4 ވަނަ އެޕިސޯޑް
އަލިފާނުގެ ނުރައްކާތެރި އިންޒާރުގެ ރަނގަބީލު މުޅި ހޮސްޕިޓަލުގެ ފާރުތަކުގެ ތެރޭގައި ގުގުމައިގަތުމާއެކު، އާންމު ހާލަތު އޮޅުންބޮޅުންވެ، މީހުންތައް ބިރުން ދުވާން ފެށިއެވެ. ނަމަވެސް، އެ ހާސްކަމުގެ ތެރޭގައި ރާމިޔާގެ ހަރަކާތްތައް ހުރީ ވަރަށް ބޮޑަށް ރޭވިފައިވާ ފަދަ ސާބިތު ގޮތަކަށެވެ. އޭނާ ނުހަނު ބާރުބާރަށް ދުވެފައި ގޮސް އައިސީޔޫގެ ދޮރުމައްޗަށް މަޑުކޮށްލިއިރު، އޭނާގެ މޫނުމަތިން ފެންނަން ހުރީ ނުލަފާ އަޒުމެކެވެ. އަތުގައި އޮތް އެކްސެސް ކާޑު ތުރުތުރުއަޅާ ހާލު ރީޑަރުގައި ޖައްސާލުމާއެކު، ދޮރުގެ ތަޅު ނެއްޓި، އެތެރެއަށް ވަދެވޭނެ މަގު ތަނަވަސްވިއެވެ. އޭނާ ފަރާތްފަރާތަށް ބަލައިލުމަށްފަހު، އެއްވެސް ފަސްޖެހުމެއް ނެތި މިސްރާބުޖެހީ މަރުގެ ތުންފަތްމަތީގައި އޮތް ޒުނާމް އޮތް އެނދާ ދިމާލަށެވެ.
ޒުނާމްގެ އެނދުގެ ކައިރިއަށް ހުއްޓި، ރާމިޔާ އޭނާގެ ދަބަހުން ތޫނު ކަތުރެއް ނެގިއެވެ. އޭނާގެ ހިތް އޭރު ނުހަނު ބާރަށް ތެޅެމުން ދިޔަ ނަމަވެސް، އަތުގައި ހުރި ނުބައި ބާރަކާއެކު، ޒުނާމްގެ ހަށިގަނޑަށް ފުރާނައިގެ ދިރުން ފޯރުކޮށްދެމުންދިޔަ ލޭގެ ޕެކެޓާއި އައިވީ ހޮޅިތައް ނުހަނު ރަހުމުކުޑަ ގޮތަކަށް ބުރިބުރިކޮށްލިއެވެ. އެއަށްފަހު، އެނދުގެ ވަށައިގެން ހުރި ލައިފް ސަޕޯޓް މެޝިންތަކަށް ބަލައިލިއެވެ. އެ މެޝިންތަކަކީ ޒުނާމްގެ ފުރާނަ މި ދުނިޔޭގައި ހިފަހައްޓައިދޭ ހަމައެކަނި އުއްމީދެވެ. ރާމިޔާގެ އިނގިލިތަކުން އެ މެޝިންތަކުގެ ސުވިޗުތައް އެކި ފަހަރު މަތިން ނިއްވާލައި، އެ މެޝިންތަކުގެ މަސައްކަތް މުޅިން ހުއްޓުވާލިއެވެ. މުޅި ތަނުން އިވެމުންދިޔަ މެޝިންތަކުގެ “ބީޕް” އަޑު ކެނޑި، ބިރުވެރި މަރުފަދަ ހިމޭންކަމެއް އެ ކޮޓަރިއަށް ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރެއިން ރާމިޔާއަށް އިވެމުން ދިޔައީ ހަމައެކަނި އޭނާގެ އަމިއްލަ ނޭވާގެ އަޑެވެ.
ރާމިޔާގެ ނޭވާ އަވަސްވެ، މުޅި މީހާ ހާސްކަމުގެ ތެރެއަށް ގެނބެމުންދިޔައިރު، އޭނާ ކުރި ނުރައްކާތެރި އަމަލުގެ ބޮޑުމިން ކުއްލިއަކަށް އިހުސާސްވާން ފެށިއެވެ. ބިރުން ފަހަތަށް ޖެހެމުން ގޮސް، އޭނާ ހަލުވިކަމާއެކު އައިސީޔޫއިން ބޭރަށް ނުކުތެވެ. އޭނާގެ ފަހަތުގައި ބާކީ އޮތީ މަރުގެ ތުންފަތްމަތީގައި އޮތް އިންސާނަކާއި، އެ ފުރާނަ ސަލާމަތްކުރުމަށް އެތައް ބަޔަކު ކުރި ހުރިހާ މަސައްކަތެއް ފަނާކޮށްލި ހިތި ހަނދާންތަކެވެ. އެއީ ހަމައެކަނި ދުރުމީހެއް ނޫނެވެ؛ އެއީ އޭނާގެ އާއިލާގެ މީހެކެވެ. އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ޖޫލީގެ ފިރިމީހާއެވެ. އަދި އޭނާއަށް ނުހަނު އިހުތިރާމާއި ލޯތްބާއެކު ހިތްހެޔޮކޮށް ކަންތައް ކުރަމުން އައި، އެންމެންގެ ލޯބިލިބިފައިވާ ޅިޔަނެވެ. އެފަދަ މީހަކަށް އެފަދަ ބޮޑު ލަނޑެއް ދިނުމަށްފަހުވެސް ރާމިޔާގެ ހިތަކަށް އޭރުވެސް ރަހުމެއް ނުވަނެވެ.
