Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަރިހުގާ – 4

Queenquill Level 210 Stories100 Login
March 19, 2026 5 Mins Read
0 Comments

ޒާންގެ އެތޫނު ބެލުމަށް ލޯއަމާޒު ކުރަން ނުކެރިފައި ނައިރާ ހުއްޓެވެ. ދޭނެ ރަނގަޅު ޖަވާބަކާއިމެދުގައި ވިސްނާށެވެ. ނައިރާއަށް ކުރިމަތިލައިގެން ހުރި ޒާންގެ ފަހަތުން ދެން ފެނުނީ، ދާނިޝްގެ ކޮޓަރި ބެލްކަނީގައި އެދިމާއަށް ނަޒަރު ހުއްޓައިލައިގެން ހުރި ދާނިޝްއެވެ. ނައިރާ ފިނިވިއެވެ. ޒާން ފަހަތަށް ބަލައިލަފާނެތީ ހިތްތެޅެނީއެވެ.

ދާނިޝްގެ ބެލުމުގައި ވަނީ ރުޅިވެރިކަމޭ ހީވެއެވެ. މާރަނގަޅަށް ސާފުނުވިޔަސް ހުރީ ވަރަށް ހިތްހަމަނުޖެހިފަހެން ހީވެއެވެ. ނައިރާގެ ނަޒަރު އެހެން ދިމާލަކަށް ހުރިކަން ފާހަގަވެގެން ޒާން އެނބުރިލިއެވެ. ނަސީބެކެވެ. އެއީ ހަމަ ދާނިޝް ގޮސް ކޮޓަރިއަށް ވަތް ވަގުތެވެ. ޒާންއަށް ދާނިޝް ފާހަގަނުވީ އެހެންވެއެވެ.

” އެއީ..އަސްލު މި ހީކުރެވުނީ ޒާން އެހެން ވާހަކައެއް ދައްކަނީކަމަށް. އެއްރޭ ދިހަގަޑި ބައިކަށްހާއިރު މިތާ މަގުމައްޗަށް ފިނިކޮށްލަން ނިކުތްތަނާ ބަޔަކު އައޭ… އެކަމު ދޮންބެ އައިސް އެމީހުން ފޮނުވާލީ.. އެހެންވެ ކަމެއް ނުވޭ ” ނައިރާ މޮޅު ގޮތަކަށް ވާހަކަ ހަމަޖައްސައިލިއެވެ. ޒާން ޝައްކުގެ ކަޅިއެއް އެއްލިނަމަވެސް އިތުރަށް އެވާހަކައެއް ނުދައްކައެވެ. ނައިރާގެ ކޮނޑުން ދޫކޮށްލުމަށްފަހު ކުޑަކޮށް ދުރަށް ޖެހިލިއެވެ. އެހެނަސް ޒާން ހުރީ ފުން ޚިޔާލެއްގައެވެ.

ނައިރާއަށް ބޭއިޚުތިޔާރުގައި ބެލެނީ ދާނިޝްގެ ކޮޓަރިއަށެވެ. ކަހާލެވިފައިހުރި އަޅި ކުލައިގެ ދޮރުފޮތިގަނޑުން އެތެރެ މާރަނގަޅަށް ފެންނާކަށް ނެތެވެ. އެހާ އަވަހަށް ދާނިޝް އެފިލަނީ ކިހިނެއް ބާއެވެ.

” މާވަރަކަށް ކޯއްޗެއްތަ ތިބަލަނީ؟ ” ޒާންއަށް އަނެއްކާވެސް އެކަން ފާހަގަވުމުން ސުވާލުކުރިއެވެ.

” ދެންމެ ވަރަށް ރީތި ކޮކާލެއް އެދިމާލުން ފެނުނީމަ..އަދިވެސް ފެނޭތޯ މިބަލަނީ ” ނައިރާ ކުޑަކޮށް ރަކިވެލައިފައި ބުންޏެވެ. ދޮގު ހަދަންވެސް ތިމަންނަ މޮޅުވެއްޖޭ ހިތަށް އެރުމުން ލަދުވެސްގަތެވެ.

” ނައިރާ ކަމެއް ފޮރުވާހެން ވަރަށް ހީވޭ..” ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒާން ވާހަކަދެއްކިއެވެ. ޒާންގެ މޫނުމަތީގެ ކުލަވަރު ހުރީ ކޮންމެވެސް ވަރަކަށް ބަދަލުވެފައެވެ.

