ރޭގަނޑުގެ އެންމެ ހަމަ ހިމޭން ވަގުތެވެ. ގޭގެ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި އޮށޯއްވެލައިން އޮތް މިންހާގެ ހަށިގަނޑުގައި ދިރުމެއް ނުވެއޭ ބުނެވިދާނެއެވެ. އޭނާ އޮތީ އެހާވެސް މަޑުންނެވެ. ދުރުން ބަލާ މީހަކަށް އޭނާ ސިފަ ކުރެވޭނީ މަރުވެފައި އޮތް މައްޔިތެއް ފަދައިންނެވެ. ވެދާނެއެވެ. އޭނާގެ އަތެއް ފައެއް ގުޑުވާލަން ވެސް ހަނދާން ނެތީ ކަންނޭނގެއެވެ.
މިންހާގެ ސިކުނޑި އޭނަ އާއި ހާނގުރާމަ ކުރަނީއެވެ. އެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގެ ބޮޑުކުޑަ މިން ކިޔައިދެވޭނީ މިނިވަން ވެފައި ވާނަމަ އޭނާގެ ދުލަށެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ ތަޅު ލެވިފައިވާ އެ ދުލުގެ މިނިވަން ކަން ގެއްލިފައި ވަނީ މީގެ އެތައް އަހަރު ތަކެއް ކުރިންނެވެ.
“މިންހާ!… އަދިވެސް ނިދަން ވަންނާކަށް ނުވޭތަ؟ މިހާރު އެއޮއް އެގާރަ ގަޑި ބައިވަނީ. ވަދޭ ވަދޭ.. ގެއަށް ވަދޭ.” މިންހާގެ ކަންފަތުގައި ޖެހުނީ އަމީލުގެ ހަރުކަށި އަޑެވެ.
އެއަޑަށް ކިޔަމަން ވުމަކީ މިންހާއަށް އުނދަގޫ ކަމެއް ނޫނެވެ. އަމީލުގެ ހަރުކަށި ކަމަށް ދެވި ހިފާފައިވާ މިންހާގެ ހަށިގަނޑަށް ދިރުން އައީ ހަމަ ކުއްލިޔަކަށެވެ. މިންހާގެ އަނގައިން އެއްވެސް ބަހެއް ނުބުނެއެވެ. ވަގުތުން ތެދުވެގެން ގޮސް ގެއަށް ވަދެ މައި ދޮރު ލައްޕާ ތަޅުލީ ރަށުގެ ރަށްވެހިންގެ ފަރާތުން ރައްކާތެރިކަން ހޯދުމުގެ ބޭނުމުގައެވެ.
“ކޮބާ ފޯނު؟ މިއަދު ކިތައް މީހުން ގުޅި؟” އަމީލުގެ އަޑުގައި ވަނީ ނުފިލާ ހަރުކަށި ކަމެވެ. އެ އަޑަށް މިންހާ ކުރިޔަށް ނެގި ފިޔަވަޅަށް ހުއްޓުުން އެރިއެވެ.
“އަމީލު މަނާ ކުރި ފަހުން އެއްވެސް މީހަކު ނުގުޅަ.” ފަރުވާ ކުޑަ ގޮތަކަށް ބުނެލަމުން މިންހާ ވަނީ ކޮޓަރިއަށެވެ.
ރޭގަނޑުގެ އަނދިރި ކަމަށް ފަހު އިރުގެ ދޯދިތައް އޭގެ ރަން ކުލަ ދުނިޔެއަށް ފޯރު ކޮށްދެމުން ދިޔަވަގުތެވެ. ދޮންވެލި ތުނޑި އާއި ދިމާލުން އެންމެ އިރުމަތީ ހުރި ގެސްޓް ހައުސްގެ ބިއްލޫރި ތަކުން އެތެރެއަށް އަލި ވަމުން ދިޔައެވެ. ދެވަނަ ފަންގި ފިލާގެ އެންމެ ބޮޑު ކޮޓަރީގައި ހުރި ކުޑަ އެނދުގައި ނިދާފައި އޮތީ ބާލިޣު ނުވާ ކުޑަ އަންހެން ކުއްޖެކެވެ.
