު ކުރެވުނީމައެވެ. ނަމަވެސް ހެކިތައް ކުރިމަތީ ފެނިގެން ދިޔައިރުވެސް ގަބޫލު ނުކުރެވުނީމައެވެ.
އާހިލު ބަހެއްވެސް ބުނެނުލާ އެ ތަނުން ނުކުމެގެން ދިޔައެވެ. ޖޫނާވެސް އޭނާގެ ފަހަތުން ނިކުމެ ދޮނޭމެން ގެއަށް ދާން މިސްރާބު ޖެހިއެވެ. އަނދިރިކަން ވެރިވެފައިވާ މާހައުލުގައި ހިނގަމުން ގެއާ ދިމާއަށް ދިޔުމަށް ޖޫނާ އަވަސްވެގަތެވެ. މިހާރު އޭނާ ވަރިކުރާނެކަން ޖޫނާއަށް އިނގޭ ކަހަލައެވެ. އެއީ އާހިލު ޖޫނާއާ ދޭތެރޭ ރުޅިވެރިކަން އޮތްކަމަށް އޭނާ ވިސްނަމުން ދިޔަ ވިސްނުމާ ދިމާވެދާނެތީއެވެ. އޭނާއަށް މިނިވަންކަން ލިބެނީއެވެ. ދަންތުރައިން ދެފައިވެސް ނެއްޓުނީއެވެ. ކޮށީގެ ދޮރު ވަނީ ތަންމިނަށް ހުޅުވާލާފައެވެ. ތަންވަޅު ބަލާ އުދުހިގަންނަންވީ ނޫންހެއްޔެވެ؟ ނަމަވެސް ޖޫނާގެ ހިތުގައި މިހާރު ނުުތަނަވަސްކަން އަށަގަންނަން ފެށިއެވެ. އާހިލުގެ ޖަވާބެއް ނުލިބުމުން ހައްތަހާ ހާސްވާ ގޮތްވިއެވެ. ސަލާން ގޮވުމަށްފަހު ދޮނޭމެން ގެއަށް ވަދެ ނަޒްލާގެ ކޮޓަރިއަށް ވަނެވެ. ނަޒްލާއަށް ދެންމެ ވީ ކަންތައްތަކުގެ ތަފުސީލު އަކުރުން އަކުރަށް ކިޔައިދިނެވެ. ދޮންބެގެ ވަޒީފާގެ ވާހަކަވެސް ބުންޏެވެ.
އާހިލު ސައިކަލުގައި ބާރުބާރަށް ދުއްވާފައި ދިޔައެވެ. އޭނާގެ އަތުން ޖޫނާ ބީވާން އުޅޭކަމުގެ އަލާމާތްތައް ސާފުވާން ފެށިއެވެ. މި ހުރިހާ ދުވަހު އޭނާގެ އިންކާރު ކުރުންތައް ހިތަށް އެރިއެވެ. އެތައް ފަހަރަކު ވަރި ކުރާނީ ކޮން ދުވަހެއްތޯ އެހި ހަނދާންވެސް ވިއެވެ. މަގަކަށް އެއްޗަކަށް ބެލުމެއްނެތި ދުއްވާފައި ދިޔައެވެ. ކަފި މަގަކުން ނުކުން ކާރެއްގައިޖެހި އާހިލު ވިއްސައިގެން ދިޔައެވެ. ހޭ ހުރި އެންމެ ފަހު ވަގުތުގައިވެސް އާހިލު ވިސްނަމުން ދިޔައީ ޖޫނާގެ މަތިންނެވެ. ނިމިދިޔަ ކޮލެޖުގެ އަހަރުތަކެވެ. ޖޫނާ އޭނާއާ ދިމާއަށް ދުވަހަކުވެސް ކައިވެނި ނުކުރާނަމޭ ބުނި ހަނދާނެވެ. އެހެންއޮވެ އާހިލުގެ ދެ ލޯ މެރިގެން ދިޔައެވެ. ބޮލުގައި ލޭގެ ނިޝާންތައް ހުއްޓެވެ.