އައިސީޔޫއިން ނުކުމެ، ހޮސްޕިޓަލުގެ ކޮރިޑޯތަކުގެ ތެރޭގައި ހާސްވެފައި ތިބި މީހުންގަނޑުގެ ތެރެއަށް އޮޅިގެން ދިޔައިރު، ރާމިޔާގެ މޫނުމަތިން ފެންނަން ހުރީ ބުނެދޭން ދަތި ބިރުވެރިކަމަކާއި، ކާމިޔާބީގެ ކުލަވަރު އެކުލެވިފައިވާ ފާޑެއްގެ ނުބައި އަސަރެކެވެ. އޭނާގެ ހިތުގެ ތޅުން ބާރުވެ، އެ އަޑު ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ މިއީ ހަމައެކަނި ފެށުމެއް ކަމަށާއި، އޭނާގެ މަގްސަދު ހާސިލުވުމާ ވަރަށް ކައިރިވެއްޖެ ކަމަށެވެ. އެލާމްގެ އަޑާއެކު މުޅި ހޮސްޕިޓަލުގެ ކަރަންޓު ކަނޑާލާފައި އޮތުމުން، މުޅި ތަން އޮތީ އަނދިރިކަމުގެ ތެރޭގައެވެ. ހޯލުތަކުގެ ތެރެއިން ދުވެފައި ބޭރަށް ނުކުންނަން އުޅުނުއިރު، ފާރުތަކަށް އެޅިފައިވާ ހިޔަނިތައްވެސް އޭނާގެ އެ ނުބައި އަމަލުގެ ހެކިވެރިންގެ ގޮތުގައި ފާރަވެރިވާ ފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.
ހޮސްޕިޓަލުން ބޭރަށް ނުކުމެވުމާއެކު، ރާމިޔާގެ ދޮގުވެރިކަމުގެ ދެވަނަ މަރުހަލާ ފެށިއެވެ. އޭނާ އަވަސްއަވަހަށް ޖޫލީއަށް ގުޅިއެވެ. ޖޫލީ ވަގުތުން ފޯނު ނެގުމުން، ރާމިޔާ ރޮއެގަންނަ ފަދަ އަޑަކުން ވާހަކަދެއްކިއެވެ. “ޖޫ… މިއުޅެނީ ވަރަށް ބޮޑު ކަމެއް ވެގެން! ހޮސްޕިޓަލުގައި އަލިފާން ރޯވީ ކަންނޭނގެ، ފަޔަރ އެލާމް އެބަ އަޅާ. އަހަރެން ވަރަށް މަސައްކަތް ކުރިން އައިސީޔޫގެ ދޮރު ހުޅުވޭތޯ، އެކަމަކު އެތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންވެސް އެލާމްގެ އަޑާއެކު އެމީހުންގެ ފުރާނަ ސަލާމަތްކުރަން ދުވެ ފިލައިފި. އަހަރެން އެމީހުންގެ ފަހަތުން ދުވެފައި ގޮސް އައިސީޔޫގެ ކާޑު ދޭށޭ ކިޔައި އާދޭސްކުރިން، އެކަމަކު އެކަކުވެސް އަޅައެއް ނުލި. ޒުނާމް އެ ހާލަށް އެކަނި ދޫކޮށްލާފައި އެމީހުން ގޮސްފި، އެތަން އަދިވެސް ހުރީ ތަޅުލާފައި. ޖޫ އަވަހަށް އާދޭ، މިތަނުގެ ހާލަތު ވަރަށް ގޯސްވެއްޖެ!”
ރާމިޔާގެ މި ހީލަތްތެރި ދޮގުތައް، ޖޫލީގެ ހިތުގައި އޮތް އިތުބާރެއްގެ ބޮޑުކަމުން އެއްވެސް ޝައްކެއް ނެތި ގަބޫލުކުރެވުނެވެ. އެ ޚަބަރު އިވުމާއެކު ޖޫލީގެ މޫނުމަތިން ފެނުނު ކުލަވަރުން، ކައިރީގައި ތިބި ފާތުމައާއި ފަސީހަށް ކޮންމެވެސް ނުރައްކާތެރި ކަމެއް ކުރިމަތިވެއްޖެކަން އެނގުނެވެ. ޖޫލީގެ އަތުން ވަރުދޫވެ، ފޯނު ބިންމައްޗަށް ވެއްޓުނު ހިނދު، މުޅި މާހައުލަށް މާޔޫސްކަން ވެރިވިއެވެ. އެންމެން އެކުގައި އަވަސްވެގަތީ ހޮސްޕިޓަލާ ދިމާލަށް ދިޔުމަށެވެ. މަގުމަތީގައި ކާރު ދުވަމުން ދިޔައިރު، ޖޫލީގެ ހިތް ނުހަނު ބާރަށް ތޅެމުން ދިޔައެވެ. ޒުނާމްއަށް އެއްވެސް ދެރަގޮތެއް ނުވުމަށް އެދި އޭނާގެ ހިތުން މެދުނުކެނޑި ދުއާ ކުރެވެމުން ދިޔައެވެ. ބޯކޮށް އޮހެމުންދިޔަ ވާރޭގެ ތެރެއިން ބޭރު ބަލަހައްޓައިގެން އިންއިރު، ޖޫލީއަށް އިހުސާސްވަމުން ދިޔައީ އޭނާގެ މުޅި ދިރިއުޅުން އެ ވާރޭގެ ތެރޭގައި ގިރިގެންދާ ފަދަ ހިތްދަތި ގޮތެކެވެ.
