އިޝްޤް 1
ހުދު ވިލާތައް ކަފަމުން ދިޔަ ފްލައިޓުގެ މަންޒިލް ގާތްވަމުން ދަނީއެވެ. ނޫ ސާލެއްފަދަ ނަލަނަލަ އުޑުމަށްޗެކެވެ. އެހާމެ މޫސުން ހިތްގައިމު، ރީތި ވައިރޯޅިތައްޖެހޭ ދުވަހެކެވެ. ރާއްޖޭގެ ރީތި މަލަމަތި އުދަރެހުގައި ފިޔަ ޖަހާކަހަލައެވެ. މަންޒަރު ބަލާ ފޫހިނުވެއެވެ.
އެ ރީތި ފިޔާތޮށި ކުލާގެ ތުންފަތުގައި ކުޅެލަކުޅެލައި ހުރީ، ހިތް ދަމައިގަންނަފަދަ ހިނިތުންވުމެކެވެ. ބޯޓު ތެރޭގައި ތިބި ގިނަ ބައެއްގެ ލޯތައް އެ ރީތި ސޫރައަށް ހުއްޓެމުން ދިޔައެވެ. އެ އަންހެން ކުއްޖާގެ މޫނުމަތިން ހީވަނީ، ވަރަށް ގިނަ ދުވަހަށްފަހުގައި ރާއްޖެ އާދެވުނީހެނެވެ.
އެއާރޕޯޓުތެރޭގައި ފުދޭވަރަކަށް މީހުން ގިނައެވެ. ފަތުރުވެރިންނާއި ދިވެހިންވެސްމެއެވެ. ހިތްގައިމު ބޮޑު ރަށެއް ކަމުން ފަތުރުވެރިކަމުގެ ސިނާޔަތުގައި ކުރިއަރާފައިވެއެވެ.
ޒާވިން ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. ދެކިލާ ހިތުން ކެތްމަދުވެފައިވާ ހާލުގައެވެ. އެކި ފަރާތްފަރާތަށް ބަލަމުންދަނިކޮށް ޒާވިންގެ ލޮލުގައި އަޅާގަތީ އެ ލާމަސީލު ފަތްމިންޏެވެ. ހަމަ އެހިނދުގައި ޒާވިންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އިސްކޮޅުން ކުރަސް ލޫޅާފަތި ހަށިގަނޑެކެވެ. އެހާމެ ދޮން، އޮމާން ހަންގަނޑެކެވެ. ކަޅުކަންގަދަ، ފަން، ބޯ އިސްތަށިގަނޑެކެވެ. ބޮޑު،ޗާލު ދެލޮލުގެ ކަޅިރަވަ ފުން ރޭގަނޑެއް ފަދައެވެ. ހިތްދަމާގަންނަ މޫނެކެވެ. ބަލާފޫހިނުވާނެ ސޫރައެކެެވެ. ލައިގެން ހުރީ ހުދު ކުލާގެ މަތިކޮޅަކާއި، ކަޅު ޖީންސްއެކެވެ. ހައިހީލްސްގައި އެހާ ފަރިތަކަމާއިއެކުގައި، ބޭރުގެ މޮޑަލްއެއް ހިނގާލާފައި އަންނަ ފަދައެވެ.
“އައި މިސްޑް ޔޫ ސޯ މަޗް ބޭބީ..” ކޮޑުގައި ހިފާ ގާތްކޮށްލަމުން ޒާވިން ބުނެލިއެވެ. އޭރު އެއާޕޯޓުގައި ތިބި ފިރިހެންކުދިން ހަސަދާގެ ނަޒަރުން ޒާވިންއަށް ބަލަންތިއްބެވެ.
“އަހަރެން ނުވޭ މިސްއެއް..” އެ އަޑުގައިވެސް ވަނީ މާމުއިގެ ފޮނިކަމެވެ.
“އެނގެއޭ ޒާރާ ހަނދާނެއް ނުވާނެކަން. ދެން ހިނގާ އަވަހަށް ދާން.” ޒާވިން ޒާރާގެ ފޮއްޓާއި ދަބަހުގައި ހިފަމުން ކުރިއަށް ހިނގައިގަތެވެ. އޭރު އެމީހުންގެ އިންތިޒާރުގައި ކާރު ހިފައިގެން އައިސް ޑްރައިވަރު އަޙުމަދު ހުއްޓެވެ.
