Skip to content
އެސްފިޔަ

އިސްލާހު 1

މެންދަމުން އަލިވެ ދެއެއް ޖެހީއެވެ. ހަމަހިމޭން ކަމުގެ ތެރޭގައި އިވެމުން ދިޔައީ ހަމައެކަނި ފަންކާގެ އަޑެވެ. ސިޓިންރޫމް ސޯފާގައި އިށީންދެލައިގެން އަހަރެން އިނީ ނިދީގެ ސަބަބުން ތާޔާ ޖެހިޖެހިއެވެ. އިރު އިރުކޮޅާ ލޯ ހުޅުވައި ލުމަށްފަހު ފާރުގައި ހަރުކޮށްފައި ހުރި ގަޑިޔަށް ބަލައިލަމެވެ. ގަޑީގެ ކަށިތައް ހިނގަމުން ދާލެއް ލަސްހެން އަހަންނަށް ހީވެއެވެ. ނޫނެކެވެ. ޔަގީނެވެ. ގަޑީގެ ކަށި ލަހުން ހިނގަނީ އަހަރެން މިވަރަށް ބަލާތީ ކަންނޭނގެއެވެ. އެކަމަކު ނުބެލޭނެ ހެއްޔެވެ؟ ހަމަ ގައިމުވެސް އާދައިގެ މަތިން ކޮންމެ ރެއަކު، އަހަރެން މި އިންތިޒާރު ކުރަނީ ބޭކާރު ކަމަކަށް ނޫނެވެ. އެޔަށް ވުރެ ބޮޑަށް އަހަރެންގެ ހިތުގައި ވަނީ އުންމީދެކެވެ. އަހަރެންގެ ފިރިމީހާ، މާއިލް ގޭ ތެރެއިން ފެނިލުމުގެ ނިހާއީ އުންމީދެވެ.

ކުއްލިޔަކަށް އިވުނީ ދޮރުގެ ތަޅަށް ތަޅުދަނޑި ޖަހާ އަނބުރާލި އަޑެވެ. އެ އަޑު އިވުމުން ހީވީ އަހަރެންގެ ހަށިގަނޑުގައިވި ނިދީގެ ވަރުބަލި ކަން މުޅިން ފިލާ ދިޔަހެނެވެ. ބާރު މިނުގައި އަހަންނަށް ހިނގައި ގަނެވުނީ އެތެރެއަށް ވަދެގެން އައި މާއިލް އާއި ދިމާލަށެވެ.

“މާއިލް!.. މާއިލް!.. މިރޭ ވެސް..؟……. ކިހިނެއް ވެފަ ތިހުރީ؟” މާއިލް ފެނުމާއި އެކު، އަހަރެން އަޑަށް ބާރު ލަމުން މާއިލްގެ ކޮނޑުގައި ހިފާ ތަޅުވާލީމެވެ.

“ކައޭ…. އަދިވެސް ނުނިދަންތަ؟ މަ މިރޭވެސް ޕާޓީ ކޮއްލީ.. ވަރަށް ހަބޭސް ބްރޯ.” އަހަރެންގެ އުނަގަނޑުގައި ދެއަތުން ހިފައްޓާ ބާރު ކޮށްލަމުން މާއިލް ބުނެލީ އޭނާގެ މޫނު އަހަރެންގެ ކަންފަތާއި ކައިރި ކޮށްލަމުންނެވެ.

“މާއިލް!…. މިރޭވެސް…؟ އަޅެ އަހަރެން މިވަރަށް ނަސޭހަތް ދޭ އިރުވެސް ތިކަން ހުއްޓައެއް ނުލަންތަ؟” މާއިލްގެ އަނގައިން ދުވި ނުބައި ވަހުގެ ސަބަބުން އަހަރެން ކުޑަކޮށް މާއިލް އާ ދުރަށް ޖެހިލީމެވެ.

