Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނުހޭ ގާތުގާ- ހަވަނަ ބައި

ފަޒޫ Level 310 Stories100 Login
December 11, 2025 10 Mins Read
3 Comments

“އިހަށް ނުދޭބަ…” ޢަމާރާގެ އަމިއްލަ ނަފްސަށްވެސް މިހާރު ބާރެއް ނުވާފަދައެވެ. އެންމެން ތެރޭގައި އެހެން ބުނަންވެސް ކެރުނުކަމެވެ. އިކާން އިޝާރާތް ކޮށްލުމުން ހުޔާއާއި ނުހާ ގޮވައިގެން ހާނިމް ބޭރަށް ނުކުތީއެވެ. އެވަގުތަކީ މީހުންތަށް ޗެކިންއަށް ވަންނަންފެށި ވަގުތުކަމުން އެދެމީހުން ފިޔަވާ އެތާ އެތެރޭގައި ދެން ތިބީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުއައްޒަފުންނެވެ.

އިކާން ކުރިންވެސް އިން ގޮނޑީގައި އިށީނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. ޢަމާރާ އިނީ އިކާންގެ މޫނަށް ބަލަހައްޓައިގެންނެވެ. “މާރާ…” ޢަމާރާގެ ކޯތާފަތުގައި އަތް ޖައްސާލަމުން އިކާން ގޮވާލީ ދެއްކި ވާހަކަ ތަކަށް ޖަވާބެއް ނުލިބުނީމައެވެ. ޢަމާރާ އިސްޖަހާލާފައި ހިނދުކޮޅެއްގެ ތެރޭގައި އަނެއްކާވެސް އިކާންއަށް ބަލާލިއެވެ.

” ހަމަ އަބަދަށް އަލްވަދާއު ކިޔަނީތަ ތި؟ އަހަރެން ނޯ ބުނުމުން އެހާ ރުޅި އައީތަ.؟” ޢަމާރާގެ ވާހަކަ އަމާޒުކުރީ ބޭރުގައި ހުރެގެން އިކާން ދެއްކި ވާހަކައަށެވެ. “އެނޫން ގޮތެއް ނެތެއްނު..” އިކާން އަދިވެސް އިނީ ޢަމާރާގެ ކޯތާފަތުގައި އަތް ޖައްސާލި ގޮތަށެވެ.

“ކެން ޔޫ ވެއިޓް ފޯ މީ… ސިކްސް އިޔާސް..” އިކާންގެ އަތްމަތިން އަތް ޖައްސާލަމުން ޢަމާރާ އަހާލިއެވެ.

“ރައްޓެހި ވެއްޖެއްޔާ އައި ކޭން..”

“ރައްޓެހި ވާކަށް ބޭނުމެއް ނޫން.. އަހަރެން ނަކަށް ނުގުޅޭނެ. އެހާ ވަގުތެއް ނުލިބޭނެ..” ޢަމާރާ އިސްޖަހާލަން އުޅުމުން އިކާން ހިފެހެއްޓިއެވެ.

“ދެން ހައު ކޭން އައި ސްޓޭ.. ވިތް އައުޓް ޓޯކިންގ ޓު ޔޫ… އަހަރެން ބޭނުން މާރާ ދަސްކުރަން.. ތިނޫން ގޮތެއް ދެން ނެތްތަ ހަމަ؟” އިކާންގެ ލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ އާދޭހެވެ.

“ދި ކޮންވަޒޭޝަން އިޒް އޯވާ އެހެންވިއްޔާ.. ތީ އަހަރެންނަށް ނުވާނެ ކަމެއް މިވަގުތު. ސަބަބު ބުނެދިނަސް އިކާންއަށް އަންޑަސްޓެންޑެއް ނުވާނެ.. ލެޓްސް ގޯ.. އިޓްސް ޓައިމް. ޖަސްޓް ސްޓޭ އަންޓިލް އައި ގޯ އިންސައިޑް.” އިކާންގެ އަތް މޫނާ ދުރުކޮށްލަމުން ފުރަތަމަ ނަޒަރު ވަކިކޮށްލީ ޢަމާރާއެވެ. ބަސްއަހާ ކުއްޖެއްހެން އިކާންވެސް އަމާރާގެ ފަހަތުން އައެވެ.

ފަހަރަކު މީހަކާ ސަލާމްކޮށްލާފައި ބައްދާލިއިރު ޢަމާރާއަށް ހުރީ ރޮވިފައެވެ. އެތެރެއަށް ވަންނަ ކިޔު މިހާރު އޮތީ ކުރުވެފައި ކަމުން ޢަމާރާ ހިނގައިގަނެފައިވެސް ހުއްޓުނެވެ. ތިން މީހުން ކައިރީ ހުރި އިކާންގެ ކައިރިއަށް މަޑުމަޑުން އައިސް އިކާންގެ އަތުގައި ހިފާލިއެވެ. “އައި ޑޯންޓް ނޯ އިފް އައި ލައިކް ޔޫ ފޯ ނައު.. ބަޓް ދިސް ފީލިންގ.. އިޓްސް ނިއު.. އެންޑް އައި ވިލް ފައިންޑް ޔޫ ވެން އައި ކަމް ބެކް..” ޢަމާރާ ބުނެލީ ކައިރީ ތިބި މީހުނަށްވެސް ނީވޭނެހާ ވަރަށެވެ. އަދި ހިތް ފުރެންދެން އިކާންގެ މޫނަށް ބަލާލުމަށްފަހު އެ މޫނުގައި ފިރުމާލުމަށްފަހު ގޮސް ލައިނަށް އަރައިފިއެވެ. އިކާން ހިނގައިގަތީ ލޯމަތިން ޢަމާރާ ގެއްލުމުންވެސް އިރުގަނޑެއް ވީފަހުން ހާނިމް ކިޔާވަރުންނެވެ.

“އަހަރެން ކިހިނެއްތަ އެހާދުވަހު އެހެން އިންތިޒާރު ކުރާނީ..” ކާރަށް އަރާފައި އިކާންއަށް ބުނެލެވުނެވެ. އިކާން އިން ހާލަތުން ދުއްވަން އެރީ ހާނިމްއެވެ. ޖެހިގެން އިން ގޮނޑީގައި އިކާން އިންއިރު ފަހަތު ސީޓުގައި ހުޔާއާއި ނުހާ ތިއްބެވެ. ހުޔާއަށް އަދިވެސް އިނީ އެއާޕޯޓު ތެރޭގައި ހިނގާދިޔަ ކަންތަކާމެދު ހައިރާންވެފައެވެ. ބޭރުގައި ޢަމާރާގެ ގައިގަ އިކާން ބައްދާލައިގެން ހުރިތަންވެސް ހުޔާއަށް ފެނުނެވެ. ހުޔާއަށް ނޭނގި އެހާ ހިސާބަށް ގުޅުން ދިޔައީ ބާއޭ ހިތަށް އަރަމުން ދިޔައެވެ.

