އޭގެތެރެއިން އަހަރެން ފޮޓޯ ގަނޑު ނެގީމެވެ. “ކީއްވެ ކުރިން ދުވަހު އަހަރެންނަށް ދޮގު ހެދީ” ފޮޓޯގަނޑު މޭޒުމަތީގައި ބައްވާ ނާސިރުއާއި ކައިރިކޮށްލަމުން އަހަރެން ބުނެލީމެވެ. ނާސިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އަވަސްކަމާއި އެކު އެދެލޯ ކަރުނުން ފުރިގެން ދިޔަ މަންޒަރު އަހަރެންނަށް ފެނުނެވެ.
އަހަރެން އެ ފޮޓޯގަނޑު އަހަރެންނާއި ކައިރިއަށް އަނެއްކާވެސް ދަމާލީމެވެ. “ކިހިނެއް.. ކާކު ދިން އެއްޗެއް ތީ” ނާސިރު އުދަގޫ ކަމާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން ފެށުމުގެ ކުރިން ބުނިން އަހަރެންނޭ ސުވާލު ކުރާނީ.. ނާސިރުއަށް އޮތީ ޖަވާބު ދިނުން..” އަހަރެންގެ އަޑު ބާރުކޮށްލަމުން ބުނެލީމެވެ. އަހަރެން ބަންޝީލްއަށް ބަލާލީމެވެ. އެމޫނުމަތިން އޭރު ފެންނަން ހުރީ ރުޅިވެރިކަމެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެ ދޮން މޫނުވަނީ ކުޑަކޮށް ނަމަވެސް ރަތްކަމަށް ބަދަލު ވެފައެވެ. “މަރްޔަމް ނަޝްފާ.. ނާސިރު ކުރިން ދުވަހު ބުނީ އަހަރެންނާއި ވަރަށް ވައްތަރޭ.. ހުރިހާ ގޮތަކުން.. އެކަމަކު މި ފޮޓޯއިން އެއްވެސް ވައްތަރެއް ނޫން” ފޮޓޯ ނަގަމުން އެ ފޮޓޯގަނޑަށް ބަލާލަމުން އަހަރެން ވާހަކަ ދެއްކީ ކޮޅަށް ތެދުވެ ހުރެއެވެ. “އަހަރެންގެ ސުވާލަކީ އަހަރެންނަށް ދޮގު ހެދީ ކީއްވެހޭ” އަހަރެން ނާސިރުއާއި ދިމާލަށް ބަލާލީމެވެ. ނާސިރު އިނީ އިސްޖަހައިގެންނެވެ. އެހެން އިން އިރު އޭނާ މަޑުމަޑުން ރޮމުން ދިޔަކަން އަހަރެންނަށް އެނގެއެވެ. ބަންޝީލް ނާސިރުއާއި ކައިރިއަށް އައުމަށް ކުރިއަށް ޖެހިލިއެވެ. އެވަހުތު އަހަރެން އެދެމީހުންގެ ދޭތެރެއަށް ވާގޮތައް ހުއްޓި އިތުރަށް ކުރިއަށް ނައުމަށް ބުނެލާ ނަޒަރަކުން ބަންޝީލްއާއި ދިމާލަށް ބަލާލީމެވެ. ބަންޝީލް އެއްފަހަރު ނާސިރުއަށް ހަމްދަރުދީން ފުރިގެންވާ ނަޒަރަކުން ބަލާލުމަށްފަހު އަހަރެންނާއި ދިމާލަށް ރުޅިގަދަ ވެގެންވާ ނަޒަރަކުން ބަލާލިއެވެ. އެބަލާލުމުން އަހަރެންނަށް ހީވީ އަހަރެންވެސް ފިއްސާލަ ފާނެ ހެންނެވެ. އަދި ވަގުތުން އޭނާ އެތަނުން ގެއްލުނެވެ.
އަހަރެން ހިތްހަމަޖެހުމުގެ ނޭވާއެއް ލީމެވެ. “ރުއިން އެއީ ނާސިރުއާއި ވަރަށް ނުގުޅޭ ކަމެއް.. އަހަރެން ފޮޓޯއެއް ދައްކައިގެންތަ ތިވަރު ތިވީ” އަހަރެން ނާސިރުގެ ކުރިމައްޗަށް ހުއްޓިލަމުން ބުނެލީމެވެ. “އަހަރެން ދޮގު ހެދީ.. އަހަރެންނަށް އެނގޭ އަހަރެން ތެދަށް ބުނެފިނަމަ… އާސީން ތިކަންތައް ނުބަލާނެކަން” ނާސިރު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭރުވެސް ދެލޮލުން ކަރުނައިގެ އަސަރު ފާހަގަވާން ހުއްޓެވެ. “ކޮންކަމެއް.. ކޮންކަމެއްތަ އަހަރެން ބަލަންވީ.. ނާސިރު އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްތަ” އަހަރެން މޭޒުގައި އަތް ޖައްސާލަމުން ނާސިރު އާއި ސުވާލު ކުރީމެވެ. “އަހަރެން ބޭނުންވަނީ އާސީން އަހަރެންގެ ދަރިފުޅުގެ މަރުގެ އަސްލު ބަލަން.. އެކުއްޖާއަށް އިންސާފް ނުލިބި ދިޔައީ ކީއްވެތޯ ބަލަން.. އެކުއްޖާ ފަކީރުގެ ކުށަކީ ކޮބާތޯ ބަލަން.. އެ މައްސަލައިގައި ޒިންމާ ވާންޖެހޭ ފަރާތެއް ހޯދަން.. އަހަރެން މަރާލި މީހުންނާއި ތި ކުއްޖާއާއި ހުރި ގުޅުމަކީ ކޮބާތޯ ހޯދަން.. އާސީންއަކީ ތެދައް ލޯބި ކުރާ މީހެއް.. އެ ތެދު މި މުޖުތަމައުއަށް ބުނެދޭން އަހަރެން ބޭނުންވަނީ” އެހާ ހިސާބަށް ނާސިރުގެ ވާހަކަ ދާއިރަށް ކުއްލިއަކަށް ދޮރު ހުޅުވުނެވެ. “އާސީން..” ރުޅިވެރި ނަޒަރަކުން އަހަރެންނާއި ދިމާލަށް އައިރް ބަލާލަމުން ގޮވާލިއެވެ.
