Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނުހޭ ގާތުގާ- ހަތަރުވަނަ ބައި

ފަޒޫ Level 310 Stories100 Login
December 4, 2025 10 Mins Read
0 Comments

7 ޖަހަން ވީއިރު ކައިވެނި ކުރާ މޭޒު ކައިރިއަށް ހާނިމް އައީ އިކާންއާއި ހުމާމްއާވެސް އެކީގައެވެ. ހުދުކުލައިގެ ކޯޓް ފަޓުލޫނުގައި ހާނިމް ހުރިއިރު އެތެރޭން ލާފައި ހުރީ މަޑު ނޫކުލައިގެ ގަމީހަކާއެކު ކަރުގައި ގަދަ ނޫކުލައިގެ ބޯޓައީ އެއް އޮތެވެ. ކޯޓްގެ އަރިމަތީގައި ނޫކުލައާއި ޕީޗް ކުލައިގެ މާތަކެއް ޖަހާފައިވާ ބްރޫޗްއެއް ހަރުކޮށްލާފައި އިނެވެ. އެއީ މިރޭގެ ހަފްލާގެ ކުލަތަކެވެ. ނޫ ކުލައިގެ ޝޭޑް ތަކާއި ޕީޗްގެ ޝޭޑް ތަކެވެ. ހާނިމްގެ ފަރާތުން ނުލުގެ ޝޭޑްތަށް ބޭނުންކޮށްފައި ހުރިއިރު ނުހާގެ އާއިލާއިން ބޭނުންކޮށްފައި ހުރީ ޕީޗްގެ ޝޭޑްތަކެވެ.

ހިތް އަވަސްވެގެން ދެއަތް ދެއަތަށް މޮޑެލަ މޮޑެލާ ހުރި ހާނިމް އަށް ފެނުނީ ސިޑިން ފައިބައިގެން އަންނަ ނުހާއެވެ. ހުދުކުލައިގެ އަތްދިގު ބޯލް-ގައުން ކައިވެނީގެ ހެދުމާއިއެކު ނުހާ ހުރީ ވިދުމެއްހުރި ބުރުގާއެއް އަޅާފައެވެ. އަތުގައި އޮތް ބުކޭގައި ޕީޗް އާއި ނޫކުލައިގެ ބޮޑެތި ފިނިފެންމާތަށް ހުއްޓެވެ.  ދެފަރާތުގައި ދެ މަންމަ ހުރި އިރު ނުހާ އިސްއުފުލާ ބަލާވެސް ނުލާ ހުރީ ލަދުންނާއި ހިތް ނުތަނަވަސްވާ ވަރުންނެވެ. ނުހާ ގެނެސް ގޮނޑީގައި ބޭންދުމުން ހަމީދު އައިސް ހާނިމްގެ ކޮނޑުގައި ޖަހާލުމުން އަވަހަށް އިށީނދެއްޖެއެވެ.

ކައިވެނި ކޮށްދީ ނިމި ޕާޓީ ފެށިގެން ކުރިޔަށް ދާން ފެށުމުން ހުޔާވެސް ފަހުދު ހޯދައިގެން ގޮސް މޭޒެއްގެ ކައިރީ އިށީނުމުން ޢަމާރާ އެކަނި ވެއްޖެއެވެ. ފޫހިވިޔަސް ހުޔާއަށް ލިބުނު ވަގުތުކޮޅު ގެއްލުވާލަން ޢަމާރާ ބޭނުން ނުވާތީ އެކަނި މޭޒެއްގެ ދޮށުގައި އިށީނދެލިއެވެ. ޢަމާރާ އެތެރެއިން ލާފައި ހުރި މަޑު ނޫކުލައިގެ ހެދުމަކާއި އެކު ބޭރުން ލާފައި ހުރި ނޫކުލައިގެ ކާޑިގަންގެ ފަސްބައިން ފެށިގެން ފައިގެ ފަލަމަސްގަނޑާ ހަމަޔަށް ހުރީ ގަދަ ނޫކުލަ މައްޗަށް ފޭދިފައި ހުންނަ ކަހަލަ ގޮތަކަށެވެ. އޭގެ މަތީބައި ހުރީ މަޑު ނޫކުލައެވެ. އެއާއެކު މަޑު ނޫކުލައިގެ ސިލްކް ފޮތީގެ ޝޯލްއެއް އަޅާފައި ހުރިއިރު ހީވަނީ ރާނީއެއް ހެންނެވެ. އިސްކޮޅުން ކުޑަކޮށް ދިގުކަމަށް ދައްކަނީ އަރާފައި ހުރި 4 އިންޗީގެ ހީލްގެ ސަބަބުންނެވެ.

ކައިވެނި ޕާޓީ ފެށުނީއްސުރެ ޢަމާރާއާ ވާހަކަ ދައްކާލަން ފުރުސަތެއް ބޭނުންވެފައިހުރި އިކާންއަށް ޢަމާރާ އެކަނި އިންކަން އެނފުނީ ހާނިމް އިޝާރާތެއް ކޮށްލުމުން އޭނާ ކައިރިއަށް ދިއުމުންނެވެ. އެ ހުރިހާ އިރުވެސް ޢަމާރާއަށް ބަލަމުން އައި ނަމަވެސް އެ ވަގުތު އިކާންއަށް ނުފެނުނީ ފޯނެއް އައިސްގެން ބޭރަށް ޖެހިލަން ޖެހުނީމައެވެ.

ބޯންއިން ޖޫސްތަށި މޭޒުމަތީގައި ބަހައްޓާލި ޢަމާރާއަށް ފެނުނީ ތަންކޮޅެއް ދުރުން ހިނިތުން ވެލައިގެން މަޑު ހިނގުމެއްގައި އޭނާއާ ދިމާލަށް އަންނަ އިކާންއެވެ. ބޭއިޙްތިޔާރުގައި ޢަމާރާއަށްވެސް ހިނިތުންވެލެވުނެވެ. ކަނޑު ނޫކުލައިގެ ފަޓުލޫނުގައި ހުދު ގަމީސް ދަށަށް ޖަހާފައި ހުރިއިރު ހަމަ އެ ނޫކުލައިގެ ވެސްޓްގައި ގްރޫމްއަށް އެންމެ ތަންކޮޅެއްވެސް ދޫނުކުރެއެވެ. އަރާފައި ހުރި ކަޅުކުލައިގެ ބަލްމޮރަލް ބޫޓުގައި އޭނާގެ 6 ފޫޓް ދިގު އިސްކޮޅު އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ކިރިޔާ ފާހަގަ ވާނޭ ވަރަށް ހުރި ތުނބުޅި މަތިމަހުން ހަރު ވައްތަރު ޖަހައެވެ. ބޮލުގެ އިސްތަށިގަނޑުވެސް ހުރީ ކިރިއާ ބަލާފައި ތުނިކޮށް އެއްފަރާތަކަށް ފުނާއަޅާ އޮމާންކޮށްލާފައެވެ. އެހާ ދުރުން ހިނގާލާފައި އައިއިރުވެސް އިކާންގެ ހުނުމުގެ އަޑު ޢަމާރާގެ ކަންފަތަށް އިވުނުހެން ހީވިއެވެ. ހީވަނީ ހުވަފެނެއްގައި އުޅެވޭހެންނެވެ.