“އިތޫ!… ކައެ ވެސް މަށާ އެކީ ޕާޓ….” މާއިލްގެ ޖުމްލަ ފުރިހަމަ ނުވަނީސް އަހަރެން މާއިލްގެ ކޮލުގައި ވަރަށް ބާރަށް ޖަހައިލީމެވެ.

ދެ ފައިކޮޅުގައި ވަރެއް ބާރެއް ނެތި ހިނގަމުން ދިޔަ ގޮތަށް މާއިލް ގޮސް ސޯފާއަށް ޖެހިގަތެވެ. އޭރު މާއިލް ދިޔައީ ތަދު އިހްސާސް ވަމުން ދިޔަ އޭނާގެ ކޮލުގައި އަމިއްލަ އަތުން ފިރުމަމުންނެވެ.

މާއިލް އާއި ދިމާ ސޯފާ ކައިރިއަށް އަހަރެން ހިނގައިގަތީމެވެ. އޭރު، އަހަރެންގެ ދެ ލޮލުން ނީރާލި ކަރުނަތައް ވިދާ ބަބުޅަމުން ދިޔައެވެ. އެހެނަސް އެއީ އެއްވެސް އަގެއް ނެތް ކަރުނަ ތިކި ތަކެއްކަން އަހަންނަށް އެނގެއެވެ. ހަ އަހަރު ވީއިރު ކޮންމެ ރެއަކު އަހަރެން މާއިލް އަށް މިހެން އިންތިޒާރު ކުރަމެވެ. މާއިލްއަށް ޓަކައި ކަރުނަ ތިކިތަކެއް ބޭރު ކުރުމަކީ ކޮންމެ ރެއަކު އަހަރެންގެ ޒިންމާއަކީ ހެއްޔެވެ؟

“މާއިލް!… އަހަރެން ކޮންމެ ރެއަކު އާދޭސް މިކުރަނީ… ތި ބޭކާރު އުޅުން ދޫކޮށްލަ ބަލަ.. މިހާރު އަހަރެން މިހެން އާދޭސް ކުރާތާ ހަ އަހަރު ވީ… އަޅެ އަހަރުމެންގެ ތިން ކުދިންގެ ހައްގުގަ ތިކަން ހުއްޓާލަ ބަލަ. މާއިލް!… މާއިލް އެންމެ ފަހަރަކު ވެސް ވިސްނާލަބަލަ. މާއިލް ތިހެން އުޅޭތީ އަހަންނަށް ހާދަހާ ކަންކަމެއް އުނި ވެޔޭ.. އަހަރުމެންގެ ދަރިންނަށް މާއިލް ދޭންވާ ވަގުތާ، ލޯތްބާ، އަޅާލުން…. މާއިލް! އަހަރެން ވެސް ބޭނުން މާއިލްއާ ކުދިންނާ އެކީ ވަރަށް ލޯބި ވަގުތު ތަކެއް.” މާއިލް ގާތު ސޯފާ ކައިރި އިށީންދެ އިނދެ އަހަރެން ވާހަކަ ދައްކަމުން ދިޔައީ މާއިލްގެ އަތްތިލައިގައި ހިފައިން އިނދެއެވެ.

“އިތޫ!… ދެން ދޭބަޔަ ނިދަން…” އަހަރެންގެ ބުރަކަށީގައި އަތް އަޅާ ކޮށްޕާލަމުން މާއިލް ބޭނުންވީ އަހަރެން ފޮނުވާލާށެވެ.

