Skip to content
އެސްފިޔަ

އިޝްޤް 5

ހަމަ ކުޑަކުޑަ ހިނދުކޮޅެކެވެ. ޒާރާގެ މޫނުމަތީގެ ކުލަވަރު ފަޑުވެގެން ދިޔައެވެ. ކައިލްގެ އަތްދަށުން ވީއްލިގެން ދުރަށް ދުއްވައި ގަނެފިއެވެ.

“ޒާ!؟” ވާނުވާ ނޭނގިފައިހުރި ކައިލް ގޮވާލިއެވެ. ޒާރާގެ އަތުގައި ހިފޭތޯ އަތްވެސް ހޫރުވާލެވުނެވެ. ތަންކޮޅަކަށް ހުއްޓިފައި ކައިލް ފަހަތުން އަންނާނެކަން އެނގުމުން އެނބުރިލިއެވެ. އަމިއްލަ އިޙުސާސްތައް ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ.

“ކައިލް..އައި ކާންޓް…އައި ކާންޓް..” ތުރުތުރުލާ އަޑަކުން އެހެން ބުނަމުން ޒާރާ ފިޔަވަޅު އަޅަންފެށީ ފަހަތަށެވެ.

“އެއީ ކީއްވެތަ؟” ޒާރާގެ ދެކޮނޑުގައި ބާރަށް ހިފަހައްޓައިލަމުން ކައިލް ސުވާލު ކޮށްލީ ބާރަށެވެ. ދާދި ދެންމެއަކު އެދެމެދުގައި އެވީ ކަންތައް އެހާ ފަސޭހައިން ހަނދާނުން ފިލާނީ ކިހިނެއް ހެއްޔެވެ؟ ޒާރާ މިހާރު މިއުޅެނީ ކިހިނެއް ހެއްޔެވެ؟

“މިބުނީނު.. އިތުރަށް ނާހަބަލަ.. ގަދަބާރުން ހުރިހާ އެއްޗެއް ނުލިބޭނޭ” ޒާރާވެސް އަޑަށް ބާރު ލެވޭތޯ ބެލިއެވެ. ކައިލް ހުރީ ހައިރާންވެފައެވެ.

“ގަދަބާރުންނޭ؟ އަހަރެން ގަދަ ބާރުންތަ ޒާ…” ކައިލްގެ އަޑު މެދު ކެނޑުނީ ޒާރާ އަތް ފޮޅުވާލުމަށްފަހުގައި ދުރަށް ދާން އުޅުމުންނެވެ.

އޭރު ވެހެމުން ދިޔަ ހިމަފޮދުވާރޭ ބޯކުރަމުން ދަނީއެވެ. ކައިލް މުލަށްދަނޑިއަށް ބާރުކޮށްލަމުން ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އޭރު އެންމެންހެން ތިބީ ހިޔާތަކަށް ވަދެއެވެ. ޒާރާއަށް ކައިލް އަންނަހެން ހީވެގެން ދުއްވައިގަނެވުނެވެ. އަލި ޖެހޭ ހިސާބަށް ދެވުނީ ހަމަ ކިރިޔާއެވެ. ކައިލްގެ އަތުނުވީ އެހެންވެއެވެ. އަވަސްއަވަހަށް ޒާރާ މިހުންގެ ތެރެއަށް ގޮސް ގެއްލިއްޖެއެވެ.

“ޒާ ކޮންތާކުން ތިއައީ..؟” ޔޫން ތެމިފޯވެފައިހުރި ޒާރާއަށް ބަލައިލިއެވެ.

“އާން..މި އެތާ މޫދު ކައިރީ ހުއްޓަ ތެމުނީ.. ޔޫންއަށް ދެވިދާނެތަ އަހަރެން ގެޔަށް ލައިދޭން.؟” ޒާރާއަށް ޔޫން ފެނުމުން އަވަސްއަވަހަށް ބުނެލިއެވެ. ކައިލް މިހާރު ޒާރާ ހޯދާނެކަން އެނގޭތީއެވެ.

