ވާނުހޭ ގާތުގާ- އަށްވަނަ ބައި
ނިދިފައި އިން ޢަމާރާއަށް ހޭލެވުނީ ކާ އެއްޗެހި ހިފައިގެން އައިސް ކެބިން ކްރޫ ކުއްޖަކު ގޮވާލީމައެވެ. އަވަހަށް ތެދުވެ ގޮނޑީގައި ހަމަޖެހިލީ ބަނޑުހައި ވެފައި ހުރިވަރުންނެވެ. ޖެހިގެން އިން ގޮނޑިއަށް ބަލައިލިއިރު އެތާނގައި އެއްވެސް މީހެއް ނެތެވެ. އަވަސް އަވަހަށް ކައިގެން ޢަމާރާ އަނެއްކާވެސް އޮށޯތީ ނިދާލާށެވެ. އޮށޯންނަމުން ގަޑި ބަލާލިއިރު އަދިވީ ފުރިތާ 3 ގަޑިއިރެވެ. ކުސް ތަޅާލެވުނީ ބޭއިހްތިޔާރުގައެވެ.
“ކްރައި ބޭބީއެއްތަ..؟” ކައިރިން އިވުނީ މީހަކު ދިވެހިން ވާހަކަ ދެއްކި އަޑެވެ. ދަންނަ އަޑެއްހެން ހީވެ ސިހިފައި ބަލާލެވުނުއިރު ހެވިފައި ޢަމާރާގެ މޫނަށް ބަލަން އިނީ ދެވަނަ މީހެއް ނޫނެވެ. އެއީ ހަމަ އިކާންއެވެ. “އިކާން…” ޢަމާރާއަށް މަޑުމަޑުން ބުނެލެވުނެވެ.
“އަހަރެން ގޮނޑި ދިނީމަވެސް ނުކެރުނުދޯ ރީތިކޮށް ނިދާލަން..” އިކާން ކޮށްލީ ސުވާލެކެވެ.
“އަހަރެން ނާދޭ ނިންޖެއް..” އިސް ޖަހާލަމުން ޢަމާރާ ވާހަކަ ދެއްކިއެވެ. ހަގީގަތުގައިވެސް މިހާރު އޭނާގެ ލޮލުން ނިދި ފިލައިފި ކަހަލައެވެ. އިކާން ފެނުމުން ވީ އުފަލަކުން ކަމަށްވެސް ވެދާނެއެވެ.
“ދެންވެސް އޮށޯވެލާ.. އޭރުންދޯ ލަނޑަން ބަލާލަން ދެވޭނީ.. އެހެންނޫނީ ޖެހޭނީ އަނެއްކާ އެކޮޅުގަވެސް ނިދަން…” ދެ ސީޓް މެދުގައި އިން އަތްގަނޑު މައްޗައް ހިއްލާލަމުން އިކާން ފައިމަތީ އަތުން ޖަހާލަމުން ބުނެލިއެވެ. އިކާން ބުންޏަކަސް އެތާ އޮންނަން ޢަމާރާގެ ހިތެއް ނުރުހެއެވެ. ނުރުހެނީ އެއް ނޫނެވެ. ލަދު ގަންނަނީއެވެ. މޫނުމައްޗާއި ކަނދުރާ މައްޗަށް ހޫނުވެގެންދިޔަ އިހްސާސް ކުރެވުނެވެ.
“އޮށޯންނާނީތަ؟ ނޫނީ އަހަރެން އޮންނަންވީތަ މާރާ އުނގުގަ..؟” އިކާން ބޮޑަށް ސަމާސާ ކޮށްލީ ޢަމާރާ ލަދުގަންނަވާލުމުގެ ބޭނުމުގައެވެ. އެކަން ކާމިޔާބުވެސް ވިއެވެ.
“އުހުން… އެކަމަކު ފައިމަތީ އޮންނާކަށް ނުކެރޭނެ…” އިސްދަށަށް ޖަހައިގެން އިންދެ ޢަމާރާ ވާހަކަ ދެއްކިއެވެ. އިކާން ޢަމާރާއާ ދިމާލަށް ގުދުވެލާފައި ގޮނޑީގެ އަރިމަތީގައި އިން ބަޓަނަށް ފިތާލިއެވެ. ފައިލާބައި ހުޅުވުމުން ޢަމާރާގެ އުނގުމަތީ އޮތް ބާލިސް އަތުލާފައި އިކާންގެ މޭމަތީ ބާއްވާލިއެވެ. އަދި ޢަމާރާގެ އަތުގައި ހިފާލަމުން ކައިރިކޮށްލިއެވެ.
“މިތަން އޯކޭވާނެ.. އޮށޯވެލާ…” ޢަމާރާގެ ފަހަތަށް އަތް ގެންގޮސް ކޮނޑުގައި ހިފާލަމުން ގާތްކޮށްލާފައި އިކާން ސިއްރުން ބުނެލިއެވެ. ޢަމާރާ މަޑުމަޑުން އޮށޯވެލިއިރު އިކާންގެ ހިތު ވިންދުގެ އަޑު އިވިއިވި ހުއްޓެވެ. ބާލީހުގައި ބޯ ޖެހުމާއިއެކު އިކާންގެ އަތުން ޢަމާރާގެ ބުރަކަށީގައި ފިރުމާލިއެވެ. ގަޔަށް ހީލިއެރި ކަމުގައި ވިޔަސް އެކަހަލަ ގޮނޑިއެއްގައި އިންނަން ޖެހުމުން ވެފައިހުރި ތަދަށް ލުޔެއް ލިބޭތީ މަޑުމަޑުން އޮތީއެވެ. ނިދެމުން ދިޔައިރު އިކާންގެ ތުންފަތް ޢަމާރާގެ ބޮލުގައި ދެފަހަރަކު ޖައްސާލިހެން ހީވިއެވެ. ޢަމާރާއަށް ނިދުނުފަހުން އިކާންއަށް ވެސް ނިދުނީއެވެ.
“މާރާ..މާރާ..”ވާތުން ޢަމާރާގެ މޫނުގައި އަތް ޖައްސާލާ ފިރުމާލަމުން އިކާން ގޮވާލިއެވެ. މަޑު މަޑުން ދެލޯ ހުޅުވާލި ޢަމާރާ ލަދުގަތީ ބޮކިތަށް ދިއްލާފައި ހުރުމުންނެވެ. ނިދީގެ އަސަރު އިކާންއަށް ދައްކަން ބޭނުން ނުވާތީއެވެ. “މާރާ.. ތެދުވެބަ.. ފަހުންނޭ ބައްދާނީ ދެން… ސީޓްބެލްޓް އަޅުވަބަ.. ޖައްސަނީއޭ…” އިކާން ބުނި އެއްޗަކުން އަމާރާއަށް އަނެއްކާވެސް ލޯ ހުޅުވާލެވުނެވެ. އިކާން ބުނިހެން ޢަމާރާ އޮތީ އިކާންގެ ބަނޑުމަތިން އަތް ގެންގޮސް ބައްދާލައިގެންނެވެ. އަވަސް އަވަހަށް ތެދުވެ އިކާންއަށް މޫނު ފޮރުވާލަމުން އަތް ދަބަހުން ވެޓް ޓިޝޫއެއް ނަގައި މޫނު ފޮހެލިއެވެ. އަދި އިކާންއަށްވެސް ޓިޝޫއެއް ދިނެވެ. ސީޓްބެލްޓް އަޅުވާފައި ހަމަޖެހެވުނު އިރަށް ފްލައިޓް ޖައްސައިފިއެވެ.