“މަރުޙަބާ ޒާރާ” ޒާރާ ފެނުމާއި އެކުގައި އިސްތިޤުބާލުކުރުމަށް އަވަސްވެގަތީ އިޙުތިރާމާއި އެކުގައެވެ.
“ބޭބެ ކިހިނެއްތޯ؟” ނުހަނު ހިތްހެޔޮކަމާއި އެކުގައި ޒާރާ ޙާލު އަހާލިއެވެ.
“ވަރަށް ރަނގަޅު ދަރިފުޅާ” އަޙުމަދަކީ ޒާރާ ވަރަށް ކުޑައިރުއްސުރެވެސް ޒާރާގެ ބައްޕަ އަފީފުއަށް ތެދުވެރިކަންމަތީ ޚިދުމަތްކުރުމުގައި ދެމިހުރި މީހެކެވެ. އެހެންކަމުން އެންމެންވެސް ދެކެނީ އެއީ އާއިލާގެ މެންބަރެއްކަމުގައެވެ.
ޒާވިން ޒާރާއަށްޓަކައި ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލަދިނެވެ.
“ވައި ޕްރިންސަސް ޓްރީޓްމަންޓް؟” ޒާރާ ހީލިއެވެ. ޒާވިން އަނެއް ސީޓަށް އަރާ ހަމަޖެހިލިއެވެ.
“ތީ އަހަރެންގެ ޕްރިންސަސް އޭނު” ޒާވިން މޫނަށް ވަށްތަރެއް ޖަށްސާލަމުން ބުނެލިއެވެ.
“ޗީ..ކޮބާ ޒާވިންގެ ބޭބީ މަލާކް. މިފަހަރު ވާނެ މީޓް ކޮށްދޭން” ޒާރާ ޒާވިންގެ އަތުގައި ވިކާލިއެވެ.
ޒާވިން އާއި ޒާރާ އަކީ ދެބެންގެ ދެދަރި ކުދިންނެވެ. ކުޑަ އިރުއްސުރެ އެކީ އުޅެ ބޮޑުވެފައިވާތީ، ދެމެދުގައި އުފެދިފައިވަނީ ސަކަ އެކުވެރިކަމެކެވެ.
ރަށުގެ ފުޅާ މަގުތަކުން ކާރު ދުއްވަމުން ދިޔައީ ރަށުގައި ހުންނަ އެންމެ ތަނަވަސް އެއް ގެއަށެވެ. އެއީ “ޕެލެސް” އެވެ. ޒާރާގެ ބައްޕަ އަފީފަކީ ރާއްޖޭގެ އެންމެ މަޝްޙޫރު އެއް މިލިޔަނަރެވެ. އަދި އޭގެ އިތުރުން މަޖިލީސް މެންބަރެކެވެ. އެންމެން ޤަދަރުކުރާ އަފީފުގެ ހުރި ހަމައެކަނި ދަރިއަކީ ޒާރާ އެވެ. ޒާރާދެކެ އަފީފުވާ ލޯބި، އުޑާއި ބިމާ ދެމެދުގައި އެއްލަށްކަ ބުރު އެޅިޔަސް ވަޒަން ނުކުރެވޭނެއެވެ. ޒާރާގެ މަންމަ އަކީވެސް ވަރަށް ހަރުދަނާ ހެޔޮލަފާ މީހެކެވެ. އެއީ ހަމަ އަފީފުގެ ނަޞީބެވެ.
ޕެލަސް ގޭގެ މައި ގޭޓުން ކާރު ވަދެގެން ދިޔައިރު ޒާރާ އިނީ ގޯތިތެރެއަށް ބަލާށެވެ. ޅަފަތުގެ މަޖާ ދުވަސްވަރުގެ ހަނދާންތައް އެ މާޙައުލުން ފެންނަމުންދެއެވެ.