ޔޫން މާގިނަ ސުވާލެއް ނުކޮށް އެއްބަސްވިއެވެ. ޒާރާ ހާސްވެފައި ހުރެ ޔޫންގެ ފަހަތުން ދިޔައީ ވަރަށް ފިލައިގެން، ވަށާ ހޯދަމުންނެވެ.

ސައިކަލާ ހަމައަށްދެވުމުން ލަސްނުކޮށް ޔޫން ސައިކަލު ދުއްވާލީ، ވިއްސާރަ ބޯކުރަމުން ދާތީއެވެ.

ރުޅިޔާއި، ހިތާމަ އެކުލެވިގެން ނުތަނަވަސްވަމުންދިޔަ ކައިލްގެ ހިތް އޮބިނޯވެއެވެ. އެއްވެސް ޖަވާބެއް ނުދީ، ކައިލްގެ ހުށަހެޅުން ޤަބޫލުނުކޮށް ޒާރާ ދިޔައީ ކީއްވެ ހެއްޔެވެ؟ ކައިލް އެންމެ ކުޑައިރުވެސް ޒާރާދެކެވީ ތެދުވެރި ލޯތްބެވެ. އެ ލޯތްބަށް ޒާރާ ފާޅުގައި އެކުރީ އިންކާރެވެ. އެވެސް ދެމެދުގައި ހޭދަވި ފަޅި ސިކުންތުގެ ލޯބިވެތި ވަގުތުކޮޅަކަށްފަހުގައެވެ.

“މޭން..ވީގޮތް ބުނީމަދޯ އަހަރެމެންނަަށް ދެން ވާންވީ ގޮތެއްވެސް އިނގޭނި..” އެއްޗެއް ނުބުނެ ހުރި ކައިލްގެ ކޮނޑުގައި ހިފާލަމުން ޝާވިން ވާހަކަދެއްކިއެވެ. ކައިލް އިސްއުފުލައިބަލައިލީ ފުން ނޭވާއެއް ލަމުންނެވެ.

“ނޭނގެ ވީގޮތެއް އަދި.. ” ހަމައެކަނި އެކުރު ޖަވާބުދިނުމަށްފަހުގައި ކައިލްވެސް ދިޔައީ ގެއަށެވެ. އެހެނަސް ކައިލްގެ ހިތްވަރުއަދި އެލުވައެއް ނުލައެވެ.

ގެއަށް ދިޔަ ގޮތަށް އެނދުމަތީގައި ބަންޑުން އޮތް ޒާރާ އަތަކަށް ހިރިވެސް ނުލައެވެ. ފޯނު ނިއްވާލާފައި އޮތުމުން އެއްވެސް މީހަކަށް ޒާރާއަށް ގުޅޭގޮތެއް ނުވިއެވެ. ހާސްވެފައިހުރެ ޒާވިން ގެއަށް އައީ އެހެންވެއެވެ. ވީނުވީއެއް ނޭނގުމުން އެންމެންވެސް ތިބީ ގޮތް ހުސްވެފައެވެ.

“ޒާ..ޒާ ޕްލީޒް ލެޓް މީ އިން! ޒާ..” ކޮޓަރީގެ ދޮރުގައި ފުދޭވަރަކަށް ބާރަށް ޓަކި ޖަހަމުން ޒާވިން ގޮވިއެވެ. ޒާރާ ބާލީހުން މޫނު ވަކިކޮށްލީ ޒާވިން ނުދާނެކަން ޔަޤީންވުމުންނެވެ.

“ޒާ..ކިހިނެއްވެފަ ތިހުރީ؟” ކުރަން އައިހާ ސުވާލުތައްވެސް ޒާވިންގެ ހަނދާނުން ފިލައިފިއެވެ. ޒާރާގެ ރަތްވެފައިވާ ދެލޮލުގައިވާ ހިތާމާގެ އަޞަރު، ފެނުނު މީހެއްގެ ހިތް ކުދިވާހާ ވެއެވެ.

ކޮޓަރިއަށްވަދެ ދެމީހުން އެނދުގައި އިށީންދެލިއެވެ. ޒާވިން ސުވާލުކުރަމުން ގެންދިޔައެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޔަޤީނެވެ.