އަހަރެން ނާސިރު އާއި ދިމާލަށް ބަލާލަމުން އެތަނުން ބޭރަށް ނިކުތީ ރިކޯޑަރުވެސް ހިފައިގެންނެވެ. “ކިހިނެއްތޯވީ” ވީ ކިހިނެއްކަން އަހަރެންނަށް ރަނގަޅަށް އެނގިހުރެ އަހަރެން ސުވާލު ކޮށްލީމެވެ. “ކިހިނެއްހޭ ވީ.. އާސީން ކީކޭތަ ހީކުރަނީ” މީގެ ކުރިން އައިރް ރުޅި އައިސްފައި ނުވާ ވަރަށް މިފަހަރު އައިރްވަނީ ރުޅި އައިސްފައެވެ. އެހެން ބުނެލި ގޮތުން އަހަރެން ސިހިގެން ދިޔައެވެ. ދޮރު ކައިރީގައި ތިބި ފުލުހުންވެސް އަހަރުމެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހައިރާންވެފައި އައިރްއާއި ދިމާލަށް ބަލާލީމެވެ. “އެންމެ ފުރަތަމަވެސް އަހަރެން ބުނިން ސުވާލު ތައް ދީފައި.. އެ ސުވާލު ތަކޭ މިއަދު ކުރާނީ.. ދެން” އައިރް ބުނެލިއެވެ. އަހަރެންގެ ހިތުގައި ރިއްސަމުން ދިޔައެވެ. ހިންދިރުވާލަންވެސް ވެގެން ދިޔައީ އުދަގޫ ކަމަކަށެވެ. އެންމެންގެ ތެރޭގައި އަހަރެންނާއި ދިމާލަށް އައިރް ހަޅޭލަވަން ޖެހޭ ހެއްޔެވެ. “ކީކޭތަ ތި ކިޔަނީ.. ކޮން ފޮޓޯ އެއްތަ ތި ދެއްކީ.. ނާސިރުއާއި ކުރަންޖެހޭ ސުވާލުތައް އަހަރެން ހުންނާނީ ވަރަށް ރަނގަޅަށް ލިޔެދީފަ.. އިތުރު ސުވާލު ކުރުމުގެ ބޭނުމަކީ…” އައިރް އޭނާގެ އަޑު މަޑު ކުރާކަށް ގަސްދު ނުކުރާ ކަހަލައެވެ.
އަހަރެންނަށްވެސް ކެތްވާނީ ވަކި ވަރަކަށެވެ. އަހަރެންގެވެސް ‘ސެލްފް ރެސްޕެކްޓެކް’ އޭ ކިޔާ އެއްޗެއް ހުރެއެވެ. މީހުން ކުރިމަތީގައި އަހަރެން ފަލީހަތް ކުރަން އައިރް އެއީ ކާކު ހެއްޔެވެ. އޭނާއަށް އަހަރެންނާއި ދިމާލަށް އެގޮތަށް ހަޅޭލެވުމަށް ހުއްދަ ދިނީ ކާކު ހެއްޔެވެ. އޭނަގެ އޮތީ ކޮން ހައްގެއް ހެއްޔެވެ. އަހަރެން ރުޅި ގަދަވިއެވެ. އެއްވެސް ކުށެއް ނުކޮށް މިގޮތަށް އަހަރެންނަށް ލިބޭ ޝަޒާ އަހަރެން ގަބޫލެއް ނުކުރާނަމެވެ. “ބުނަންތޯ ރަނގަޅު ވާހަކައެއް.. ފުރަތަމަ ކަމަކަށް އައިރްގެ އަޑު މަޑުކޮށްދެއްވާ.. ސަބަބަކީ އަހަރެން މިއީ އައިރްގެ މުވައްޒަފެއް ނޫން… ހިތައް އެރީމަ އެތިވަރު ކިޔާކަށް” އަހަރެން ޝަހާދަތް އިނގިލި ދިއްކޮށްލަމުން ރުޅިވެރިކަމާއި އެކު އައިރް އާއި ކުރިމަތިލީމެވެ. އައިރްއަށް އަދި ފެނިފައި ވަނީ އަހަރެންގެ އޮމާން ފަޅިއެވެ. އަހަރެންގެ ހުރި ނުލަފާ ކަމެއް އޭނާއަކަށް ނުފެނެއެވެ.
އަހަރެން އެހެން ވާހަކަ ދެއްކުމުން އައިރްގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. “އަޅުގަނޑަކީ އައިރްގެ ކައިރީގައި މަސައްކުރަން ގެންގުޅޭ ރޮބަންޓް އިން ތެރެއިން އެއްޗެއްވެސް ނޫން.. ދޭހާ އޯޑަރެއް ފޮލޯ ކުރާކަށް.. އެހެންވީމަ މީގެ ފަހުން އަޅުގަނޑަށް އަމުރު ނުކުރައްވާތި.. އަދި ތި ކުރެއްވި ސުވާލު.. މީގެ ކުރިން ދުވަހު އަޅުގަނޑު ކައިރީގައި ނާސިރު ހެދީ ދޮގެއްކަން އައިރްއަށްވެސް އެނގޭނެ.. އެކަމަކު ނޭނގެނީ ކީއްވެގެންކަން ދޮގުހެދީ.. އެހެންވީމަ އަޅުގަނޑު މި މަސައްކަތް ކުރަނީ އެކަމެއް ހޯދޭތޯ” އަހަރެން ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކީމެވެ. އައިރް ހައިރާންކަމާއި އެކު އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެންކަމުން އަހަރެން މަސައްކަތް ކުރީ އައިރްގެ މޫނަށް ނުބަލާ ވޭތޯއެވެ. އެއީ ހަތަރުކަޅި ހަމަވެއްޖެނަމަ އަހަރެންގެ އަމިއްލަ ނަފްސު ބާރުގެ ދަށުން ދާނެކަން އެނގޭތީއެވެ. “މިއީ.. މަރްޔަމް ނަޝްފާ.. އަޅުގަނޑާއި އެއްވައްތަރޭ ބުނި ކުއްޖާ.. ބަލާބަލަ.. މީނަ އަޅުގަނޑާއި ވައްތަރުތޯ” އަހަރެން ނާސިރުއަށް ދެއްކި ފޮޓޯ އައިރްއަށް ދައްކާލީމެވެ. “އެއްވެސް ވައްތަރެއް ނޫން.. އެކަމަކު ކީއްވެ އެކަހަލަ ވަގުތެއްގައި ނާސިރު އެހެން ބުނަންވީ” އަހަރެން ހިތްހަމަނުޖެހިފައި ބުނީމައެވެ.