ލޯންގް ލޭ އޯވަރ އެއް ކަމުން އެންމެންވެސް ޖެހުނީ ލަގެޖް ހިފައިގެން ދާށެވެ. އިކާން ހުރީ ކުރީބައިގަ އެއަރޕޯޓް ކައިރިން ކޮޓަރިއެއްވެސް ހޯދާފައެވެ. ޢަމާރާއަށް ކޮޓަރިއެއް ލިބޭތޯ ބެލިއިރު ކައިރި ހުރިހާ ތަނެއް ހުރީ އެއްކޮށް ފުރިފައެވެ. ޢަމާރާ ދާން ބޭނުންވި ނަމަވެސް ދުރު ތަނެއްގައި އެކަނި ހުންނާކަށް ބޭނުމެއް ނުވިއެވެ. އިކާން ހިފާފައި ހުރި ކޮޓަރިއަށް ވަދެވުމުން އެއީ އިކާން އެކަނި ހުންނަން ހިފާފައި ހުރި ތަނެއް ނޫންކަން ޢަމާރާއަށް އެނގުނެވެ.
“މީ.. އިކާން އެނގިހުރެ ކުރި ކަމެއް ދޯ..” ދެފަރާތުގައި ދެ އެނދު ހުރި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން ޢަމާރާ ވާހަކަ ދެއްކިއެވެ.
“ނޫން.. ދެންމެ އެކަނި ހުރި މީހަކާ ބަދަލު ކޮށްލީނުން މި.. އޭނާއަށް ލިބިފަ އިނީ މި ރޫމް… އަހަރެން އިންނާނީ ސިންގަލް ރޫމެކޭ ނަގާފަ.. އެހެން ނޫނީ އެތަނަށް ދާންވީތަ މާރާ ގޮވައިގެން.. އެކަމް އޭރަށް ޖެހޭނީ އެއް އެނދެއްގަ ނިދަން…” އިކާން ފަހު ޖުމްލަ ބުނެލާފައި ބާރަށް ހީނގަތެވެ. ލަންޑަން ބަލާލަން ދާން ބޭނުންވި ކަމުގައި ވިޔަސް ފްލައިޓްގައި ތިބެން ޖެހުނު ގޮނޑީގެ ސަބަބުން ދެމީހުންވެސް ތިބީ ނިދާލާ ރެސްޓް ކޮށްލަން ބޭނުންވެފައެވެ.
“ހޫން.. ކަންތަކާ ޖެހުނީއޭދޯ… ކޮލެޖްގަ ހުންނަ ގޮތަށް ހުރެބަލަ…” ޢަމާރާ ކުޑަ ދަބަހުން ހެދުމެއް ނަގަމުން ވާހަކަ ދެއްކީ އިކާންއަށް ނުބަލާ ހުރެގެންނެވެ.
“އެހެންތަ.. އޭރަށް ހިތަށްއަރާ މިނޫން ބައިވަރު އެއްޗެހި.. ޔަގީންތަ އެހެން ބަދަލު ވާންވީކަން؟؟” އިކާންވެސް ފޮށިން ނިދާ އެއްޗެހި ނަގަމުން ވާހަކަދެއްކީ ޢަމާރާއަށް ބަލަން ހުރެފައެވެ. ވަގުތުން ޢަމާރާގެ ހަރަކާތްތަށް ހުއްޓުމަކަށް އައެވެ. އެއްޗެއް ބުނަން އުޅެފައިވެސް ޢަމާރާ ދެފަރާތަށް ބޯ ހޫރާލަމުން ގޮސް ފާހާނައަށް ވަތްއިރު އެ ތުންފަތުގައިވީ ހިނިތުންވުން އިކާން ދުއްޓެވެ.
ނިދަންލީ އަތްދިގު މައްޗަކާއި ހަރުވާޅާއިއެކު ބުރުގާ އަޅައިގެން އޮންނަންވުމުން ޢަމާރާއަށް ވަރަށް އުނދަގޫވިއެވެ. އިކާންވެސް އޮތީ ޢަމާރާގެ އެނދަށް ފުރަގަސްވާ ގޮތަށެވެ. ކިތަންމެ ސަމާސާ ކުރިޔަސް ޢަމާރާގެ ނުރުހުމުގައި ވެސް އަދި ނޭނގުމުގެ ތެރޭގައިވެސް ޢަމާރާގެ ހަށިގަނޑުން ތަނެއް ބަލާކަށް އިކާން ބޭނުމެއް ނުވެއެވެ.
އަމާރާ އެނދުގައި ދެފަރާތަށް ފުރޮޅޭހެން ހީވެގެން އިކާން ގޮވާލުމުން ހޫންއެކޭ ބުނެލިއެވެ. “އަހަރެން އެބަ އެނބުރެން” މިހެންބުނެ އިކާން އެނބުރުނުއިރު ޢަމާރާ އިނީ އެނދުގައި އިށީނދެގެންނެވެ. ހަމައެކަނި ސޯޓެއްގައި ހުރި އިކާން ތެދުވެގެން ގޮސް އެއް ފަރާތުގައި އިން އެއް ދޮރުފަތުގެ އަލަމާރި ޢަމާރާގެ އެނދުގެ ފައިލާކޮޅާ ކައިރި ކޮށްލިއެވެ. ބޯލާ ކޮޅާ ދިމާގައި ބެހެއްޓީ ކޮޓަރިތެރޭ ހުރި ޗޭންޖިންގ ޕާޓިޝަންއެވެ.
“ކީއްކުރަން ތިއުޅެނީ…؟” ޢަމާރާ މަޑުމަޑުން އަހާލިއެވެ. “މޭކްޔޫ ސްލީޕް ކޮމްފޮޓެބްލީ…”އިކާންގެ ޖަވާބު ކުރެވެ. އިކާން މަސައްކަތް ކުރިއިރު ޢަމާރާ އިނީ ކަޅި ޖަހާވެސް ނުލާ އިކާންއަށް ބަލާށެވެ. މޭމަތީގައި ހުރި އިސްތަށިތަށް ހުރީ ތުނިކޮށްލާފައެވެ. ބަނޑުގައި ފޫޅުން ފެށީގެން ތިރިއަށްގޮސް ރޮނގެއްހެން ތުނިކޮށް އިސްތަށި ހުއްޓެވެ. ފައިގައާއި އަތުގައިވެސް ކަޅުކަންގަދަކޮށް އިސްތަށި ހުއްޓެވެ. ފިރިހެންވަންތަ ކަމުގެވެސް އިންތިހާއޭ ޢަމާރާގެ ހިތަށް އެރިއެވެ.