ދިހަގަޑި ބައިވެ ބޮޑުވިފަހުން ޖޫނާއަށް ނޭނގޭ ނަންބަރަކުން ފޯނެއް އައެވެ. “އައްސަލާމު ޢަލައިކުމް. މިގުޅާލީ ހަސްފަތާލުން. އުޅަނދުގެ ހާދިޘާއެއް ހިނގާފައިވުމާއެކު އާއިލާގެ ފަރާތަށް ގުޅާލީ.” ވާހަކަދެއްކި ޒުވާންފުރާގެ އަންހެން އަޑެކެވެ. ޖޫނާއަށް ހުއްޓުން އެރިއެވެ. އޭނާގެ ނުތަނަވަސް ވެފައިވާ ހިތަށް އިތުރަށް ބާރުވިހެން ހީވިއެވެ. ލޯ ހުޅުވިގޮތަށް ލައްޕާލަންވެސް ނޭނގިފައި ހުއްޓެވެ. ފޯނު އޭނާގެ އަތުން ލޫދިގެންފައި މުށިގަނޑު މައްޗައް ވެއްޓި ދިޔައިރުވެސް އޭނާއަކަށް ނޭނގުނެވެ. އާހިލުއަށް ވެދާނެ ގޮތަކާމެދު ވިސްނިފައި ކަރުނަތައް ހޯސްލާފައި ފޭބިއެވެ. އަޅައި ނުލިޔަސް އޭނާގެ މަގާމަކީ އަނތްބަކަށް ވުމުން ވާޖިބު އަދާކުރުމަށް އޭނާ ފަހެއް ނުޖެހޭނެއެވެ. އުޒުރެއް ހޯދައިގެން ނަމަވެސް އާހިލު ދެކެން އޭނާގެ ހިތް ބުނަމުން ދިޔައެވެ.
ދުވެފައި ކަހަލަ ގޮތަކަށް ހަސްފަތާލަށް ދިޔުމަށް އަވަސްވެގަތެވެ. އޭރު އާހިލު ލައިފައިވާ އެނދު ކުއްލި ފަރުވާ ކޮޓަރިން ސަރައްކާލި ތެރެއަށް ނެރެއެވެ. ބާރަށް ހިނގާފައި ދިޔައެވެ. “އާހިލު…” އާހިލުގެ އަތުގައި ހިފާލަމުން ބުންޏެވެ. ނަމަވެސް އާހިލު އިޖާބައެއް ނުދިނެވެ. އަދިވެސް ހޭނެތިފައިވާ ހާލުގައި އޮތެވެ. އޭނާ ގެންދިޔަ ޖަނަލަށް ޖޫނާވެސް ފަހަތުން ދިޔައެވެ. އެނދުގެ ބިތްދޮށް ފަރާތުގައި ބެހެއްޓިފައިވާ ގޮނޑީގައި ޖޫނާ އިށީންދެލައިގެން އިނެވެ. ބޭއިޚުތިޔާރުގައި ޖޫނާގެ ދެއަތުން އާހިލުގެ އަތްތިލައިގައި ހިފާލައިގެން އިނެވެ. އޭނާގެ ސިކުނޑިން އާހިލުއާ ދުރަށް ދާން ބުންޏަސް އޭނާގެ ހިތް އެދެނީ އެކަމުގެ އިދިކޮޅެވެ. އެހާވެސް ލޯބިން ފިރުމަމުން ދިޔައެވެ. އާހިލު ހޭލާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ބޮލުގެ ވަށައިގެން އިސްތަށިގަނޑު ފޮރުވޭ ވަރަށް ހުދުކުލައިގެ ބޭސް ފޮތި އަޅުވާފައިވާއިރު، ބަނޑާދިމާލުގައިވެސް އެފަދައިންވެއެވެ.