“ނާސިރު އެކުރި ކޮންމެ ކަމެއްވެސް ގުޅިފައިވަނީ މި ކުއްޖާއާ.. ދެންވެސް މި ކޭސް އިތުރަށް ކުރިއަށް ގެންދަން ބޭނުންނަމަ.. މި ކުއްޖާއަކީ ކާކުތޯ ބަލާ.. އަދި މި ކުއްޖާއާއި ނާސިރުއާއި ހުރި ގުޅުމަކީ ކޮބާތޯ ބަލާ” އަހަރެން އެހެން ބުނުމަށްފަހު އައިރްގެ އަތައް އެ ފޮޓޯ ދިނީމެވެ. އައިރް ހައިރާންކަމާއި އެކު އެ ފޮޓޯ އަށް އެއްފަހަރު އަހަރެންނާއި ދިމާލަށް އަނެއް ފަހަރު ބަލާލިއެވެ. އަހަރެން އައިރް އާއި ދުރަށް ހިގައިގަތްއިރު އަހަރެންގެ ދެފައިވެސް ތުރުތުރު އަޅަމުން ދިޔައެވެ. ކުރިއަށް ހިގައިގަންނަވެސް އަހަރެންނަށް އުދަގޫ ވެގެން ދިޔައެވެ. އެހެންކަމުން ވިސްނައިގެން އަހަރެން ދިޔަ ގޮތަށް ލިފްޓަށް އެރީމެވެ. އަވަސް ކަމާއި އެކު އަހަރެން ތިރިއަށް ދިއުމަށް އޮއްބާލަމުން އައިރްއާއި ދިމާލަށް ބަލާލެވުނެވެ. އޭރު އޭނާ ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެންގެ ދެފައިން ވަގުތުން ވާގި ދޫވެގެން ދިޔައެވެ. ލިފްޓްގައި ހިފަހައްޓާނެ އެއްޗެއް ނެތްނަމަ ޔަގީނުންވެސް އަހަރެން ވެއްޓުނީހެވެ. އަހަރެން އަރިއަޅާލި މަންޒަރު ފެނުމުން އައިރް އަހަރެންނާއި ދިމާލަށް އައުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ކުރިން ލިފްޓްގެ ދޮރު ލެއްޕުނެވެ. އަހަރެންނަށް ހިތްމަތީގައި އަތްއަޅާލެވި ފުންނޭވާއެއް ދޫކޮށްލެވުނެވެ.
އައިރް ކައިރީގައި އެގޮތަށް ވާހަކަ ދައްކަން ކިހާ ހަކަތައެއް ދިޔައެއްކަން އަހަރެންނަށް ވިސްނިގެން ދިޔައެވެ. އެހާ ކުޑަވަގުތު ކޮޅަކަށްވެސް އަހަރެން ވަރުބަލިކޮށްލައިފިއެވެ. އަވަސް ކަމާއި އެކު ބޭރަށް ނިކުމެ ސައިކަލަށް އަރާ ދުއްވާލީމެވެ. “ކީކޭތަ ހީކުރަނީ އާސީން” ކުއްލިއަކަށް ކުރިމަތިން ފެނުނު ބަންޝީލްގެ ގައިން ނައްޓަން ހަދައިގެން އަހަރެން ސައިކަލްއިން ނުވެއްޓުނީ ކިރިޔާއެވެ. އެވަގުތު މަގުމައްޗަށް އަހަރެންނަށް ބަލާލެވުނެވެ. ސައިކަލާއި ކާރުތަކާއި ލޮރީ އަދި ޕިކަޕް ތައް މަގުގެ ދެ ފަރާތުގައި ޕާކް ކޮށްފައި ހުރި އެމަގު މައްޗަކު އިންސާނެއްގެ އެއްވެސް އަލާމާތެއް ނެތެވެ. އެއްވެސް ދިރުމެއް ނެތެވެ. ސައިކަލު ބެލެންސް ވީ ކިރިޔާއެވެ. އައި ރުޅީގައި ބަންޝީލްއާއި ދިމާލަށް އަހަރެންނަށް ބަލާލެވުނެވެ. “މޮޔަވީތަ.. ބަލަ މަރުވަން ބޭނުންނަމަ.. ކޮންމެހެން އަހަރެންގެ ސައިކަލް ކުރި މައްޗަށް އަރަންޖެހޭތަ.. ގޮސް އެހެން މީހެއްގެ ސައިކަލް ކުރި މައްޗަށް އަރާބަލަ” އަހަރެން ސައިކަލު ދޫކޮށްލާ ބަންޝީލް އާއި ކައިރިއަށް ފިޔަވަޅެއް އެޅީމެވެ. އެވަގުތު ބަންޝީލް ފަހަތަށް ޖެހިލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އެހެން ދުވަސްދަވަހަށް ވުރެއް ބޮޑަށް މިއަދު އެމޫނު ރަތްކަމަށް ދައްކައެވެ. މީގެ ކުރިން ކަޅު ކުލައިން ފެންނަމުން ދިޔަ ލޮލުގެ ކަޅިވަނީ ކޮންމެވެސް ވަރަކަށް ރަތްކުލައަށް ބަދަލު ވެފައެވެ.