އިކާންގެ އެނދުގައި އޮތް ބްލޭންކެޓް ނަގައިގެން ގެނެސް އެއްކޮޅު އަލަމާރި ދޮރުފަތުގައި އައްސާފައި އަނެއްކޮޅު ނުވެއްޓޭނެހެން ޕާޓިޝަންގެ މައްޗައް އެއްލިއެވެ. “ތިހާވަރަށް ބަލަންޏާ މާރާ ކައިރީ އިނގޭ ނިދާނީ.. އޭރަށް އަހަރެން ކުއްވެރި ނުކުރާތި…” އެއްލޯ މަރާލަމުން އިކާން ޢަމާރާއާ ދިމާލަށް ބުނެލިއެވެ.
“ދެން އިކާނޫ…” ޢަމާރާ އެއްލި ބާލީހުން ޖެހުމުން ހެމުން ހެމުން އިކާން އެތާ އެތެރެއިން ނުކުތެވެ.
“ސްލީޕް ވެލް ޑާރލިންގ.. ގޮވާލާނަން ގަޑި ކައިރިވީމަ..” އިކާން އެނދަށް އަރަމުން ވާހަކަ ދެއްކިއެވެ. ޢަމާރާ ހަމައެކަނި ހޫމް އެކޭ ބުނެލީއެވެ.
ހިތްހަމަ ޖެހުނު ކަމުގައި ވިޔަސް ޢަމާރާއަކަށް ފަސޭހައަކުން ނުނިދުނެވެ. އިކާންގެ ބްލޭންކެޓް އެތާގައި އިނުމުން ފިނިވާއެކަން އޭނާއަށް އެނގުނެވެ. މަޑުމަޑުން ބޯ ދިއްކޮށް ބަލާލިއިރު އިކާންއަށް އޮތީ ނިދިފައެވެ. ޢަމާރާގެ އެނދުގައި އޮތް ބްލޭންކެޓް ހިފައިގެން ނުކުމެ އިކާންގެ ގައިގަ އަޅާލަދިނުމަށްފަހު ގޮސް އެނދަށް އަރާ ނިދޭތޯ ބެލިއެވެ.
އިކާންއަށް ހޭލެވުނުއިރު ގައިމަތީއޮތް ބްލޭންކެޓްފެނި ހިނިތުންވެ ލެވުނެވެ. ޢަމާރާގެ ކަމެއްކަން އެނގޭތީ ލިބުނު ހިތްހަމަ ޖެހުމެއްގެ ސަބަބުންނެވެ. ހޭލާ އޮއްވާ ޢަމާރާ ނުކުތްތަން ފެނުނީ ތައްޔާރުވެގެން ހުރެއެވެ. ކްރީމް ކުލައިގެ ފަލަމަސްގަނޑާ ހަމައަށް ހުންނަ ސްވެޓަރ އަކާއިއެކު މަޑުނޫ ކުލައިގެ ފައިކުރި ފުޅާ ޖިންސެއް ލާފައި ކަޅުކުލައިގެ ޖާރޒީ ފޮތީގެ ޝޯލްއެއް އަޅާފާއި ހުރިއިރު ވަރަށްވެސް ފުރިހަމައެވެ. ދުލުން ބޭރު ނުވި ނަމަވެސް އެތަށް ތައުރީފެއް ކޮށްލެވުނެވެ.
ވަގުތު ކުޑަތަން ވެފައި ވުމުން އިކާންވެސް ތެދުވެގެން އަވަހަށް ތައްޔާރުވެލިއެވެ. ކަޅު ޖިންސަކާއެކު ނޫކުލައިގެ ޓީޝާޓެއް ލީ ހަމަ ގަސްތުގައި ޢަމާރާއާ އެއްގޮތް ކޮށްލަން ވެގެންނެވެ. ތައްޔާރުވެގެން ފާހާނައިން ނުކުތްއިރަށް ޢަމާރާގެ ނަޒަރު އިކާންއަށް ހުއްޓުނެވެ. ގަޔަށް ހިފާފައިހުރި ޓީޝާޓުގެ ސަބަބުން ކޮންމެވެސް ވަރަކަށް ބަނޑުގެ މަސްތަށްވެސް ގޮޅިގޮޅިއަށް އަރާފައި ހުއްޓެވެ. ޢަމާރާގެ ބެލުން އިހްސާސްވެގެން އިކާން އެނބުރިލިއެވެ. ލޮލާލޯ ސީދާކޮށްލަމުން ޢަމާރާއާ ކައިރިއަށް އައީ މަޑު ހިނގުމެއްގައެވެ.
“ލެޓްސްގޯ.. ވަރަށް ވަގުތު ކައިރިވެއްޖެ.. މިހެން ތިބެން ވެއްޖެއްޔާ ނުދެވިދާނެ…” ޢަމާރާއާ ދާދި ގާތުގައި ހުއްޓިލަމުން އިކާން ވާހަކަދެއްކީ ވައިއަޑުންނެވެ. އިކާންގެ އެކަހަލަ އަދާތަކުން ޢަމާރާގެ ހިތް ލެނބިގެންދަނީ އިހްތިޔާރަކާ ނުލައެވެ. ހީނލަމުން އިސްޖަހާލާފައި އިކާންގެ ފަހަތުން ހިނގައިގަތެވެ. ޓެކްސީގައި ދިޔައިރުވެސް އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އިކާންއިނީ ކާރުސީޓުގައި ބާއްވާލާފައި އިން ޢަމާރާގެ އަތްތިލާގައި ހިފަހައްޓާލައިގެންނެވެ. 10 ވަރަކަށް މިނެޓް ފަހުން އެއަރޕޯޓަށް ވަދެވިއްޖެއެވެ.
އާދެވުނީ ޗެކިންގ ނިމެން ކައިރިވެފައި ވުމުން ކަމަށްވާތީ މާ ގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ބިޒްނަސް ކްލާސްއިން އިކާން ޗެކިންގ ވުމުން ޓިކެޓަށް ބަދަލެއް ގެނެސްފިކަން ޢަމާރާއަށް ނަގައިގަނެވުނެވެ. “އަހަރެން ހަނދާންވަނީ އެކޮނޮމީއިން ޓިކެޓް ނެގިކަން.. ދެން ކީއްވެ ބިޒްނަސްއަށް ތި ދިޔައީ..؟” ސެކިއުރިޓީ ޗެކަށްފަހު ޢަމާރާއަށް ނުހުރެވިގެން އަހާލިއެވެ.
