“މިލިއަން ޑޮލާސްތަ؟” ދެލޯ ބޮޑުކޮށްލަމުން ސަހަރް އަހާލިއެވެ. ” ނޫން.. ރުފިޔާ…” އުވައިޝް އަވަސް އަވަހަށް ބުނެލިއެވެ. ” ސީދާ އެމައުންޓް..” އަނެއްކާވެސް ސަހަރް ބުނެލިއެވެ.” އޮފީހަށްގޮސް ބަލާލީމަ އިނގޭނީ.. މާދަމާ ބުނެލާނަން…” އުވައިޝް އުޑުތިލަމަތިން އޮށޯވެލަމުން ބުނެލީ ހިނިތުން ވެލަމުންނެވެ. ” 1 މިލިއަން ވެއްޖެއްޔާ.. މި ވަޒީފާއިން އަހަރެންނަށް ޕޭ ކުރެވިދާނެ 2 އަހަރުން….” ސަހަރް ބުނެލިއެވެ. ” އަހަރެންކައިރީ ބުނެގެން ވަޒީފާ ޔަގީން ކުރަނީތަ؟؟ އެހެން ނޫނަސް އެ ފައިސާ ސަހަރް ކީއްކުރަން ދައްކަނީ.. އެ ނުނަގާންވެގެން ދޯ މި ކައިވެނި ކުރުވީވެސް…” އިތުރަށް އޮޅުން ފިލުވަން ބެނުންވެފައި އޮވެ އުވައިޝް ވާހަކަ ދެއްކިއެވެ. ” އުހުން.. އަހަރެން ބޭނުމެއްނޫން އުވައިޝްގެ ހެލްޕެއް.. އަހަރެން ކައިވެނީގެ ކުރިންވެސް މަސައްކަތް ކުރީ ގެ ޑިޒައިންކުރާ އޮފީހެއްގަ.. އަހަރެންގެ ތަޖުރިބާ އެބަހުރި.. ތައުލީމީ ސެޓްފިކެޓްވެސް.. އަހަރެން އަމިއްލައަށް މި ވަޒީފާ ހޯދާނީ… ދެން ތިބުނީ އެ ފައިސާ އާއި ކައިވެނީގެ ވާހަކަ… ކައިވެންޏަކީ އަހަރެން ވެސް، އުވައިޝްވެސް އަދި އަހަރެންގެ ބައްޕަވެސް ބޭނުންވެގެން ކުރުވި ކައިވެންޏެއް ނޫން.. އެހެން ނޫނަސް މާނައެއްނެތް ކައިވެންޏެއްގައި މުޅި އުމުރު ދުއްވާލަންވީ ކީއްކުރަން؟…. އެ ފައިސާ ތި ކޮމްޕެނީއަށް ދައްކާ ނިމުމުން އުވައިޝްގެ ދިރިއުޅުމުގައި އަހަރެން ބަހައްޓާކަށް އުވައިޝްގެ ބައްޕައަކަށްވެސް މަޖުބޫރެއް ނުކުރެވޭނެ… އޭރަށް އުވައިޝްވެސް އަމިއްލަ ދިރިއުޅުމައިގެން ކުރިޔަށް ދާންވީ” ވާހަކަ ނިންމާލަމުން ސަހަރްވެސް އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ.