“ހާއި.. އޯލް އެލޯން؟” ޢަމާރާއަށް ހިޔާލުތަކުން ނުކުމެވުނީ އިކާން އައިސް ހުއްޓި ވާހަކަ ދެއްކުމުންނެވެ. “އޯ ނޯ ޢަމާރާ.. ވަޓް އާރޔޫ ޑްރީމިންގް އެބައުޓް.. ސްޓޮޕް. ދިސް އިޒް ނޮޓް ވަޓް ޔޫ ވޯންޓް.” ނަފްސުގެ އަޑާއިއެކު އަނެއްކާވެސް އިވުނީ އިކާން ގޮވާލި އަޑެވެ. “ހޫމްމް…” ޢަމާރާ އަނެއްކާވެސް ޖޫސްކޮޅެއް ބޯލީ ވާހަކަ ދައްކަން އުޅުމުން އަނގަތެރެ ހިކުނުކަހަލަ އިހްސާސެއް ކުރެވުމުންނެވެ. “އާރ ޔޫ.. އޯކޭ..” ކައިރީ އިން ގޮނޑީގައި އިށީންނަމުން އިކާން މަޑުމަޑުން އަހާލިއެވެ. ޢަމާރާއަށް ހަމައެކަނި ބޯ ޖަހާލެވުނީއެވެ. “ވަރަށް ބަނޑުހައި. ހިނގާބަލަ ކާން…” އިކާން ކާ ވާހަކަ ދެއްކުމުން ޢަމާރާގެ ބަނޑުންވެސް އަޑެއް ކިޔާލިއެވެ. އިކާނަށް އިވޭނެކަން އިނގޭތީ ލަދުން އިނދެ ބަލާލިއިރު އިކާން އިނީ އަނގަމަތީ އަތް އަޅައިގެން ހޭންށެވެ.

“މީނަ ކަންތަކޭ.. އަބަދު ދައްކާނީ ކާ ވާހަކަ..” އިކާންގެ ކޮނޑުގައި ބޮނޑިއެއް އަޅާލަމުން ތުން އޫކޮށްފައި ޢަމާރާއަށް ބުނެލެވުނެވެ. ޢަމާރާގެ އެ އަމަލުން އިކާންއަށް ހައިރާންވެފައި ޢަމާރާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. ޢަމާރާވެސް އިނީ ކުރެވުނު ކަންތަކުން ލަދުގަނެފައެވެ. “ސޮރީ..” ދެމީހުނަށް އެއްފަހަރާ ބުނެވުނެވެ. “އަންނާނަން ކާނެ އެއްޗެއް ހިފައިގެން..” އަވަހަށް އިކާން ތެދުވީ ޢަމާރާ ހިތްހަމަ ނުޖެހޭފަދަ އެއްވެސް ކަމެއް މެދުވެރިވާން ނޭދޭތީއެވެ. އިކާން ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެފައި ޢަމާރާއަށް އަމިއްލަ ނިއްކުރީގައި ޖަހާލެވުނެވެ. އަމިއްލަ ހިތުގެ ކޮންޓްރޯލް ބޭނުންނުވެ ހުރެ ގެއްލިގެން ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ސިކުނޑި ވިސްނައިދިނީ އެކަހަލަ ހިޔާލުތަށް ކުރެވޭ ކަންކަމާވެސް ދުރުވުމަށެވެ. ބޮލަށް ވަތް ކަމެއްގެ ސަބަބުން ޢަމާރާގެ މޫޑު މުޅިން ހަރާބުވީއެވެ. އިކާން އައުމުގެ ކުރިން ޢަމާރާ ބޭނުންވީ އެތަނުން ދާށޭވެ. އެކަމަކު ޕާޓީގައި ހުރެއްޖެނަމަ ކޮންމެވެސް ގޮތަކުން އިކާން އޭނާ ހޯދާނެކަން އެނގެއެވެ.

ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ ގެއަށްދަނީކަމުގައި ބުނެ ހުޔާއަށް މެސެޖެއް ކޮށްފައި ޢަމާރާ ގެއަށްދިޔައީ ހުޔާއާ ބައްދަލުވެސް ނުކޮށެވެ. ކާއެއްޗެހި ހިފައިގެން މޭޒު ކައިރިއަށް އައި އިކާން ހައިރާންވީ އެތާނގައި ޢަމާރާ ނެތުމުންނެވެ. މޭޒުމަތީ ކާއެއްޗެހި ތަށިތަށް ބަހައްޓާފައި މުޅި ރެސްޓޯރެންޓް ތެރެ އިކާން ބެލިއިރުވެސް ޢަމާރާގެ ހިލަމެއްވެސް ނުވިއެވެ. ހުޔާގެ ފަރާތުން ޢަމާރާ ބަލިވެގެން ދިޔަ ވާހަކަ އެނގުމުން އިކާން އަމާރާއަށް ގުޅަންވެސް ބޭނުންވިއެވެ. އެކަމަކު އެކަންވެސް ވާން ނެތީ އެއްވެސް ފަހަރަކުވެސް ޢަމާރާގެ ނަމްބަރު ހޯދުމަށް އަހާލެވިފައި ވެސް ނެތީމައެވެ. މީހެއްގެ އަތުން ނަމްބަރު ހޯދުމަކީވެސް ޢަމާރާ ހިތްހަމަ ނުޖެހޭނެ ކަމަކަށްވީމައި އެގޮތަށްވެސް އިކާންއަށް ކަންތަށް ކުރާކަށް ނުކެރުނެވެ.

ހަފްތާއެއް ފަހުން ހަނީމޫން ނިންމާފައި ހާނިމް އައިއިރުވެސް އިކާން އުޅުނީ ޢަމާރާގެ ހަބަރެއް ނުވެގެން ހާސްވެގެންނެވެ. ހާނިމްވެސް އެ ކަމުގައި އިކާންއަށް އެހީތެރިވާން ބޭނުންވި ނަމަވެސް ޢަމާރާ ނުރުހޭފަދަ ކަމެއް ނުކުރާނެކަމަށް ބުންޏެވެ. އެކަހަލަ ވާހަކަ ތަކެއްގައި ދެމީހުން އުޅެނިކޮށް ނުހާގެ ފަރާތުން ހިޔާލެއް ލިބުނެވެ. އިކާންގެ ދައްތަ ލިލީއަކީ ނުހާގެ ރަހުމަތްތެރި އެއް ކަމުން އެގެއަށް ކެއުމަކަށް ލިބިފައިވާ ދައުވަތަށް ދާއިރުގައި ކެއުމުގައި ހުޔާއާއި ޢަމާރާވެސް ބައިވެރި ކުރުވަން ހާނިމް ކައިރީ ބުންޏެވެ. ހާނިމްއަށް އެ ހިޔާލު ކަމުދިޔަ ކަމުގައި ވިޔަސް އިކާން ޖެހިލުންވީ އެކަމުގެ ސަބަބުން ޢަމާރާ ދުވަހަކުވެސް އިކާންއާ ވާހަކަ ނުދައްކާހާ ދުރަށް ގޮސްދާނެތީއެވެ. އަދި އެވަރުގެ ކަމެއް ކުރަން ވިސްނާއިރު ދައްތައާ ހިއްސާ ކުރަން ޖެހޭތީވެސް އިކާން ކުޑަކޮށް ހާސްވީ ދައްތައަކީ އަނގަގަދަ މީހަކަށް ވީތީއެވެ.

