ދަހިވެތި ވުމުން…
ލީނާ އަކީ ކާއެއްޗެއްސަށް ވަރަށް ފޯރިހުންނަ ކުއްޖެކެވެ. ލީނާއަށް މީރު ކާއެއްޗެއް ލިބިއްޖެއްޔާ ކޮންމެ އެއްޗެއްވެސް ލީނާ ކަނީ އޭނާގެ ދޮންބެ އަށާއި
ދޮންތިއަށް ނުދީއެވެ. އެއީ އެކުދިންނަށް ދީފިނަމަ ލީނާއަށް ކެވޭ އެތިކޮޅު މަދުވެދާނެތީއެވެ.
އެއްދުވަހަކު ލީނާ ގޭގެ ގޯތި ތެރޭގައި ކުޅެން ހުއްޓާ މަގުމަތިން ދިޔަ މީހަކު ލީނާއަށް ގޮވާލިއެވެ. އެމީހާ ލީނާއަށް ގޮވާލުމުން ލީނާ ވަރަށް ބާރަށް ދުވެފައި އެމީހާ ގާތަށް ދިޔައެވެ. ލީނާ އެހާބާރަށް ދިޔައީ އެމީހާގެ އަތުގައި ހަދިޔާ ކޮތަޅެއް އޮތްތަން ފެނިގެންނެވެ.
“ކޮއްކޯ! އާދެބަލަ! ކިހިނެއްތަ؟” އެ އަންހެންމީހާ ލީނާ ގާތު އަހާލިއެވެ.
“ލީނާ ރަނގަޅު. ތި ކޮތަޅުގަ ތިހުރީ ކޯއްޗެއް؟ ލީނާއަށް ހީވަނީ ވަރަށް މީރު އެއްޗިހި އެބަހުރިހެން.” ލީނާ އެމީހާ ގާތު ބުނެލިއެވެ.
“މިއީ ދައްތަގެ ކުދިންނަށް ގެންދާ ޗިޕްސް ދަޅުތަކެއް.” އެމީހާ ހިނިތިން ވަމުން ބުނެލިއެވެ.
“ލީނާ މިހުރީ ވަރަށް ޗިޕްސް ކާހިތުން. ލީނާއަށް ދީފާނަންތަ؟” ލީނާ ވަރަށް ދެރަވެލާފައި ކޮތަޅަށް ބަލއިލަމުން ބުންޏެވެ.
“ލީނާ! ދައްތަ ލީނާއަށް މިއަށްވުރެ މާ އަގުބޮޑު ހަދިޔާއެއް ދީފާނަން. ލީނާއަށް އެނގޭތަ؟ މީހުން ގާތު އެއްޗެހި ދޭށޭ ކިޔުމަކީ ރީތި ގޮތެއް ނޫނެއްނު ދޯ؟. އެންމެ ރީތި އެންމެ ރަނގަޅު ގޮތަކީ ލީނާ ނުބުނަނިސް މީހަކު ހަދިޔާ ދީފިއްޔާ އުފަލުން އެ ހަދިޔާއެއް ގަބޫލުކުރުން. އެއީ ކުޑަކުޑަ ހަދިޔާއަކަސް.. އެހާ ގަޔާ ނުވާކަހަލަ ހަދިޔާއަކަސް އުފަލުން ގަބޫލު ކުރަންވާނީ އިނގޭ. އަސްލު ލީނާއަށް ނޭނގުނަސް ދައްތަ މިއައީ ޗިޕްސް ދަޅެއް ހިފައިން. އަން މިއޮތީ.” ވަރަށް ލޯބިން ފިރުމާލަމުން އެދައްތަ ލީނާއަށް ޗިޕްސް ދަޅު ދިނެވެ.
“މީ ލީނާއަށް އެކަނިދޯ؟.. ވަރަށް ބޮޑަށް ޝުކުރިއްޔާ.” ލީނާ ވީ އުފަލުން ބުނެލިއެެވެ.
“ނޫނޭ. ލީނާގެ ދޮންބެއާ ދޮންތި ހުންނަކަން ވެސް ދައްތައަށް އިނގޭ. އެކުދިންވެސް ތިބޭނީ ވަރަށް ކާހިތުން. އެހެންވީމަ ހުރިހާ ކުދިންނަށް ބަހާލައިން ކާލާނީ އިނގޭ.” އެހެން ބުނުމައްފަހު އެދައްތަ ދިޔައީއެވެ.
ލީނާ ގެއަށް ވަދެ ޗިޕްސް ދަޅު ލިބުނުގޮތް މަންމައަށް ކިޔައިދިނެވެ. މަންމަ އެދުނީ ހުރިހާ ކުދިންނަށް ބަހައިގެން ޗިޕްސް ކެއުމަށެވެ. އެހެން ނަމަވެސް ދޮންތި އާއި ދޮންބެއަށް އެންމެ ޗިޕްސް ކޮޅެއް ދޭންވެސް ލީނާ ގަބޫލެއް ނުވިއެވެ. ޗިޕްސް ދަޅު ކަނޑާލުމަށްފަހު އެކުދިންނަށް ނުދޭން ލީނާ ދަޅު ހިފައިން ގެއިން ބޭރަށް ދުއްވައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ ބޮޑު ގާގަނޑެއްގައި އަޅައިގަނެފައި ލީނާ ވެއްޓި ދަޅުވެސް ވެއްޓުނީއެވެ. ލީނާ އަވަހަށް ތެދުވެ ބަލައިލިއިރު ހުރިހާ ޗިޕްސްތައް އޮތީ ކައިރީގައި އޮތް ސިމެންތި ޗަކަގަނޑުގައެވެ. އެވީގޮތުން އެންމެ އެތިކޮޅެއް ވެސް ލީނާއަކަށް ނުކެވުނެވެ. ލީނާ ވީ ދެރައިން ގެއަށްވަދެ ވީގޮތް މަންމައަށް ކިޔައިދިނެވެ.