ސަހަރް ނިދިއިރުވެސް އުވައިޝް އަށް ނުނިދެއެވެ. މިވީ މާ ރަނގަޅު ގޮތެއް ކަމުގައި ހިތާއި ސިކުނޑި ބުނަމުން ދިޔައެވެ. ކުރިޔަށް އޮތް ދުވަހު އޮފީހަށްގޮސް ކަންތަށް ކުރާނެގޮތް ސިކުނޑީގައި ތާވަލުކޮށްލިއެވެ. ސަހަރް އަމިއްލައަށް އެ ދިރިއުޅުމުން ދުރަށްދާން މަސައްކަތް ކުރަން ބޭނުންވާކަން އެނގުމުން އެ ވަޒީފާ ސަހަރްއަށް ކަށަވަރު ކޮށްދޭން އުވައިޝް ބޭނުންވީ އެކަން ސަހަރްއަށް ނާންގައެވެ. އަދި ވަޒީފާގައި ތިންމަސް ވުމުން އިއުލާނުގައިވާ ވަރަށްވުރެ މުސާރައަށް ވިހިހާސް އިތުރުކުރަން ވިސްނިއެވެ. ވީހާވެސް އަވަހަކަށް އެ ދަރަނިން މިންޖުވެގެން ސަހަރް އޭނާގެ ދިރިއުޅުމުން ދޭތޯއެވެ. އެ ފައިސާ ސަހަރްގެ އަތުން ހޯދުމަކާއި ނުލާވެސް އުވައިޝް އަށް ސަހަރް ދޫކޮށް ލެވޭނެއެވެ. ހުރިހާވެސް މައްސަލައަކީ ވައުޒާއާއި މާލިކްގެ މެދުގައި ވެފައިވާ އެއްބަސްވުމެވެ.
ފަސް ދުވަސް ފަހެވެ. ސަހަރްއަށް ނިދިން ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ. އޭރު ގަޑިން 8 ޖަހައިފިއެވެ. އާދައިގެ މަތިން މިއަދުވެސް އުވައިޝް ވީ އަވަށް ހޭލައިގެން އޮފީހަށް ގޮއްސައެވެ. “ހެލޯ..” ސަހަރް ފޯން ކޯލަށް ޖަވާބުދިނެވެ. ” ފާތިމަތު ސަހަރް ހަލީމްއަށް ގުޅާލެވޭ ނަމްބަރެއްތޯ؟؟” ވާހަކަދެއްކީ އަންހެން ކުއްޖެކެވެ. ” ލައްބަ.. ވާހަކަ ދައްކަނީ ސަހަރް..” ސަހަރް ތެދުވެ ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. ” އަޅުގަނޑު މިއީ މާލިކް ގުރޫޕްގެ އާކިޓެކްޓް ޑިޕާރޓްމަންޓްގެ ފަރާތުން އައިޝާ.. ތި ބޭފުޅާ ވަނީ ވަޒީފާ އިންޓަވިއު އަށް ހޮވިފައި.. މިއަދު މެންދުރު މިކޮޅަށް ދުރުވެލެއްވޭނެތޯ؟؟ ” ވަރަށް ހިތްހެޔޮ ކަމާއެކު އޭނާ ވާހަކަ ދެއްކިއެވެ. “ލައްބަ.. ކޮން ވަގުތަކު ތޯ ދާންވީ؟؟” ސަހަރް ވަރަށް ހިތްހަމަޖެހިފައިހުރެ އަހާލިއެވެ. މެންދުރު 13:30 އަށް އޮފީހުގެ 8 ވަނަ ފަންގިފިލާއަށް އައުމަށާއި އެތަނުން އައިޝާއާއި ބައްދަލުވާނެކަމަށް ބުނެ އައިޝާ ފޯން ކަނޑާލިއެވެ. އުފަލުން ގޮސް ސަހަރްއަށް ކުޑަކޮށް ހަޅޭއް ލަވައި ލެވުނެވެ.