“އިކާން.. އަހަންނަށް އިތުބާރު ކުރަންތަ؟” ހާނިމް އެކުވެރިޔާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. އެމީހުން ތިބީ ހާނިމްގެ ގޭގެ ޓެރަސްގައި ހުރި ކޮފީ މޭޒު ދޮށުގައެވެ. އިކާން ބޯ ޖަހާލުމުން ހާނިމް ފޯނުނަގާ ހުޔާއަށް ގުޅާލުމަށްފަހު މައްޗަށް އައުމަށް ބުންޏެވެ.

“ކުޑޫ.. އައި ނީޑް އަ ފޭވަރ.. އެކްޗުއަލީ އިކާން ބޭނުންވޭ ހުޔާ އޭނާއަށް ކަމެއް ކޮށްދޭން…” ކިޔަން އުޅޭ ކަންތަކުގެ ބޮޑުކަން އެނގިހުރެވެސް ހާނިމް ބޭނުންވީ އެކަމުގައި އެކުވެރިޔާއަށް އެހީތެރިވެވެން  އޮތް ގޮތަކުން އެކަން ކުރާށެވެ. ކޮންކަމެއްހޭ ބުނާ ފަދަ ގޮތަކަށް ހުޔާ އިޝާރާތް ކޮށްލުމުން ހާނިމް އިކާންއަށް ބަލާލީ އެވާހަކަ ދައްކަންވާނީ އިކާންއޭ ބުނާފަދަ ގޮތަކަށެވެ.

“އަހަންނާ ޢަމާރާއާ ބައްދަލު ވެވޭނެ ގޮތެއް ހަދާދީފާނަންތަ؟ އަހަރެންނަށް އެނގޭ މި އެދެވެނީ ކިހާވަރެއްގެ ކަމަކަށް ކަން. އެކަމަކު މިކަމުގަ އަހަންނަށް އެހީތެރި ކަމެއް ދެވެންހުރި ހަމައެކަނި މީހަކީ ތިއީ…” އިކާން ވާހަކަ ދެއްކިއިރު އެ އަޑުގައި ކެތްތެރިކަމެއް ނުވާ ފަދައެވެ. ހުޔާއާއި ނަޒަރު ސީދާވިއިރު އެ ލޮލުގައިވާ އާދޭސް އެއްވެސް މީހަކަށް ސިއްރެއް ނުވާނެއެވެ.

“އޭނަދެކެ ލޯބިވޭތަ؟” ހުޔާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. އިކާން ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ. “އެކަމަކު އަހަރެންވެސް ބިރުގަނޭ ތިކަހަލަ ކަމަކަށް އޭނާ ގެންނަން.. އަދި އެވެސް އޮޅުވާލައިގެން. އެނގިހުރެ ހަމަ ގައިމުވެސް ނާންނާނެ. އަދި ނާންގާ ގެނެސްފި ކަމުގައި ވަނީނަމަ އަހަރެންނާ އޮތް އެކުވެރިކަމަށް ނިމުމެއް އައިސްދާނެ. އެއީ އަހަރެން އެއްވެސް ހާލަތެއްގައި ބޭނުންވާނެ ގޮތެއް ނޫން. ޢަމާރާ ރުހިގެން ނޫން ގޮތަކަށް އަހަރެންނަށް ތިކަމެއް ނުކުރެވޭނެ..” ކިތަންމެ އެހީތެރިވާން ބޭނުންވި ކަމުގައި ވިޔަސް ހުޔާ އެ ހާމަކުރީ އެކުވެރިޔާގެ ހަގީގަތެވެ. ޢަމާރާ ހުރީ އެކަހަލަ ގުޅުމަކަށް ތައްޔާރުވެގެން ނޫން ކަމާއި އެކަހަލަ ކަމެއްގެ ތެރެއަށް ވައްދަން އުޅުމަކީވެސް ބޭކާރު ކަމެއްގެ ގޮތުގައި ބުނެލީ އެކުވެރިޔާގެ ގޮތް އެންމެ ރަނގަޅަށް އެގިހުރެއެވެ.

“އެކަންޏެއް ނޫނޭ ދާނީ.. އައި ހޭވް އަ ޕްލޭން.. އިކާންގެ ގެއަށް ކެއުމަކަށް ދައުވަތު ލިބިފަ އިނީ.. ހިޒް ސިސްޓަރ އިޒް އަ ފްރެންޑް. ވީކޭން ޓޭކް ޔޫ ބޯތް ވިތް އަސް…” ހާނިމްގެ ކައިރީގައި އައިސް އިށީންނަމުން ނުހާ ވާހަކަ ދެއްކީ އޯގާތެރިކަމާ އެކުއެވެ. ” މީތި ވޯކް ނުކޮށްފިއްޔާ އޯ… އަހަރެން ކީކޭ ކިޔާފަތަ ޢަމާރާ ގެންދާނީވެސް..” ހުޔާ އެހެން އަހާލުމުން އެންމެންނަށް ވެސް ވިސްނާލެވުނީ އެކަމާއެވެ. ޢަމާރާއަކީ ބައެއް ކަންކަން އޭނާގެ އަމިއްލަ އިޙްތިޔާރުނެތި ނުކުރުވޭނޭ ފަދަ ކުއްޖެކެވެ. ނޫނެކޭ ބުނެފި ކަމެއްގެ ވާހަކަ ދެވަނަ ފަހަރު އޭނާގެ ކައިރީގައި ދެއްކުމަކީވެސް ބޭކާރު ކަމެކެވެ.