ފާޚާނައިގެ ތަޅު އަނބުރާލި އަޑަށް އެކުއްޖާ ދެ ލޯ ހުޅުވާލިއެވެ. ލަސްލަހުން ދެ ލޯ ފުހެލަމުން ބަލައިލީ ފާހާނާއިން ނުކުތް މީހާއަށެވެ. ކޮނޑަށް ތުވާލި އެއްލައިން ހުރި އެމީހާގެ އަތުގައި ދަތް އުނގުޅާ ބުރުހެއް އޮތެވެ. އޭރު އެމީހާ މަޑުމަޑުން ކުރިޔަށް ހިނގަމުން ދިޔައެވެ. ރިންގް ވާން ފެށި ފޯނުގެ އަޑަށް އޭނާގެ މިސްރާބު ބަދަލު ކޮށްލަން މަޖުބޫރުވިއެވެ.
“ހަލޯ… އަދި ރީތި ނުވެ. އާން… އާން..” އެމީހާ ފޯނު ބޭއްވުމަށް ފަހު ކޮނޑުގައި އޮތް ތުވާލި ނަގާ ބޮލުގެ އިސްތަށިގަނޑު ހިއްކަން ފެށިއެވެ.
“ދަރިފުޅާ…! ނަޝާޔާ…! ހިނގާ އަވަސްކޮށްފަ ސައި ބޯން ދާން. މަންމަ އެ ގުޅީ ލަސްވެގެން.” ވިޔާމް އޭނާގެ ނުވަ އަހަރުގެ ދަރިފުޅާ ދިމާލަށް ވަރަށް ލޯބިން ބުނެލިއެެވެ.
ގޮނޑުދޮށަށް ބީއްސަމުންދާ ރާޅު ތަކުގެ ހިތްގައިމު އަޑު އިވޭ ހިސާބުން މޭޒެއް ކައިރީގައި އިން އަންހެން މީހާ ފެންނަނީ ނުހަނު ތަފާތުކޮށެވެ. ލައިގެން އިނީ ހަށިގަނޑަށް ދޫ އަބާޔާއެކެވެ. އެހެދުމުގެ އަތުކުރިއަށް ބަލައި ލިޔަސް އެއީ އަގު ބޮޑު ހެދުމެއްކަން އެނގޭނެއެވެ. އަޅާލާފައިވާ ޝޯލް ވަނީ ހެދުމެކޭ އެއްގޮތަށް ޖަރީ ކޮށްފައެވެ. އަރައިގެން އިން ފައިވާނުގެ އުސްމިނުގައި ހަތަރު އިންޗި ހުންނާނެއެވެ. އޭނާގެ ހަރަކާތް ތަކާއި އެކު މޭޒުމަތީ ބައިންދާފައި އިން ބްރޭންޑެޑް ދަބަހުން ނެގީ އެންމެ ފަހުގެ އައި ފޯނެވެ.
“ޕިސް ޕިސް ޕިސް…. އާދެވިއްޖެ ދޯ؟ ބަލާބަަލަ ގަޑިން ވީއިރު. މި އަންނަނީއޭ ކިޔާފަ ތި ދެން ބޮޑުވަރު. ކާ އެއްޗިހި ކުނި ވީމަ ވިއްޔަ ތި އައީ. މަޑުކޮށްލި ނަމަ މިރޭ އަންނަން.” ފިރިމީހާ ވިޔާމް އާއި ދަރިފުޅު ނަޝާޔާ އައިސް ހުއްޓުމާއި އެކު ޝަރާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި އިނދެއެވެ.
މޭޒު ކައިރިން ގޮނޑި ދަމާލަމުން ވިޔާމް އާާއި ނަޝާޔާ އިށީނެވެ. ދޮންދޮން ނަޝާޔާގެ ބުޅިކޮށް އޮތް ކަޅު އިސްތަށިގަނޑު ވަނީ ހާމައަށް ދޫކޮށްލާފައެވެ. ލައިގެން އިނީ ހުދު ކުލައިގެ ޓޮޕް ކޮޅަކާއި ފައިކުރި ފުޅާ ޖިންސެކެވެ. ނަޝާޔާ އެކޭ އެއްގޮތަށް ވިޔާމްގެ ބޮލަކީ ވެސް ބުޅި ބޮލެކެވެ. ހުސް ކަޅު ކުލައިގެ ފޭރާމެއްގައި ވިޔާމް ފެންނަނީ ނުހަނު ތާޒާކޮށެވެ.
“ޝަރާ! ތި ރުޅި މަޑުކޮށްލަން ވީނު؟ މިތާ މީހުން އެބަތިއްބޭ.” ވިޔާމްގެ އަޑުގައި ވަނީ ހަމަޖެހުމާއި ހިމޭން ކަމެވެ.