އާހިލުއަށް ހޭލެވުނީ ފަތިސްވީފަހުންނެވެ. އޭރު ޖޫނާ އޭނާގެ ކަނާތު އަތުގައި ބޯއަޅައިގެން ނިދިފައި އޮތެވެ. ‘އައި.ވީ’ އޭނާގެ ވާތަށް ވަނީ ގުޅާފައެވެ. އަދިވެސް ބޮލުގައި ރިއްސާ ލޯ ފުސްވާގޮތްވެއެވެ. ނަމަވެސް ޖޫނާ ނިކަން ކައިރީގައި އޮތުމުން އާހިލުގެ ހިތަށް ހަމަޖެހުންލިބި އުފާވާ ގޮތްވިއެވެ. އޭނާއަށް ރައިޝާޔަސް ޖޫނާޔަސް ހެޔޮކަމަށް ނިންމިއެވެ. އެއީ އެންމެ މީހެއްކަމަށް ނިންމާ ލޯބި ދިނުމަށް އޭނާގެ ހިތް އެދެމުން ދިޔައެވެ. އިރުކޮޅަކުން ޖޫނާ ކުއްލިއަކަށް ތެދުވިއެވެ. އެއްޗެކޭވެސް ނުބުނެވެނީސް އާހިލު ޖޫނާގެ ގައިގަ ބައްދާލިއެވެ. “އެހެން ނަހަދައްޗޭ!” ޖޫނާ ކަރުތެރެ ކެހިލަމުން ބުންޏެވެ. “އަހަރެންދެކެ ލޯބިވެއެއްނު ހަމަ!” އާހިލު މަލާމާތްކުރާ ރާގަކަށް ބުންޏެވެ. ދެ މީހުންވެސް އެކަކު އަނެކަކަށް ބަލަމުން ވީ ކަންތަކާމެދު ޚިޔާލު ފާޅުކުރަމުން ވާހަކަ ދައްކަން ފެށިއެވެ.
ޖަލުތެރޭގައި ބަންދުވެފައިތިބި ޒާންއާ އިބުރާހިމު ދިގުގޮނޑީގެ ދެކޮޅުގައި ތިއްބެވެ. “މިތަނުން ސަލާމަތްވާނީ ކިހިނެތް؟ އޭރުވެސް މަ ބުނިން އެ މީހުންނާ ބެހެންޏާ އަހަރެމެން ސަލާމަތެއްް ނުވާނެއޭ.” އިބުރާހިމު ހިތްހަމަނުޖެހިފައި ބުންޏެވެ. “މިއީ މަ ކޮއްކޮއަށް ކޮށްދޭން ބޭނުންވި ކަމެއް. އެންމެ ތުއްތު އިރުއްސުރެވެސް ނިކަން ލޫޅާފަތި ކުއްޖެއް އެއީ. ހުރިހާ ކަމެއްވެސް ކޮށްދީގެން އުޅުނީ އަހަރެން. މައްސަލަތަކުން ސަލާމަތް ކޮށްދެނީ އަހަރެން. މައިންބަފައިން ޒުވާބު ކުރިޔަސް އަހަރެން ނޫން މީހަކު ކޮއްކޮގެ ކަންފަތުގައި އަތް އަޅައިދޭކަށް ނުހުންނާނެ.” ޒާން ކިޔައިދެން ފެށީ މާޒީއެވެ. “ކިތަންމެ ވަރެއްވިޔަސް ޖޫނާ ނުބުނާނެ. ހަތަރު އުދަރެސް ފެނުޖެހުނަސް އޭގެ އަސަރެއް އޭނާގެ މޫނަކުން ނުދައްކާނެ. އެ ހިނގާ ދިޔަ ހުރިހާ މަރުތަކަކީ އޭނާގެ ކިލާސް ކުދިން. އިހާނެތިކޮށް ހަޔާތް ކުޑަކޮށް ތިބެ މަލާމާތްކުރި ބައެއް.” ޒާންއަށް އަސަރު ކުރަން ފެށިއެވެ.