“ޒާވިން.. އޭނަ…އޭނަ އަހަރެން…” ޒާރާގެ އަރު ބެދިއްޖެއެވެ. އަނެއްކާވެސް ގިސްލެވެންފެށިއެވެ. ޒާވިން ޒާރާ ގެނެސް މޭގައި ޖައްސާލީ ކެތްނުވެގެންނެވެ. ކުރިން ދުވަހަކުވެސް ޒާރާ މިހާ ދެރަވެފައިހުއްޓަ ނުފެންނާތީވެސް ވާނީ އެހެންތާއެވެ.

“ހިތްވަރު ކޮށްލާފަ ކިޔާދީބަލަ ޒާ.. ކާކު ކީއްތަ ކުރީ؟ ކޮންމެ ކަމެއްގަވެސް ޒާ އެކީގައޭ އެންމެންވެސް މިތިބީ…ޒާ ބުނެބަލަ..” ޒާވިންގެ އަޑުވެސް ތުރުތުރުލާގަތެވެ.

ޒާރާ އަމިއްލަ ނަފްސު ކޮންޓުރޯލު ކުރަން މަސައްކަތްކުރަމުން ތެދުވިއެވެ. މޫނު ދޮވެލައިގެން އައިސް ޒާވިންއާ ކުރިމަތިލީ ހިތާމަވެރި މޫނަކައިގެންނެވެ.

“އޭރު ކިޔަވަންގޮސް ހުރިއިރު..ތިންވަނަ ސެމިސްޓަރ ތެރޭގަ ސްޓަޑީ ބްރޭކުގަ ގިނަ ކުދިން މާލެ އައީ. ދެން ތިބީ އަހަންނާ އަދިވެސް އެހެން ކުއްޖަކާ އެކަނި ހިފާފަ ހުރި އެޕާޓްމަންޓުގަ އޭރު.. ދެން އެއްރޭ ވަރަށް ދަންވެސް ވެފަ ހުއްޓަ އައީ ކޯލެއް. ޕްރައިވެޓް ނަންބަރެއް. މާގިނައިން ގުޅާތީ އެންމެ ފަހުން ނެގީ..ހީކުރީ ބައްޕައަށްވެސް ވެދާނޭ…

ފޯނު ނެގީމަ..އެކޮޅުން ވާހަކަދެއްކީ ނުވެސް ދަންނަ ފިރިހެނެއް.. އެހާ އޯލްޑް މީހެއްހެނެއް ހިއެއް ނުވޭ. އެންމެ ފުރަތަމަވެސް އޭނަ އަހަރެންގެ މުޅި ޝެޑިއުލް ކިޔާލި..އެހާ ހިސާބުން އެނގުނު ސްޓޯލްކް ކުރަނީކަން.. ދެން ބިރުން އަނެއް ދުވަހު ރިޕޯޓުވެސް ކުރިން. ބައްޕައަށްވެސް ނޭންގީ ހާސްވެދާނެތީ..” ޒާރާ އެވާހަކަތައް ދެއްކީ ނުހަނު އުނދަގުލުންނެވެ.

“ރިޕޯޓު ކުރީމަ އެރޭވެސް އޭނަ ގުޅި …އެކަންވެސް އޭނަޔަށް އެނގުނު. ދެން އެހެން އުނދަގޫ ކުރާތީ ބުލޮކް ކޮށްލީމަ އެހެން ނަންބަރުތަކުންވެސް ގުޅި..ފަހުން ނުނަގަން ފޯނެއް.. ދެން…ދެން… އެއްރޭ..އެރޭ..” ޒާރާ ތުރުތުރު ލާންފެށިއެވެ. ވާހަކަ ކުރިއަށް ނުގެންދެވި ނޭވާ ހާސްވިއެވެ. ޒާރާ ވަރަށް ހާލުން ގޮސް ސައިޑް ޓޭބަލްމަތީގައި ހުރި ބޭސްފުޅިއަކުން ގުޅައެއް އަނގައަށް ލިއެވެ. އޭރު މީހާ މުޅިން ރޫރޫ އަޅަނީއެވެ. ޓޭބަލްގެ ކަނެއްގައި ކުރުގެޅިގެން އިންނަން ފެށުމުން ޒާވިން އިތުރަށް ހާސްކޮށްލިއެވެ. ޒާރާގެ ގައިގައި ބައްދާލަމުން ބޮލުގައި ފިރުމާލިއެވެ.