“ބަންޝީލް.. ކޮބާތަ ބަންޝީލްގެ މައްސަލައަކީ” އަހަރެން ހަށަން ބަދެލަމުން އަހާލީމެވެ. އޭރު އަހަރެންވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. “ކޮބާތަ މި މާލޭގައި އުޅޭ އެންމެންތައް.. އަނެއްކާ އެމީހުންނަށް ކިހިނެއް ހެދީ” އަހަރެން މޫނުމައްޗަށް ހިނިތުންވުމެއް ގެންނަމުން އަހާލީމެވެ. “ބުނަން އާސީން ރަނގަޅު ވާހަކަ އެއް.. އަހަރެން ބޭނުން ތަނަކަށް ބޭނުން ގޮތަކަށް އާސީން ގެއްދެވިދާނެ.. އަހަރެންނަށް އާސީންގެ ގައިގައި އަތް ނުލެވުނަސް ހީ ނުކުރައްޗޭ އަހަރެންގެ ބާރުގެ ދަށުން ސަލާމަތްވީއޭ.. ބުނެބަލަ. މަރްޔަމް ނަޝްފާގެ ފޮޓޯ ގެންގޮސް ނާސިރުއަށް ދެއްކުމުގެ ބޭނުމަކީ ކޮބާ” ބަންޝީލް ދެލޯ ކުއްލިއަކަށް ދިއްލިގެން ދިޔައެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. “އަހަރެންގެ ބާރެއް އަދި އާސީންއަށް ނުފެނިގެން ތިއުޅެނީ.. އަހަރެންގެ ދެލޮލުގެ ކުލަ ކިރިޔާ ބަދަލުވެލިޔަސް އާސީން ތި ހުންނަނީ ބިރުން ވިރިވިރި.. އެވަރުންވެސް އަދި އެބަ” އެހެން ބުނެ އަހަރެން ކައިރިއަށް އައުމަށް ބަންޝީލް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް އެވަގުތު ހީވީ ބަންޝީލްގެ ގަޔަށް ކަރަންޓް ޖެއްސި ހެންނެވެ. ވަގުތުން ދެފިޔަވަޅު ފަހަތަށް ޖެހުނެވެ. “އަދިވެސް ފޮނިވާތި.. ތިމާ މީހާއަށް އަހަރެންނާއި ކައިރި ނުވެވޭއިރުވެސް.. އަހަރެން ބޭނުންކަމެއް އަހަރެން ކުރާނީ.. އަހަރެން ބޭނުން ގޮތަކަށް އަހަރެން އުޅޭނީ.. ބަންޝީލްވެސް ދުރުގައި ހުންނަން ޖެހޭނީ ބަލަން” އަހަރެން ކުރިއަށް ފިޔަވަޅެއް އަޅާލީމެވެ. “އަދިވެސް ދޭ މީހުން މަރަން.. އެއީ ބަންޝީލްއަށް ކުރެވޭނެ ކަމަކީ.. ހާދަ ރުޅިއެކޭ ދޯ ތި ގަދަވީ.. މާސްޓަރގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނީމަތަ.. އެހާ ވެސް ވަފާތެރިތަ މާސްޓަރ އަށް” އަހަރެންގެ ބޭނުމަކަށްވީ ބަންޝީލް ރުޅިއެރުވެމެވެ.
“ބުނަން.. ނާސިރު އެއީ އަހަރެންގެ މާސްޓަރ އެއް ނޫން.. އެކަމަކު އަހަރެން މިއީ ނާސިރުގެ” ގުދަން ދެކަކުލުގައި އަތް އަޅުވައިގެން އޮވެ ބަންޝީލް ބުނެލިއެވެ. ހީވާގޮތުން އަހަރެންނާއި ކައިރިއަށް އެޅި ފިޔަވަޅުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އުދަގޫވީއެވެ. “އޯހް.. އެހެން ދޯ.. އަހަރެން ހީކުރީ އެކަމަކު ސިހުރު ހަދާ މީހާކަމަށް މާސްޓަރ އަކަށް ވަނީ.. އަދި އަލަށް މި އަޑު އެހީ ޖިންނި މާސްޓަރ އަކަށް ވެގެން އުޅޭ ހަބަރު.. އަނެއްކާ ތޮފިވެސް އަޅަންތަ” އަހަރެން އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް އެޅީމެވެ. އެވަގުތު ބަންޝީލް އަނެއްކާވެސް ފަހަތަށް ޖެހުނެވެ. “ބުނަން އާސީން.. އަހަރެން މީގެ ކުރިން މަސައްކަތް ކުރީ އާސީންއާއި ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ރަނގަޅަށް ކުރެވޭތޯ” ބަންޝީލް ހަށިގަނޑު ދަމާލަމުން ބުނެލިއެވެ. އެޒުވާނާ ހާދަ ހިތްގައިމެވެ. ލައިގެން ހުރި ކަޅު ކުލައިގެ ގަމީހުގެ މޭމަތީގެ ދެތިން ގޮށެއް ވަނީ ނައްޓާލެވިފައެވެ. އިރުގެ އަލި އެހަށިގަނޑަށް އެޅިފައި ހުރި އިރު އިތުރަށް ޒުވާންކަމަށް ދައްކައެވެ. މޫނުމަތިން ދާހިއްލާފައިވާ ކަމުގެ އަސަރު ފެންނަން ހުއްޓެވެ. އެއީ އަހަރެންގެ ސަބަބުން އޭނާއަށް ވަމުން ދިޔަ އުދަގޫކަން އަހަރެންނަށް އެނގެއެވެ.