“އާހިލު އެއީ އޭނާއަށް މަލާމާތްކުރި މީހެއްކަން އަހަންނަށް ސަތޭކަ އިންސައްތަ ޔަގީން. އެއީ އޭނާގެ މިޒާޖު. އެކަމުގެ ބަދަލު ދިނުމަށް އަހަރެން މަސައްކަތް ކުރިން. ނަމަވެސް ނުބީހެވުނީމާ ކަނޑާހަމަވެފައި މިއޮތީ.” ޒާންއަށް އެ ފޮތުގައި ހުރި ވާހަކަތަކާއި ޖުމުލަތައް ހިތަށް އަރައި އަސަރު ކުރުވިއެވެ. ކަރުނަތައް އޮހިގެން ދިޔައެވެ. “އަހަރެން މި ދުނިޔޭގައި ހުރުމެއް ދެން ނެތް! އަހަރެން ކޮއްކޮ މިހާރު އަމިއްލައަށް ވެސް އެ ފަދަ މައްސަލަތައް ބެލެހެއްޓޭނެ ކަމަށް އަހަރެންގެ ހިތް ބުނޭ. ނަމަވެސް ދެން މި ދުނިޔޭގައި އޭނާ އެކަނިވާނެކަން ވެސް އިނގޭ.” ޒާންގެ ލޮލުން ކަރުނަތައް އޮހިގަތީ ބޭއިޚުތިޔާރުގައެވެ. “އަހަރެން ނެތް ދުވަހުގައި ޖޫނާއަށް އިބުރާހިމު އަތް ގާތްކޮށްދޭތި. މިއީ އަހަރެންގެ އެކައުންޓު އަދި އޭގެ ފާސްބަސްވެސް.” ޒާން ޖީބުގައިވާ ކަރުދާސްކޮޅަކާއި ބޭންކު ކާޑެއް ދިއްކުރަަމުން ބުންޏެވެ. “ނޫން. ޖޫނާ ބޭނުންވާނީ އޭނާގެވެސް ދޮންބެ.” އިބުރާހިމުއަށް ޒާން ކުރަން އުޅުނު ކަންތައް އިނގުނު ފަދައެވެ. އެތަނުގައި ހުރި ޕޮލިސް މީހާއަށް ގޮވާ ގެނައެވެ. އަދި ކަމަކަށް އިއުތިރާފުވާން ބޭނުންވާކަމަށް ބުންޏެވެ. ވެގެންދިޔަ ކަންތައްތައް އެއްވެސް ތަފުސީލެއް ވައްޓައިނުލާ ކިޔައިދިނެވެ. ޒާން އަމިއްލައަށް އިއުތިރާފުވިއެވެ. ޕޮލިހުންގެ ފަރާތުން ކޯޓަށް މައްސަލަ ދިޔައެވެ. ހުކުމް އިވުނު އިރު މަރަށް މަރު ހިފުމަށް އޮތީ ނިމިފައެވެ. މާދަމާ ހުކުމް ގާއިމުކުރެވޭނެ ކަމަށް ނިންމުނެވެ.
ޖޫނާއަށް ޒާންގެ ހުކުމް އަޑުއިވުނީ މާފަހުންނެވެ. އޭރު އޭނާގެ ދޮންބެ މި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. ދޮންބެވެސް މި ދުނިޔެއިން ވަކިވިކަން އެނގި ކަރުނަތައް އޮހެން ފެށިއެވެ. އޭނާގެ ހިތަށް ކެތްނުވެގެން އާހިލުގެ އަތްމައްޗަށް ވެއްޓުނެވެ. ކަރުނައަށްފަހު ކަރުނައެއް އަޅަމުން ގިސްޖަހާފައި ރޯން ފެށިއެވެ. އޭނާގެ ދޮންބެވެސް މި ކެހިވެރި ދުނިޔެއިން ދިޔައީއެވެ. އޭނާއަށް ދާނެ ތަނެއް ނެތެވެ. މަންމައެއް ބައްޕައެއް އެހެނިހެން މީހެއް ނެތެވެ. ހަމައެކަނި ހުރީ އޭނާގެ ފިރިމީހާ އެކަންޏެވެ. އަމިއްލައަށް ވީ ވައުދު ފުނޑާލާކަން އޭނާ ބޭނުމެއް ނޫނެވެ. އެކަމު އޭނާގެ ހިތް އަބަދުމެ އަބަދު އާހިލުގެ ފިރުމުންތަކަށް އިންތިޒާރު ކުރާފަދައެވެ.