ޒާރާއަށް މަރުޙަބާ ކިޔުމަށްޓަކައި އާއިލާގެ ގިނަ ބަޔަކު ގެއަށް އައިސް ތިއްބެވެ. ވާނީވެސް އެހެންތާއެވެ. މޮޅު ސައިކްރޭޓިސްޓަކަށް(ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް) ވެގެން ޒާރާ އެ އައީ ދުނިޔޭގެ ފެންވަރުގައި އެއްވަނަ ޙާޞިލުކޮށްގެންނެވެ. ޒާރާއާމެދުގައި ފަޚުރުވެރިނުވާ ދިވެހި ވެލިކޮޅެއްވެސް ނެތެވެ.
“މަރުޙަބާ ދަރިފުޅާ” ގިނަ ދުވަސްތަކަކަށްފަހުގައި ނަސީމާއަށް ދަރިފުޅުގެ ގައިގައި ބަށްދާލެވުމުން ކަރުނަ ހިލުނެވެ. މައިވަންތަ ލޯބިން އެހިތް ފުރިބަންޑުންވަނީއެވެ. ޒާރާއަށްވެސް ކުރެވުނީ ތަފާތު އިޙުސާސެކެވެ.
“ދަރިފުޅާމެދުގައި ބައްޕަ ފަޚުރުވެރިވަން” އަފީފު ލޯބިން ޒާރާގެ ބޮލުގައި ދޮނެއް ދިނެވެ. އާއިލާގެ އެކި މެންބަރުންގެ ފަރާތުން ތަޙުނިޔާގެ މާފަތިތައް ލިބުނެވެ. އަދި އެކި ކަހަލަ ހަދިޔާތައްވެސް މެއެވެ.
“އެންމެންވެސް ބޭނުންވީ ދަރިފުޅު ބަލާ އެއާޕޯޓަށް ދާން، އެކަމަކު މަގޭ މިހިރަ ފޮނި ސޮރަކާ ހެދި އެހެންމީހަކު ހަމަހިލާ ދިޔައަކަ ނުދިން” ހާމިދާ ޒާވިންއަށް ލޯއަޅައިލަމުން ބުންޏެވެ. ހާމިދާއަކީ ނަސީމާގެ ދައްތައެވެ.
“އާންޓީ ތިބުނީ ރަނގަޅަށް. އެއީ ހަމަ ވަރަށް ފޮނި….” ޒާރާގެ ޖުމުލަ ނުނިމި އުޅެނިކޮށް ޒާވިން އައިސް އަނގަމަތީގައި އަތް އެޅިއެވެ. ޒާރާ ވަގުތުން ޒާވިންގެ އިނގިލީގައި ދަތް އެޅިއެވެ.
“އައްދިޔޯތް…ޒާ… ހުރެބަލަ މިފަހަރު” ޒާވިން ޒާރާއަށް ގޮތެއް ހަދާލުމަށް ފަހަތުން ދުވެފައި އައުމުން، ޒާރާ ފިލީ މާމަގެ ފަހަތުގައެވެ.
“ދެން މިގޭތެރެ ފަޅެއް ނުވާނެ” މާމަ އުފަލުން ބުނެލީ ދެ މާމަ ދަރިންގެ އަތުގައި ހިފާލަމުންނެވެ.
އެންމެނާ ވާހަކަ ދައްކާލުމަށްފަހުގައި ޒާރާއަށް ކޮޓަރިއަށް ވަދެވުނު އިރު ތިނެއް ޖަހަނީއެވެ. ޒާރާ ބޭނުންވީ ފެންވަރާލައިގެން އަރާމުކޮށްލާށެވެ.
ކޮޓަރިތެރެއިން ފެންނަނީ ތަނަވަސްކަމާއި ޝާހީކުލަވަރެވެ. ބޮޑު ބެލްކަންޏެއް ހުއްޓެވެ. ވޯކް-އިން ކްލޯސެޓް އަކާއި ހައިބަތުހުރި ފަރުނީޗަރުތަކެވެ.
ލައިގެންހުރި ހުދު ޓޮޕުކޮޅާއި ޖިނސްގެ އިތުރުން ހަށިގަނޑުގައި ހުރި ހުރިހާ ފޭރާމެއް ގަޔާ ވަކި ކޮށްލުމަށްފަހުގައި ފާޙަނާއަށް ވަދެވެ. ބޯވާރޭހެން އެ ބޮޑު ޝަވަރުގެ ފެންތައް އައިސް ހަށިގަނޑުގައި ފިރުމަން ފެށުމުން އަރާމުކަން އިޙުސާސްވެގެން ދިޔައެވެ.