” މެޑަމް ކިހިނެއް ވީތޯ” އަވަސް އަވަހަށް ދުވެފައި ކޮޓަރިއަށް ވަން ޒިޔާނާ އަހާލީ ހާސްވެފައި ހުރެއެވެ. ސަހަރް ދުވެފައި ކަހަލަ ގޮތަކަށް އައިސް ޒިޔާނާގެ ގައިގާ ބައްދާލަމުން ވީގޮތް ކިޔައިދިނެވެ. ޒިޔާނާ ސަހަރަށް ޓަކައި އުފާކުރިއެވެ. ހެނދުނު އުވައިޝް ސައިބޯން އިނދެގެން ކުރި ފޯންކޯލްގައި ދެއްކި ވާހަކަ ޒިޔާނާއަށް ހަނދާންވިއެވެ. “ރުހައިމް… އެއްކަލަ ވަޒީފާއަށް ސަހަރް އެބައިންދޯ ފޯމް ލާފައި….” ފާން ފޮތީގައި ޖޭމްކޮޅެއް ހާކަމުން އުވައިޝް ފޯނުން ވާހަކަ ދެއްކިއެވެ. “އާން.. އެބައިން.. އެކަމަކު ނަގަން މިކިޔާ ވަޒީފާއަށް ވުރެ ތަންކޮޅެއް ކޮލިފިކޭޝަން ދަށްކޮށް އުޅެނީ… ކިހިނެއް ހަދަންވީ؟” ފޯން ސްޕީކަރުގައި އޮތުމުން މޭޒު ކައިރިން ލާފައިދިޔަ ޒިޔާނާއަށް ވަރަށް ރީއްޗަށް ރުހައިމް ދެއްކި ވާހަކަ އަޑު އިވުނެވެ. ނުވާކަމަށް ހަދާފައި ގޮސް އުވައިޝްއަށް ނުފެންނަ ހިސާބުގައި ހުރީ ސަހަރްގެ ވާހަކައެއް ދައްކާތީ އަޑުއަހާލުމުގެ ބޭނުމުގައެވެ. “ކޮލިފިކޭޝަން މުހިންމެއް ނޫން.. ބޭނުންވަނީ ހުނަރު. ސަހަރްގެ ހުނަރު އެބަހުރި.. ކުރިންރޭ އޭނަ ލެޕް ހިފައިގެން އިންދާ އަހަރެން ދުށިން އިންޓަވިއުއަށް ތައްޔާރު ކުރަމުން ދިޔަ ކުރެހުން.. ޔޫ ގޮނަ ލަވް އިޓް.. އޭނައަށް އިންޓަވިއުއަށް ކިޔާބަލަ..” އުވައިޝް ހިނިތުންވެލަމުން ބުނެލިއެވެ. އެ ހިނިތުންވުން ގުޅިފައިވަނީ ކޮން ސިއްރަކާ ކަމެއް އޭނާ ފެންނަ އެކަކަށްވެސް ނޭނގޭނެއެވެ. ” ޒިޔާއްތާ… ” ހިޔާލަކަށް ގެއްލިފައިހުރި ޒިޔާނާގެ އަތުގައި ހިފާ ތަޅުވާލަމުން ސަހަރް ގޮވާލިއެވެ. ” ސަހަރް ކޮއްކޯ.. އިންޝާﷲ ސަހަރްއަށް އެ ވަޒީފާ ލިބޭނެ.. ދެން ހިނގާ އަވަހަށް ސައިބޯން.. އެކަހަލަ ބޮޑެތި ކަންތަކުގަ ދާއިރު ގައިގަ ހަކަތަވެސް ހުންނަން ވާނެ.. މިހާރު މިގެއަށް އައި އިރަށްވުރެ ސަހަރް ހިކިހެންވެސް ހީވޭ..” ޒިޔާނާ ދުލުން ބޭރުކުރަން ބޭނުންނުވާ އެއްޗެއް ބުނެވިދާނެތީ އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ.
