ވައިގައި ހިފި ފޮޓޯއަކާ އެކު ނަހޫގެ ލިޔުންތެރިކަން ފެށިގެން ދިޔަގޮތް (ނަހޫގެ ގަލަމުން)
ވައިގައި ހިފި ފޮޓޯއަކާ އެކު ނަހޫގެ ލިޔުންތެރިންކަން ފެށިގެން ދިޔަގޮތް (ނަހޫގެ ގަލުން )
މިދެދުހު ކެނޑިނޭޅި މި ފޮޓޯ އަޅުގަނޑަށް މީހުން ފޮނުވަމުން އެބަދެއެވެ. އެއީ 1990 އެވެ. އަޅުގަނޑުމެން ތަމްރީނު ވަމުން ދިއައީ އިނގިރޭސި ބަހުން މުދައްރިސުން ތަމްރީން ކުރާ ކޯހުގެ 11 ވަނަ ބުރުގައެވެ. އެއީ ބުރަ ދުވަސް ކޮޅެކެވެ. މިހާރާ ބަލާފައި އެއީ ވަރުގަދަ ތަމްރީނެކެވެ. އެއް އަހަރު ތެރޭގައި ސެޓްފިކެޓް ހޯދަން ޖެހުނީ ވަރަށް މަސައްކަތުންނެވެ. އެތަނުން އުފެދުނު ޓީޗަރުންނަކީ ވެސް ފެންވަރު ރަނގަޅު ޓީޗަރުންނެވެ. އަޅުގަނޑުމެންގެ މި ބެޗްގެ ގިނަ ކުދީންނަކީ މިހާރު ބޮޑެތި ސުކޫލުތަކުގެ އިސްބޭފުޅުންނެވެ. މިފަންނުގައި އެބޭފުޅުން ދެމިތިބީތީ އެބޭފުޅުންގެ ކެތްތެރި ކަމަށް ހަމަ ސާބަހެވެ. ޒިންމާދާރު ޓީޗަރަކަށް ވުމަކީ ބޮޑު ބުރަ މަސައްކަތެކެވެ. އެއީ ސުކޫލުގައި ކިޔަވައިދީ ނިމިގެން ގެއަށް އައުމަށް ފަހުގައިވެސް ނުނިމޭ މަސައްކަތެކެވެ. އަހަރުތަކަކު ޓީޗިންގް ގައި ހޭދަ ކުރުމަށް ފަހު މި ފަންނު ދޫކޮށްލަން އަޅުގަނޑަށް ވެސް މަޖުބޫރުވި އެއް ސަބަބަކީ މިއެވެ.
ތެދެކެވެ. 1990 އެއީ އަޅުގަނޑުގެ ވެސް ރަންޒަމާނެވެ. އަޅުގަނޑާ ސިނާން ގެ ގުޅުމުގައި ކުލަ ޖެހެމުން އައި އަހަރެވެ. މައިން ބަފައިންނަށް ސިއްރުން ބައްދަލު ކުރަމުން ދިއަ ދުވަސްތަކެވެ. ދެފަރާތުގެ އާއިލާވެސް ނުގަބޫލު ގުޅުމެކެވެ. ވާނީވެސް އެހެންނެވެ. އޭރު އަދި ދެކުދީން ރަނގަޅަށް ބޮޑުވެސް ނުވަނީއެވެ. އިންސްޓިޓިއުޓް އަށް ދާމަގުމަތީގައި ސިއްރުން ބާއްވަމުން ދިއަ ބައްދަލުވުންތައް އެންމެ ފަހުން ފަޅާއަރާ ގޭގައި ހައްޔަރު ކޮށް، ޕޮލިހަށް ގެންދެވުނު ދުވަސްވެސް ހަނދާން އެބަހުއްޓެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ގުޅުން ވީ އިތުރަށް ވަރުގަދައެވެ. އެދުވަހު ފިލްމް ކުޅެވިފައި އެވަނީ އަޅުގަނޑުމެން ދެކުދީންނަށެވެ. އެންމެ ފަހުން ދެކުދީން ވަކި ނުވާނެ ކަން އެނގުމުން ދެން ޖެހުނީ މައިންބަފައިން ހަތިޔާރު ބަހައްޓާށެވެ. އުމުރުން އެންމެ 18 އަހަރުގައި ކައިވެނި ކުރެވުނެވެ. ވާނުވާގަ ތިއްބާ އަހަރު ދެކޮޅު ދެކުދީންވެސް ލިބުނެވެ. ދެން ޖެހުނީ ޓީޗިންގް