ހުދު ތުވާއްޔަކުން ހަށިގަނޑު ނިވާކޮށްލަމުން ޒާރާ ކޮޓަރިއަށް ވަތްއިރު ފޯނު ރިންގުވަމުން ދިޔައެވެ.
“ހޭ ޒާ. މިރޭ އޮންނާނެ ޑިނަރއެއް ޒާގެ ޝަރަފުގަ ބޭއްވޭ.. 8:30 އަށް ރެޑީ ވަށްޗޭ..” ޒާވިން ގުޅީ އެވާހަކަ ބުނާށެވެ.
“ކޮން؟” ޒާރާ އަހާލީ ނޭނގިގެންނެވެ.
“އެއީ ގަވަރމަންޓުން ޒާގެ އެޗިވްމަންޓް ސެލެބްރޭޓް ކުރަން ބާށްވާ ޑިނަރ އެކޭ..ރަށުގެ އެންމެންނަށް. އޯލްސޯ ހެލްތު މިނިސްޓަރ އެންޑް ފަސްޓް ލޭޑީވެސް ދުރުވޭ އިނގޭ…” ޒާވިންގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ބައްޕަ ކުރިން މިވާހަކަ ނުބުނުއްވީ ކީއްވެބާއޭ ޒާރާގެ ހިތަށް އެރިއެވެ.
ފޯނު ބޭއްވުމަށްފަހުގައި ޒާރާ މަޑު ކަފަކޮޅެއްފަދަ ތަނަވަސް، އަރާމު ގޮދަޑީގައި ހަށިގަނޑު ދަމާލިއެވެ. ކަންނެތްވެފައި ހުރިވަރުން ހެދުމެއްވެސް ލާކަށް އެވަގުތަކު ނޫޅެވުނެވެ. ކުއިލްޓުން ހަށިގަނޑު ނިވާކޮށްލަމުން ޒާރާ ލޯމަރާލިއެވެ.
“ދަރިފުޅާ..ޒާ. ދަރިފުޅާ” ނަސީމާ ޒާރާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާތާ އިރުކޮޅެއްް ވެއްޖެއެވެ. ސިހިފައި ޒާރާއަށް ހޭލެވުނެވެ. ޒާރާ އެނދުން ތެދުވެގެން ގޮސް ދޮރު ކައިރިއަށް ހުއްޓިލިއެވެ. ހުރެވުނުގޮތް ހަނދާންވީދެނެވެ.
“ކީކޭ މަންމާ؟” ޒާރާ ދޮރާ އަނގަ ކައިރިކޮށްލަމުން ގޮވާލިއެވެ.
“ތައްޔާރުވެގެން އާދޭ ތިރިއަށް. ގަޑި ޖެހެނީ..” އެހެން ބުނުމަށްފަހުގައި ނަސީމާ ގޮސްފިއެވެ. ޒާރާ އަވަސްއަވަހަށް ގަޑި ބަލައިލިއެވެ.
“އަޅޭ..” ރޭގަނޑުވެ ގަޑިން ހަތްގަޑި ބައި ވީއެވެ. އަވަސްއަވަހަށް ތައްޔާރުވެލުމަށް ޒާރާ އުޅެންފެށިއެވެ.
އެރެއަށްޓަކައި ޒާރާ ޚިޔާރުކުރީ ކަޅު ކުލައިގެ ރީތި ހެދުމެކެވެ. ހެދުމުގައި ރީތި ޑިޒައިނަކަށް ކުދި ވިދާ އެސްތަކެއް ހުއްޓެވެ. އަދި ކަކުލާއި ހަމައަށް ވާތް ފަރާތުން ފަޅާލައިފައި ވެއެވެ. ކޮނޑާއި ހަމައަށް ތިރިކޮށްލެވިފައިވާ ހެދުމުގެ އަތުގެ ސަބަބުން، ޒާރާގެ ފުރިހަމަ ކަނދުރާއާއި ކަރު ފާޅުވެފައި ހުއްޓެވެ. ހެދުމުގެ ރީތިކަން އިތުރުކޮށްދެނީ، ހެދުން ހިފާލައިފައިވާ އެ ބަށްޓަމީ ހަށިގަނޑެވެ.