“ރަނގަޅަށް ކަމެއް ވޭތޯއޭ.. ބަލަ މޮޔަވީތަ.. ތިއީ ޖިންނިއެކޭ.. އިންސާނަކާއި ޖިންނިއަކާއި ދެމެދު ރަނގަޅަށް ކަމެއްވާނީ ކިހިނެއްތަ” އަހަރެން އެހެން ބުނެލީމެވެ. “ބުނަން.. އަހަރެންނަށް އާސީންއާއި ކައިރި ނުވެވުނަސް އަހަރެންނަށް ކައިރިވެވޭނެ ކިތައްމެ ބަޔަކު އެބަ ތިބި.. މިސާލަކަށް.. އާސީންގެ މަންމަ.. މިވަގުތު ގޭގައި ކެއްކުމުގެ ކަންތައްތަކުގެ އެއުޅެނީ.. ނޫނީ އާސީންގެ ކޮއްކޮ.. މިވަގުތު ސްކޫލްގައި ބިޒްނަސް ކްލާހުގައި ކިޔަވަން އިން.. ނޫނީ އާސީން އެހާ ލޯބިވާ ދޮންބެ.. މިވަގުތު އޮފީހުގައި ކޮންޕިއުޓަރ ކައިރިގައި އިން” ބަންޝީލް ކިޔައިލިއެވެ. އަހަރެން ބިރުގަތެވެ. ހާސްވިއެވެ. އެއީ އަހަރެންނަށް ވިސްނާނުލެވި ހުރި ކަމެކެވެ. “ނޫނީ އާސީންގެ އެކުވެރި އަދްލީ.. އާސީންއަށް ހުރިހާ މައުލޫމާތެއް ހޯދާދޭ.. ނޫނީ އާސީންގެ ބޮލެއް ނެތް ބޮސް ޖައިޝް.. ނޫނީ އެމީހަކަށްޓަކައި ތި ހިތް ވިންދުޖަހަމުންދާ އައިރް..” ބަންޝީލްގެ މޫނުމަތީގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ. “އޭނަގެ ކޮންތަނެއްތަ އަހަރެންނަށް ވުރެއް ރީތި ވެގެން ތިއުޅެނީ.. ބުނެބަލަ” ބަންޝީލް އަހާލިއެވެ. “ތިއީ އަހަރެންގެ މިލްކެއް.. އަހަރެންނަށް އާސީންއަށް ކައިރި ނުވެވޭ ކަމަށްވާނަމަ އެހެން މީހަކަށްވެސް އާސީންއާއި ކައިރިވާކަން ނުކެރޭނެ” ބަންޝީލްގެ އަޑު ބަރުކޮށްލަމުން މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން ބުނެލިއެވެ. އޭނާ ބޭނުންނަމަ އޭގެން ކޮންމެ މީހަކާއި ވެސް ދިމާ ކުރެވިދާނެއެވެ. އަޅެ މީގެ ކުރިން އަހަރެންނަށް އެވަރު ނުވިސްނުނީ ކީއްވެ ހެއްޔެވެ. “ފުރަތަމަ ދުއްވާލަންވީ އާސީންގެ ބައްޕަ ކަންނޭނގެ.. މިވަގުތު ކޮބާތަ އޭނަ” ބަންޝީލް ދެލޯ މަރާލިއެވެ. އަދި ކުއްލިއަކަށް ދެލޯ ހުޅުވިއެވެ. އޭރު ދެލޯ ހީވަނީ އަނގުރު އަލިފާން ކޮޅެއް ހެންނެވެ. “އާ މުހައްމަދުފުޅު ކައިރިއަށް މިވަގުތު އެދަނީ.. ކިހިނެއް އެނގެނީ.. އެކްސިޑެންޓެއްވެސް ވެދާނެ ދޯ.. މާލޭގެ މަގުމައްޗަކީ ކާރު ބާރު ބޮޑު ތަނެއް.. ނޫންތަ” އާދައިގެ އަޑަށް ވުރެއް ބަރު އަޑަކުން އެހެން ބުނެލުމަށްފަހު ކުއްލިއަކަށް ބަންޝީލް ގެއްލުނެވެ. އަހަރެން ސިހިގެން ދިޔައީ ބާރުއަޑަކުން ބަރުގަނޑު އަޅާލީމާއެވެ.
“ކޮއްކޯ.. ސައިކަލު ދުރައްޖައްސައި ބަލަ” އަހަރެން އެތާ ހުރުމުން ބްލޮކް ވެފައިވާ މަގުމަތި އަހަރެންނަށް ފެނިގެން ދިޔައެވެ. ރުޅިގަދަވެގެން އަޅަމުން ދިޔަ ބަރުގަނޑު އަޑު ވަނީ ގަދަވެފައެވެ. އަވަސް ކަމާއި އެކު އަހަރެން ސައިކަލް ދުއްވާލީމެވެ. މީހާގެ ހިތްވަނީ އަވަސްވެފައެވެ. ބަންޝީލް އެދިނީ އިންޒާރެކެވެ. އަހަރެންގެ އާއިލާއަށާއި އަހަރެންގެ އެކުވެރިންނަށެވެ. އަހަރެންނަށް އެމީހުން ސަލާމަތް ކުރެވޭނެ ހެއްޔެވެ. އެކަމަކު ބަންޝީލް އެހާ ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ. ނާސިރު ދެރަވީމަ ހެއްޔެވެ. ނުނީ އޭގެ އަޑީގައި ނުބައެއް އެބަ އުޅޭ ހެއްޔެވެ. ސައިކަލް އެފަރާތަށް ޕާކް ކޮށްލީމެވެ. އަދި ފޯނު ނަގާ ޑައިލް ކޮށްލީމެވެ. “ހަލޯ ބައްޕާ” ބައްޕަ ފޯނު ނެގުމާއި އެކު އަހަރެން ބުނީމެވެ. “ކޮންތާކު ބައްޕާ” އަހަރެން ހާސްވެފައި އެހީމެވެ. “މަގުމަތީގައި.. މިއަދު މުހައްމަދުފުޅުބެ ބުނެފަ އޮތީ މިއަދު އެގެއަށް އައިސްދޭށޭ” ބައްޕަ ޖަވާބު ދިނެވެ. “މިގަޑީގައި ބައްޕަ އެގެއަށް ދާނެ ކަމެއް ނެތް ބައްޕާ.. އަވަހަށް ގެއަށް އާދޭ” ބައްޕައަށް ކަމެއް ވެދާނެތީ އަހަރެން ހުރީ ވަރަށް ހާސްވެފައެވެ. “ދަރިފުޅާ.. ކިހިނެއްވީތަ.. ބައްޕަ މިހާރު މިހުރީ އެގެއާއި ވަރަށް ކައިރީގައޭ” ބައްޕަ ބުނެލިއެވެ. “ނޫން.. ޕްލީޒް ބައްޕާ.. ބަންޝީލް އެބަ ހުރި ތިތަނުގައި.. ބައްޕަ މިގަޑީގައި އެގެއަށް ނުގޮސް އާދޭ.. ޕްލީޒް” އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. އަހަރެން ކިހާ ބަލިކަށިކަން އަހަރެންނަށް ވިސްނިގެން ދިޔައެވެ.