“ޒާ…ޕެނިކް އެޓޭކްސް ޖެހޭތަ..؟” ޒާވިންއަށްވެސް އޭރު ހުރީ ޒާރާގެ ހާލުފެނި ރޮވިފައެވެ. ޒާރާ ގަދަކަމުން ބޯޖަހާލިއެވެ.

އޭގެ ފަނަރަ ވަރަކަށް މިނެޓު ފަހުން ޒާރާ ކޮންމެވެސް ވަރަކަށް ހަމައަށް އެޅެންފެށިއެވެ.

“އެއްރޭ… އަހަރެން ނިދާފަ އޮއްވަ.. ޖެނީ..އެއީ އެގޭގަ އޭރު ހުރި ކުއްޖަކީ. ޖެނީ ވަރަށް ބާރަށް ހަޅޭލަވާ އަޑަށް ހޭލެވުނީ.. ފުރަތަމަވެސް ސެކިއުރިޓީއަށް އެލާރމުކޮށްފަ އަހަރެން ދުއްވާގަތީވެސް އެކޮަޓަރިއަށް ދާން…

އޭރު.. އެމީހަކު ޖެނީ..ޖެނީގެ ހެދުންވެސް ވީދާލާފަ…ވަރަށް އަނިޔާވެސް ކޮށްފަ އޮތީ.. އަހަރެން ގޮސް އޭނަ ދުރުކުރުވަން އުޅުނީމަ އަހަންނަށްވެސް ވަރަށް އަނިޔާކުރި..ބަނޑުގަ ވަރަށް ބާރަށް ޖެހީމަ ނުތެދުވެވުން ގަޑީގަ އޭނަ…އޭނަ އަހަރެން ކުރިމަތީގަ ޖެނީ ރޭޕްކުރީ….

އޭނަ ބުނީ..ދެން އޮތީ އަހަންނޭ… ޖެނީ މަރާވެސް ލާނަމޭ..އަހަރެން އަބަދުވެސް އޭނަގެ އަމުރަށް ތަބާނުވެއްޖާ އޭނަގެ ކޮންޓުރޯލުގައޭ ބަހައްޓާނި.. ދަންނަ މީހުންނާ ލޯބިވާ މީހުންނަށް އަނިޔާކޮށް މަރާގެންވެސް އަހަރެން އޭނަޔަށް ބޯލަންބުވާނަމޭ ބުނީ… އޭނަ ޖެނީގެ ފުރާނަ ދުއްވާލަން ވަރަށް އަނިޔާކޮށްފަ އަހަރެން ގައިގަ އަތްލަން އާގަޑީގަ ސެކިއުރިޓީއާ ޕޮލިސް އައީ… އެހެން ނޫންނަމަ އަހަރެންވެސް އެރޭ ….” ޒާރާ އެވާހަކަތައް ކިޔާދިނީ ނުހަނު ހިތްދަތިކަމާއި އެކުގައެވެ. ޒާވިންއަށް ދަތްކުނޑި ވިކާލެވުނެވެ. އެމީހެއްގެ ދުވަސް ދުއްވާލަން ބޭނުންވިއެވެ.

“ޖެނީ..ވަރަށް ގިނަ ދުވަސް ވަންދެން ވެންޓިލޭޓަރުގަ އޮތް. އެކަމު އެރޭ އޭނަ ބެލްކަނިން ފައިބާގެން ފިލި ގޮތެއްވެސް ނޭނގެ.. ކުޅިގަނޑު ފެށުނީ އޭނަ ހައްޔަރު ނުކުރެވުނީމަ.. އަހަންނަށް ބްލެކް މެއިލްކޮށްގެން އޭނަޔާ ބައްދަލު ކުރުވާ..އޭނަޔާ އެކީގަ ޑޭޓަށް ދާން ޖެހޭ..އޭނަ ގެންގުޅޭ ޕަޕެޓެއްހެން އުޅެން ޖެހެނީ…. ގާތް ނުވާތީ އަބަދު އަނިޔާވެސް ކުރޭ..އޭގެ ފަހުން މެންޓަލީ މީހާ ވަރަށް ޑައުން.. ބޭސް ކައި ތެރަޕީވެސް ނަގައިގެން ހުރެވެނީ.. ނެތް ހިތްވަރުން ކޯސް ނިމެންދެން އެހެން އުޅުނީ…

