Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..13

Queenquill Level 210 Stories100 Login
August 7, 2025 3 Mins Read
2 Comments

ކައިވެނިކޮށް ދިރިއުޅޭނެ ތަނެއް ހޯދުމުން އެކުރެވޭ އިޙުސާސްއަކީ ވަރަށް ތަފާތު އިޙުސާސެކެވެ. ފޮނިފޮނި އުންމީދެއް އެކަމުގައި އެކުލެވިގެންވެއެވެ. އުފާވެރި ދިރިއުޅުމެއް އެގޭގައި ބިނާކުރުމަށް ހުވަފެންތައް ދެކެވެއެވެ.

ނީލަމްވެސް ކުރަނީ ހަމަ އެ ފޮނި އިޙުސާސެވެ. ކެތްމަދުވެ ވަގުތު ގުނަމުން ދިޔައީ ރާކިން އަންނާނެ އިރަކަށެވެ. ދެމީހުން އެކުގައި އެޕާޓްމަންޓު ބަލާލަން ދިއުމަށް ތައްޔާރުވެގެން ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ.

އެހެން ދުވަސްތަކާ ޚިލާފަށް ރާކިން ވަރަށް ލަސްވެއްޖެއެވެ. ނީލަމް ގުޅާލުމަށް ފޯނު ނެގި ވަގުތަކީ ރާކިން ނީލަމްއަށް ގުޅި ވަގުތެވެ. ބަލައި އައިސް އިންކަމަށް ބުންޏެވެ. ނީލަމް އުފަލުން ހުރެ ނިކުތެވެ.

ރާކިންގެ މޫނުމަތިން ފެންނަނީ ތަފާތު ކުލަވަރެކެވެ. ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައިވާކަން ފާހަގަވިއެވެ. އެހެނަސް ސުވާލެއް ނުކޮށް ނީލަމް ސައިކަލަށް އެރިއެވެ.

ރާކިން ދިޔައީ އެހެން ދިމާލަކަށެވެ. ލޮނުޒިޔާރަތް ޕާކުގައި މަޑުކޮށް ވާހަކަދައްކާލުމަށް އެދުނެވެ. އެހާ ހިސާބުން ކަމެއް ގޯސްވެއްޖެކަން ނީލަމްއަށް ޔަޤީންވިއެވެ. ނީލަމްއާއި ރާކިން ޕާކުގައި ހުރި ބެންޗެއްގައި އިށީންދެލިއެވެ. ފުން ނޭވާއެއް ލަމުން ރާކިން ދުރު ބަލައިލިއެވެ.

“ކިހިނެއްވީ ރާކިން؟ ކަމެއް ދިމާވީތަ… ތިހެން އެއްޗެއް ނުބުނެ މިތަނަށް އައީމަ އަހަރެން ވަރަށް ހާސްވޭ..” އިތުރަށް ސުވާލުނުކޮށް ކެތް ނުވުމުން ނީލަމް އަހާލިއެވެ.

“ވަރަށް ދެރަކަމެއް ވެއްޖެ ނީލަމް…” ރާކިންގެ އަޑު ފަނޑެވެ.

“ކިޔާދީބަލަ…ޕްލީޒް” ނީލަމް އެދުނެވެ. ކެތްމަދުވެފައިވާ ޙާލުގައެވެ.

“މަންމަ އެބަ އުޅޭ މާލޭގަ…” ރާކިން އަނެއްކާވެސް ވާހަކަ ފުރިހަމަނުކޮށް ހުއްޓާލީއެވެ.

“މަންމައަށް އަނެއްކާ ކަމެއް ވީތަ؟” ނީލަމް މާބޮޑަށް ހާސްވެއްޖެއެވެ.

ހިނދުކޮޅަކަށް ރާކިން ހިމޭންވިއެވެ. އެހެން ވަގުތުކޮޅެއް ވޭތުވުމަށްފަހުގައި ހިތްވަރުކޮށް ކިޔާދޭން ފެށިއެވެ.

” މަންމަ… އަހަރެން ފުރީމަ ދަތެއްގަ ރިއްސާތީ މާލެ އައީ..ޑޮކްޓަރަށް ދައްކާލާފަ ދާން..އަހަރެން އެހެންވެ ހީކުރީ ދިޔައީ ކަމަށް. ނުވެސްބުނެ މަޑުކުރި ވާހަކައެއް.

