Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 18

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 10, 2026 5 Mins Read
2 Comments

އިނާޔާ އިނީ މިންހާ ގޮވައިން ހޮސްޕިޓަލުގައެވެ. ސްކޭން ރިޕޯޓް ދައްކަން ޓޯކެން ނަންބަރު ނުޖެހޭ ތީއެވެ. އިރުކޮޅަކުން ރިންގް ވާން ފެށުމުން އިނާޔާގެ އަތުގައި އޮތް ފޯނުގެ ޑިސްޕްލޭއަށް ބަލައިލިއެވެ. ގުޅަމުން ދަނީ އަމީލެވެ.

“މިންހާ!… އަމީލުގެ ފޯނެއް. އަން… ވާހަކަ ދައްކަބަލަ!” މީހުން ގިނަ ތަނެއް ކަމުން އިނާޔާ އެ ފޯނު ހަވާލު ކުރީ ސިއްރުސިއްރުން މިންހާއާ ވާހަކަ ދައްކަމުންނެވެ.

“ހަ… ހަލޯ..!” ޖެހިލުން ވެފައި އިނދެ މިންހާ އަނގަ ހުޅުވާލިއެވެ.

“ކޮން ހަލޯ އެއް ކިޔާކަށް… މަށަށް ކޯޓަށް ކިޔައިފި… ކަލޭ ވަރިވާން ފޯމުލީމަ.” އަމީލުގެ އަޑުގައި ވަނީ ހަރުކަށި ކަމާއި ރުޅިގަދަ ކަމެވެ.

*************

“ކަލޭ ހީނުކުރައްޗެ……..” އަމީލުގެ ތޫނު ހަތިޔާރެއް ފަދަ އެ އަޑު ނާހާން ވެގެން މިންހާ ވަގުތުން ފޯނު ކަނޑާލިއެވެ.

އަނެއްކާ ވެސް އިނާޔާގެ އަތުގައި އޮތް ފޯނު ރިންގް ވާން ފެށިއެވެ. އެއަޑަށް ވަގުތުން ފޯނު ސައިލެންޓަށް ލަމުން ހިނިތުން ވެފައި އިނދެ އިނާޔާ ބަލައިލީ މިންހާއަށެވެ. އޭރު މިންހާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހާސް ވެފައިވާ ކަމުގެ އަސަރެވެ. ދެބުމަ ކައިރި ކޮށްލައިން އިން އިނާޔާއަށް އެކަން ވަރަށް ރަނގަޅަށް ވިސްނުނެވެ.

“އަން.. މިއޮއް ގުޅަނީ…” ވަރަށް ފަރުވާތެރި ކަމާއެކު މިންހާގެ ލޮލަށް ބަލައިލަމުން އިނާޔާ ފޯނު ދިއްކޮށްލިއެވެ.

“ނޫން.. އޭނަ އެހުރީ ވަރަށް ރުޅި އައިސްފަ… އެ އުޅެނީ އެއްޗިހި ކިޔަން.” އެއް އަތްތިލަ އަނެއް އަތްތިލައިގެ ތެރެއަށްލާ ބޮނޑިކޮށްލަމުން މިންހާ ބަލައިލީ އޭނާގެ ޓޯކަން ނަންބަރު އަރާތޯއެވެ. ހީވާކަހަލައެވެ. ގަތްފައިވާ ލަދެއްގެ ސަބަބުން އިނާޔާއާ ދިމާލަށް ބަލައިލަން ވެސް މިންހާ ޖެހިލުންވެއެވެ.

“ކާކުތަ އެއްޗިހި ކިޔަނީ؟.. އަމީލު؟.. މީ އަމީލެއް ނޫނޭ .. ރީމްއޭ.. ނަގާބަލަ.” އިނާޔާ ސިއްރު ސިއްރުން ވާހަކަ ދެއްކިއެވެ.

ރީމް ގުޅަމުން ދިޔަ ފޯނު ގައި ހިފި ވަގުތު މިންހާގެ ޓޯކަން ނަންބަރު އެރިއެވެ. އެއާއި އެކު ފޯނު ބިޒީ ކޮށްލަމުން ޑޮކްޓަރ ރޫމަށް ދިއުމަށްޓަކައި ދެމީހުން ވެސް ހިނގައިގަތެވެ.