ޗުއްޓީއަށް ނާދެވެނީވެސް އެހެންވެ… މިފަހަރު އޭނަޔާ ފިލައިގެން އައީ.. އެކަމު މިހާރު އޭނަ މާލެ އަތުވެއްޖެ… މިރޭ ގުޅި… އޭނަ..އޭނަ އަހަރެން މަރާލާނެ..” ޒާރާއަށް އަނެއްކާވެސް ރޮވިއްޖެއެވެ.

“އެއް ކަމެއްވެސް ނުކުރެވޭނެ. އެއީ ކާކުކަން ބުނޭ.. އަހަރެން އެމީހަކު މަރާލާނަން!” ޒާވިންގެ ލޭ ކެކިގަތެވެ.

އެތަކެއް ސުވާލަކަށްފަހުވެސް އެއީ ކާކުކަމެއް ޒާރާ ކިޔައެއް ނުދެއެވެ. އަދި ކައިލްގެ ގާތުގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އާދޭސްކުރިއެވެ. ޒާވިންއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

“އެންމެ ރަނގަޅު.. ދިވެއްސެއްތަ؟ ކުޑަމިނުން އެޔެއް ބުނެދީ..” ޒާވިން ޓިޝޫއަކުން ޒާރާގެ މޫނު ސާފުކުރަމުން އެއްސެވެ.

“އާން..ވަރަށް ނުފޫޒުގަދަ މީހެއް” ޒާރާ އެވަރުވެސް ބުނެދިނެވެ.

ޒާރާއަށް ނިދުނީ ވަރަށް ޙާލުންނެވެ. ޒާވިންއަށް ކައިލްގެ ކޯލު އައީ ނިދަން އޮއްވައެވެ.

“ބްރޯ…މާދަން ދިމާކުރާނަން..މިހާރު މިއޮތީ ނިދަން” ޒާވިން ފޯނު ނެގި ގޮތަށް ބުންޏެވެ.

“ޒާ ކޮބާ؟” ކައިލް ކޮށްލީ އެސުވާލެވެ.

“އަހަރެން އާއިރު އޮތީ ނިދާފަ..” ޒާވިން ހިތާއި ދެކޮޅަށް ޒާރާގެ ޙައްޤުގައި ދޮގުހެދިއެވެ. އެކުވެރިޔާގެ ސަލާމަތަށްވެސް މެއެވެ.

ޒާވިންގެ ޖަވާބުން ނިދި ނައިސްފައި އޮތް ކައިލް އިތުރަށް ނިންޖާ ދުރަށްލީއެވެ. ބެލްކަންޏަށް ނިކުމެ ބޭރަށް ނަޒަރު ހުއްޓާލިއެވެ. އެހިނދު ޚިޔާލުތަށް ވަށާލީ ޒާރާއާއެކުގައި ހޭދަވި ހަމަހިމޭން އުފާވެރި ހިނދުކޮޅެވެ. އެ ރަހަ އަދިވެސް ލިބެން އެދެވޭތީއެވެ. ކައިލްގެ ވިސްނުމަށް އައި މޮޅު ޚިޔާލަކުން ތުންފަތުގައި ސިއްރު ހިނިތުންވުމެއް ކުޅެލިއެވެ.

* ފޭސްބުކް ޕޭޖު Tales of heartއިން އަޅުގަނޑުގެ ވާހަކަތައް ފަސޭހަ ކަމާއިއެކުގައި ހޯދާލެވޭނެ.

Comments (4)

  1. Ghost girl 👻

    Woahh when next???

    1. Queenquill
      Ghost girl 👻

      In sha Allah soon

  2. shynyx inax

    v reethi..

    1. Queenquill
      shynyx inax

      ❤️
      Thankoo

Comments are closed.