“27 އަހަރު ވަންދެންވެސް އުޅުނުގޮތަށް..” ހިޔާލުތަކުން ނުކުމެ އިކާން ކޮށްލި ޝަކުވާ އަށް ހުޔާ ޖަވާބު ދިނެވެ.

“ހުޔާ..” އިކާންއަށް ނުރުހިފައި ބުނެލެވުނެވެ. “ދެން އިނގެއެއްނު..”

“ހޫމް.. ކިހިނެއްތަ އިނގެނީ 6 އަހަރު ވުމުގެ ކުރީން ދިމާ ނުވާނެކަމެއްވެސް.. އިކާންވެސް ތިއުޅެނީ ފުރާކަށްނު.. ދެން އިންނާނީ ފައިނަލް އިޔާ އޭ ދޮންބެ ބުނި.. ހަމަ ނިންމާއިރަށް ދެވިދާނެދޯ ފެންނަ ހިސާބަކަށްވެސް..” ހުޔާ ގަސްތުގައި އިކާންއަށް ޢަމާރާ ކިޔަވާތަން ސިއްރުކުރީއެވެ. ދޮންބެ އަދި ނުހާ ކައިރީވެސް ނުބުނެއެވެ.

“ހައް.. އޭނަ އެދަނީ ކެނެޑާއަކަށް ނޫނެއްނު އަހަންނާ ދިމާވާކަށް..” އިކާން އަމިއްލަ ހިތާ ވާހަކަ ދެއްކީ ހުޔާއާ ޖަދަލުކުރާނެހާ ހިތްވަރެއްވެސް ނެތީމައެވެ.

ގެއަށް އާދެވުމުން އިކާން ދައުވަތު ދިނީ ހެނދުނުގެ ނާސްތާ ކޮށްގެން ދިއުމަށެވެ. ނޫނެކޭ ބުނަން އުޅެފައިވެސް ހާނިމް މަޑުކުރީ އެކުވެރިޔާގެ ހާލު އެނގޭތީއެވެ. އެކަނި ކޮށްލާފައި ދިޔުމުގެ ވިސްނުން ނެތީމައެވެ. ޢަމާރާ ފުރާތީ ހުޔާއާއި ހާނިމްވެސް ތިބީ އޮފީހަށް ސަލާމް ބުނެފައެވެ.

އިކާންއާއެކު ގޭތެރެއަށް ވަދެގެންއައި ހާނިމްމެން ފެނިފައި ނޫރާ ގޮވާލީ ޖިހާދަށެވެ. އިކާން ގޮތަށް ލަސްނުކޮށް އަވަހަށަ ސައިބޯން އައުމަށް ދައުވަތު ދިނެވެ. އިރުކޮޅެއް ފަހުން ލިލީވެސް ނާސްތާގައި ބައިވެރިވާން އައެވެ.

“މިއަދު ކޮބާ ޢަމާރާ.. ނާންނަ ދުވަހަކީތަ؟” ލިލީ ގޮނޑީގައި އިށީނދެލަމުން ހިނިތުންވެލީ ނުހާއަށް ބަލާލަމުންނެވެ.

“މާރާ ފުރައިފި..” ޖަވާބުދިނީ އިކާންއެވެ.

“އޭން.. ކީކޭ.. ކޮންތާކަށް؟ ކޮން އިރަކު؟ ކީއްކުރަން..؟” ލިލީ ހުރިހާ ސުވާލެއް އެއްފަހަރާ އިކާންއާ ކޮށްލިއެވެ.

“ކިޔަވަން އެ ދިޔައީ.. ވަރަށް ދުވަސްވާނެ..” ހުޔާ ލިލީގެ ސުވާލުތަކަށް ޖަވާބުދިންއިރު އިކާން އިނީ ތައްޓަށްލީ ބިސްގަނޑުގައި ސަމްސާ ޖައްސާލި ގޮތަށެވެ.

“ކިހާ ދުވަހަކަށް..” މިފަހަރު ސުވާލުކޮށްލީ ނޫރާއެވެ. އިކާންއަށް އުނދަގޫވެގެން ކާމޭޒު ދޮށުން ތެދުވެގެން ކޮޓަރިއަށް ދިޔައީ ނޫރާ ގޮވާލުމުން ފާހާނައަށް ދަނީ ކަމުގައި ބުނެފައެވެ.

“6 އަހަރަށް.. ޑޮކްޓަރުކަން ކިޔަވަން އެ ފުރީ.. ކެނެޑާއަށް.. ދޮންބޭ.. ޕްލީޒް އިކާން ކައިރީ ނުބުނާތި.. އަހަރެން ބޭނުންވަނީ އެމީހުން އެތަނުން ދިމާވާން..” ނޫރާއަށާއި ލިލީއަށް ޖަވާބުދެމުން ހުޔާ އިޝާރާތް ކޮށްލީ ހާނިމްއަށެވެ. ހާނިމް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލު ކުރަމުންނެވެ.

ދެތިން ދުވަސް ފަހުން ޢަމާރާގެ ހަބަރެއްވެސް ވެއްޖެއެވެ. 9 ގަޑިއިރުގެ ތަފާތު ހުންނާތީ ޢަމާރާއަށް ގުޅޭނީ ކޮލެޖުން އައިސް ރޭގަނޑު 9 ޖަހާ ފަހުންނެވެ. އެއީ ރާއްޖެއަށް މެންދުރު ގަޑި ކަމުން ގުޅަން ބޭނުންވާ އެންމެނާވެސް އެވަގުތު ފަސޭހައިން ގުޅާލެވޭނެތީއެވެ. ކެނެޑާގައި ހަމަޖެހުނު ވާހަކައާއި އެންމެން މަތިން ވަރަށް ހަނދާންވާ ކަމަށް ބުންޏެވެ. ދިރިއުޅެނީ ގާލްސް ހޮސްޓެލްގައި ކަމުން އެހާ ބިރެއް ނުގަންނަ ވާހަކަވެސް ބުންޏެވެ. އަދި ހޮސްޓެލް އިންނަނީ ކޮލެޖްގެ ގޯތިތެރޭގައި ކަމުން މާ ދުރަކަށް ހިނގަން ނުޖެހޭނެއޭ ބުނެލީ ހެމުންނެވެ. މަންމައާއި އެއްބަނޑު ކުދިންނަށް ގުޅަންވެގެން ޢަމާރާ ފޯނު ބޭއްވީ ފަހުން އަދި މުހިއްމު ވާހަކައެއް ދައްކާލަން ގުޅާލާނެ ކަމުގައި ބުނެފައެވެ. އެ މުހިއްމު ވާހަކައަކީ އިކާންކަން ހުޔާއަށް އެނގުމުން ތަންކޮޅެއް ބާރަށް ހީނގަނެވުނެވެ.

