މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އަސަރުގަދަ ވާހަކައެކެވެ. މި ވާހަކައިން އިބުރަތް ތަކެއް ލިބިގެން ދާނޭ ކަމަށް އުއްމީދު ކުރަމެއެވެ. މިވާހަކައިގައި އުޅޭ މީހުން ގެ ނަން ތަކާއި ރަށް ތަކަކީ އަސްލު ނަން ތަކެއް ނުމެ ނޫނެއެވެ .
އުޑުމަތި ސާފް ރީތި ދުވަހެކެވެ . ރަށް ފުށުގައި ދިރިއުޅޭ މީހުން ވެސް ވަކި މަދެއް ނުމެ ނޫނެ ، ކުނި ކަހާ މީހުންނާއި އެހެނިހެން ކަން ކުރާ މީހުން ވެސް މަދެއް ނުމެ ނޫނެ ، ޔާނާ އަކީ ރަށް ފުށު ދިރިއުޅުމަށް ލޯބި ކުރަމުން އަން ޒުވާނެކެވެ .
އުމުރުން 27 އަހަރުގެ ޔާނާއަކީ އޭނާގެ އުމުރުގެ އެހެން އަންހެން ކުދިންނާ އަޅާބަލާއިރު މުޅިން ތަފާތު ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރަމުންދިޔަ ޔާނާއަކީ ހިތްހެޔޮ، އޯގާތެރި އަދި އެހާމެ ދީނަށް ލޯބިކުރާ ކިޔަމަންތެރި އަންހެން ކުއްޖެކެވެ. ނަމަވެސް، އޭނާގެ މި ހަމަހިމޭން ދިރިއުޅުމަށް ތޫފާނެއް އައީ އާއިލާގެ ބޯދާ ވިސްނުމުގެ ސަބަބުން ކުރިމަތިވި މަޖުބޫރީ ކައިވެންޏަކާ ހެދިއެވެ.
ޔާނާގެ ބައްޕަގެ ބަލިހާލަތު ބޮޑުވެގެން ބޭރަށް ކުރި ދަތުރަކީ ޔާނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ދަތުރެކެވެ. އެ ދަތުރުގައި ބައްޕަ ބެލި ޑޮކްޓަރީ ކަންކަން ކިޔަވަމުންދިޔަ ގދ. އަތޮޅަށް ނިސްބަތްވާ ޒުވާނަކާ ބައްޕައާ ބައްދަލުވިއެވެ. އާއިލާއަށް ފެނުނު ފެނުމުގައި އެއީ ޔާނާއަށް އެންމެ އެކަށީގެންވާ، ދިރިއުޅުމަށް އެންމެ ރަނގަޅު މީހާއެވެ. އެއްވެސް އިތުރު ވިސްނުމެއް ނެތި، ޔާނާގެ ރުހުމެއް ނެތި، އެ ކައިވެންޏަށް އާއިލާއިން ނިންމުންތައް ނިންމިއެވެ.
ޔާނާ އެ ކައިވެންޏަށް އިންކާރު ކުރިއެވެ. އޭނާގެ ހިތް ވަނީ އެހެން ފަރާތަކަށް ދެވިފައެވެ. ކައިލްއާއި ޔާނާގެ މެދުގައި އޮތީ ވަކިކޮށްލަން ދަތި ގަދަފަދަ ލޯތްބެކެވެ. ދެމީހުންގެ މުސްތަޤުބަލާ މެދު ކުރި އުންމީދުތައް ގިނައެވެ. ނަމަވެސް ޔާނާގެ މި “ނޫން” ބަހާއެކު އާއިލާގެ ފަރާތުން އައީ ހަރުކަށި ބަސްތަކެވެ.