ހޮސްޕިޓަލަށް ދެވުނުއިރު، މާހައުލު ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އަލިފާނުގެ އެލާމް ހުއްޓި، ކަރަންޓުވެސް ވަނީ ލިބިފައެވެ. ރާމިޔާ ޖޫލީއާ ވާހަކަދައްކާ ނިންމުމަށްފަހު، ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ނަމަވެސް އެވަގުތު އޭނާގެ ކަނާއަތަށް ބަލައިލެވުމާއެކު، މުޅި މީހާގެ ލޭ ގަނޑުވި ކަހަލައެވެ. އޭނާގެ އަތުގައި އަޅާފައި އޮތް، އޭނާއަށް ނުހަނު ގަޔާވާ ކެވެލިފަށް ވަނީ ގެއްލިފައެވެ. އެ ކެވެލިފަށް ވެއްޓިފައި އޮންނާނީ އައިސީޔޫ ތެރޭގައި ނުވަތަ އެތަނުން ނުކުންނަން ދުުވި މަގުމަތީގައިކަން އޭނާއަށް ޔަގީންވިއެވެ. ގަންނާކުރެއްވި ބިރުން ހިތުގެ ވިންދު އަވަސްވެ، ކުރި ނުބައި އަމަލު ފަޅާއަރައިފާނެ ކަމުގެ ބިރުވެރިކަން އޭނާ ވަށާލިއެވެ. އޭނާ ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރި، އޭނާގެ ދިރިއުޅުން ބަރުބާދުވެދާނެކަމުގެ ބިރު އިންތިހާއަށް ބޮޑުވިއެވެ.
ޖޫލީމެން އައިސީޔޫ ތެރޭގައި ހިނގާފައިވާ ކަންތައްތައް ފެނުމުން ބިރުން ރޮއެގަތެވެ. ޒުނާމްގެ ގަޔަށް ގުޅާފައި ހުރި ހުރިހާ ހޮޅިތަކެއް ހުރީ ބުރިކޮށްލާފައެވެ. އަދި ލައިފް ސަޕޯޓް މެޝިންތައް ހުރީ ނިއްވާލާފައެވެ. “މިއީ ކާކު ކުރި ކަމެއް؟” ޖޫލީ ރޮއެގަންނަމުން ފަސީހުއާ ސުވާލުކުރިއެވެ. ފަސީހުވެސް ހުރީ ލިބުނު ސިހުމުން ބަސްހުއްޓިފައެވެ. ޑޮކްޓަރުންނާއި ނަރުހުން އައިސް ސުވާލުކުރުމުން، އެކަކުވެސް އެކަމުގެ ޒިންމާއެއް ނުއުފުލިއެވެ. ފަސީހު ވަގުތުން ހޮސްޕިޓަލުގެ އައިޓީ ރޫމަށް ގޮސް ސީސީޓީވީ ފުޓޭޖް ލިބޭތޯ ބެލިއެވެ. ނަމަވެސް އެލާމް އެޅުމާއެކު ކަރަންޓު ކަނޑާލާތީ، އެ ވަގުތުގެ އެއްވެސް މަންޒަރެއް ރެކޯޑު ކުރެވިފައެއް ނުވެއެވެ.
އަނބުރާ އައިސީޔޫއަށް ވަތްއިރު، ޒުނާމްއަށް އަލުން ފަރުވާ ދޭން ފަށާފައިވެއެވެ. އެތަނުގެ ފާރެއްގައި ލެނގިލައިގެން ހުރި ރާމިޔާގެ ލޯ މުޅި އެ ސަރަހައްދަށް ހުއްޓިފައި ހުރީ، އޭނާގެ ގެއްލުނު ކެވެލިފަށް ފެނޭތޯއެވެ. ނަމަވެސް އޭނާއަށްވުރެ ކުރިން އެ ކެވެލިފަށް ފެނުނީ ފަސީހަށެވެ. މުށިގަނޑުމަތީގައި އޮތް އެ ކެވެލިފަށް ފެނުމާއެކު، އެއީ ރާމިޔާގެ އެއްޗެއްކަން ފަސީހަށް ވަގުތުން އެނގުނެވެ. އެހެން މީހަކަށް ފެނުމުގެ ކުރިން އޭނާ އެ ނަގައި ޖީބަށްލީ، ރާމިޔާއާމެދު އުފެދުނު ޝައްކުތައް ކަށަވަރު ކުރުމަށެވެ. އައިސީޔޫއަށް ނުވަދެވޭ ކަމަށް ބުނި ރާމިޔާގެ ކެވެލިފަށް، އެނދުގެ ކައިރިން ފެންނަންވީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލާއެކު ފަސީހުގެ ހިތުގައި ރާމިޔާއާމެދު އޮތް ޝައްކުގެ އޮތް ބޮޑުވެ، ހަގީގަތާ ހަމައަށް ވާސިލުވުމުގެ އަޒުމް ވަރުގަދަވިއެވެ. ރާމިޔާގެ އެންމެ ކުޑަ ގޯސް ހެދުމަކުން، އޭނާގެ މުޅި ރޭވުން ފަޅާއެރުމުގެ މަގު މިވަނީ ފަހިވެފައެވެ.
