ބުރަ ހަޔާތުން އިބްރަތެއް
ރޯދަމަސް އަންނާތީ އުފާ ނުކުރަނީ ކާކުހެއްޔެވެ. ރޯދަ މަހާ ބައްދަލްކޮށްލުމުގެ ފުރުސަތު އަލުން ލިބުމަކީ ކިހާ ބޮޑު ނިއުމަތެއްތޯއެވެ. އާ އަޒުމަކައިގެން ތިބާގެ ނަފްސު އިސްލާހުކޮށްލުމަށް އަލުން ލިބޭ ފުރުސަތު އިސްރާފްނުކޮށްލަން މަސައްކަތްކުރަމާތޯއެވެ.
މުސްތަފާއަކީ މެދު އުމުރުގެ ޒުވާނެކެވެ. މަސައްކަތްތެރި ހީވާގި ވަޑާންކުރަން މޮޅަށް ދަންނަ މީހެކެވެ. އެތައް ބަޔެއްގެ މަސައްކަތްތައް ނަގައިގެން ބުރަކޮށް އުޅެލުމަށް ކޮންމެ ދުވަހަކުވެސް މުސްތަފާ ނުކުންނަނީ ފޮނި އުންމީދުގައެވެ. ނަމަވެސް މުރާލި މުސްތަފާގެ ދެރައީ އެންމެ ތަންކޮޅެކެވެ. އޭނާއަކީ ނަމާދަށް ވަރަށް ފަރުވާކުޑަ މީހެކެވެ. ހުކުރަށްވެސް ބައެއްފަހަރު ނުގޮސް ނިދަން އޮންނާއެވެ. ބަންގިގޮވާ އަޑު ކަންފަތަށް ނުވެސް އިވެނީއެވެ. ގޭ ކައިރީ ހުންނަ މިސްކިތައްވުރެ އޭނާއަށް ފެންނަނީ ކެފޭއެވެ. ނަމާދު ގަޑިޔަކީ އޭނާ ކޮފީބޯ ވަގުތެވެ. ކައިބޮއެހަދާވެސް ވަގުތެވެ. މީހަކަށްފަހު މީހަކާ ބައްދަލުކުރަމުން ގޮސް މަޢްރިބް ނަމާދު ފާއިތުވެ އިޝާއަށް ގޮވުމުން ނޫނީ އޭނާ އިން ގޮނޑިން ހިއްލާވެސް ނުލާނެއެވެ. ހުކުރު ދުވަސް އައިސްފިނަމަ ހޭލާނީ މެންދުރު ފަހު އަސުރާ ގާތްކޮށްފައެވެ. މިކަމާ މުސްތަފާގެ މަންމަ ވަރަށް ކަންބޮޑުވެ ނުރުހުން ފާޅުކުރެއެވެ. ނަމަވެސް މުސްތަފާއަކަށް އަޑެއް ނުއިވެއެވެ.
ކޮންމެ އަކަސް މާތްވެގެންވާ ރަމަޝާންމަސް ވަރަށްވެސް ގާތްވެއްޖެއެވެ. މުސްތަފާގެ މަސައްކަތްތައް ބުރަވެ މީހުން ނަގަން މަޖުބޫރުވެއްޖެއެވެ. މިގޮތުން ބަންގްލަދޭޝްއަށް ނިސްބަތްވާ މުނީރު ނަގައިފިޔެވެ. މުނީރަކީވެސް މުރާލި މީހެކެވެ. މަސްތަފާއަށް ވަކި ދޫނުކުރެއެވެ. ނަމާދު ގަޑި ޖެހުމުގެ ފަސްމިނެޓް ކުރިން މުނީރު މިސްކިތަށް އަރައެވެ. ޖަމާއަތުގައި ބައިވެރިވެއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ދިހަ މިނެޓް ޙަތިމް ނަގައިގެން ކިޔަވާލާފައި ފައިބައެވެ. މަސައްކަތް ނިންމާލުމަށްފަހު އަބަދުވެސް ގިނަވަގުތު ހޭދަކުރަނީ މިސްކިތުގައެވެ. ނިދި އައިމަ ނޫނިއްޔާ ގެޔަށްވެސް ނުދާނެއެވެ. މުސްތަފާއަށް މުނީރުގެ ކަންތައް ކުރާގޮތް ފެނިފައި އަޅާނުލާ ހުރެއެވެ.