“ނިކުމެވިއްޖެ ދޯ؟ ދެންވެސް އަވަހަށް ހިނގާބަލަ” ޒާރާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ޒާވިން ދިޔައެވެ.
މުޅި މާޙައުލު އޮތީ ޒީނަތްތެރިކޮށްފައެވެ. މެދުގައި ހުރީ ސްޓޭޖެކެވެ. ފަހަތުގައި ރަންއަކުރުން ލިޔެފައިވަނީ “މަރުޙަބާ ޑރ.ޒާރާ” މިހެންނެވެ. އެ ހާމަ މާޙައުލުގައި އެތައް ސަތޭކަ މޭޒުތަކާއި ގޮނޑި ޖެހިފައި ހުއްޓެވެ. އެންމެ ޢިއްޒަތްތެރިންނާއި އެކުގައި ވަކިން ޒާރާއަށް ޚާއްސަ މޭޒެއްވެސް ހުއްޓެވެ. ބޯމަތީގައި ވަނީ ފެއަރީ ލައިޓް ދަމާ ދިއްލާލާފައެވެ. ހީވަނީ ބޮޑު ޢީދެއް އައިސްގެން އުޅޭ ހެނެވެ.
ލަދުވެތި އެހެނަސް އުފާވެރި ހިނިތުންވުމަކާއި އެކު ޒާރާ އެންމެނާ ކުރިމަތިލިއެވެ.
ޙަފުލާގައި ހެލްތު މިނިސްޓަރ އަދި ފަސްޓު ލޭޑީގެ ވާހަކަފުޅު ދެއްކެވުން އޮތެވެ. އަދި ޒާރާއަށް އެވޯޑެއްވެސް ދެއްވިއެވެ. ޒާރާގެ ވާހަކަދެއްކުމުގައި އެންމެނަށް ޝުކުރުއަދާކޮށް، ކުރިއަށް ދާން ހުރިހާކުދިންވެސް މަސައްކަތްކުރުމަށް ނަޞޭޙަތްތެރިވިއެވެ. އަތްތިލަބަޑިން މުޅި ފަޒާ ގުގުމާލި ޝަރަފުވެރި ވަގުތުކޮޅެކެވެ. ވެފައިހުރި އުފަލަކުން ޒާރާ ފެންކަޅިވިއެވެ.
“އާދެ ރާއްޖޭގެ ނިސްބަތުން ހުޅުވޭ އެންމެ ބޮޑު އެއް ހޮސްޕިޓަލު މިހާރު މިވަނީ މިރަށުގައި ޤާއިމުކުރެވިފައި..މި ހޮސްޕިޓަލު ރަސްމީކޮށް ހުޅުވައި ޚިދުމަތްދެމުންދާއިރު، ސަރުކާރުން މިވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ޑިޕާޓުމަންޓެއްވެސް ހުޅުވާލާފަ.. މި ޑިޕާޓުމަންޓުގެ ހެޑް އެއްގެ ގޮތުގައި އަދި ލީޑް ސައިކްރެޓިސްޓުގެ ގޮތުގައި ޒާރާ ހަމަޖެއްސުމަށް ވަނީ ނިންމިފަ. މިކަމުގެ އެއްބަސްވުމުގައި ސޮއެ ކޮށްދެއްވުމަށް ޑރ.ޒާރާ އަދި ހޮސްޕިޓަލުގެ ސީ.އީ.އޯ ޑރ. ކައިލް ގެ އަރިހުން ވަރަށް އަދަބުވެރުކަމާއިއެކުގައި އެދި ދަންނަވަން” ނަން އިޢުލާނު ކުރެވުމާއި އެކުގައި ޒާރާ އިށީންދެ އިން މޭޒުގައި އިން ޒުވާނާ ތެދުވިއެވެ.
ސްޓޭޖުގައި ބެހެއްޓިފައިހުރި މޭޒުގެ ގާތަށް ހުއްޓި، ދެމީހުންގެ ކުރިމަތީގައި އޮތް އެއްބަސްވުމުގައި ސޮއެ ކޮށް، އެކަކު އަނެކަކާ ސަލާމްކޮށް، އެއްބަސްވުން ހަވާލުކުރުމަށް އިސްނެގިއެވެ. އެވަގުތު އެޒުވާނާއާއި ޒާރާ ހަތަރުކަޅި ހަމަވެގެން ދިޔައެވެ.