ޑޮކްޓަރުންގެ ޓީމަކުން އައިސް އެތަނުގައި ތިބި އެންމެން އައިސީޔޫއިން ނެރެން މަސައްކަތްކުރިއެވެ. އެއީ އެތަނުގައި ހިނގައިދިޔަ ހާދިސާއަށްފަހު ޒުނާމްގެ ހާލަތު އިތުރަށް ގޯސްވެދާނެތީ ސްޓެބިލައިޒްވެލުމަށް ފުރުސަތުފަހިކުރުމަށެވެ. އެހެނަސް ޖޫލީ ޒުނާމް އެކަނިކޮށްލާފައި ދާން ބޭނުމެއްނުވިއެވެ. އޭނާގެ ހިތް ބިރުގަންނާތީއެވެ. ޖޫލީ ކުރުނުކޮށްގެން އެތަނުގައި ޖޫލީ ބަހައްޓަން އެންމެން އެއްބަސްވިއެވެ.
މި ހިތްދަތި ދަނޑިވަޅުގައި، ފާތުމަ ވަނީ ރާޒިޤަށް ގުޅައި، ހޮސްޕިޓަލުގައި ހިނގައިދިޔަ ކޮންމެ ހިނދުކޮޅެއްގެ ތަފްސީލު ކިޔައިދީފައެވެ. ރާޒިޤުގެ ކަންފަތަށް އެ ވާހަކަތައް އިވުމާއެކު، އޭނާގެ ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭ ކެކިގަތީ މީގެ ކުރިން ދުވަހަކުވެސް އިހުސާސްނުވާ ފަދަ ރުޅިވެރިކަމަކާއެކުގައެވެ. އޭނާގެ ހިތުގައި އުފެދުނު ނުރުހުމާއި ކޯފާގެ ސަބަބުން، ވަގުތުން ހޮސްޕިޓަލުގެ އިހުމާލާ މެދު ސުވާލު އުފައްދައި، ފުލުހުންނަށް މައްސަލަ ހުށަހެޅީ އިންސާފު ހޯދުމުގެ އަޒުމުގައެވެ. އޭނާ ބޭނުންވީ މިކަމުގައި ޒިންމާވާންޖެހޭ ކޮންމެ މީހަކަށް ހައްގު އަދަބު ދިނުމަށެވެ.
ހޮސްޕިޓަލުގެ ފިނި ކޮރިޑޯތަކުގެ ތެރެއިން ފަސީހު ބާރު ހިނގުމެއްގައި އައިސް ރާމިޔާގެ އަތުގައި ބާރަށް ހިފާ ދަމަމުން ކަހަލަ ގޮތަކަށް ބޭރަށް ގެންދިޔައެވެ. އޭނާގެ އަތުގެ ބާރުކަމުން ރާމިޔާއަށް ތަދުވެ، ހަޅޭއްލަވައިގަނެވުނެވެ. “އަތްދޯތް ބޭބޭ… ކިހިނެތްތަ ވީ…. ތަދުވެޔޭ ދޫކޮށްލަބަލަ..”. ރާމިޔާ ރޮއެގަތެވެ. ނަމަވެސް ފަސީހުގެ ހިތުގައި އެއްވެސް ރަހުމެއް ނެތެވެ. އޭނާ ރާމިޔާ ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ނިކުތީ ހޮސްޕިޓަލުގެ ބިއްދޮށުގައި އޮތް ހިމޭން ސަރަހައްދަށެވެ. ރާމިޔާގެ މުޅި ހަށިގަނޑު ތުރުތުރުލަމުންދިޔައެވެ. އޭނާ ކުރި ކެހިވެރި ރޭވުން ފަޅާއަރައިފިކަން ޔަޤީންވުމާއެކު، ހިތުގެ ތެޅުން ބާރުވެ، މުޅި މީހާ ދާހިތްލާ ފޯވިއެވެ. ފަސީހުގެ ދެލޮލުން ފެންނަމުންދިޔައީ އަނދަމުންދާ އަލިފާންކަނިތަކެއް ފަދަ ނުރައްކާތެރި ރުޅިވެރިކަމެކެވެ.
ފަސީހު ބަލާކަށްނުހުރެ ރާމިޔާގެ ކޯތާފަތްމަތީގައި ވަރުގަދަ އެތިފަހަރެއް ފިލުވައިލިއެވެ. ޖެހިލެއް ބާރުކަމުން ރާމިޔާ ވެއްޓުނެވެ. ފަސީހުގެ ވަރުގަދަ އަތްތިލަ ރާމިޔާގެ ނާޒުކު ކޯތާފަތަށް އަރައި ފޭބީ ހޮނުގުގުރިއެއް ފަދަ ބާރު އަޑަކާއެކުގައެވެ. އެ ހޫނު އެތިފަހަރާއެކު ރާމިޔާ ބިމަށް ވެއްޓުނީ އޭނާގެ އަނގަޔަށް ލޭރަހަ ލަމުންނެވެ. “ބޭބޭ، އަހަންނަށް މާފުކުރޭ! އަހަރެން އެކަން ކުރީ ހަމަ ބޭބެއަށްޓަކައި.. ބޭބެގެ ލޯބި ހާސިލުކޮށްދިނުމަށް! ޒުނާމް މަރުވިޔަސް ބޭބެއަށް އުފާވެރިކަން ލިބުމަކީ އަހަރެންގެ އެދުމަކީ.. އަހަންނަށް މިކުރެވުނީ ހަމަ ތިހާ ބޮޑު ކުށެއްތަ؟” ރާމިޔާ އޭނާގެ ކޯތާފަތުގައި ފިރުމަމުން، ރޮއެގަނެފައި ބުންޏެވެ. އޭނާގެ ބަސްތަކުން ދޭހަވަނީ، އިންސާނެއްގެ މަތިވެރި ފުރާނައަށްވުރެ އަމިއްލަ އެދުން ބޮޑުވެފައިވާ މިންވަރެވެ. އޭނާއަށް އަދިވެސް އޭނާ ކުރި ފާފަވެރި އަމަލުގެ ބޮޑުމިނެއް އިހުސާސެއް ނުވެއެވެ.