“އަހަރެން ބަދަލުކުރީއޭ..”
“އެއީ.. ކީއްކުރަން..؟” ޢަމާރާ ހުއްޓިފައި އެނބުރި އިކާންއަށް ބަލާލަމުން ބުނެލިއެވެ.
“ހައު ކޭން އައި ލެޓްޔޫ ސްލީޕް ލައިކް ދެޓް ފޯ 10 ލޯންގް އަވަރސް… ރާއްޖެ ދެވެންވާއިރު ކަނދުރާއަށް ނާރެއް އަރާފާނެ އެއްނު..” އިކާން އައިސް ޢަމާރާގެ ކައިރީ ހުއްޓިލަމުން ހީނލިއެވެ.
“އެކަމު ހާދަ ރުފިޔާއެކޭ…” އިކާން އިށީނުމުން ކައިރީގައި އިން ގޮނޑީގައި އިށީންނަމުން ޢަމާރާ ބުނެލީ އިކާންއަށް ބަލަން އިނދެއެވެ.
“ޔޫ ކޭން ޕޭ މީ ލޭޓަރ..” އިކާން އެއްލޯ މަރާލިއެވެ.
“ނޯ ނޯ.. ޑޯންޓް ޕްލޭ އެނީ ޑާރޓީ ގޭމްސް…”
“ކާކުބުނީ ޑާރޓީ ގޭމްއެކޭ މީ.. އަހަރެން އެހަކަލަ ވާހަކައެއް ނުވެސް ދައްކަމެއްނު. މާރާގެ ހިތަށް އެރީތަ އެކަހަލަ ކަމެއް..” އިކާންގެ ހުނުމުގެ އަޑު މަޑުމަޑުން އިވިލިއެވެ.
“އައި ނޯ ޔޫ.. ތީ ފެންނަން ހުންނަހާ ޞާލިހް މީހެއް ނޫންކަން އަހަރެންނަށް އެނގެއޭ.. ތި ސިކުނޑީގަ ހިނގާނެ ވަރަށް ނޯޓީ ކަންކަން…” އިސްދަށަށް ޖަހައިގެން އިނދެ ޢަމާރާ ބުނެލުމާއެކު އިކާން އަޑުވީއްލާ ތަންކޮޅެއް ބާރަށް ހޭންފެށިއެވެ.
“ޔޫ ގޮޓްމީ މާރާ.. ބަޓް ޔޫ ކާންޓް އީވެން އިމޭޖް ވަޓްސް ގޮއިންގް އޮން މައި މައިންޑް…” ޢަމާރާގެ ފުރަގަހުން އަތް ގެނެސް ކޮނޑުގައި އުޅުވާލަމުން އިކާންއާ ގާތަށް ދަމާލިއެވެ.
“އި..ކާން..” އަތް ނައްޓަން މަސައްކަތް ކުރަމުން ޢަމާރާއަށް ބުނެލެވުނެވެ. އެފަދަ އަމަލު ތަކަކީ ޢަމާރާ ކިތަންމެ ނުރުހުންވާ ކަންކަން ކަމުގްއި ވިޔަސް އިކާންގެ ބީހިލުމަށް އޭނާއަށް އިޖާބަ ދެވެއެވެ. ހަށިގަނޑުގައި ކަރަންޓެއް އުފެދި އޭގެ ބާރުގައި އިކާންއާ ގާތަށް ދަމާ ކަހަލަ އިޙްސާސެއް ކުރުވައެވެ. އިކާންދެކެ ކިތަންމެ ގަޔާވިޔަސް ދުލުން ބުނަން ޢަމާރާ ބޭނުމެއް ނުވެއެވެ.
“ޑޯންޓް… ނުކުރެވޭނެ ކަންކަން ކުރަން ނޫޅެބަލަ ލަވް…” އިކާން ބުނެލީ ޢަމާރާގެ ލޮލަށް ބަލަން އިނދެއެވެ. “ކިތަންމެ ވަރަކަށް އުޅުނަސް އަހަންނާ ދުރެއް ނުވެވޭނެ ދެނެއް.. ތީ ހަމައެކަނި އަހަރެންގެ ޙައްގެއް..” އިކާންގެ ހިތަށް އެރިޔަސް ބުނަން ނުކެރުނީ އެކަހަލަ އެއްޗެއް ބުނުމުން ޢަމާރާ ބިރުގެންފާނެތީއެވެ. ޢަމާރާ މަޑުން އިނެވެ. ދެމީހުންކުރެ އެކަކުވެސް އިތުރު ވާހަކަތަކެއް ނުދައްކައެވެ. ޢަމާރާގެ ކޮނޑުގައި އަޅުވާލެވިފައި އިން އިކާންގެ އަތަށް މިހާރު އިނީ ބާރެއް ނުލައެވެ. ބޮޑުވައި އިނގިލި ޢަމާރާގެ ކޮނޑުގައި އިރުއިރުކޮޅުން ދެކޮޅަށް ކާއްތާލައެވެ. ބުރުގާ ނާލާ ހުރިނަމަ އެއިން ކޮންމެ ވަގުތަކުވެސް ޢަމާރާގެ ކަނދުރާގައި ހުރި ލޯލިތަށް ކޮޅަށް ޖެހޭތަން އިކާންއަށް ފެންނާނެއެވެ.
އިރުކޮޅެއް ވީފަހުން އިކާންގެ ބޯ ތިރިކޮށް ޢަމާރާގެ ކޮނޑުގައި އަޅާލިއެވެ. ޢަމާރާ ކުޑަކޮށް ސިހުނީ އިކާން ކަމެއް ކުރަން އުޅުނީ ކަމަށް ހީކޮށްފައެވެ. އެހެން ވިޔަސް ތެޅިނުގަތީ ވަގުތާއި ތިބެވުނު ތަނުގެ ގޮތުންނެވެ. ޢަމާރާގެ ކޮނޑުގައި ބޯ އަޅައިގެން އިރުކޮޅަކު އޮތުމަށްފަހު އިކާން ތެދުވިއެވެ. “ތޭންކްސް…” އޭ ބުނެލަމުން ކޮޅަށް ތެދުވެ މޯޅިއަކަށް ދެމިލިއެވެ. ޢަމާރާ ހަމައެކަނި ހިނިތުންވެލީއެވެ. ފާއިތުވެގެންދިޔަ 17 ވަރަކަށް ގަޑިއިރު އިކާންއާ އުޅެވުނުލެއް ގާތްކަމުން ޢަމާރާގެ ހިތާއި ހަށިގަނޑަށް ނޭނގޭ ގޮތްތަކެއް ވަމުންދިޔައެވެ. އެކަމުގެ ސަބަބުން އިކާންގެ ކުރިމަތީ ވާހަކަ ދެއްކުމަށްވެސް ޢަމާރާ ނެކުޅެދިފައިވާ ކަހަލައެވެ. ޢަމާރާ ޖެހިލުންވަނީ ގާތްވެގެން ގޮސް ކޮށްގެން ނުވާނެފަދަ ކަމެއް ވެދާނެތީއެވެ. ގަސްތުގައި އިކާންވެސް އެކަހަލަ ކަމެއް ނުކުރާނެކަން އެނގުނަސް ވަސްވާހަކީ ހުރިހާ ކަމެއް ހަނދާން ނައްތާލާފަދަ އެއްޗެއްކަން ޢަމާރާ ގަބޫލުކުރެއެވެ.
