“މި ބުނީނު ތި ލައިގެން ނުދާށޭ. ހަމަ މިހާރު ބާލާ.. ވިޔާމް އެއްޗިހި ލާން ޖެހޭނީ އަހަންނަށް ރީތި ގޮތަށް… އަހަރެން ބުނާ ގަޑިތަކުގަ އަހަންނަށް ރީތި އެއްޗެއް. ދޭ އެ އެއްޗިހި ލާން.” ޝަރާގެ ހަރުކަށި އިބާރާތް ތަކަށް ވިޔާމްގެ ހަށިގަނޑު ކިޔަމަން ވިއެވެ.
ބަނޫން ނިންދެވުމަށް ފަހު އިނާޔާ ހޯދަމުން ދިޔައީ އަޔަނިނގް ބޯޑެވެ. ގޭތެރެ އާއި ސިޓިންގް ރޫމުގެ އެކި ދިމާލުން ވެސް އަޔަނިނގް ބޯޑެއް ނުފެނުނެވެ. އަނެއްކާ ވެސް ކޮޓަރި ތެރެއަށް ވަދެ އެކި ދިމަދިމާ ބަލަން ފެށީ ކޮންމެހެން ވެސް މިރޭ އެއްޗެތި އިސްތިރި ކުރަން ބޭނުން ވާތީއެވެ. އަލަމާރި އާއި ފާރާއި ދޭތެރޭގައި ހުރި އަޔަނިނގް ބޯޑު ނަގަން ހިފާލުމާއި އެކު ފާރުގައި ތަތްކޮށްފާ އިން ކަރުދާސް ގަނޑެއް ވެއްޓުނެވެ. އިނާޔާ ވަގުތުން އެ ކަރުދާސްގަނޑު ނަގާ ބަލައިލިއެވެ.
“މަންމަ ކީއްވެ އަބަދު އަހަރެން ދޫކޮށްލާފަ ދަނީ؟ ވަރަށް ހަނދާންވޭ. ވަރަށް ދެރަވޭ.” ނޯޓްގައި ލިޔެފައި ވެއެވެ.
***************
އެއީ ކުޑަކުޑަ އަތަކުން ލިޔެފައިވާ ނޯޓެކެވެ. ލިޔުމުގައި އަކުރުތަކާއި ފިލިތައް ހުރި ގޮތުން އެކަން ދެނެގަނެވެއެވެ. ރޮނގުން ކައްސާލާފައިވާ އެ އަކުރުތަކުގައި އެއްވެސް ތަރުތީބެއް ނެތެވެ. އެހެނަސް އެއީ މައްސަލަ އެއް ނޫނެވެ. އެ ލިޔުން ހަޑި ވުމަށް ވުރެ ބޮޑު ހިތާމައަކީ އެ ނޯޓުގައި ލިޔެފައިވާ ބަސްކޮޅެވެ. އެއީ އަސަރުގަދަ ބަސްކޮޅެކެވެ. ދަރިޔަކު އޭނާގެ މަންމައަށް ކޮށްފައިވާ ލޯބީގެ ވޭނީ އާދޭހެކެވެ. އެހެނަސް އެ އާދޭސްތައް ދެލީގެ ސިފައިގައި ފެންނަން އޮތީ މަންމަގެ ކުރިމަތީ އެ އާދޭސްތައް ކުރާނެ ހިތްވަރު ނުލިބުމުންނެވެ.
