Skip to content
އެސްފިޔަ

ސިއްރުން ކުރެވުނު ގޯސްކަންތައް

ލުބާއަކީ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ލުބާގެ އުމުރަކީ 7 އަހަރެވެ. މަންމަ އާއި ބައްޕަ ލުބާދެކެ އަބަދުވެސް ވަރަށް ލޯބިވެއެވެ. ލުބާ ކުރަންޖެހޭ ކަމަކީ ހަމައެކަނި މަންމަ އާއި ބައްޕަގެ ބަސްއެހުމެވެ. ގޯސް ކަންތައްތައް ނުކޮށް މަންމަމެން އުފާވާ ގޮތަށް އުޅުމެވެ. އޭރުން މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ މީހުންނާއި ރައްޓެހިންވެސް ބަސްއަހާ ކޮންމެ ކުއްޖެއްދެކެވެސް ލޯބި ވާނެތީއެވެ.

އެއްދުވަހަކު ލުބާ އޭނާގެ ގެކައިރީގައި އުޅޭ ރައްޓެހި ކުދިންނާއެކު ކުޅެލަން ބޭރަށް ނުކުތެވެ. އެވަގުތު އެކި ކުދިން އެކި ކުޅިވަރު ކުޅެމުންދިޔައެވެ. ލުބާ އާއި އެންމެގާތް އެންމެ އެކުވެރި ޖުމާ ވެސް އޭރު އެތާ ކުޅެން އުޅުނެވެ.

“ލުބާ! ހިނގާ އެހެރަ ފޭރު ގަހުން ފޭރު ބިންނަން ދާން.” ފޭރުގަސް ދައްކާލަމުން ޖުމާ ސިއްރު ސިއްރުން ބުނެލިއެވެ.

“އެއީ މީހުން ނޫޅޭ ގެއެއް. މަންމަ ބުނި މީހުން ގާތު ނާހާ ގަސްގަހުން އެއްވެސް އެއްޗެއް ނުބިންނާށޭ. އެއީ ގޯސްކަމެކޭ.” ލުބާގެ މަންމަ ބުނެފައޮތް ވާހަކަ ހަނދާން ވުމުން ލުބާ ބުނެލިއެވެ.

“ނޫނެކޭ.. އެއްވެސް މީހަކަށް ނޭނގޭނެއޭ. މަންމަ ގާތު ނުބުނީމަ މަންމަ އަކަށްވެސް ނޭނގޭނެއްނު؟ ހިނގާބަލަ ދާން.” ޖުމާ ބޭނުންވީ އެކަމުގައި ލުބާވެސް ބައިވެރި ކުރާށެވެ.

އެހެން ކުދިން ކުޅެކުޅެ ތިއްބަ ޖުމާ އާއި ލުބާ ސިއްރު ސިއްރުން ފޭރު ބިންނަން ފަޅު ގޯތިތެރެއަށް ވަނެވެ. ގަސް ކައިރި ހުރި ކުރު ފާރެއްގެ މައްޗަށް އެރުމަށްފަހު ޖުމާ ފޭރު ބިންނަން ފެށިއެވެ. ކާލަން މީރުވަރުގެ ދޮން ފޭރެއް ނެތުމުން ޅަފޭރުތައް ބިނދެގެން ޖުމާ ތިރިޔަށް ފޭބިއެވެ.

“އަން.. ލުބާއަށް ދެފޭރު. އަހަންނަށް ދެފޭރު. މިތާ ތިބެގެން ސިއްރުން ކާލައިގެން ދާނީ.” ޖުމާ ބޭނުންވީ އެއްވެސް މީހަކަށް ނުފެނި ފޭރުތައް ކާލާށެވެ.

ދެކުދިން ފޭރު ކަމުން ދިޔައީ ވަރަށް އުނދަގުލުންނެވެ. ޅަފޭރަކީ ވަރަށް ހިތި ރަހަލާ ހަރުއެއްޗެއްކަން އެކުދިންނަށް ކުރިން ނޭނގެނީ ކަންނޭނގެއެވެ. ލުބާ ފުރަތަމަ ކާލި ފޭރު ވަގުތުން އެއްލާލީ އެފޭރު ހަރުކަމުންނެވެ. އެއަށްފަހު ދެވަނަ ފޭރު ނަގާ ވަރަށް ބާރަށް ދަތް އަޅާލިއެވެ.