2 ހަފްތާ ފަހުން އިކާންވެސް ފުރައިގެން ދިޔަކަން ހުޔާއަށް އެނގުނީ ހާނިމްގެ ފަރާތުންނެވެ. ބުނެވެސްނުލާ އިކާން ދިއުމުން ހުޔާ ކުރަން ބޭނުންވެފައި ހުރި ބައެއް ސުވާލުތަށް ކުރެވޭ ގޮތެއް ނުވިއެވެ. ހުޔާ ޔަގީން ކުރަން ބޭނުންވީ ހަގީގަތުގައިވެސް އިކާންއަށް ޢަމާރާ ކަމުދޭތޯއެވެ. އެކުވެރިޔާގެ ހުރިހާ ކަމެއް ނުބުނެވެސް ދެނެގަންނަ ހުޔާއަށް އެނގޭ އެއްކަމެއް އޮތެވެ. އިކާންއާ ދިމާވިފަހުން ޢަމާރާ ބަދަލުވެއްޖެ ކަމެވެ.

ޢަމާރާ ހީކުރި ފަދައިން ފަސޭހަކަމާއެކު ކިޔެވުން ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. އެކަނިވާ ގިނަ ވަގުތުތަކުގައި އަބަދު ހަނދާންވަނީ އިކާންގެ މަތިންނެވެ. ފުރައިގެން އައި ދުވަހު ލައިގެންހުރި ހެދުމާއި ޝޯލް ފެންނަ ކޮންމެ ފަހަރަކު އިކާންގެ ހަނދާންތަށް އާވެއެވެ. އެއާރޕޯޓް ތެރޭގައި ހިނގާ ދިޔަހާ ކަމެއްވެސް ހަނދާންވަނީ މަދަކުން ނޫނެވެ. އެކަމަކުވެސް ޢަމާރާގެ ބަސްނާހާ ސިކުނޑި ގަބޫލު ކުރާ ގޮތުގައި އެއީ ދުވަސްކޮޅެއްގެ ކަމެކެވެ. ދުވަސްތަށް ފާއިތުވަމުން ދާވަރަކަށް އެކަމުންވެސް ލުޔެއް ލިބިދާނެ ކަމަށެވެ.

ކޮންމެ ދުވަހަކު ނުގުޅުނަސް ޢަމާރާ މަދުވެގެން ހަފްތާއަކު ދެދުވަހު ރަހުމަތްތެރިޔާ އަދި އާއިލާއަށް ގުޅާ ވާހަކަ ދައްކައެވެ. މަންމަ ވަރަށް ޝަކުވާ ކުރެއެވެ. އެހެން ނަމަވެސް ޢަމާރާ ވިސްނައި ދިނުމުން މަންމަވެސް ފަހުން އެކަން ހުއްޓާލައިފިއެވެ.

އިކާންގެ ފަހު އަހަރު ކަމުން ކިޔެވުމުގައި ވަރަށް ބުރަކޮށް އުޅެން ޖެހުނެވެ. އޮޕަރޭޝަން ތަކަށް ދިއުމާއި އެކި ހޮސްޕިޓަލް ތަކަށް ޑޮކްޓަރުންގެ ޓީމްއާއެކު ޒިޔާރަތްވެސް ކުރަން ޖެހުނެވެ. އެހެން ނަމަވެސް ހިތުގެ ކަނެއްގައި ޢަމާރާގެ ރީތި ސޫރަ ފޮރުވާލެވިފައިވީ ރައްކާތެރިކަމާއެކުއެވެ. ކުރީގެ ވިޔާނުދާ ރަހުމަތްތެރިން ދޫކޮށްލާ ރީތި ދިރިއުޅުމެއް އުޅެމުން ދިޔައީ ޢަމާރާއަށާއި އަމިއްލަ ނަފްސަށްވެސް ތެދުވެރިވާން ބޭނުންވާތީއެވެ. ކުރިން ވާހަކަ ދެއްކި އެތަށް އަންހެން ކުދިންނެއް އިކާންއާ ގުޅެންވެސް ބޭނުންވިއެވެ. ކައިރިއަށް އައިސް ވަހަކަ ދައްކަންވެސް އުޅުނެވެ. އެކަމަކު އިކާން މިފަހަރު ހުރީ ސާބިތުކަމާއެކު ހަމަ އެންމެ މީހަކަށް ޓަކައެވެ. ފުރުމުގެ ކުރިން ޢަމާރާ ބުނި ވާހަކަ އިކާން އަބަދުވެސް ހަނދާނުގައި ބަހައްޓައެވެ.

ދޭތެރެއަކުން ހާނިމްގެ ފަރާތުން ޢަމާރާ ދިޔަ ޤައުމެއް ހޯދޭތޯ ސުވާލު ކޮށްލައެވެ. ހާނިމް ދެނީ އަބަދުވެސް އެއް ޖަވާބެކެވެ. ” އެނގެ އެއްނު.، އަހަރެން ބަލާފަ ބުނީމެއްނު ކެން ކައިރީ.. ދުބާއީ އަށޭ އެ ފްލައިޓް އެދުވަހު ދިޔައީ.. އެތަނުން އެހެން ތާކަށް ދިޔަކަމެއް ނޭނގެ.. ފްލައިޓް ބަދަލުވިޔަސް މާރާ އެރީ ކޮން ފްލައިޓަކަށް ކަން ކިހިނެއް ނެނގޭނީ…” މާޔޫސްކަމާއެކު ފަހަރެއް ވުރެ ފަހަރަކު އިކާން އައީ ޢަމާރާދެކެ ކުޑަކޮށް ރުޅިވެސް އަންނަމުންނެވެ. ނުބުނެވޭވަރު ތަނަކަށް އޭނާ ދާނީ ކޮންތާކަށްހޭ ކިޔާފައި އަމިއްލަ ނަފްސާ ޝަކުވާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އިކާންއަށް ނޭނގޭ ކަމަކީ ޢަމާރާ އެކަން ސިއްރުކުރީ އޭނާގެ ފަހަތުން އިކާން އައުމަށް ނޭދޭތީއެވެ.

ދުވަސްތަސް ހަފްތާ ތަކަސް، ހަފްތާތަށް މަސްތަކަސް ބަދަލުވަމުންގޮސް ދެ އަހަރުގެ ކިޔެވުން ނިމުނުއިރުވެސް ހީކުރިގޮތާ ހިލާފަށް ޢަމާރާގެ ހިތަކުން އިކާންގެ ނަމެއްވެސް އަދި އެންމެ ކުޑަ ނަމަވެސް ހަނދާނެއްވެސް ފޮހެވިގެނެއް ނުދިޔައެވެ. މަންމަމެން ނުފެނުން އާދައަކަށް ވީއިރު އިކާން ނުފެނުން އާދައަކަށް ނުހެދުނެވެ. ދެ އަހަރު ފަހުން ލިބުނު މަސް ދުވަހުގެ ޗުއްޓީގައި ރާއްޖެ ދިޔައީ މަންމަ އާދޭސް ކުރާވަރުން ކަމަށް ބުންޏަސް ހިތުގައި އެދުމެއްވެސް އޮވެގެންނެވެ. އިކާންއާ ދިމާވާނެ ކަމުގެ އުއްމީދު ހިތުގައި ލައިގެންނެވެ.

