ވާރޭގެ ތެރެއިން 4
“ނިކަން އަވަހަށް އަހަރުމެން ހަނދުވަރުގެއަށް ގެންގޮސްދީ..” ރުޅި އައުމުގެ ސަބަބުން ލަމްހާމެން އަޑު ވެސް ތުރުތުރު އަޅައެވެ. ޒައިދް ލޯގަނޑުން ފަހަތުގައި ތިބި ލަމްހާމެންނަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯ ހީވީ ތަރަތަރަޖަހައިގެންދިޔަހެނެވެ.
“އަދި މަގުތަކަށް ވަރަށް އާވާނެ. މަގު ބުނެލަދީ..” ޒައިދް އެއިން ގޮތަށް ލޯގަނޑުން ލޫނާގެ މޫނަށް ބަލައިލަމުން ބުންޏެވެ.
“ލިންކް ރޯޑް…” ޖަވާބުދިިނީ ލޫނާއެވެ. ހިނިތުންވެލަމުން ޒައިދް ކާރުދުއްވާލިއެވެ. ކޮން މަގެއްހޭ އޭނާ އެހީ އެ ގެ ނޭންގޭތީއެއް ނޫނެވެ. “ހަނދުވަރު” ގެ އަކީ އެރަށުގެ އެންމެންނަށް ވެސް އިނގޭ ގެއެކެވެ. ނޭންގޭ މީހަކުނެތޭ ބުންޏަސް ހަމަގައިމުވެސް ދޮގަކަށް ނުވާނެއެވެ. އެ ގޭގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެގެއަކީ ލޫނާ ދޮންބައްޕަގެ މުނިމާމަގެ ގެއެކެވެ. ލޫނާ ދޮންބައްޕަގެ މުނިމާމަ އަކީ މުޅި އަތޮޅުވެސް ފަންޑިތައާއި ސިހުރުހާހޫރައަށް ނަން މަޝްހޫރު މީހެކެވެ.
އެގެއިން ފާޑު ފާޑުގެ އެއްޗިހި ފެންނަ ވާހަކައާއި އެ މުނިމާމަ މަރުވި ގޮތުގެ ވާހަކަ އަޑު އަހައިފި މީހަކަށް އެރޭ ލޮލުފިޔައެއް ނުޖެހޭނެއެވެ.
ޒައިދްގެ މަޤުޞަދަކަށްވީ ލޫނާ ލައްވާ ވާހަކަ ދެއްކުމުވެ. ލޫނާގެ މިލްކުގައިވާ ސިފައިގެ ހިތްގައިމުކަމާ އެއްވަރުގެ ޖަޒުބާތީ އަޑެއް ލިބިފައިވޭތޯއެވެ. އެ އަޑުވެސް ރީއްޗެވެ. ޒައިދް އަށް ހީވީ އޭނާގެ ހިތުގެ އެންމެ ހިމަ ނާރުގައި ލޫނާ ކުޅެލީހެންނެވެ. އޭރު ތުނިކޮށް ވާރޭވެހެން ފަށައިފިއެވެ. ފަހަތުސީޓްގައި އިން ލޫނާއަށް ޒައިދް ލޯގަނޑުން ބަލަމުން މަޑު ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައީ ކުރު މަގުތައް ވީހާވެސް ދިގު ކުރަމުންނެވެ.
“ޑުރައިވަރު….. އަލަށްތަކާރަކަށް އަރައިގެން ތިއުޅެނީ. ލިންކް ރޯޑްވެސް ނުދަންނަންދޯ” މަގުތައް ދިގުވެ ދަތުރު ލަސްވާގޮތް ހީވުމާއި ލަމްހާއަށް ހިމޭނަކުން ނީންދެވުނެވެ.
“ކާރަކަށް އަލެއް ނޫން. އެކަމަކު ޓެކްސީ މިކުރަނީއަލަށް.” ޒައިދް ހިނިތުންވެލަމުން ބަލައިލީ ލޫނާގެ މޫނަށެވެ. އޭރު ލޫނާއަށްވެސް އިނދެވުނީ ޒައިދްއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
ލަމްހާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ގެއަށްދާށެވެ. ނަމަވެސް ލޫނާ އެއާ ޙިލާފެވެ. ލޫނާގެ ހިތް އެދެނީ ދަތުރު ވީހާވެސް ދިގުވުމަށްށެވެ. އެހާ އަވަހަށް އެ ޒުވާނާ ލޯމަތިން ގެއްލުމަކަށް އޭނާގެ ހިތެއްނޭދެއެވެ. ނޫނެކެވެ! އޭނާ އެކަންޏެވެ ނޫނެވެ. އެއީ ޒައިދް ފެންނަ ކޮންމެ މީހެއްގެ ވެސް ހާލަތެވެ. އެއްވެސް އިޙުސާސެއްނުވާ ލަމްހާ އެދެމުން ދަނީ ދަތުރު އަވަސް ވުމަށެވެ. ޔަޤީނެވެ. ފަހަތުސީޓްގައި އިންގޮތުން އޭނާއަކަށް ރަނގަޅަކަށް އެ ޒުވާނާ އެއް ނުފެނެއެވެ. ޙަޤީޤަތުގައިވީވެސް އެހެނެވެ. އެއްވެސް ވަރަކަށް ލަމްހާއަކަށް ޒައިދް ގެ މޫނެއް ނުފެނެއެވެ.
ގޭ ކައިރިއަށް ކާރު މަޑުކޮށްލުމާއެކު، ލަމްހާ ފަންސާސް ރުފިޔާ ގެ ނޫޓެއް ދިއްކޮށްލިއެވެ.
“މިއީ ހިލޭ ދަތުރުކުރާ ޓެކްސީއެއް.” ލަމްހާ އަށް ޒައިދް ގެ މޫނު ފެނުނީ އެވަގުތެވެ. ހަމައެއާއެކު، ލަމްހާމެން ޙަރަކާތްތައް ހުއްޓުނުކަހަލައެވެ.
“ތޭންކްސް….” ލަމްހާ ޝުކުރުއަދާކުރަމުން ކާރުން ފޭބިއެވެ. ލޫނާ ވެސް ގެއަށް ވަންނަން ހިނގައިގަތެވެ.
އަތްދަބަހާއި ފޯނު މަތިން އޭނާ ހަނދާންވީ، ގެއަށް އައިސް ރައްޓެއްސަކަށް ގުޅަން އުޅެނިކޮށްށެވެ. “މަންމާ….. އަހަރެންގެ ފޯނާ އަތްދަބަސް ނުދެކެންތަ.? އަނެއްކާ ކާރުތެރޭ ބާއްވާފައި އާދެވުނީކީ ނޫންބާ? ލޫނާ މަންމަ ގާތު އެހުމަށްފަހު އަމިއްލަ ހިތާވެސް ސުވާލުކޮށްލިއެވެ..
(ނުނިމޭ)
5 Comments!
Comments are closed.




Love your stories dude
Keep It up
Thank you nah❤️✨
Vrh reethi ❤️
vrh vrh vrh vrh reethi ur story…. looking forward for the next part.. my fav author <3
Thank you✨