ކޮންފަދަ ފުރިހަމަ ސޫރައެއް ހެއްޔެވެ؟ ދިގު އިސްކޮޅެކެވެ. ފަން އިސްތަށިގަނޑެކެވެ. ހިތްދަމާގަންނަ ފަދަ ދެލޮލެވެ. ރަތް ތުންފަތުގައި ބޮސްދޭން މިހާރުވެސް އެތައް އަންހެންކުދިންނެއް ތައްޔާރެވެ. ކަސްރަތީ ހަށިގަނޑެކެވެ. ދޮން އޮމާން މޫނެކެވެ. ފިރިހެންވަންތަ ތުނބުޅިއެކެވެ. ހަމަ ހީވަނީ ތުރުކީ ހިސާބުގެ މޮޅު ތަރިއެއް ހެނެވެ.
ކައިލް ޒާރާގެ އަތަށް ފިތާލިހެން ހީވިއެވެ. އެވަގުތު ޒާރާ އަތްދަމާގަންނަމުން ކެމެރާއަށް ހިނިތުން ވެލިއެވެ. ކައިލްގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.
ޙަފުލާ ނިންމާލެވުނީ ރެއަށްޓަކައި ޚާއްސަކުރެވިފައިވާ ކެއުމަކުންނެވެ. އޭރު ޒާރާ ހުރީ ފިނި ބުއިމެއް ހިފަހައްޓައިލައިގެން ޒާވިންގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ބަލައިނުލާ ދިޔަ މީހަކު ޒާރާގެ ކޮނޑުގައި ޖެހިފައި ޒާރާ އަރިއަޅާލާގޮތްވިއެވެ. އުސް ފައިވާނުގެ ސަބަބުން ބެލެންސް ކެޓީއެވެ. ހަމަ އެހިނދުގައި ބާރުގަދަ އަތެއްގެ ހިމާޔަތް ލިބުނެވެ. ވެއްޓުމުގެ ކުރިން، ޒާރާގެ އުނަގަނޑުގައި ހިފާ ތެދުކޮށްލިއެވެ. ސިހިފައި އެއީ ކާކުތޯ ބަލައިލުމަށް ޒާރާ ނަޒަރު ސީދާކޮށްލިއެވެ.
ކައިލްގެ ފިނި ނަޒަރުން ޒާރާގެ ހިތް އަވަސްވެލިއެވެ. ހަމަ އެވަގުތުގައި އުނަގަނޑުގައި އޮތް ކައިލްގެ އަތް ބާރުކޮށްލުމަށްފަހުގައި ދޫކޮށްލިއެވެ.
“ޒާ..މީޓް ކައިލް މައި ބްރޯ” ޒާވިން އައީ އެވަގުތުއެވެ. ވާނުވާ ނޭނގި ހުރި ޒާރާ ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.
“ހަނދާނެއް ނުވޭތަ. އެއް ކުލާހެއްގައޭ އަހަރެމެން އުޅުނީވެސް. މިހާރު ހޭންޑްސަމް ކަމުން ނޭނގުނީދޯ..ދެން އަޅާ ގަންނާނީކީ ނޫން..މީހެއްގެ ފިރިއެއް..” ޒާވިންގެ ފަހު ޖުމުލަ ޒާރާގެ ހިތުގައި ހަރުލިއެވެ. ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްފައި ޒާރާ ދިޔައީ ނަސީމާމެންގެ ގާތަށެވެ. ޒާރާއަށް ބަލަންހުރި ކައިލްެގެ ނަޒަރަށް އެހެން ހުރަހެއް ނެތްކަހަލައެވެ. އެ ތޫނު ދެލޮލުން އެހާމަ ކުރާ ވާހަކަ ބުނެދޭކަށް ނޭނގުނެވެ.
ދިގު ރެއަކަށް ފަހުގައި ޒާރާ ބޭނުންވީ އަރާމު ނިންޖެކެވެ. ހެނދުނު ހޮސްޕިޓަލަށް ދާންވެސް ޖެހެއެވެ.