ނޯޓު ކިޔާލުމަށް ފަހު އިނާގެ ގައިން ހީބިހި ނަގައިގަތެވެ. ރަހުމް ވަދެފައިވާ އެ ހިތް ނުތަނަވަސް ވިއެވެ. ވަގުތުން ދެ ލޯ ފެންކަޅި ވިއެވެ. އެ މައުސޫމު ކުއްޖާގެ ހިތުގެ އުދާސް ތަކުގައި ވަނީ ރޯ ފާރެއް ނޫންހެއްޔެވެ؟ ޒަޚަމް ވެފައިވާ އެ ތުއްތު ކުއްޖާގެ ހިތުގެ ކެކުޅުންތައް ދުލާ ހަމައަށް ވާސިލް ވާނީ ކޮން ދުވަހަކުން ބާއެވެ؟
ކަރުދާސް ގަނޑު ފަތް ޖަހާލުމަށްފަހު އިނާޔާ ނެގި އަޔަނިނގް ބޯޑު އަނެއްކާވެސް ފާރާ އަލަމާރިއާ ދޭތެރެއަށް ލިއެވެ. އިސްތިރި ކުރުން މަތިން ފޫހިވެ ވިސްނުން ތަކުގައި އިނާޔާގެ މުޅި ސިކުނޑި ގައިދުކޮށްލީ ބޭއިޚްތިޔާރުގައެވެ. ނިދާފައި އޮތް ބަނޫންގެ މޫނަށް ބަލައިލުމަށް ފަހު، ނިދާ ބޮކި ޖައްސާލަމުން ކޮޓަރިން ނުކުތެވެ. އޭރު ވެސް އިނާޔާގެ އަތުގައި އެ ގަނޑު ކޮޅު އޮތެވެ.
ހެނދުނުގެ ވަގުތެވެ. އަމީލް އޭނާގެ ރައްޓެއްސެއް ގޮވައިން ސައި ބޯން ގެއަށް އައި އިރު އަތުގައި ކޮތަޅެއް އޮތެވެ. ކާގެއަށް ވަނުމަށްފަހު އެތެރޭގައި ހުރި މިންހާއަށް ގޮވާލީ އަޅާލުން ކުޑަ ރާގެއްގައެވެ.
“މިންހާ!… ރައްޓެއްސަކު ގޮވައިން މި އައީ… މީގަ އޮންނާނެ ކޮފީއާ ހެދިކާ ވެސް. ދެ ތަށި ހަދާ ބަލަ. އާމިރު!.. ކަލޭ އާދޭ އެތެރެއަށް.” މޭޒު މައްޗަށް ކޮތަޅު އެއްލާލުމުން އަމީލު އިށީނެވެ.
އާމިރު އައިސް ކާގެއަށް ވައިން އިރު މިންހާ މަސައްކަތް ކުރަމުން ދިޔައީ ޔޭޔޭ ކޮފީ ޕެކެޓެއް ކަނޑާށެވެ. ވަޅިއެއް ނެގުމަށް ފަހު ޕެކެޓްގައި މިޔަ ހާކާލީ ވަރަށް އަވަހަށް ކަނޑާލުމުގެ ނިޔަތުގައެވެ.
“ކޮފީ ޕެކެޓް ވެސް ކަނޑާލަން ނޭނގެނީތަ؟ ތި ފާޑަށް އުޅެންޏާ ރައްޓެހިންގެ ކުރިމަތީ އަހަރެން ލަދުން މަރުވެދާނެ. ގެނޭ.. ދެން ކޮންމެހެން މިންހާ ކޮފީ ހަދާނެކަމެއް ނެތް. ކޮފީ ޕެކެޓް ކަނޑަން ނޭނގުނު މީހަކަށް ކޮފީ ހަދާކަށް ވެސް ނޭނގޭނެ.” މިންހާ އަތުން އަމީލު ވަޅި އާއި ކޮފީ ޕެކެޓް އަތުލަން އުޅުމުގެ ތެރޭގައި މިންހާގެ އަތް ކަނޑައިން ދިޔައެވެ.
“އަމީލު!… ކަލޭ ހާދަ ރުޅި އައިސްފަ. އެމަންޖެ އަތެއްނު އެ ކެނޑުނީ! ބަލަ އެއީ ކަލޭ އަންހެނުންނޭ. އޭނަ މިތާ ކުށެއް ނުކުރެ. ދެން ކޮން ކަމަކާ ކަލޭ ތިހާ ވަރަކަށް ރުޅި އަންނަންވީ؟ މަ މީ ބޭރުން އައިސް އިން މީހާ. ކަލޭ ލަދު ގަތަސް ތިކަމާ ހެދި މަ ލަދެއް ނުގަނެ. އެކަމު އަހަރެން މިތާ އިންދަ ކަލޭ ތިހެން އެއްޗިހި ކީމަ ކަލެޔަށް ވުރެ ބޮޑަށް އޭނަ ދޯ ލަދުގަންނާނީ؟” ހައިރާން ވެފައި އިނދެ އާމިރަށް ބުނެވުނީ އަމީލުގެ ބަހާއި ޢަމަލު ހުރި ގޮތުންނެވެ.