ޑޮކްޓަރ ރޫމުގައި އިން އިރުވެސް ހުއްޓުމެއް ނެތި އިނާޔާގެ ފޯނު ދަނީ ރިންގް ވަމުންނެވެ. މިފަހަރު ގުޅަމުން ދަނީ އަމީލެވެ. ސައިލެންޓަށް ލާފައި ވިޔަސް އެވަރަށް ގުޅަމުން ދާކަން އިނގޭތީ އިނާޔާގެ ސިކުނޑި މަސައްކަތް ކުރީ އަމީލުގެ ފޯނު ކޯލާ ދޭތެރޭ ވިސްނުމަށެވެ. އެހެންވެ ޑޮކްޓަރ ދައްކާ ހުރިހާ ވާހަކަތަކަށް މާބޮޑަށް ސަމާލުކަމެއް އިނާޔާއަކަށް ނުދެވެއެވެ.

ނަޝާޔާ ހޭލައިން ކިތަންމެ އިރެއް ވީއިރު ވެސް ޝަރާ ނުހޭލައެވެ. ބަނޑު ހައިވެފައި ހުރި ނަޝާޔާ އަމިއްލައަށް ކިރުތައްޓެއް ހަދައިން ބޯން އިނީ ޝަރާގެ އެއްވެސް އަޅާލުމެއް ނުލިބި ގިނައިރު ވުމުންނެވެ. ސަޔާއި އެކު ކާނެ އިތުރު އެއްޗެއް ފެނޭތޯ ބަލަމުން ދިޔައިރު ފެނުނު ބޮޑު “ޗޮކްލެޓް ޕަފް” ބިސްކޯދު އުރައެއް ނަގައިން ކާން ފެށީ ބަނޑުހައި ވެފައިވާ ވަރުންނެވެ.

ޝަރާގެ ޚަބަރެއް ނުވެ ކިތަންމެ ގިނަ އިރެއް ވިޔަސް އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަކީ ވެސް ނަޝާޔާއަށް ކުރަން ކެރޭ ކަމެއް ނޫނެވެ. ޝަރާގެ ހަރުކަށި އަޑު ނަޝާޔާގެ ކަންފަތަށް އަމާޒު ވާން އެކުއްޖާ ބޭނުން ނުވާތީ ކަންނޭނގެއެވެ.

ޑޮކްޓަރުގެ ކޮޓަރިން ނުކުމެގެން މިންހާ ހިނގަމުން ދިޔައީ މަޑުމަޑުން ހުރެ އިނާޔާގެ ފަހަތުންނެވެ. ވީހާ އަވަހަކަށް ހޮސްޕިޓަލުން ނުކުންނަން ބޭނުން ވެފައި ހުރި މިންހާގެ ސިކުނޑި ތަޣައްޔާރު ވެފައި ވަނީ އަމީލުގެ ހަރުކަށި އިބާރާތް ތަކުންނެވެ.

“މިންހާ!… ހާދަ ވަރަކަށޭ އަމީލު އެ ގުޅަނީ. ހުއްޓާނުލަ.. އެންމެ ފަހުން މަށަށް ނޭނގުނު ޑޮކްޓަރ ބުނީ ކީކޭ ކަމެއް ވެސް.. ދެން ވެސް ގުޅާބަލަ އަމީލަށް.” ހޮސްޕިޓަލުން ބޭރަށް ނުކުތުމަށް ފަހު އަތުގައި އޮތް ފޯނު ދިއްކުރަމުން އިނާޔާ ބުންޏެވެ.

“މަށަށް އެނގޭ އެ ގުޅަނީ ކީއްވެކަން. އިނާ!….. މަ ބޭނުމެއް ނޫން އެހާ އަވަހަށް ގެއަށް ދާކަށް.” ހާސްވެފައި ހުރެ މިންހާ ވާހަކަ ދައްކަމުން ދިޔައެވެ.

“ދެން؟… ކޮން ތާކަށް ދާނީ؟… އެހެން ނޫނަސް ތިކަމާ ގެޔަކާ ހުރީ ކޮން ގުޅުމެއް؟ އަމީލު މާލެ އައީތަ؟” ހިނގަމުން ދިޔަ ފިޔަވަޅު މަޑު ޖައްސާލަން މަޖުބޫރުވީ މިންހާގެ ޖަވާބުންނެވެ.