“އަދި މަ ރުޅި މަޑު. މަންމި ލޯބީ! ނަޝާޔާ މިއަދު ކާނީ ރޮއްޓާ މަސްހުންޏާ އިނގޭ.” ފޯނާ ކުޅެމުން ޝަރާ ބުނެލީ ލޯބި ރާގެއްގައެވެ.
“ނޯ… ނަޝާ ބޭނުމީ ރޮއްޓާ ރިހައާ.” ޝަރާ ބުނި އެއްޗަށް ދެކޮޅު ހަދަމުން ނަޝާޔާ ބުނެލިއެވެ.
“އެއްވެސް ނޯ އެއް ނޯންނާނެ. މިއަދު ނަޝާޔާ ކާން ޖެހޭނީ ރޮއްޓާ މަސްހުންޏާ.. މަންމި އެއްނު ބޮޑީ. ބުނާ ގޮތް ހަދަން ވާނެ.” މަޑު މައިތިރި ވެފައި އިން ނަޝާޔާއަށް އިންޒާރު ދެމުން ޝަރާ އޭނާގެ ފޯނު މޭޒުގައި ބާއްވާލިއެވެ.
މާލޭގެ ހަލަބޮލި މަގުން މެދު ނުކެނޑި އަޑުތައް އިވެއެވެ. ހަވީރުގެ ވަގުތެވެ. އިނާޔާގެ ކޮނޑުގައި އަޅާފައިވާ ދަބަސް ބަހައްޓާލުމުގެ ކުރިން މުޅި ކޮޓަރި ތެރެއަށް ބަލައިލިއެވެ. ބޮލުގައި އަޅާ ފުނާ ބިންމައްޗަށް ވެއްޓިފައި ވާއިރު، ފާޚާނާ ދޮރު ކައިރީގައި އޮތީ ފައިފުހީގެ އިތުރުން އެއްވެސް ހަމައެއް ލަމައެއް ނެތި ބާލާފައިވާ ޓައިޓެކެވެ. އެނދު މަތީގައި ބޮޑު ބެއާރއެއް އިންއިރު، ބާލީހަށް ވުރެ ގިނައީ އަންނައުނާއި އެއްވެސް ތަރުތީބެއް ނެތި އުކާލާފައިވާ ކޮނޑުތަކެވެ. އަލަމާރީގެ ބައެއް ދޮރުތައް ހުޅުވާލާފައި ވާއިރު ކަބަޑު ތަކުގެ ހާލަތު ވެސް އެފަދައެވެ. ތަރުތީބެއް ނެތް ނަޝާޔާގެ ކޮޓަރީގެ އަސްލަކީ އެއީއެވެ.
“މަންމާ! ކޮން އިރަކުން ނަޝާ އަންނާނީ؟” ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ބަނޫން ބުނެލީ ފޫހި ރާގެއްގާއެވެ.
“ބަނޫން! އިހަށް އާދޭ މަންމައާ އެކީ މިތަން ސާފު ކޮށްލަން. އޭރުން ދޯ މިރޭ މި ކޮޓަރީގަ ނިދާލެވޭނީ ވެސް” އިނާޔާ އޭނާގެ ދަރިފުޅު ގާތުން އެހީތެރި ކަމަށް އެދުނެވެ.
“ނަޝާ އަންނާނެތަ؟” ޖަވާބު ނުލިބޭ ސުވާލު އަނެއްކާ ވެސް ތަކުރާރު ކޮށްލަމުން ބަނޫން އަހާލިއެވެ.
“މަންމަ ވެސް ޖެހޭނީ ގުޅާފަ އަހާލަން. އެމީހުން އަންނަ ދުވަހެއް.. އަން.. މި އެއްޗިހި އެކޮޅަށް ލައިދީބަލަ އިނގޭ.” އެނދު މަތިން ދެ ބާލިސް ދެމުން އިނާޔާ ކޮޓަރި ތެރެ ތަރުތީބު ކުރެވޭތޯ މަސައްކަތް ފެށިއެވެ.
ރޭގަނޑުގެ ވަގުތެވެ. މޭޒު ކައިރީގައި ކާން އިން ދެ ފިރިހެން ކުދިންގެ އުމުރުގައި މާ ބޮޑު ތަފާތެއް ނުހުންނާނެއެވެ. ލިއަމްގެ އުމުރުން ހަތް އަހަރު ވިޔަސް ސިޔާމްގެ އުމުރަކީ އަށް އަހަރެވެ. ދެ ކުދިން ވެސް މަޑުކޮށްލައިން ތިބީ މިންހާގެ އިންތިޒާރުގައެވެ. ކޮންމެ ރެއަކު ވެސް އެކުދިންގެ ބަތް ތަށި މޮޑެދެނީ މިންހާއެވެ. އެއީ މިންހާގެ އަމިއްލަ ހިތްހަމަ ޖެހުމަށް އޭނާ ކޮށްދޭ ކަމެކެވެ.