ޚާއްޞަކޮށް އޭނާގެ ދޮންބެގެ ބަސްތައް ޔާނާގެ ހިތަށް ތީރެއް ފަދައިން ހެރުނެވެ. “ޔާނާ އާ ހެދި ބައްޕަ އެ ހާލުގައި އެ އޮތީ، ޔާނާ ޖެހޭނެ އެކަން ވިސްނަން!” ދޮންބެގެ މި ޖުމްލައާއެކު ޔާނާގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ބައްޕަގެ ބަލިހާލަތުގެ ޒިންމާ ޔާނާގެ ބޯމަތީގައި އެޅުވުމުން، އޭނާއަށް ކުރިއަށް ދާނެ މަގެއް ނުފެނުނެވެ.
ކިޔަމަންތެރިކަމުގެ ސިފަ ހުރި ޔާނާއަށް ޖެހުނީ ބޮޑު އިމްތިހާނަކާ ކުރިމަތިލާށެވެ. އެއްކޮޅުން އޭނާގެ ފުރާނަ ފަދަ ލޯބިވާ ކައިލްއެވެ. އަނެއްކޮޅުން ބަލި އެނދުގައި އޮތް ބައްޕަގެ އުންމީދުތަކާއި އާއިލާގެ މަޖުބޫރު ކުރުވުމެވެ. ލޯބިވާ މީހާއާ ދުރުވާން ޖެހުނަސް، ބައްޕަގެ އުފަލަށްޓަކައި އަމިއްލަ ނަފްސު ގުރުބާން ކުރަން ޔާނާއަށް މަޖުބޫރުވިއެވެ. އެއީ ހިތުގައި އަޅާނެ އެންމެ ބޮޑު ވޭން ކަން އެނގި ހުރެވެސްމެއެވެ.
ކައިވެނީގެ ތާރީޚު ކައިރިވަމުން އައި ވަރަކަށް، ކުރިން ފެނުނު ހިތްހެޔޮ، ސަކަ މިޒާޖުގެ ޔާނާ މުޅިން ބަދަލުވާން ފެށިއެވެ. އަމިއްލަ މަސައްކަތުގައި ހީވާގިކޮށް އުޅުނު ޔާނާގެ ކިބައިން ފެންނަން ފެށީ މާޔޫސްކަމެވެ. އާއިލާގެ މީހުންގެ ކުރިމަތީގައި ގަދަކަމުން ހިނިތުންވުމެއް ދައްކައިގެން އުޅުނު ކަމުގައި ވިޔަސް، އޭނާގެ އެތެރެހަށި ވަނީ ކަރުނައިން ފޯވެފައެވެ.
ޔާނާގެ ދިރިއުޅުން ކޮޓަރީގެ ހަތަރު ފާރުގެ ތެރެއަށް ހަނިވެގެން ދިޔައެވެ. ކުރިން އޭނާ ކުރަމުން އައި މަސައްކަތްތަކާއި، ދިރިއުޅުމާ މެދު ދެކެމުން އައި ފޮނި ހުވަފެންތައް ފުނޑުފުނޑުވެއްޖެއެވެ. ކޮންމެ ރެޔަކު އެކަނި އިނދެ ރުއިމަކީ އޭނާގެ އާދައަކަށް ވިއެވެ. ކައިލްއާ ވަކިވާން ޖެހުމުން ލިބުނު ފުން ހިތާމައާއި، ގަދަކަމުން ކުރަންޖެހޭ ކައިވެނީގެ ބިރުވެރިކަން އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ނަގާލިއެވެ.
