Skip to content
އެސްފިޔަ

އަހަންނަކަށް ދުވަހަކުވެސް  ކަލާއެއް ނުލިބޭނެއެވެ.

ލޯބި އެހާ އަނިޔާވެރިކަން ކުރިން އެނގުނު ނަމަ ހަމަގައިމުވެސް އަހަރެން އެޔާއި ކައިރި ނުވީމުހެވެ.

*************************

އަހަރެން ކަލާ ދެކެ އިންތިހާ ލޯބިވީމެވެ.

ކަލާ ވެސް އަހަރެންދެކެ ލޯބިވިފަދައެވެ.

އެކަމަކު، އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެވެ.

 

އަހަރުމެން  ބައްދަލުވުމީ އިއްތިފާޤެކެވެ.

އެއް ހިޔާލުތަކެއް ހިއްސާކުރާ ދެ ފުރާނައެވެ.

އެތައް ސިއްރުތަކެއް ހިއްސާކުރެވުނު ދެ ހިތެވެ.

ސަބަބަކީ،  އަހަންނަކަށް ދުވަހަކުވެސް  ކަލާއެއް ނުލިބޭނެއެވެ.

 

މިއަދު ކަލާގެ އުޅުމާއި އުސޫލުކު ތިވަނީ އަހަންނާއި މާ ދުރުގައެވެ.

ވަކި މަނާޒިރެއްގެ ވަކި ދުނިޔެއްގައެވެ.

އާ ދުވަސްތަކާއި އާ މަސްތަކެވެ.

އާ އެކުވެރިންނެވެ. އާ ހަނދާންތަކެވެ.

ކަލާގެ ދިރިއުޅުން މިހާރު ކުރިއަށް ދާ ގޮތެއް އަހަންނަކަށް ނޭނގެއެވެ.

އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެވެ.

 

ކަލާ ހިނިތުންވެ އުފަލުގެ ކަރުނަ އަޅަންވީ ސަބަބެއް އަހަންނަކަށް މިއަދު ބުނެދޭކަށް ނޭނގޭނެއެވެ.

ކަލާގެ މޭގެ ރިހުމާއި ވޭންތަކާއި ހާސްވުމެއްވެސް ނޭނގޭނެއެވެ.

ކަލާއަކީ މިހާރު އަހަރެންގެ ފަލްސަފާގެ ބަޔަކަށް ނުވީތީއެވެ.

 

ނުވަތަ މި ހަޔާތުގެ ޔައުމިއްޔާއަށް ކަލާ ދުވަހަކުވެސް އައިސްފައި ނުވާތީއެވެ.

ސަބަބަކީ، އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެވެ.

 

ހިމަފޮދު ވާރޭ ވެހޭ އުސޫލުން އެ ޒަމާން ކުރެހި ނެގެއެވެ.

ބައެއް ފަހަރަށް ތި ތޫނު ބަލާލުމެވެ.

ބައެއް ފަހަރަށް އަސަރުގަދަ ޅެންބައިތެކެވެ.

ބައެއް ފަހަރަށް ހީސަމާސާ ކުރެވުނު ރެއެކެވެ.

އެއިން ކޮންމެ ސިކުންތަކު މިހިތުގެ ތެޅުން ހުއްޓެއެވެ.

އެކަމަކު، އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެވެ.

 

ހިވާ ކަހަލައެވެ. ދެން ކަލާގެ މަތިން ހަނދާން ކުރުމުގެ ހައްގެއް ނެތެއެވެ.

ހިވާ ކަހަލައެވެ. ކަލާގެ ރީތިކަން ފޮރުވާނެ ހަމަ އެންމެ ތަންކޮޅެއްވެސް ދިރިއުޅުމުގައި ނެތެވެ.

ކަލާއާއި ކަލާގެ ރީތި ސޫރަވެސް ވަނީ ހިމޭންކަމާއެކު ހިތުގައި ވަޅުލެވިފައެވެ.

ސަބަބަކީ، އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެވެ.

 

ކަލާ އަހަންނާއި ވަކިވީ ކީއްވެ ކަމެއްވެސް ނޭނގެއެވެ.

ހާލު އަހާލާނެ ފުރުސަތެއް ވެސް ނުލިބެއެވެ.

ހަމަ އެންމެ ސުވާލެއް ކުރާނެ ފުރުސަތެއްވެސް  ނުލިބެއެވެ.

ކަލާގެ ވަކިވުން ބަރުދާސެއް ނުކުރެވެއެވެ.

އެކަމަކު ދެން ކާލާގެ އަރިހަށް އާދޭސް ކުރަން ދާކަށް ނުވިސްނަމެވެ.

ސަބަބަކީ، އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެވެ.

 

މިއަދު އަހަންނަށް ކާލާގެ ހަނދާންތަކުން ކުރަނީ ފުން އަސަރެކެވެ.

ސަޖިދައަށް ތިރިވާ ކޮންމެ ފަހަރު ކާލާއަށް ދުއާ ކުރަމެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ކާލާވުމަށް އެދި اللهގެ ހަޒްރަތުގައި ދަންނަވަމެވެ.

ހެޔޮ ހާލުގައި ނުހަނު އުފަލުން އެހެން މީހަކާއެކު ވިޔަސްމެއެވެ.

ސަބަބަކީ، އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެވެ.

 

ފަހަރުގައި އަހަރެމެން މިއީ ބަޔަކު ދުން ހިޔާލީ ހުވަފެނެކެވެ.

ހާހަކުން ފަހަރު އަރާ ހަނދުކޭތައެއްގެ މިސާލެވެ.

މީހުން ދައްކާ ތޯތޯ ހިޔާލީ ފޯލާއެއް ވާހަކައެއްގެ މިސާލެވެ.

އެއީ ފަޅި ސިކުންތު ކޮޅެއްގެ ލޮތްބެކެވެ.

އެކީގައި ވުމަށް ލިބުނު އުންމީދެއް ނޫނެވެ.

ސަބަބަކީ، އަހަންނަކަށް ދުވަހަކުވެސް ކަލާއެއް ނުލިބޭނެވެ.

ނިމުނީ

ކިޔުންތެރިންގެ ސަމާލުކަމަށް

މިވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުގެ އެއްވެސް އެއްޗެއް ނުގެނެސްދެވި ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މާދަމާ ރޭގެ ވަގުތެއްގައި “އެވާރެއާއި” މުޅިން އާ ބައެއް ކިޔާލަން ލިބޭނެއެވެ. 🥰🫶❤️🥀☺️