“ބޯޑިންގއަށް ގޮވަނީއެ.. ހިނގާ ދާން… މިރޭ ރަނގަޅަށް ނިދާލެވޭނެ…” އިށީނދެއިން ޢަމާރާގެ އަތުގައި ހިފާ ކޮޅަށް ނަގާލަމުން އިކާން ވާހަކަދެއްކީ ލޯބިވެތި ގޮތަކަށް މަޑުމައިތިރި ރާގެއްގައެވެ. ޢަމާރާ އެއްޗެއް ނުބުނުމުން އިކާންއަށް އުނދަގޫވިއެވެ. “ވަޓް ހެޕެންޑް… ވައި އާރ ޔޫ ސޯ ސައިލެންޓް..؟.” ޢަމާރާ ގާތްކޮށްލަމުން އިކާން ވާހަކަ ދެއްކިއިރު ވަށައިގެންވާ މާހައުލުގައި އެތަށްހާސް މީހުނެއް އުޅޭކަން އިކާންއަށް ނޭނގޭފަދައެވެ.
“އިކާން ޑޯންޓް.. ތިހާ ގާތް ނުވެބަ.. އުނދަގޫވޭ..” އިކާންގެ މޭގައި ދެއަތް ޖައްސާ ކުޑަކޮށް ދުރުކޮށްލަމުން ޢަމާރާ ވާހަކަދެއްކީ ދުރުބަލަން ހުރެއެވެ. އެ މޫނުމަތީގައިވާ ކަންކަން އިކާންއަށް ދެނެގަންނަން އުނދަގޫވިއެވެ. އެހާ ކައިރީގައި އުޅެފައި ދުރުކޮށްލަން އުޅުމުން އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ޢަމާރާ ބަލާލަމުން “ޕްލީޒް” އޭ ބުނެލުމުން އިކާން ދުރުވެލިއެއް ކަމަކު އަތުން ދޫކޮށެއް ނުލިއެވެ.
ޖެހިޖެހިގެން ހުރި ދެ ސީޓްގައި އިކާންއާއި ޢަމާރާ ތިބިއިރު ދެމީހުންގެ ދެމެދުގައި ނުފެންނާނެ ގޮތަށް ދަމާލެވޭނެ ކަހަލަ ފަރުދާއެއް ހުއްޓެވެ. ބޭރު ސީޓްގެ އަރިމަތީގައިވެސް ކެބިންއެއްގޮތަށް އިށީނދެ އިންނަ މީހާ ބޭރަށް ނުފެންނާނެހެން ޕާޓިޝަންއެއް ޖަހާފައި އިނެވެ. ވިންޑޯ ސީޓް ލިބުނީ އިކާންއަށް ކަމަށްވިޔަސް ނިދާގަޑީގައި ޢަމާރާއަށް އެއްވެސް އުނދަގުލެއް ވާން ނޭދޭތީ އެ ސީޓް ޢަމާރާއަށް ދިނީއެވެ. “އިކާން އިނަސް އޯކޭއޭ…” ޢަމާރާ ބުނެލީ ވަރަށްވެސް އަވަހަށެވެ.
“އުހުން އެހެން ކަމަކު ނުދާނެ.. ބުރުގާ ނާޅާ ނިދާފަ އޮއްވަ އަހަންނަށް ފެނުނަސް އަހަރެން ބޭނުމެއް ނޫން މާރާ އެހެން މީހަކަށް ފެންނާކަށް…” ޢަމާރާގެ އަތުގައި ހިފާފައި ގެނެސް ވިންޑޯ ސީޓްގައި ބައިންދާލަމުން އިކާން ބުނެލިއެވެ. އަދި އިށީންނަމުން ޢަމާރާގެ ބޮލަށް ދޮނެއް ދީފައި ފަރުދާ ދަމާލިއެވެ.
“ދެން މިހާރު ކީއްވެ ތި ދެމީ…” ފަރުދާ ކަހާލަމުން ޢަމާރާ އިކާންއަށް ބަލާލިއެވެ.
“ނުބުނާނަން.. މާރާ ރުޅިއަންނާނެ..” އިކާން ލެޕްޓޮޕް ހުޅުވާލަމުން ވާހަކަ ދެއްކިއެވެ.
“ބުނެބަ.. ނާންނާނަމޭ ރުޅިއެއް.” އިކާންގެ ޓީޝާޓް އަތުކުރީގައި ހިފާލަމުން ޢަމާރާ ބުނެލިއެވެ. އިކާން ޢަމާރާއާ ދިމާއަަށް އެނބުރުނެވެ. “ޖަސްޓް ބައި ލުކިންގް އެޓް ޔޫ އައި ވޯންޓެޑް ޓު ޑޫ ސޯމެނީ ތިންގްސް.. ޓު ޔޫ.. ދެޓް ޔޫ ޑޯންޓް އީވެން ވޯންޓް ޓު ނޯ…” އިކާން ބުނަން ބޭނުންވިޔަސް ހިތްވަރުކޮށްލީ ރާއްޖެ ދެވެންދެންވެސް ޢަމާރާ ހިތްހަމަ ޖައްސާފައި ބެހެއްޓުމަށެވެ. އިކާން އެއިންގޮތަށް ބަލަހައްޓައިގެން އިންދާ ފްލައިޓް ނައްޓާލައިފިއެވެ. ޢަމާރާގެ ނަޒަރުވެސް އެހެން ދިމާއަކަށް ނުދެއެވެ. ފްލައިޓް މައްޗައް އަރާ ދަތުރުކުރަން ހަމަޖެހިފައިވާ ހިސާބަށް އެރުމުން ކްރޫއިން ކެބިންތަށް ދިއްލާލުމުން ދެމީހުންވެސް އިސްޖަހާލީއެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތު ނިންމާފައި ގަޑިއެއްހާއިރު ތެރޭގައި އަނެއްކާވެސް ލައިޓްތަށް ނިއްވާލީއެވެ.