އެޕާޓްމަންޓު ހޯދީ މަންމައާ..މާލޭގަ އުޅޭ ޝީޒާއްތަ..ރަންކީ އެގޭގައޭނު ދޯ..” ރާކިންގެ އެވާހަކަތަކުން އަދިވެސް ވީގޮތެއް ސާފެއް ނުވިއެވެ.

“ނީލަމް… މަންމަމެން ހިފާފަ ހުރީ ދެ ރޫމްގެ އެޕާޓުމަންޓެއް.. މަންމަ..މިކޮޅަށް ޗޭންޖުވާން…. އެހެންވެ ނީލަމް ހިތްހަމަ ނުޖެހިދާނެތީ އެތަނަށް ނުގޮސް މިއައީ..” ރާކިންގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. ނީލަމްގެ ބޮލުގައި ގަދައަށް ރިއްސާލިއެވެ. ހީވީ މީހަކު މޫނުމަތީގައި ބޮނޑިއެއް އެޅިހެނެވެ. އިރުކޮޅަކު އަނގައިން ނުބުނެ ގަނޑުވެފައި އިނީއެވެ. ދުންހާ ހުވަފެން ބޭކާރުވެގެން ދާކަހަލަ އިޙުސާސަކުން ހިތްކުދިވަނީއެވެ.

“އެންމެ ފުރަތަމަވެސް އަހަރެން ނާހަންތަ ރާކިން… ވަކިން ދިރިއުޅެވޭނެތޯ… އަހަރެން ސުވާލު ނުކުރަންތަ.. ރާކިން އެއްބަސްވެސް ވީމެއްނު..ދެން ކީއްވެތަ ތިހެން ކަންތައް ތިކުރީ؟ ކީއްވެތަ އޮޅުވާލީ…ރާކިންއަށް އިނގޭނެއްނު އެމީހުން އެގޮތަށް ކަންކަން ކުރާއިރު…ކީއްވެ ނުހުއްޓުވީ…؟” ޝަކުވާތަކާއި އެކުގައި ނީލަމް ހަމަ ހަލާކުވަނީއެވެ. ރާކިންގެ މޫނުމަތިންވެސް ފެންނަނީ މޮޅިވެރިކަމެވެ.

“ވަރަށް ބޮޑަށް ސޮރީ ނީލަމް…ޕްލީޒް.. އަހަރެންނަކަށް ހަމަ އަސްލުގަވެސް ނޭނގޭ..އިނގޭނަމަ އެހެން އެކަން ކުރިޔަކަ ނުދޭނަން.. މިރޭ އެތަން ބަލަން ދިޔައީމަ މި އިނގުނީވެސް..ޕްލީޒް ނީލަމް އަހަންނަށް މަޢާފުކޮށްދީ… އަހަރެމެން އެތަނަށް ނުދާނީ ދޯ؟ އެހެން ގޮތެއް ބަލާނި..ސޭވިންގަ އަދި ބާކީ ހުރި އެއްޗަކުން…” ރާކިން ވަރަށް އާދޭހާއި އެކު ވިސްނާދިނެވެ. ނީލަމް އިނީ ފެންކަޅިވެފައެވެ.

“ރާކިން.. އަމިއްލަ ދިރިއުޅުމަކީ ރާކިންގެ އެއްޗަކަށް ނުވާއިރު..އެހެންމީހަކު ތި ދިރިއުޅުމަށް ގެންގޮސްގެން ވާނީ ކިހިނެއް. އަހަރެން ބޭނުމެއް ނޫން ދެން… މިހާރު އެބަ އިނގޭ ރާކިންގެ ދިރިއުޅުން ކޮންޓުރޯލު ކުރަނީ އެހެން ބައެއްކަން…” ނީލަމް އެހެން ބުނުމަށްފަހުގަ ތެދުވެ ހިނގައިގަތީ ރާކިންއާ ދުރަށެވެ.