ލުބުނާމެންނަށް އޭނާއަށް ހަމަލާ ދިން މީހާ އެނގުމުން އޭނާގެ ހިތުގައި ޖޫނާއާއި އޭނާގެ އާއިލާއަށް އަނދަމުން ދިޔަ އަލިފާންގަނޑަށް ދަރު އެޅިގެން ދިޔައެވެ. ޝަފްރާ އިތުރު ތަފުސީލުތައް ހޯދާ ބެލިއެވެ. ޒާންގެ އަމަލުތައް ހޯދިއެވެ. ލުބުނާއަށް ރައިޝާއަކީ ކާކުކަން އޭނާގެ ބައްޕަ މިއަދު ބުނެދީފިއެވެ. ޒާން ވިހަތައް އެތެރެކުރީ ލުބުނާގެ ބައްޕަގެ އެހީގައެވެ. ނަމަވެސް އޭނާގެ އަމިއްލަ ދަރިއަށް ގެއްލުންދިން މީހަކީ އޭނާކަން އެނގިވެސް ކަމެއް ނުކޮށް ހުރީ ލިބޭނެ ފުރުސަތަކަށް ބަލަބަލާ ހުންނަ ހާލުއެވެ. ފަހުން ނަގާ ރާޅު ބޮޑު ކުރުމަށް އޭނާ ކެތްތެރި ވެގެން ހުރީއެވެ. މިފަހަރު ޒާންގެ މަރުގެ ޚަބަރު އިވި ޖޫނާއަށްވެސް ހަމަ އެ ހުކުމް ދިނުމަށް އޭނާގެ ދަރިފުޅު ގާތު ލުބުނާގެ ބައްޕަ ރައިޝާގެ ހަގީގަތްވެސް ބުނީއެވެ. އެއީ ދެވަނައެއްނެތް ޖޫނާކަން މިހާރު ލުބުނާއަށް އިނގެއެވެ. ލުބުނާއަށް އެއީ ޖޫނާކަން އެނގުމުން ކުރީގައި ހިނގާފައި ހުރި ކަންތައްތައް ވިސްނިފައި އިތުރަށް ރުޅި ކެކެން ފެށިއެވެ. އާހިލުގެ ލޯތްބައް ފިރިވާދައެއް ފެށުމަށް މިހާރު އޭނާގެ އަތުގައި ހަތިޔާރު ދޮން ކުރަން ފެށިއެވެ. ޝަފްރާއާއި ދެމީހުންވެގެން ނުލަފާ ރޭވުމެއް ރާވަން ފެށިއެވެ. “މިފަހަރު އޭނާ އެއްކޮށް މި ދުނިޔެއިން ނައްތާލާނަން.” ލުބުނާ ކަންފަތުން ދުން ނުކުންނަ ހާލަތުގައިހުރެ ބުންޏެވެ.
ޖޫނާއާއި އާހިލު ހަސްފަތާލުގައި ދެ ދުވަސް ހޭދަކުރުމަށްފަހު ގެއަށް ދިޔައެވެ. ކޮޓަރިއަށް ވަދެވުނުހެން އާހިލު ޖޫނާއަށް ބޮސްދޭން ފެށިއެވެ. ލޯބީގެ އިހުސާސްތައް ފުރި ބަންޑުންވެގެން ދިޔައެވެ. މި ވީހާ ދުވަހު އެ ކުޑަ ހިތުގައި ހިފަހައްޓައިގެން ހުރި އަނަންތެއް ވަރުގެ އިހުސާސްތައް ބޮސްދިނުމާއި ފިރުމުންތަކުން ބޭރުކުރިއެވެ. ޖޫނާވެސް މިފަހަރު ދެކޮޅެއް ނަހަދައެވެ. އޭނާގެ ދޮންބެގެ މަރާ ހެދި ވެފައިވާ ދެރައާއި ކޮށްފައިވާ ފުން އަސަރުން މި ކުރެވޭ ކަމުގެ ކުޑަ ބޮޑުމިންވެސް ވަކި ކުރާކަށް ނޭނގުނެވެ. އެޔެއް މިޔެއް ވަކި ނުވެއެވެ. ޖޫނާއާއި އާހިލު އެރޭ ލޯބީގެ އާ ހަރުފަތަކަށް އެކުއެކީގައި އެރިއެވެ. އޭނާގެ ހިތް މިހާރު އާހިލުއަށް ދިން ފަދައެވެ. އާހިލުއާ ނުލައި އޭނާއަށް އުޅެވޭކަށް ނެތެވެ. ދޫކޮށްލާފައި ދާނެ ވަކި ތަނެއް ނެތެވެ. އަބަދަކުވެސް ދޮނޭ ގެއަކު އުޅެވޭކަށް ނެތެވެ. މިފަހަރު އާހިލުއާއެކު އެނބުރި ދަނގެތިއަށް ދާން ޖޫނާ ހިތުލިއެވެ. އެރޭ އިހުސާސްތައް ބޭރުވެ ދެ މީހުންވެސް ހަމައަކަށް އެޅުނެވެ.