3 ހަފްތާ ވަންދެން މަންމަ ކައިރީ ރަށުގައި ހުރިއިރު ދޮންބެގެ ކައިވެނިވެސް ކުރެވިއްޖެއެވެ. އާއިލާއަށް ނާންގާ ރަށަށް އާދެވުނީވެސް ކައިވެނީގައި ބައިވެރިވާން ނަސީބުގައި އޮތީމައި ކަމަށް ޢަމާރާ ބުނެއެވެ. ދޮންބެއަކީ މިހާރު ރަށު ސިއްޙީ މަރުކަޒުގެ މެނޭޖަރެވެ. ދޮންބެ ދައްތައަކީ ނަރުހެކެވެ. އެއީވެސް ރަށު ކުއްޖެކެވެ.

ޗުއްޓީ ނިމެން ހަފްތާ އަކަށް ވުމުން ޢަމާރާ މާލެ ދިޔައީ ވިޔަފާރި ކޮށްލަންށާ ހުޔާ ކައިރިއަށް ކަމުގައި ބުނެފައި ވިޔަސް ކޮންމެވެސް ގޮތަކުން އިކާންއާ ދިމާވެވޭނެ ގޮތެއް ހޯދުމުގެ ބޭނުމުގައެވެ. ޢަމާރާ މާލޭގައި މަޑުކުރަން ޖެހުނީ ހުޔާމެން ގޭގައެވެ. އެހާ ދުވަހު ނުފެނި ހުރެފައި އައުމުން ހުޔާވެސް ޢަމާރާ ދުރުގައި ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. ހުޔާ ހުރީ ޢަމާރާ އަންނަ އިރަށް ޗުއްޓީ ނަގައިގެންނެވެ.

“ހުޔާ… ކަމަކު ކިޔަން ވެއްޖެ..” ނިދަން އޮވެފައި ޢަމާރާ ވާހަކަދެއްކި އަޑަށް ހުޔާ އަރިއަކަށް އެނބުރި ކުރު އަތް މައްޗަށް އޮށޯވެލިއެވެ.

” ހޫމް ބުނެބަލަ.. އެކަމް އެނގޭ ކަންނޭގެ ތި ބުނަން އުޅޭ އެއްޗެއް… އޭނަނެތް ރާއްޖެއަކު… ތި ބޭނުންވާ ކަމެއް ނެތް ވާކަށް…” ވޭތުވެދިޔަ 2 އަހަރުގައިވެސް ހުޔާއަށް ގުޅާފައި ޢަމާރާ ގިނައިން ދައްކާފައި ހުރީ އިކާންގެ މަތިން ހަނދާންވާ ވާހަކައެވެ. އާއެކޭ ނުބުނެވުމުން އެކަމާ ދެރަވާ ވާހަކައެވެ. އެހެންވެ ހުޔާއަށް އޭނާ ބުނަން އުޅުނު އެއްޗެއް ނަގައިގަނެވުނީ އަވަހަށެވެ.

“އަޅެ.. ލިލީއަށްވެސް ނޭނގޭނެތަ..؟ އޭނަ ވީތަނެއް ނުބެލޭނެތަ.. ކުޑަދޮންބެއަށް އެނގިދާނެ.. ހިނގާބަލަ އަހަން.. އެޓް ލީސްޓް ނަމްބަރ ވެސް ނުހޯދޭނެތަ..؟” ޢަމާރާ ބެލީ ކޮންމެވެސް އެއް ގޮތަކުން އިކާން ހޯދޭތޯއެވެ.

“މާރާ… ލިލީ ވީ މެލޭގައި.. ދޮންބެ ނުބުނާނެ އޭނަ ވީތަނެއް.. އަހަރެން ކައިރީވެސް ނުބުނެ. އެހެން ނޫނަސް ހަމަ މާރާވެސް އެދުނު ގޮތަށް އޭނަވެސް އެދިފައި އޮތީ.. ދެން ކިހިނެއް ބުނާނީ.. މާރާއަށް ތެދުވެރިވެފަ އިކާންއަށް ތެދުވެރި ނުވާންވީތަ.. ދެން ތިބުނީ ނަމްބަރު ހޯދަން… އަހަރެން ނަށް ނުކެރޭނެ ހޯދަދޭކަށް.. އިކާންއަކީ އަހަރެން މާރާގެ ނަމްބަރު އޭނައަށް ދީފާނަމޭ ބުނުމުންވެސް އެގޮތަށް ނަމްބަރު ހޯދަން އެއްބަސްނުވި މީހެއް. އޭނަ ބޭނުންވަނީ ހުރިހާކަމެއް މާރާގެ ރުހުމުގައި ކުރަން.. މާރާވެސް ވާނެ އެގޮތަށް އޭނައަށް ރެސްޕްކްޓް ކުރަން..” އެނދުގައި ހަމަޖެހިލަމުން ހުޔާ ވާހަކަދެއްކީ މައްޗަށް ބަލަން އޮވެގެންނެވެ. “ވަރަށް އަވަހަށް ތި ދެމީހުން ދެން ބައްދަލުވެދާނެ.. އިންޝާﷲ.” ހުޔާއަށް ހިތާހިތުން ކިޔާލެވުނެވެ.

ތިއީވެސް ތެދެކޭ ބުނަމުން ޢަމާރާ އެބުރުނީ އަނެއް ފަރާތަށެވެ. ހިތަށްވީ ތަދަކުން ލޮލުގައި އުފެދުނު ކަރުނައިގެ އަސަރު އެކުވެރިޔާއަށް ދައްކާކަށް ޢަމާރާ ބޭނުމެއް ނުވެއެވެ. އެކަނި އޮވެ އަމިއްލަ ނަފްސާ އެތަށް އިރަކު ޝަކުވާ ކުރެވުނެވެ. އޭރުވެސް ބޭނުންވި ގޮތަށް އެއްވެސް މީހަކާ ދޭތެރޭ ނުވިސްނާ ހުރެވުނު ނަމަ މިހާ އުނދަގުލެއް ނުވީހޭ ހިތަށް އެރުމުން ރޮވުނެވެ. ޢަމާރާ ނޭފަތް ދަމާލާ އަޑު އިވުމުން ރޮނީކަން ހުޔާއަށް އެނގުނަސް ނިދާކަމަށް ހަދައިގެން އޮތީ ރޯލުމުން ހިތަށް ހަމަޖެހުމެއް ލިބުނީމައި ޢަމާރާވެސް ހަމައަކަށް އެޅޭނެތީއެވެ. އިރުކޮޅަކުން ޢަމާރާ އަޑުކެނޑި ފުން ނިދީގެ ތެރެއަށް ގެނބިގެން ގޮއްސިއެވެ.

