ރާކިންއަށް ނުފެނި އުޅެވޭތޯ ނީލަމް ވަރަށް މަސައްކަތް ކުރުއެވެ. މިހަހަރުވެސް ދެން އައީ މަންމަގެ ކޯލެކެވެ. އެއްފަހަރު ނަމަވެސް ރާކިންއާ ބައްދަލުކޮށް ވާހަކަދައްކާލުމަށް އެދުނެވެ. ގޮތެއް ނިންމުމުގެ ކުރިން ވިސްނުމަށާ، އާއިލާއާ ހެދި ދުރުނުވުމަށް ނަޞޭޙަތްތެރިވިއެވެ. މަންމައަކީ ނީލަމްގެ ބަލި ފައެވެ. އެހެންކަމުން އެފަހަރުވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
ރާކިންއާ ބައްދަލުވެލުމަށް ނީލަމް ދިޔައީ އާޓިފިޝިއަލް ބީޗަށެވެ. ވިއްސާރަކޮށް އޮތް ރެއެއްކަމުން މީހުން ވަރަށް މަދެވެ. ނީލަމްއަށް ވުރެ މާކުރިން ރާކިން ހުރީ އެތަނުގައެވެ. ރާކިންގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ.
ދައްކާނެ ވާހަކައެއް ނޭނގިފައި ނީލަމްއަށްވެސް ހުރެވުނީއެވެ. އެގޮތުގައި ދެމީހުން ހަމަހިމޭންކަމާއި އެކުގައި ވަގުތުކޮޅެއް ވޭތުވިއެވެ. ބެންޗެއްގައި އިށީންދެ ހަމަޖެހިލައިފައި ވާހަކަ ފެށީ ރާކިންއެވެ.
“އަހަންނަށް އިނގޭ ހުރިހާ ކަމެއްވެސް މިވީ އެންމެ ބޭނުން ނުވާ ގޮތަށްކަން. އެކަމު އަހަންނަށް ޗާންސެއް ދީބަލަ. ހަމަ ގައިމުވެސް އަހަންނަކީ ގޯސް ފިރިއަކަށް ނުވާނެކަން ސާބިތުކޮށްދޭނަން.
މިހުރިހާ ކަމެއް ހައްލުކޮށްދީ ނީލަމް އެންމެ ބޭނުންވާ ދިރިއުޅުންވެސް ހޯދަ ދޭނަން..” މޮޅިވެރި ރާގެއްގައި ރާކިން ބުންޏެވެ.
“ދެން އޮތީ ކޮން އިތުބާރެއް؟ ކުރިންވެސް ތިހުރިހާ ވާހަކައެއް ދެއްކި..” މަޑުމަޑުން ނީލަމް ވާހަކަދެއްކިއެވެ.
“އަހަރެން ދުވަހަކުވެސް ނީލަމް ދެރަވިޔަކަ ނުދޭނަން.. މަންމަމެންނާ ވާހަކަ ދައްކާފަ ބުނާނަން އެ ގެއަށް އިތުރު ބަޔަކަށް ނާދެވޭނޭ. އައި ޕްރޮމިސް.. ނާންނާނެ އެއްވެސް މީހަކު.. ހަމައެކަނި އަހަރެމެން އުޅޭނީ..” ރާކިން ނީލަމްގެ އަތަށް ފިތާލިއެވެ. އުންމީދަކާއި އެކުގައެވެ. ނީލަމް ވަރަށް ގިނައިރު މަންމަ ދެއްކި ވާހަކަތަކާ، ރާކިންދެއްކި ވާހަކަތަކަށް ވިސްނަން އިނެވެ.
“އެންމެ ރަނގަޅު.. އަހަރެން ގޮސްފާނަން އެތަނަށް. އެކަމަކު އިތުރު އެކަކަށްވެސް ތަޅުދަނޑިވެސް ދީގެން ނުވާނެ.” ނީލަމް އެންމެ ފަހުން އެއްބަސްވީއެގޮތަށެވެ.
“ޔަޤީން ކުރޭ.. އެކަކަށްވެސް ނުދޭނަން. އެކަކުވެސް ނުދާނެ އެތާކަށް..” ރާކިން ވީއުފާ ބުނެދޭންވެސް ނޭނގެއެވެ.