” ތި ހީވާގޮތް..ޒާން ކޮންކަމަކާ މިކޮޅަށް އައިސް ތިހުރީ” ވާހަކަ ބަދަލުކޮށްލުމަށްޓަކައި ނައިރާ އެއްސެވެ. ޒާން ފުން ނޭވާއެއް ދޫކޮށްލަމުން އުޑަށް ބަލައިލިއެވެ.

” އޭނަ..މިބުނީ މަންމަ މާލެ އައީމަ..ކުޑަކޮށް އެކަނިވެލަން ބޭނުންވެގެން ” ޒާންގެ އަޑުގައިހުރި ހިތާމަ ނައިރާގެ ހިތަށް ތަދުކޮށްލިއެވެ. މާޒީގެ ޞަފުޙާތަށް ޚިޔާލުގައި ދަޢުރުކުރިއެވެ.

” ޒާން.. ރުޅި ނާންނައްޗޭ..އެކަމު ފަހީމައްތަވެސް ކޮންމެސް ރީޒަންއެއް އޮންނާނެ ކަންނޭނގެ.. ޒާން އެވާހަކަތައް އަޑުއަހަން އެކަމާ ކުރިމަތިލީމަ އެނގޭނީ ޙަޤީޤަތް ” ވަރަށް ނުކެރިހުރެފައި ނައިރާ ޒާންއަށް ވިސްނާދެވޭތޯ ބެލިއެވެ. ޒާން ނައިރާއަށް ބަލައިލިއެވެ.

” ތިވެސް ތެދެއް އެކަމަކު.. ފޭސް ކުރަން ބޭނުންވިޔަސް ނުކުރެވޭ. މަންމަ ފެނުނަސް ކުޑައިރުގެ ހުރިހާ ކަމެއް ހަނދާންވޭ.. ބޭނުމެއްނުވޭ އެއް ބިމެއްގަވެސް މަޑުކޮށްލާކަށް އެކީގަ…” މޮޅިވެރި ރާގެއްގައި ޒާން ކިޔާދިނެވެ. ވާނީވެސް އެހެންކަން ނައިރާއަށް އެނގެއެވެ. ނައިރާ ޒާންގެ އަތަށް ފިތާލީ ހިތްވަރުދިނުމަށެވެ. ޒާން ހިނިތުންވެލިއެވެ.

” ސޮރީ..ދެން އެވާހަކަ ނުދައްކާނީދޯ ” ނައިރާ ދެރަވެލައިފައި ބުންޏެވެ. ނޫނެކޭ ބުނާފަދައަކުން ޒާން ބޯހޫރުވާލިއެވެ.

ސިއްރުން އެމަންޒަރު ބަލަންހުރި ދާނިޝްގެ ދެލޮލުން ކަނި ބުރާފަދައެވެ. ނަފުރަތުގެ، އިންތިހާ ދަރަޖާގެ ދިލަކަނިން، އެހިތް އަނދަމުންދާތީއެވެ. ޒާންއަށް ދާނިޝް ބަލާލީ ދުޝްމިނަކުވެސް ނުބަލާނެހާ ރުޅިވެރި ބެލުމަކުންނެވެ. ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ހުސްކުރަމުންދިޔައީ މީހާ ހަމަޖެހޭތޯއެވެ. އެހެނަސް އެކަން ކާމިޔާބެއް ނުވެއެވެ. އަތުގައި އޮތް ރެޑްބުލް ދަޅު، ފިއްތާލުމަށްފަހު ފާރަށް ޖެހިއެވެ. ދޮރުފޮތިގަނޑު ކާރިކޮށްލާ، ކަހާލެވިފައިހުރި ބިއްލޫރި ދޮރުވެސް ލައްޕާލިއެވެ. ކޮޓަރީގައި މިހާރުވަނީ ވަރަށް ފަނޑު އަލިކަމެކެވެ. އޭސީ ސޯޅާގަ ހުރި އިރުވެސް ދާނިޝްގެ މޫނުމަތީގައި ދާތިކިތައް ވިދަމުން ދިޔައެވެ. އައިސްފައި ހުރި ރުޅީގެ އަސްލު ނޭނގޭތީ ދާނިޝް އަދި މާރުޅިގަދަވިއެވެ.