“ދޭ.. ކޮޓަރިއަށް ގޮސް މަލަން އަޅާ. އަހަރެން ދެ ތަށި ކޮފީ ހަދައިން ސައި ބޮއެ ފާނަން.” އަމީލުގެ އަޑުގައި ވަނީ ނުފިލާ ހުރި ހިތްހަމަ ނުޖެހުމުގެ ރާގެވެ.
މިންހާގެ މަޑު މައިތިރި ކަމާއި ކެތްތެރި ކަމުން އާމިރު ހައިރާން ވިއެވެ. މިންހާ އާއި ދިމާލަށް އެގޮތަށް އެއްޗިހި ގޮވާލުމުން ވެސް އެފަކީރު އަނގައިން ބަހެއް ނުބުނިތާ އިސް އުފުލާ ބަލައިލަން ވެސް ނުކެރުނެވެ. އެކަން އާމިރަށް ފާހަގަ ވިއެވެ. އަތުގައި ހުރި ލޭ ފޮދު ފުހެލުމަށް ފަހު މަލަން އަޅަން ދިއުމުގެ ނިޔަތުގައި މިންހާ އެތަނުން ނުކުތީ ފެންކަޅި ވެފައި ހުރެއެވެ.
“އާމިރު!.. ބުނަން ކަލޭ ކައިރީ ވާހަކައެއް؟ މިންހާ އަކީ މަގޭ އަންހެނުން. އޭނަ ގާތު ދައްކާނެ ވާހަކަ އާއި ނުދައްކާނެ ވާހަކަ ވެސް އިނގޭނީ މަށަށް. ކޮފީ ތަށި ބޮއެގެން ކަލޭ ވެސް ދެން ދޭ.” އަމީލުގެ ޖެހިލުން ކުޑަ ބަސްތަކުން އާމިރު ތެދުވެގެން ދިޔައީ ކޮފީ ވެސް ނުބޮއެެވެ.
“ވިޔާމް!.. އަހަރެން އެބަ ވިސްނަން ވަރަށް ސަޅި ޓްރިޕަކަށް.. ރައްޓެހިންނާ އެކީ ތުރުކީއަށް ޖައްސާލަން.” ގޮނޑިއަކަށް ފައި ލައިން ސޯފާގައި އިނދެ ޝަރާ ވާހަކަ ދެއްކިއެވެ.
“ދެން؟” ޝަރާގެ ފައިތިލަ ފިނި ފެނުން ބޮނޑިތާން ކުރަން އިނދެ ވިޔާމް ބުނެލިއެވެ.
“ދެން ހަމަ ނޭނގޭތަ މިބުނާ އެއްޗެއް؟ ތި ބޯ އިންނަނީ ހަމަ އެކަނި ފުނާ އަޅަން ދޯ؟” ވިޔާމް ބޮނޑިތާން ކުރާތަން ސްނެޕް ކޮށްލަމުން ޝަރާ ބުންޏެވެ.
“އިނގިއްޖެއޭ ތި ބުނަނީ ކީކޭ ކަން. އެކަމު ނަޝާޔާއަށް ކިހިނެއް ހަދަނީ؟ މިފަހަރު މަންމަ ވެސް އެހާ ބަލި” ފިނިފެން ތަށި ތެރެއަށް ފޮތިކޮޅު ވައްޓާލަމުން ވިޔާމް ތެދުވިއެވެ.
“މަށަށް ވެސް އިނގޭ ދޯ ވިޔާމްގެ މަންމަ ބަލިކަން. ދެން އޮތް ގޮތަކީ ވިޔާމް ހަފްތާ އަކަށް މަޑުކުރުން. ރިޒޯޓުން ލީވެއް ނަގާބަލަ. އޭރުން ދެން އަހަރެން ނެތަސް، ވިޔާމް ހުރިއްޔާ، ބިޒްނަސް ވެސް ކުރިޔަށް ގެންދެވޭނެ.” ޝަރާގެ ރޭވުން ވިޔާމަށް އިއްވާލިއެވެ.