ޔާނާއާއި ކައިލްގެ ގުޅުން ކެނޑިގެން ދިޔަ ވަގުތަކީ ދެމީހުންގެ ހިތަށް ކެތްކުރަން ދަތިވި ވަގުތެކެވެ. ވަކިވުމުގެ އެންމެ ފަހު ވަގުތު، ކަރުނުން ފުރިފައިވާ ދެލޮލާއެކު ޔާނާ ކައިލްއަށް ބުންޏެވެ. “ކައިލް، އަހަންނަށް ކަމެއް ކޮށްދެންޔާ މިކަންތައް ކޮށްލަދީ! ދީނީ ކަންކަމުގައި މަސްއޫލުވެގެން އުޅޭތި. ގޯސް ކަންކަމަށް ނުދާތި.” މިއީ ޔާނާ ކައިލްއާ ވަކިވަމުން ބުނި އެންމެ ފަހު ބަސްތަކެވެ. މި ބަސްތަކުން ވެސް ހާމަވެގެން ދިޔައީ، ޔާނާގެ ހިތުގައި ކައިލްއަށް އޮތް އިޚްލާޞްތެރި ލޯތްބާއި، އޭނާގެ ދިރިއުޅުން ބާއްޖަވެރިވުމަށް އެދޭ މިންވަރެވެ. ދެމީހުން ދެތަންވީ ކަމުގައި ވިޔަސް، ހެޔޮ ދުޢާއަކީ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައި ޔާނާ ޤަބޫލުކުރިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް، އާއިލާގެ އެދުމުގެ މަތިން ޔާނާއާއި މާއިޝްގެ ކައިވެނި ކުރެވިއްޖެއެވެ. އެއީ ކައިލްގެ ދިރިއުޅުމުގައި އައި އެންމެ ހިތްދަތި ވަގުތުކޮޅެވެ. ނަމަވެސް، މިއީ ތަޤުދީރުގައި ލިޔެވިފައިވާ ގޮތް ކަމަށް ޤަބޫލުކޮށް، ކައިލްގެ ހިތަށް ކެތްތެރިކަން ދިނެވެ. ޔާނާގެ ކިޔަމަންތެރިކަމާއި އަމިއްލަ ނަފްސުގެ ގުރުބާނީގެ ސަބަބުން، އާއިލާގެ މޫނުމަތީގައި އުފާވެރިކަން ފެނުނު ކަމުގައި ވިޔަސް، އެއީ އެއް އަންހެން ކުއްޖެއްގެ މުޅި އުމުރުގެ އުފާތަކުގެ އަގުގައި ލިބުނު އުފަލެކެވެ.
ޔާނާއާއި މާއިޝްގެ ކައިވެނީގެ ޙަފުލާ ކުރިއަށްދިޔައީ ނުލާހިކު ކުލަގަދަ އަދި އުފާވެރި މާޙައުލެއްގައެވެ. އާއިލާއާއި ރަހުމަތްތެރިންގެ ހުނުމާއި އުފާވެރިކަމުން މުޅި މާލަން ގުގުމަމުން ދިޔަ ނަމަވެސް، އެ މާލަމުގެ މެދުގައި އިން ޔާނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފެންނާކަށް ނެތެވެ. އޭނާ އިނީ އެންމެންގެ ތެރޭގައި އެކަނިވެފައެވެ.
ޔާނާ ލަންޑަން އަށް ބަދަލު ވުން
ކައިވެންޏަށްފަހު، މާއިޝްގެ ކިޔެވުމުގެ ކަންކަމަށް ޔާނާއާއި މާއިޝްގެ ދިރިއުޅުން އެއްކޮށް އިނގިރޭސިވިލާތުގެ ލަންޑަނަށް ބަދަލުވެގެން ދިޔައެވެ. ފިނިގަދަ މާޙައުލަކަށް ދިއުމުން، ޔާނާ ހީކުރީ މާހައުލު ބަދަލުވުމުން އޭނާގެ ހިތުގެ ހާލަތަށް ވެސް ބަދަލެއް އަތުވެދާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. ލަންޑަނުގެ ފިނިގަދަ ގަނޑުފެންތަކަށްވުރެ ޔާނާގެ ހިތް ވަނީ ބޮޑަށް ގަނޑުވެ، މަރުވެފައެވެ.
މާއިޝްއަކީ އޯގާތެރި، ރަނގަޅު ފިރިއަކަށް ވީނަމަވެސް، ޔާނާގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް ޖާގައެއް ނެތެވެ. ޔާނާގެ ދިރިއުޅުން ހޭދަވަމުން ދަނީ ހިމޭންކަމުގެ ތެރޭގައެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން، ވެހެމުންދާ ސްނޯއަށް ނަޒަރު ހުއްޓާލައިގެން އިންނަ އިރު، އޭނާގެ ހަނދާނަށް އަންނަނީ ކައިލްއާއެކު ހޭދަކުރި އުފާވެރި ދުވަސްތަކެވެ. އެ ދުވަސްތަކަކީ ދެން ދުވަހަކުވެސް އެނބުރި ނާންނާނެ މާޒީއެކެވެ.