“އޭނަ ގެނެބަލަ މި ގެއަށް.. ގެނެއްސަ ބުނޭ އަހަރެން ބުނެގެންނޭ.. ނޫނެކޭ ބުނެފިއްޔާ އެއްކަލަހެން ޑްރާމާ ޖައްސާލާފަ އާދެބަލަ ދޮންބެ ކައިރިއަށް. ހަމަ ގައިމުވެސް އޭރަށް އޯކޭވާނެ.” ހާނިމް ހީނލަމުން ހަނދާން ކޮށްލަދިނީ ހުޔާ ކުޑައިރުގައި ބޮޑާ ހާކާ ގޮތެވެ. “އަދި އެއް ކަންތަށް.. އެއީ އިކާންގެ ގެ ކަމަށް ނަމަނަމަ ނުބުނާތި..” ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް ހާނިމްގެ ވާހަކައަށް ނުހާ އިތުރު ކޮށްލިއެވެ.

ޕްލޭންކޮށް ނިމުމުން އިކާންވެސް ދިޔައީ ގެޔަށެވެ. ކެއުން ހަމަޖެހިފައި އޮތީ ދެން އަންނަ ބުރާސްފަތި ދުވަހުގެ ރެއަށް ވިޔަސް އެހާތަނަށް ދޮންތަ އަށް ވާހަކަތަށް ކިޔައިދީ އެންމެންގެ ކުރިމަތީ އަނގަ މަޑުން ލައިގެން ހުންނާނެ ކަހަލަ ގޮތެއް ހަމަޖައްސަންވެސް ޖެހޭނެއެވެ. ގޭތެރެއަށް ވަދެގެން އައިސް ދޮންތާއޭ ކިޔާފައި ތަންކޮޅެއް ބާރަށް ގޮވާލީ ކޮޓަރީގައި އުޅެނީ ކަމަށް ހީކޮށްފައެވެ. ބަދިގޭގައި ތިބި ލިލީއާއި ނޫރާ އަވަހަށް ނުކުތީ ކަމެއް ވީކަމަށް ހީކޮށްފައެވެ.

“ކިހިނެއްވީ ކެން…” ލިލީ އަބަދުވެސް އިކާންއަށް ނިސްބަތްކޮށް ގޮވާ ނަމުން މުހާތަބުކޮށް ވާހަކަ ދެއްކިއެވެ. “ނަތިންގް.. އައި މިސްޑް ޔޯ ޗަބީ ފޭސް..” މަންމަ ހުރުމުން ދައްކަން ބޭނުންވާ ވާހަކަ ނުދެއްކޭނެތީ އިކާން ލިލީއާ ދިމާކޮށްލީއެވެ. “އެހެރީނުން މަންމާ. ކެން އަދިވެސް އެ ކިޔަނީ އެހެނޭ.. އަޅުގަނޑު އެހާ ފަލަތަ ހަމަ…” އަތުގައި އޮތް ޑޯނަޓް ފަހަތަށްލާ ފޮރުވާފައި 5 މަހުގެ ކުޑަ ބަނޑުގައި އަތް އަޅާލަމުން ލިލީ ޝަކުވާ ކޮށްލީ ނޫރާ ކައިރީގައެވެ. ހިނިގަނޑެއް ޖަހާލަމުން އިކާން ސިޑިން މައްޗައް އަރައިގެން ގޮސް ކޮޓަރިއަށް ވަނީއެވެ.

“ދަރިފުޅު ފަލަވެގެނެއް ނޫނޭ އިކާން އެހެން އެ ކިޔަނީ އެއް.. ދަރިފުޅު ކައިރީ ކޮންމެސް ވާހަކައެއް ދައްކަންވެފަ ނުދެއްކުނީމަ އަބަދުވެސް އެހެން ދިމާކުރެ އެއްނު.. މަންމައަށް ހީވިއޭ ގޮވާލި ގޮތުންވެސް ކޮންމެވެސް ކަމަކުއޭ އެހާ ބާރަކަށް ގޮވާނީ.. ދެންވެސް ދޭބަލަ. މަންމަވެސް މި ހުންނަނީ ކަމަކަށް ޝައްކުވެފަ..” ނޫރާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އިކާން ތިރިއަށް އަޔަސް އަޑު ނީވޭނެހާ މަޑުންނެވެ.

“ކޮން ކަމެއް؟” އިކާންގެ އެއްވެސް ކަމެއް އަދި ފާހަގަ ނުވާތީ ލިލީއަށް ކޮށްލެވުނީ ސުވާލެކެވެ. ނޫރާ ކިޔައިދިނީ ވޭތުވެދިޔަ ދޮޅު މަހެއްހާ ދުވަހު އިކާންގެ އުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ވާހަކައެވެ. އަދި ނޫރާ އަށް ޝައްކު ކުރެވެނީ އަންހެން ކުއްޖެއްގެ ކަމެއް ކަމަށްވެސް ބުނެލީ ވަރަށް ހެވިފައި ހުރެއެވެ.

ކައިވެނި ކޮށްގެން ލިލީ މެލޭޝިޔާއަށް ބަދަލުވީއްސުރެ ނޫރާ ދެކެމުން އަންނަ ހުވަފެނަކީ އިކާން ކައިވެންޏެއް ކޮށްގެން ގެއަށް އަނބިމީހާ ގެންނާނެ ދުވަހެކެވެ. ލިލީ ރާއްޖެ އައިސް ހުރީ އެކުވެރި ނުހާގެ ކައިވެނި ޕާޓީއަށެވެ. ލިލީގެ ފިރިމީހާ އަޚްތަރު ކިޔަވާތީ ރާއްޖެ ނާދެވުނަސް އަޚްތަރު ބޭނުންވީ ލިލީ ވިހާ ގަދަވަންދެން މައިން ބަފައިން ކައިރީ ހުރުމަށެވެ. ވިހަން ވާއިރަށް އޭނާއަށްވެސް ސެމިސްޓަރ ބްރޭކް ލިބޭނެތީއެވެ.

“އެހެން ވިއްޔާ އަޅުގަނޑު މިހާރު މިދަނީ ދިރާސާ ކުރަން.. އެކަމަކު އިހަށް އެބަޖެހޭ މި ޑޯނަޓް ހުސްކޮށްލަން..” ލިލީގެ ވާހަކައިން ނޫރާގެ ހިނިގަނޑު ނުހިފެހެއްޓުނަސް ބޮޑަހާކަފާނެތީ ހުނުން ހިފަހައްޓަމުން އަވަހަށް ބަދިގެއަށް ދިޔައީއެވެ.