ހެނދުނު ހޭލައިގެން ބޭރަށް ނުކުތް ޢަމާރާއަށް މަރުހަބާކީ ގޭގެ އެންމެން ކަހަލަ ގޮތަކަށެވެ. އެންމެން އެއްވެފައި ތިބުމުން ބޮޑު ވާހަކައެއް ދައްކަނީ ކަން ނަގައިގަނެވި ޝައުގުވެރިކަން ހިތުގައި އުފެދުނެވެ.

“އިނގޭތަ.. އެ ދައްކަނީ ކުޑޫގެ މެރިއޭޖްގެ ވާހަކަ…” ޢަމާރާ އިށީނުމުން އަނގަ މަޑުން ލައިގެން ނީނދެވިގެން ސުމާ ބުނެލީ މުޅި ގެއަށް އިވޭ ވަރަށެވެ.

“ވަޓް.. ސީރިއަސްލީ…” އުފާވެރިކަމާއެކު ހުޔާއަށް ގޮނޑިން ތެދުވެވުނެވެ. އަދި ސީމާ ކައިރީ އިން ހުޔާ ކައިރިއަށްގޮސް ބައްދާލިއެވެ.

“ހޫމް.. އެކަމަކު އެހާ އަވަހަކަށް ނޫން…” ހުޔާ ހެމުން ބުނެލިއެވެ.

“އެއީ ކީއްވެ..؟ އަދިވެސް ލަސްކުރަނީ… ފަހުދު ކީކޭ ބުނަނީ.. އެއީ އަވަހަށް އިންނަން ބޭނުންވާ މީހެކެއްނު.. މިހާރު ހާދަ ދުވަހެކޭ މިވީ…” ވެފައިހުރި އުފަލެއްގެ ބޮޑުކަމުން ޢަމާރާއަށް ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލެވުނެވެ.

“12 އަހަރުވިޔަސް ނުކުރާނެ ބެސްޓީއަށް ބައިވެރި ނުވެވެންޏާއެއް…” ސުމާއާ އެއްމާބަނޑު ހުމާ ހެމުން ބުނެލުމުން އެންމެންވެސް ހޭންފެށީ އެ ތެދެކޭ ކިޔަމުންނެވެ.

“އެ ތެދެއް.. އަންނަ އަހަރު ޑިސެމްބަރ ގަ ކުރާނީ.. މާރާއަށް ލިބޭނެ އެއްނު 1 މަސް އޭރަށް… ބުނީމެއްނު.. ފަހުދުއަށް މުހިއްމީ އަހަރެންގެ އުފާވެރިކަން.. މާރާއާ ނުލާ އަހަރެން އުފަލެއް ނުވާނެ..” އުފަލުން ރޮވިފައިހުރި ޢަމާރާގެ ގައިގަ ބައްދާލިއިރު ހުޔާއަށްވެސް ރޮވުނެވެ.

ސަޔަށްފަހު ހުޔާއާއި ޢަމާރާ ވަރަށްގިނަ ވާހަކަތަށް ދެއްކިއެވެ. ކައިވެނީގެ އެކި ކަންކަމުގެ ވާހަކައާއި ލާނެ ހެދުމެއްވެސް ފައިނަލްކުރީ ދެމީހުން ބަލާފައެވެ. ކުލައަކަށް ނިންމީ ފަހުދުއަށް އެންމެ ރީތި އެމަރްލްޑް ގްރީންއާއި ރަންކުލައެވެ. މާމެއިޑް ވެޑިންގް ޑްރެސްއެއް ހުޔާގެ ގަޔަށް ރީތިވާނެކަމަށް ޢަމާރާ ބުނުމުން އެހާ ފިޓު އެއްޗެއް ލާން ބޭނުން ނުވާކަމަށް ހުޔާބުނީ ޢަމާރާ ކައިރީ ސިއްރެއްވެސް ބުނަމުންނެވެ. ކައިވެނީގެ ދުވަހާ ހަމަޔަށް އެންމެންނަށްވެސް އެކަން ސިއްރު ކޮށްދޭން އެދެމުންނެވެ.

ކައިވެނީގެ ވާހަކަތަކާ އަމިއްލަ ގިނަ ކަންކަމުގައި ހަފްތާއެއް ނިމި ޢަމާރާ ފުރުމުން ހުޔާ ވަރަށް އެކަނިވިއެވެ. ފަހުދު ނެތްނަމަ އަބަދު އިންނާނީ މާޔޫސްވެ އެކުވެރިޔާ ހަނދާންވެފައެވެ. ހާނިމްވެސް އިކާންއަށް ހުޔާގެ ކައިވެނީގެ ވާހަކަ އެންގުމަށް ގުޅިއެވެ. އެވަގުތު ހުޔާއާވެސް އިކާން ވާހަކަ ދެއްކިއެވެ. ކައިވެނިކުރާ ވަކި ތާރީހެއް ނުބުނިނަމަވެސް ދައުވަތު ދިނުމުން އަންނަން ޖެހޭނެ ވާހަކަ ހުޔާ ބުނެލިއެވެ. ބޭރަށްދާން ހިނގައިގަތް ހުޔާ ހުއްޓުން އެރީ އިކާންބުނި އެއްޗެއްގެ ސަބަބުންނެވެ. ހުޔާ ހުއްޓުމުން ހާނިމްވެސް ބަލާލިއެވެ. ހުޔާ އެއްޗެއް ނުބުނެ ދިޔައިރު ތުންފަތުގައިވީ މާނަފުން ހިނިތުންވުމުގެ ސަބަބުން ވީގޮތް ހާނިމަށް ނޭނގުނަސް ނުހާއަށް ވީގޮތް ނަގައިގަނެވުނެވެ.

“ކުޑޫއަށް ކީއްތަ އެވީ..” އިކާން ފޯން ބޭއްވުމުން ހާނިމް އެނބުރިލަމުން ނުހާއާ ވާހަކަ ދެއްކިއެވެ.

“ނޭނގެ.. ކައިވެނީގެ ތައްޔާރީތައް ކުރެވެން ފެށީމަ އެކްސްއިޓްވަނީ ކަންނޭނގެ.. ” ހާނިމްގެ ކައިރީ އިށީންނަމުން ނުހާ ވާހަކަދެއްކީ ހިނިތުންވުމަކާއެކުއެވެ.