“ނޫން..ޕްލީޒް. މިކަން އަހަރެން ރަނގަޅު ކުރާނަން. ޕްލީޒް ނީލަމް ތިހެން ނުބުނޭ.. އަހަރެމެންގެ ލައިފްއަކީ އަހަރެމެންގެ އެއްޗެކޭ.. އެމީހުންނަކަށް އެއަކާ ނުބެހެވޭނޭ…ޕްލީޒް ތިހެން ނުހަދާ.. އައި ރިއަލީ ލަވް ޔޫ… އަހަރެން ދޫކޮށް ނުލާ …” ނީލަމްގެ އަތުގައި ހިފާ ހުއްޓުވުމަށް ފަހު، ނީލަމްއަށް ނުދެވޭނެހެން ރާކިން ފަހަތުން ބާރަށް ބައްދާލިއެވެ. ރާކިން ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. ނީލަމްގެ ހިތް މަޑުވީ އެހެންވެއެވެ. އެވާހަކަތައް ޤަބޫލުކުރެވުމުންނެވެ.

ވަރަށް ގިނަ ވާހަކަ ދައްކާ އާދޭސްކޮށްގެން އެރޭވެސް ރާކިން ނީލަމް ވަކިވިއަކަ ނުދިނެވެ. ނީލަމްގެ ހިތުގައި އައު އުންމީދެއް އަނެއްކާވެސް ދިއްލާލަ ދީފައި ވަކިވެލީ ޔަޤީންކަން ދެމުންނެވެ. ގިނަފަހަރު އިންސާނާއަށް ރަތް ސިގްނަލް ކިތަންމެ ދެއްކިޔަސް ހަމަ އެމަގުން ދެވެނީ ކުރިއަށެވެ. ނީލަމްއަށްވެސްވީ އެހެންނެވެ. މީހަކުދެކެ މާބޮޑަށް ލޯބިވެވި އިތުބާރުގެ އިން ފަހަނައަޅާ ދިޔައީއެވެ. އެކަމު އިޝްޤުގެ އިން ފަހަނައަޅާ ގޮސްފިނަމަ އޭގައި އިންސާނާ ވާނީ ފަނާއެވެ.

ފާއިތުވި ރޭގެ ހިތިކަން ނެތިދާނެ އުންމީދުގައި އައު ދުވަހެއް ފެށުނީއެވެ. ރާކިން ބައްދަލު ކުރުމަށް އައެވެ. ދެމީހުން ދިޔައީ ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ. ޕާކުގެ ހިތްގައިމު މާހައުލުގައި ހަމަޖެހިލިއެވެ. އުޑުމަތި އޮތީ ބަނަކޮށް ވިއްސާރަވާކަހަލަ ކުލަވަރަކަށެވެ. ރޭގެ ފިނިކަން އިތުރުކުރުވާ، ހިތްގައިމު މޫސުމެކެވެ.

“އެއްވެސް ކަމެއް ނީލަމްއަށް ފޮރުވާކަށް ނެެތިން.. ކަންކަން އޮތީ ގޯސްވެފަ.

މަންމަ އަތުގަ އަހަރެން ބެހެއްޓި ރުފިޔާއިން ތަން ހިފާ..އަދި ބާކީ ފައިސާ ދޭން ބުނުމުން ބުނީ… ރަންކީ ދުވަހު ބޭނުންކުރީ އެ ފައިސާކަމަށް..އެހެންވެ މިހާރު ފައިސާއެއް ނެތް… ދެން އިހަށް ޖެހޭނީ އެތަނަށް ދާން. އެކަމު އެކަކުވެސް އަޔަކަ ނުދޭނަން އިނގޭ. ނީލަމް އެކަނި އުޅޭނީ..ދުވަސްކޮޅަކު މެރީކޮށް ހަމަޖެހުނީމަ.. ޗޭންޖު ވާނީ އެހެންތަނަކަށް ދޯ…” ރާކިން ވާހަކަދެއްކިއެވެ. ނީލަމް އިނީ ހިމޭންވެފައެވެ. ތެދުވެ ހިނގަން ފެށިއެވެ. އެކުގައި ރާކިންވެސް ދިޔައެވެ.

“ރާކިން.. ކޮންމެ މީހަކުވެސް ދިރިއުޅުމަށް ހުވަފެންތަކެއް ދެކޭނެ.. ޙާސިލްކުރަންބޭނުންވާ އުންމީދުތަކާ، ވާޞިލުވާން ބޭނުންވާނެ ހަރުފަތްތައް ހުންނާނެ..