ފާހާނައަށްގޮސް ނިދަން ފަސޭހަ އެއްޗެއް ލައިގެންއައި އިކާން ފަރުދާ ކަހާލުމަށްފަހު ޢަމާރާގެ ބަޔަށް ބޯދިއްކޮށްލިއެވެ. ފިލްމެއް ބަލަންއިން ޢަމާރާ ކިހިނެއް ވީހޭ އަހާލީ ލޮލުގެ އިޝާރާތުންނެވެ. “އަހަރެން ނިދަންވެގެން.. އަހަރެން އޮށޯތީމަ މާރާއަށް ފާހާނައަށް ދާން އުނދަގޫ ވާނެތީ…” އިކާންއަށް އެވަރަށް ބުނެވުނުއިރަށް ޢަމާރާ ކުޑަ ދަބަސް ނަގައިގެން ތެދުވިއެވެ. ނިދަން ތައްޔާރުވެގެން ޢަމާރާ އައިއިރު އިކާން ފެންނަން ނެތުމުންވެސް ހޯދަން ދާކަށް ނުކެރުނެވެ.
ފަރުދާ ކަހާލާފައި އެތެރެއަށް ވަން ޢަމާރާ ސިހުނީ އެބައިގައި އޮތް އިކާން ފެނުމުންނެވެ. ހުސްގަޔާ އިކާން އޮތުމުން ޢަމާރާ ނުކުންނަން ފަހަތަށް ޖެހިލި ވަގުތު އިކާން އޭނާގެ އަތުގައި ހިފާލިއެވެ. ބުރަކަށި ޖެހިލާ ވަރަށް ކުޑަކޮށް އިށީނދެލައިގެން އިނދެވޭނެހެން ތެދުވުމަށްފަހު ގާތުގައި ޢަމާރާ ބޭންދިއިރު ޖާގަ ކުޑަކަމުން ބޭންދުނީ އިކާންގެ ފައިމަތީގައެވެ. ޢަމާރާގެ ފައި އިނީ ބޭރަށް ވާގޮތަށެވެ.
“އިކާން…” ޢަމާރާ ސިއްރުން ގޮވާލީ ދެފަރާތުގައި ތިބި މީހުނަށް އަޑު އިވިދާނެތީ މަޑުންނެވެ.
“ސްސްސްސ…. މިއުޅެނީ އޭރު ނުބުނެވުނު ވާހަކަ ބުނަން…” އިކާންގެ ކަނާއަތުން ޢަމާރާގެ އުނަގަނޑުގައި އަޅުވާލާފައި ގާތްކޮށްލިއެވެ. ޢަމާރާގެ ހިތް ތެޅެމުން ދިޔަލެއް ބާރުކަމުން އިކާންއަށް އިވޭނެއޭ ހިތަށް އެރިއެވެ. އިކާންގެ މޭގައި ޖައްސާލެވިފައި އޮތް ދެއަތުން ތެދުވަން ކުރި މަސައްކަތް ވީ ބޭކާރެވެ. އޮންނަން ޖެހުނު ގޮތަކުން ޢަމާރާ ވަނީ އިންތިހާއަށް ލަދުގަނެފައެވެ. އިކާން ޢަމާރާގެ މޫނަށް ބަލަމުން ދިޔައިރު ޢަމާރާ ބެލީ އިކާންއަށް ނުބަލާ ވޭތޯއެވެ.
އިކާންގެ ވައަތުން ޢަމާރާގެ ކޯތާފަތުގައި ފިރުމާލިއެވެ. އަތް ތިރިކޮށްލާ ކޮނޑުމަތީގައިވެސް ފިރުމާލިއެވެ. އަތް މައްޗައް ގެންދަމުންގޮސް ޢަމާރާ އަޅާފައި ހުރި ބުރުގާގެ ދަށަށް އިކާންގެ އަތް ވައްދާލިއެވެ. ކަނދުރާގައި އިކާންގެ އަތް ޖެހުމާއެކު ޢަމާރާގެ ހަށިގަނޑަށް ހީވީ ހައި ވޯލްޓޭޖް ކަރަންޓް ޝޮކެއް ދިންހެންނެވެ. ޢަމާރާ ތެޅިގަންނާނެކަން އެނގޭތީ އިކާންއޮތީ ހުށިޔާރުވެ ބާރަށް ހިފަހައްޓައިގެންނެވެ. ޢަމާރާއަށް ގޮތެއް ވިޔަސް އިކާންގެ ހަރަކާތްތަކަށް ހުއްޓުމެއް ނާދެއެވެ. ޢަމާރާގެ ކަނދުރާގައި ފިރުމާލުމަށްފަހު ދޫކޮށް އައްސާފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތް ވައްދާލިއެވެ. ބޯ ހިއްލާލަމުން އިކާން ޢަމާރާގެ މޫނާ މޫނު ޖެހޭހާ ކައިރިވެލިއެވެ. އިކާންގެ ހޫނު ނޭވާއާއި ބީހުންތަކުން ޢަމާރާއަށް ދެލޯ މަރާލެވުނީ އިކާން ކުރަމުންއައި ކަންތަކަށް އިޖާބަދޭ ފަދައަކުންނެވެ. އިކާން ޢަމާރާގެ އުނަގަނޑުގައި ހިފާ ހިއްލާލުމަށްފަހު ގޮނޑިން ތެދުވެފައި ޢަމާރާ ބައިންދަމުން ދުރަށް ޖެހިލިއެވެ. އިކާން އެއްވެސް ކަމެއް ނުކޮށް ދުރަށް ދިޔަޔަސްވެސް ޢަމާރާ ލަދުގަތެވެ.
“މިހާރު އެނގޭދޯ އަހަރެން ކުރަން ބޭނުންވާ ކަންކަން. މިއީ ކުޑަ މިންވަރެއް. މާރާވެސް އަހަންނަށް ބޭނުންވޭ.. އެކަމަކު އަހަރެންނަކީ މާރާގެ ނުގަބޫލުގަ ކަމެއް ކުރާނެ މީހެއް ނޫން މިހާރަކު.. އެކަހަލަ ކަމެއް ވެދާނެތީ ބިރުވެސް ގަނޭ..” އިކާން އިނީ ޢަމާރާގެ ކައިރީ ކަކޫ ޖަހާލައިގެންނެވެ. “ބަލާބަ.. މީ ދޮގެއް ނޫނޭ.” އިކާން ޢަމާރާގެ އަތް ގެނެސް އޭނާގެ މޭގައި ހިތާ ދިމާއިން ޖައްސާލަމުން ބުނެލިއެވެ. އިކާންގެ ހިތް ތެޅެނީ ވަރަށްވެސް ބާރަށެވެ. އެއްވެސް ހުރަހެއްނެތި އިކާންގެ ގައިގަ އަތްޖެހުމުން ޒާތެއްގެ ހީލިކެރުވުމެއް ޢަމާރާގެ މުޅި ހަށިގަނޑުގައި އުފެދިފައި ހުއްޓެވެ. އިކާންގެ އަތް ޖެހުނުތަނުން ކަނދުރާ މަތިންވެސް އާތްވެއް އަރާހެން ހީވެއެވެ.