އިތުރަށް ބައްޕަ ދެކޮޅެއް ނުހަދައެވެ. އާއެކޭ ބުނުމަށްފަހު ބައްޕަ ފޯނު ކަނޑާލީމެވެ. އަހަރެން ދެލޯ ފުހެލީމެވެ. އަވަސްކަމާއި އެކު ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ގެއަށް ދިޔައިރު މަންމަ ބަދިގެ ތެރޭގައި މަސައްކަތުގައި އުޅުނެވެ. އަހަރެންނަށް ދިޔަގޮތަށް މަންމަގެ ގައިގައި ބައްދާލެވުނެވެ. “ދަރިފުޅާ” އަހަރެން ރޯން ފެށުމުން މަންމަ ލޯތްބާއި އެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި ކިހިނެއްތޯ ސުވާލު ކުރިއެވެ. މާގިނަ އިރެއް ނުވެ ބައްޕަ ގެއަށް އައެވެ. އަދި އޮފީސް ނިއްމާފައި ދޮންބެވެސް ގެއަށް އައެވެ. އޭރުވެސް އަހަރެންނަށް ބިރުން ރޮވެމުން ދިޔައެވެ. “ދަރިފުޅާ.. އެވަރަށް ނުވިސްނާ.. ދަރިފުޅަށް އެނގެއެއް ނުން އެ އެއްޗަށް އަހަރުމެންނަށް އެއްވެސް ކަމެއް ނުކުރެވޭނެކަން.. އަހަރުމެން މިތިބީ ސަލާމަތީ ފިޔަވަޅު އަޅައިގެން” ބައްޕަ ލޯތްބާއި އެކު ބުނެލިއެވެ. “އެކަމަކު ބައްޕާ.. ކިހިނެއް އަހަރެންގެ އެކުވެރިން ސަލާމަތް ކުރާނި.. ބައްޕާ.. ޖައިޝް.. އަދްލީ.. އައިރް.. އެމީހުންނަކީ އަހަރެންނަށް މުހިއްމު މީހުން.. ކިހިނެއް އަހަރެން އެމީހުން” އެހާ ހިސާބަށް ބުނެވުނުތަނާއި އަހަރެންނަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ދޮންބެ އައިސް އަހަރެންގެ ގައިގައި ހިފަހައްޓަލިއެވެ.
“އަހަރެން ބޭނުން އެމީހުންނަށް ހަގީގަތް ކިޔައިދޭން” އަހަރެން ދެލޯ ފޮހެލަމުން ބުނެލީމެވެ. “ހަގީގަތް.. އޭޒް އިން” ދޮންބެ އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. “އެމީހުންނަށް މިކަންތައް އެނގުނީމަ އެމީހުންވެސް އެމީހުންގެ ރައްކަލަށް ކަމެއް ކުރާނީ.. ބައްޕާ ޕްލީޒް.. އަނެއްކާ މުހައްމަދުފުޅުބެ ކައިރީގައި ބުނެގެން އަހަރުމެން އަޅައިގެން އުޅޭ ކަހަލަ ތަވީދެއްވެސް ހޯދިދާނެ އެއްނުން” އަހަރެން ބުނެލީމެވެ. ބައްޕަ މަންމައާއި ދޮންބެއާއި ދިމާލަށް ބަލާލިއެވެ. އަދި ބޯޖަހާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަހަރެން ފޯނު ނަގާ ޖައިޝްއަށް ގުޅާލީމެވެ. “ހަލޯ” ފޯނު ނެގުމުން އަހަރެން ބުނެލީމެވެ. “އާސީން.. ކޮބާތަ.. އަހަރެން މިހާރު ދެތިން ފަހަރެއްގައި އަހައިފީމޭ އާސީން އަދިވެސް ނާދޭހޭ.. ކޮބާތަ.. ކޮން އިރަކުންތަ އޮފީހަށް އަންނަނީ” ޖައިޝް ސުވާލު ފަތި އެއްލިއެވެ. އޭނާ ކެއްމަދުވެފައި ހުރީ މިއަދު ވީ ކަންތައް އަޑުއަހާ ހިތުންކަން އަހަރެންނަށް އެނގެއެވެ. “ޖައިޝް މިގެއަށް އާދެވިދާނެތަ” އަހަރެން މަޑުމައިތިކަމާއި އެކު އަހާލީމެވެ. “މިގެއަށް.. ކޮން ގެއަކަށް.. އާސީން މެންގެއަށްތަ” ޖައިޝްގެ އަޑުގައި ވި ހައިރާންކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކުރިން ދުވަހު މިގެއަށް އައުމުން ދުވަހަކުވެސް ގެއަށް ނައުމަށް ބުނީ އަހަރެންނެވެ.
“ބުނީމެއްނުން.. ތިގެއަށް އަހަރެން އައިސްގެނެއް ނުވާނޭ” ޖައިޝް ބުނެލިއެވެ. “އާ.. އެކަމަކު.. މިވާހަކަ ފޯނަކުން ނުދެއްކޭނެ.. ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން.. އާދެބަލަ..” އަހަރެން އެދުނީމެވެ. ޖައިޝް އަންނަނީ ކަމަށް ބުނެ ފޯނު ބޭއްވިއެވެ. އަހަރެން ހާސްކަމާއި އެކު އިންތިޒާރު ކުރެވެންފެށީ ޖައިޝްއަށެވެ. އަނެއްކާ އަންނަ މަގުމަތީގައި އޭނާއަށް ކަމެއް ވެދާނެ ހެއްޔެވެ. ބަންޝީލް އޭނާއަށް ކަމެއް ކޮށްފާނެ ބާއެވެ. އަހަރެންނަށް ޖައިޝް އެހާ މުހިއްމުކަމެއް މީގެ ކުރިން ވިސްނިފައެއް ނެތެވެ. ޖައިޝްއަކީ އަހަރެން ހިތްހަމަނުޖެހޭ އެތައް ސިފައެއް ހުރި މީހެކެވެ. އެކަމަކު އެއީ އަހަރެންގެ އެކުވެރިއެކެވެ. އެހެންކަމުން އޭނައަށް ގެއްލުމެއް ލިބޭކަން އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެން ހުރީ ކޮޓަރި ތެރޭގައި ހިގާލަ ހިގާލައެވެ. ގައިގަޑަކަށް ދިހަ މިނެޓް ފަހުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވާލިއެވެ. “ކޮއްކޮ ޖައިޝް” ދޮންބެގެ އަޑު އިވުމުން އަހަރެންނަށް ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެއް އިހްސާސް ވެގެން ދިޔައެވެ. ދޮރާއި ދިމާލަށް ބަލާލިވަގުތު ހެވިފައި ހުރި ޖައިޝް ފެނުމުން އަހަރެންނަށް ލިބުނު އުފާވެރިކަން ބަޔާން ކޮށްދޭކަށް އަހަރެންނަށް ނޭނގެއެވެ. ފުންނޭވާއެއް ބޭރުކޮށްލީ ސަލާމަތްތެރިކަމާއި އެކު ޖައިޝް މިގެއާއި ހިސާބަށް ފޯރީމައެވެ.