“އާނ ރާމީ! އިންސާނެއްގެ ފުރާނަ ދުއްވާލަން އުޅުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އޮތް އެންމެ ބޮޑު ފާފަ!” ފަސީހުގެ އަޑު މުޅި ސަރަހައްދުގައި ގުގުމައިގެން ދިޔައެވެ. “މިއަދު ޒުނާމް މަރުވިނަމަ، ދުނިޔޭގެ ލޮލަށް އެކަން ސިއްރުވިޔަސް، މާތްﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވޭ. ޤިޔާމަތް ދުވަހުގެ އިންސާފުގެ ތިލަފަތް ކުރިމަތީގައި ރާމީ ދައްކާނީ ކޮން އުޒުރެއް؟ މިއަދު ރާމީއަކީ ޤާތިލަކަށް ވުމާ މާ ދުރެއް ނޫން. ހަނދާންކުރާތި، އެއްވެސް މީހެއްގެ ފުރާނައަށްވުރެ އަހަރެންގެ ލޯބި މުހިންމެއް ނުވާނެ. ދުވަހަކުވެސް! އަހަރެމެންގެ މައިންބަފައިން ދިން މާތް ތަރުބިއްޔަތާއި ދީނުގެ މަތިވެރި އިންތަކަށް އިހުތިރާމްކުރަން ދަސްކުރޭ. އަހަރެން ބޭނުމެއް ނޫން މަގޭ ކޮއްކޮއަކީ މީހެއްގެ މަރުގެ ޒިންމާ އުފުލަންޖެހޭ، ނަރަކައިގެ އަނދަނިވި އަޒާބަށް ހުށަހެޅޭނެ މީހަކަށް ވާކަށް!” ފަސީހުގެ މުޅި ހަށިގަނޑު ރޫރޫއަޅަމުންދިޔައީ އޭނާގެ ހިތުގައި އުފެދިފައިވާ ފުން އަސަރަކުންނެވެ. އޭނާ ރާމިޔާއަށް ވިސްނައިދޭން މަސައްކަތްކުރަމުން ދިޔައިރު، އޭނާގެ އަޑުގައި ހުރީ އާދަޔާ ހިލާފު ބާރެކެވެ.
***
{ ހަފްތާއެއް ފަސް }
. ކޮޓަރީގެ އެނދުމަތީގައި ހަމަޖެހިލައިގެން ނޫސްކިޔަން އިން ރާޒިޤު އިނީ އާދަޔާ ހިލާފަށް ގިނައިން ވާހަކަދައްކާ ހިތްވެފައެވެ. ފާތުމަ ހޫނު ސައިތައްޓެއް ހިފައިގެން އައިސް ކައިރީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. “ރާޒިޤު، މިތަން މާ ފިންޏީއޭ.. ތި އޭސީގެ ޓެމްޕަރޭޗަރ ތަންކޮޅެއް މައްޗަށް ޖައްސާލަބަލަ،” ފާތުމަ ކުޑަކޮށް ހީކަރުވައިގެން ހުރެ ބުންޏެވެ.
“އަހަރެން ހީކުރީ އަހަރެން ހޮޓުކަމުން މިތަނުގެ ފިނިހޫނުމިން ބެލޭންސް ކޮށްލާނެ ކަމަށް” ރާޒިޤު ބޮމައަރުވާލަމުން ފާތުމައާ ފުލާޓް ކޮށްލިއެވެ. ރާޒިޤު ލާނެތް ހިނިތުންވުމަކާއެކު ފާތުމައާ ގާތްވެލިއެވެ. އޭނާގެ ބެލުމުގައި ހުރީ އާދަޔާ ހިލާފު ޝައުގުވެރިކަމެކެވެ. ފާތުމަވެސް ސަމާސާގައި ބައިވެރިވަމުން ބުންޏެވެ، “އަސްތާ، މިއަދު މާ ބޮޑަށް ފްލާޓް ކުރަނީނު.. އެހެން އަންހެނުންނާވެސް ތިހެން ވާހަކަދައްކަންތަ؟
“އަސްތާ ހާދަ ފްލާޓީވަނީ.. ތިގޮތަށް ފްލާޓް ކުރަންތަ އެހެން އަންހެނުން ކައިރީވެސް؟” ފާތުމަވެސް ރާޒިޤާއި ދިމާކޮށްލިއެވެ.