ދޫކޮށްލާށެވެ. ވާވަރު ކަމަކަށް ނުވިއެވެ. އެހެން ނަމަވެސް ކިޔަވާދިނުން ދޫކޮށްށެއް ނުލަމެވެ. ގޭގައި ޓިއުޝަން ދިނީ ދެމަފިރީން އެކީގައެވެ. ގިނައަދަދެއްގެ ކުދީންނަށެވެ. ކިއެވުނު އެއްޗެއްގެ ބޭނުން ހިފުމުގެ މަގްސަދުގައެވެ. ސްކޫލުގައި ކިޔަވާ ނުދެވުނަސް އޭރު ލިބުނު ދެދަރީންނަށް ކިޔަވާދިނުމުގައި އެހުނަރު ބޭނުން ކުރީމެވެ.ﷲ ގެ ރަހުމަތުން ނަތީޖާވެސް ވަރަށް ފޮންޏެވެ.
އަޅުގަނޑުގެ ލިއުންތެރި ކަމުގެ ހުނަރު އަޅުގަނޑަށް ފާހަގަވީވެސް އެދުވަސް ވަރުގައެވެ. ޓީޗިންގް ހަދަން އުޅުމުގެ ތެރޭގައެވެ. އޭރު ލިއެއުޅުނީ މުޅީންވެސް އިނގިރޭސިންނެވެ. ދިވެހި ބަހަށް ވަރަށް ނުފަރިތައެވެ. އެހެން ނަމަވެސް ރައްޓެއްސަކާއެކު ވާހަކައެއް ލިއެވޭތޯ ބެލީއެވެ. އެވާހަކަ އޭރުގެ ލައިބްރޭރިއަންއަށް ކަމު ދިއައެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ބާއްވާ ކުރުވާހަކަ ލިއުމުގެ މުބާރާތުގައި ކިޔާލަން ދޭށޭ ބުނުމުން ދިނީ މާ ކަމުދާނެ އެއްޗެއް ކަމަށް ގަބޫލު ކުރެވިގެނެއް ނޫނެވެ. އެހެން ނަމަވެސް އެއަހަރުގެ މުބާރާތުން ލިއުން ތެރި ކަމަށާއި ކިއުންތެރި ކަމަށް އެއްވަނަ ލިބުނެވެ. ފައިސާގެ އިނާމެއްވެސް ލިބުނެވެ. އޭރު އަދި މުސާރައެއްވެސް ނުލިބޭތީ އެއީ ފުރަތަމަ ލިބުނު އާންމުދަނީއެވެ. ވަރަށް އުފާވިއެވެ. ދެން ޖެހިގެން އައި އަހަރުވެސް އެމުބާރާތުން ފައިސާގެ އިނާމެއް ލިބޭތޯ 2 ވާހަކަ ލިއުނީމެވެ. އެފަހަރު 1 ވަނަ އާއި 3 ވަނަ ލިބުނެވެ. އަނެއްކާ ޖެހިގެން އައި އަހަރުވެސް އެ މުބާރާތަށް ލިއުނީމެވެ. އެފަހަރުވެސް 1 ވަނަ ލިބުނެވެ. ޖެހިޖެހިގެން 3 ފަހަރު އެއްވަނަ ލިބުނީމައި އާމްދަނީ ހޯދަން މީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ކުރެވުނެވެ. އޭރު ކައިވެނިވެސް ކުރެވިއްޖެއެވެ. 2 ކުދީންވެސް ލިބިއްޖެއެވެ. ދެން ލިއަން ފެށީ ނޫހަކަށެވެ. ހަދާންވާ ގޮތުގައި އެއީ އާފަތިސް ނޫހެވެ. ނޫހުގައި ވާހަކަ ލިއަންފެށުމުން އާންމުންގެ ތަރުހީބު ލިބުނީ އޮބިނޯންނަ ވަރަށެވެ. މީ ހުސް ސަޕްރައިސް އެވެ. މާﷲ ގެ ހެޔޮ ރަހުމަތްފުޅެވެ. ހަގީގަތަށް ބުނާނަމަ އަޅުގަނޑު މަޝްހޫރުވެ ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ ލިއުންތެރި އަކަށް ވީއިރު އަދި އަނޅުގަޑަށް ދިވެހި ބަހުން ރަގަޅަށް ސުކުން ކުރަން ވެސް ނޭގެއެވެ.