“އިނާ..! ތިބުނީނު، ކޮން ތާކަށްހޭ ދާނީ؟….. މަ ބުނާ ތާކަށް ގެންދާނަންތަ؟ އަހަރެން ބޭނުމީ ކަނޑަށް އެރެން.. ކަނޑަށް އެރި މަރު….” ފެންކަޅި ވަމުން ދިޔަ ދެ ލޮލާއި އެކު މިންހާ ހުއްޓުން އެރިއެވެ. މުޅި މީހާގެ ގައިން ޖޯރު އެލުނެވެ. ހަށިގަނޑުގައި އެއްވެސް ބާރެއް ނެތި ވާގި ގޮސްފައިވާ މީހެކޭ މިންހާ އެކޭ ތަފާތެއް ނެތެވެ.

“އަހަރެން ހުންނާނަން ބަލަން. ދޭބަލަ. ގޮސް އެރިބަަލަ… ތިހެން ބުނާއިރު އެނގޭނު މިންހާގެ ދެ ދަރިން ތިބޭނެ ކަން ހިތާމަ ކުރަން..؟ މިންހާ!…. ހަމަ ކަމެއް ވާއިރަށް ކަނޑަށް އެރިފަ… ދަން ޖެހިފަ… މީހާއަށް ނުގުޅޭ ވަރަށް ބޭސްތައްކެއް ކައިގެން އޯވަރ ޑޯޒް ވެފަ… މިއެއް ނޫން ދޯ އަހަރުމެން ކަންތައް ކުރަންވީ ގޮތަކީ؟ އަހަރުމެންނަށް ދިމާވާ ކަންކަމުގެ ސަބަބުން ވެއްޓުމުގެ ބަދަލުގަ ހިތްވަރުލާފަ ތެދުވަންވީއޭ…” އިނާޔާގެ ހަށިގަނޑަށް އައި ޒާތެއްގެ ހިތްހަމަ ނުޖެހުމެއްގެ ސަބަބުން ކަށިން ހިއްވަރު ނެރެމުން ވާހަކަ ދެއްކިއެވެ. އޭރު އެހިސާބުގައި މާގިނަ މީހުނެއް ވެސް ނެތެވެ.

“މިންހާ މޮޔަވީތަ؟… ކި… ކީއްކޮށްގެން އަމީލު އުޅެނީ؟ މަށަށް އެނގޭ ކަމެއް ވީމަ ކަން މިންހާ ތިހެން ބުނާނީ… ބުނެބަލަ.. އެގަޑީގަ ގުޅާފަ ކީކޭތަ އަމީލު ކީ؟… މާ އަވަހަށް މިންހާ ފޯނު ބޭއްވީމަ ދޯ؟… ހަމަ ޔަގީން އެވަރަށް އެ ގުޅަނީ ކަމެއް ވީމަކަން. ދެންވެސް ތިޒާތުގެ ވާހަކަ ނުދައްކާ މަށަށް ކިޔައި ދީބަލަ… ޕްލީޒް މިންހާ!” މިންހާގެ އަތުގައި ހިފައްޓާލަމުން ޕޭމަންޓްގެ އެއް ފަރާތަށް އަރާ އިނާޔާ އާދޭސް ކުރީ ވާނުވާ ނޭނގި ބޯ ހާސްވެފައި ހުރެއެވެ.

“އިނާ…! އަހަރެން މާލެ މި…. އަހަރެން މި އައީ ވަރަށް ބޮޑު ކުށެއް ކޮށްފަ.” ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ތިރީގައި ހުރެ މިންހާ ބުނެލިއެވެ.

ޝިޔާމް އާއި ލިޔަމް ތިބީ ގެސްޓްހައުސްގެ އެނދު މަތީގައެވެ. ހައިބަ ބޮޑު ތަނަވަސް ކޮޓަރިއަކަސް އެކުދިންނަށް އެތަނުން ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ބޮޑު އެނދެއްގައި ނިދައިގެން ލިބޭނެ އެންމެ އަރާމު އިހްސާސްތައް އެކުދިން ކުރާނީ ކިހިނެއް ހެއްޔެވެ؟ ކައިރީގައި މިންހާ ނެތުމުން އެކުދިންގެ އިހްސާސްތައް ހީވަނީ މަރުވެފައި ވާހެނެވެ.

“ކުދިން!… ދެން ހިނގާ ރީތި ވާން..” ރީމް ވަރަށް ލޯބިން ބުނެލިއެވެ. އެކުދިން ރުއްސޭތޯ ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމުން ރީމްއަކަށް ވަކި މޮޅެއް ނުލިބެއެވެ.