މޫނުމަތިން އެއްވެސް ހިނިތުންވުމެއް ނުފެންނަ، ދިރިހުރި ބުދެއް ފަދައިން ޔާނާ އުޅެމުންދާއިރު، އޭނާގެ އާއިލާއަށް އަދިވެސް ހީވަނީ އެމީހުން ނިންމީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ، އާއިލާގެ އެ ބޯދާ ވިސްނުމުގެ ސަބަބުން، ހިތްހެޔޮ އަދި ކިޔަމަންތެރި އަންހެން ކުއްޖެއްގެ މުޅި ދިރިއުޅުން ވަނީ އަނދިރި އަނދަވަޅަކަށް ވެއްޓިފައެވެ. ލޯބިވާ މީހާއާ ދުރުވާން ޖެހުމުން ލިބުނު ޒަޚަމްތަކަކީ ދުވަހަކުވެސް ފަސޭހަވާނެ ޒަޚަމްތަކެއް ނޫނެވެ.
މިއީ ދުރުވާން ޖެހުނަސް، ހިތުގެ ފުންމިނުގައި އޮންނަ ލޯތްބާއި، އާއިލީ މަޖުބޫރުކަމުގެ މައްޗަށް ލިޔެވިފައިވާ ހަޤީޤީ ހާދިސާއެކެވެ. ޔާނާގެ ވާހަކައަކީ މިއަދުގެ މުޖުތަމަޢަށް ދޫކޮށްލި ފުން މެސެޖެކެވެ. އަންހެން ކުދިންގެ އިހުސާސްތަކާއި ރުހުމަކީ ކައިވެނީގެ ބިންގާ ކަމުގައި ވީހިނދު، ބޯދާ ވިސްނުންތަކުގެ ސަބަބުން އެ ކުދިންގެ ދިރިއުޅުން އަނދަގޮނޑިއަކަށް ފެއްތުމުގެ ނަތީޖާ ހިތިވާނެކަން މި ވާހަކައިން ހާމަވެއެވެ.
“ޔާނާ، ހާދަ ބޮޑު ވިސްނުމެއްގައި؟” މާއިޝްގެ އޯގާތެރި އަޑު ކޮޓަރީގެ ހިމޭންކަން މުގުރާލިއެވެ. ނަމަވެސް ޔާނާއަށް އެ އަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނާ ހުރީ ކުޑަދޮރުން ބޭރުން ފެންނަން އޮތް ފިނި އަނދިރިގަނޑަށް ގެއްލިފައެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް، މާއިޝް ޔާނާގެ ކޮނޑުގައި އަތް ޖައްސާލުމަށްފަހު، އަނެއްކާވެސް އެ ސުވާލު ތަކުރާރު ކުރިއެވެ.
ޔާނާ ސިހިފައި މާއިޝްއާ ދިމާލަށް ބަލާލިއެވެ. “ކަމެއް ނުވޭ،” ވަރަށް މަޑުމަޑުން އޭނާ ބުނެލިއެވެ. އަދި ހަމައެވަގުތު އަތުގެ ނުފުށުން، ލޮލަށް ޖަމާވެފައިވާ ކަރުނަތައް އަވަސްއަވަހަށް ފުހެލިއެވެ. މާއިޝްއަށް އެ މަންޒަރު ފެނުނެވެ. ނަމަވެސް އޭނާ އެއްޗެކޭ ނުބުނެ ޔާނާގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. މިހާރަކަށް އައިސް ޔާނާ އަބަދުވެސް އިންނަނީ އެފަދަ އެކަނިވެރިކަމެއްގެ ތެރޭގައެވެ. ކޮންމެވެސް ފުން ވިސްނުމެއްގެ ތެރެއަށް ޣަރަޤުވެފައެވެ.