“ދޮންބެ އެބަ އަންނަން” ޖައިޝް ކޮޓަރިއަށް ވަނުމުން އެހެން ބުނުމަށްފަހު ދޮރު ޖަހަމުން ދޮންބެ ދިޔައެވެ. ޖައިޝް ހައިރާންކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ވައު.. އަހަރެންނަކަށް ނޭނގޭ އާސީން އެހާ ބޮޑަށް ބަދަލުވި ކަމެއް” ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ތިބުނީ” އަހަރެން އަހާލީމެވެ. “ފުރަތަމަ ދުވަހު މިގެއަށް އައުމުން ގަދަކަމުން ނެރުނީ.. އެދުވަހު ނަސީބެއް އިލޮށިފައްޗެއް ކަހަލަ އެއްޗެއް ފެންނަން ނެތްކަން.. އެހެން ނޫންކަމަ.. އޭގެން ތަޅަމުން ކަންނޭނގެ ނެރޭނީވެސް” ޖައިޝް ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. “އެކަމަކު މިއަދު.. ތިހުރީ އަހަރެންގެ އިންތިޒާރުގައި.. ގޭތެރެއިން އެންމެންވެސް އެހާ ރަނގަޅު.. އަނެއްކާ ސީދާ ކޮޓަރިއަށް.. އަނެއްކާ ކިހިނެއްވާން ބާ މިއުޅެނީ” ޖައިޝް ބުނެލިއެވެ. އަހަރެން ހީލީމެވެ. އެވާހަކަ އަހަރެން ޖައިޝް ކައިރީގައި ބުނާނީ ކިހިނެއް ހެއްޔެވެ. ބުނަންވީ ހެއްޔެވެ. ބުނެގެން އޭނާއަށް މިކަންތައް ސިއްރު ކުރެވޭނެ ހެއްޔެވެ. ބަންޝީލްގެ ފަރާތުން ދިމާވެދާނެ ކަމަކުން އޭނާ ސަލާމަތް ކުރެވޭނެ ހެއްޔެވެ.
“ލުކް.. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން..” އަހަރެން ޖައިޝްއަށް އެނދުގައި އިށީނުމަށް އަތުން ބުނަމުން އަހަރެން ވާހަކަ ދެއްކީމެވެ. “އަހަރެންނަށް ޖައިޝްއަށް އިތުބާރު ކުރެވިދާނެތަ” އަހަރެން ޖައިޝްގެ ކުރިމައްޗަށް ހުއްޓިލަމުން ސުވާލު ކުރީމެވެ. ޖައިޝް ހައިރާންވެފައި ތިއަހާލީ ކޮންކަހަލަ ސުވާލެއްހޭ ބުނެލާ ގޮތަކަށް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަހަރެން މި ދައްކަން އުޅޭ ވާހަކައަކީ ވަރަށް ބޮޑު ވާހަކައެއް.. އެހެންވެ.. މިވާހަކަ އެއްވެސް މީހެއް ކައިރީގައި ނުދައްކާ ޖައިޝްއަށް ހުރެވިދާނެތަ.. އަހަރެންނަށް ޖައިޝްއަށް އިތުބާރު ކުރެވިދާނެތަ” އަހަރެންގެ ބުނެލީމެވެ. ޖައިޝް އެނދުން ތެދުވިއެވެ. އަހަރެން ވާހަކަ ދައްކާ ގޮތުން އޭނާ ހާސްވީ ކަންނޭނގެއެވެ. މޫނުމަތިން ހާސްކަން ފާޅުވެގެން ދިޔައެވެ. “އަނެއްކާ ކިހިނެއްވީ.. ކަމެއް ވީތަ.. ނޫނީ ވިސްނާނުލާ ކަމެއް ކުރީތަ.. ނޫނީ ލިޔުނު ރިޕޯޓާއި ހުރެ މީހަކު އާސީންއާއި ދިމާ ކުރީތަ” އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން ޖައިޝް އަވަސް ކަމާއި އެކު އަހާލިއެވެ. އޭނާގެ މޫނުމަތިން ހާސްކަން ފާޅުވަގެން ދިޔައެވެ. “ނޫން.. އެއްވެސް މީހަކު އެއްޗެކޭ ނުބުނޭ.. އެކަމަކު.. ޖައިޝް” އަހަރެން ދުރައް ޖެހިލީމެވެ. މިވާހަކަ އަހަރެން ބުނާނީ ކިހިނެއް ހެއްޔެވެ.