“މަންމަ ބޭނުމީ.. މަންމަ ނުވެސް ގުޅާ..” ލިޔަމް ތުން ދަމާލާފައި ޝަކުވާ ކުރިއެވެ.

“އިނގޭތަ…؟ ދައްތަ ގުޅީމޭ އިނާޔާ ދައްތަ ފޯނަށް. އެކަމު އެގަޑީގަ ބިޒީކޮށްލީ. ވެދާނެ ދޯ އޭރު ހޮސްޕިޓަލުގަ ކަމަށް ވެސް. ދެން ހީވަނީ މަންމައަށް ފްރީ ވީމަ އިނާޔާ ދައްތަ ގުޅާނެހެން.” ރީމް ލައިގެން ހުރި ޖިންސްގެ ފަހަތު ޖީބުގައިވާ ފޯނު ނަގަމުން ބުނެލިއެވެ.

“އަދި ބަލާލަންތަ ގުޅޭތޯ؟” ރީމް ޑައިލް ކޮށްލީ އިނާޔާގެ ނަންބަރަށެވެ.

މަޑުމަޑުން ހިނގަމުން ދިޔަ މިންހާ އާއި އިނާޔާ މާބޮޑު ވާހަކައެއް ނުދައްކައެވެ. މިންހާ އޭނާގެ ހިތުގެ ތެޅުން ބާރުވެ، ހާސްވެފައި ވާތީ އެކަމާ ހެދި ދާހިއްލަނީއެވެ. ފިކުރު ބޮޑުވަނީއެވެ. އެހެނަސް އިނާޔާއަށް އެކަން ވިސްނޭ އިރު ވެސް އެވާހަކަ އިތުރަށް ނުދައްކާ މަޑުކޮށްލީ މިންހާއަށް ހަމަޖެހުމެއް ލިބޭތޯއެވެ. މިންހާގެ ހިތާއި ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.

އިނާޔާގެ އަތުގައި އޮތް ފޯނު ވައިބްރޭޓް ވަމުން  ދިޔައެވެ. ޑިސްޕްލޭއަށް އަރާފައިވާ ރީމްގެ ނަން ފެނި ވަގުތުން ފޯނު ނެގިއެވެ.

“ހަލޯ.. އިނާޔާ!…. މިހާރު ކިހިނެއްތަ މިންހާ؟” ރީމް ބުނެލިއެވެ.

“މިންހާ ދެން ރަނގަޅު.. ސްކޭން ހާދާ ނިމިގެން  ރިޕޯރޓް ވެސް ދައްކާފަ މިދަނީ…. އޭރު ގުޅިއިރު ޑޮކްޓަރ ކޮޓަރިއަށް ވަންނާތީ ބިޒީ ކޮށްލީ…. ކިހިނެއްތަ؟” އިނާޔާ އާދައިގެ ގޮތަކަށް އަހާލިއެވެ.

“މިންހާ އެބަހުރިތަ؟.. ކުދިން ވާހަކަ ދައްކާލާ ހިތުން.” ލިޔަމް އާއި ޝިޔާމަށް ބަލައިލަމުން ރީމް ބުނެލިއެވެ.

“މިންހާ…! ކުދިން ވާހަކަ ދައްކަން އެ ގުޅީ.. އަން.. ދެން މިއަދު އެކުދިންނާ ވާހަކަ ދައްކާލާ.” އިނާޔާގެ އަޑަށް މިންހާގެ ތުންފަތް މައްޗަށް ވެރިވި ލުއި ހިނިތުމާއި އެކު ފޯނުގައި ހިފިއެވެ.

އަތިރިމަތީ ޖޯލީގައި އިން އަމީލުގެ އަތުގައި ރޯކޮށްފައިވާ ސިނގިރޭޓެއް އޮތެވެ. އޭނާގެ ފަޔާއި ދިމާލުން ތިރީގައި ބިންމައްޗަށް ވަރާލާފައިވާ އެތައް ފިލްޓަރު ބުރި ތަކަކުން ދޭހަވާނީ ސިނގިރޭޓް ބޮވިފައިވާ މިންވަރެވެ. އެ މާހައުލަށް ޖެހެމުންދާ ހިތްގައިމު ވައިގެ ތެރޭ އިންނަ އިރުވެސް އަމީލުގެ ހަށިގަނޑުން ދާ ހިއްލަމުން ދެއެވެ.