އެނދުމަތީގައި އޮތް ދާނިޝްގެ ފޯނު ރިންގުވާންފެށީ އެވަގުތުއެވެ. ޝައުޤެއްނެތި ދާނިޝް ފޯނުނެގިއެވެ.

” ދާނިޝް.. ކީއްވެތަ ފޯނު ނުނަގަނީ؟ ކޮންމެ ދުވަހަކު ކިހާ ވަރަކަށްތަ މިގުޅަނީ.. ކިހިނެއްތަ ވެގެންތި އުޅެނީ؟ ބުނެބަލަ..” ރިފާ ރޮމުންކަހަލަ ގޮތަކަށް ވާހަކަދެއްކިއެވެ.

” ކިހިނެއް ވެގެންތަ ތިއުޅެނީ؟ ބުނެފީމެއްނު ވާހަކަދައްކަން ބޭނުމެއް ނުވެޔޭ..ނުގުޅާށޭ! ” ނުރުހިފައި ދާނިޝް ބުނެލިއެވެ.

” ކައިވެނިކުރަން ހުރިހާކަމެއް ނިންމީމަތަ ތިގޮތަށް ކަންތައް ކުރަނީ؟ ” ރިފާ އަހާލިއެވެ.

” ކޮން ކައިވެއްޏެއްތަ! މަށެއް ނޫޅެމޭ ތިކަން ކުރާކަށް! ކަލޭ ބައްޕަ ކައިރީ ބުނޭ، ގަދަބާރުންނެއް ނޫނޭ މީހުން މީހުނާ އިންނަނީ! ” އައި ރުޅީގައި ދާނިޝް ފޯނު ހޫރުވާލީ، ކުރިމަތީހުރި ދިގު ލޯގަނޑަށެވެ. ބިއްލޫރިތައް ކުދިކުދިވެ މުޅިތަނަށް އަޑުފައްގަނޑުފެތުރުނެވެ.

ލައިގެންހުރި ހުރިހާ އެއްޗެއް އުކާލުމަށްފަހު ދާނިޝް ފެންމާގަނޑުގެ ދޮށަށްވަދެ، ފިނި ފެނުން ފެންވަރަންފެށިއެވެ. އެގޮތުގައި އެހެންހުރީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އުޑުމަތި ބަނަކޮށް އޮތުމުން ވަރަށް ހިތްފަސޭހައެވެ. ނައިރާ އުޅުނީ އެކުވެރިންނާއެކުގައި ރަށުތެރެ ބަލާލަން ނިކުމެއެވެ. ދެތިން ސައިކަލުގައި އެންމެން އެކުގައި ބުރުޖަހަނީއެވެ. ރަށުގެ ހިތްގައިމު މަގުތަކުންނެވެ. ދެން ދިޔައީ ނައުފަލް ބުނެގެން ބާބަކިއުގެ ކަންތައް ރޭވުމަށެވެ. އަންހެންވެރިންނަށް އޮތީ ވަކި ކަންކަން ހަވާލުކޮށްފައެވެ.

ސައިކަލުގައި އިން ޒާންއަށް ފޯނު ކޯލެއްގައި ހުރި ނައިރާ ފެނުމުން، ކައިރިޔަށް ގާތްކޮށްލިއެވެ. ނައިރާ ސިހިފައި ފަހަތް ބަލައިލިއެވެ. ފޯނު ބޭއްވުމަށްފަހުގައި ސައިކަލުގައި އަތުން ޖަހާލިއެވެ.

” ނައިރާއަށްދޯ ތަދު ވާނީ” ނިއް އަރުވާލަމުން ޒާން ބުންޏެވެ.

” ނުވޭ ތަދެއް..ސައިކަލަށާ ޒާންގެ ހިތަށާ ތަދުވާނީ” ނައިރާ ރައްދުދިނެވެ. ޒާން އެއްމިޔަކަނުން ހީލިއެވެ.

” ހިތަށް ތަދުވަނީ ނައިރާއަށް ތަދުވީމަ ” ފުން މާނަ އެކުލެވޭ އެޖުމުލައިން ނައިރާ ލަދުގަންނުވައިލިއެވެ. އިސްޖަހާލަމުން ތުންފަތުގައި ދަތްއަޅައިލެވުނެވެ. ޒާންއަށް އެސިފަޔާ ވަރަށް ގަޔާވެވުނެވެ.