“ނޫނޭ.. އަހަރެންގެ ހިތުގަ އިންނަނީ ހަތަރު ޗެންބަރު. އެ ކޮންމެ ޗެންބަރެއްގައިވެސް ވިންދު ޖަހަނީ ހަމައެކަނި އެންމެ މީހަކަށް ޓަކާ.. އެއީ ފާތުމަ”
ރާޒިޤުގެ ދުލުން ބޭރުވި މި މާތް ބަސްތަކަކީ ކޮންމެ އަންހެނެއްގެ ހިތްވެސް އަތުލައިގަންނާނެ ފަދަ ބާރުގަދަ ޖާދޫއެކެވެ. ރާޒިޤު ފާތުމަދެކެ ލޯބިވާކަމަށް ދެއްކިޔަސް، ވަފާތެރިކަމުގެ ނިޝާނެއް ނެތް ލޯތްބެއްގެ ނަތީޖާއަކީ ހިތި އެއްޗެއްކަން ފާތުމައަށް އަދި އިހުސާސެއް ނުކުރެވެއެވެ. ރާޒިޤު ދައްކާ ވާހަކައިގެ ޖާދުލުގައި ކޮންމެ މީހަކުވެސް ޖެހިދާނެއެވެ. އާނއެކެވެ. ފާތުމަދެކެ ރާޒިޤު އިންތިހާއަށް ލޯބިވެއެވެ. އެކަމަކު ވަފާތެރި ނުވެވޭ ލޯތްބަކުން ލޯބި ލިބޭ މީހާއަށް ލިބޭނީ ކޮން ފައިދާއެއްހެއްޔެވެ.
“އެކަމަކު ގަބޫލުކުރަން ތަންކޮޅެއް ދަތި. ރިސޯޓުގައި އެހާ ދުވަހު އަހަންނާ ދުރުގައި ހުންނައިރު އެތައް ބަޔަކާ ދިމާވާނެ. ހަމަ އެކަކާވެސް ގުޅުމެއް ނޯވޭތަ؟ މިހެން މިބުނީ، މިދިޔަ ދުވަހު ނުދަންނަ ނަންބަރަކުން އަހަންނަށް ލިބުނު ވީޑިއޯއެއްގެ ސަބަބުން. އޭގައި ފެންނަނީ އަންހެން ކުއްޖަކު ރާޒިޤުގެ ކޮޓަރިން ނިކުމެގެން ދާ މަންޒަރު،” ފާތުމަގެ މި ސަމާސާގައި ފޮރުވިފައިވާ ސީރިއަސްކަން ރާޒިޤުގެ ހިތަށް ބިރުވެރިކަން ވައްދާލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. ފާތުމަ އެހެން އެހީ ރާޒިޤަށް އިތުބާރު ނުކުރާތީކީ ނޫނެވެ. އިތުރަށް އެނގެން ބޭނުންވާތީއެވެ.
“ތިއޭ އެއްކަލަ. ތިއޭ ހުރިހާވެސް މައްސަލައަކީ.. ތަނަކުން މީހަކު އެއްޗެއް ފޮނުވާ އިރަށް އެޔެއް ގަބޫލުކުރާނެ. އެހެޔޮ އޭގަ އެއްވެސް ހަޤީޤަތެއް ނެތަސް…” ރާޒިޤު ފާތުމަގެ ފޯނު އަތުލަމުން ޗުސްކަނޑާލާފައި ބުންޏެވެ. އަވަސްއަރުވާލާފައި ފާތުމަގެ ފޯނުގެ ވަޓްސްއެޕަށް ވަދެ ރާޒިޤު އެ ވީޑިއޯ ބެލިއެވެ. އެ ވީޑިއޯގައި ފެންނަނީ ހެލީނާ ރާޒިޤުގެ ރޫމުން ނިކުމެގެންދާ މަންޒަރެވެ. އަނެއްކާ މިއީ ކާކުގެ ކަމެއްބާއޭ ރާޒިޤު ހިތަށްއެރިއެވެ. މި މެސެޖް އެ ފޮނުވީ ހެލީ ބާއެވެ. ހެލީއަށް ފާތުމަ ނަންބަރު ލިބުނީބާއެވެ. ލިބުނުނަމަ ލިބުނީ ކިހިނެއްބާއެވެ. ރާޒިޤުގެ ސިކުނޑި ސުމަކަށް ދިޔައެވެ. ސުވާލުތަކުން ސިކުނޑި ފުނިޖެހުނެވެ.
“މި ޒަމާނުގަ މިހެން މީހުން ފޮނުވާ އެއްޗެއްސަށް ނުވާނެ އިތުބާރު ކުރާކަށް. ދެމީހަކު އުފަލުގަ އުޅެންޏާ ގިނަމީހުންގެ ނިކަން މޭކަރާނެ. އަދި ހާއްސަކޮށް އަހަރެމެންކަހަލަ ހަމަޖެހިގެން އުފަލުގަ އުޅޭ ދެމަފިރިންގެ ދިރިއުޅުމަށް ވިހަލާން ގިނަމީހުން ބޭނުންވާނީ.. މި ވީޑިއޯ މިއީ އާޓިފިޝަލް އިންޓެލިޖެންސު ބޭނުންކޮށްގެން ހަދާފައިން ވީޑިއޯއެއް. ފާތުމަމެން މިކަހަލަ ކަންކަމަށް ހޭލުންތެރި ނުވަންޏާ އަދި ވަރިފަށަށްވެސް އަރައިގެން ހިނގައިދާނެ..” ރާޒިޤު ޗުސްކަނޑާލަމުން ބުންޏެވެ. އޭނާ ވާހަކަދައްކަމުންދިޔައީ ހުޝިޔާރުކަމާއެކުއެވެ.