ޙަޤީޤަތުގައިވެސް ރާކިން ލޯބިވެޔޭ ނީލަމްއަށް ހީވީ އެކަހަލަ އެތައް ވަގުތެއްގެ ސަބަބުންނެވެ. ތަޤުދީރު އެނގޭނީވެސް ކާކަށް ހެއްޔެވެ؟ ލޯބިވެޔޭ ބުނާމީހާއަށް އަދި ލޯބިދޭންވެސް ނޭނގިދާނެއެވެ.
ނީލަމް އެގެއަށް ބަދަލުވެ ކަންކަން ހަމައަކަށް އަޅުވާލާ ހެދިއެވެ. ނީލަމް ބޭނުންވާ ބައެއް ބަދަލުތައް ގެއަށް ގެނައުމުގެ މަސައްކަތް ފެށިއެވެ. ފާރުގައިވެސް ރީތި ސްޓިކާ ހިއްޕާ ނަލަ ކޮށްލިއެވެ. އަލަތު އަންތްބަކު އޭނާގެ އާ ކައިވެނީގެ މަންޒިލް އުޖާލާވާން ނޭދޭނެ ހެއްޔެވެ؟ އެ ތަޖުރިބާ ހޯދާ އެ އުފާ އިޙުސާސްކުރަން ހަމަ ކޮންމެ އަންހެނަކުވެސް އެދޭނެއެވެ. ގޭގެ ރާނީގެ މަޤާމު އިސްލާމްދީނުގައި އަނބި މީހާއަށް ދީފައި އެވައި މަތިވެރި ޝަރަފް ހަނދުމަހުރީ މިއަދުގެ ވަރަށް މަދު ފިރިއެކެވެ. އަނބި މީހާގެ ދަރަޖަ ދަށްކޮށް އެފަކީރުގެ އަމިއްލަ ކައިވެނީގައިވެސް ބާކީވީ ކިތައް އަނބިންތޯއެވެ؟ ހިތާމަ ހުރި އެހެނަސް ހިތި ހަޤީޤަތެކެވެ.
ވަކިން ޚާއްސަކޮށް މި އޭޝިޔާ ބައްރުގެ އެއް ހަރުކަށި ބިދުޢީ ޤަބޫލުކުރުމަކީ، އަނބިންނަކީ ފިރިމީހާއާ އޭނާގެ އާއިލާއަށް ޤުލާނުކުރާ މީހެއްކަމެވެ. ދިރިއުޅެންވެސް ޖެހޭނީ އެމީހުން ރުހޭ ގޮތަކަށެވެ.
ނީލަމްގެ ހިތުން ބިރުވެރިކަން ފިލައިގެން ނުދިޔައީ އެހެންވެއެވެ. ބައެއްގެ ފެންވަރު ދެކި ތަޖުރިބާ ވުމުންނެވެ. ކަންތައްވީވެސް ވަރަށް ދެރަކޮށެވެ.
ގޭގެ ބައެއް މަސައްކަތްތައް ކުރަން ޖެހޭކަމުގައި ބުނެ ރާކިންގެ ބައްޕަ ތަަަޅުދަނޑިއެއް ހޯދައިފިއެވެ. ކުރާ މަސަކަތަކީ ތޯއެވެ؟ ދެން ހުރި ކޮޓަރީގައި ފަރުނީޗަރު ޖަހަނީއެވެ.
ނީލަމްމެން އުޅެން ހުރި ކޮޓަރީގައި ހުރީ ކުރިން އެގޭގައި އުޅުން މީހުން ގެންގުޅެ ބާކޮށްފައިހުރި ފަރުނީޗަރެވެ. އެވެސް ބަދަލު ނުކުރެވުނީ ރުފިޔާއަށް އެމީހުން ހެދި ގޮތުންނެވެ. އެހެންކަމުން ނީލަމްއަށް އެއްޗެއް ނުބުނެއެއް ކެތެއްވެސް ނުވިއެވެ.
އެ ކޮޓަރީގައި އެކަން އެކުރަނީ ކީއްވެތޯ ރާކިންއާ ސުވާލުކުރިއެވެ. ރާކިން ބުނީ އެއީ މީހުން އަންނަން ނޫން ކަމަށާ، ކޮންމެހެން ބައްޔެއް އެއްޗެއް ވެގެން މަންމަ އައިސްލަން ކަމަށެވެ. ކަންތައް އިތުރަށް ގޯސްނުކޮށް ކެތްކުރުމަށްޓަކައި ނީލަމް ދެންވެސް ތުން ފިއްތާލީއެވެ.