ސައިބޮއެ ނިމިގެން ސަހަރްގެ ކަމަކަށްވީ ލާނެ ހެދުމެއް ހޯދުމެވެ. އިންޓަވިއު އަކަށް ދާން ލާނެ ހެދުމެއް ނުފެނުމުން މާޔޫސްވެފައި އެނދުގައި އިށީނދެލިއެވެ. އެހެން އިނދެފައި ފޯން ނަގާފައި ނަމްބަރަކަށް ގުޅާލިއެވެ. ފޯން ކޯލެއް އަންނާތީ ކޯޓުގެ ޖީބުން ފޯނުނެގި އުވައިޝް ހުއްޓުން އެރީ ސަހަރްގެ ކޯލަކަށް ވުމުން ޒިޔާނާ އެއްޗެއް ކީކަމަށް ހީކޮށްފައެވެ. ފޯން ކެނޑުނީ ނަގާނީ ކަމެއް ނުނަނާނީ ކަމެއް ނުނިންމި އުޅެނިކޮށްނެވެ. އިރުކޮޅަކުން ސަހަރްގެ ނަމްބަރަށް އުވައިޝް ޑައިލް ކޮށްލިއެވެ. ” ހެލޯ..” ސަހަރް ވާހަކަ ދެއްކިއެވެ. ” ކީކޭ ސަހަރް.. އަހަރެން ޑޮކިއުމެންޓް އެއްގައި ސޮއެކޮށްލަން އިނީމަ ނުނެގުނީ.. ކިޔާބަލަ ކިހިނެއްވީ..” ހަމަޖެހޭގޮތް ދައްކާލަމުން އުވައިޝް ވާހަކަ ދެއްކިއެވެ. ” އުވައިޝް ކުރަން ހުރި ކަމެއް ކޮން އިރަކު އަހަރެން ކައިރީ ކިޔައިދޭން ފެށީ.. ހޫމް.. ތިއެއްނޫނޭ.. އަހަރެން ނަށް ތި އޮފީހުން މިއަދު ގުޅައިފި.. އިންޓަވިއު އަށް.. އެކަމަކު..” ސަހަރްގެ ވާހަކަ މެދުކަނޑާލީ އުވައިޝްއެވެ. ” އެކަމަކު ކިހިނެއްވީ.. ކަމު ނުދިޔައީތަ؟؟ ހަމަ ގައިމުވެސް އަހަރެން ނުބުނަން ސަހަރްއަށް ގުޅާށެކޭއެއް…” އުވައިޝް ދޮގެއް ހަދާލިއެވެ. ” އެނގެއޭ ނުބުނާނެކަން… އެހެންވެ އެއް ނޫނޭ މި ގުޅީ… އަހަރެން..” ސަހަރް ބުނަން ފަސްޖެހުނެވެ. ” ކިހިނެއްވީ.. ބުނެބަލަ.. ނެތޭ އެހާ ވަގުތެއްވެސް.. އެބަޖެހޭ ފައިލްތަކެއް ބަލައި ގެޔަށްދާންވެސް..” އުވައިޝް ބޭނުންވީ އަވަހަށް ފޯނު ބާއްވާށެވެ. ” އަހަރެން އިންޓަވިއުއަށް ދާން ލާނެ ހެދުމެއް ނެތް.. ހުރީ މުޅިންވެސް ހަވީރީ ހެދުން.. އޮފީސް ހެދުމެއް ނެތް..” އެއް ނޭވާއިން ސަހަރް ބުނެލިއެވެ. ” އޯކޭ.. ރެޑީވެލާ.. އެއްޗެއް ގަނެލަން ދާން.. އަދި ވަރަށް ވަގުތުވެސް އެބަ އޮތެއްނު..” މިހެން ބުނުމަށްފަހު ސަހަރް އެއްޗެއް ބުނޭތޯ ބަލާވެސްނުލާ އުވައިޝް ފޯން ކަނޑާލިއެވެ.