“މާއިލް!… މިރޭ ނޫނިއްޔާ ކޮންމެ ރެއަކު ވެސް އަހަރެން މާއިލް ފަހަތުން… މާއިލް ތި ކުރާ ކަންތައްތައް ބަލަން ހިނގާތާ ހަތް މަސް ވީ.. އަހަރެން ކިހާ ގިނައިން މާއިލް އަށް ފާރަ ލާކަން މައިލް އަށް ވެސް އިނގޭނު. މާއިލް!… ޕްލީޒް… އަހަންނަށާއި މާއިލްގެ ލޯބި ލޯބި ދަރިންނަށް ތިހެން ނުހަދާ.. އެކުދިންގެ ޝަކުވާތައް ކޮންމެ ދުވަހަކު އަހަރެން އެބަ އަޑު އަހަމޭ. އަހަންނަށް ހާދަ އަސަރު ކުރެޔޭ.. މާއިލްއަށް އެނގޭތަ؟… ނިދާ ވަގުތު އެކުދިން މާއިލް މަތިން ހަނދާން ވާވަރު… ހާދަ ސުވާލެއް ކުރެއޭ… އެންމެ ފަހުން އެކުދިން ކުރިމަތީ އަހަންނަށް ރޮވޭތީ ވެސް މިހާރު އެކުދިންނަށް ފެނޭ. އަހަރެން ކިހިނެއް އަބަދު މިކަން ސިއްރު ކުރަނީ..؟” އަނެއްކާވެސް އަހަރެން ބެލީ މާއިލަށް ވިސްނައި ދެވޭތޯއެވެ.

“އިތޫ!. މަ ވަރަށް އަވަހަށް ރަނގަޅު ވާނަމޭ. ނުވިސްނަބަޔަ ތިވަރަށް.” އަހަރެން ހަމަ ޖައްސަން އަނެއްކާވެސް މާއިލް އެއްޗެކޭ ބުނެލިއެވެ.

“ނުވިސްނާ ހުންނާނީ ކިހިނެއް؟ ތިކަމަކާ ހެދި މާއިލްގެ ހަށިގަނޑުގަ އަމިއްލަ އަށް ކޮޅަށް ތެދުވެ ހުންނާނެ ވަރު އެބަހުރިތަ؟ ރަނގަޅަށް ހިނގާ ލެވެނީ އެއް ނޫން. އަނގައިން ބުނާ ކޮންމެ ބަހެއްވެސް ބުނާ އިރު ދުލުގަ ބާރެއް ނުހުރެ އެއްނު؟. ދެން ބަލާބަލަ ތިހިރަ ދެ ލޯ.. ރަނގަޅަށް ލޯ ވެސް ހުޅުވެނީއެއް ނޫން. ދެލޯ ރަތްވެފަ… ދެ ކޯ ވަޅު ވަދެފަ…  ދެން ކިހިނެއް ސިކުނޑިއަށް އެއްޗެއް ވިސްނޭނީ؟… ހަމަ ކޮންމެ ރެއަކު ބުނާނެ ވަރަށް އަވަހަށް މި ރަނގަޅު ވަނީއޭ.” އަހަރެން ރޮމުން އާދޭސް ކުރަމުން ދިޔައިމެވެ.

“އޭތް! މަގޭ ބޮލަށް އުނދަގޫ ނުކޮށް، ހަމަ މިހާރު މިތަނުން ނައްޓާޔާ..” ދުލުގައި އެއްވެސް ވަރެއް ނެތަސް މާއިލް ހަޅޭއް ލަވައިގަތެވެ.

“ނުދާނަން. އަހަރެން މިރޭ މިތާކުން ނުދާނަން. ކޮންމެ ރެޔަކު މާއިލް އާ މިގޮތަށް އަހަރެން ހަނގުރާމަ ކުރަންޖެހޭ. އެކަމު ރަނގަޅު ވާތަނެއް ނުފެނޭނު. ކޮންމެ ރެއަކު އަހަރެން އާދޭސް ކުރަން. އެކަމު މާއިލް އިވޭކަމަކަށް ނުހަދަމެއްނު. ހެޔޮޮ ވަނީ ކިހިނެއް؟ މާދަމާ މިއޮތީ ހުކުރު ދުވަސް… މާއިލަށް އިނގޭ ނޫންތަ ތި ކުރެވެނީ ހަރާމް ކަމެއްކަން. ތި ހޯދާ ފައިސާ އާ ތި ކުރާ ކަންކަމަކީ ހުސް މުޑުދާރު ކަންކަމޭ… ތި ގެންނަ މުޑުދާރު ފައިސާއިން އަނބި ދަރިންނަށް ކާންދެވެނީ އަލިފާން ކަމެއް ނޭނގޭތަ؟…. ކޮންމެ ރެއަކު މިހެން ވާހަކަ ދައްކާ ދައްކާ މިހާރު އަހަރެން މުޅިން ވަރުބަލި ވެއްޖެ މާއިލް…” އަހަރެންގެ ހިތާމަ ތަކުގެ ތެރެއަށް ރުޅިވެރިކަން އެކުވިއެވެ.