ލިއުންތެރި ކަމުގެ އާންމު ހިދުމަތުގެ އިނާމް ދެއްވުމަށް އަޅުގަނޑު ނޮމިނޭޓް ވި އިރު އަދި އަޅުގަނޑުގެ އުމުރުފުރާވެސް ހަމަ ނުވެއެވެ، އެހެން ކަމުން އެ ޝަރަފް އަޅުގަނޑު އުމުރު ހަމަވެންދެން މަޑުކޮށްލައިގެން އޮންނަން ޖެހުނެވެ. ހަނދާނަށް އަންނަނީ 25 އަހަރު ފުރިގެން އާންމު ހިދުމަތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް އަލްއުސްތާޒް މަޢުމޫނު އަބްދުލް ގައްޔޫމް އަޅުގަނޑުގެ މަންމައާ ބައްދަލު ކޮށް ވިދާޅުވި ބަސްފުޅެކެވެ. ނަހުލާގެ މަންމަ ނަހުލާ ކުޑައިރު ވަރަށް ވާހަކަ ކިޔާދީފައި ހުންނާނެ ކަން ޔަގީނޭ ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. އަޅުގަނޑަށް ނުވެސް އެނގި ހުއްޓާ އަޅުގަނޑުގެ ކިބައިގައި މި ހުނަރު އަށަގަތުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުގެ މަންމައެވެ. މަންމަ ކިޔާދޭ މޮޅު، ހުސްނުވާ އާ ވާހަކަ ތަކެވެ. އެކަމަށްޓަކާވެސް ތާއަބަދު މަންމަގެ ހަނދާން އާވެއެވެ. ކޮންމެ މަސައްކަތެއްގައި ކާމިޔާބު ވާހިނދު މަންމަގެ މުހިންމުކަން ހަނދުމަވެއެވެ. އަޅުގަނޑުގެ ކޮންމެ ކާމިޔާބީއެއް ގުޅިފައިވަނީ މަންމައާއެވެ. މާތްﷲ މިއަޅާގެ މަންމައަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވުން އެދި ދުއާ ކުރަމެވެ.
އަދިވެސް ހަނދާންވާ ދުވަހެއް އެބައޮތެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މުލިއާގޭގައި ރައީސްގެ ދެކަނބަލުން ދެއްވި ދައުވަތަކަށް ދިއުމުގެ ފުރުސަތުލިބުނު ދުވަހެކެވެ. ސޯދުބޭއާއި އަޅުގަނޑު ވާހަކައެއްގައި ތިއްބާ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވިއެވެ. އަޅުގަޑަކީ ނަހުލާ ކުޑަކުޑަ އިރުވެސް ނަހުލާގެ ފޭން އެކެވެ. އެވިދާޅުވި އެއްޗެއް ނޭގުނެވެ. އިވުނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރެވުނީއެވެ. އަނެއްކާވެސް ވިދާޅުވިއެވެ. ނަހުލާ ނޫހުގައި ލިއުނު އިރު އެވާހަކަތައް އަޅުގަނޑުމެން ނޫހުގެ ސޮފްހާތައް އެއްކޮށްގެން ފޮރުވައިގެން ގެންގުޅުނީމެވެ. ފަހުން ފޮތްތައްވެސް ގަތީމެވެ. ވަރަށް ބޮޑަށް އުފާވިއެވެ. އެއީ އެޒަމާނުގައިވެސް އެމަނިކުފާނަކީ މޮޅު ލިއުންތެރި އެކެވެ. އޭރު އަޅުގަނޑަކީ އެރޮނގުން މާ ބޮޑުއެއްޗެއް ނޭގޭ ކުޑަ ކުއްޖެކެވެ.