11 ޖެހި އިރު އުވައިޝް ގެއަށް އައިސްވަނީ ކޮތަޅުތަކެއް ހިފައިގެންނެވެ. އޭރު ސަހަރްހުރީ ލަސްވެގެން ކުޑަކޮށް ހިތްހަމަވެސް ނުޖެހިފައެވެ. ސަހަރް އެއްޗެއް ބުނުމުގެ ކުރިން އުވައިޝް ކޮތަޅުތަށް ދައްކާލިއެވެ. ކައިވެނީގެ ފުރަތަމަ ދުވަހުވެސް ވިޔަފާރިކުރަން ގޮސް ހުރިހާ ހެދުމެއްވެސް ނެގީ އުވައިޝްއަށް ރީތިވާ ގޮތަކަށެވެ. ކޮތަޅުތަށް ދިނުމަށްފަހު ސައިޑް ކަބަޑު ވަތްގަނޑުގައި އޮތް ފައިލެއް ހިފައިގެން އުވައިޝް ނުކުންނަން ދަމުން ހުއްޓި ސަހަރްއާ ދިމާލަށް އެނބުރިލިއެވެ. ” ވެއަރ ދަ ކްރީމް ވަން.. އިންޓަވިއުއަކަށް ދާއިރު ގުޑް އެޕެއަރެންސް އެއްވެސް ހުންނަންވާނެ..” ސަހަރްހުރީ އުވައިޝް ދިޔައިރުވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. އުޅޭ އުޅުމުން އެއީ ސަހަރްއާ އެކީގައި އުޅެން ބޭނުންނުވާ މީހެއް ހެނެއް ހިޔެއް ނުވެއެވެ. އުވައިޝްގެ އެކަހަލަ އަމަލުތަކުން ސަހަރްގެ ސިކުނޑިވަނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. އެކަމަކުވެސް ސަހަރް އޭނަ އާއި އުވައިޝްގެ ގުޅުމާ ދޭތެރޭގައި އިތުރު އުއްމީދު ތަކެއް ނުކުރެއެވެ.
ފާހާނާއަށްވަދެ ތާޒާ ވެލައިގެން ސަހަރް ނުކުމެ ކޮތަޅުތަށް ހާވާލިއެވެ. ހުދު ކުލައިގެ ގަމީހަކާއިއެކު ކްރީމް ކުލައިގެ އޮފީސް ސްކާރޓް އަކާއި ހަމަ އެ ކުލައިގެ ކޯޓެއް އޮތެވެ. ހަމަ އެ ގޮތަށް އެހެން ކޮތަޅުތަކުގައި އެއްކުލައިން ސެޓް ހަމަވާ ގޮތަށް ޕޭންޓްސް އަދި ސްކާރޓް ވެސް ހުއްޓެވެ. ސަހަރް ކްރީމް ކޯޓް ގަޔަށް ހެޔޮވަރު ކޮށްލަމުން ސްކާރޓަށް ދަމާލާ ރީތިކޮށްލިއެވެ. އަދި ފޯނުނަގާ ސްނެޕްއިން ލޯގަނޑު ކުރިމަތީ ހުރެގެން ފޮޓޯއެއް ނަގާފައި “ތެންކިޔޫ ހަބީ” ޖަހާލުމަށްފަހު، ސްނެޕް ސްޓްރީކަށް އަދި އިންސްޓަގްރާމް ސްޓޯރީއަށް ފޮނުވާލިއެވެ. އެއީ ސަހަރް އާންމުކޮށް ކޮށްއުޅޭ ކަމަކަށް ނުވިޔަސް މިއަދު ހަމަ ހިތަށްއެރި ގޮތެވެ.
ރުހައިމް އިށީނދެ އިން ގޮނޑިން ތެދުވެގެން އައިސް އުވައިޝްގެ މޭޒު ކައިރީ ހުއްޓިލީ ހިނިތުންވެ ހުރެއެވެ. މާގިނައިރު އެހެން ހުންނާން ފެށުމުން އުވައިޝް ބަލާލިއެވެ. ” ކިހިނެއްވެފަ ތި ހުންނަނީ ފާޑަކަށް ހިނި އައިއްސަ…؟” ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. ” އަންހެނުންނަށް އޮފީސް ޔުނީފޯމް ގަނެދޭންތަ މިއަދު ހެނދުނު ގެއްލުނީ … ފައިލް ބަލާދަނީއޭ ކިޔާފަ…؟ ބައިދަވޭ އެކަހަލަ އެއްޗެހީގަ ހުންނަ އިރުވެސް އޭނަ ވަރަށް ރީތި….” ޒާތަކަށް ހިނިއައިސް ހުރެ ރުހައިމް ވާހަކަދެއްކިއެވެ. ” އޭން… ކާކު ކީކޭ ބުނެގެން ތި އުޅެނީ.. އަހަރެން ބުނީމެއްނު ރުހޭ ކައިރީ ފައިލް ބަލައޭ.. ދިނީމެއްނު..” ނުވާކަމަށް ހަދަމުން އުވައިޝް ގަލަންނަގާ ލިޔަނީކަމުގައި ދައްކާލިއެވެ.