އަހަރެން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ބޭނުން ނުވާތީ މާއިލް ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އަހަންނާއި ހެދި ބޯ ގޮވީ ކަންނޭނގެއެވެ. ނޫނީ އަހަރެން ދެއްކި ވާހަކަ ތަކަށް އަޅާލުމެއް ނެތި ނިދަން ދިޔައީއެވެ.

ގަޑިން ހަތަރު ގަޑި ބައިވި އިރުވެސް އަހަރެން އިނީ ހޭލައެވެ. ސޯފާގައި އިށީންދެލައިގެން އިން އިރު އަހަރެންގެ ސިކުނޑީގައި އެނބުރެނީ އެކި ކަހަލަ ހިޔާލުތަކެވެ. މާއިލް އެކަމުން ސަލާމަތް ކުރުމަށް ކޮންމެސް މަގެއް ހޯދަން އަހަރެން ބޭނުމެވެ. އެރޭގެ ބާކީ ވަގުތު ތަކުގައި އަހަރެން ވިސްނަމުން ދިޔައީ ކޮންމެސް ގޮތެއް ހޯދާ އެކަން ހައްލު ކުރެވޭނެ ގޮތެކެވެ.

އިރުގެ އަލިކަން ދުނިޔެއަށް ފާޅުވަމުން ދިޔައެވެ. އަރާމު ތަންމަތި ތަކުގައި ނިދާފައިވާ މީސްމީހުން އެމީހުންގެ ތަންމަތި ދޫކޮށް ތެދުވަން ފަށާ ވަގުތު ޖެހުނީއެވެ. އާދައިގެ މަތިން އަހަރެން އުޅުނީ ބަދިގެ ތެރޭގައެވެ. އެންމެ ހެނދުނުގެ ސަޔަށް ކޮންމެ ދުވަހަކު ވެސް އަހަރެން ބިސްގަނޑު އަޅަމެވެ. ތިން ކުދިންނާއި އަހަރެންގެ ހެނދުނުގެ ނާސްތާ އަކީ އެއީއެވެ.

ސައި ތައްޔާރު ކުރުމަށް ފަހު އަހަރެން ތިން ކުދިންނަށް ގޮވީމެވެ. އަހަރެންގެ ކޮންމެ ގޮވާލުމަކަށް އެކުދިން ވަރަށް އަވަހަށް އިޖާބަދެއެވެ. އަދި އަހަރެންގެ ކޮންމެ އެދުމެއް އެކުދިންނަށް ވީވަރަކުން ފުރިހަމަ ކޮށްދެވޭތޯ ބަލައެވެ. އެއީ އަދަބުވެރި ތިން ކުދިންނެވެ. އަޚްލާގުގެ ގޮތުން އަހަރެންގެ ދަރިންނަކީ އަހަންނަށް ކައިވެނީގެ ހަޔާތުގައި ލިބިފައިވާ ހަމަ އެކަނި އުފަލޭ ބުނެވިދާނެއެވެ. ނުވަތަ އެއީ އަހަންނަށް ލިބުނު އަގު ހުރި ނިޢުމަތެކެވެ.

“މަންމާ! މިއަދު އަޅުގަނޑު ހުކުރަށް ދާން ލާނީ ހުދު ކުރުތާ.” ތޭރަ އަހަރުގެ ނާއިފު ބިސްގަނޑު ކަމުން ބުނެލިއެވެ.