“އާހް..! އާހް.. ޖުމާ..!” ލުބާ ވަރަށް ބާރަށް ބުނެލިއެވެ. އެވަގުތު ޖުމާ ސިއްސައިންގޮސް ބަލާލިއެވެ.

“އަޅޭ.. ހާދަ ބައިވަރު ލެއެކޭ އަންނަނީ.. ކިހިނެއްވީ؟” ޖުމާ ވަރަށް ހާސްވެފައި އަހާލިއެވެ.

“ދަތް ވެއްޓުނީ.. މަތީގަ އިންނަ އެންމެ ބޮޑު ދެދަތް.” ލުބާ އެހެން ބުނި އިރު ލުބާއަށް ހުރީ ރޮވިފައެވެ.

“އަޅޭ… ހާދަގިނަ ލެއެކޭ.. ކިހިނެއް ދެން ހަދާނީ. އަވަހަށް ހިނގާ ގެއަށް ދާން. މަންމައަށް ދައްކަން ޖެހޭނެ.” ޖުމާ އަށް ހަދާނެ ގޮތެއް ނޭނގުނެވެ.

އަވަސް އަވަހަށް ދެކުދިން ފަޅު ގޯތިން ނުކުމެގެން ލުބާގެ ގެއަށް އައެވެ. އޭރު ލުބާ ހުރީ އަނގަމަތީގައި އަތް އަޅައިގެންނެވެ. އަތުގެ އިނގިލިތަކުގެ ދެމެދުން ލޭތައް ފައިބަމުން ދިޔައެވެ. ލުބާގެ މަންނައަށް އެމަންޒަރު ފެނި އަވަސް އަވަަހަށް ދުވެފައި އައިސް ލުބާއަށް ވީގޮތެއް އޮޅުން ފިލުވިއެވެ.

ޖުމާ ހުރިހާ ވާހަކަތަކެއް ދޮގު ނުހަދާ ލުބާގެ މަންމައަށް ކިޔައިދިނެވެ. ލުބާގެ އަނގައިން އަންނަމުންދިޔަ ލޭތައް މަނާކުރުމަށް އެވަގުތު މަންމަ އާއިއެކު އައިސް ފެނުން އަނގަ ދޮންނަމުން ދިޔައެވެ.

“ތިކުދިންނަށް އިނގޭތަ؟ ތިކުރެވުނީ ވަރަށް ބޮޑު ގޯސް ކަމެއް. ކުދިން ތަންތަނަށް ދާންވާނީ މަންމަ ނޫނީ ބައްޕަ އެހެން ނޫނީ ކޮންމެސް ބޮޑު މީހެއްގާތު އަހާފަ. އެކަމު ތިކުދިންނަށް ދެވުނީ ހުއްދަ ނުހޯދާދޯ..”

“މަަންމާ! ވަރަށް ބޮޑަށް ސޮރީ. އެއީ ޖުމާ ބުނީމަ ދިޔައީ. ޖުމާ ބުނީ އެއްވެސް މީހަކަށް ނޭނގޭނެއޭ.” ލުބާ ރޮވިފައި އިނދެ ބުނެލިއެވެ.