ޕާޓީ އޮތް ރެއަށްފަހު ހުޔާ ބުނެ ކިޔައިގެންވެސް ޢަމާރާ އެގެއަށް ނުދެއެވެ. ހުޔާއަށް ޖެހެނީ ޢަމާރާއާ ބައްދަލު ކުރަން އެގެއަށް ދާށެވެ. ހަފްތާއެއްގެ ޗުއްޓީ ނެގިކަމުގައި ވިޔަސް 3 ދުވަސް ބާކީ އޮއްވާ ޗުއްޓީ ކުރު ކުރުމަށްފަހު ޢަމާރާ ވަޒީފާ އަށް ނުކުންނަން ފެށިއެވެ. އެކަމާވެސް ހުޔާ ސުވާލު ކުރުމުން ޢަމާރާ ބުނީ މިވަގުތު ވަޒީފާގެ ކޮންމެ ދުވަހެއްވެސް މުހިއްމު ކަމުގައެވެ. ހުޔާ އެކަން ގަބޫލު ކުރިޔަސް ހަގީގަތަކީ އެޔެއް ނޫނެވެ. ޢަމާރާދިޔައީ އިކާންގެ ހިޔާލުތަށް ސިކުނޑިން ނެރެލެވޭނެ އުޒުރުތަށް ހޯދަމުންނެވެ. ބޭރު ތެރޭގައި އުޅުންވެސް ކުރިޔަށްވުރެ މަދުކޮށްލީ މަގުމަތިންވެސް އިކާންއާ ދިމާވާން ބޭނުން ނުވާތީއެވެ. އަމިއްލަ ނަފްސާމެދު ކުރަމުން އައި ހަނގުރާމައިގެ ސަބަބުން ހިތަށް އުނދަގޫ ވިޔަސް އެއިން އެއްވެސް ކަމެއް ޢަމާރާ ގަބޫލު ކުރާން ބޭނުން ނުވަނީއެވެ.

“ދޮންތާ..” ކޮޓަރިއަށް ވަދެގެންއައި ލިލީ ފެނި ސޯފާ ގޮނޑީގައި އިނދެފައި އިކާން ތެދުވިއެވެ. އަދި ލިލީ އިށީންނަން ތަން ދެއްކިއެވެ.

“ހޫން ކިޔާބަލަ.. ކިހިނެއް ވީއޭ..” ލާނެއް ހިންޏެއް އައިސްފައި އިނދެ ލިލީ އަހާލިގޮތުން އިކާން ހީކުރީ ކުރީބައިގަ ނުހާ ގުޅާފައި އެއްޗެކޭ ކީ ކަމަށެވެ.

“އެބައުޓް ދެޓް ޑިނަރ.. ދޮންތަ ޕްލީޒް އަދި ދެ ކުދިން ނަށް ދަޢުވަތު ދެވިދާނެތަ..؟ އައި ނޯ އިޓްސް އޮންލީ ފްރެންޑަކަށް ކުރާ އިންވައިޓްއެއް ކަން.. އެކަމް ދޭ އަރ ފެމެލީ އޮފް ނުހާ… ޕްލީޒް..” ޢަމާރާގެ ވާހަކަ ސީދާ ސީދާ ނުބުނި ކަމުގައި ވިޔަސް އިކާން އެ އިޝާރާތް ކުރަނީ އަންހެން ކުއްޖެއް ގެންނަން ކަމުގައި ލިލީގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.

“މައްސަލައެއް ނެތް.. ދޮންތަ އޯކޭ.. އެކަމް ކެން ވާނެ ދޮންތައަށް ހުރިހާ ވާހަކައެއް ކިޔައިދޭން…” އިކާންގެ އަތުގައި ހިފާލަމުން ލިލީ ބުނެލިއެވެ. އިކާން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ ދެން އިތުރަށް ސިއްރު ނުކުރެވޭނެކަން އެނގޭތީއެވެ.

“ދޮންތާ.. އަހަރެންނަށް ވަރަށް ކަމުދާ ކުއްޖެއް ގެންނަން މި ކިޔަނީ.. އެކަމް އަދި ނޭނގެ އޭނާ އަންނާނެ ކަމެއްވެސް. އަހަރެން ނުވެސް ބުނަން ލައިކްވާ ވާހަކަ އެއް. ބުނާނެ ގޮތެއްވެސް ނޭނގޭ… ޝީ އިޒް ސްޓްރިކްޓްލީ ފޮލޮވިންގ ޓު ބިލްޑް ހާ ކެރިއަރ.. ހާނިމްގެ ފަރާތުން އެނގިފައި އޮތީ ވަރަށް އަވަހަށް ކިޔަވަން ފުރާކަން.. ދަނީ ކޮން ޤައުމަކަށް ކަމެއްވެސް ނޭނގޭ.. ދިއުމުގެ ކުރިން އަހަރެން ބޭނުން ބުނަން ވެސް..” ކުޑައިރުން ފެށިގެން ކަންތައްތަށް ދޮންތައާ ހިއްސާ ކުރިޔަސް އެހާ ޕާސަނަލް ވާހަކައެއް ދުވަހަކުވެސް އިކާން ނުދައްކާތީ ލިލީވެސް ބޮޑަށް ހައިރާންވީ އެކަމާއެވެ.

“ދެން ހީވޭތަ އެކުއްޖާ އޯކޭ ވާނެހެން..؟” ލިލީގެ ސުވާލަށް އިކާން ކޮނޑު އަރުވާލީ ނޭނގެއޭ ބުނުމަށެވެ. “އެޓްލީސްޓް ބުނެވުނީމަ އެ ހިތްހަމަ ޖެހުން ލިބޭނެ..” ލިލީ އިތުރު ކޮށްލިއެވެ. އިކާން ހިނިތުން ވެލަމުން ބުނެލީ އިހަށް އެ ވާހަކަ މަންމަމެނާ ހަމަޔަށް ނުގެންދިއުމަށެވެ. ލިލީވެސް އެއްބަސްވެލަމުން ވާހަކައިގެ މައުޟޫ ބަދަލުކޮށްލީއެވެ.

“ކީކޭ ހުޔާ..” ނަމާދު ކޮށްލައިގެން އެނދަށް އަރާއޮތް ޢަމާރާގެ ފޯނަށް ހުޔާ ގުޅީއެވެ.

“ހާދަހާ ފާޑަކަށޭ.. ކޮބާތަ އަހަރެންގެ ބެސްޓީ.. މިހާރު ދުވަސްކޮޅެއް ވެއްޖެ ގެއްލިގެން އުޅޭތާ.. ދެކުނިންތަ؟” ޢަމާރާގެ މޫޑު ރަނގަޅު ނޫންކަން އެނގުމުން ހުޔާ ބޭނުންވީ ޢަމާރާ ހެއްވާލާށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ޢަމާރާގެ މަޑު ހުނުމުގެ އަޑު އިވިލިއެވެ.

“ސްޓްރެސް ވަނީ.. ހަމަ އެންމެ ދޮޅުމަސް.. ދެން އެކަކުވެސް ފެންނާނީ 2 އަހަރު ފަހުން..” މާޔޫސްކަން އެކުލެވިފައިވީ އަޑަކުން ޢަމާރާ ވާހަކަދެއްކިއެވެ. ކިޔަވަން ފުރަން ޖެހޭތީ މިހާރު ޢަމާރާވެސް ވަރަށް ކަންބޮޑުވެއެވެ. އެކަހަލަ ކޮންމެ ގަޑިއަކު އަމިއްލަ ނަފްސަށް ވިސްނައިދެނީވެސް ޢަމާރާ އަމިއްލަ އަށެވެ.