އަހަރެންނަށް އިނގޭ ތަޤުދީރުގަވާކަމެއް ބަދަލު ނުވާނެކަން.. އެކަމަކު އިންސާނުންނަށް އިހުތިޔާރު ދެއްވާފައިވޭ… އެހެންވީމަ މިރޭ އަހަރެން މި އިހުތިޔާރުކުރަނީ، އަހަރެން ވަރަށް ވިސްނާފަ.. މިއީ އަހަންނަށް އެންމެ އެދެވޭ ޙަޔާތަށް ނުވާނެތީ… މި ކައިވެނި ނުކުރަން. ރާކިންއާ ވަކިވާން. ކައިވެނީގެ ފޯމު ބާތިލުކޮށްލަދީ. ދެން ރާކިންއާ އިންނާކަށް އަހަރެން ނޭދެން. ސޮރީ..މަޢާފުކޮށްދޭތި…” ފަނޑު ހިނިތުންވުމަކާއި އެކުގައި ނީލަމް ޓެކްސީއެއް ލިބޭތޯ މަގަށް ނުކުތެވެ.

ވިއްސާރަ ވިލާތައް ބޯކޮށް އޮއްސާލީ އެވަގުތުގައެވެ. ނީލަމްއަށް ޓެކްސީއަށް ނޭރި އުޅެނިކޮށް ރާކިން ނީލަމްގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ. ނުވިސްނާ ހުރި ނީލަމް ގޮސް ލަށްވީ ރާކިންގެ މޭގައެވެ. ވިއްސާރާގެ ތެރޭގައި ދެމީހުން ތިބި އިރު ހީވަނީ ފިލުމެއްގެ މަންޒަރެއް ހެންނެވެ.

“ނީލަމްތީ އަހަރެންގެ ޙައްޤެއް…އަހަރެން ދޫކޮށް ނުދޭ… އަހަރެން ބޭނުމީ ނީލަމް… ޕްލީޒް. އާދޭސް ކޮށްފަ… އަހަންނާ ވަކި ނުވޭ..މީގަ އަހަރެންގެ ކުށަކީ ކޮބާ… ނީލަމް ޕްލީޒް …އައި ނީޑް ޔޫ ބޭބީ… އައި ލަވްޔޫ..” ރާކިން ނީލަމްގެ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ.

ހިތާއި ދެކޮޅަށް،ނުހަނު އުނދަގުލުން ރާކިންގެ އަތުން ވީއްލިގެން ދުވެފައިގޮސް ނީލަމް ކާރަށް އެރިއެވެ. އޭރު ނީލަމްއަށްވެސް ހުރީ ރޮވިފައެވެ. މީ ކޮންކަހަލަ އިމްތިޙާނެއް ހެއްޔެވެ؟

ކާރު ގޮސް އޮބާލަންދެން ބަލަން ރާކިން ހުރީ ގޮތް ހުސްވެފައެވެ. ހުރިހާ އުންމީދު ވިއްސި ވިހާލި ވީކަމުގެ އިޙުސާސް ކުރެވެނީއެވެ.

ނީލަމް ކާރުގައި އިންދާ ރާކިން ގުޅިއެވެ. ފަސްވަރަކަށް ފަހަރު ގުޅުމުން އެ ނަންބަރު ބުލޮކުކޮއްލީ ހިތުގައި އަތް އަޅަމުންނެވެ. ވައިބަރ އަދި ފޭސްބުކުންވެސް ބުލޮކުކޮށްލިއެވެ. ރާކިންއާ އަބަދުގެ އަބަދަށް ވަކިވުމަށެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ހަވޭލީ – ބާރަވަނަ ބައި

Next

ކަޅު ބުޅާ 19

Next
August 8, 2025

ކަޅު ބުޅާ 19

Previews
August 7, 2025

ހަވޭލީ – ބާރަވަނަ ބައި

2 Comments!

  1. Ghost girl 👻 says:
    August 8, 2025 at 12:55 am

    Whattttt brooo kihineh mhr mivanyyy soooo curious neelaaammmmm I want yu to be happyyyy😫 when next????

    1. Queenquill says:
      August 8, 2025 at 5:25 am

      In sha Allah soon❤️❤️❤️❤️lots of love ❤️

Comments are closed.



All Right Reserved!