“ޝަރާ!.. އެކަމު މި ދިޔަ ހަފްތާގަ ތި އައީ ރަށަށް ގޮސްފަ. އަނެއްކާ މި ހަފްތާގަ މިތިބީ ރިޒޯޓުގަ. ދެން ތި އުޅެނީ އެހާ އަވަހަށް ތުރުކީއަށް ފުރަން. ނަޝާޔާ ކައިރި ވެސް މަޑުކޮށްލަން ވާނެ ދޯ؟.. ދެން ތި ބުނީ، އަނެއްކާ އަނެއް ވާހަކަ. ތިކަހަލަ ކަންކަމަށް ކިހިނެއް ލީވް ނަގައިން ހުންނާނީ.؟” ވިޔާމް ބެލީ ޝަރާއަށް ވިސްނައި ދެވޭތޯއެވެ.
ޓެބްލެޓް ހިފައިން ދުރުގައި އިން ނަޝާޔާއަށް އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑު އިވެއެވެ. އެ ދެ ލޮލުގެ ނަޒަރު އެއްކޮށް ޓެބްލެޓަށް ހުސްކޮށް ލައިން އިނެވެ. އެމީހުން ދައްކަމުންދާ ވާހަކަ ތަކުގައި ބައިވެރި ވުމަކީ ދުވަހަކު ވެސް ނަޝާޔާ ކޮށް އުޅޭ ކަމެއް ނޫނެވެ. އެހެން ނޫނަސް މާބޮޑަށް ތެޅިފޮޅުމާއި ބޭކާރު އަނގަ ތެޅުވުމަކީ ނަޝާޔާގެ ގައިގައި ހަރުލާފައިވާ ސިފައެއް ނޫނެވެ. އެހެންވެ ނަޝާޔާ ދަންނަ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި އެއީ ހިމޭން ކަމަށް ލޯބި ކުރާ މަޑުމައިތިރި މިޒާޖުގެ، ގެެންގުޅެން ފަސޭހަ ބަސްއަހާ ކުއްޖެކެވެ.
“މަންމާ! ދެން ކޮން އިރަކުންތަ އަޅެ އެމީހުން އަންނާނީ؟ މަންމަ އަދި ވެސް ނުގުޅަން ދޯ؟” ސޯފާގައި ޓީވީ ބަލަން އޮވެ ބަނޫން ބުނެލިއެވެ.
“އާނ… ރޭގަ ގުޅަން އުޅުނީ. އެކަމަކު ފަހުން އިސްތިރި ކުރަން ފޫހި ވީމަ ގުޅާ ހިތް ނުވީ.. މިއަދު ގުޅާލާނަން އިނގޭ.” އިސްތިރި ކުރަން ހުރެ އިނާޔާ ވާހަކަ ދައްކަމުން ދިޔައީ ބަނޫންގެ ޝަކުވާތައް މަދު ކުރޭތޯއެވެ.
“މިހާރު ޓީވީ ބަލަން ފޫހިވެއްޖެ. ދެން ބޭނުމީ ވާހަކަ ކިޔަން.” ޓީވީ ނިވާލަމުން ބަނޫން ތެދުވިއެވެ.
“ބަނޫން!… މަންމަ ނުގެންނަން އެއްވެސް ވާހަކަ ފޮތެއް. މިގޭގަ ވެސް ނޭނގެ ވާހަކަ ހުންނަ ކަމެއް.” އިސްތިރި ނިވާލުމަށް ފަހު ހެދުން އަޅުވާފައި ހުރި ކޮނޑުތައް ހިފައިން އިނާޔާ ހިނގައިގަތެވެ.