“އާޓިފިޝަލް އިންޓެލިޖެންސޭ… އެއީ ކޯޗެއް.؟ އަހަރެންނަށް އެނގެނީ އާޓިފިޝަލް ބީޗު އެކަނި” ފާތުމަ ސުވާލުކޮށްލިއެވެ.
“އެއީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން މީހުންގެ ސޫރަޔާ އެއްޗެހި ނަކަލުކޮށްގެން އަސްލެއްނެތް ވީޑިއޯ އެއްޗެހި ހަދަން މީހުން ބޭނުންކުރުން.. އޭގެން އެމީހަކު ބޭނުން ގޮތަކަށް މިކަހަލަ ފޭކު ވީޑިއޯ އެއްޗެހި ހަދާލެވޭނެ. ޓިކްޓޮކް އެއްޗެހިންވެސް ފެނެއެއްނުދޯ ބުޅާތަކާ އެއްޗެހި ނަށާ ވީޑިއޯއާ އެއްޗެހި، ބަޖިޔާގޮސް ޕާނީޕޫރީއާ ކައިވެނިކުރާ ވީޑިއޯތައް ދޯ… އެކަހަލަ ކަމެއްމީ… ދުނިޔެ އެހާވެސް ކުރިއަރާފި”
ރާޒިޤު އެ ވީޑިއޯއަކީ އޭއައި ވީޑިއޯއެއްކަން ވިސްނައިދޭން ވަރަށް މަސައްކަތްކުރިއެވެ. އެއީ އޭނާގެ ހަޤީޤަތް ފަޅާއަރާފާނެތީއެވެ. ރާޒިޤު އުޅުނު ގޮތުން ފާތުމައަށް ކޮންމެވެސް ވަރަކަށް ބުނަން ނޭގޭފަދަ އިހުސާސެއް ކުރެވުނެވެ. ރާޒިޤު އެހާ ބޮޑަށް އެ ވީޑިއޯއަކީ ހަޤީޤަތެއްނެތް އެއްޗެއްކަން ސާބިތުކުރަން އެކި އެކި ވާހަކަ ދެއްކުމުންނެވެ. ރާޒިޤުގެ އެ ދިފާޢީ ބަސްތަކާއި، އޭނާގެ ހާސްކަން ފެނިފައި ފާތުމަގެ ހިތުގައި ނުތަނަވަސްކަމުގެ އޮއިވަރެއް ހިނގައިގަތީއެވެ.
ކުއްލިއަކަށް ފާތުމަގެ ފޯނު ވައިބްރޭޓްވާންފެށީ އަމަށަކު ވަރަކަށް ނޫނެވެ. މެސެޖު އަންނަމުންދިޔައީ ނުދަންނަ ނަންބަރަކުންނެވެ. ފާތުމަ އޭނާގެ ފޯނު ރާޒިޤު އަތުން ޖަހައިގަނެގެން ކޮޓަރިން ބޭރަށްދިޔައެވެ. މިފަހަރުވެސް މެސެޖު ފޮނުވާފައިއޮތީ ކުރިންވެސް މެސެޖުފޮނުވި ނަންބަރުންނެވެ. ފާތުމަ ހިތަށްއެރިއެވެ. އަހަރެންނަށް މި ނަންބަރުން މި މެސެޖު ފޮނުވަނީ ކާކުބާއެވެ. އެ މެސެޖު ފޮނުވާ މީހާ ބުނެދޭން ބޭނުންވަނީ ކޮންވާހަކައެއްބާއެވެ. އެމީހާގެ މަޤްސަދަކީ ކޮބައިބާއެވެ. އެމީހާގެ ނިޔަތަކީ ކޮބައިބާއެވެ. ފާތުމަ މެސެޖުގައިވީ އެއްޗެއް ބަލަން ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން އަވަހަށް މެސެޖު ހުޅުވާލިއެވެ. ފޮނުވާފައި އޮތީ ފޮޓޮއެކެވެ. ވައިފައި ސުލޯކަމުން އެ ފޮޓޯ ލޯޑުވާން އިރުކޮޅެއް ނެގިއެވެ. އެ ކުޑަކުޑަ ވަގުތުކޮޅުވެސް ފާތުމަގެ ކެތްތެރިކަން ކޮޅުންނުލީ ކިރިޔާއެވެ. އެ ކުޑަކުޑަ ވަގުތުކޮޅު ހީވީ ފާތުމަގެ ޙަޔާތުގައިވެސް ކުރި އެންމެ ދިގު އިންތިޒާރުހެންނެވެ. އެ ފޮޓޯގައި ފެންނަން އޮތީ ޕްރެގްނެންސީ ކިޓެކެވެ. އެ ކިޓުގައިވާ ދެ ލައިނުން އަންގައިދެމުންދިޔައީ އެއީ މާބަނޑުވެފައިވާ މީހެއްގެ ކިޓެއްކަމެވެ. ނޭނގެނީ ކާކުކަމެވެ. ފާތުމަގެ ސިކުނޑި ސުވާލުތަކުން ހިސާރުކޮށްލިއެވެ.