މާއިޝްގެ ހިތަށް ލިބުނު ސިހުމާއެކު، އޭނާގެ ދެލޯ ފޯނުގެ ސްކްރީނަށް ހުއްޓިފައި ހުއްޓެވެ. “ލޯބިވާ ކައިލް” – އެ ނަން ފެނުމާއެކު، މިހާ ދުވަސްވަންދެން ޔާނާގެ މޫނުމަތިން ފެންނަމުންދިޔަ މާޔޫސްކަމާއި، އެކަނިވެރިކަމުގެ އަސްލު ސަބަބު މާއިޝްއަށް ސާފުވެގެން ދިޔައެވެ. އޭނާގެ ހިތުގައި ރިހުމެއް އުފެދުނު ނަމަވެސް، އެއަށްވުރެ ބޮޑަށް އޭނާ ހަމްދަރުދީވީ ޔާނާގެ ހާލަތަށެވެ.
އިރުކޮޅަކުން ޔާނާ ފާޚާނާއިން ނިކުތެވެ. މާއިޝް ފޯނު އަތަށްލައިގެން ހުރިތަން ފެނުމާއެކު ޔާނާގެ މުޅި މީހާ ފިނިވެގެން ދިޔައެވެ. އޭނާގެ ހިތް ބާރުބާރަށް ތަޅެން ފެށިއެވެ.
“ޔާނާ… މިހާރު މި އެނގުނީ ޔާނާ އަބަދު ވިސްނުމެއްގައި އިންނަ ސަބަބު،” މާއިޝް އޯގާތެރިކަމާއެކު ބުނެލިއެވެ. “ޔާނާގެ ފޯނަށް މީހަކު ގުޅި. އެއީ ލޯބިވާ ކައިލް. އެއީތަ ޔާނާ ހަޤީޤަތުގައިވެސް ލޯބިވާ މީހަކީ؟”
ޔާނާގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. އޭނާ އިސްޖަހާލީ ބުނާނެ އިތުރު އެއްޗެއް ނެތުމުންނެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތް މަތިން އޮހިގަތެވެ. މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ ބަރުދާސްތުކުރަން ދަތި ހިމޭންކަމެކެވެ.
“އައި އެމް ސޮރީ…” ޔާނާގެ އަނގައިން ނިކުތީ އެންމެ ތިން ބަހެވެ. އެ އަޑުގައިވަނީ ރިހުމާއި، މާފަށް އެދުމެވެ. “މަޖުބޫރުވެގެން މި ކައިވެނި ކުރަން ޖެހުނަސް، އަހަރެންގެ ހިތް ބަދަލެއް ނުކުރެވުނު. އަހަރެން މަސައްކަތް ކުރިން، ވަރަށް މަސައްކަތް ކުރިން މާއިޝްއަށް ވަފާތެރިވާން. އެކަމަކު ހިތަކީ އަމިއްލަ ބާރު ހިނގާ އެއްޗެއް ނޫން.”
މާއިޝް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާއަކީ ތަޢުލީމީ، ހޭލުންތެރި ޒުވާނަކަށް ވުމުން، މަޖުބޫރުކަމުގެ ތެރެއިން އުފާވެރިކަން ނުލިބޭނެކަން އޭނާއަށް ވިސްނުނެވެ. “ޔާނާ، އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން މީހެއްގެ މުޅި އުމުރު ބޭކާރުވެގެން ދާކަށް. ލޯބި ނުވާ މީހަކާއެކު އުޅުމަކީ ދެމީހުންނަށްވެސް ދެވޭ އަދަބެއް.”