” ހިނގާ..ޒާން އަންނަންދެން އެތިބީ ދޮންބެމެން ވެސް” ޖޯލިތަކާދިމާއަށް ހިނގައިގަންނަމުން ނައިރާ ބުނެލިއެވެ.

” މާ ޚާއްސަ ކޯލެއްވީމަތަ ތިހާ ދުރަށް އައީ؟ ” ނުސީދާކޮށް ޒާން އަހާލިއެވެ. ހިތުގައި އޮތް ސުވާލެވެ.

” ޒާން ރުޅި އައިސްދާނެތީ..އެވާހަކަ ނުދައްކަން މިހުރީ ” ނައިރާ ޒާންގެ އަތުގައި ހިފާ ހުއްޓުވިއެވެ. ޙައިރާންވެފައި ޒާން ބަލައިލިއެވެ.

” ޒާން.. ފަހީމާއްތަ ” އެހިސާބަށް ބުނެވުނުތަނާ ޒާން ނައިރާގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. ނައިރާގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިލިއެވެ.

” ޕްލީޒް.. ބޭނުމީ ތިކަމާ ދުރުގަ ހުރެލަން. ތިވާހަކަ ނުދައްކާ” ޒާން މަޑުމަޑުން ބުންޏެވެ. ނައިރާ އެއްބަސްވެ ބޯޖަހާލިއެވެ. ދެމީހުން އެކުގައި ނައުފަލްމެންގެ ގާތަށް ދިޔައެވެ.

” މަދަމާ ރެޔަށް ހުރިހާ ކަމެއް ފައިނަލް. އެކަކުވެސް ފަނި ނުހަދާތި، ފަނި ހަދާނީ މައިސަރާއޭނު އެހެންވެ..” ނައުފަލް ހިނިގަނޑެއް ޖަހާލިއެވެ.

ހައިޝަމްއަށްވެސް ހެވުނެވެ. މައިލާ ރުޅި އައިސްގެން ނައުފަލްއާ ދިމާއަށް ގާކޮޅެއް އެއްލިއެވެ.

” އެއްގާގަނޑުންޖަހާ ދެދޫނި މަރާލާ މައިސަރާދޯ މި” ނައުފަލް ކޮށިއެރި އިރުވެސް ހުނުމެއް ނުހުއްޓުނެވެ. އެންމެންވެސް މަޖާވެފައި އެމަންޒަރު ބަލަން ތިއްބެވެ. ނައިރާގެ ފަހަތުގައި ބޮޑީގާޑެއްހެން ދެޖީބަށް އަތް ޖަހައިލައިގެން ޒާން ހުއްޓެވެ. ވިކްރާމަށް ލޯއަޅައިގެންނެވެ. ނައިރާއަށް ބަލާވަރުން ޒާންހުރީ ރުޅިގަދަވެފައެވެ. ދާގޮތަށް ގޮސް ވިކްރާމުގެ ދެލޯ ނަގާފާނަމޭ ހިތަށް އަރައެވެ.

” ހިނގާ ދެންދާން..” މާގިނަ އިރު ޒާން އަކަށް ކެތެއް ނުވިއެވެ. ނައިރާގެ އަތުގައި ހިފައިގެން ހިނގާގަތެވެ. މައިލާއަށް އެހުރިހާ ކަމެއް ފާހަގަވިއެވެ. ނައުފަލްއަށްވެސް ވިސްނިއްޖެއެވެ. ޒާން ހުއްޓުވަން ނޫޅުނީ އެހެންވެއެވެ.

ނައިރާގެ އަތަށް ދަމަމުން ސައިކަލު ކާރިޔަށް އައިސް ޒާން ހުއްޓުނެވެ. އައިސްފައި ހުރި ރުޅީގައި ހިފެހެއްޓުނީ ފުދޭވަރަކަށް ބާރަށެވެ. އެކަންވެސް ވިސްނުނީ އިރުގަނޑެއްފަހުންނެވެ.

” ކިހިނެއްތަވީ ޒާން؟ އަބަދު ކޮންކަމަކާތަ ނައިރާދެކެ ތިހާތި ރުޅި އަންނަނީ؟ ” ނައިރާ ހުރީ ވަރަށް ދެރަވެފައެވެ. ޒާންގެ އެ ނުރުހުމުގެ އަސްލެއް ދުވަހަކު ނުބުނެއެވެ.