***
ހެލީނާ ބޭނުންވީ ވީ އެންމެ އަވަހަކަށް އޭނާ ރާޒިޤުގެ ދަރިއަކަށް ބަލިވެ އިންކަން ރާޒިޤުގެ ޢާއިލާއަށް އަންގާށެވެ. އޭނާގެ ނިޔަތަކީ އާއިލީ މައްސަލަތަކެއް ކުރިމަތިކުރުވުމެއްނޫނެވެ. އެކަމަކު ރާޒިޤު އޭނާއަށް ދިން ދޯކާގެ ބަދަލަށް ބަދަލުހިފުމެވެ. ހެލީ ބޭނުންވީ އޭނާގެ ދަރިއަށްވެސް ބައްޕައެއްގެ ލޯބި ހޯދައިދޭށެވެ. އެ ދަރިއަށް ބައްޕައެއްގެ ފަރާތުންވެސް ލިބެންޖެހޭ ހުރިހާ ހައްޤެއް ހޯދަނިދިނުމެވެ.
ހެލީ މިއަދު ފެރީ ދޯންޏަކަށް އަރާއޭނީ އޭނާގެ އެ މަޤުސަދު ހާސިލުކުރުމުގެ ނިޔަތުގައެވެ. ރާޒިޤުގެ ރަށަށް ރާޒިޤުގެ ގެއަށް ދިއުމަށެވެ. ހެލީ ކުރަން އެއުޅޭ ކަންތައް އޭނާއަށް ވަރަށް ރަނގަޅަށް ވިސްނެއެވެ. އޭނާ ދާން ބޭނުންވާ މަންޒިލަށް ވާސިލުވުމަށް ފެށި ދަތުރު ފަސޭހަ ނުވާނެކަން އޭނާއަށް ވިސްނެއެވެ. އެހެނަސް އޭނާގެ އަޒުމު ނުހަނު ވަރުގަދައެވެ. އެ އަޒުމެއް ނުގުޑާނެއެވެ. އެ އަޒުމު ގުޑުވާލެވޭނެ ހިތްވަރު މިދުނިޔެމަތީގައި ހުރި އެއްވެސް އިންސާނެއްގެ ކިބައިގައި ނުހުންނާނޭކަން އެއީ ހެލީ ޤަބޫލުކުރާ ފަލްސަފާއެވެ. ހެލީ އޭނާ އޭނާގެ ދަރިއަށް ހައްޤުވާ އެންމެ ވެލިފުކެއްވެސް ދޫނުކުރާނެއެވެ. އޭނާގެ ދަރިފުޅަށް ހައްޤުވާ މަގާމާއި ލޯބި ހޯދައިދިނުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެވެ. މިއަދު އެކަންއެވަނީ އޭނާގެ ދިރިއުޅުމުގެ މަޤުސަދަކަށް ބަދަލުވެފައެވެ.
ބާރުދުވެލީގައި ކަނޑުކަފަމުން ފެރީ ދުއްވަމުންދިޔައިރު ފެރީގެ އިންޖީނުން އިވެމުންދިޔަ ޓަކަޓަކަ އަޑާ އެއްވަރަށް ހެލީނާގެ ހިތުގެ ތެޅުންވެސް ދިޔައީ ބާރުވަމުންނެވެ. އިންޖީނު ހިނގަމުންދިޔައީ ޑީސަލުންނެވެ. ހެލީގެ ހިތުގެ ހިނގުން އަވަސްކުރުވަމުންދިޔައީ އޭނާ ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ކެތްމަދުވެފައިވީ މިންވަރުންނެވެ. ޖެހެމުންއައި ބާރު ވައިން އުފެދެމުންދިޔަ ވައިރޯޅިތައް ހެލީގެ މޫނުގައި ބީހެމުންދިޔައިރު އޭނާއަށް އިހުސާސްކުރެވުންދިޔައީ ރާޒިޤު އޭނާގެ ހަވާނަފުސުގެ އެދުންތައް ފުއްދުމަށް ހެލީ ބޭނުންކޮށްލި ގޮތެވެ. އޭނާގެ އެ ހީލަތްތެރި ބީހުންތަކެވެ. ވައި މި އެޅުވުނީ މައްކާރަކާތާއޭ ހެލީ ހިތަށްއެރިއެވެ. އެފަދަ މީހުންގެ ސަބަބުން ފިރިހެނުންނަށްވެސް ހުތުރުތާއެވެ.
ހެލީގެ ނަޒަރު ހުއްޓިފައިހުރީ އުދަރެހުގެ މާދުރުން ފެންނަމުންދިޔަ ރަށަށެވެ. އެއީ ދެވަނަ އެހެން ރަށެއް ނޫނެވެ. އެއީ އޭނާ މިވަގުތު އެންމެ ދާން ބޭނުންވާ މަންޒިލެވެ. މިފަހަރު އޭނާ ރާޒިޤުގެ ދިރިއުޅުމަށް އަންނަ ތޫފާނަކަށްވާނެކަން ޔަޤީނެވެ. އެ ތޫފާނުގެ ވަރުގަދަކަން ފާތުމަމެން އެންމެނަށް ވަޒަންކޮށްލަންވެސް ނޭގޭނެހާ ވަރުގަދައެވެ.
ލިޔުންތެރިޔާގެ ނޯޓު
މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!
Facebook Page – Mi Hamahimeynkan
މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަން.
ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަން. ބާއްޖަވެރިދުވަހަކަށް އެދެން..😊