“މީ ދެން ކޯއްޗެކޯ.. ތެންކިޔޫ ހަބީޔޯ. ހައްހާ..” ރުހައިމް ފޯނުނަގާ ސަހަރްގެ އިންސްޓަގްރާމް ސްޓޯރީ ދައްކާލަމުން ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ. އުވައިޝްގެ ދެލޯ ބޮޑުވިއެވެ. ސަހަރް އެ ހެދުމުގައި ވަރަށްވެސް ފުރިހަމައެވެ. އަވަހަށް މޫނުމަތިން އަސަރުތަށް ފޮރުވަމުން ފޮޓޯގަނޑަށް ވަރަށް ފަރުވާތެރި ކަމާއެކު ބަލާލިއެވެ. ރުހައިމް ކައިރީ ދިޔަޔަސް އޯކޭ ކަމުގައި ބުނެ އޭނާ ފޮނުވާލީ ސަހަރްއަށް ގުޅުމުގެ ނިޔަތުގައެވެ. “އަހަރެންގެ ގަޔަށް މިހާ ހެޔޮވަރުކޮށް ކިހިނެއްބާ އުވައިޝް އަށް ހެދުން ގަންނަން އެނގެނީ.. އަހަރެން ނުވެސް ބުނަން..” ލޯގަނޑު ކުރިމަތީ ފަރިބަލަންހުރި ސަހަރް ހިތަށް އެރިއެވެ. ސަހަރް ސިހުނީ ފޯން ރިންގްވާން ފެށުމުންނެވެ. “ސަހަރް… ” އަވަސް އަރުވާލާފައި އުވައިޝް ވާހަކަ ދެއްކީ ކުޑަކޮށް ހިތްހަމަވެސް ނުޖެހި ހުރެފައެވެ. “ކީކޭ” ސަހަރް ކުރުގޮތަކަށް ޖަވާބުދިނެވެ. ” އިންސްޓަގްރާމް އިން އެ ފޮޓޯ ނަގަންވީނު… އަހަރެން ހިތްހަމައެއް ނުޖެހޭ..” އުވައިޝް ހުރި ރާގުގައި ބުނެލިއެވެ. ” ކިހިނެއްވީ… އަހަރެންނަށް އެހާ މިނިވަންކަން ވެސް ނޯންނާނީތަ؟” ސަހަރް ސުވާލުކޮށްލިއެވެ. ” ތީ އަހަރެންގެ އަނބިމީހާ.. އަހަރެން ބޭނުމެއްނޫން….” ބުނަން އުޅުނުއެތި ނުބުނެ އުވައިޝް ހުއްޓާލީ ބުނަން ހިތަށްއެރި އެއްޗެއްގެ ސަބަބުންނެވެ. “އެއީ ކީއްވެކަން ބުނެދީފާނަންތަ.. އަހަރެން ލާފަ ހުރި ފޮޓޯގައި ނިވާކަން ކުޑަވެފައެއްވެސް ނެތެއްނު..” އަނެއްކާވެސް ސަހަރް ޝަކުވާކުރާ ރާގަކަށް ބުނެލިއެވެ. މިއީ ސަހަރް އުވައިޝްއާ ޝަކުވާކުރާ ފުރަތަމަ ފަހަރެވެ. ސަހަރް އެ ބުނީވެސް ތެދެކޭ އުވައިޝް ހިތަށް އެރިއެވެ. އެހެން ނަމަވެސް ރުހައިމް ސަހަރް ރީއްޗޭ ބުނުމުންވެސް އުވައިޝްއަށް ހުރީ އުނދަގޫ ވެފައެވެ. ކީއްވެ ކަމެއް ހުދު އުވައިޝް އަކަށްވެސް ނޭނގެއެވެ. “އިންސްޓަ އަށް ލަންޏާ ޕްރައިވެޓްކޮށް ލާންވީނުން.. މީހުން ވަރަށް އެއްޗެހި ކިޔާނެ ކަންނޭނގެ…” މިފަހަރު އުވައިޝްގެ އަޑު އައިލެއް މަޑެވެ. މިވީ ކިހިނެއްބާއޭ ސަހަރް ހިތަށް އެރިޔަސް ދެން އިތުރަށް އެ ވާހަކަ ދައްކާނެ ވަގުތުވެސް ނެތުމުން އޯކޭއޭ ބުނުމަށްފަހު ސަހަރް ފޯން ކަނޑާލީ އަވަހަށް އޮފީހަށް ދިއުމަށެވެ. ހަނދާން ހުއްޓާ އަވަހަށް އިންސްޓަގްރާމްއަށްލީ ފޮޓޯ ޑިލީޓް ކޮށްލިއެވެ.
ޓެކްސީއިން ފޭބި ސަހަރްއަށް ބަލާލެވުނީ “މާލިކް ގުރޫޕް” ގެ ނަން ބޮޑު އަކުރުން ޖަހާފައިވާ 15 ބުރީގެ އިމާރާތަށެވެ. ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ސްކާރޓަށް ދަމާ އެއްވަރު ކޮށްލާ ލެޕްޓޮޕް އަތަށް ހެޔޮވަރު ކޮށްލަމުން އިމާރާތުގެ ތެރެއަށް ވަނެވެ. އައިޝާ ދީފައިވާ އިރުޝާދާއި އެއްގޮތަށް މެއިން ކައުންޓަރުގެ ވާތްފަޅިން ހުރި ލިފްޓަށްއަރާ 8 ވަނަ ފަންގިފިލާއަށް އެރުމަށް ފިތާލިއެވެ. ލިފްޓްގެ ދޮރު ލެއްޕި ލެއްޕި ހުއްޓާ ލިފްޓްގެ ތެރެއަށް އައިސް ވަނީ ކައިވެނީގައި އުވައިޝްގެ އޮފީހުން ބައިވެރިވި ރުހައިމްއެވެ. ރުހައިމްގެ މޫނަށް ބަލާލުމަށްފަހު ކައިވެނިވީރޭ ވީ ކަންތަށް ހަނދާން ވުމުން ގަތް ލަދުން އިސްދަށަށް ޖަހާލެވުނެވެ. ރުހައިމްވެސް ހުރީ ފާޑަކަށް ހިނިއައިއްސަ އެވެ. “ކޮބާ ފިރިމީހާ..” ރުހައިމް އެހެން އަހާލީ ޖެއްސުން ކޮށްލުމަށެވެ. ސަހަރްއަށް ލަދުންގޮސް އިސްއުފުލާލަންވެސް ނޭނގިފައި ހުރީއެވެ. ރުހައިމް ލިފްޓްގެ ފިތްބަރިން 12 ވަނަ ފަންގިފިލާއަށް ދިއުމަށް ފިތާލިއެވެ. އެވަގުތު ރުހައިމް ހީނލިހެންވެސް ސަހަރްއަށް ހީވިއެވެ. 8 ވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމުން އަވަސް އަވަހަށް ސަހަރް ނުކުތެވެ. ސަހަރްގެ މޫނުވަނި ލަދުންގޮސް ރަތްވެފައެވެ. އޮފީސްބަޔަސް ވަނުމުގެ ކުރިން ސަހަރް ދެތިން ފަހަރު ފުން ނޭވާ ދޫކޮށްލިީ މީހާ ހަމަޔަކަށް އެޅިލުމަށެވެ.