އެތެރެއަށް ވަދެގެން އައި އަމީލު ފެން ތައްޓެއް ނެގުމަށް ފަހު މިންހާ އައީ ގާތަށް ޖެހިލިއެވެ. އަމީލުގެ އެ އަމަލަށް މިންހާ ކޮންމެސް ވަރަކަށް ސިހުނެވެ. އެހެންވެ ކުޑަކޮށް އަމީލު އާއި ދުރަށް ޖެހިލީއެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އަމީލު ކައިރި ވެލާ ކޮންމެ ފަހަރަކު މިންހާގެ ހަށިގަނޑުގައި ވޭން އަޅާފާނެ ހެން އޭނާ އަށް ހީވެއެވެ.
“ޕިސް ޕިސް…. ތިވަރު ވީމަ ބޮޑު ވަރެއް. ލިޔަމް އާއި ޝިޔާމަށް އަދިވެސް އަމިއްލައަށް ބަތް މޮޑެން ނޭނގެ ދޯ؟ ދީ… ދީ ދީ ހަމަ މިހާރު ތި ދީ…” މިންހާ އަތުން ދެ ތަށި އަތުލުމަށް ފަހު އަމީލު ދެ ތަށި ގެންގޮސް މޭޒުގައި ބެހެއްޓިއެވެ.
“ދެމީހުން ވެސް އަތުން މޮޑެގެން މި ކައި.. ކޮންމެ ފަހަރަކު މަންމަ ނުޖެހޭނެ ބަތް މޮޑެދޭކަށް.” ހަރުކަށި ރާގެއްގައި އަމީލު އެހެން ބުނި އިރު ދެކުދިން ވެސް ތިބީ އިސްދަށަށް ޖެހި މަޑުމައިތިރި ވެފައެވެ.
ކާގެއިން ނުކުމެގެން އަމީލު ދިޔައިރު ވެސް މިންހާ ހުރީ ހުއްޓުން އަރާފައެވެ. އެކުދިންގެ ލޮލަށް ބަލައިލެވޭ ކޮންމެ ފަހަރަކު ހަމްދަރުދީގެ އެސްފިޔަ ޖަހައިލެވެެއެވެ. ކޮންމެ ފަހަރަކު ވެސް މިންހާ ކެތްތެރި ކަން އިސް ކުރަނީ ހިމޭން ކަމާއި އެކުއެވެ. އަމީލުގެ މައްޗަށް ގަދަކަން ހޯދަން އުޅުނު މާޒީގައި މިންހާއަށް އެކަންވީ ނާކާމިޔާބެވެ.
ގެސްޓް ހައުސް ރޫމްގެ ފާހާނައިގައި އިން ބޮޑު ބިލިގާ އިން ތެދުވެގެން ޝަރާ ހިނގައިގަތެވެ. ފައިގެ އިސްތަށިތައް ޝޭވް ކޮށްލާފަ ވާއިރު ދެ ފައިކޮޅުން އޮފް އަރައޭ ބުނެވިދާނެއެވެ. ތުވާލި ނަގައިން ގައި ހިއްކާލުމަށް ފަހު އޮފް ފޮތީގެ ނައިޓީއެއް ލައިން ކޮޓަރިއަށް ނުކުމެ ޑްރެސިންގް ޓޭބަލް ކައިރި އިށީންދެލިއެވެ.
“ވިޔާމް!… މަގޭ ލޯޝަން ފުޅި ހުސްވެފަ މިހުރީ. ދޭބަލަ މީގެ ލޯޝަން ފުޅިއެއް ގެނެސްދޭން.” އަތުގައި އޮތް ލޯޝަން ފުޅި ދައްކާލަމުން ޝަރާ ބުނެލީ އާދޭހުގެ ރާގުގައެވެ.
“ހަމަ މިހާރުތަ؟ ކިހިނެއް ވާނީ މާދަން..؟” ނިދި ކުރަކި އަޑަކުން ވިޔާމް ބުނެލީ ކަންނެތް ވެފައި އޮތްކަން އަންގާ ލުމަށެވެ.
“މިރޭ ލާން ދޯ މިރޭ މިބުނަނީ… މާދަން ގަންނަންޏާ ހެޔޮ ދުވަހަކު މިކަން ނުކުރިޔަސް.” ރުޅި އައިސްގެން ލޯޝަން ފުޅި ޑްރެސިންގް ޓޭބަލް މަތީ ބަހައްޓަމުން ޝަރާ ބުނެލިއެވެ.
“އޯކޭ މިދަނީ..” މަޑުމަޑުން ތެދުވަމުން ވިޔާމް ބުނެލީ އިތުރު ގޮތެއް ނެތީމައެވެ.
ކޮނޑުގައި އަޅުވާފައިވާ ޓީޝާޓާއި ސޯޓު ނަގާ ހެޔޮ ފުށަށް ޖަހާލުމަށް ފަހު ވިޔާމް ގަޔަށް މަހާލިއެވެ. އެއަށްފަހު ޑްރެސިންގް ޓޭބަލްގެ ލޯގަނޑު ކައިރިއަށް ހުއްޓި ބޮލުގެ އިސްތަށިތައް ރީތި ގޮތަކަށް ތަރުތީބު ކުރަމުން ދިޔައެވެ.
“ތި އެއްޗިހި ލައިން ފިހާރައަށް ނުދާތި. އަލަމާރީގެ އިންނާނެ އެހެން އެއްޗެއް އަޅުވާފަ. އެ ލައިން ދޭ.” ޝަރާ ހިތްހަމަ ނުޖެހުނީ ވިޔާމް ލީ އެއްޗިހި ކަމު ނުދިޔުމުންނެވެ.
“ޝަރާ…! މިހާރު ވަރަށް ލަސް ވެއްޖެއެއްނު…؟ ދެން މިވެސް އެވަރު ކަމެއްތަ؟” އެއީ އެއްވެސް މައްސަލައެއް ކަމުގައި ނުދެކޭތީ ވިޔާމަށް ބުނެލެވުނެވެ.
“މި ބުނީނު ތި ލައިން ނުދާށޭ. ހަމަ މިހާރު ބާލާ.. ވިޔާމް އެއްޗިހި ލާން ޖެހޭނީ އަހަންނަށް ރީތި ގޮތަށް… އަހަރެން ބުނާ ގަޑިތަކުގަ އަހަންނަށް ރީތި އެއްޗެއް. ދޭ އެ އެއްޗިހި ލާން.” ޝަރާގެ ހަރުކަށި އިބާރާތް ތަކަށް ވިޔާމްގެ ހަށިގަނޑު ކިޔަމަން ވިއެވެ.
ބަނޫން ނިންދެވުމަށް ފަހު އިނާޔާ ހޯދަމުން ދިޔައީ އަޔަނިނގް ބޯޑެވެ. ގޭތެރެ އާއި ސިޓިންގް ރޫމުގެ އެކި ދިމާލުން ވެސް އަޔަނިނގް ބޯޑެއް ނުފެނުނެވެ. އަނެއްކާ ވެސް ކޮޓަރިތެރެއަށް ވަދެ އެކި ދިމަދިމާ ބަލަން ފެށީ ކޮންމެހެން ވެސް މިރޭ އެއްޗެތި އިސްތިރި ކުރަން ބޭނުން ވާތީއެވެ.
ނަޝާޔާގެ ކޮޓަރިއެވެ. އަލަމާރި އާއި ފާރާއި ދޭތެރޭގައި ހުރި އަޔަނިނގް ބޯޑު ނަގަން ހިފާލުމާއި އެކު ފާރުގައި ތަތްކޮށްފާ އިން ކަރުދާސް ގަނޑެއް ވެއްޓުނެވެ. އިނާޔާ ވަގުތުން އެ ކަރުދާސްގަނޑު ނަގާ ބަލައިލިއެވެ.
“މަންމަ ކީއްވެ އަބަދު އަހަރެން ދޫކޮށްލާފަ ދަނީ؟ ވަރަށް ހަނދާންވޭ. ވަރަށް ދެރަވޭ.” ނޯޓްގައި ލިޔެފައި ވެއެވެ.
ނުނިމެ.
4 Comments!
Comments are closed.







Hi
Mi vaahaka liyefa in gothun heevanee varah reethi vaanehen.
Kiyaalaa hihvey dhen huri Bai thah ves
Kon iraku next part ?
Awwwnnn!
Salhi ey shaleen sis ❤️
Heevanee v reethi vaanehen.
Next part ge inthizaaruga.
That note
Such a hurtful words.
So when will you publish next part of the story?
So nice
Shaleen sis
Next part please!!!!