“މިއަދު ވެސް ކޮއްކޮ ހުކުރަށް ދާންވީ ދޮންބެ އާ އެކީތަ؟ އެހެން ކުދިން ހުކުރަށް ދަނީ އެކުދިންގެ ބައްޕަ އާއި އެކީ.. ކޮއްކޮ މި ޖެހޭނީ ކޮންމެ ނަމާދަކަށް ދޮންބެ އާ އެކީ ދާން.. އަޅުގަނޑު ވެސް ބޭނުން ބައްޕަ އާއި އެކީ ހުކުރަށް ދާން..” ދިހަ އަހަރުގެ ނަވާފު ޝަކުވާ ކުރީ މާއިލް އެކުދިންނާއި އެކު ހުކުރަށް ނުދާތީއެވެ.

“ދަރިފުޅާ! މަންމަ ވެސް ބައްޕަ ގާތު ވަރަށް ގިނައިން އެބަ ބުނަން ތިވާހަކަ. އިރާދަ ކުރެއްވިއްޔާ ބައްޕަ އަށް ވަރަށް އަވަހަށް ވިސްނޭނެ.” އަހަރެން ބުނެލީ މަޢުސޫމު އަޑަކުންނެވެ.

“މަންމާ! ބައްޕަ އެ ހަދަނީ ވަރަށް ބޮޑު މިސްޓޭކެއް. އެއްވެސް ގޮތަކަށް ބައްޕަ ނަމާދެއް ނުކުރޭ..” އަނެއްކާވެސް ނަވާފު ބުނެލިއެވެ.

އެވަގުތު އިވުނީ ގޭގެ ބޮޑު ދޮރުގައި ޓަކިޖެހި އަޑެވެ. އެ އަޑު އިވުމާއި އެކު ނާއިފް ހިނގައިގަތެވެ. ދޮރު ހުޅުވުމަށް ޓަކައެވެ. ނާއިފްގެ ފަހަތުން އަހަރެން ހިނގައިގަތީ ހަތަރު އަހަރުގެ ނައުފާ އިން ގޮނޑި ނަވާފު ކައިރިއަށް ޖައްސާލުމަށް ފަހުގައެވެ.

ނާއިފް ދޮރު ހުޅުވާލުމާއި އެކު އަހަރެންގެ މޫނު މަތިން ފާޅުވީ ހާސްކަމުގެ އަސަރެވެ. ހަދާނެ ގޮތް ހުސްވެ އަހަރެންގެ ހަރަކާތްތައް އަވަސް ވިއެވެ. އަހަރެން ބެލީ ވީ އެންމެ އަވަހަކަށް ނާއިފް އެތަނުން ފޮނުވައިލެވޭ ތޯއެވެ. އެހެން ނަމަވެސް އަހަރެންގެ ހަރަކާތް ތަކަށް ވުރެ ބާރު މިނުގައި ކުރިމަތީ ހުރި މީހާގެ ދޫ ހަލުވި ވިއެވެ.

“ކޮބާ އިލޮއްޓޭ؟ އެ ގޮލާ ކައިރި ބުނެބަޔަ ރަމްޕެ އެބަ ހުއްޓޭ ހޯދަން އައިސް.” ދޮރު ކަނީގައި އަތް އަޅުވާލައިން ހުރި މީހާ ވަރު ނެތް ދުލަކުން ވާހަކަ ދައްކަމުން ބުނެލިއެވެ.

“ނާއިފް! ދޭ ބަލަ ކޮއްކޮމެން ގާތަށް.” ނާއިފް އާ ދިމާލަށް ހިނިތުން ވެލަމުން އަހަރެން ބުނީ ހާސްވެފައި ހުރެއެވެ.

އަހަރެންގެ ބަހަށް ނާއިފް އެއްވެސް ޖުމްލައެއް ބުނުމެއް ނެތި އެމީހާ އާއި ދިމާލަށް ބަލަމުން ބަލަމުން ކާގެއަށް ދިޔައެވެ.