“ހެލޯ.. އައިޝާތޯ..” ކައުންޓަރެއް ނެތް އެ ފްލޯގެ ފުރަތަމައަށް ހުރި ކެބިންގައި އިން އަންހެން ކުއްޖާ ބަލާލުމުން ސަހަރް ހިނިތުން ވެލުމަށްފަހު ވާހަކަ ދެއްކިއެވެ. އޭރު އެތެރެ ލައުންޖް ފަޅީގައި ދެ އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން އިށީނދެލައިގެން ތިބިތަން ފެނެއެވެ. އައިޝާ އާއެކޭ ބުނެ ބޯޖަހާލަމުން ސަހަރް ކައިރީގައި އިށީނުމަށް ބުންޏެވެ. ވާނުވާ ނޭނގިފައި ސަހަރް އިށީނދެލިއިރު ވެއިޓިން އޭރިޔާގައި އޭނާއަށް އިންނަން ނުޖެހެނީބާއޭ ހިތަށްއެރިއެވެ. “މި ފޮނުވާލި މެއިލްއަށް ސަހަރްގެ އެޑިޔުކޭޝަނަލް ޑޮކިޔުމަންޓްސް އަދި ތައްޔާރުކޮށްފައިވާ ކުރެހުން ފޮނުވާލަދީ.. ދެން ނިމުނީމަ ބުނެލާ.. އޭރަށް ޖެހޭނީ 12 ވަނަ ފްލޯރ އަށް ދާން.. އިންޓަވިއު ކުރިޔަށްދާނީ އެތާނގައި..” އައިޝާ ހިތްހެޔޮކަމާއެކު ވާހަކަ ދެއްކިއެވެ. ސަހަރް މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ” ވާހަކައެއް އަހާލަންތަ؟” އައިޝާއާއި އެކު ހިނގަމުންދިޔަ ސަހަރް އަހާލީ ކަމަކާއިމެދު ޝައްކުވާތީއެވެ. “އަހާބަލަ.. ” ލިފްޓަށް އަރަމުން އައިޝާ ހީނލިގޮތުން ހީވީ އެ އަހަންއުޅޭ އެއްޗެއް އެނގުނު ހެންނެވެ. “އަހަރެންނަކީ ކާކުކަން އައިޝާއަށް އިނގެނީތަ؟ އެހެންކުދިން ކައިރީގަ އެސިސްޓް ކުރަން މީހަކު ނުހުންނާތީ މި އަހާލީ…” ބުނަން ނުބުނަން ހުރެފައި ސަހަރް ބުނެލިއެވެ. ” ލައްބަ.. އެކަމަކު އެހެން އެއްވެސް ސްޓާފަކަށް ނޭނގޭނެ އިނގޭ.. އަހަރެން ކައިރީވެސް ރުހައިމް ބުނީ.. ސަހަރް ގޮވައިގެން އުޅުމަށް.” އައިޝާ ރުހައިމްގެ ނަން ކިޔާލިއިރު އާދަޔާ ހިލާފު ހިނިތުންވުމެއް އެ މޫނުމަތިން ސަހަރްއަށް ފެނިގެން ދިޔައެވެ. ކުޑަކޮށް ވާނުވާ އެނގުމުން ސަހަރްވެސް އައިޝާއަށް ހީނލުމަށްފަހު ދެން އިތުރު އެއްޗެއް ބުނުމަކާނުލާ އެކީގައި ހިނގަމުން ދިޔައީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



wow masha allah
when is next part???
insha allah monday afternoon
Reethi ♥️.. hafuthaa aku kithah dhuvahu mi vaahaka genesdhe nee
3
Hoama
Budha
Honihiru
Masha Allah varah reethi 😍
❤️