ޔާނާ އިސްއުފުލާ މާއިޝްއަށް ބަލާލިއެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔައީ ހައިރާންކަމާއި އުންމީދެވެ. އާއިލާގެ ބޯދާ ވިސްނުމުގެ ސަބަބުން ދުރުވާން ޖެހުނަސް، ތަޤުދީރުގެ ކޮންމެވެސް ހިސާބަކުން އިންސާފު ލިބިދާނެ ކަމުގެ ކުޑަ އުންމީދެއް އޭނާގެ ހިތުގައި އުފެދުނެވެ. ނަމަވެސް، އޭނާގެ އާއިލާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ބައްޕަގެ ބަލިހާލަތާއި ދޮންބެގެ ހަރުކަށި ބަސްތައް އަދިވެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
ޔާނާގެ ހިތުގެ ކަނެއްގައި އަދިވެސް ވަނީ ކައިލްއަށް ދެވުނު ވަޢުދެވެ. “ދީނީ ކަންކަމުގައި މަސްއޫލުވެގެން އުޅޭތި.” އެއީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. މާއިޝްއަކީ ކިތަންމެ ރަނގަޅު މީހަކަށް ވިޔަސް، ޔާނާގެ ހިތް ވަނީ އެހެން ތަނެއްގައެވެ. މަޖުބޫރީ ކައިވެންޏަކުން ގުޅުވައިލެވުނު މި ދެ ފުރާނައިގެ ދެމެދުގައި އޮތީ ބޮޑު ފާރެކެވެ. ޔާނާގެ ކިޔަމަންތެރިކަމުގެ ސަބަބުން އާއިލާ އުފާވިޔަސް، އެ އުފަލުގެ އަގަކީ ޔާނާގެ މުޅި ދިރިއުޅުމުގެ ހިނިތުންވުމެވެ.
“އިރާދަކުރެއްވިއްޔާ ޔާނާގެ އުންމީދުތަކަށް އަހަރެން ތަސައްލީއެއް ގެނެސްދޭނަން،” މާއިޝް ވަރަށް ސާބިތުކަމާއެކު ބުނެލިއެވެ.
ލަންޑަނުގެ ކާރުބާރުބޮޑު މާހައުލުގައި، އެ ފިނި ރޭގަނޑުގެ ހިމޭންކަމުގެ ތެރެއިން މާއިޝްގެ ފަރާތުން ލިބުނު މި އޯގާތެރި ބަސްތަކުން ޔާނާގެ ހިތަށް ބަޔާންކުރަންދަތި އަސަރެއް ކުރިއެވެ. އޭނާ އިޚްލާޞްތެރިކަމާއެކު މާއިޝްއަށް ޝުކުރު އަދާކުރިއެވެ. ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ހިފެހެއްޓުމެއްނެތި ކޯތާފަތްމައްޗަށް އޮހުރިގެން ދިޔައީ އުފަލާއި ހިތާމަ މަސްހުނިވެފައިވާ ހާލަތެއްގައެވެ.
“މިއީ އަހަރެން ޔާނާގެ މައިންބަފައިންނަށް މަޖުބޫރު ކުރުވި ކަމެއް. އެއީ އަހަރެން ވެސް ޔާނާދެކެ އިންތިހާއަށް ލޯބިވާތީ،” މާއިޝް އިސްޖަހާލަމުން އިއުތިރާފުވިއެވެ. “އެކަމަކު މިއަދު އަހަންނަށް ވިސްނިއްޖެ، ލޯބިވުމަކީ ހަމައެކަނި އަމިއްލަ މިލްކަކަށް ހެދުމެއް ނޫންކަން. ލޯބިވާ މީހާގެ އުފަލަށްޓަކައި ގުރުބާންވުމަކީވެސް ލޯބިކަން.”
މާއިޝްގެ މި ވާހަކަތަކުން ޔާނާއަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އާއިލާގެ ބޯދާ ވިސްނުމާއި، މާއިޝްގެ ލޯބީގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ނަމަވެސް، މިއަދު އޭނާގެ ކުރިމަތީގައި އެ ހުރީ އެ ހުރިހާ ކަމެއް އިޞްލާޙުކުރަން ތައްޔާރަށް ހުރި އޯގާތެރި އިންސާނެކެވެ.