ރޯދަމަސް އައިސް ޖެހިއްޖެއެވެ. މުސްތަފާމެންގެ މަސައްކަތް ފައްޓަނީ ހެނދުނު ނުވައެއް ޖެހުމުންނެވެ. މުނީރުވެސް ގަޑިޔަށް އައިސް އެއްވެސް ޝަކުވާއެއް ނުކޮށް މަސައްކަތްކުރަމުންދިޔައެވެ. މެންދުރު ނަމާދަށް ގޮވަން ގާތްވެއްޖެއެވެ. މުނީރު މަސައްކަތް ހުއްޓާލިތަނުން މުސްތަފާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ދުލަށް އައިހާ މުޑުދާރު ބަސްތައް ކިޔަމުންދިޔައެވެ. ނަމަވެސް މުނީރު އެއްޗެކޭ ނުބުނެ ނަމާދަށް ދިޔައެވެ. ގޮސްފައި އައިސް މަސައްކަތް ފަށައިގެންދަނިކޮށް އަސުރު ވަގުތު ޖެހުނެވެ. ނަމާދަށް ދިޔުމަށް ނުކުންނަނިކޮށް މުސްތަފާ އައިސް ވަރަށް ބާރަށް މުނީރު ކޮނޑުގައި ހިފާ އެތެރެޔަށް ދަމައިގަނެ އެއްޗެހި ކިޔާ ނަމާދަށް ދާން ހުރަސްއެޅިޔެވެ. އަދި ގޮސްފިނަމަ ދެން ނަޔަސް ވަރިހަމަކަމަށް ބުނިއެވެ. ލޮލުން ކަރުނަ ބާލާ ހާލު މުނީރު އެތަނުން ނުކުމެގެންދިޔައެވެ. މުސްތަފާ ދެން ތިބި މީހުންނާގެން މަސައްކަތްކުރަމުން ގޮސް ފަހެއް ޖެހި ތަނުން މަސައްކަތް ނިންމާލިޔެވެ. އެއަށްފަހު ގެޔަށް އައިސް ރޯދަ ވިއްލައިގެން ނިދާލަން އޮށޯތެވެ. މިހެން އޮއްވާ ހުވަފެނެއް ފެނިއްޖެއެވެ. އެއްވެސް އަލިކަމެއް ނެތް ކަޅު އަނދިރިތަނެއްގައި މުސްތަފާ ހުއްޓެވެ. ކުއްލިޔަކަށް އަޑަކުން ބުނާއަޑު އިވުނެވެ ” މިހިރަ ފެންނަ ދަހި އިންސާނާ. ކަލެޔަށް ހަލާކުހުރި. ކަލެއަށް ހުރިހާ އެއްޗެއް މިންވަރުކުރިއިރު މާ ﷲ އަށް ލޯބިކުރާ އަޅަކު އަޅުކަން ކުރުމަށް ހުރަސް އަޅަނީތަ؟ “. ދެން މުސްތަފާއަށް އިވެންފެށީ މީހުން ހަޅޭއްލަވާ އަޑެވެ. މުޅި މީހާ ފުރަގަހުން ވަރުގަދަ ހޫނުގަނޑެއް އައިސް ޖެހެންފެށިޔެވެ. ބިރުން ތުރުތުރު އަޅާ ހާލު މުސްތަފާ ފަހަތް ބަލާލިއިރު ވަރުގަދަ އަލިފާންގަނޑެއް ފެންނަން ހުއްޓެވެ. އެ އަލިފާންގަނޑުތެރޭ މީހުންތައް އަންދަމުންދެއެވެ. އެ އަލިފާންގަނޑު ކުއްލިޔަކަށް އައިސް މުސްތަފާ ވަށާލިޔެވެ. އެއަށްފަހު ގާތްވަމުންގޮސް މުޅި ގައިގަ ހުޅު ހިފާފިޔެވެ.
ނިދިފައި އޮތް މުސްތަފާ ހަޅޭއްލަވަމުން ތެދުވިޔެވެ. މުސްތަފާގެ މަންމަ ދުވަމުން އައިސް މުސްތަފާ ކައިރީ އިށީނުމާއެކު އަޑުން އަޑުނަގާ ރޮއެ ހޭރެންފެށިޔެވެ. އަދި މަންމަ ގައިގަ ބައްދާގަނެ ހުރިހާ އެއްޗެއް ކިޔާދިނެވެ. އަވަސް އަވަހަށް ވުޝޫކޮށްލައިގެން ގޭގައި ތައުބާ ނަމާދުކޮށް ދަމު ނަމާދަށް ދިޔުމަށް ހިނގައިގަތެވެ. މިސްކިތަށް ދިޔައިރު އެންމެ ފުރުތަމަވެސް ދިމާވީ މުނީރުއާއެވެ. ވަގުތުން މައާފްއަށް އެދި ހުރިހާއެއްޗެއް ކިޔާދިނެވެ. މުނީރު ވަރަށް ހައިރާންވެފައި ހުރެގެން މުސްތަފާއަށް މައާފުކުރިޔެވެ.
ޖެހިގެން އައި ދުވަހުން ފެށިގެން މުސްތަފާއަކީ ބަދަލުވެފައިވާ މީހެކެވެ. ބަންގި ގޮވުމުގެ ބައި ގަޑިއިރު ކުރިން މަސައްކަތް ހުއްޓާލާ އެންމެން ނަމާދަށް ފޮނުވައެވެ. މުސްތަފާވެސް ވަގުތަށް ނަމާދަށްދެއެވެ. އެންމެ ނަމާދެއްވެސް ވައްޓާނުލައެވެ. މަދުވެގެން އެއް ގަޑިއިރު ކޮންމެ ނަމާދަކަށްފަހުވެސް ހަތިމް ނަގައިގެން ކިޔަވަން އިނދެއެވެ. އޭނާ ނަމާދަށް ގޮސް ލަސްވެއްޖެނަމަ މަސައްކަތުގެ ކަންތައް ބަލަހައްޓަނީ މުނީރުއެވެ. އެ ދެމީހުންގެ ރަހްމަތްތެރިކަމަކީ މުޅި އުމުރަށް ދެމިގެންދާނެ އެއްޗެކެވެ.
– ނިމުނީ –