” ނައިރާ ދެކެ ރުޅިއެއް ނާދެއޭ…އެ ވިކްރާމް މާވަރަކަށް ބަލާތީ.. ދެން ހިނގާ ދާން” ޒާން ރުޅި ކޮންޓުރޯލުކުރެވޭތޯ ބެލިއެވެ. ސުވާލުތައް ގިނަވަމުންދިޔަ ނައިރާ ބަސްއަހައިގެން، ޒާންއާއިއެކުގައި ދިޔައީ އިތުރުގޮތެއް ނޯންނާނެކަން ވިސްނޭތީއެވެ. ސައިކަލުގައި ގެޔާ ހަމައަށް ދެވެންދެންވެސް ދެމީހުން ވާހަކައެއް ނުދައްކައެވެ. ގެކައިރިޔަށް އާދެވުންއިރު އިރުވެސް އޮއްސެނީއެވެ.

ޓެރެހުގައި އެމަންޒަރު ބަލަންހުރި ދާނިޝްއަށް މުށްކަވާލެވުނެވެ. އެތައް އިރަކުން މީހާގެ ނަފްސުހަމައަކަށް އެޅުވުމަށްފަހު، ބޯހަމަޖައްސައިލަން ހުރި ވަގުތު ފެނުނު މަންޒަރުން މުޅި ތަބީޢަތު ހަރާބުވިއެވެ. އެކަމަކު، ދާނިޝްގެ ހިތަށް އެވަނީ ކީއްހެއްޔެވެ؟ އެކަމަކާ ދާނިޝްއަކާ ކީއްބާއެވެ؟ ހިތުގެ ހައިޖާނުގައި ދާނިޝްގެ ވިސްނުންވެސް މުޅިން ވަހުތާނުން ފުރިއްޖެއެވެ. އަނެއްކާވެސް ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ހުލިކުރަންފެށީއެވެ.

އެނދުގައި އޮތް ނައިރާއަށް ހަމަ ވިސްނެނީއެވެ. ޒާންގެ އެ ޢަމަލުތަކަށެވެ. ނައިރާގެ ހިތުގައި އަބަދުވެސް ކޮންމެވެސް ވަރެއްގެ ޚާއްސަކަމެއް ޒާންްއަށް ވެއެވެ. ‘ލޯތްބެއް’ ކަމެއް ނުވަތަ ‘ޝައުގެއް’ ކަމެއް ބުނެދޭކަށް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ، ޒާންއަށް ދެރައެއް ލިބެން ހިތް ނޭދޭކަމެވެ. ޒާން ރުޅި އައުމުން އެކަމާ ދެރަވެ މާޔޫސްވެވޭކަމެވެ. އަދި ޒާން ފެނުމުން އުފާވެސްވާކަމެވެ. ނައިރާއަށް އެހުރީ ލޯބިވެވިފަ ހެއްޔެވެ؟ ހިތުގެ ހައިޖާނުން އެއްކިބާވެލުމަށް، ނައިރާ ފޯނުން ޓިކްޓޮކް ރީލްސް ބަލަންފެށިއެވެ.

އިޝާ ނަމާދުކޮށްގެން އައިސް ގެޔަށް ވަތް ޒާން އެތެރެއަށް އެޅި ފިޔަވަޅުގައި ހުއްޓުން އެރިއެވެ. ސޯފާގައި އިން ފަހީމާ ފެނިފައި ދެބުމަ ގާތްކޮށްލެވުނެވެ. ވިސްނުނީ ދެނެވެ. ނައިރާ ބުނަން އުޅުނު ވާހަކައަކީ އެއީއެވެ.

” ދަރިފުޅާ ޒާން…” ފަހީމާ ތެދުވެ ޒާންއާ ކުރިމަތިލިއެވެ. ޒާން އެއްވެސް ބަހެއް ނުބުނެއެވެ. އެހުރިގޮތަށް ހުރީއެވެ. ފަހީމާ ދެރަވެފައި ބަލައިލިއެވެ.

” މަންމައަށް ފުރުޞަތެއްދީ..” ފަހީމާގެ އަޑު ބެދުނެވެ.

” ދަރިޔަކު ހުރިކަން ހަނދާންވީ މިއަދުތަ؟ ” ރުޅިވެރިކަމާއެކު ޒާން ބުންޏެވެ.