“ޖުމާ… ލުބާ!… ދެކުދިންނަށް ވެސް އެނގޭތަ؟ ސިއްރުން ކުރާ ހުރިހާ ކަމެއް މަންމަމެންނަށް ބައެއް ފަހަރަށް ނޭނގިދާނެ. އެހެން ވިޔަސް އެކުރެވެނީ ރަނގަޅު ކަމެއް ނޫނެއްނު. އެއީ އެހެން ބައެއްގެ ގޯއްޗާއި ގަސްތަކެއް. މީހުންނަށް ނޭނގުނަސް ސިއްރުން ކުރާ ކަންކަން ﷲ ދެނެވޮޑިގެންވާނެ. އެކަމު މިފަހަރު މިއޮތީ މަންމައަށް އެނގިފައެއްނު.. ގޯސްކަމެއް ކުރަނިކޮށް ދެދަތް އެއްކޮށް ވެއްޓުނީ.. އެހާ ބައިވަރު ލޭ އައިމަ ކިހިނެއް ތިކުދިން މިކަން ސިއްރު ކުރާނީ؟ އެހެންވީމަ ގޯސް ކަންކަން ސިއްރުން ނުކުރައްޗެ.” މަންމަ ވަރަށް ރަނގަޅު ނަސޭހަތެއް ދިނެވެ.

“ސޮރީ” ޖުމާވެސް ލުބާ މަންމަ ގާތު ސޮރީ ބުނެލިއެވެ.

“ވަރަށް ރަނގަޅު… އެކަމު ދެންވެސް ހަނދާން ކުރައްޗެ. އެއްވެސް ކުއްޖަކު ބުންޏަސް ސިއްރުންވެސް ފެނިގެންވެސް ގޯސް ކަމެއް ނުކުރައްޗެ. ލުބާގެ މަންމަ ވަރަށް ލޯބިވާތީ ތިކުދިންނަށް މީހާ ރަނގަޅު ނަސޭހަތެއް މިދިނީ. ފޭރު ކާހިތްވަންޏާ ނޫނީ އެއްޗެއް ބޭނުންވަންޏާ ބޮޑު މީހަކު ގާތު ބުނެގެން އެއެއްޗެއް ހޯދާނީ .” ލުބާގެ މަންނަ ދެއްކި ވާހަކައިން ޖުމާ އާއި ލުބާއަށް ބަސްއަހަން ހިތްވަރު ލިބުނެވެ.

އެނގޭތަ؟ ދެން ދެކުދިންވެސް ނިންމީ މީގެ ފަހުން ދުވަހަކުވެސް އެކަހަކަ ކަމެއް ތަކުރާރު ނުކުރުމަށެވެ.

-ނިމުނީ-

ވާހަކައިން ހާސިލްވި ބައެއް ޢިބްރަތްތައް.
* މައިންބަފައިންގެ ބަސް ނޭހުމުންވީ ގޮތް.
* ވައްކަން ކުރުމުގެ ނަތީޖާ.
* ސިއްރުން ކުރާ ކޮންމެ ޢަމަލެއްވެސް ﷲ ދެނަވޮޑިގެން ވާކަން.
* ކުށް ގަބޫލުކޮށް މާޢާފަށް އެދުމުގެ ރީތި އާދަ.

 

Comments (4)

  1. Shaf_maan

    Vrh reethi stry eh.. Maasha Allah 💜
    Vrh ibraitheri.. Kudakudhinnah vrh rangalhu vaane mi stry..
    Hope to see more stries like this one..
    Tc.. Lyy💜

    1. Shaleen
      Shaf_maan

      Shukuriyyaa shaf_maan
      V ufaavejje comment kiyaalaafa.
      Alhamdh lillah
      Alhugandu mi balanee veeyaaves kudakudhinnaa gulhey gothah vaahakathah kuriyah gendheveytho.
      In sha Allah next Thursday ga v avahah new story eh upload kollaanan in sha Allah.
      Abadhuves beynunvanee thifadha kiyuntheringe support.
      Ummeedhu kuran alhugandu ge “kudakudhinge vaahaka” mi series ge hurihaa vaahakathah ( links) ehen parents ah share kollaane kamah.

      Love you 😘🤟 shaf_maan

  2. Aula

    Outstanding story.
    Moral is really fabulous 🤩
    Vital informations with interesting story.
    Keep going shaleen.
    You are the best author in this platform right now.
    Hope for more stories like this .
    👏👏👏

    1. Shaleen
      Aula

      Just wow…. Shukuriyyaa Aula
      V ufaavejje vahaaka ah thihaavarah thaureef kureema. Dhen balamaa. Komme week Aku kommes vahaaka eh post kureveytho balaanan.
      In sha allah

Comments are closed.