“އެހެންވެއޭ މިބުނަނީ ބޭރަށް ނުކުމެލާ އުޅެލަން މި ދުވަސްކޮޅު.. މަންމަވެސް ވަރަށް ކިޔާ މާރާ ނާންނަ ވާހަކަ. ދޮންބެ ދައްތަވެސް ބުނެފި މިހާރު ދައްތައާ ރުޅީހޯ…” ކަންކަން ރާވާފައިވާ ގޮތަށް ވާހަކަ ގެންދިއުމުގެ ކުރިން ހުޔާ ބެލީ ޢަމާރާ ހަމަޔަކަށް އަޅުވާށެވެ. ހުޔާ ހީކުރިހާވެސް އުނދަގުލެއް ނުވެ ޢަމާރާ ހަމަޔަކަށް އެޅެން ނެގީ ވަގުތުކޮޅެކެވެ. ދެ އެކުވެރިން ވަރަށް ގިނަ ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލަމުން ހުޔާ ބުނީ އަދި އޮފީހުން ދިމާވެގެން ވާހަކައެއް ދައްކަން އެބައިން ކަމުގައެވެ. ފަހުދުގެ ވާހަކައެއް ދައްކަން ހުޔާ އުޅެނީ ކަމުގައި ހީކޮށް ޢަމާރާވެސް ބުނެލީ ބައްދަލުވެގެން ވާހަކަ ދައްކާނީ ކަމުގައެވެ.

ހެނދުނު އޮފީހަށްދިޔަގޮތަށް ޢަމާރާއާއި ހުޔާ ދިމާވީ ކެފޭއިންނެވެ. ޢަމާރާގެ ބަދަލަށް ކުއްޖަކު ގެނެސްގެން ތަމްރީނު ކުރާތީ މަސައްކަތްވަނީ ދެގުނަ ބުރަ ވެފައެވެ. އެ ކުއްޖާ ލައްވާ ކުރުވާ މަސައްކަތްތަށް ޢަމާރާއަށް ކުރަން ޖެހޭ ފަހަރުވެސް މަދެއް ނޫނެވެ.

“ކިހިނެއް ވަނީ ނިއު ގާލް..” ކާން އިނދެފައި ހުޔާ ފެށީ އޮފީހުގެ ވާހަކައިންނެވެ.

” ޝީ އިޒް ސްލޯ.. އެކަމް ރަނގަޅުވޭ އެބަ. ނަސީބެއް ތަންކޮޅެއް ދުވަސް އޮއްވާ ނެގިކަން ވެސް.. މަދު ދުވަސް ކޮޅަކުން ދަހެއްވެސް ނުވާނެ އެކަހަލަ ކުއްޖަކަށް. އެކަމަކު ކޮށްފަ ހުންނަ މަސައްކަތް ރަނގަޅު.. ” މަސައްކަތް ބުރަ ކަމުގައި ވީނަމަވެސް އެއްވެސް މީހެއްގެ ގޯސް ވާހަކައެއް ޢަމާރާ ނުދައްކާނެއެވެ.

“މާރާ.. ބުނީމެއްނު ވާހަކައެއް އިން ވާހަކަ ދޯ..” ތަށިތެރޭ ސަމްސާ ހާކަމުން ހުޔާ ވާހަކަ ފެށިއެވެ.

“ހޫމް.. ފަހުދު ކިހިނެއްވީ މިފަހަރު.. ހިޔާލު ބަދަލުވެގެން އިންނަން އެހީތަ..؟” ހީވެފައި އޮތް ގޮތަށް ޢަމާރާގެ ސުވާލު ބެހެއްޓިއެވެ. ހުޔާ ދެލޯ ބޮޑުކޮށްލަމުން ނޫނެކޭ ބުނެލީ ވަރަށް އަވަހަށެވެ. “ދެން؟” އަނެއްކާވެސް ޢަމާރާގެ ސުވާލު ކުރިމަތި ވިއެވެ. ހުޔާއަށް އިނީ ވާހަކަ ފަށަންވީ ގޮތެއް ނޭނގިފައެވެ.

“ދެންވެސް ބުނެބަލަ. ބުނެގެން ދޯ އަހަންނަށްވެސް އެނގޭނީ…” ހުޔާގެ އަތުގައި ހިފާ ތަޅުވާލަމުން ޢަމާރާ ބުނެލީ ކަމެއް ގޯސްވީ ކަމަށް ހީކޮށް ހާސްވެފައި ހުރެއެވެ.

” ދޮންބެ ދެމަފިރިންނަށް ކެއުމަކަށް ދައުވަތު ލިބިފަ އޮތީ… ދޮންބެ ދައްތަގެ ފްރެންޑް ކުއްޖެއްގެ ގެޔަށް.. ރިމެމްބަރ އެއްކަލަ ވެޑިންގަ ހުރި ޕްރެގް ކުއްޖާ… އަހަރުމެން ދެމީހުންވެސް އަންނަން ވާނެޔޯ ބުނެފަ އޮތީ..” ބުނަން ނުބުނަން އިނދެފައި ހުޔާ ބުނެލީ ޢަމާރާ ބުނާނެ އެއްޗަކާމެދު ވިސްނަން އިނދެއެވެ.

“ތިވަރު ކަމެއް ނުބުނެވިގެން ތި އުޅުނީ..” ޢަމާރާ ހުޔާގެ އަތުގައި ޖަހާލަމުން ހީނލިއެވެ.

“މާރާ އާންމުކޮށް ނުދާނެ ވިއްޔަ.. އެހެންވެ. އޭނަ ބުނީމަ ނުކެރޭނެ ދޯ ނޫނެކޭ ބުނާކަށް.. ވެސް” ހުޔާގެ ނުތަނަވަސްކަން ފާހަގަ ވެދާނެތީ ވާހަކަ ދެއްކީ އިސްދަށަށް ޖަހާލައިގެން އިނދެއެވެ.

“އަސްލު އެހާ އެއް ނޫން.. އެކަމް އައި ކާންޓް ޑިސަޕޮއިންޓް އަ ސޫން ޓު ބީ މަމާ.. ބޭބީވެސް ދެރަވާނެ އެއްނު..” ޢަމާރާގެ ވާހަކައިން ލިލީއަކީ މާބަނޑު މީހަކަށް ވީކަން ނަސީބެކޭ ހުޔާ ހިތަށް އެރުމުން ހެވުނެވެ.