“އެހެންތަ.. ދެން ކޮބާ މަށަށްވީ އެކްސައިޓްމަންޓް…” ނުހާގެ ގައިގަ ހިފައިގަންނަމުން ހާނިމް ސަމާސާ ކޮށްލިއެވެ. ދެމީހުންގެ ހުނުމުގެ އަޑު ކޮޓަރިތެރޭގައި ހަރުލާފައި ހުއްޓެވެ.

ދިގު ދަތުރަކަށްފަހު ގޮސް ހޮސްޓެލްއަށް ވަތް ޢަމާރާއަށް އިވުނީ އައު ލެކްޗަރަރ އެއް އަންނަ ވާހަކައެވެ. ގިނަކުދިން ވާހަކަ ދައްކަނީ ފްރާންސް ބަހުން ކަމުން މިހާރު ޢަމާރާއަށްވެސް ވަރަށް ބޮޑަށް އެ ބަހުން ވާހަކަ ދައްކަން އެނގެއެވެ. އެއް ދުވަސް ފަހުން ކިޔެވުން ފެށޭނެތީ ޢަމާރާ ބެލީ ވަރުބަލިކަން ފިލުވާލަން ނިދާލެވޭތޯއެވެ.

ހެނދުނު ހޭލެވުނީ ފިނި ގަދަވެގެންނެވެ. ފިނި މޫސުން ކަމުން ޓެމްޕަރޭޗަރ ހުރީ 5- ގައެވެ. ކޮންމެ އަހަރަކުވެސް ފިނި މޫސުމަކީ ޢަމާރާއަށް އެންމެ އުނދަގޫވާ ދުވަސްވަރެވެ. އަބާޔާގެ އެތެރޭން ނާއި ބޭރުންވެސް އެތަށް އެއްޗެއް ލާންޖެހެއެވެ. ސްނޯ ފައިބާފައި ހުންނައިރު އަބާޔާ ލައިގެން ކެމްޕަސްއާ ހޮސްޓެލްއާ ދޭތެރޭގައި ހިނގުމަކީވެސް އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. އެއް ކޮޓަރީގައި އުޅޭ ރިދާ ކިޔާ ކެނެޑާގެ މުސްލިމް ކުއްޖެއް ދީފައިހުރި ކަށިމައްޗައް އަރާ ސެލްފް ހީޓީން ކޯޓަކާއެކު އަޑިން ބޯ ސްވެޓަރއެއް ލީ ފަސޭހަ ކޮށްލުމުގެ ބޭނުމުގައެވެ. ފިނި މޫސުމުގައި ލާކަހަލަ ޓައިޓެއްގެ މަތިން ފައިކުރިފުޅާ ޖިންސެއް ލުމަށްފަހު ބޫޓަށް އަރާ ތައްޔާރުވެލިއެވެ. ޝޯލްއެއް އަޅާލައި ކަރުގައި ސްކާފް އޮޅާލައި ބޮލުގައި ބީނީއެއް އަޅާލީ ފިނިން ރައްކާތެރި ވުމުގެ ގޮތުންނެވެ.

ފިނި މޫސުމުގައި ކުދިން ކިޔެވުމަށް ސަމާލުކަންދޭން ފަސޭހައަކަށް ކްލާސްރޫމް ތަކުގައި ހީޓަރ ބަހައްޓާފައި ހުރެއެވެ. ކްލާހަށް ވަދެވުމަށްފަހު ޖެކެޓް ލައިގެންވެސް ތިބޭކަށް ނުޖެހެއެވެ. ކެންޓީނުން ސައި ބޮއެގެން ޢަމާރާވެސް ކްލާހަށްވަދެ ޖެކެޓް ބާލައި ސްޓޭންޑުގައި އަޅުވާލިއެވެ. ސްވެޓަރު ހުރީ ފައިގެ ފަލަމަސްގަނޑުގެ މެދާ ހަމަޔަށް ވިޔަސް ޢަމާރާއަށް އުނދަގޫވީ އެކަހަލަ އެއްޗެއް ލައިގެން ބޭރަށް ނުނިކުންނަތާ އަހަރުތަކެއް ވެފައި ވީމައެވެ. އަބަދުވެސް އިށީނދެގެން އިންނަ އެންމެ ކުރީ ބަރީގެ ގޮނޑީގައި ޢަމާރާ އިށީނެވެ. ކައިރީ އައިސް ރިދާ އިށީނެވެ. އެހެންޏާ އަބަދުވެސް ފަހަތުގައި އިންނަ ރިދާ މިއަދު ކުރިޔަށް އެ އައީ ކެންޓީނުގައި އިނދެފައި އައު ލެކްޗަރަރ އަކީ ވަރަށް ޒުވާން ހޮޓް މީހެކޭ އެމާ ބުނުމުންނެވެ.

ފޮތަށް ގެއްލިފައި އިން ޢަމާރާ އިސްއިފުލާ ބަލާލީ ކްލާސްތެރެ އަޑުމަޑުވުމުންނެވެ. ޢަމާރާގެ ހަތަރެސްފައި ގަނޑުވި ކަހަލައެވެ. ލެކްޗަރަރ ކްލާހަށް ވަނުމުން ހެނދުނުގެ ސަލާމަށް އެންމެން ތެދުވުމުންވެސް ޢަމާރާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ޢަމާރާގެ އަތުގައި ހިފާ ރިދާ ތަޅުވައި ގަތުމުން ތެޅިގަންފައި އަވަހަށް ކޮޅަށް ތެދުވެ ހެނދުނުގެ ސަލާމް ކޮށްލަމުން މާފަށް އެދުނެވެ.

ކްލާހަށް ވަދެގެންއައި އިރުވެސް އިކާންގެ ލޮލުގައި އަޅައިގަތް ކުއްޖާއާ ދިމާލަށް ފަރުވާތެރިކަމާއެކު ބަލާލެވުނީ އޭނާ ކޮޅަށް ތެދުވުމުންނެވެ. އިހުނަށްވުރެ ގައިގެ ކުލަ އަލިވެފައި ވިއެވެ. ބޮޑަށް ހީވާގޮތުން ފިނީގެ ސަބަބުން ދޮންވަނީއެވެ. ލާ ހެދުމަށްވެސް ބަދަލު އައިސްފައި ހުއްޓަސް ލާފައި ހުރީ ގައިގެ ބައްޓަން ނޭނގޭހާ ދޫ އެއްޗިއްސެވެ. އިކާންފެނި އޭނާއަށް އެ ވީގޮތް އިކާންއަށްވެސް ވިއެވެ. މޫނު އަނބުރާލަމުން ހުރިހާ ކުދިންނަށް ވަކިވަކިން ބަލައިލީ ހިތުގައިވީ އަސަރުތަށް އެއްވެސް މީހަކަށް ފެންނާން ނޭދޭތީއެވެ. ޙާއްސަކޮށް އޭނާއަށެވެ. އިކާންވެސް އިންޓާންޝިޕަށް އައީ އެތަނުން އޭނާއާ ދިމާވެދާނެ ކަމަކަށް ނޫނެވެ. އޭރު ސިކުނޑި ތެރޭގައި އެނބުރުނީ އެއް ދުވަހެއްގައި ހުޔާ ބުނެފައިވީ ވާހަކަ ތަކެކެވެ. “ވަރަށް އަވަހަށް ތި ދެމީހުން ބައްދަލުވާނެ. ދެރަނުވޭ.. އަހަރެން ދުޢާ ކުރާނަމޭ.. ދިމާވާއިރު އިކާން ދެކެ މާރާ ލޯބިވެސް ވާނެ..”