“ކޮން އިލޮއްޓެއް ކިޔާކަށް؟ ކޮންމެ މީހެއްގެ ވެސް ނަމެއް އޮންނާނެ..” ހިތް ހަމަ ނުޖެހޭ މިންވަރަށް ނިއްކުރިޔަށް ރޫ އަރުވާލަމުން އަހަރެން ބުނެލީމެވެ.

“މާއިލް ދޯ.. ބުނަންތަ؟ މިހާރުވެސް މާއްޓޭ ކިޔާ މީހެއް އުޅޭނެ ގޭންގް ގަ. އެހެންވެ މާއްޓޭ ނުކިޔަނީ.. ދެން “އިލް” ނުކިޔާން ވެގެން ސަޅި ކޮށްލާފަ އިލޮއްޓޭ މި ކިޔަނީ.. ފަހަރި އަށް ހަޑިތަ އެނަން. ނިކް ނޭމް އެކޭ އެއީ….. އެ އޯކޭ ވާނެ. ދެން ގޮވާ ދީބަޔަ.” އަމިއްލަ އަށް މަޖާ ވަމުން ރަމްޕެ ބުނެލިއެވެ.

“ނުގޮވާނަން… ބަލަ ރޭގަ ވެސް ކަލޭމެން ކައިރި އުޅެފަ ދޯ މާއިލް އައީ.. މާއިލް ކަލޭމެނާ އެކީ އެދަނީ އަހަރެންގެ ނުގަބޫލުގަ. ބުނަންތަ ވާހަކައެއް؟ ކަލޭމެންގެ ތި ރީތި ހުތުރު ސިފަ އާއި ޔޯ ގޮތްގަނޑު އަހަރެންގެ ކުދިންނަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫން. ބޮލުގަ ހުޅި ޖަހާފަ… ކަންފަތް ހައެއްކަ ތަނުން ތޮރުފާފަ.. ނުވިތާކަށް ނޭފަތާ، ދުލާ، ބުމަ އަށް މުދި ލައްވާފަ.. އުޅޭ ފާޑެއް ދޯ… މި ގެއިން ނުކުމޭ.. ހަމަ މިހާރު ނުކުމޭ..” ރަމްޕެ އަށް އަހަރެން އިންޒާރު ދިނީމެވެ.

“އިތޫ!… ރަމްޕެ! ކައެ ކީއްކުރަން މިތަނަށް ތި އައީ؟ މަގޭ ނާއިފަށޭ ތިގޮލާ އެ ފެނުނީ.. އެ ކުއްޖަ މަށަށް ގޮވި އިރު އެހުރީ ބިރުން. ކައޭ ފެނިފަ މީހަކު ހޭނެތި ދާނެ. މަ ބުނިން ދޯ ކައެމެން ކައިރި މަ ފޯނު ނުނެގިޔަސް މާ ހޯދަން ގެއަށް ނާންނާށޭ.” ހިތްހަމަ ނުޖެހިފައި ހުރެ މާއިލް ބުނެލިއެވެ.

“މަ ގޮލާ ކިތައް ފަހަރަށް ގުޅައިފިން… ތިގޮލާ ފޯނު ނުނެގީމަ ދޯ މަ މި އައީ.. އާދެބަޔަ ދާން..” އަނެއްކާ ވެސް ރަމްޕެ ބުނެލިއެވެ.

“އިތޫ!… އެބަ އަންނަން.”  އަހަންނާ ދިމާލަށް ހަތަރު ކަޅި ހަމަކޮށްލަން ނުކެރުނަސް މާއިލް ބުނެލިއެވެ.

“އޭތް! ކޮންމެހެން ކޮންމެ ފަހަރަކު ކީއްކުރަންތަ މާއިލް ގޮވައިން ތި ދަނީ؟.. މި ފަހަރު ތި ދާ ތާކަށް ގެންދަން ވީނު އަހަރެން.. މާއިލް ހުރެބަލަ ކުދިން ގާތުގަ. އަހަރެން އަންނާނަން ރަމްޕެ އާއި އެކީ ގޮސްލާފަ.” މާއިލް އާއި ދިމާލަށް ބަލައިލަމުން އަހަރެން ބުނެލީމެވެ.