“އިޓްސް އޯކޭ… ވީ ވިލް ޓޯކް އެބައުޓް އިޓް ލޭޓަރ.. ލެޓްސް ސްލީޕް” އިކާންގެ މެއިން އަތް ނަގާފައި ދެއަތުން އިކާންގެ މޫނުގައި ހިފަހައްޓާލަމުން ޢަމާރާ ބުނެލިއެވެ. ބޯޖަހާލުމަށްފަހު އިކާން ބޭރަށް ޖެހިލިއެވެ. އިރުކޮޅަކުން ބަލާލިއިރު ލޯމަތީ އަތް އަޅައިގެން އިކާން އޮށޯވެގެން އޮތެވެ.
ދަންވެގެންގޮސް މީހުންގެ ގުގުރީގެ އަޑު އިވެންފެށިއިރުވެސް ދެމީހުންކުރެ އެކަކަށްވެސް ނިދޭނެގޮތެއް ނުވިއެވެ. ހަށިގަނޑުތެރޭ އުފެދިފައިވާ ހައިޖާނުގަނޑަށް ނިމުމެއް ނުވާފަދައެވެ. ޢަމާރާތެދުވެ އިށީނދެލިއެވެ. އިކާންއަށް ގޮވާލަން ހިތަށް އެރިޔަސް އިރުކޮޅަކު އިނދެވުނެވެ. ބުރުގާ އަޅާލުމަށްފަހު ފޮތިގަނޑު ކަހާލާފައި ބަލާލިއިރު އިކާންވެސް އިނީ ތެދުވެއެވެ.
“ނުނިދިގެން..” އިކާން ބަލާލުމުން ޢަމާރާ ބުނެލިއެވެ.
“ތިތަނަށް ދާންވީތަ…؟”
“އުހުން..” އިރާކޮޅު ކަންތަށް ވީގޮތް ހިތަށް އަރާފައި އަވަސް އަވަހަށް ޢަމާރާއަށް ބުނެލެވުނެވެ.
“އާދެބަ..”އިކާން ގޮނޑީގެ ތިރިއަށް ވާކަހަލަ ގޮތަކަށް ޖެހިލަމުން ބުނެލިއެވެ. ޢަމާރާ ނުކުމެ އިކާންގެ ބެޑް ޗެއަރގެ ބިއްދޮށަށް އަރައި ލެނގިލައިގެން އިށީނެވެ. ވަގުތުން އިކާން ދެގޮނޑި ދޭތެރޭގައި ހުރި އަތްގަނޑު ތިރިކޮށްލިއެވެ. އެތަނުން ލާފައި ޢަމާރާގެ ގޮނޑިއަށް ފައި ދަމާލަމުން އޮށޯވެ ޢަމާރާގެ އުނގުގައި ބޯއަޅާލިއެވެ. ލަދުގަތެއް ކަމަކު އިކާން ދުރަށްލާކަށް މިފަހަރަކު ޢަމާރާއެއްވެސް ނޫޅުނެވެ.
ކައިރީ ތިބިނަމަވެސް ގަޑިއިރެއް ފާއިތުވެ ދިޔައިރުވެސް ޢަމާރާއަކަށް ނުނިދުނެވެ. އިކާންގެ މެރިފައިވީ ދެލޮލުންނާއި ލަމުންދިޔަ ނޭވާއިން އެ އޮތީ ނިދިފައިކަން އެނގެއެވެ. ބަލަން އިނދެފައި އިކާންގެ އިސްތަށިގަނޑާ ކުޅެލެވުނެވެ. ކުޑަކޮށް ސިހިފައި އިކާން ލޯ ހުޅުވާލައިފިއެވެ. ޢަމާރާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ހިތުގެ ހިނގުން ބާރުކުރުވާފަދަ މަސްތީ ބާރެއް އެ ދެލޮލުގައި ވެއެވެ. އިކާންއަށް ބަލަން އިނދެފައި ޢަމާރާއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. އިސް ޖަހާލި ކަމުގައި ވިޔަސް އަނދިރީގެ ތެރެއިންވެސް އިކާންއަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ.
ޢަމާރާގެ އެ ހަރަކާތާއެކު އުނގުން ބޯނަގަމުން އިކާން ތެދުވިއެވެ. ހަށިގަނޑަށް ގެނައި އަވަސް ހަރަކާތާއިއެކު ޢަމާރާއާ ދިމާލަށް އެނބުރިލަމުން ދެއަތުން ޢަމާރާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ކައިރިއަށް ޖެހިލަމުން ބަހެއް ބުނާނެ ފުރުސަތެއްވެސް ޢަމާރާއަށް ނުދީ ދެމީހުންގެ ނޭވާ ގުޅުވާލިއެވެ. ޢަމާރާއަށްވެސް އިކާންގެ ކަނދުރާގައި އަތް ޖައްސާލެވުނެވެ. ޢަމާރާގެ ބުރަކަށި ގޮނޑީގައި ޖެހިފައި ހުރިއިރު އިކާން އިނީ ޢަމާރާގެ ހަށިގަނޑާ ޖެހި ފިތިގެންނެވެ. އިކާންގެ އަތް ޢަމާރާގެ ކޮނޑުމަތިން ލާފައި ތިރިވަމުން ގޮސް އެ ހަށިގަނޑުގެ ވަނާތަށް އިހްސާސްވީއިރު ދުރުވާން ޖެހުނީ ނޭވާލާން ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. އިކާންގެ މޫނު ޢަމާރާގެ ކަނދުރާގައި ފޮރުވާލިއެވެ. އިކާންގެ ބޮލުގަ އާއި ކަނދުރާމަތީ ޢަމާރާ ފިރުމާލުމުން އިކާން މޫނު އަރިކޮށްލާ ޢަމާރާއަށް ބަލާލިއެވެ. ލަދުންގޮސް ވިރިވިރި އިނދެފައިވެސް ޢަމާރާ ހިނިތުންވެލިއެވެ.
އިރުކޮޅަކު އޮވެލުމަށްފަހު އިކާން ތެދުވެ ޓީޝާޓް ލައިގެން ފާހާނައަށް ދިއުމުން ޢަމާރާ އަމިއްލަ ގޮނޑިއަށްގޮސް އޮށޯވެލިއެވެ. ރަޖާގަނޑު ގެނެސް މޫނުގައި އަޅާލަމުން އެކަނިމާ އެކަނި ލަދުން ހީނލެވުނެވެ. އިކާން އައިސް ގޮވާލުމުންވެސް ޢަމާރާ އަކަށް ނުކުންނާކަށް ނުކެރުނެވެ. ދެފަހަރަކު ގޮވާލާފައި އިކާންވެސް އޮށޯވެލިއެވެ. ހިތަށް ލިބިފައިވީ ހަމަޖެހުމާއެކު މޭގައި ފިރުމާލެވުނެވެ. އެވަގުތު ކޮޅުގެ ހަނދާން ކުރަމުން ލޯމަރާލިއެވެ.