ސިނގިރޭޓް ދަމާލާ ކޮންމެ ފަހަރަކު އޭގެ ދުންތައް ވައިގެ ތެރޭގައި އެނބުރިލުމަށް ފަހު ގެއްލިދެއެވެ.  އެއިން ދުވަމުން ދިޔަ ނުބައި ވަސް މުޅި ތަނަށް ވަނީ ފެތުރިފައެވެ.

“އޭތް..! ކަލޭ ހާދަ ވަރެއް ތި ދައްކާލަނީ؟..” ދެ ތަށި ކޮފީ ހިފައިން އައިސް އާމިރު ހުއްޓުނީ އަމީލުގެ ކުރިމަތީގައެވެ.

“ކަލެޔާ ކޮން ބެހޭކަމެއް؟” އަމީލު ދިނީ ހަރުކަށި ޖަވާބެކެވެ.

“މަށާ ބެހޭ ކަމެއް ނޫން.. އެކަމު ކަލެއަށް އެހެންޏާ ނުވާ ވަރެއް ވާހެން ހީވާތީ މި އަހާލީ.. ތިހުރީ އެއްކޮށްފަ ހުރިހާ ފިލްޓަރު ބުރިތައް.. އެއިން ވެސް އެބަ ދޭހަވޭ ކަލޭ މިއަދު ކޮންމެސް ކަމަކާ ބޯ ގޮވައިފި ކަން.” ޖެހިލުމެއް ނެތި އާމިރު ބުންޏެވެ.

“ކިހާ ބޮޑު ކަމެއް.. މަށަށް ވީ ކަމެއް މަށަށް ވީނު؟ އެކަމަކާ ކަލޭ ނުޖެހޭ ދޯ އުޅޭކަށް.” އާމިރު ދިއްކުރި ކޮފީ ތަށީގައި ހިފަމުން އަމީލު ބުނެލިއެވެ.

“އޯކޭ.. އެހެންވިއްޔާ ދެން މިހާރު މިންހާ ދެއްކިއްޖެތަ؟ ޑޮކްޓަރ ކީކޭ ބުނީ؟” ވާހަކަ ބަދަލު ކޮށްލަމުން އާމިރު ބުނެލިއެވެ.

“ވަރުގަދަ ކަމެއްނު… މަ އެބަ ބުނަން ދޯ މަގޭ ކަންކަމާ ނުބެހޭށޭ.. މި ވަގުތު ކަލެއަށް އިނގެން ވާނެ މަ މިހުރީ ވަރަށް ރުޅި އައިސްފަކަން.” އާމިރުއާ ދިމާލަށް ބަލައި ވެސް ނުލާ ދަތްކުނޑި ވިކާލަމުން އަމީލު ބުންޏެވެ.

“ބަލަ މަށަށް އިނގެއޭ.. ކަލޭތީ ސައުވީސް ގަޑިއިރު ވެސް ރުޅި ގަދަވެފަ ހުންނަ މީހެއްކަން. މަ ވީމަ ކަލެޔާ ވާހަކަ ވެސް މި ދައްކަނީ.. ތި ރަށު އެހެން މީހުން ކަލެއާ ވާހަކަ ވެސް ނުދައްކާ.. ތި ބުނާ ރުޅި އަކާ ހެދިގެން. މަ ދެންވާ ކެތް ގަދަތާ. ކަލޭ ގާތު ވެގެން އުޅޭ ގޮތް މި އަހަނީ އެހީއެއް ވެވޭތޯ ބަލަން. އިނގިއްޖެ.” އަމީލުގެ ސީދާ ލޮލަށް ބަލަން ހުރެ އާމިރު ބުނެލީ ޖެހިލުން ކުޑަކޮށެވެ.

“ބަލ***!… މަށަށް އެހީ ވެވޭތަ މަގޭ ކަންކަމަށް ނުބޭނި..؟ މަ ބުންޏަސް ނުބުންޏަސް ކަލެއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.” އާމިރުގެ ރުޅި ކޮންޓްރޯލެއް ނުވެއެވެ.