“ދެން ހިނގާ ދާން.. ނަމާދު ގަޑި…” ގޮނޑިން ތެދުވަމުން ހުޔާގެ އަތުގައި ކޮށްޓާލުމުން ޢަމާރާގެ ފަހަތުން ހިނގައިގަތީ އޮފީހަށް ދާށެވެ. “ކޮން ދުވަހަކު ދާން ޖެހެނީ.. އަންނާނަން ދޯ އަހަރެން ބަލައި..” ލިފްޓަށް އަރަމުން ޢަމާރާ ވާހަކަ ދެއްކިއިރު ހުޔާ ހުރީ އެ ހަބަރު އިކާން އަށާއި ދޮންބެއަށް ދޭން ބޭނުންވެފައެވެ. “އާން.. ބުރާސްފަތި ދުވަހުގެ ރޭ.. އައިލް ޕިކް ޔޫ..” ދެވަނަ ފަހަރަށް ޢަމާރާ އަހާލުމުން ހުޔާ އަވަސް އަވަހަށް ޖަވާބު ދީފައި މޮޔަ ގޮތަކަށް ހީނލިއެވެ.

އުއްމީދު ކުރިވަރަށްވުރެ ފަސޭހައިން ޢަމާރާ އެއްބަސްވިޔަސް އިކާން ފެނުމުން ދެން ކަންތަށް ވާނެގޮތަކާމެދު ހުޔާއަށް ވިސްނުނެވެ. ހާނިމް ބުނިފަދައިން ދޮގު ހަދާފައި އެވާހަކަ ނިންމާލާނީ ބާއޭ ނޫނީ ތެދަށް ބުނެފައި ޢަމާރާއަށް ވިސްނައިދޭނީ ކަމާމެދު ގޮތެއް ނުނިންމިގެން އުޅެނިކޮށް ނަމާދު ކޮޓަރިއާ ހަމަޔަށް ދެވިއްޖެއެވެ. ހުޔާ އެންމެ ފަހުން ނިންމީ ޢަމާރާ އަށް ޝައްކުވެގެން ސުވާލު ކޮށްފިނަމަ ތެދަށް ކިޔައިދޭނީ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް ކޮންމެވެސް ދުވަހަކުން ފަޅާ އަރާނެތާއެވެ. ދުވަހުގެ ބާކީ ވަގުތުތަށް ހޭދަވެގެން ދިޔައީ ވަރަށް ބިޒީކޮންނެވެ.

“މަންމާ.. ކިހިނެއް..” ޢަމާރާ ނިދަން އެނދަށް އަރާފައި މަންމައަށް ގުޅާލީ އުޅެންޖެހޭލެއް ބިޒީ ކަމުން ވޭތުވެދިޔަ ހަފްތާގައި ރަނގަޅަށް މަންމައާ ވާހަކަވެސް ނުދެއްކޭތީއެވެ. ” ދަރިފުޅު ރަނގަޅުތަ؟” ވިސާމާ ފުރަތަމަވެސް އަހާލީ ޢަމާރާގެ ހާލެވެ. “ލައްބަ މަންމާ.. އަޅުގަނޑު ރަނގަޅު.. މަންމަ އަދިވެސް ނުބުނަމެއްނު.. ރަނގަޅުދޯ..” ޢަމާރާގެ ސުވާލު ތަކުރާރު ކޮށްލުމުން ވިސާމާ ހޫންއެކޭ ބުނެލިއެވެ. ގަޑިއެއްހާއިރު ވާހަކަ ދެއްކުމަށްފަހު ޢަމާރާ ފޯން ކަނޑާލީ ނިދަންވީ ކަމަށް ބުނެފައެވެ.

ހަފްތާގެ ދުވަސްތަށް އިކާންއަށް ހީވަނީ މަސްތަކެއް ދާހެންނެވެ. ކޮންމެ ދުވަހެއްވެދް ނިމިގެން ދަނީ އެތަށް އިންތިޒާރަކަށް ފަހުއެވެ. ރޭގަނޑުގެ ވަގުތުތަށް ނިމެނީ ނުނިދިގެން އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލިވާ ފަހުންނެވެ. އިކާންއަށް ނޭނގުނަސް ލިލީގެ ސަބަބުން ނޫރާއާއި ޖިހާދަށްވެސް އެކަމުގެ ހަބަރުވަނީ ލިބިފައެވެ. ނޫރާވެސް ހުރީ ފިރިހެން ދަރިފުޅުގެ ދިރިއުޅުން ބަދަލުވާން ޖެހުނު ކުއްޖެއް ދެކިލާ ހިތުންނެވެ.

ބުރާސްފަތި ދުވަހުގެ ވަގުތުތަށް އިކާންއަށް ހީވީ ކުރިޔަށް ވުރެވެސް ދިގުލާފައި ވީހެންނެވެ. އިރު އެރީވެސް ފަތިސް ނަމާދުން އައިތާ އެތަށް އިރެއް ވީފަހުން ހެން ހީވެއެވެ. “ދޮންތާ.. މިއަދު ހާދަ ލަހޭ ގަޑި ހިނގާލެއް..” ޖޫސްތައްޓެއް ހިފައިގެން އައިސް އިކާންގެ ކޮޓަރިއަށް ވަން ލިލީ ފެނި އިކާން ޝަކުވާގެ ރާގަކަށް ބުނެލިއެވެ. “އެއީ ކަމަކަށް އިންތިޒާރު ކުރާތީ ހަމަ ހީވާގޮތް.. ތި ހާލަތް ދޮންތައަށްވެސް އިރެއްގައި ކުރިމަތިވި.. އެކަމަކު އެއީ ފަހުން އުފާ ކުރާނޭ ކަންކަން.. މިހާރުވެސް އެ ހަނދާންތައްވުމުން ވަރަށް އުފާވޭ.. ނިދާލަބަލަ.. އޭރަށް ވަގުތު ކުރުވެދާނެ..” ލިލީ އޯގާތެރިކަމާއެކު އިކާންއަށް އެނގޭ މިންވަރަކުން ބުނެދިނެވެ. ދޮންތަގެ ބަސް ގަބޫލު ކުރާ ފަދައަކުން އިކާން ބޯ ޖަހާލުމަށްފަހު ޖޫސްތަށި ބޮއެ ހުސްކޮށްލާފައި ލިލީގެ އަތަށް ދިނެވެ. އަދި ފުޅާ ހިނިތުން ވުމަކާއެކު ގޮސް އެނދަށް ވެއްޓި ގަތުމުން ލިލީ ނުކުމެގެން ދިޔައީ ބޮކިވެސް ނިވާލާފައެވެ.

ނޫރާއާއި ލިލީ ބަދިގޭގައި އަވަދިނެތި އުޅެމުން ދިޔައިރު ޖިހާދުވެސް އެ ދެމައިންނަށް އެހީތެރިވެ ދިނުމުގައި އުޅެމުން ދިޔައެވެ. އިކާން އޮތީ ހަދަން ބޭނުންވާނެ ކާ އެއްޗެހީގެ ލިސްޓެއް ލިލީއާ ހަވާލުކޮށްފައެވެ. އޭގައި މުޅިންވެސް ހުރީ ޢަމާރާއަށް ކަމުދާނެ ކަހަލަ ކާއެއްޗެއްސެވެ. ހުޔާ ކައިރިން އަހަ އަހައިގެން އިކާން ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ކަމަކީ އެއީއެވެ.