އަހަރެން ދެލޯ މަރާލީމެވެ. ކޮންމެހެން އަހަރެން މިއުޅެނީ މީހަކު ދެކެ ލޯބިވާ ވާހަކަ ހާމަ ކުރާކަށް ނޫނެކެވެ. މީހެއްގެ ފުރާނައަށް ނުރައްކަލެއް އަތުވެދާނެތީ އެކަމުން އެމީހާ ސަލަމާތް ކުރާށެވެ. އެހެންވީމަ އަހަރެންނަށް ކެރެން ޖެހޭނެއެވެ. “ޖައިޝް.. ޖައިޝް… ޖައިޝް” “ދެން އެންމެ ފަހަރަކުވެސް އަހަރެންގެ ނަން ކިޔައިގެން ނުވާނެ” ކުއްލިއަކަށް އަހަރެންގެ ވާހަކަ މެދު ކަނޑާލަމުން ޖައިޝް ބުނެލިއެވެ. “ބުނަން އުޅޭ ވާހަކައެއް ބުނެބަލަ.. އަހަރެން މިހާރު ހާސްވެގެން ހަލާކުވަނީ މިއޮއް” ޖައިޝް ބުނެލިއެވެ. “ޖިންނިއެއްގެ ފަރާތުން ޖައިޝްއަށް ގެއްލުމެއް ލިބިދާނެ” އަހަރެން ދެލޯމަރާލަމުން ބުނެލީމެވެ. އެވަގުތު ޖައިޝް ހީގަތް އަޑު އިވުނެވެ. އަހަރެން ދެލޯ މަޑުމަޑުން ހުޅުވާލީމެވެ. އޭރު ޖައިޝް ހެމުން ދިޔައެވެ. “އަހަރެން ހައްދަނީތަ..” ޖައިޝް ހެމުން ވާހަކަ ދެއްކިއެވެ. “ނޫން.. ހަމަ އަސްލަށް މި ބުނީ ތެދައް.. ޖައިޝް އަށް އެނގޭނެ އަހަރެން ދޮގު ނުހަދާނެކަން” އަހަރެން ބުނެލީމެވެ. އެވަގުތު ޖައިޝްގެ މޫނުމަތިން ސީރިއަސްކަން ފެނިގެން ދިޔައެވެ. އަހަރެން ކަންތައް ވެގެން ދިޔަ ގޮތް ޖައިޝްއަށް ކިޔައިދިނީމެވެ. ނާސިރުގެ ވާހަކައާއި އައިރް އާއި އެކު ފުލުހުންގެ އޮފީހަށްގޮސް އަހަރެން ކުރާ ކަންތައްތަކުގެ ވާހަކައެވެ. ބަންޝީލްގެ ވާހަކަ އާއި އޭނާ އެންމެ ފަހުން ބުނި ވާހަކައެވެ.
އަހަރެން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ޖައިޝް އިނީ އެނދުގައި އިށީދެގެންނެވެ. އެނދުމަތީގައި އަޅާފައި އޮތް ފޮތިގަނޑުގައި ބާރަށް ދެއަތުން ހިފަހައްޓައިގެން އިން އިރު މީހާގެ މޫނުމަތިން ބިރުގަނެފައިވާކަން ރަނގަޅަށް އެނގެއެވެ. އެއްދިމަލާކަށް ކަޅި ހުއްޓާލައިގެން އިން ގޮތުން އަހަރެންވެސް ބިރުގަތެވެ. “ޖައިޝް.. ” އަހަރެން އޭނަގެ މޫނު ކައިރީގައި ދެފަރާތަށް އަތް ހުރަސް ކޮށްލީމެވެ. އެވަގުތު ސިހިގެން ގޮސްފައި ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލީ ބޮޑު ބިރަކާއި ދިމާލަށް ބަލާލާ ގޮތަށެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.




mibaives hurihaa kudin nah kamudhaane kamah heekuran 🙂 hurihaa kudinge hiyaal thakah maruhabaa 🙂
wow… story is awsome bt i feel scared to read this kind of stories….
heheh.. thnks nee dear biru gaith nama ves vaahaka kiyaa leema 🙂
Oh wow, this ix superb? ingey Fantasy????? luv this story ❤❤❤❤ nxt part kn irakun.. cnt wait, avahah up kohdhehchey…. gud luck?
v happy vejje shine ge thihaa lobi comment eh libunyma .. 🙂 thnks bodu koh dear 🙂
V v reeethi???thnks avasko dinyma. ……v v salhi
thnks ny dear bodu koh 🙂
You are a creative writer <3.. Mi part ves v interested.. Waiting for da next part
thnks friend 🙂
Boys vx ehaa biru ganey ta???? I shocked nd surprised abt jais hahaha????
heheh dhoo aishaa.. 😉 jinni eh ge faraathun hamalaa eh athu vedhaane thee thocheh ehaa biru gathy 😉 thnks bodu koh igey 🙂
Fantasyyyyy…vrh vrh rythi ingey….banshyl rythi kamaa dhwww ?…hehe whn nxt prt
thnks princess dear bodu koh 🙂 v reethi dhoo 😉 ;P
Mee 5 vana bai tha nooni 6 vana baa tha cox mee 6 vana bai vehjaa kobaa 5 vana baa
rose dear innane 5 vana part ves 🙂 thnks kiyaa leema igey 🙂
wow! dhen bansheeleh ves bahteh namaves haadha goahey. Air! airaa gulhuvaba! no e seal akaa gulhuvaa
heheh thnks rinysh dear 🙂
fantasyyyyyyyyyyyyyyyyy……….. haadha reeti ey mi vaahaka… airu ge reethi kamaa dhw… bansyl vexxx..
thnks mashu dear 🙂 next part liyevunu haa avahah genes dheynan igey 🙂
whn ix the next part?
wow mibai varah intresting, Fantasy 😀 hehe. Jaish haadha biru gane yey dhw 😛 Aaseen ves maa biru kuda. and Air ah eccheh visnijje kanneynge dhw mihaaru. please Aaseen ah dhera gotheh nuhadhacchey Fantasy. :.<
thnks faxoo dear 🙂 konme meehaku ves biru gannane dhoo jinni eh ge faraathun gellun vaane ey bunefiyya 😛 heheh .. anyway bodu koh thnks igey dear 🙂
Wah wah kiyaa khahaany hey..vvv habeys igey mivaahaka…niz vaahaka kiyan inyvx beyruga biruveri hisaabah dhiyaama eguny mi idhevuny adhiri thanegga kan vx…hehehe..i love ur story..nxt part avax kohdhyba kiyaa hithun kei nuvey….may god bless u buddy..luv u
heheh.. adhiri thaneh ga biruveri vaahaka kiyaaleema v majaa dhoo niz 😛 thnks bodu koh dear for the lovely comment igey 🙂
Bunantha vaahaka e…..Oh my god this is awsome story ..Haadha telant ea dhwwe …Vvvvvv reethi mi storty if u can plxxx upload soon i need next apisode….????
iffa bodu koh thihaa lobi comment eh koh leema igey 🙂 liyevunyma veehaa ves avahah up koh dheynan igey 🙂
Wow
thnks Sha Mak 🙂
haadha lasvany upload kuran kihineh vy anehkaa………..