ކޮލަމްބޯއަށް ފޭބުމަށްފަހު ޖެހުނީ އަވަސް އަރުވާލައިގެން އުޅޭށެވެ. ދެގަޑިއެއްހާއިރު ވީއިރު ތިބީ ރާއްޖެ އައުމަށް އަރާ އެންމެ ފަހުގެ ފްލައިޓަށް އަރައެވެ. ކައިރީގައި އިން އިކާން ޢަމާރާގެ އަތުގައި ހިފާލުމަށްފަހު ހިނިތުންވެލިއެވެ. “ފައިނަލީ..” އިކާން ބުނެލީ އެހެން މާނައެއްގައި ވިޔަސް ޢަމާރާ ހީކުރީ ރާއްޖެ ދެވޭތީ އިކާން ބުނެލި އެއްޗެއް ކަމުގައެވެ. ހުޅުލޭ ވައިގެ ބަނދަރަށް ފްލައިޓް ޖެއްސުމާއެކު ޢަމާރާއަށް ހީނލެވުނެވެ.
ފަހުދުއާއި ހުޔާ އަދި ހާނިމްއާއި ނުހާވެސް ތިބީ ޢަމާރާ ބަލައި އައިސް އެއަރޕޯޓްގައެވެ. އަންނަމީހުންތަށް ނުކުންނަމުން ދިޔައިރު ހުޔާއަށް ބެލެނީ އެކުވެރިޔާ ފެނޭތޯއެވެ. އެއްއަތުން ފޮށިތަށް އަޅާފައިހުރި ޓްރޯލީ ހިފައިގެން އަނެއް އަތުން ޢަމާރާގެ ކޮނޑުގައި ހިފާލައި ކައިރިކޮށްލައިގެން ނުކުންނަން އައި އިކާން ފުރަތަމަވެސް އަޅައިގަތީ ހުޔާގެ ލޮލުގައެވެ. “ވަޓް… ދޮންބޭ…” އިނގިލި ދިއްކޮށްލަމުން ހުޔާ ބުނެލުމުން އެންމެންނަށްވެސް އެދިމާއަށް ބަލާލެވުނެވެ.
ހާނިމް ފޯނުނަގާ ވީޑިއޯއެއް ކުރަނިކޮށް އިކާންއަށް ފެނުމުން އަވަހަށް ޢަމާރާގެ ކޮނޑުން އަތް ނައްޓުވާލިއެވެ. ޢަމާރާވެސް އިސްޖަހާލީ އެންމެން ބަލަން ތިބިތަން ފެނުމުން ލަދުންނެވެ. ހުޔާ ކައިރީ އަަންނަ ވާހަކަ ބުނިނަމަވެސް ބަލައި އަންނާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.
“ބަލާބަލަ ނިކަން… މީދޯ ބަލައި އަންނަން ނުބުނި ސަބަބަކީ..” ޢަމާރާގެ ބޮލުގައި ލޯބިން ޖަހާލަމުން ހާނިމް ވާހަކަދެއްކިއެވެ. ހުޔާ ހުރީ ޢަމާރާގެ ގައިގަ ބައްދާލައިގެންނެވެ.
“ނޫން.. ފްލައިޓުން ދިމާވީ.. އަހަރެންނަކަށް ނޭނގެ ކެން އަންނަ ކަމެއް…” ޢަމާރާ އަވަހަށް ބުނެލިއެވެ. “ކެންއޭ..” ބުނެ އެންމެން ހީނގަތީ ދިމާކޮށްލުމަށެވެ.
“ގަބޫލެއް ނުކުރެވޭނެ. ފްލައިޓަކުން ދިމާވެގެން އާދޭތަ ތިހާ ކައިރީ ތިބެގެން؟” ނުހާވެސް ބައިވެރިވިއެވެ.
“ވެލް… 29 ގަޑިއިރުތެރޭ ވެދާނެ ކޮންމެފަދަ ކަމެއްވެސް.. ދޯ.” ޢަމާރާގެ އުނަގަނޑުގައި ހިފާލާ ކައިރިކޮށްލަމުން އިކާން ބުނެލީ އެއްވެސް މީހަކަށް ދޫދޭން ބޭނުން ނުވާ ފަދައަކުންނެވެ. ޢަމާރާގެ ދޮން މޫނު ރަތްވެގެން ދިޔައީ ވަރަށް އަވަހަށެވެ.
“އަޅެ.. އަހަރެންގެ ބެސްޓީ ޖަހައިގެންފި މީހަކު… ދެންނޭނގެ ލިބޭނެ ކަމެއްވެސް… ހިނގާ ގެއަށްދާން..” ހުޔާ ޢަމާރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“އައި ވިލް ޓޭކް ހަރ. ޓު މައި ހޯމް.” ބާރަށް ހިފަހައްޓާލަމުން އިކާން ބުނެލިއެވެ.
“އެހެން ކަމަކު ނުދާނެ.. އެއްކޮން ގެންދެވޭގޮތް ހަދާފަ ގެންދަންވާނީ.. މިހާރު ތިގޮތް ކަމަކު ނުދާނެ.. މާރާގެ މަންމަމެންވެސް އަންނާނެ ކައިވެންޏަށް.. މަންމަ ނުރުހޭ ކަމެއް ވެއްޖެއްޔާ އިކާން ޖެހޭނީ މާރާ މަތިން ހަނދާން ނައްތާލަން…” ހާނިމް ޓްރޯލީގައި ހިފަމުން ބުނެލިއެވެ. އެއީ ތެދެއްހޭ އިކާން އަހާލުމުން ޢަމާރާ ހަމައެކަނި ބޯޖަހާލީއެވެ. ފަހުދުއާވެސް ވާހަކަ ދައްކަމުން އެންމެން ގޮސް ފެރީއަށް އެރިއެވެ.
6 Comments!
Comments are closed.



Alheyyy…. haadha reehcheyyy… miadhu ehkoh beleny up vehje thw??
Monday annan dhn kehkuraany kihineii kameh vx neynge…
Can’t wait for next
Thankyou 🫶🏻
Masha Allah vrh reethi ♥️♥️.. miyadhu vrh inthizaru kurevihje.. next part ge inthizaruga hurin ♥️🥰
Thankyou 🫶🏻
Today is Monday
12 jahaifi..
Whn next??
Now uploaded. Dhoonyaa vacay ga ulheythee handhaanun kassaalany hama