ވަކި ކުލައެއްގެ ހެދުމެއް ލާން ހުޔާ ބުނުމުން ޢަމާރާ ހުރީ ކުޑަކޮށް ހައިރާންވެފައެވެ. އެއީވެސް އިކާންގެ ކަމެކެވެ. ފިޔާތޮށި އެހެން ނޫނީ ރަތް ކުލައެއް ލާން ހުޔާ އެދުމުން ފުރަތަމަވެސް ޢަމާރާ ކުރީ ސުވާލެކެވެ. “އެއީ އަހަރެންވެސް ދޮންބެ ދައްތަވެސް ލަނީ އެއިން ކުލައެއް ވީމަ..” ހުޔާ ހީނލަމުން ބުނެލިގޮތުން ޢަމާރާ އަނގަޔަށް ގޮތެއް ހަދާލިއެވެ. ” މިދަނީ ވެޑިންގ އަކަށްތަ.. ނޫނީ ތީމްޑް ޕާޓީއަކަށްތަ؟” ޢަމާރާގެ ސުވާލު ހުއްޓުމަކަށް ނައެވެ. އެހެންވިޔަސް ހުޔާ ހުރީ އެ އަނގައިން އެއްވެސް އެއްޗެއް ބޭރު ނުކުރާން ނިންމައިގެންނެވެ. “ދެން އޯކޭ މާރާ ބޭނުން ކުލައެއް ލިޔަސް.. އަހަރެންވެސް މިހުރީ ޕިންކް ލާން ވިސްނައިގެން..” ތުންކޮޅު ދަމާލަމުން ހުޔާ ޢަމާރާއާ ދިމާއަށް ބަލާލިއެވެ. އެދެމީހުން ތިބީ ގެއަށްދާން ނުކުމެ ޕާކިންގ ޒޯނުގައެވެ. ޒޯނުން ނުކުންނަތާ ދޮރުމަތީ ކަހަލަ ގޮތަކަށް ރިޔާން ސައިކަލުމަތީ މަޑުކޮށްގެން އިނުމުން ނުކުންނަން ފަސޭހަ ނުވާނެތީ އެތާގައި މަޑުކުރީއެވެ.

5:30 ވާން އުޅެނިކޮށް ރިޔާން ދުރަށް ދިޔައީ އޮފީހުގައި އުޅޭ އެހެން ޒުވާނެއް ސައިކަލުގައި ނުކުންނަން ދިއުމުން މަގު ދައްކަން ޖެހުމުންނެވެ. ފުރުސަތުގެ ބޭނުން ހިފާ ހުޔާ ވެސް ސައިކަލު ނައްޓާލީއެވެ. ހުޔާގެ އިޝާރާތަށް ޢަމާރާވެސް އިނީ ސައިކަލު ފަހަތަށް އަރައެވެ. ރިޔާން އަވަސްވެގަތީ ޢަމާރާމެންގެ ފަހަތުން އައުމަށެވެ. ނަމަވެސް ހުޔާ ސައިކަލުގައި ބާރަށް ދިއުމުންނާއި ޓްރެފިކްގައި ޖެހުމުގެ ސަބަބުން ރިޔާންއަކަށް އަރާ ހަމައެއް ނުކުރެވުނެވެ. ދުއްވަން އިން ވޭވް 125 ސައިކަލުގެ މީޓަރު ބޯޑާ ދިމާލުން މުށްކަވާފައި ޖަހާލަމުން ނުރުހުމުގެ އަޑެއް އަނގައިން ލައްވާލިއެވެ.

ގެއާ ހަމަޔަށް ދެވުމުން ޢަމާރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ނަސީބެއް ދޯ” އޭ ބުނެވުނީ މޭގައި އަތް އަޅާލަމުންނެވެ. ހުޔާވެސް އިނީ ހިތް އަވަސްވެފައި ކަމުން ހަމައެކަނި ބޯޖަހާލީއެވެ. ” އޭނަގެ އުނދަގޫ މިހާރު މާ ބޮޑުވަނީ އެ… މާރާ ވެއްޖެއެއްނު އެޗް އާރް އަށް މައްސަލަ ޖައްސަން މިހާރު…” ނޭވާ ހަމަޔަކަށް އަޅުވާލާފައި ހުޔާ ޢަމާރާގެ އަތުގައި ހިފާލިއެވެ. ކޮންމެ ގޮތެއް ވިޔަސް އެކުގައި ހުންނާނަމޭ ބުނާ ފަދަ ގޮތަކަށެވެ.

“އުހުން. އަހަރެން ބޭނުމެއް ނޫން ކަންތަށް ގަނޑެއް ހިނގާކަށް. އެވެސް މިހާ ދުވަސް ކުޑަތަން ވެފައި ވަނިކޮށް. އަހަރެން ދިޔައީމަ ދެން ހުޔާ އަކަށްވެސް އުނދަގުލެއް ނުވާނެ.. އޭނައަކަށް ނުކެރޭނެ ހުޔާއާ ދިމާލަށް އެކައްޗެއްވެސް ބުނާކަށް..” ޢަމާރާ ދެކޮޅު ހެދިއެވެ.

“އެކަމަކުވާ ދޯ.. ކުރިން ދުވަހުވެސް އަހަރެން އަޑު އެހީމޭ އޭނަ ދިމާކުރި ވާހަކަ. އަހަރެން ބަލިވެގެން ޑިއުޓީއަށް ނާންނަ ދުވަހެއްކަން އެނގޭތީ އޭނައަށް އެހާ ފޮންޏެއް ވާން އެ ކެރުނީ.. މާރާ ނުބުނާނެ ކަމެއް ވިޔަސް.. އޮފީސް ތެރޭން އަހަންނަށް އެނގުނީވެސް…” ހިތްހަމަ ނުޖެހިފައިހުރެ ހުޔާ ބުނެލުމުން ޢަމާރާ ފެށީ ހޭންށެވެ. “ދެން ދަނީ.. ތިވާހަކަ ދައްކާނީ ފަހުން.. އަދި މިރޭ އެބަ އިނެއްނު ޑިނާރ އެއްވެސް.. ޑޫ އައި ރިއަލީ ހޭވްޓޫ ގޯ…” ގެއަށް ވަންނަން އުޅެފައި ޢަމާރާ ހުޔާގެ އަތުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ. ހުޔާވެސް ހިނިތުންވުމެއް ދިނުމަށްފަހު އާއެކޭ ބުނުމަށް ބޯ ޖަހާލިއެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

މިހިތުގެ ލަގަން ދޫވީ ދުވަސް

Next

ހިތަކުން ނުދާނޭ ފިލާ 24

Next
December 4, 2025

ހިތަކުން ނުދާނޭ ފިލާ 24

Previews
December 3, 2025

މިހިތުގެ ލަގަން ދޫވީ ދުވަސް



All Right Reserved!