“ކިހިނެއް ތިވީ.. ދަންނަ މީހެއްތަ؟ އަނެއްކާ ބިޓެއް؟” ރިދާ ފްރާންސް ބަހުން ކޮށްލި ސުވާލު ކުރިމަތީ މޭޒުގައި ޚާޒިރީ ބަލަން އިން އިކާންއަށް ރީއްޗަށް އަޑުއިވުނެވެ. “ވަޓް ޑޫ ޔޫ ތިންކް.. އަހަރެންގެ ނަސީބުގަ އެކަހަލަ ހޮޓް މީހެއް ވެދާނެތަ…؟” ޢަމާރާވެސް ޖަވާބުދިނީ ފްރާންސް ބަހުންނެވެ. އިކާންއަށް ނޭނގޭނެ ކަމުގައި ހީކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް އެކަމުގެ ސަބަބުން ލިބުނު ޝޮކް މުޅިން ފިލައިގެން ނުދެއެވެ. ޢަމާރާ އިނީ ކްލާސްތަށް ނިމި ހޮސްޓެލްއަށް ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ. ހުޔާއަށް ގުޅާފައި އެވާހަކަ ދައްކާށެވެ. ހުޔާ ދެއްކި ވާހަކަ އާ އިކާން އައުމާ ގުޅުމެއް ވެޔޭ ޢަމާރާގެ ހިތް ބުނަމުން ދިޔައެވެ.

” ދެވަނަ ހަފްތާއިން ފެށިގެން ޕްރެކްޓިކަލްސް ކުރިޔަށްދާނެ.. ނޯ ފޯންސް ޔޫސިންގ އިން ކްލާސްރޫމް.. އަންޓިލް އެމަޖެންސީ…” ކްލާސް ނިންމާލަމުން އިކާން އިނގިރޭސި ބަހުން ބުނެލިއެވެ. އިކާން މުޅިންވެސް ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. އިކާންއަކީ ދިވެއްސެއް ކަމެއް އެއްވެސް ދަރިވަރަކަށް އޭނާ ނާންގައެވެ. ބަލާ ބެލުމަށް ވައްތަރުވެސް ނޫނީއެވެ.

ހޮސްޓެލްއަށްގޮސް ޢަމާރާ ފުރަތަމަވެސް ކުރިކަމަކީ ހުޔާއަށް ގުޅުމެވެ. ތިން ފަހަރު ގުޅިއިރުވެސް ހުޔާ ފޯނަށް ޖަވާބެއް ނުދިނުމުން ޢަމާރާ އޮށޯތީ ނިދާށެވެ. ކިތަންމެ ވާހަކަދައްކަން ބޭނުންވި ކަމުގައި ވިޔަސް އިކާންގެ އަބުރު ގެއްލޭފަދަކަމެއް ޢަމާރާ ކުރާކަށް ބޭނުމެއް ނޫނެވެ. ކެމްޕަސްގެ ބޭރުން ބައްދަލު ކުރަން ދާނެ ތަނެއް ޢަމާރާ އަކަށް ނޭނގެއެވެ. ހަމައެކަނި އިނގެނީ ކެމްޕަސްއާ 2 ކިލޯމީޓަރ ދުރުގައި ހުންނަ މިއުޒިއަމް ޕާކެކެވެ. އެއީ ބައެއް ދިވެހި ކުދިންނާއި ރިދާއާ އެކުވެސް ދެތިން ފަހަރަކު ދެވިފައި ހުރި ތަނެކެވެ. އެހެން ވިޔަސް ބައްދަލު ކޮށްފައި ތަނަކަށް ދާން ބުނާކަށް ނުކެރޭނެއެވެ. ކޮންމެ ގޮތެއްވިޔަސް އިކާންގެ ނަމްބަރު ހޯދުމަކީ މިހާރު ޢަމާރާ އެންމެ ބޭނުންވާ އެއް ކަމަށް ވެސް ވެއްޖެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގައި ޢަމާރާ އަކަށް ކިޔެވުން އެހާ ފަސޭހައެއް ނުވިއެވެ. އިކާންގެ ނަމްބަރު ނުހޯދުނު ތާނގައި ބައްދަލުވެސް ނުކުރެވުނެވެ. އެކި އެކި އެއްޗެހި އޮޅުން ނުފިލާކަމަށް ބުނެ ސުވާލުތަށް ކުރަން އިކާންގެ ކެބިންއަށް ދިއުމުންވެސް ވާހަކަ ނުދެއްކިއެވެ. އެކަނި ނައުމަށާއި އަބަދުވެސް އިތުރު ދަރިވަރެއް ގޮވައިގެން އައުމަކީ ގަވައިދެއް ކަމުގައި ބުނެ ޢަމާރާ މަސައްކަތްކުރި ތިން ފަހަރުވެސް ފޮނުވާލީއެވެ. ޢަމާރާ އަންނަނީ އެއްޗެއް ނޭނގިގެން ނޫންކަން އިކާންއަށް އިނގެއެވެ.

ޢަމާރާއަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ޒޫމް ކްލާސްތަކެއް އިކާން ހަމަޖެއްސީ އެއްވެސް އެއްޗެއް އޮޅުން ފިލުވަން ބޭނުންވާނަމަ އޭގައި ބައިވެރިވުމަށް ކުދިންނަށް އަންގާފައެވެ. ޢަމާރާއަށް އިކާންގެ މެއިލް އިން ލިންކް ފޮނުވާފައި ވިޔަސް އެޔަށް ވަންނާކަށް ބޭނުމެއް ނުވިއެވެ. ހުރިހާ ކުދިންގެ ކުރިމަތީގައި ސުވާލު ކުރާކަށް ޢަމާރާ އަކަށް ނުކެރޭނެއެވެ. އެއީ ޢަމާރާއަކީ މިހާތަނަށް ނަގައިދީފައިހުރި ފިލާވަޅުތަށް އެހެން ކުދިންނަށް ކިޔައިދޭ ކުއްޖެއްކަން ނޭނގޭނެ އެއްވެސް ޓީޗަރެއް ދަރިވަރެއް ނުހުންނާނެތީއެވެ.