އޮފީހުގައި އަވަދިނެތި އުޅުނު ވަދީލުއާއި ނަޒުރާނާ ދެމީހުން ދެކޮޅަށް ހިނގަހިނގާ ތިއްބެވެ. “ތިޔަ ތަހުގީގު މީހުން އަދި ވަކި ކަމެއް ފާހަގައެއް ނުވިޔޯ! އެ މަންޒަރުތައް ބަލައެއް ނުގަތް. ޔަގީން މިހާރުގެ ވެރިޔާ އާހިލު ނިންމި ނިންމުމެއް އެއީ.” ނަޒުރާނާ ބުންޏެވެ. “ޖޫނާގެ ތަސްވީރުތައް ގަބޫލު ނުކުރާނަމަ ކިހިނެތް ހަދާނީ؟ ޖޫނާގެ ބޮލަށް އިލުޒާމު އެޅުވިއްޔާ އެންމެ ލުއިވާނީ. އެކަމު އޭނާ މިހާރު މި ކުންފުންޏާ ވަކިވެސްވެއްޖެ.” ވަދީލު ބުންޏެވެ. “އެއްކަލަ މަންޒަރުތައް ބަދަލުކުރަންވީނު. ޖޫނާގެ ތަސްވީރު ލައިފައި.” ނަޒުރާނާ ނުލަފާ ޚިޔާލެއް ދިނެވެ. އޮފީހުގެ ބިތްދޮށުގައި މި ރޭވުންތައް އަޑުއަހަން ހުރި ލުބުނާއާއި ޝަފްރާވެސް ހިނިގަނޑެއް ޖަހާލިއެވެ. އަދި ވަދީލުއާ އެއްބައިވުމަށް އެއްބަސްވާން އޮފީހަށް ވަނެވެ. “މަރުހަބާ! އަހަރެމެންނާ ސިއްރުކޮށްގެން ތި ރާވަނީ ކޮންކަމެއް؟” ލުބުނާ ބުންޏެވެ. “ލުބުނާ…” ވަދީލު ބަސް ހުއްޓިފައި ހުއްޓެވެ. “ބަލަ އަހަރުންގެ ވެސް ދުޝްމަނެއް ރައިޝާއަކީ. ހަހަހަ. އެ އެއްވެސް ނޫން، އޭނާގެ އަސްލު ނަމަކީ ޖޫނާ. ކަލޭމެން އެންމެންނަށް އޮޅުވާލައިގެން އޭނާ އެއުޅުނީ.” ނުލަފާ ހިނގަނޑެއް ޖަހާލަމުން ބުންޏެވެ. “ކަލޭމެންގެ ތި ރާވާ ރޭވުމަކަށް އަހަރެން އެއްބާރުލުން ދޭނަން. އަދި ސިއްރުވެސް ކޮށްދޭނަން.” ލުބުނާ ބުންޏެވެ. ވަދީލު އެއްބަސްވާކަމަށް ބޯޖަހާލިއެވެ. “އެހެން ނޫނަސް އަހަރެމެންނަށް ފެނުން ކަލޭމެން ކުރި ކަމެއްކަން އެއީ. އެކަމު އަހަރެން އެބައި ފޮރުވީ. މި ދެތިން ދުވަހު ކަލޭމެންގެ ހަރަކާތްތަކާއި ބަސްތަކަށް ފާރަލަމުން މި ދިޔައީ.” ޝަފްރާ ބުންޏެވެ.
(ނުނިމޭ)
One Comment
Comments are closed.



i am praying joona will be safe and they go to jail
i hate that b**** lubuna i hate her so much
ANYWAY mi part vrh reethi
when next
TAKE CARE
lysm