“އެހެން ވިއްޔާ ކޮން އިރަކުން ޑޮކްޓަރަށް ދައްކަން ދެވޭނީ؟ ހާދަ ފޫހިވެއޭ.. މާލޭގަ އަބަދު ޖެހޭނީ ގޭތެރޭގަ އިންނަން. އެހެންވެ އަންނަ ހިތް ނުވަނީ.” ބަނޫންގެ ޝަކުވާ ތަކާއި ގިނަ ސުވާލުތަކަށް ޖަވާބު ދިނުމަކީ ކޮންމެ ދުވަހަކު އިނާޔާ ކުރަން ޖެހޭ ކަމެކެވެ.
އެހެން ރެއެކެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ލިޔަމް އާއި ޝިޔާމް ދިޔައީ އަތުން ބަތް މޮޑެމުންނެވެ. އަމީލުގެ ހިތްހަމަ ނުޖެހިދާނެތީ އެކުދިން ތިބެނީ އަބަދު ވެސް ބިރުންނެވެ. ބައްޕަ އިނަސް އެ ބައްޕަގެ ކުރިމަތީ އަނގަ ހުޅުވާލަނީ ވެސް އެކުދިން ޖެހިލުން ވެއެވެ. ބުނެވޭ އެއްޗެއް ކަމު ނުގޮސް ދާނެތީއެވެ. ނޫނީ ކުރެވޭ ކަމެއް ރަނގަޅު ނުވެދާނެެތީއެވެ.
އުނދުން މަތީގައި ހުރި ގަރުދިޔަ ފޮދު ހޫނު ކޮށްލަން ޖައްސާލަމުން މިންހާ ކާން އިށީނެވެ. ހަތަރު ތަށި ފެން އެޅުމަށް ފަހު ކޮންމެ މީހެއް ކައިރީގައި ފެންތަށި އަތުރާލީ އެއީ ކޮންމެ ދުވަހަކު ވެސް ކެއުމުގެ އަދަބެއް ކަމުގައި ވާތީއެވެ.
ކެކެމުން ދިޔަ ގަރުދިޔައިން ދުވަން ފެށި ނުބައި ވަހުގެ ސަބަބުން މިންހާގެ މޭ ނުބައި ކުރަން ފެށިއެވެ. އަނގަ މަތީ އަތް އަޅާލައިން ކޮޓަރިއަށް ދިއުމަށްޓަކައި ދުއްވައި ގަނެވުނީ ނުހަނު ބާރަށެވެ. އެ ހަރަކާތަށް ބަލަން އިން އަމީލުގެ މޫނު މައްޗަށް ވެރި ކޮށްލީ ޝައްކުގެ ހަރަކާތެވެ. އެއާއި އެކު ކޮންމެސް އެއްޗެއް ވިސްނަން އިނދެ އަމީލު އޭނާގެ ކެއުން ކުރިޔަށް ގެންދިޔައެވެ.
އިރުކޮޅެއް ފަހުން މިންހާ އައިސް އިށީނެވެ. ކުރިމަތީ އިން އަމީލުގެ ލޮލާއި ހަތަރު ކަޅި ހަމަކޮށްލީ ބިރުން އިނދެއެވެ. އެވަގުތު އަމީލުގެ ކެއުން އިރުކޮޅަކަށް މަޑުޖައްސާލިއެވެ. އެއީ އޭނާ ރުޅި އައިސްފާ ވާކަމުގެ އަލާމާތެކެވެ.
“އަނެއްކާ؟… ބަނޑު ބޮޑުވީ؟…. އޭތް! ބަނޑު ބޮޑުވީހޭ؟ ކީއްވެތަ އެއްޗެއް ނުބުނެ ތި އިނީ؟” ކާން އިން ތަށި ނަގާ މޭޒު މަތީގައި ބާރަށް ޖަހަމުން އަމީލު ބުންޏެވެ.
އަމީލުގެ އެ ޚަރަކާތަށް މިންހާގެ އިތުރުން ދެ ކުދިން ސިއްސައިގެން ދިޔައެވެ. ކެއުން ހުއްޓާލުމަށް ފަހު ލިޔަމް ވަނީ މޭޒު ދަށަށެވެ. އެއަށްފަހު މިންހާގެ ފައިކޮޅުގައި ބައްދާލައިން ރޮވިފައި އިނެވެ. ޝިޔާމް ކެއުން ހުއްޓާލުމަށް ފަހު މިންހާގެ އަތުގައި ހިފާލިއެވެ.