މާއިލް އާއި ރަމްޕެ އިރުކޮޅަކަށް ހުއްޓުން އެރިއެވެ. އަހަރެން ބުނި ވާހަކައިގެ ސަބަބުން އާޝޯޚުވެފާއި ތިބެ އެމީހުން ދިޔައީ އަހަންނަށް ބަލަމުންނެވެ. ޚާއްސަކޮށް އަހަރެންގެ ފިރިމީހާ މާއިލްއެވެ.

“އިތޫ! ކީއްކުރަން އިތޫ ދަނީ؟ އިތޫ އަކަށް ނޭނގޭނެ ރަމްޕެ ކަހަލަ މީހުން އުޅޭ ގޮތެއް. އައްޑާއަށް ގެންގޮސް ކޮންމެ ކަހަަލަ ގޮތެއް ވެސް ހަދާލަފާނެ. ގޭގަ ހުރޭ… މަ އެބަ އަންނަމޭ..” އަހަރެންގެ ކަންފަތް ދޮށަށް މާއިލްގެ ތުންފަތް ކައިރި ކޮށްލަމުން ސިއްރުން ބުނެލިއެވެ.

– ނުނިމެ –

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. 🎭

    Masha Allah vrh reethi story eh❤️✨
    Curiously waiting for the next🩶✨
    Keep it up👏

    1. Shaleen
      🎭

      Varah bodah shukuriyyaa 🙂
      V ufaavejje story reethi vaahaka buneleema.. ♥️
      Next part maadhamaa up kolladheynan in sha Allah…

  2. Anonymous

    Nice sty

    1. Shaleen
      Anonymous

      Thanks 👍

  3. Anonymous

    Pro story eh thw mee??

    1. Shaleen
      Anonymous

      Nooon… Hama free story eh mee . 🤗
      Kuru vaahaka eh. Kiyaalahcheyyyyyy…

  4. Anonymous

    How many episodes ge story eh mee?

    1. Shaleen
      Anonymous

      Maadhamaage episode keema nimunee.. ehaaves kuru story eh mee..
      Ummeedhu kuran mi vaahaka kuru viyas kiyaa kudhinnah rangalhu ibrathei libeyne kamah..
      ♥️♥️♥️

  5. Your fav bab

    ey yo! Mi part vrh salhi💗💗
    Shaleen gandu ge vhk always keeps me entertained 😁
    Maail hama tha? E soru dhiyas rangalhu ekm ithoo gos kamaku nudhey!
    Curious to know what happens next?
    Waiting for next?
    Ly and stay safe

  6. Shaleen

    Hi 👋
    Hehehe…Ufaaveri comment eh Hama
    Umugun shukuriyyaa 🙂
    Dhen maadhamaage part kiyaaleema ingeynennu dho mi vaagoy .
    Ummeedhu kuran mulhin vaahaka v v hih Hama jeheyne kamah..

    Ly ♥️♥️♥️

  7. Maash

    Heyy shaleen..
    Mi vhk vx shaleen ge ehen vhk thakekey ehfadha in vrh reethi maasha Allah.. vhk nimeyiru maail islaahu vaane kamah mi balany😭.. mihaaruge mujuthamau ge haalatha vrh gulhey vaahaka eh.. curiously waiting for the next part💜

    1. Shaleen
      Maash

      Yes Maash
      Hingaa balamaa
      Islaahu vanee kihinei tho dho..
      Mee Hama Muhammad ge haalathu mihaaru
      Dhen inthizaaru kollaa maadhamaa ah
      In sha Allah up kollaanan
      Btw
      Ufaaverikan ihsaas vejje comment kiyaaleema. 🙂
      V barukoh shukuriyyaa

Comments are closed.