ޔާނާއަށް ކުރިން ހީވެފައި އޮތީ އޭނާގެ ދިރިއުޅުން ވަނީ އަނދިރި އަނދަވަޅެއްގައި ކަމަށެވެ. ނަމަވެސް މާއިޝްގެ ފަރާތުން ލިބުނު މި ހިތްވަރާއެކު، އޭނާގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. ދުރުވާން ޖެހުނަސް، ކައިލްއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯތްބާއި، އާއިލާއަށްޓަކައި އޭނާ ވީ ގުރުބާނީގެ އަގު މިއަދު ވަޒަންކުރެވޭނެ މަގެއް ފެންނަން ފެށިއެވެ.
ޔާނާ ރާއްޖެ އައުން
މާއިޝްގެ ވިސްނުމުގައި ޔާނާގެ ހިތް އެދޭގޮތަށް އޭނާއަށް ކައިލް ހޯދައިދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. ލޯބިނުވާ މީހަކާއެކު އުޅުމަށްވުރެ، އެކަކު އަނެކަކަށް އިޙްތިރާމާއެކު ވަކިވުން މާ އައުލާކަން މާއިޝްއަށް ވިސްނުނެވެ. ފާއިތުވި އަށް މަސްދުވަހުގެ ތެރޭގައި ޔާނާ އޭނާގެ ހިތުގެ މި ބޮޑު ސިއްރު ހިއްސާނުކޮށް ހުރީ އާއިލާއަށް އޮތް ކިޔަމަންތެރިކަމެއްގެ ބޮޑުކަމުންނެވެ.
ދުވަސްތަކެއް ފަހުން، ލަންޑަނުގެ ދިރިއުޅުން ނިންމާލުމަށްފަހު ޔާނާއާއި މާއިޝް އެނބުރި ރާއްޖެ އަތުވެއްޖެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބި ޔާނާއަށް ފެނުނީ އޭނާ ހީވެސް ނުކުރާ ފަދަ އުފާވެރި މަންޒަރެކެވެ. މީހުން ނިކުންނަ ދޮރުމަތީގައި އިންތިޒާރުގައި އެ ހުރީ އޭނާގެ ފުރާނަ ފަދަ ލޯބިވާ ކައިލްއެވެ.
ޔާނާ ހައިރާންވެފައި މާއިޝްއަށް ބަލާލިއެވެ. މާއިޝް ހިނިތުންވުމާއެކު ބޯޖަހާލީ އެއީ އޭނާ ރޭވި ރޭވުމެއްކަން އަންގައިދެމުންނެވެ. އެހިނދު ޔާނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކައިލްގެ ގާތަށް ހުއްޓުނެވެ. ދެމީހުންގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ.
“އައި އެމް ސޮރީ ފޯ އެވްރީތިންގް،” ޔާނާގެ އަޑު ނިކުތީ ކިރިޔާއެވެ. ކައިލް ލޯތްބާއެކު ޔާނާގެ ކޯތާފަތްމަތިން ފައިބަމުންދިޔަ ކަރުނަތައް ފުހެލަދިނެވެ. އެއީ ދުރުވާން ޖެހުނަސް، ތަޤުދީރުގެ ނިޔާގައި އަލުން ބައްދަލުވުމުގެ އުފާވެރި ވަގުތުކޮޅެވެ.
މާއިޝް ދުރުގައި ހުރެ އެ މަންޒަރު ބަލަމުން ދިޔައީ ހިތްހަމަޖެހުމާއެކުގައެވެ. އޭނާގެ ލޯބި ގުރުބާންކޮށްފައި ވިޔަސް، މަޖުބޫރީ ކައިވެންޏެއްގެ ކެކުޅުމުން ޔާނާ ސަލާމަތްކޮށްދެވުނީތީ އޭނާ އުފާކުރިއެވެ. މިއީ އާއިލާގެ ބޯދާ ވިސްނުމަށްވުރެ އިންސާނިއްޔަތާއި ހަޤީޤީ ލޯބި ކުރިހޯދި ހިނދުކޮޅެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