ޓީޗިންގް ގެ ކެރިއަރ ދޫކޮށްލާ ފިލްމުގެ މަސައްކަތް ފެށީމެވެ. ވަރަށްބޮޑެތި ގޮންޖެހުން ތަކާ ދިމާވިއެވެ. ވަރަށް ހިތްދަތި އަހަރުތަކަކާވެސް ކުރިމަތި ވިއެވެ. ފުރަތަމަ މަސައްކަތް ކުރީ އެހެން މީހުންގެ ނަމުގެ ދަށުގައެވެ. އަޅުގަނޑުގެ ވާހަކަ އަށް ފިލްމް ހަދާ މީހުނަށް އެހީތެރި ވީއެވެ. އެގޮތުން މަސައްކަތް ދަސްކުރި އިރުވެސް ފިލްމުގެ ޑައިރެކްޝަންގެ ބޮޑުބައެއްގައި އަޅުގަނޑަށް މަސައްކަތް ކުރެވުނެވެ. އެއްވެސް ޑައިރެކްޓަރަކު ކްރެޑިޓެއް ނުދީން ތާގައި ސިއްރުންވެސް ތައުރީފްގެ ބަހެއް ބުނެނުލައެވެ. އަޅުގަނޑު ޑައިރެކްޓް ކޮށް އެހެން މީހުން ގެ ނަން ޖަހާ ފަހުރު ހޯދި ބަޔަކުވެސް އުޅުނެވެ. އެހާ ހިސާބުން ދެން ނިންމީ އަމިއްލަ ޑައިރެކްޝަން އަކަށް ދާށެވެ. އެކަނި ވާވަރު ކަމެއް ތޯ ބަލާލާށެވެ. އެގޮތުން ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަށް ވެސް ފިލްމު އެޅުވުމުގެ ކުރީން ލިބުނު ބޮޑު ތަރުހީބާ އެކު އާންމުންގެ އިތުބާރު ލިބިފަވާ މިންވަރު ހާމަވިއެވެ. އެހާ ހިސާބުން ފެށިގެން މިއަދާ ޖެހެންދެންވެސް އެންމެ ބޮޑު ސަމާލު ކަމެއް ދެނީ އާންމުންގެ އިތުބާރު ގެއްލުވާނުލާ އެގޮތުގައި ދެމި ހުރުމަށެވެ.
މީ އަޅުގަޑުގެ 1990 އަހަރުން ފެށިގެން މިއަދާ ހަމައަށް ކުރެވުނު ދިގުދަތުރުގެ ވާހަކައެވެ. މީގެން ހާސިލް ކުރެވިދާނެ އިބްރަތެއް އެބައޮތެވެ. އެމީހެއްގެ ކިބައިގައި ފޮރުވިފައި ހުރި އާދަޔާ ހިލާފް ހުނަރެއް އިނގޭނީ އެކަމަކާ ކުރިމަތި ލައިގެންނެވެ. އަދި އެހުނަރާ އެކު ކުރިއަށް ދެވޭނީ ހިތްވަރާ އެކު ގޮންޖެހުންތަކާއި ކުރިމަތިލާން ކެރިގެންނެވެ. އަޒުމުވެސް ވަރުގަދަވެގެންނެވެ.
މިއީ މަޝްހޫރު ވާހަކަލިޔުންތެރިޔާ އަދި ކުޅަދާނަ (ޑައިރެކްޓަރ) ފާޠިމަތު ނަހުލާ ފޭސްބްކްގައި ލިޔެފައިވާ ލިޔުމެކެވެ. ލިޔުން މި ގެނެސްދެނީ އެއްވެސް ވަރަކަށް އުނިއިތުރު ކުރުމެއް ނެތިއެވެ.