ކްލާސްތަށް ނިމުނުގޮތަށް ޢަމާރާ ދިޔައީ ލެޕްޓޮޕްގައި މައްސަލައެއް އުޅޭތީ މިއުޒިއަމް ޕާކް ކައިރީ ހުންނަ ފިހާރައަކަށް އެ މައްސަލަ ހައްލުވޭތޯ އެވެ. ރިދާ ކައިރީވެސް ކިޔަކިޔާ ނުދިއުމުން ޢަމާރާއަށް ޖެހުނީ އެކަނި ދާންށެވެ. ޖެހިލުންވި ނަމަވެސް އެކަނިވެސް އުޅެން ޖެހޭނެއޭ ޢަމާރާގެ ހިތަށް އެރިއެވެ. މުއައްޒަފުންގެ ޑޯމްއަށް ދާން ގޭޓުން ނުކުތް އިކާންއަށް ފެނުނީ ޢަމާރާ މާބާރަކަށް މަގު ހުރަސްކޮށްފައި ދާތަނެވެ. އިތުރު ކްލާހެއް ނެތުމުން އިކާންވެސް ބޭނުންވީ ޢަމާރާ ކުރާކަމެއް ބަލަން ދާށެވެ. ކިތަންމެ ހިތް ހިލަ ކޮށްގެން އުޅުނު ކަމުގައި ވިޔަސް އަދިވެސް އެނޫން ނަމެއް އިކާންގެ ހިތުގައި ނުވެއެވެ.

މަޑު ހިނގުމުގައި ފާހަގަ ނުވާނެހާ ދުރުމިން ބަހައްޓައިގެން އިކާން ހިނގަމުން ދިޔައެވެ. މިއުޒިއަމް ޕާކްއާ ޖެހިގެން ކަހަލަ ގޮތަކަށްއިން ލެޕްޓޮޕް ރިފެއަރ ފިހާރައަށް ޢަމާރާ ވަނުމުން އިކާން މަޑުކޮށްލިއެވެ. ކައުންޓަރު ކައިރިއަށް ގޮސްފައި އިރުކޮޅަކުން އެނބުރި ނުކުންނަތަން ފެނުމުން އަވަސް އަރުވާލާފައި އިކާންއަށް ވަދެވުނީ ޕާކްގެ ތެރެއަށެވެ. އެތެރޭގައި މަޑުކޮށްލީ ޢަމާރާ ދާހާ އިރުކޮށްފައި ނުކުތުމުގެ ބޭނުމުގައެވެ. ޢަމާރާއަށް ނުފެނުނުކަން ނަސީބެކޭ އިކާންގެ ހިތަށް އެރިއެވެ.

ޢަމާރާ ނިކުންނަން އެނބުރުނު ވަގުތު އިކާން އުޅުނުގޮތް ރީއްޗަށް ފެނުނެވެ. ދޮޅު ގަޑިއެއްހާއިރު ވާނެކަމަށް ފިހާރައިން ބުނުމުން ޢަމާރާވެސް ބޭނުންވީ ޕާކުގެ ތެރޭގައި މަޑުކުރާށެވެ. ގަހެއްގެ ކައިރީ އިކާން ހުރީ ފުރަގަސް ދީގެންނެވެ. ސްނޯ ފައިބާފައި ހުރުމުގެ ސަބަބުން ބެންޗް ތަކުގައިވެސް ވަނީ ސްނޯއެވެ. ޕާކް ތެރެއިންވެސް ފެންނަނީ މަދު މީހެކެވެ.

“ކީއްކުރަނީ މިތާ..” އިކާންގެ ކުރިމައްޗަށް ހުއްޓެމުން ޢަމާރާ ސުވާލުކޮށްލިއެވެ.

“އާމ.. ޢަމާރާއަށް ކީއް.. މިކަހަލަ ތަންތަނަށް ތިހެން ލެކްޗަރަރ އިންނާ ބައްދަލު ކުރަން އަންނާކަށް ނުވާނެ..” މޫނު އަނބުރާލަމުން އިކާން ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ޢަމާރާ އިކާންގެ އަތުގައި ހިފާލުމުން އިކާން އަތް ފޮޅުވާލީ ނުރުހުންވެފައި ބަލާލަމުންނެވެ.

“އަހަރެން އައީ ޓެކް ޝޮޕަށް. މިތަނަށް މި ވަނީ އެ ނިމެން އެހާ އިރު ނެތީމަ ހޮސްޓެލްއަށް އަނެއްކާ ނުދާންވެގެން… ދެން އަހަންނަށް ކެން.. ތީ ހަމައެކަނި ކޮލެޖްގެ ހަތަރު ފާރު އެތެރޭގައި ލެކްޗަރަރ އެއް. އެތަނުން ބޭރުގައި އަހަރެންނަށް ތީ ހަމަ އަހަރެންގެ ކެން…” އަނެއްކާވެސް ޢަމާރާ އިކާންގެ އަތުގައި ހިފާލިއެވެ. މިފަހަރު އިކާން އަތް ފޮޅުވާލާކަށް ނޫޅުނެވެ.

“ކެންއޭ.. އެއީ ވަރަށް ސްޕެޝަލް މީހުން އަހަންނަށް ކިޔާ އެއްޗެއް.. ޔޫ އަރ ނޮޓް ސްޕެޝަލް.. ނޮޓް އެނީމޯ… އެންޑް އަހަރެން ކޮން އިރަކު ޢަމާރާގެ ކެން އަކަށްވީ… ނުދެމެއްނު އެ ފުރުސަތެއް.. ދިނިންތަ؟” ޢަމާރާގެ އަތުގެ ތެރެއިން އަތް ނައްޓާލުމަށްފަހު ޢަމާރާ ކޮނޑުގައި ދެއަތުން ހިފަހައްޓާ ތަޅުވާލަމުން އިކާން ވާހަކަދެއްކީ ރުޅިވެރިކަމާއެކުއެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 27

Next

ލޯބި-9

Next
December 11, 2025

ލޯބި-9

Previews
December 11, 2025

ހިތަކުން ނުދާނޭ ފިލާ 27

3 Comments!

  1. Cutieee says:
    December 11, 2025 at 6:21 pm

    Wowww just wowww MA !!
    Alhe ikaan nuves vaanu maaraa dheke rulhi annaakah😭
    Vrh loabi couple akah mi dhemeehun vaane kan yageen ,and I can’t wait for that day🤭
    When is the next part??

    1. ފަޒޫ says:
      December 11, 2025 at 8:41 pm

      Wait for Monday dear. 🫶🏻

  2. K says:
    December 11, 2025 at 11:09 pm

    Ikaaaaaan whyyyy 😭

Comments are closed.



All Right Reserved!