“ބުނީމަ ދޯ އިނގޭނީ.. ކަލޭ އަމިއްލައަށް ހައްލު ކުރާ ކަންކަން ތި ހައްލު ކުރަނީ އަނިޔާއިން.. ކަލެއަށް އިނގޭތަ؟.. އެދުހު މިންހާއަށް އެވަރު ވެފަ އޮތީމަ.. ކަލޭގެ ސޮރަކު ބޭރަށް ނުކުތް ވަގުތު މަ ފެނިގެން ގޮވީމައޭ.. މަ ގޮސް ވަނީ ތިގެއަށް.. މަށޭ މިންހާ އެދުހު އެމްބިއުލާންސްގަ ގެންގޮސް މަރުކަޒަށްލީ. ކަލޭގެ ކަންކަމާ ކަލެއަށް އެކަނި ބެހެވެންޏާ، އޭރު ކަލޭ ކޮބާތަ؟ ކީއްވެތަ އެވަގުތު މިންހާ މަރުކަޒަށް ނުގެންދެވުނީ؟” އާމިރުގެ ވާހަކަ ދެއްކުމުގައި ޒާތެއްގެ ހިތްހަމަ ނުޖެހުމެއް ފާޅުކުރިއެވެ.

އާމިރުގެ ވާހަކަތައް އިވި އަމީލަށް އިސްޖަހާލެވުނެވެ. ކުށްވެރި ވެފައި ވަނީ އޭނާކަން އަމިއްލައަށް ވިސްނޭފަދައެވެ. ނޫނީ އެކަން އެހެން އޮތް އިރުވެސް އެކަން ގަބޫލު ކުރަން ބޭނުން ނުވަނީއެވެ.

“މިހާރު ކަލޭ ތި އުޅުން ދޫކޮށްލަން ވެއްޖެއެއްނު؟ އަނިޔާއާ ވަރުގަދަ ބަސްތަކަކުން ކަންކަމެއް ހައްލެއް ނުވާނެ. ކަލޭގެ ތި އަނިޔާތަކާ ޖެއްސުމުގެ ބަސްތަކުން މިންހާ އެހުންނަނީ ހިމޭނުން ހެން ކަލެއަށް ހީވެދާނެ. އެކަމު އޭނަ އެހުންނަނީ ބިރުންނޭ… އެއީ ކަލޭ ދެކެ ލޯބި ވާތީ އޭނާ ހިމޭން ވެފަ ހުންނަނީކީ ނޫނޭ..” އާމިރުގެ ވާހަކަތައް އަޑުއަހަން އަމީލުގެ ނަފްސައް މަޖްބޫރުވީ ކީއްވެ ކަމެއް ނޭނގެއެވެ.

“އެހެން ވީމަ މި ބުނަނީ. އަނެއްކާ ވެސް ބޮޑު ކަމެއް ވުމުގެ ކުރިން ތިކަން ހުއްޓާލާ… މާދަން ނޫން ކަމެއް ނޭނގެ ކަލެއަށް އެކަނި ހާލައިގެން ނޫޅެވޭނީ… ދެން ނޫނީ މާދަން ވެސް މިންހާ ވަރި ވިއްޔާ ކަލެއަށް ނުބައި ވާނީ އޭނަ…” އާމިރުގެ ވާހަކަ ހުއްޓާލަން މަޖުބޫރުވީ އަމީލު ވާހަކަ ދައްކަން ފެށުމުންނެވެ.

“އެހެންވީމަ މީ ކަލެއަށް އެނގިގެން ވާ ކަމެއް ދޯ؟” އަމީލު ދެ ދަތްޕިލާ ބާރު ކޮށްލަމުން ބުނެލިއެވެ.

“ކޮން ކަމެއް؟” ދެބުމަ ކައިރި ކޮށްލަމުން އާމިރު ބުނެލީ ހައިރާން ވެފައި ހުރެއެވެ.

“މިންހާ ވަރި ވާން ފޯމުލީ…؟” ލަދުން ހުރެ އިސް ޖަހާލަން މަޖުބޫރުވެ ލުއިލުއި އަޑަކުން އަމީލު ބުނެލިއެވެ.

– ނުނިމެ –

 

 

 

 

 

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 22

Next

ލޯބިން ބުނާތީ 41

Next
August 10, 2026

ލޯބިން ބުނާތީ 41

Previews
August 9, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 22

2 Comments!

  1. Black says:
    August 10, 2026 at 5:22 am

    Wow!!❤️…Aslu vx mihaar vv best… anyways, when’s next upload?
    Ly sm 😊❤️

  2. Shaleen says:
    August 10, 2026 at 5:32 am

    Hi
    Last part ga comment nulibuneema varah miss ingey…
    Thanks mifaharuge comment ah.
    Vaahaka Eba shauguveri vey dho.
    Anekkaa ves bunaanee kuriyah huri baithah ves kiyahchey.
    Next part Thursday ga in sha Allah.
    Ly sm ❤️😊❤️

Comments are closed.



All Right Reserved!