އަލަތު ކައިވެނީގެ ދެމަފިރިންގެ އުންމީދު ކޮބާހެއްޔެވެ؟ އެމީހުންގެ ބަދަލުގައި އެ އާރާސްތުވަނީ އެހެން ބައެއްގެ އުންމީދެވެ. ނީލަމް ފާރުގައި ހިއްޕާފައި ހުރި ސްޓިކާއަށްވެސް އެމީހުން ފާޑުކިޔުމުން އެވެސް ޖެހުނީ ނައްޓާށެވެ. ގެއަށް ތައްޓާ، ދެންހުރި އެއްޗެހިވެސް މައިދާތަ ހުރީ އޭނަގެ ހޮވުމަށް ނަގާފައެވެ. ދެން މިތަނުގައި ނީލަމްގެ އަގަކީ ކޮބައި ހެއްޔެވެ؟ އަލަށް މީހަކާ އިންނަނީ އޭނަ ހެއްޔެވެ؟ ނޫނީ ނީލަމް ހެއްޔެވެ؟
ދުވަސް ކައިރިވެ ކައިވެނިވާން ޙަފްތާއަކަށް ވެއްޖެއެވެ. ދެންވީ ކަންތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކީއާއެވެ. އާއިލާ ހުރިގޮތަށް ގޮވައިގެން މައިދާތަ މާލެ އަތުވެއްޖެއެވެ. އައީވެސް އެގެއަށެވެ. ނީލަމްއަށް ކުރެވޭނީ ކީއްހެއްޔެވެ؟ ދެން ގޮސް ވަންނާނީ ކޮންތާކަށް ހެއްޔެވެ؟
“ރާކިން… ހުސްދޮގު ހަދާ އޮޅުވާލައިގެންދޯ މަށާ އިންނަން ތިއުޅެނީ!” ނީލަމް ހުރީ ރުޅިއަށްވުރެ ހިތުގަ ޖެހިފައެވެ.
“ސޮރީއޭ.. އެމީހުންދާނެ ވެޑިން ނިއްމާފަ… ޕްލީޒް ބޭބީ.. ސޮރީއޭ..” ރާކިން ނީލަމް ހަމަޖެއްސޭތޯ އުޅުނެވެ.
“އަހަރެން ބުނީތީ ބަލަންހުރޭ..ދެނެއް ނުދާނެ. ބޭނުންވި ގޮތްތި ވީނު.. މިއޭނު ރޭވުމަކީ.. މަގޭ މޮޔަކަން ހަމަ” ކަރުނަތައް ފޮހެމުން ނީލަމް މަންޒިލެއް ނެތި ހިނގައިގަތެވެ. ރާކިންވެސް ފަހަތުން އައެވެ. އެހެނަސް ނީލަމްގެ ފިޔަވަޅަކަށް ބަދަލެއް ނާދެއެވެ. ނީލަމްގެ މިސްރާބު ހުރީ ، ކައިވެންޏަށް އައިސް ތިބި ނީލަމްގެ މަންމަމެން އުޅޭ ގެޔާ ދިމާލަށެވެ. މިވަގުތު ގޮސް އެ މަންމަގެ ޙިމާޔަތަށް އެދެން ނީލަމް ބޭނުންވިއެވެ.
އެގެއަށް ގޮސް މަންމައަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އަދި ކައިވެނި ކުރަން ބޭނުން ނުވާކަމަށް ބުނެ ރޮވުނެވެ. ނީލަމްގެ މަންމަ ގުޅީ ރާކިންއަށެވެ. ރާކިން މަންމަ ގާތުގައިވެސް ބުނީ ކައިވެނީގެ ފަހުން އެމީހުން ނުތިބޭނެ ކަމަށެވެ.
އެތައް އިރަކު ވާހަކަދެއްކުމުންވެސް އެދުވަހަށްފަހު ނީލަމް ބުނަމުން ދިޔައީ ކައިވެނި ކުރަން ނޭދޭ ވާހަކައެވެ. އެހެނަސް ލިޔުއްވަވާފައިވާ ގޮތުގެ މަތިން އެ އިމްތިޙާނާ ކުރިމަތިލާން ޖެހުނީއެވެ. ހިތްނޭދި ހުރެއެވެ.
2 Comments!
Comments are closed.



When next??? Vrh reethi one of my favvv author
Awwwn means world to me lots of love❤️🥰
In sha Allah soon❤️