” ތިހީކުރަނީ ރަނގަޅަކަށް ނޫން.. ކަންކަންވީގޮތް ދަރިފުޅަކަށް ނޭނގޭނެ” ފަހީމާއަށް ރޮވުނެވެ.

” ކޮންމެކަމެއް ކޮންމެގޮތަކަށްވިޔަސް، އަމިއްލަ ދަރިއަށް އެހެންހެދުމުގެ ޙައްޤެއް ނޯންނާނެ!” ޒާން ހަޅޭލަވައިގަތެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮރުވަން ވަރަށް ހިތްވަރުކުރަމުންނެވެ.

” ޒާން! ތީތަ މަންމައާ ވާހަކަދައްކާނެ ގޮތަކީ؟” ކޮޓަރިން ނިކުތް ރިލްވާން ބާރަށް އަހާލިއެވެ. ޒާންގެ ހިތަށްވަނީ ބަޔާންކޮށްދޭން ނޭނގޭ ތަދެކެވެ.

” މަންމައޭ؟ މަންމައަކަށްވާނެތަ ވިހާފަ އެއްލާލިޔަސް؟ މަންމައަކަށް ވޭތަ އެންމެ ބޭނުންވި އުމުރުގަ ރޮއެރޮއެ އޮއްވަ ދުރަށް ކޮއްޕާލި މީހަކު؟” ރުޅިއާ ހިތާމަޔާއެކު ޒާންގެ ޙާލަތު ދިޔައީ ގޯސްވަމުންނެވެ. ރިލްވާންއަށް އެކަން ވިސްނުނެވެ. ދަރިފުޅުގެ އެވޭން އެނގެއެވެ. ވަރަށް ހިތުގައި ޖެހިފައިހުރެ ރިލްވާން ޒާންގެ ކޮނޑުގައި ހިފާލިއެވެ. ރިލްވާންގެ އަތް ފޮޅުވާލުމަށްފަހު ޒާން ބޭރަށް ނިކުމެއްޖެއެވެ. އޭރު ޒާންގެ އެސްފިޔަތަކުގެ ނިވަލުގައި ގައިދުކޮށްލި ކަރުނަތައް އޮހެމުންދިޔައެވެ. ސައިކަލަށް އަރާ އެންމެ ބާރު ސްޕީޑުގައި ދުއްވާލީ ވަކި މަންޒިލެއްވެސް ބަލާފައެއް ނޫނެވެ.

” އަހަރެން މިހިތަށް އަރަނީ ޒާން ކިހިނެއްބާއޭ ހަދާނީ ފަހީމާ ފެނުނީމަ؟ ” ފިކުރުބޮޑުވެފައި އިން ހާމިދާ ވާހަކަދެއްކީ ފައިސަލްއާއެވެ. ރިލްވާނުމެންނާއި އެކުގައި ތިންދުވަހަށް ފައިސަލްވެސް ރަށަށް އައިސްލީއެވެ. ހާމިދާ އެކަމާ ވަރަށް އުފާކުރެއެވެ.

” ޒާން ގޮތްދޫކޮށްފަ އެވާހަކަތައް އަޑުއެހުން އެކަމުގެ ހައްލަކީ..އެކަން ހަމަޔަކަށް އެޅުނީމަ އަހަރެމެންގެ އުންމީދުތަކުގައިވެސް ކުލައެއް ޖެއްސޭނީ ” ފައިސަލް އެބުނި ވާހަކަ ނައިރާއަށް ނުވިސްނުނަސް ނައުފަލްއަށް އެނގުނެވެ. ހާމިދާވެސް ބޯޖަހައިލިއެވެ. ނައިރާ މާމަޑުމަޑުން އިނދެ ގުޅަމުން ދިޔައީ ޒާންއަށެވެ. ޒާންއާއި މެދުގައި ވިސްނޭތީއެވެ. މަންމަގެ ލޯބިން ކުޑައިރުންފެށިގެން މަޙުރޫމުވި ޒާންގެ ޙާލު އެންމެ ގާތުން ދެކުނު އެކަކީ ނައިރާއެވެ.

ނައުފަލް ނިދަން ވަތްވަގުތު ބަލާފައި ނައިރާ ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ.