“އަޅެ ކަލޭތީ ޖަޕާނު މަހެއްތަ ތިވަރަށް ވިހަން؟ ތި ކުއްޖާއަށް މަ ހަރަދެއް ނުކުރާން.” ކާން އިން ތަށި ނަގާ މިންހާ އިން ދިމާލުން ފާރަށް ހޫރާލަމުން އަމީލު ތެދުވެގެން ދިޔައީ އަތް ދޮންނާށެވެ.
ތަށި ތަޅައިން ގޮސް ކުދިކުދިވި އަޑަށް ޝިޔާމް ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. ގަންނާ ކުރެއްވި ބިރުން ޝިޔާމް ގޮސް މިންހާގެ ކޮނޑުގައި މޫނު ފޮރުުވާލަމުން ރޯން ފެށިއެވެ. އޭރު މިންހާގެ ދެ ލޮލުން އޮހޮރެމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ޝިޔާމް ލައިގެން ހުރި ޓީޝާޓް ތެންމަމުން ދިޔައެވެ.
—— ނުނިމެ —–
ސަލާމް! ތިޔަ ކިޔުންތެރިންނަށް މި ބައިވެސް ކަމުދިޔަ ކަމަށް އުންމީދު ކުރަން. ކުރިޔަށް ހުރި ބައިތަކަކީ ވަރަށް ޝައުގުވެރި ބައިތަކެއް ކަމުގައި ވާނެކަން ޔަގީން. އިންޝާﷲ…
މި ވާހަކަ ކިޔާލަން ބޭނުން ވަނީ ހަފްތާއަކު ކިތައް ދުވަހުތޯ؟ ތިޔަ ބޭފުޅުންގެ ޚިޔާލު “ކޮމެންޓް ސެކްޝަން”ގައި ހިއްސާ ކުރާނެ ކަމަށް އުންމީދު ކުރަން.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







2 dhuvas vx okay.. if u can beynun 3 days…
Ekm ehaa bura koh noolhehcheyy… amilla nafsah vx vaguthu Anyways mi part vx varah varah reethi..
Vrh thafaathu shauguveri vaahaka eh..
Take care..
Thanks varah bodah.
Week ge 3 days ves genesdhevidhaane in sha Allah.
Vaahaka inee Hama ekkoh liye nimifa. Dhen ehaa burakoh ulheykah nujeheyne.
Ehenve Hama ahaalee.
Mi vaahaka beynunvanee Hama kiyuntherin beynunvaa gothah genesdhayn.
Ehenve aslu idea akah mi buneeves.
2 days nooni 3 days ves Hama shaleen ah vaane in sha Allah.
Liyuntherin beynunvanee aslu comment / ideas… V ufaavaane kiyaa meehun ginain comment koh liyaa meehaa a eku rangalhu gulhumei innanyaa.
Ehenveema e vaahaka ves bunelee ingey.. ( HURIHAA KIYUN THERINNAH)
Dhen v ufaaaaaa vejje ingey
1. Comment kolleema
2. Vaahaka shauguveri kamah buneema
3. Idea Dhineema…..
👍👍👍👍👍
Hi
Shaleen sis
I ah Hama emme rangalhu 2 days viyas
Emme rangalhee 3 days ga upload kolladhineeyaa.
Dhen sis ah ingeynee
Hi falak
Thanks v bodah comment eh kolleema.
V ufaavejje thi dhin idea ah.
Dhen comment libey gothakun ingeynee Hama nimmaane gothei.
3 days ah hadhan jehidhaane dho Gina comment libenyaa…
Hehehehe
Sorry adhi handhaan nethigen nubuneve.
Vaahaka Hama varah shauguveri gothakah e dhanee.. v kiyaalaa hihvey dhen huri part thahves.
V v v reethi mi vaahaka ingey
Hehe. It’s okay falak.
Vaahaka kamudhiyaima ves v ufaavejje ingey.
Abadhuves shaleen ge vaahaka thakah comment kuraa kujjei Kan faahaga kollevey