“ދަރިފުޅާ ލީނާ! ތިވީ ކިހާ ދެރަގޮތެއް. ލީނާ އުޅުނީ ލީނާ އެކަނި ގިނައިން ކާންދޯ؟ އެކަމު ކިހިނެއް މިވީ؟ އެއްވެސް ކުއްޖަކަށް ނުކެވެނީސް ހުރިހާ ޗިޕްސް އިސްރާފުވީ. އެހެންވީމަ ކޮންމެ އެއްޗެއްވެސް ބަހާ ވަރަށް ހުރިއްޔާ ކާންވާނީ ދޮންތި އާއި ދޮންބެއަށް ވެސް ދީގެން..” މަންމަ ލީނާއަށް ނަސޭހަތް ދޭން ފެށީ ވަރަށް ލޯބިންނެވެ.
“ލީނާ އަޅެ 8 އަހަރު ކުއްޖެއް ގޮތަށް ވިސްނާލަބަލަ. ތި އުމުރުގެ ކުދިންނަށް ވެސް ވަރަށް މޮޅަށް ވިސްނަން އިނގޭނެ. ކުރިން ދުވަހު ބޮއްތަ ގެނެސްދިން ކޭކް ކޮޅުވެސް ހުރިހާ ކުދިންނަށް ނުބާހާ ކާލަންވެގެން އަވަސް އަވަހަށް ލީނާ ފޮރުވީމެއްނުދޯ؟ އެދުވަހު ކޭކު ކޮޅަށް ކިހިނެއްވީ؟ އަޅެ ބުނެބަލަ!” މަންމަ ބެލީ ލީނާއަށް ވިސްނައިދެވޭތޯއެވެ.
“އާނ.. އެއްކަލަ ކޭކް ކޮޅުދޯ؟ އެ ކޭކް ކޮޅެއް ނުކެވުނެއްނު. ލީނާ ކާން ބެލި ގަޑީގަ ކޭކުގަ ހުރީ ކަނޑާތަކެއް ތަތްވެފަ. މަންމައަށް ވެސް އެވާހަކަ އިނގެއެއްނު.” ލީނާ ވިސްނާލާފައި ވީގޮތް ކިޔައިދިނެވެ.
“ހޫމް.. މަންމައަށް އިނގެއޭ. ލީނާ ވެސް ހަނދާން އެބަހުރިދޯ؟ އެހެންވީމަ މަންމަ އަބަދުވެސް ލީނާ ގާތު ބުނަނީ ކާއެއްޗެއް ލިބުނަސް ކުޅޭ އެއްޗެއް ލިބުނަސް ކުދިން ވާނެ އެހެން ކުދިންނަށްވެސް ދޭން. ނޫނީ ދެން ދިމާވާނީ މިއަދު މިވީ ކަހަލަ ދެރަ ގޮތްގޮތް. ލީނާއަށް އިނގޭތަ؟ ހުރިހާ އެއްޗެއް އަހަރުމެންނަށް ދެއްވަނީ މާތް ﷲ.. އެހެންވީމަ ދަހިވެތިވެގެން އުޅޭ ކުދިންދެކެ ﷲ ލޯބިވެ ވޮޑިގެން ނުވާނެއްނު.” މަންމަ ކިޔައިދިނެވެ.
“މަންމާ! ލީނާ ދެން ތިކަން ރަނގަޅު ކުރެވޭތޯ ބަލާނަން. ދޮންތި އާއި ދޮންބެއަށްވެސް ދޭނަން މީގެފަހުން.” ލީނާ އޭނަގެ މަންމަ ގައިގައި ބައްދާލަމުން ދެން ދުވަހަކުވެސް އެކަން ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައެޅިއެވެ.
ވާހަކައިން ހާސިލްވި ބައެއް ކަންކަން:-
* ދަހިވެތި ވުމުން ﷲ ލޯބިވެވޮޑިގެން ނުވާނެކަން.
* ދަހިވެތި ވުމުން ދިމާވާނީ ދެރަ ގޮތްތައްކަން.
* މީހުން ގާތު އެއްޗެހި ދޭށޭ ކިއުމަކީ ހަޑިގޮތެއްކަން.
* ލިބޭ މިންވަރަށް ޝުކުރު ކުރަން ވާނެ.
6 Comments!
Comments are closed.







Mi Hama varah ibraitheri vaahaka eh.
Shaleen mikahala vaahaka Gina nereyche
Thanks ingey v bodah
Ufaavejje.
In sha Allah I will
Story vv reethi
V thanks dear
Vahaka v rythi adhi Vs ithuruvahaka thah kiyalumah inthizarugaa BA hurime
In sha Allah
In sha Allah
Libeyne.
Vaguthu vee varakun Hama liyeveytho balaanan AA vaahaka thakei