” ޒާން ފޯނެއްވެސް ނުނަގައޭ..ދޮންބެ ދޭބަލަ ޒާން ފެނޭތޯ” ނައިރާ ހުރީ ހާސްވެފައެވެ. ނައުފަލް ވެސް ޒާންއަށް ވަރަށް ގުޅިއެވެ. މިހާރު އޮތީ ފޯނުވެސް ނިއްވާލާފައެވެ.

އޭގެ އިރުކޮޅެއްފަހުން ނައުފަލްއަށް ގުޅީ އެއާރޕޯޓުގައި މަސައްކަތްކުރާ ރައްޓެއްސެކެވެ. ޒާން މާލެ ފުރިވާހަކަ އަންގާލުމަށެވެ. ޒާންއަށް ވަގުތު ދިނުމަށްޓަކާ އެންމެންވެސް ގުޅުން ހުއްޓާލީއެވެ. އެހެނަސް ނައިރާއަށް ޒާންގެ މެސެޖެއް ލިބުނެވެ. ފޯނު ނުނެގުނީތީ މަޢާފަށްއެދި ޒާން ދާތަނާއި އަދި އެކަން އެއްވެސް މީހަކަށް ނޭންގުމަށް އެދިފައިވެއެވެ. ވަރަށް އަވަހަށް ނައިރާއާ ބައްދަލުކޮށް ވާހަކައެއް ބުނާނެކަމަށާ، އިންތިޒާރުކުރުމަށް ލިޔެފައިއޮތެވެ. ނައިރާގެ ހިތަށް އެވަރުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އެހެނަސް، ޒާން އެބުނަން އުޅެނީ ކޮންވާހަކައެއްތޯ އެހުމަށް ކެތްމަދުވިއެވެ.

ދަންވަރުގެ ވަގުތެވެ. ނިދިފައި އޮތް ނައިރާއަށް ހޭލެވުނީ ބަނޑަށް ތަދުވާތީއެވެ. ނިދަން އުޅެނިކޮށް ޕީރިއަޑްވުމުން ނައިރާހުރީ ބަލިވެފައެވެ. އެއީ އެދުވަސްވަރު ނައިރާއަށްވާ ގޮތެވެ. ރިއްސާވަރުން އޮންނާނެ ގޮތެއްވެސް ނޭނގިގެން އެންމެފަހުން ތެދުވީއެވެ. ކުޑަކޮށް ހިނގާލީމަ ރަނގަޅުވެދާނެއޭ ހިތާ ގޯތިތެރެއަށް ނިކުމެލިއެވެ. އޭރު ވަރަށް ތުނިތުނިކޮށް ވާރޭވެސް ވެހެމުންދިޔައެވެ. މުޅި ޖައްވުގައިވަނީ ފިނިހިފާލާފައެވެ. ލައިގެން ހުރި ޓީޝާޓާއި ސޯޓުގައި، ނައިރާ ވަރަށް ހީގަތްފިއެވެ. އެނބުރި ކޮޓަރިއަށްދާން ބޭނުންވިޔަސް ހިތް އެދުނީ އެހެން ކަމެކެވެ. އެއީ ދުވަމުންދިޔަ ސިނގިރޭޓު ވަހަށް، ބޭރު ބަލައިލުމުގެ ޝައުގެވެ. ބައްޕަ ހޭލަފާނެތީ އެބިރުވެސް ހިތުގައި އޮތެވެ.

އަސްކަނި ދަށުގައި ހުރި ނައިރާ ވަރަށް މަޑުމަޑުން ގޭޓު ހުޅުވައިލިއެވެ. ވަގަކު އުޅޭހެން ބޭރަށް ބޯދިއްކޮށްލިއެވެ. ސިއްސައިގެން ގޮސް ނައިރާ ކަހާލީ، އައި ނާތަނެއް ނޭނގި ދާނިޝް ކުރިމައްޗަށް އެރުމުންނެވެ. ވެއްޓެންދިޔަ ނައިރާ ސަލާމަތްކޮށްލީ ދާނިޝްގެ ބާރުގަދަ އަތުގެތެރޭގައެވެ. ނައިރާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ދާނިޝްއާ އެހާގާތުގައި ހުރެ ހަތަރުކަޅި ހަމަވުމުން އެކުރެވޭ އިޙުސާސަށް ދޭނެ ނަމެއް ނޭނގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ

Next

ދެވުނީ ވޭނޭ 54

Next
March 19, 2026

ދެވުނީ ވޭނޭ 54

Previews
March 19, 2026

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ



All Right Reserved!